އާވާ ގެއްލިފައި އިނީ އެއަށްވުރެ މާ ބޮޑަށެވެ. އާވާ ކުޑަކޮށް ހީގަނެފައި ޓައިޕްކުރަން ފެށިއެވެ. އާވާގެ ހުނުމުގެ އަޑުވެސް ރަފްހާންއަށް ވީ އާ ކަމަކަށެވެ.

"އަޔާމްއަކީ ކާކުތަ؟ "ރަފްހާންގެ ސުވާލުން އާވާ ސިހުނުލެއް ބޮޑުކަމުން އަވަސްއަވަހަށް އެފްބީ ނިވާލާފައި ތެދުވުނުއިރު ނިތްކުރީގައި ކުދި ދާތިކިތައް ވިދާލައިފިއެވެ. މިހުރިހާ އިރުވާންދެން ހީހީފައި އެހެން ފިރިހެނަކާއި އާވާ ވާހަކަދައްކަން އިންކަން އެނގިފައި ރަފްހާންގެ ހިތަށް ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް ވެރިވެއްޖެއެވެ. އެގޮތަށް އާވާ ކިތައް މީހުންނާއި ވާހަކަދައްކާނެ ހެއްޔެވެ؟

"އެއީ ދަންނަ ކުއްޖެއް....." އާވާ ދުރަށް ބަލަންފެށިއެވެ.
"ކައިފިންތަ؟ "ރަފްހާންއަށް ކިތަންމެވަރަށް އުދަގޫވިނަމަވެސް އެކަން ހަނދާން ނައްތާލާފައި އެހެން ވާހަކައެއް އަހާލައިފިއެވެ.
"ވަޓް......" އާވާ ހައިރާންވިއެވެ. އޭނަ ކެޔަސް ނުކެޔަސް ރަފްހާންއާއި ބެހޭ ކަމެއްހެއްޔެވެ؟ ރަފްހާން މާ އަޅާލާކަމަށް ހެދިގެން އޭނަ ހުރީ ކައިގެން ތޯ ކިޔާފައި ސުވާލުކުރާކަށް ނުޖެހޭނެއެވެ. ރަފްހާންއަކީ ރަގަޅުނޫން މީހެއްކަން އޭނައަށް އެނގިފައިވާއިރު އިތުރަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ތާނިޔާގެ ވާހަކަތައް އަދިވެސް ކަންފަތުގައި ހަރުލާފައިވެއެވެ. ރީތި އަންހެންކުއްޖަކު ފެންނައިރަށް މި ހުރިހާ ފިރިހެންވެރިން ދީވާނާވެގަންނާނެއެވެ.

"އަޅާނުލާ....." ރަފްހާން ރުޅިވެސް ދައްކަނީ ހިނިތުންވުންތަކުގެ ސިފައިގައެވެ. ހިތުގައި ދެކޮޅުވެރިކަމުގެ ޝުއޫރުތައް އުފެދެމުން ދިޔައިރު އޭނަ އާވާއަށް އެކަމެއް ނުދެއްކިއެވެ.
"އަދިވެސް ކޮޓަރީގައި ކަރަންޓްނެތް، ދެން އެ އެނދުގަނޑު އެތާ އެހެން ހުންނާނީތަ؟ އަހަންނަށްވެސް އެކަނި އެކަމެއް ނުކުރެވޭނެ، އެންމެފަހުން ޔާކިން ގާތުގައި ބުނީމަ އޭނަ ބުނީ މިގޭ މަސައްކަތްކުރަން ހުރި މަސައްކަތު މީހެއް ނޫނޭ، ފިރިހެންވެރިން ކުރަން ޖެހޭ މަސައްކަތެއްވެސް ކުރަން ޖެހެނީ އަހަރެން ކަން ނޭގޭ......." އާވާ ހިތުގައިވާ ހާ އެއްޗެއް ކިޔާލުމުން ރަފްހާން ހުރީ ހިނިއައިސްފައެވެ. އޭނަ ގަސްތުގައި އެކޮޓަރި ސާފުނުކުރުވާ ހުރުމުން އާވާއަށް އެއްޗެއް ނުވިސްނެނީ ހެއްޔެވެ؟ އާވާ އޭނަގެ ގާތުގައި ބަހައްޓަން އޮތް އެކަނި ބަހަނާއަކީ އެއީއެވެ. އާވާގެ އުޅުމާއި މިޒާޖު ބަދަލުކުރުމަކީ އުދަގޫކަމެއްކަމުގައި ވިޔަސް އޭނަވަނީ އެކަން ކުރަން އަތުކުރި އޮޅާލާފައެވެ. އާވާގެ މާޒީގެ ސިއްރުތައް ދެނެގެން އެކަން ހައްލުކޮށްދޭން އިންތިހާއަށް ބޭނުމެވެ.

"ޔާކިންގެ ފާޑު އާވާއަށް އެނގޭހާ ދުވަސްވެއްޖެއެއްނު، އެއަށްވުރެ މާރަގަޅުވާނެ އިރާ ގާތުގައި ކަމެއްކުރުވަން ބުންޏަސް، އާވާ، ކުޑަކޮށް އިންތިޒާރުކޮށްލާ، އަހަންނަށް ވަގުތެއްވީމަ އަހަރެން އެ އެނދު އެތަނުން ނެރެ އިތުރު ބެޑެއް އެތާގައި ބަހައްޓަދޭނަން......." ރަފްހާން އާވާގެ ހިތް ހަމަޖައްސާލަން އެހެން ބުނިކަމުގައިވިޔަސް އޭރު އޭނަގެ ހިތުގައިވަނި އެތަން އޮފީހަކަށް ބަދަލުކުރުމަށެވެ. އޭނައަކީ ގިނަވަގުތު ކެންޒީ ހޮޓެލް ގައި ހޭދަކުރާ މީހެކެވެ. ވީމަ އާވާ އޭނަގެ ކޮޓަރީގައި އުޅުމަކުން އާވާ ބޭނުންވާފަދަ މިނިވަންކަމަކަށް މާބޮޑު ހުރަހެއް ނޭޅޭނެއެވެ. ނިދާވަގުތު ދެމީހުންގެ ދޭތެރޭގައި ބާލީހުގެ ފާރެއް ޖަހާލީމަ އެނިމުނީއެވެ. އެހެންނޫނަސް އާވާ ކޮންމެ ރެއަކު އަމިއްލަ ހަށިގަނޑުގެ ފާރަވެރިއަކަށް ވެގެން ނުނިދާ ހޭލާ އޮތުމުން ރަފްހާންއަށް އުދަގޫވެއެވެ. އާވާ ނިދަން އޮތްވާ އޭނަ ގޯނާކުރަނީ ކަމުގައި ހީކުރާތީ އެ ވިސްނުން ބަދަލުކުރުވަން ބޭނުމެވެ.

"ހޫމް..." އާވާ ހުރީ ފާޑަކަށް ބަލާށެވެ. ރަފްހާން ސިޑިން އަރައިގެން ދަމުން އެނބުރި ބަލާލިއިރުވެސް އާވާ އެސްފިޔަޖަހާނުލާ ހުރިތަން ފެނިފައި ރަފްހާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ކަތި ނަޒަރުގައި އެހެން އަންހެންކުދިން ޖެއްސިޔަސް އާވާ ޖައްސާކަށް ލާހިކެއްނޫނެވެ. އާވާ ހިތާހިތުން އެއްޗެހި ކިޔާލިއިރުވެސް ހިތުގެ ކަނަކުން ރަފްހާންގެ ރީތިކަމަށް ތައުރީފުކުރެވުނެވެ. ކަޅާއި ރަތުގެ ރޮގުދެމި އަތްދިގު ގަމީހާއި ފަޓްލޫނާއި ހާދަ ގުޅެއޭ ހިތަށް އެރިއެވެ. ރަފްހާން އެގޮތަށް ބަލާލުމުން އާވާ އަމިއްލަ ނަފުސަށް އަޑުލިއެވެ. ރަފްހާން ހީކުރާނީ ކީކޭހެއްޔެވެ؟ ތާނިޔާ ފަދައިން އޭނަވެސް ރަފްހާންއާއި ހެދި މޮޔަބޮޑުވެގެން އުޅެނީކަމަށެވެ.

"ރަފްހާންއަށް އެނގޭނެނަމަ، އަހަރެން ޑާކްނައިޓް އާއި ވާހަކަދައްކާ ކަމާއި އެއީ އަހަރެންގެ ސިއްރުވެރިޔާކަން އެނގޭނެނަމަ، އަހަރެން ދުވަހަކު ރަފްހާންއަށް އަހަރެންގެ އެއްވެސް ވާހަކައެއް ކިޔައެއް ނުދޭނަން......" އާވާ އަނބުގަސްކާރިއަށް ނުކުމެ ޖޯލީގައި އޮށޯތެވެ. ނިޔަފަތިތައް ހަފަން އޮތްއިރު އާވާ އެކި ޚިޔާލުތައްކުރިއެވެ.

"ސަބަބަކީ ޑާކްނައިޓްއާއި ރަފްހާން ވަރަށް ތަފާތުވީމަ، ޑާކްނައިޓް އަހަރެންގެ ގާތުގައި ވިޔާނުދާ އެއްވެސް ވާހަކައެއް ނުދައްކާ، އެކަނި ސިމްޕަތީވެގެން ވާހަކަދެއްކީމަ ކިހާރަގަޅު، ރަފްހާން ފުރަތަމަ ރޭވެސް އަހަރެން ނިދަން އޮތްވާ ބެހުނީ، އަދިއެވަރުން ނުވެގެން ތާނިއާއި ދެމީހުން ކުރިކަމެއްވެސް ނޭގޭ، އެދެމީހުން އުޅުނީ އަބަދު ތުންގުޅުވާލައިގެން، މަންމަ ބުނިފަދައިން އަންހެންކުދިންވެސް ހާދަހާ ވަރެއްގެ ބަޔެކޭ، އަހަރެންގެ ލައިފަށް ބޭނުންވަނީ ޑާކްނައިޓްފަދަ ދުރުން އުޅޭނެ މީހެއް، ރަފްހާންފަދައިން އަތްލާވައްތަރު ދެކެ ހޭޓްކުރަން، ޑާކްނައިޓަށް އިތުބާރުކުރެވޭ ސަބަބަކީ އެއީ، އޭނަ އަބަދު ދުރުން އުޅޭނެތީ، ދުވަހަކު ކާރިނުވާނެތީ....." އާވާ ހިނިތުންވެލިއެވެ.

ރަފްހާން ކޮޓަރިއަށް ވަންއިރު އާވާ ކޮޓަރި ތަރުތީބުކޮށްފައިވާ ގޮތުން ކޮންމެ މީހެއްގެ ހިތް ތައުރީފުން ފުރޭނެއެވެ. ކޮންމެ އެއްޗެއް ހުރީ އެއްޗެއްގެ މަގާމުގައެވެ. ހިރަފުސްކޮޅެއްހާ މިންވަރުވެސް ނެތެވެ. ތަންތަން އޮފް އަރައެވެ. މަޑު މީރުވަހެއް ތަނުގައި ހިފާލާފައިވެއެވެ. އާވާ ފާޚާނާއިން ނުކުމެގެން އައީ އަތް ދޮވެލައިގެންނެވެ. ފަން އިސްތަށިކޮޅު އޮތީ ފޮތި ބޭންޑަކުން އައްސާލާފައެވެ.

"އާވާ އަނެއްކާ ހެއަރ ކަޓްކުރީތަ؟ ދިގުކޮށްލީމަ ވަރަށް ރީތިވާނެ..." ރަފްހާން އިށީނީ ސޯފާގައި ލެޕް ހިފާލައިގެންނެވެ.
"އަހަންނަށް ރަގަޅީ ކުރުކޮށް އޮތީމަ..." އާވާ މަޑުމަޑުން ބުނެލައިފިއެވެ. އޭރު އާވާއިނީ ރަފްހާންގެ ލެޕް އަތުލާ ހިތުން ކެތްމަދުވެފައެވެ. ޖަލެއްގައި އުޅުނަސް މިޒަމާނުގައި ނެޓްނެތި ދިރިހުރުން ފަސޭހައެއް ނުވާނެއެވެ. ޑާކްނައިޓާއި އޭނަ ގުޅުވާދޭ ވަސީލަތަކީ އެއީއެވެ. އަދި އޭނަގެ ވާހަކަ ލިޔުމުގެ ބައިވެރިޔަކީވެސް އެއެވެ.
"ބޭނުންގޮތެއް....." ރަފްހާން ހިނިތުންވެލިއެވެ.
"ރަފްހާން، ކެން އައި ބޮރޯ ޔޯރ ލެޕް، ކޮންމެ ރެއަކު ގަޑިއެއްހާ އިރަށް ނަމަވެސް ދެވިދާނެތަ؟ އަހަރެން ކޮންމެވެސް ޕްރޮޖެކްޓެއް ނިންމަން ޖެހޭތީ...." އާވާ ޖެހިލުންވެފައި ހުރެނަމަވެސް ބުނެލިއެވެ.
"އަހަރެންގެ ހުރިހާ އެއްޗަކީ އާވާގެ އެއްޗެހިކަމުގައި ގާނޫނީގޮތުން ވެއްޖެއެއް ނު، ވީމަ ބޭނުންއިރަކުން ލެޕް ޔޫޒްކުރަންވީ، އަހަރެންގެ ހުއްދަ އަތުލާން ޖެހޭވަރުގެ ކަމެއް ނޫނެއްނު......" ރަފްހާން އާވާގެ އަތަށް ލެޕް ދިއްކޮށްލި ވަގުތު ރަފްހާންގެ މާނަވީ ނަޒަރު އާވާގެ މޫނަށް ހުއްޓުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެ އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ފަޅި ސިކުންތުކޮޅަކަށް ތިބެވުނީ ބޭއިޚުތިޔާރުގައެވެ. އޭރު އާވާގެ ގައިގާ މަޑުމަޑު ތުރުތުރެއް ހުއްޓެވެ. ލެޕްގެ މަޑު ހޫނުކަމަށްވެސް އާވާގެ ހަށިގަނޑުގައިވާ ފިނިކަން ކަނޑުވައެއް ނުލެވުނެވެ. ހިތް ތެޅެނީއެވެ. ޑާކްނައިޓް އާއި ބައްދަލުވާ ހިތުންވާހާ ކަންތަކެވެ.

"އަހަރެން އަންނާނަން ސިޓިންރޫމްގައި އިނދެލާފައި، އޯކޭތަ؟ " އާވާ ހުއްދައަށް އެދުނެވެ. ރަފްހާން ހިނިތުންވެލައިގެން ހުރެ ބުމަ އަރުވާލުމުން އާވާ ދުވެލާފައި ނުކުމެގެން ދިޔަގޮތަށް އަނދިރިކޮށްފައިވާ ސިޓިންރޫމްގައި އިށީދެ އެފްބީ ހުޅުވާލައިފިއެވެ. ޑާކްނައިޓް އޮންލައިންގައި ހުރިތަން ފެނުމުން އާވާ ގެ ހިތް އުފަލުން ނަށާލިއެވެ. އޭނަ ހުރިކަން އަންގަންވީ ބާވައެވެ. ނޫނީ ހިމޭންކަން ޚިޔާރުކުރަންވީ ބާވައެވެ. ރަފްހާންގެ ލެޕްއިން ވަނީމަ ޗެޓް ލޮގެއް ހުރެދާނެކަން ނޭގެއެވެ. ވާހަކަދައްކަން ބިރު ގަނެފައި ހުރެވެސް އާވާ ގަދަކޮށްލިއެވެ. އޭނަ ކޮންމެ މީހަކާ ވާހަކަ ދެއްކިޔަސް ރަފްހާންއާއި ބެހޭކަމެއް ނޫނެވެ. އެހެންނޫނަސް މިރޭ އޭނަ ޑާކްނައިޓްގާތު ބުނާނީ މި ބޭނުން ކުރަނީ މީހެއްގެ އެއްޗެއް ކަމުގައްޔާއި އިތުރު ސުވާލުތައް ނުކުރުމަށެވެ. ސިއްރުތައް ފަހަށް ބެހެއްޓިދާނެއެވެ. ދެމީހުން އާދައިގެ ވާހަކަތައް ދައްކާނީއެވެ. ޑާކްނައިޓް ވާހަކަދައްކަން ފެށިތަނާހެން އޭނަގެ މަންމަ ގުޅުމުން އާވާ ފޯނުނެގީ ވެގެން އުޅޭގޮތެއް ބަލާލުމަށެވެ. އާދައިގެ މަތިން މަންމަ ސުވާލުކުރީ އާވާ ވަޒީފާއަށް ދިއުން ހުއްޓާލި ސަބަބެއް އޮޅުން ފިލުވަންވެގެންނެވެ. އަލުން ވަޒީފާއަށް ދާންފަށަން މާހުޖަބީން އެންގިއެވެ. ގޭތެރޭގައި އަބަދު އުޅުމުން މީހަކަށް ނުވާނެކަމަށާއި އަންހެންކުދިންވެސް އަމިއްލަ ބާރު ލިބިގެން ނިކަމެތި ނުވެ މި ޒަމާނުގައި އުޅެވޭނީ އަމިއްލަ އާމްދަނީއެއް ހޯދައިގެން ކަމުގައި މާހުޖަބީން ބުނެލިއެވެ.

"ޑާކް، އެއީ ހަމަ ތެދެއް، އަހަރެންގެ މަންމަ ދެންމެ ގުޅާފައި ބުނީ ޖޮބަށް ދާށޭ، އަހަރެންވެސް ގަބޫލުކުރަން، ނޫނީ ވަރަށް މަޖުބޫރީވާނެ، އަހަރެންގެ ލެޕް ހަލާކުވީމަވެސް ހަމަ އެހެން މީހުންގާތު އާދޭސްކުރަން ޖެހެނީ، ކޮންމެ ކަމެއްވިޔަސް ދެން ވާނީ އެހެން، ވާހަކަ ލިޔެގެން ލިބޭ އެއްޗަކުން ނުފުދޭ، އަނެއްކާ މިގޭގައި އުޅޭ މީހުން ކަންތައް ބޮޑުވޭ އަހަރެން މާގިނައިން ހޭންޑްވޮޝް ގަންނަން ބުނާތީ....." އާވާ ޝަކުވާކުރިއެވެ.
"ތިގޭ މީހުން ހާދަ ދަހިބަޔެކޭ..." ޑާކްނައިޓް އެއްޗެހި ކިޔެވެ.
"އެހެންވެ އަމިއްލައަށް ލިބޭ ފައިސާއިން ޖެހޭ ހޭންޑްވޮޝް އެއްޗެހިގަންނަން......" އާވާ އިތުރަށް ބުނެދިނެވެ.
"ވަކި ޓޮއިލެޓެއްތަ ބޭނުންކުރަނީ؟ " ޑާކްނައިޓް އަހާލުމުން އާވާ ބުނީ އޭނަގެ ކޮޓަރި އަނދާފައިވާތީ އެހެން މީހެއްގެ ކޮޓަރީގައި އުޅޭތީ އެންމެނާއިއެކު ފާޚާނާ ހިއްސާކުރަން ޖެހޭކަމަށެވެ.
"އެހެންވެ ކޮންމެ ފަހަރަކު ޓޮއިލެޓް ސީޓުގައި އިށީންނަނީ ވަރަށް ދޮވެލާފައިދޯ...." ޑާކްނައިޓް ސީރިޔަސްކޮށް އަހާލިއެވެ.
"ކިހިނެއް އެނގުނީ....." އާވާ ސުވާލުކުރިއެވެ.
"ނޫނީ ޓޮއިލެޓް ޕޭޕަރ ހުރިގޮތަށް ދަމައިގަނެ ފަތުރާލައިގެން ކަން ޔަގީން، ޕްރިންސެސްގެ ވާހަކަތަކުން އަހަންނަށް މިހާރު ދަސްވާންފެށީ، މާ ބޮޑަށް ކްލީންކޮށް އުޅޭކުދިންނަށް ކިހާ އުދަގޫވާނެ އެހެން ބަޔަކާއެކު ރޫމެއްގައި އުޅެން، މިގެއަށް އަންނަންވީނު، ވަކި ރޫމެއް ލިބިދާނެ...." ޑާކްނައިޓް ގެ ވާހަކައިން އާވާ ހިނި އައެވެ. ހަގީގަތުގައި ޑާކްނައިޓްއަށް ހާދަ ވިސްނެއެވެ. އާވާ ޑާކްނައިޓް ގާތު ބުނީ އޭނަ އުޅޭ ގޭގެ މީހުންނަށް ނުވިސްނޭ ވާހަކައެވެ. އެތައް ވަރަށް ކިޔައިގެންވެސް އޭނަގެ ކޮޓަރީގައި ހުރި އަނދާފައިވާ އެއްޗެހި ނުނެރުނު ކަމަށާއި އެވަރުގެ ކަމެއްވެސް ބަޔަކަށް ކޮށްދޭން ނޭގޭކަމުގައެވެ.

ޑާކްނައިޓާއި ވާހަކަދައްކަން އިންއިރު ގަޑި ވޭތުވެގެން ދިޔަގޮތެއްވެސް ނޭގެއެވެ. މާލަހުން ނިންމާލެވުނީމަ ކޮޓަރިއަށް ދިޔައީ ރަފްހާންގާތުން މާފަށް އެދެން ކަމަށެވެ. އޭރު ރަފްހާންއޮތީ ފުން ނިދީގައެވެ. "ސޮރީ ރަފްހާން...." އާވާ މަޑުމަޑުން ކިޔާލައިފިއެވެ. ބައެއްފަހަރު ރަފްހާންގެ ވާހަކަ ނުސީދާކޮށް ނަމަވެސް ޑާކްނައިޓް ގާތުގައި ދެއްކޭތީ އާވާ ދެރަވަނީ މިފަދަ ވަގުތުގައެވެ. ނަމެއްގައި ފިރިމީހާއަށްވެފައި އޭނަ ބުނިކަމެއް ވިއްޔާ އާއްމުކޮށް ކޮށްދެއެވެ. އަމިއްލަ މަންމަ އޭނައާއި ދޭތެރޭ ނުވިސްނި ވަރަށް ރަފްހާން އޭނައާއިމެދު ވިސްނިއެވެ. އޭނައަށް ގެއެއްގެ ހިޔާވަހިކަން ލިބުނީ ރަފްހާންގެ ސަބަބުންނެވެ. އެކަމަކު އޭނަ ރަފްހާން ބަދުނާމްކުރަނީއެވެ. ހާދަ ދެރައެވެ. އެހެނެއް ދެން އޭނަ ނޫޅޭނެއެވެ. ނިދާބޮކީގެ ފަނޑު އަލިއެޅިފައިވާއިރު ނިދީގައިވެސް ރަފްހާންގެ މޫނުގެ ރީތިކަމަށް ބަދަލެއްނާދެއެވެ. އެނދުގައި އިށީދެފައި އާވާ ގަސްތުކުރީ މިރޭ ވާހަކައިގެ އަނެއްބައި ލިޔުމަށެވެ. ރަފްހާން ނިދާފައި އޮތީމަ އޭނައަށް ލެޕް ބޭނުން ކުރެވިދާނެއެވެ. ފަނޑުއަލީގައި އާވާ ހިމޭނުން އިނދެ އޭނަގެ އާ ވާހަކަ "އީރާ " ލިޔަންފެށިއެވެ.

އީރާ ދުނިޔެއަށް އައިދުވަހަކީ އެކުއްޖާގެ މަންމައާއި ބައްޕަ ވަކިވެގެން ދިޔަ ދުވަހެވެ. ސަބަބަކީ އީރާ ގެ ހަމާއި އިސްތަށިކޮޅުގައި ހުދުކުލަ ހުރީމައެވެ. ބައްޕަ ބުނީ އެކުއްޖާއަކީ އޭނަގެ ދަރިއެއް ނޫންކަމަށާއި މަންމަ ކޮންމެވެސް ފަތުރުވެރިއަކާއިއެކު ގުޅުން އޮތީކަމުގައެވެ. އީރާ ތަފާތުކުއްޖަކަށްވިޔަސް ލޯބިކަމުން މަންމަ އެކުއްޖާއަށްޓަކައި ފިދާވާވަރުވިއެވެ. ނަމަވެސް ސްކޫލަށް ދާންފެށުމުން އީރާ ބާކީވާންފެށިއެވެ. ސްކޫލްކުދިން ހީކުރަނީ އެއީ ހަންޑިކުއްޖެއް ކަމުގައެވެ. އޭނަ އާއި އެކުވެރިވާކަށް އެކަކުވެސް ނޫޅެއެވެ. އީރާގެ އެ ތަފާތަކީ އަލްބިނިޒްމްގެ ސަބަބުން ދިމާވެފައިވާ ކަމެއްކަން އޭރު އެއްވެސް މީހަކަށް ނޭގެއެވެ. އެންމެން ބަލަނީ އޭނައަށް ތަފާތު ނަޒަރަކުންނެވެ. އީރާ އެންމެ ދެރަވަނީ އެހާ ރަގަޅަށް ނުފެންނާތީއެވެ. އެބަލީގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. އައްޔަށް ބަލަން އުދަގޫވެއެވެ. "ޑާކްނައިޓް ކާރިން އަހަންވީކަން ނޭގޭ މި ވާހަކަ ރަގަޅުތޯ، އޭނަ އައިޑިއާއެއް ދީފާނެ...." އާވާ އެގަޑީގައިވެސް ނުހުރެވިގެން އޭނަ ލިޔުނު ތަންކޮޅު ޑާކްނައިޓަށް ފޮނުވާލާފައި ޖަވާބަކަށް އެދި އިންތިޒާރުކުރިއެވެ. 

ރަފްހާން ހެނދުނު ތެދުވުނުއިރު އާވާ ނިދާފައި އޮތީމަ ބަދިގެއަށް ވަންއިރު އޭނަ ވަނީ ކަރުހިއްކައިގެންފައެވެ. ފްރިޖް ހުޅުވާލާފައި ފުޅިއެއްގައި ހުރި އެއްޗެއް ބޯލެވުނުގޮތަށް ގޮތަށް ކުއްލިއަކަށް އޭނައަށް ތަފާތު އިހުސާސްތަކެއް ކުރަންފެށިއެވެ. އެފުޅިއަށް ބަލާލެވުނީ އެހެން ގޮތެއް ހީވެފައެވެ. ރަފްހާން ޔަގީންކުރަން ބޭރުކިޔާލިއިރު އެއީ ކޯކެއް ނޫނެވެ. އެހެން ކޮންމެވެސް ބުއިމެކެވެ. ޔާކިން ގެނައި އެއްޗެއް ބާވައެވެ. ރަފްހާނު ހޫނުވާން ފެށުމުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. ރަފްހާން ޔާކިންއަށް ގޮވާފައި އަހަން ވެގެން ކޮޓަރިއާއި ދިމާލަށް ދަނިކޮށް އާވާ ދޮރު ހުޅުވާލާފައި ބަލާލުމާއިއެކު ކުޑަކޮށް އަރިއަޅާލި ރަފްހާންއަށް ހިފުނީ އާވާގެ ގައިގައެވެ.

"ގައިން ދޫކޮށްލާ...." އާވާ އުޅުނީ ރަފްހާން ކޮށްޕާލާށެވެ. ރަފްހާން ހުރީ ހަމައިގަހެނެއް ހިޔެއް ނުވެއެވެ. ރަފްހާން އާވާ ކިޔާއެއްޗެއް އަޑުއަހާހެނެއް ހިޔެއްނުވެއެވެ. އޭނަ އާވާ ގެނެސް ބެލްކަނީގެ ރެއިލިންގައި ޖައްސާލިގޮތަށް އާވާ ފިތިގެން ދިޔުމުން ހަޅޭއްލަވައިގަނެވުނެވެ.

"ހަމައެކަނި ޑާކް ރެއިންއަށްތަ އަތް ލެވެނީ، ބުނެބަލަ، ކޮން ހަޅޭކެއްތަ ތިލަވަނީ..." ރަފްހާން ބުމަގޮށްޖަހާލިއެވެ. އެގޮތަށް ރަފްހާން ރުޅިއައިސްފައި ހުރިތަނެއް އާވާދެކެފައެއް ނެތެވެ. ރަފްހާން ކުއްލިއަކަށް އާވާ ލައިގެން ހުރި ގަމީހުގެ ގޮށްފޮތީގައި ހިފާ ދަމައިގަތްގަތީނުން ގަމީސް އިރާލައިފިއެވެ. ރަފްހާންގެ އެ ރަހުމްކުޑަކަމުން ބިރުގެންފަ ޝޮކެއްގައި ހުރި އާވާ އުޅެގަތީ ރަފްހާން އެއްލާލި ގަމީސް ބިންމަތިން ނަގާށެވެ. ރަފްހާން ފަހަތުން އައިގޮތަށް އާވާގެ މެދުހަށީގައި އުފުލާލާފައި އަނެއްކާވެސް އަތްލާން އުޅެގަތުމުން އާވާ ހަޅޭއްލަވައިގަތްއިރު އޭނަ އަނބުރައިނުގަތީ ކިރިޔާއެވެ. ޔާކިން އެގަޑީގައި ގެއަށް ވަންކަމީ އާވާއަށް ލެއްވި ރަހުމަތެކެވެ. ޔާކިންއަށް ލޮލުގެ ކުރިމަތިން ފެނުނު މަންޒަރު ގަބޫލެއްވެސް ނުކުރެވުނެވެ. އޭނަގެ ބޭބެއަކީ އެހާ ދަށްފެންވަރެއްގެ އިންސާނެއް ހެއްޔެވެ؟ ޚުދު އޭނަވެސް އަންހެންކުއްޖެއްގެ ނުރުހުމުގައި ގަޔަށް އަތްލާފައެއް ނުވާނެއެވެ.

"ކާމް ޑައުން ބްރަދަރ......" ޔާކިން އެދޭތެރެއަށް ވަންނަން މަސައްކަތްކުރިއެވެ. ރަފްހާން ހީވަނީ ހަލްކުގެ ބާރުލިބިފައިވާ ހެންނެވެ. ރަފްހާން ޔާކިން ހޫރުވާލިގޮތަށް ޔާކިން ޖެހުނީ ފާރުބުޑުގައެވެ. އެވަގުތަކީ އާވާއަށް ލިބުނު ރަނުގެ ފުރުސަތަކަށްވެ އޭނަ ދުއްވައިގަތީ ތިރިއަށެވެ. ތެޅިފޮޅިގެން އަންނަން ހަދައިގެން ސިޑިން ކައްސާނުލީ ހަމަ ކިރިޔާއެވެ. ވީދިފައިވާ ގަމީހުން ހަށިގަނޑު ނިވާކުރަން މަސައްކަތްކުރަމުންގޮސް ތިރީބައިގެ ކޮޓަރިއެއްގެ ދޮރުގައި ހިފާލިއެވެ. ނަސީބަކުން އޭނަ ކުރިން އުޅުނު ގުދަނެއްފަދަ ކޮޓަރީގެ ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. އެތަނަށްވަންގޮތަށް އާވާ ދޮރުތަންޑު އަޅައިގެން ހުރިއިރު މޭގަނޑު ނެގިނެގިފައި ޖެހެއެވެ.

އާވާ އެންމެ ކުރިން ގުޅީ މަންމައަށެވެ. ކޮންމެހެންވެސް މަންމައާއި ބައްދަލުކޮށް މިވަގުތު ވާހަކައެއް ބުނަން ބޭނުންވާކަމުގައި ބުނުމުން މާހުޖަބީން އޭނަގެ އެޑްރެސްދިނެވެ. އާވާ ކާރަކަށް ގުޅައިގެން ކާރުގައި އެގެއަށް ދިޔައިރު މާހުޖަބީން އިނީ އެޕާޓްމެންޓްގެ މަޑުގޮދަޑިޖެހި ސޯފާއެއްގައެވެ. މިތަނުގެ މުއްސަދިކަމާއި ރީތިކަން ފެނިފައި އެހެން ދުވަހެއްނަމަ އާވާ އާޝޯޚުވީއެވެ.

"އަހަންނަށް މަންމަގާތުގައި ދުވަސްކޮޅަކަށް ހުރެވިދާނެތަ؟ އެހެން ޖޮބެއް ހޯދައިގެން ދާނެތަނެއް ފެންނަން ދެން...." އާވާ ހުއްދަ ހޯދުމެއްނެތި ކުރިމަތީގައި ވަކިން ހުރި ރަތްކުލައިގެ ސޯފާގައި އިށީނުމުން ހީވީ ވެލްވެޓްކޮޅެއް ހަށިގަނޑަށް މަރުހަބާ ކިޔާލިހެންނެވެ. ހާދަ އަރާމެވެ.

"މިހާރު ހުރިތަން ކުޑައީތަ؟ މީހަކާ އިނުމަށްފަހު އެމީހަކު އެހެން ތަނަކަށް ދާކަށް ނުޖެހޭނެ، އެހެންނޫނަސް އާވާއަށް ރަފްހާންކަހަލަ ރަގަޅު ފިރިޔަކު ނުލިބޭނެ، މިހާ އަވަހަށް ރަފްހާންއާއި އަރައިރުންވާން ފެށީތަ؟ އެއްގޮތަކަށްވެސް އާވާއަށް މިގޭގައި ނުހުރެވޭނެ، މިއީ އަދި އަހަރެންގެ ތަނެއްވެސް ނޫން، އޭނަގެ ހުއްދަނެތި އަހަރެން ކިހިނެއް އާވާ މިގޭގައި ބަހައްޓަނީ......." މާހުޖަބީންގެ މޫނަށް ނުރުހުމުގެ ކުލަވެރިވިއެވެ.
"އަހަރެން ބޭނުމެއްނޫން ރަފްހާންއާއި އިނދެގެން ހުންނާކަށް....." އާވާ ތުންފަތުގައި ދަތްއަޅާލިއެވެ.
"ހެވޭ، މިބުނީނު އޭނަ ގެ ތިން އަނބިން ތިއްބަސް އާވާ އުޅެންޖެހޭނީ އެގޭގައޭ، ރަފްހާން ކީކޭ ބުނެގެން މިގެއަށް ތިއައީ.........." މާހުޖަބީން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެވަގުތު ނާޔާ ކޮޓަރީގައި އުޅެލާފައި ނިދި މޫނަކާއިގެން ތެދުވެގެން އައެވެ. އިސްތަށިގަނޑު ހާވާލާފައި އޮތްއިރު އޭނަ ލައިގެން ހުރީ ކުރު ސޯޓްކޮޅަކާއި ބަނޑުފެންނަވަރުގެ ހެދުންކޮޅެކެވެ. 
"އަވީތަ؟ މަންމަ ބުނެފިންތަ އަހަރެމެން ޗައިނާއަށް ދާން އުޅޭ ވާހަކަ..." ނާޔާ އެންމެ ފުރަތަމަވެސް ފޮނިކަނޑަންވެގެން އާ ވާހަކައެއް ބުނެލައިފިއެވެ. 
"ރަފްހާންއަކީ ނުބައި މީހެއް، އޭނަ އަހަރެން ރޭޕްކުރަން އުޅުނީމަ އަހަރެން މިއައީ، ޔާކިން ނެތްނަމަ....." އާވާ ގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މާހުޖަބީން ފުންމައިގެން ތެދުވިގޮތުން ހީވަނީ އާވާގެ ގައިގާ ޖަހާފާނެހެންނެވެ. ނާޔާގެ މޫނުގެ ކުލަ ކެނޑި އުކުޅުގައި އަތްވިއްދާލިގޮތުން ހީވީ އާވާ މޮޔަވީމަ ބަލަން ހުރިހެނެވެ. ރަފްހާންއޭ ކިޔައިގެން އެފަދަ ވާހަކައެއް ދެއްކިޔަސް ނާޔާ ގަބޫލެއް ނުކުރާނެއެވެ. ޔާކިންނަމަ ގަބޫލުކުރެވިދާނެއެވެ.

"ބަލަ ހިލޭ މީހެއްގެ ވާހަކައެއް ނޫން ތިދައްކަނީ، ތިމާގެ ފިރިމީހާގެ ވާހަކަ، ފިރިމީހާ ބޭނުންވާކަންތައް ނުކޮށްދެންޏާ ހުރިހާކަމެއް ވާނެ، މިތަނުން ދޭ، ހަމަ މިހާރު ނުކުމޭ...." މާހުޖަބީން ގެ ރުޅީގެ އަމާޒަކަށްވީ އާވާއެވެ. އެންމެންގެ ކުރިމަތީގައި އަބަދު ކުށްވެރިވަނީ އޭނައެވެ. ދޮންމަންމައަށް ސާމީ ކުށްކުރުމުން އެކަމެއް ނުފެނުނެވެ. މަންމައަށްވެސް މަންމަގެ ދޮންދަރީގެ ކުށެއް ނުފެންނާނެއެވެ. ހުރިހާ އެންމެން އޭނަދެކެ ރުޅިއަންނާންވީ ކީއްވެހެއްޔެވެ؟ ޒުވާންވީމަ އެންމެ ރަގަޅެވެ. ނަމަވެސް ތުއްތުއިރުންފެށިގެން އެއްވެސް މީހެއް ގެ ފަރާތުން އޭނައަށް ލޯބި ނުލިބެނީ ކޮންކަމެއްވީމަ ހެއްޔެވެ؟ އެހެންނޫނަސް މަންމަގެ ގާތުގައި ހަގީގަތް ހާމަކުރުމުންވެސް އެހެރީ ރަފްހާންއާއި އެއްކޮޅަށެވެ. ރަފްހާން އޭނަ މަރާލިޔަސް މަންމައަށް ހެޔޮވާނެއެވެ. ހިތަށް ތަދުވިވަރުން އެވަގުތު ވެގެން ދިޔަގޮތް ބަޔާން ކުރުމަކީ ކުޅަދާނަކަމެއްނޫނެވެ. އެހާބޮޑަށް ހިތުގައި ޖެހުނެވެ. އާވާ ދެރަވިޔަސް ލޮލުން ކަރުނަތިއްކެއް ނައެވެ. ކޮންމެ ފަހަރަކުވެސް ރޮނީ އޭނަގެ ހިތެވެ. އަމިއްލަ މަޖުބޫރީއާއި ނިކަމެތިކަމުން ކުރި އަސަރެއްގެ ބޮޑުކަމުން މިހާ ގޮތް ހުސްވިއިރެއް ނާދެއެވެ.

"ޕްލީޒް، އެންމެ ދުވަހަކަށް، އޭރުން އަހަރެން ދެން ކޮންމެވެސް ތަނަކަށް ހިނގައިދާނަން....." އާވާ އާދޭހުގެ ރާގަކަށް ބުނެލައިފިއެވެ. މާހުޖަބީން އާވާއާއި ދިމާލަށް ބަލާލުމާއިއެކު ހިތް ކަފަކޮޅަކަށްވާން އުޅުނެވެ. އެ ބޮޑު ދެލޮލުން އެވަގުތު މާހުޖަބީންއަށް ފެނުނު މައުސޫމްކަމާއި ހިތާމަވެރި އަސަރުތައް މާހުޖަބީންގެ ހިތަށް އެވަގުތު ސިހުރު ހަދާލައިފިއެވެ.
"އެންމެ ރަގަޅު އެންމެ ދުވަހަކަށް ހުރެވިދާނެ...." މާހުޖަބީން ލޮލުގެ އިޝާރާތުން ނާޔާގާތު އެއްޗެކޭ ބުނެލާފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

ކޮމެންޓް 0