"ބުނޭ އާވާ، އެކަމަކު ފެއިންޓްވާވަރުގެ ވާހަކައެއް ނުބުނައްޗޭ އިނގޭ......" ޑާކްނައިޓް ފަޅިސިކުންތުކޮޅެއްގެ ތެރޭގައި މެސެޖްކޮށްލިއެވެ. އޭނަ ފަރިތަކަމުން ކީބޯޑާއި ކުޅެލާ މަންޒަރު ލޯމައްޗަށް ފެނިލާހެންވެސް ހީވެއެވެ. ޔަގީނުންވެސް ކޮމްޕިއުޓަރުގައި ގިނަވަގުތު ހޭދަކުރާ ޒުވާނެކެވެ. އާވާ އެއްޗެކޭ ބުނަން އުޅެނިކޮށް ވައިފައި ކެނޑުމުން ފޫހިވިވަރުން މޭޒުގައި ބޯއަޅާލިއެވެ. އެފަހުން ޑާކްނައިޓްގެ ޚަބަރެއް ނުވުމުން އެވާހަކަ ބުނާނެ ފުރުސަތެއް އެއްގޮތަކަށްވެސް ނުލިބުނެވެ. ފޫހިކަމާއި މާޔޫސީކަމުން މީހަކު މަރުވާނެނަމަ އޭނަ މަރުވެއްޖައީހެވެ.

ތާނިޔާ ގުޅަން ފެށުމުން އާވާ މާފަށް އެދުނުގޮތަށް ދެކުދިންގެ ގުޅުން އިތުރަށް ބަދަހިވިއެވެ. ރަފްހާން ގެ ހަރުދަނާކަމާއި ރީތި ސިފަތަކުން ކޮންމެ އަންހެންކުއްޖަކު އަޅައިގަންނަ ގޮތެއް ހުރުމުން ފުރަތަމަ ނަޒަރުން ތާނިޔާގެ ހިތް ކިޔުން އެއީ ބޮޑުކަމެއް ނޫނެވެ. ހަގީގަތް އެނގުމަށްފަހު ތާނިޔާވަނީ ރަފްހާންގެ މަތިން ހަނދާން ނައްތާލާފައެވެ. ރަފްހާންއާއި އާވާގެ ދޭތެރެއަށް ވަންނާކަށް އޭނަގެ ބޭނުމެއް ނޫނެވެ. ތާނިޔާ އާވާގެ ގާތުން އަހާލީ ޔާކިންގެ ޚަބަރެވެ.

"ޔާކިންގެ ރީތިކަން ފިޔަވާ އެހެން އެއްވެސް ރަގަޅުކަމެއްނެތް، ވަރެއްގެ ފިރިހެންކުއްޖެއް، ގާލްފްރެންޑުން ގިނަކަމުން ރެއަކަށް އަންހެންކުއްޖެއް ކަންނޭގޭ ގެންގުޅެނީ، ވަޒީފާއަކަށް ނުގޮސް ރަފްހާންގެ މަސައްކަތުން ލިބޭ އެއްޗަކުން ކައިގެން އުޅެނީ......" އާވާ ޔާކިން ސިގްރެޓާއި މަސްތުވާ އެއްޗެހި ބޭނުންކުރާ ކަމުގައި ބުނެލީ ސިއްރެއްގެ ގޮތުގައެވެ.
"އޯ އެމް ޖީ، އެ ސްވީޓް ޔާކިން، ހިޔެއްވެސް ނުވޭ، ކިރިޔާ އަހަންނަށް ރޯންގް ޓާންއަކުން ނުދެވުނީ، އެ ފިލްމުގައިވާ ގޮތަށް މަގޭ ދުވަސް ދާނެ އެހެންވިނަމަ، އަހަރެންވެސް ބޭނުމީ ހަރުދަނާ މީހެއް، ޕާޓޭއަކާއި ގުޅިގެން ދިރިއުޅުމެއް ނުލިބޭނެ، އަހަރެންގެ މަންމަމެންވެސް މުޅިން ދެކޮޅުވާނެ..." ތާނިޔާ އެހެން ބުނެލިކަމުގައިވިޔަސް މިފަހަކަށް އައިސް ޔާކިންއާއިމެދު ކޮންމެވެސް ވަރަކަށް ވިސްނެއެވެ. ރަފްހާންއާއި ވައްތަރުގޮތެއް ހުރެފައި ލިބިފައިވާ ރީތި ހަށިގަނޑެއްގެ ސަބަބުންނެވެ. ޖިމަށް ގަވާއިދުން ދާ ކަމުގެ ހެކިތައް ފެނެއެވެ. ޔާކިން ތާނިޔާ ބޭނުމޭ ސީދާ ނުބުންޏަސް އޭނަ ތާނިޔާއަށް ދެމުންދާ ނަޒަރުތަކުން ތާނިޔާއަށް ޔާކިންގެ ހިތް އެނގިފައިވެއެވެ. ތާނިޔާގެ ރީތިކަމާއި ދޮންކަމުން ފެންނަ ކޮންމެ ފިރިހެނަކު ދެވަނަ ފަހަރު ބަލާލަން މަޖުބޫރުކުރުވާ ވަރުވާކަން ޚުދު ތާނިޔާއަށްވެސް އިހުސާސްކުރެވެއެވެ. އެވެސް އޭނަގެ ބުޅި އިސްތަށިގަނޑު ނިވާކޮށްފައިވާ އިރުގައެވެ. ބުރުގާ ނަގައިފިއްޔާ ފިރިހެނުން ހާދަ ވަރެއްވާނެއޭ ކިޔައިގެން އެކުވެރި އަންހެންކުދިން ދިމާކުރެއެވެ.

އާވާ ތާނިޔާ ގާތުގައި އޭނައޭ ކިޔައިގެން ދެއްކި ވާހަކަތައް އަޑުއިވުނީ ޚުދު ޔާކިންއަށެވެ. އެކަމުން އޭނައަށް ނުބައި އަސަރުތަކެއް ކުރިއެވެ. އާވާގެ ހިތް ހާދަ ނުބަޔެވެ. ކޮންމެ ހާލެއްގައިވެސް އޭނަ ތާނިޔާ ބޭނުންވެފައި ހުއްޓާ އެދޭތެރެއަށް އާވާ ހުރަސްއެޅީއެވެ. ލިބުނު ނާކާމިޔާބީ ގަބޫލުކުރުމެއް ނެތި ޔާކިން ތާނިޔާގެ އެޑްރެސް ހޯދައިގެން އެގޭ ދޮށުގައި މުގޯލިއަޅަން ފެށިއެވެ. މަލާއި ހަދިޔާ ފޮނުވަންފެށިއެވެ. ތާނިޔާއަށް ގުޅާ އަދި މެސެޖްކުރާވަރުން ބޮލަށް އުދަގޫވާވަރުވިއެވެ. ތާނިޔާގެ ޖަވާބު އަޑުއަހާފައި ޔާކިންގެ ހިތް ކުދިކުދިވެގެން ފައިބައިގަތެވެ. ތާނިޔާ އެކަނި ނޫނެކޭ ބުނިނަމަ ޔާކިންއަށް އެހާ އަސަރެއް ނުކުރީހެވެ. ތާނިޔާ ބުނެލީ އޭނަ ލޯބިވާ މީހަކީ ރަފްހާން ކަމަށާއި އެހެން މީހަކު ދެކެ ލޯބިނުވާކަމުގައެވެ.

"ސީރިޔަސްކޮށްތަ ތާނި...." ޔާކިންގެ ލޮލުން ކަރުނަ އައިނަމަވެސް ސިއްރުކުރިއެވެ.
"އާނ، އެކަމަކު އަހަރެން ބޭނުންވާހާ ފުރިހަމަ ސިފަތަކެއްހުރީ އެކަނި ރަފްހާންގެ..." ތާނިޔާ ޖެހިލުމެއްނެތި އެހެން ބުނެލީ ސަމާސާއަކަށެވެ. ޔާކިން އާއި އޭނަގެ ބޭބެގެ ގާތްގުޅުން ތާނިޔާވަނީ ދެކެފައެވެ. ޔާކިން ދުރުކޮށްލަން އެންމެ ފަސޭހަވާނީ އެގޮތެވެ. ޔާކިންއަށް އެ ޖަވާބުން ކުރި އަސަރުން އެކަނިވެސް އޭނަގެ ހިތް ތާނިޔާއަށް ދެވިފައިވާ މިންވަރު އެނގުނެވެ. ޔާކިން ދެރަވެ އާދޭސްކުރިއިރުވެސް ތާނިޔާގެ ހިތް ބަދަލެއްނުވިއެވެ. ދުވަހަކުވެސް އެހިތުގައި ޔާކިންގެ ލޯބި ނުއުފެދޭނެކަމުގެ ޔަގީންކަން ތާނިޔާ ދިނެވެ.

ތާނިޔާ ކެބިންކްރޫއެއްގެ ގޮތުގައި މަސައްކަތް ފެށީ އެދުވަސްކޮޅުގައެވެ. އެވަޒީފާއަށް ނުކުތް ފަހުން ތާނިޔާގެ ހިތުގައިވަނީ ސްމާޓް ޕައިލެޓެއް ހޯދުމެވެ. ފުރަތަމަދުވަހުވެސް ކިނާން، މިކަލް އަދި އަޔާމްފަދަ ޒުވާނުން ޕައިލެޓުން ފެނި ތާނިޔާގެ ހިތުގައި ހުވަފެން ފުރިހަމަކުރުމުގެ އުއްމީދު އާލާވިއެވެ. ކޮންމެހެން ޔާކިންއަށް ދައްކާކަށް ނޫނެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ރަގަޅު ޒުވާނަކު ހޯދުމަށް އޭނަ މާކުރިއްސުރެން ހުވަފެން ދެކޭތީއެވެ. ދެން މާޒީގެ ސަފުހާތައް ހުޅުވާނުލާ އޭނަ ދާނީ ކުރިއަށެވެ.

ޔާކިންއަށް އައި ބަދަލު އާވާއަށް ފާހަގަވިއެވެ. އޭނަ ފެނުނަސް ކުރިން ކުރާކަހަލަ ސަމާސާކުރުމެއް ނެތެވެ. ކުރިން ގެއިން ބޭރުގައި ރޭގަނޑު ހަތަރުދަމު ހޭދަކުރި ޒުވާނާ ގިނަވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ހީވާގޮތުން އޭނަ މާ ބޮޑަށް ޑިޕްރެޝަން އަށް ދިޔައީއެވެ. އާވާގެ ހާލަކީވެސް އެއީއެވެ. އޭނައާއި އަނގައިން ބުނެލާނެ މީހަކު ނުހުރެއެވެ. ޑޮކްޓަރ ނާޒްއާއި ބައްދަލުކުރަން އެންމެ ދުވަހަކު ދިޔަގޮތަށް އަވަދިނެތީ ކަމަށް ބުނެ އާވާ އެތަނަށް ދާން ދެކޮޅުހެދިއެވެ. ތާނިޔާ "ބިޒީ"ކަމުން އާވާއަށް ވަގުތެއް ނުދެވެއެވެ. މަންމައާއި ނާޔާ ޗައިނާއަށް ދިޔަގޮތަށް އެތާ ވަޒަންވެރިވީކަން ނޭގެއެވެ. އެކުވެރިއެއް އާއިލާގެ މީހެއްނެތި އެކަނިވެރިވެފައި ހުރިއިރު ޑާކްނައިޓް ފިޔަވާ ކިރިޔާވެސް ވާހަކަ ދައްކާ އުޅެނީ އަމީން އެކަނިއެވެ. ޑާކްނައިޓްގެ ވާހަކަތަކަށް އިތުބާރުކުރެވުނީ މާވަރަކަށެވެ. ދުވަހަކު ލޮލުން ދެކެފައިނުވާ ބީރައްޓެއްސެއްދެކެ ލޯބިވެގެން ރެއާއި ދުވާލު އެ ޚިޔާލީ ލޯބިވެރިޔާގެ ހަނދާނުގައި ނެގި މަޑުވެފައި އާވާ ހުންނަންފެށިއެވެ.

"ކީއްވެ ޑާކް އެފަދަ ވާހަކައެއް ނުދައްކަނީ؟ އަހަންނަށް ނުދަންނަ މީހަކަށް ހިތް ދެވުނީ ކިހިނެއްތަ؟ އެއީ ކާކުތަ؟ " އާވާ ދޭތެރެއަކުން އަމިއްލަ ނަފުސާއި ސުވާލުކޮށްލައެވެ. ބައެއްފަހަރު ގާތް އެކުވެރިންނާއި އާއިލާއަށް ކިޔާނުދެވޭ ވާހަކަތައް މިގޮތަށް ދިމާވާ ބީރައްޓެހިންނާއި ހިއްސާކުރެވޭ ފަހަރު މަދުން ނަމަވެސް އާދެއެވެ. އެކަމުގެ ސަބަބުން ލަނޑު ލިބެނީ މަދެއްކޮށް ނޫނެވެ. އާވާ އެކަން ދަނެއެވެ. ޑާކްނައިޓް ގާތުގައި ސާމީގެ ކުރު ނަން ބުނެވުނުކަމާއިމެދު ހިތާމަކުރިޔަސް އަސްލު ނަން ނުބުނެވުނުކަމަށްޓަކާ ޝުކުރުވެރިވިއެވެ. އެހެންނޫނަސް އޭނަ ބޮޑަށް ކިޔާދިނީ ދޮންމަންމަ ކުރި އަނިޔާތަކެވެ. ސާމީގެ އަނިޔާތައް ނެޓުން ހިއްސާކުރުން އޭނައަށް ފަސޭހަނުވީއެވެ. ޑާކްނައިޓަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ.

ރަފްހާންއާއި އާވާއެކީގައި އުޅެމުންދާއިރު އެދޭތެރޭގައި ވާ ގުޅުން އިތުރަށް ބަދަހިވާގޮތް ނުވަނީ އާވާގެ ހުންނަ ބީރައްޓެހި ކަމުންނެވެ. ރަފްހާންގެ އޯގާތެރިކަމާއި ރަގަޅުކަން އާވާ ބަލައިގަންނަން ފަސްޖެހެނީ ސަބަބެއްނެތިއެއް ނޫނެވެ. އެދޭތެރޭގައިވާ ދުރުމިން ގާތްކުރާވަރުގެ އިތުބާރެއް އަމިއްލަ ނަފުސްގެ މައްޗަށް ނެތީއެވެ. އެހެންވެ އޭނަ އުޅެނީ ރަފްހާންއާއި ވީހާވެސް ދުރުވާށެވެ. ރަފްހާން ހީލިޔަސް ގިނަފަހަރު ފެންނަކަމަށް ހަދާނުލާ ދުރަށް ބަލާނެއެވެ. ރަފްހާންއަށް ހީވާނީ އޭނަ ނުލަފައީ ކަމަށެވެ. ހަގީގަތް އެނގޭނެނަމައެވެ. އޭނަގެ ހިތުގައި ރަފްހާންއަށް ދެވިފައިވާ މަތިވެރި ދަރަޖަ އެނގޭނެނަމައެވެ. ފަތިސް ނަމާދުކޮށްލައިގެން އާވާ އާދައިގެ މަތިން ނާސްތާ ތައްޔާރުކުރަން ހުއްޓާ ޔާކިން ކޮފީއެއް ހަދަންވެގެން އެތަނަށް ވަނެވެ.

"ޔާކިން، ކޮފީއެއް ބޭނުންތަ؟ "ޔާކިން ވާހަކަ ނުދައްކާތީ ދެރަވެފައި ހުރި އާވާ އަހާލައިފިއެވެ.
"ތިހާ ދޭހިތުން ހުރިއްޔާ ހަދާ، އާވާ ހަދާ ކޮފީ އަބަދުވެސް މަށަށް ވަރަށް މީރޭ، ކުރީދުވަހު ބަޖިޔާ ކޭއިރު އިސްތަށްޓެއް ފެނުނީމަ މަގޭހިތަށް އެރި އާވާ ވީމަ އޯކޭ އޭ، ބަންގާޅީއެއްގެ ކަމެއްކަން އެނގުނީމަ ހޮޑުނުލެވުނީ ހަމަ ކިރިޔާ......." ޔާކިން އެއް ލޯ މަރާލިއެވެ. އާވާއަށް ވާނުވާ ނޭގިހުރެ ޔާކިންއަށް ކޮފީއެއް ދިއްކޮށްލުމުން ކޮފީ ހިފައިގެން ހުރެ ކައުންޓަރުގައި އަތް އަޅުވާލިއެވެ. ކަޅިވެސް ޖަހާނުލައި އޭނަ ބަލަންހުރީ އާވާގެ މޫނަށެވެ. އާވާ ކަންބޮޑުވެފައި ހުރެ ތަށިތައް ދޮންނަންފެށިއެވެ.
"އަހަރެން ހެލްޕްވަންތަ؟ ތި ނާޒުކް އަތްކޮޅު ހަލާކުވެދާނެ، ދޮވެ ދޮވެ ތުނިވެގެންގޮސް......." ޔާކިން ގެ ވާހަކަތަކުން އާވާ ސިހި ބިރުގަންނާންފެށިއެވެ. ޔާކިން ހުރިހާ އަންހެންކުދިންނާއި އަޅައިގެން އުޅުނަސް ތިމާގެ ފަހަރިއާއި މިގޮތަށް ބެހެން ވެދާނެ ހެއްޔެވެ؟ އަނެއްކާ ޔާކިން މިހިރީ މަސްތުގެ ހާލެއްގައިކަމަށް ވެދާނެއެވެ. އާވާ ސައިބޯނި ސްޕޮންޖްކޮޅުން ތަށިތަކުގައި ހާކަން ހުރިއިރު ބިރުންގޮސް ހިތް އަވަސްވެ ދެފައި ފިނިވެއްޖެއެވެ. ޔާކިންގެ މިޒާޖު ދުވާލަކު ގޮތަކަށް ދައްކާލަނީ ހެއްޔެވެ؟ އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައި ކުލަޖައްސާލައިގެން ހުރުމުން އޭނައެކޭ މަގުމަތީގައި އުޅޭ ޕާޓޭއެކޭ ތަފާތެއް ނެތެވެ.

"ދޮންބެ އަންނާނެ....." އާވާ ކުޑަކޮށް ޔާކިންއާއި ދިމާލަށް ބަލާލާފައި އަނެއްކާ ކުރަން ހުރިކަމަށް ސަމާލުކަން ދިނެވެ.
"ދޮންބެއަށް އަހަރެމެން ކޮންމެ ގޮތަކަށް އުޅުނަސް އެއްޗެކޭ ނުބުނެވޭނެ، އެހެންނޫނަސް ދޮންބެގެ ވަގުތީ ވައިފް ތިއީ، އެހެންވީމައެއްނު ދެމީހުން ދެތާ ނިދަން ތިބެނީ، އަހަންނާއި ގުޅެންވީނު......." ޔާކިން ކޮފީތަށި ތުބުގައި ޖަހާލިއެވެ. އޭނަގެ ވާހަކަތަކުން އާވާއަށް ކުރި އަސަރު މޫނުމަތިން ރީއްޗަށް ހާމަވިއެވެ. ތާނިޔާނަމަ މޫނު ރަތްވެގެން އަލިފާންކޮޅަކަށް ވާނެއެވެ. އާވާގެ ކުލަދޮންވިޔަސް އެއީ ރަތް ދޮންކުލައެއް ނޫނެވެ.
"ޔާކިން ތިހިރީ ހަމައިގަތަ؟ "އާވާ ނިކަން ފަސޭހައިން ރުޅިއަންނަގޮތްވިއެވެ. ހުރިހާ ބާރެއް ލީ ތަށިތަކަށެވެ. ދޮންނަމުން ދިޔަ ތަށިތައް ސިންކުމަތީގައި ބަހައްޓަމުންދާލެއް ބާރުކަމުން ތަށިތައް ތެޅިދާނެހެން ހީވިއެވެ. ޔާކިން އެއްގޮތަކަށްވެސް މިހާ މަޑުންހުންނަ ކުއްޖެއްގެ ދުލުން އެފަދަ ބަހެއް އިވިދާނެކަމަކަށް ހިޔެއް ނުކުރެއެވެ. ފޮތުގެ ބޭރުގަނޑަށް ބަލާލާފައި ފޮތާއިމެދު ގޮތެއް ނިންމަން ނޭގޭނެއޭ ބުނެއުޅެއެވެ. މިއީ އޭގެ މިސާލެކެވެ. އަޚުލާގުގެ ކަންފުޅެއްނެތް ފަހަރިއެކެވެ. ރަފްހާންގެ ހަޔާތުގެ ބައިވެރިޔަކަށްވާން މިހާ އެކަށީގެންނުވާ އަންހެންކުއްޖަކު ދުނިޔޭގައި ވެދާނެހެއްޔެވެ؟ ނަފްސާނީ މައްސަލައެއް ޖެހިފައިވާކަމަށް ޝައްކުކުރެވިގެން ޔާކިން އުޅުނެވެ. އެކަނި އެކަމެއް ނޫނެވެ. ނުލަފާވެސް ކުއްޖަކީއެވެ.
"ޝައްކުވީތަ؟ "ޔާކިން ހޭންފެށިއެވެ.
އާވާ ގަސްތުކުރީ މިތަނުން ނުކުމެގެންދާށެވެ. ދޮވުނުތަށިތައް ހޫނުފެނުގެ ތެރެއަށް ލާފައި އާވާ ޔާކިންއާއި ކާރިން އަޅާފައި ދާން ހިނގައިގަތުމުން ޔާކިންކުރި ބެއްދިއެވެ.

"ލަވް، ރުޅިމަޑުކޮށްބަލަ، ފަހަރިއާއި ސަމާސާކުރުން އެއީ މާ ހުތުރުކަމެއްނޫނޭ، އަހަރެންގެ ފެމިލީގައިވެސް އެކަހަލަ ކަމެއް ހިނގާފައި އޮތް......" ޔާކިން އާވާގެ އަތުގެ މުލައްދަނޑީގައި ހިފާލުމުން އާވާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ޔާކިންގެ ގޮތްކުޑަކަމާއެވެ. ވަގުތުން ކަންކަށިމަތީގައި އެތިފަހަރެއް ޖަހަންވެގެން އަނެއް އަތްމަޅާލި ތަނުން ދެއަތުގައި ޔާކިން ހިފެހެއްޓިއެވެ. 
"ދޮންބެގާތު ކުޓުވައިފިއްޔާ ނިމުނީ....." ޔާކިން އިންޒާރުކޮށްލާފައި އަތުން ދޫކޮށްލައިފިއެވެ.
"އަވީ، އައި ވޯޒް ކިޑިން އިނގޭ...." ޔާކިން ހީގަނެފައި ގޮވާލިނަމަވެސް އާވާ ގަބޫލެއްނުކުރިއެވެ. އެއީ ސަމާސާއެއް ނޫނެވެ. ޔާކިން އޭނައަށް ކުރި ގޯނާއެކެވެ. ފުރަތަމަދުވަހުން ފެށިގެން އޭނައަށް ޔާކިންގެ ސޫރަފެނިފައިވެސް އެއީ ރަގަޅު ޒުވާނެއް ނޫންކަން ޔަގީންވިއެވެ. ރަގަޅުމީހަކު ސިގިރެޓް ބޯނެކަމަކަށް އާވާ ގަބޫލެއް ނުކުރެއެވެ. ނަމަވެސް ޔާކިންގެ އެ ވިޔާނުދާ އަމަލުގެ ޝަކުވާއާއިގެން ރަފްހާންގެ ކާރިއަށް ދާކަށް ލާހިކެއްނޫނެވެ. ރަފްހާން އޭނަގެ ކޮއްކޮގެ ކުށެއް ގަބޫލެއް ނުކުރާނެއެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެހެން ތިމާގެ މީހާގެ ކުށް ފެނުނަސް ތިބޭނީ ދެލޯ މަރާލާ ނުފެންނަކަމަށް ހެދިގެންނެވެ. އެހެންނޫނަސް ރަފްހާންއަކީ އޭނަގެ ކާކުހެއްޔެވެ؟ މިއީ ހަގީގީ ކައިވެންޏެއްނޫނެވެ. އެގްރީމެންޓެކެވެ. މިހާރުވެސް ރޫޅާލަންވީއެވެ. އާވާއަށް ހިޔާވައްސެއް ލިބެންދެން އޭނަ މިއުޅެނީ ރެފިއުޖީއެއްގެ ގޮތުގައެވެ. ހިތުގައި ޖެހުނުވަރުން އާވާ ކޮޓަރިއަށް ވަންގޮތަށް އެނދުގައި އިށީދެލައިގެން އެތައް އިރެއްވާންދެން އިނެވެ.

ދުވަސްކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ. މާހުޖަބީން މާލެ އައިސްފައި އާވާއަށް ގުޅާފައި އެގެއަށް އަންނަން ދައުވަތުދިނީމަ އާވާ ދާކަށް ބޭނުމެއްނުވިއެވެ. ތާނިޔާވެސް އާ ވަޒީފާއަށް ނުކުންނަން ފެށިފަހުން ފެނިލާކަށް ނޫޅުނެވެ. ނޫނީ އޭނަ ކްރިމްސަންވިލާއަށް އަންނަހިތް ނުވަނީއެވެ. ރަފްހާން އުޅެނީ އާދައިގެ މަތިން ވަޒީފާގައި ބުރަކޮށެވެ. ޔާކިން ދޭތެރެއަކުން އާވާއަށް ޖެއްސުންކުރުން ނޫންކަމެއް ނޯވެއެވެ. ޓީވީ ބަލަން އިންދާ ކަރަންޓް ކަނޑާލާނެއެވެ. ފެންވަރަން ހުއްޓާ ފެން ބަންދުކުރާނެއެވެ. ދެރަވެގެންގޮސް ހިތުގައި ޖެހޭއިރުވެސް އެހީއަށް އެދި ބުނެލާނެ މީހެއްވެސް ނެތެވެ. އޭނަދެކެ އެންމެން ރުޅި އަންނާނީ އޭނަ ނުބައިމީހަކަށް ވީމަކަން ޔަގީނެވެ. މިއަދުވެސް އާވާ ޓީވީ ހުޅުވާލީ ބަލާހިތުން ކެތްނުކުރެވިގެންނެވެ. ނަމަވެސް ނޯ ސިގްނަލް އަރަންފެށުމުން އާވާ އެތައްފަހަރު ރިމޯޓާއި ކުޅެކުޅެފައި ވާތައް ރަގަޅަށް ހުރިކަން ޔަގީންކުރަން ޗެކްކުރިއެވެ. އެންމެފަހުން ނާކާމިޔާބުވުމުން އާވާ ބާރުބާރަށް ގޮސް ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. ކޮޓަރިއަށް ވަދެލާފައި ފާޚާނާއަށް ވަންނަން ބަލާލިއިރު ދޮރު ހުރީ ތަޅުލެވިފައެވެ. ހޯދަ ހޯދާ ތަޅުދަނޑި ނުފެނުމުން ރަފްހާން ކޮޓަރިއަށް ދިޔައެވެ.

"އަބަދު އަހަންނަށް ދެރަގޮތްގޮތް ވަނީ ކީއްވެތަ؟ ތަޅުދަނޑި ލެވުނުތަނެއްވެސް ނޭގޭ، ރަފްހާން ނާންނަނީސް އަވަހަށް ފެންވަރާލަންވީ، އޭނަ ގާތު ބުނީމަ ތަޅު ހަލާކުކޮށްދީފާނެކަން ނޭގޭ، އެކަމަކު އެވެސް ފަހުން ބަދަލުކޮށްފައި ހުރިތަޅެއް.... "އާވާ ހިތާހިތުން ކިޔާލާފައި ފާޚާނާއަށްވަދެ ފެންވަރާލައިގެން ނުކުތީ ތުވާލި ގައިގާ އޮޅާލައިގެންނެވެ. ތެމިފައިވާ އިސްތަށިކޮޅުން ފައިބަމުން ދިޔަ ފެންތިކިތައް އެ ދޮން ކަނދުރާ މަތިން މުތީތަކެއް ފަދައިން ފިރުކެމުންގޮސް ތުވާއްޔަށް ވަންނަމުން ދިޔައެވެ. ރަފްހާން ބެލްކަނީގައި ހުރިކަން ނޭގިހުރެ އާވާ ތުވާލި ގަޔާއި ވަކިކޮށްލާފައި ހެދުންލީއިރު ރަފްހާން ހުރީ ދުރުބަލާލަން ނޭގިފައެވެ. އާވާގެ ދޮންކަމާއި ހަށިގަނޑުގެ ފުރިހަމަކަން ހާމައަށް ނެތި ފެނުނު ފުރަތަމަ ފަހަރެވެ. އަތާއި ފައިގާ ވާ ލަކުނުތަކުން ކޮންމެވެސް ވަރަކަށް އެ ރީތިކަން ފަނޑުވިޔަސް އެއީ ރީތި ކުއްޖެކެވެ. އެހާ އޮމާނެވެ. 

"ސޮރީ، ނޭގި ވަދެވުނީ......." ރަފްހާން ބެލްކަނީގައި ދަމާފައިވާ ފޮތިތައް އެއްފަރާތަށް ޖައްސާލަމުން ނުކުމެލިއެވެ.
"ޔޫ......" އާވާ އަނގަމަތީގައި އަތްއަޅާލިގޮތަށް ދެލޯ ބޮޑުކޮށްލިގޮތުން ޝޮކެއްގައި ހުރިކަން އެނގުނެވެ. ރަފްހާން އެގޮތަށް ފިލައިގެން ހުރެ އޭނަގެ ހަރަކާތްތަކަށް ފާރަލާންވީ ކީއްވެހެއްޔެވެ؟ އެފަދަ އެއްވެސް ހައްގެއް ރަފްހާންއަކަށް ނެތެވެ. އާވާގެ ލޮލަށް ކަރުނަ އަންނާން އުޅެފައިވެސް ކަރުނަތައް އަޔަނުދީ ހިފެހެއްޓިއެވެ.
"ލުކް އާވާ، ބައެއްފަހަރު އެކީގައި އުޅޭއިރު މިފަދަ ހާދިސާތައް ހިނގާނެ، އަހަރެންގެ މައްސަލައެއްނެތް އަހަރެން ފެންވަރަން ހުއްޓާ އާވާ ވަނަސް، ނަމެއްގައި ވިޔަސް ތިއީ އަހަރެންގެ ވައިފް، ވީއިރު އެހާ ބޮޑު އިޝޫއަކަށް ނަހަދަފާނަންތަ އާވާ، އަހަންނަށްވެސް މިވަގުތު ގެއަށް އާދެވުނީ އިއްތިފާގުން، އަހަންނަކަށް ނޭގޭ އާވާ ފެންވަރަން ހުރިކަމެއް، އައިގޮތަށް ބެލްކަނީގައި ފޯނެއްގައި ހުރެފައި ބަލާލިއިރު އަހަންނަށްވެސް އާވާ ފެނުނީ، މިނިޓެއްގެ ތެރޭގައި ހުރިހާކަމެއް ހިނގީ، ވީމަ އެކްސިޑެންޓަލީ ދިމާވެދާނެ ކޮންމެކަމެއްވެސް، މިއީ އަހަރެންގެ ރޫމް......" ރަފްހާން ހަށަން ބަދެލިއެވެ. ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓްލޫނެއްގައި ރަފްހާން ހުރިއިރު ޓައީ ދޫކޮށްލާފައިވެއެވެ. ރަފްހާން އޮފީހުން އަންނަން މާ އަވަހެވެ. އަދި ކިރިޔާ ތިނެއް ޖެހީއެވެ. ބައެއްފަހަރު ހީނުކުރާގޮތަކަށް ވެދާނެއެވެ. އާވާ ހިންދިރުވާލިއެވެ. އާވާ އިތުރު އެއްޗެކޭ ބުނުމެއްނެތި އިސްއޮބާލައިގެން ހުރެ ދާން ހިނގައިގަތެވެ. ތެދެކެވެ. ރަފްހާންގެ ކުށެއްނެތެވެ. މިއީ ރަފްހާންގެ ކޮޓަރިއެވެ. ރަފްހާންގެ ގެއެވެ. އޭނައަކީ މަޖުބޫރީ އަންހެންކުއްޖެކެވެ. މިވީހާތަނަށް އުޅެމުން އައިސްފައިވަނީ މިފަދަ ދިރިއުޅުމެކެވެ. އެއްވެސް މިނިވަންކަމެއް ނެތެވެ. އަމިއްލަ ހަށިގަނޑާއިމެދު ޔަގީންކަމެއް ނެތެވެ. ކޮންމެ މީހަކުވެސް ބަލަންވީއެވެ. އަތްލާންވީއެވެ. މިނޫން ދުވަހެއް އަންނާނެ ހެއްޔެވެ؟ ދާންވީ ތަނެއްނެތެވެ. ފުރާނައަކީ ހެއްދެވިފަރާތުގެ ހައްގަކަށް ނުވާނެނަމަ އޭނަ އަމިއްލައަށް މަރުވެގަތީހެވެ.

އާވާ ޑާކްނައިޓްއާއި ޗެޓްކުރުމުގެ ތެރޭގައި އޭނަ ބުނަން އުޅުނު ސިއްރު ހާމަކުރިއެވެ. އޭނަ މީހަކާއި އިނދެގެން ހުންނަކަމަށާއި އެއީ ނަމެއްގައި ކުރެވިފައިވާ ކައިވެންޏެއްކަމުގައެވެ. އާވާ ބޭނުންވަނީ މި ނަރަކައިން ވީހާވެސް އަވަހަށް ސަލާމަތްވުން ކަމުގައެވެ. ރަފްހާން އެންމެ ދެރަވީ އާވާ ހިއްސާކުރި ވާހަކަ އަކުންނެވެ. އެހާ ޒާތީ ވާހަކައެއް އާވާ ޑާކްނައިޓް ގާތުގައި ބުނާނީ އާވާ ކޮންކަހަލަ މިޒާޖެއްގެ ކުއްޖަކަށްވީމަހެއްޔެވެ؟ އާވާ ފެންވަރަން ހުއްޓާ ނަމެއްގައި ކާވެނިކުރި ފިރިމީހާ ބަލަން ހުރީކަމުގަޔާއި އެކަމާއި ފޫހިވެގެންގޮސް އެގެއިން ނުކުމެގެން ދާން ބޭނުންވިކަމުގައި އާވާ ބުނެލީ ހިތްހަމަނުޖެހިފައިވާ ގޮތަކަށެވެ. އެއީ އިހުޒަމާނުގައި ގިފިލިން ފެންވަރަން ތިއްބާ ފާރުމަތިން އެރުންކަހަލަ ކަމެއްކަމުގައި ސިފަކުރުމުން ރަފްހާންގެ މޭގައި މީހަކު ގޮށްމުށުން ޖެހިހެން ހީވިއެވެ. ބެލްކަނީގައިވާ ގޮނޑިއެއްގައި ފޯނު ހިފައިގެން އިނދެ ޗެޓް ކުރަމުން ދިޔައިރު މިއަދު ރަފްހާންގެ މޫނުމަތީގައި އުފާވެރިކަމުގެ އެއްވެސް އަސަރެއްނެތެވެ. ތެދެކެވެ. އޭނައަކީ ދުވަހަކު އަންހެންކުއްޖަކަށް އޮޅުވާލައިގެން މިގޮތަށް ވާހަކަދެއްކި މީހެއްނޫނެވެ. ނަމަވެސް އާވާގެ ތަފާތުކަމުން އޭނަ ޑާކްނައިޓްގެ ނަމުގައި ޗެޓްކުރަން ފެށިފަހުން މިވަނީ އާވާ އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓިފައެވެ. އަތިރިމަތީގައި އޭނަ އާވާއާއި ބައްދަލު ކުރީ އޭނައަކީ ކާކުކަން އެންގުމަށެވެ. ނަމަވެސް އެރޭވެސް ވަގުތު ނުޖެހޭކަމުން ސަބަބެއް މެދުވެރިވީއެވެ. އާވާއާއި ދޭތެރޭގައި އެރޭ ހިނގިކަމެއްވިއްޔާ ހިނގީ އާވާގެ ރުހުމުގައެވެ. ދެމީހުންނަށްވެސް އެވަގުތު މަގު އޮޅުނީއެވެ. އެހާ އަނދިރިކަން ގަދަވެފައި އެގޮތަށް އަންހެންކުއްޖަކު ގައިގޯޅިވެގަތުމުން އޭނަގެ ހިތް މަގުން ކައްސާލީއެވެ. އެހެންނޫނަސް އެއީ ދުރުހިލޭމީހެއް ނޫނެވެ. އޭނަގެ އަންހެނުންނެވެ.

"ޕްރިންސެސް ފިރިމީހާއަށް އިތުބާރެއް ނުކުރަން، ތި ގަބޫލުކުރަނީ އެއީ ވިޔާނުދާ މީހެއްކަމަށް، އަހަރެންގެ ސުވާލަކީ އޭނައާއި އެއްވެސްކަމެއް ހިއްސާކުރާކަށް ބޭނުމެއް ނުވާއިރު އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔާދެނީ ކީއްވެ؟ އަހަންނާއި މީޓްކުރަން ޖެހިލުމެއްނުވޭތަ؟ ފިރިހެނުންދެކެ ރުޅި އަންނަކުއްޖަކަށް އަހަރެން ފެނިއްޖެއްޔާ އަހަރެންދެކެވެސް ފޫހިވެދާނެއްނު....." ރަފްހާން ލިޔުނެވެ. އާވާ ބުނީ ޑާކްނައިޓް ތަފާތުކަމުގައެވެ. އަތިރިމަތީގައި ހިނގި ހާދިސާއާއި ބެހޭގޮތުން ޑާކްނައިޓް އެއްޗެކޭ ބުނާކަށް ނޫޅުމުން އާވާ ކަންބޮޑުވާން ފެށިއެވެ. އެއީ އަނެއްކާ ޑާކްނައިޓް ނޫންހެއްޔެވެ؟ އެކަނު އަނދިރީގައި އެހެން މީހަކު އެތަނަށް އައީ ހެއްޔެވެ؟ ނޫނީ ޖިންނިއެއް ކަމަށްވެސް ވެދާނެއެވެ. އާވާގެ މުޅިގައިން ހީބިހި ހަލުވާލައިފިއެވެ. އެރޭ ފެނުނު މީހާވެސް ވާހަކައެއް ނުދެއްކިއެވެ. ޑާކްނައިޓްވެސް އެގޮތަށް އޭނައާއި ފޯނުން ގުޅާ ވާހަކަދައްކާކަށް އެއްބަހެއްނުވެއެވެ.

"އާވާއަށް ގޯނާކުރަމުން އުޅޭ ފިރިހެނަކީ ހަޒްބެންޑްދޯ، އޭނަދެކެ އެއްވެސް ވަރަކަށް ލައިކް ނުވަނީތަ؟" އިރުކޮޅެއްފަހުން ރަފްހާން އަހާލައިފިއެވެ.
"ވަރަށް ރުޅިއާދޭ އެހާ ރީތި މީހުންދެކެ، ފޮނިހެންވެސް ހީވޭ...." އާވާ ބުނެލިއެވެ.
"މީހަކު ރީތިވުމަކީ އެމީހެއްގެ ކުށެއްތަ؟ " ރަފްހާން ހޭންފެށިއެވެ.
"ކުށެއްނޫން، ތިމާއަށް ތިމާ ފެނިފައިވާހެން ހީވޭ، އަންހެންކުދިން އޭނައާއި ހެދި އުޅޭކަން އެނގުނީ އަހަރެންގެ ފްރެންޑް މޮޔަވާވަރު އެނގުނީމަ، އެހެންވެ އަހަރެން ވަރަށް ރުޅިއާދޭ......" އާވާ ވިސްނާލާފައި ޑާކްނައިޓް ހިތްހަމަޖައްސާދޭން ވާހަކަދެއްކީ ހިތާއި ދެކޮޅަށެވެ. ރަފްހާންގެ ރަގަޅުކަމުން އާވާގެ ހިތުގައި މަގާމެއް ދެވިއްޖެ ވާހަކަ ބުނެފިއްޔާ އޭނައަށް ޑާކްނައިޓް ގެއްލިދާނެއެވެ. އެހެންނޫނަސް ރަފްހާންފަދަ ޒުވާނެއްގެ ހަޔާތަށް އޭނަ މިއައީ ދާއިމީކޮށް ނޫނެވެ. ކުޑަދުވަސްކޮޅެއްގެ މެހުމާނެއްކަން އޭނަ ފަހަރެއްގައިވެސް ހަދާން ނައްތައެއް ނުލާނެއެވެ.

އާވާ ހޯދަމުން ރަފްހާން އައިއިރު އާވާ ހުރީ ރަތްފިނިފެންމާގަސް ކާރީގައި މާތަކާއި ކުޅެކުޅެއެވެ. އެއީ ވަރަށް ފަހުން އާވާ އިންދި ގޮފިކޮޅެކެވެ. އެހާ އަވަހަށް މާތައް އަޅާ ބަރާވީއެވެ. ރަފްހާންއަށް އާވާ ދެލޯ ފޮހެލިތަން ފެނުނެވެ. ކަމަކާ ދެރަވެފައި ހެއްޔެވެ؟ ރަފްހާން މަޑުމަޑުން ގޮވާލިއަޑު އިވިފައި އާވާ ބަލާލިއިރު އޭނަ ހުރީ ދާދިގާތުގައެވެ. އާދައިގެ މަތިން ރަފްހާންހުރީ ފެންވަރާ ތާޒާވެލައިގެންނެވެ. ހިތްތައް ދިރުވާފަދަ މީރުވަހެއް ތަނުގައި ހިފާލިއެވެ. ރަފްހާން ދެތިންއިރު ފެންވަރާ އިސްތަށިގަނޑު ޝޭމްޕޫކުރުމަކީ އާވާ އެންމެ ރުހޭ ސިފައެވެ. ފޮނިގޮތެއް ހުންނަނީ ޖީބަށް އަތްޖަހާތީއެވެ. އެކަމަކު ހާދަ ރީއްޗެވެ.

"އާވާ، ވާހަކައެއް އަހާލަން ބޭނުން...." ރަފްހާންގެ ޖުމްލައިން ރަފްހާންގެ ދެލޮލަށް ބަލާލާފައި ފުރަތަމަ ފަހަރަށް އޭނަ ރަކިވާކަހަލަ ގޮތެއްވިއެވެ. އަޑިނޭގޭފަދަ ފުންފުން ދެލޮލެވެ. އާވާ ނިޔަފަތީގައި ދައިގަނެގެން އެސްފިޔަތައް ތިރިކޮށްލިއެވެ.

ކޮމެންޓް 0