ހީވަނީ ހުރިހާ ތަރިތަކެއްވެސް އެދެޒުވާނުންނަށް ފުރުސަތު ދޭންވެގެން ވިލާތަކުގެ ފުރަގަހަށްވަދެ ފިލައިގެން ތިބިހެނެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުން އަނދިރިކަމުން ފުރިފައިވާ ވިއްސާރަ ރެއެއްގައި އެކަނިވެރި ފަޅު ގޮނޑުދޮށެއްގައި ކުރިއަށް ދިޔައިރު އާވާ ކުރި ހިތާމައަކީ އެމޫނު ރަނގަޅަށް އެނގޭހާ އަލިކަމެއް ނެތީމައެވެ. 

"ޑާކްތަ؟ ކޮންމެވެސް އެއްޗެކޭ ބުނެބަލަ، ތިހާ މަޑުން ތިހިރީ އަހަރެން ބިރުގަންނަވަންތަ؟ " އެ ޒުވާނާގެ ހިމޭންކަން ފެނިފައި ޝައްކާއި ވަހުމުން ހިތް ފުރިގެން ދިޔުމާއިއެކު އާވާ ފަހަތަށް ފިޔަވަޅެއް ޖެހިލިއެވެ. އެވަގުތު އެއްލި ކަޅިއަކުން ފެނުނީ ގަސްތަކު ތެރެއިން ބުޅަލެއްގެ ދެލޯ ދިއްލިފައިވާ ތަނެވެ. އާވާގެ ހަށިގަނޑު ގަނޑުފެންކޮޅެއް ފަދައިން ފިނިވެގެން ދިޔުމާއިއެކު ހެޔަށް ގޮތެއްނުވީ ކިރިޔާއެވެ. އާވާ ފިސްއަޑަކުން ހަޅޭއްލަވައިގެންފާ ގޮސް ބައްދައިގަތީ ޑާކްނައިޓްގެ ކަސްރަތީ ހަށިގަނޑުގައެވެ. އެ ބާރުގަދަ އަތުތެރޭގައި ހައްޔަރުވެގެން ދިޔަ ވަގުތުކޮޅު އާވާގެ ދެފައިވެސް ބިންމަތީގައި ނުޖެހޭފަދަ ގޮތެއް ވުމާއިއެކު ހީފިލާ އަރާމުވިއެވެ. މިނިޓްކޮޅެއްފަހުން ޑާކްނައިޓް އޭނަ ކުޑަކޮށް ގަޔާއި ދުރުކޮށްލާފައި މޫނުގައި އިނގިލިން ބީއްސާލިއެވެ. ދެވަނަ ސިކުންތުކޮޅުގައި އާވާ ހީވެސް ނުކުރާފަދަ ހަދިޔާއެއް ޑާކްނައިޓްގެ ފަރާތުން ލިބުނެވެ. އަބަދު ފިރިހެނުންގެ ބީހިލުންތަކުން ރުޅިއަންނަ ކުއްޖާ އެކަހަލަ އެއްވެސް ހަނދާނެއް ނެތެވެ. މަރުހަބާ ކިޔުނީ ނޭގުމުގެ ތެރޭގައެވެ.

"ކީތް ތިކުރީ؟ " އާވާ ކުއްލިއަކަށް ދުރަށް ޖެހިލިއިރު އޭނަގެ ފައި ޖެލީކޮޅަކަށް ވެ ހަށިގަނޑުގެ ބާރުހުސްވެފައިވާހެން ހީވިއެވެ. އަނެއް ފަރާތަށް އެނބުރުނު ގޮތަށް ލަދުން މޫނުގައި ދެއަތް އެޅުނުއިރު ޑާކްނައިޓް ގެ ތޫނު ދެލޯ އެ އަނދިރީގެ ތެރެއިންވެސް އޭނައަށް ހުއްޓިފައިވާކަމުގެ އިހުސާސްކުރެވުނެވެ. އެ ތުންފަތުގެ ވެލެވެޓްކަމާއި ނޭވާގެ މީރުކަން އަދިވެސް ހިއްސުގައި ހަރުލާފައިވާއިރު މުޅިގައިގާ ވާ ހާ ލޯލިތަކެއް ކޮޅަށް ޖެހިފައިވިއެވެ. މުޅިން ބީރައްޓެހި އާ އިހުސާސްތަކެވެ. އާވާ ކުއްލިއަކަށް ހަނދާންވީ އޭނައަކީ މީހެއްގެ އަންބެއް ކަމެވެ. އޭނަ ފިރިހެނުން އަތްލުމުން ރުޅިއަންނަވަރެވެ. ޑާކްނައިޓް ދެކެ ރުހެވުނީ ދުރުގައި ހުންނާތީ ކަމެވެ. ހުރިހާ ޖަޒުބާތުތައް އޮޅުންބޮޅުންވެ އޭނަގެ ގަބޫލުކުރަމުން އައި އުސޫލުތައް މުގުރާލާފައި މިކުރެވުނީ ކޮންފަދަ ވިޔާނުދާ ކަމެއްހެއްޔެވެ؟ އަމިއްލަ ނަފުސްގެ މައްޗަށް ހިތަށް ބާރެއް ނުފޯރުވުނީ ކީއްވެހެއްޔެވެ؟ 

"އަހަރެން މިއީ ކޮންކަހަލަ މީހެއްތަ؟ މިއީ ބޭވަފާތެރިވުން ނޫންތަ؟ ކިހާ ދެރަކަމެއް، އަދި ޑާކްނައިޓްގެ ހިތުގައިވާ އެއްޗެއް އެނގެނީއެއް ނޫން، ދުވަހަކު ދެމީހުންގެ ދޭތެރޭގައި އެފަދަ ވާހަކައެއް ދެކެވުނީއެއްވެސް ނޫން، ހަމަ ފެންނައިރަށް ޑެވިލް ބޮލަށް އެރެން ޖެހޭތަ؟ " އާވާ އަމިއްލަ ނަފުސަށް އަޑުލިއެވެ.
"އަވީ، ބަލަ އެކަނިމާ އެކަނި ހުރެ ރާޅުތައް ގުނަނީތަ؟ އަހަރެން އައިއިރު މިތާހުރި ޖިންނި މަ ފެނުނީމަ ބިރުން ދުވެފިލީކަން ނޭގޭ....." ފަހަތުން ދަންނަ އަޑެއް އިވުމުން އާވާ ސިހިފައި ބަލާލިއިރު އަޔާމް ހުރީ ޓޯޗުން އަލިކޮށްލައިގެންނެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު އެދެލޮލުގެ ރީތިކަން ފާޅުވާން ހުއްޓެވެ. އަޔާމް ބުނީ އޭނަގެ ފްލައިޓް ޑިލޭވެގެން ތަންކޮޅެއް ލަސްވީކަމަށާއި ނުވީތާކަށް ފަހުން ފޯނުގެ ޗާޖްވެސް ހުސްވެގެން އާވާއަށް މެސެޖެއްހާ މިންވަރު ކޮށްނުލެވުނީ ކަމުގައެވެ. މިދިމާލަށް އޭނަ އެރުނީ ކޮންމެހެން އާވާ ހުންނާނެ ކަމަކަށް ނޫންކަމަށާއި އެހެން ބިޓެއްގެ އިންތިޒާރުގައިކަމަށް އަޔާމް ބުނެލީ ސީރިޔަސްކޮށެވެ.

"މިއޮތް ވިއްސާރައިގަ ޑޭޓަށް ކިޔާކަށް ބިރެއްނުގަނޭތަ؟ " އާވާ އަހާލައިފިއެވެ.
"އަހަރެމެން ކަހަލަ މީހުންނަށް އެހެން ގޮތެއް ނޯންނާނެއްނު، ލޯބިވާ އަންހެންކުއްޖާ އެހެން ފިރިހެނެއްގެ ފަހަތުން އުޅެންޏާ ދެން ރައްޓެހިވާން އަހާ ކޮންމެކުއްޖަކާއި ގުޅިގެން އުޅުން ނޫންގޮތެއް އޮންނާނެތަ؟ "އަޔާމް މާޔޫސީގޮތަކަށް އެހެން ބުނެލާފައި ޓޯޗުން އަލިކުރަމުން އާވާއަށް މަގުދައްކަމުން ކުރިއަށް ދިޔައެވެ. އެވަރުންވެސް ވެއްޓިފައިވާ ގޮފިކޮޅެއްގައި އަޅައިގެންފައި އާވާ ކުޑަކޮށް އަރިއަޅާލާގޮތްވިއެވެ. އަޔާމް ހިފަހައްޓާލުމާއިއެކު އާވާ ފޮޅުވާލިގޮތަށް އަޔާމްގެ މޭގައި އަތްއަޅާ ކޮށްޕާލިއެވެ.

"ގައިގައި އަތްނުލާތި، އަޔާމް ކޮންމެވެސް ބަހަނާއެއް ދައްކާފައި ގާތްވާން އެބައުޅޭ، އަހަރެން އަޔާމްގެ ގައިގާ އެންމެ ފަހަރަކުވެސް އަތްލިންތަ؟ އަތުގައި އަތްލިޔަސް އަހަރެން ފޫހިވާވަރު ރަގަޅަށް އެނގޭނެ، މީހަކު ނުހިފެހެއްޓިޔަސް އަހަންނަށް ބެލެންސް ކުރެވިދާނެ، އަހަންނަކީ ތި ހީކުރާހާ ވީކް މީހެއްނޫނޭ....." އާވާ ރުޅިވެރިކަމާއިއެކު ހަޅޭއްލަވައިގެންފާ އިރުކޮޅަކުން އަމިއްލައަށްވެސް ހައިރާންވިއެވެ. އަޔާމްގެ މަންމަ ނާޒްގެ އިހުސާންތެރިކަން ހަނދާންނައްތާލާފައި ނާޒްގެ ހުރި އެންމެ ދަރިފުޅާއި ދިމާލަށް ތާކުންތާކު ނުޖެހޭކަމަކާއި ހަޅޭއްލަވައިގަންނާނީ އޭނަ މޮޔަވީމައެވެ. 

"ތިދެން ބޮޑުވަރު، އަތްލީމަ ބްރޭކްވާން މާ ނާޒުކް މީހަކީތަ؟ ބަލަ އަހަންނަށް އެނގެޔޭ ތިއީ މީހެއްގެ އަންބެއްކަން، މިރޭ މިއެނގުނީ އަދި ފިރިމީހާއަށް ވަފާތެރިވާ މީހެއް ނޫންކަން، އަހަންނަށްވެސް ދޮގުހެދީ، ތިއީ މަކަރުވެރިއެއް، އެހެންނޫނަސް އަހަރެން ނޫޅެމޭ މޮޔަވެގެން........" އަޔާމް ކުއްލިއަކަށް އާވާއާއި ދިމާލަށް ބުނެލި ޖުމްލަތަކުން އާވާ ހުރީ ހުއްޓުންއަރާފައެވެ. އަޔާމްގެ މި ރުޅިގަނޑު ފެނިފައިނުވާ ކަމުން އާވާއަށް ލިބުނީ ޝޮކެކެވެ. 

"ސޮރީ......." އާވާ މާފަށް އެދުނެވެ.
"މާ މައުސޫމްކަމަށް ހެދިގެން ހުންނަ މީހާ އަހަރެން އައިއިރު އަދި ފިރިހެނެއްގެ އަތުތެރޭގައި، އަހަރެން ފެންނައިރަށް އެމީހަކު ގަސްތަކުގެ ތެރެއަށް ވަދެ ފިލައިގެން ދިޔައީ، އަތްނުލާށޭ ކިޔަނީ ހަމަ ބޭނުންވާލެއް ބޮޑުކަމުންތަ؟ ކޮންމެ ފިރިހެނެއްވެސް ހެޔޮވާނެ ތިކަހަލަ މީހަކަށް...... "ކުއްލިއަކަށް އަޔާމް އާވާގެ އަތުގެ މުލައްދަނޑީގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލަން އުޅުމުން އާވާގެ ކަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު ފަޒާގެތެރެއަށް އަރައިގެންދިޔަ ނަމަވެސް އެ އަޑު ވާރެޔާއިއެކު ހިނދިގެން ދިޔައެވެ. އަޔާމް އާވާގެ އަތުން ދޫކޮށްލީ ކޯންޗެއް ވިސްނާފައިކަމެއް ނޭގެއެވެ. ކުއްލިއަކަށް އޭނަ ދުރަށް ދާން ހިނގައިގަތުމުން އާވާ މަޑުމަޑުން އެއްގަމަށް އެރިއިރު ކަރަންޓުގެ އަލިތަކުން އިމާރާތްތައް ދިއްލެން ފެށިއެވެ. ހިނގާދިޔަ ކަންތަކާއިމެދު އާވާހުރީ ހާސްވެފައެވެ. އެ މިނިޓްތައް ފިލްމެއްގެ މަންޒަރުފަދައިން ލޮލުގެ ސްކްރީނުގައި ނިއުޅިގެން ދިޔައީ އެތައްފަހަރަކުއެވެ. އަޔާމްގެ ކުރިމަތީގައި އާވާގެ އަގުވެއްޓުނީއެވެ. އޭނަ މީހަކާއި އިނދެގެންކަން އަޔާމްއަށްވަނީ އެނގިފައެވެ. އަޔާމްފަދަ ރަގަޅު ލާނެތް ޒުވާނަކު ކުއްލިއަކަށް އޭނަދެކެ ފޫހިވެގެން ވާހަކަ އެ ދެއްކީ ކިހާ ދެރަވާގޮތަކަށް ހެއްޔެވެ؟ އޭނަފަދަ ނިކަމެތި އިންސާނަކަށް ހަމްދަރުދީވާ މަދު މީހުންގެ ތެރޭގައި އަޔާމް ހިމަނާފައިވަނިކޮށް އެ ލިސްޓުން އެނަން އުނިވެގެން ދިޔައީއެވެ. އޭނަ އެފަދަ ހަމްދަރުދީއާއި ލޯތްބަށް އުއްމީދުކުރަންވީ ކީއްވެހެއްޔެވެ؟ ހުރިހާ އިންސާނުން އެއްގޮތްވާނެއެވެ. އޭނަދެކެ ލޯބިވާނެ އެކަކުވެސް ނެތެވެ. 

އާވާ ވިސްނިގޮތުން ރަފްހާންވެސް އޭނައާއި އަޅައެއްނުލައެވެ. މިވިއްސާރަ ރޭ އޭނަ އަށް ކޮންމެފަދަ ގޮތެއްވިޔަސް ރަފްހާންއަށް ހެވީކަން ނޭގެއެވެ. އޭނަ އުޅޭތަނެއް ބަލާލުން ރަފްހާންއަކަށް މުހިއްމެއްނުވިއެވެ. މިރޭ ޑާކްނައިޓް ނޫނީ އަޔާމް އޭނައަށް ކޮންމެފަދަ ގޮތެއް ހެދިނަމަވެސް ރަފްހާންއަށް އެނގުމެއް ނުވާނެއެވެ. އޭނައަށް އޯގާތެރިވާނެ އެކަކުވެސް ނުވާނެއެވެ. ޑާކްނައިޓްވެސް ފިނޑިވަރު ދެކެބަލާށެވެ. އަޔާމް ފެންނައިރަށް ދުވެފިލީއެވެ. ރަފްހާން އާވާ ބަލާ އަންނާންދެން އެތާ ކަންމަތީގައި ހުއްޓާ އެންމެފަހުން ރަފްހާންއައީ ޔާކިންއާއި އެކީގައެވެ. ދެމީހުން ކޮންމެވެސް ވާހަކައެއް ދައްކަމުން ހެމުން އައިސް އާވާގެ ގާތުގައި ދޯނި ފުރަން ތައްޔާރުވީ ވާހަކަ ބުނެލިއެވެ. އާވާ ހުރީ ހިމޭންވެފައެވެ. ކަންބޮޑުވެފައެވެ. އެކުރެވުނު ކަމަކާއިމެދު އިންތިހާއަށް ދެރަވެފައެވެ. ރަފްހާންފަދަ ރަގަޅު އިންސާނަކާއި ދޭތެރޭގައި މިގޮތަށް ކަންތައްކުރުން ހެޔޮނުވާނެ ކަމުގައި ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ދެން އެކަން ނުވާކަމަށް ނެހެދޭނެއެވެ. ޔަގީންވަނީ ސާމީ އަތްލުމުން އެކުރެވުނު ފޫހި އިހުސާސްތައް ޑާކްނައިޓްގެ ސަބަބުން ނުކުރެވުކަމެވެ. އޭނަގެވެސް އިހުސާސްތަކެއް ލައްވާފައިވާކަން މިރޭ އާވާއަށް ޔަގީންކުރެވިއްޖެއެވެ. ރުހޭ މީހެއްގެ ބީހިލުމުގައި ތަފާތެއްވާކަން އެނގިއްޖެއެވެ.

އާވާއަށް އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. ލެޕް ހުޅުވާނުލެވުނު ތާގައި ފޯނު ޖައްސާލާކަށްވެސް ނުކެރުނެވެ. މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ އޭނަ މިރޭ އެކުރި ކުށުގެ ސަބަބުން ލަދުގަނެ ދެރަވަނީއެވެ. ޑާކްނައިޓްއާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނުލިބުނީއެވެ. އަޔާމް ގެ ވާހަކަތައްވެސް ހިތް ހާސްކުރުވިއެވެ. އަޔާމްއަށް އޭނައާއި ޑާކްނައިޓްއާއި ދޭތެރޭގައި ހިނގިކަންތައް ފެނިފައިވާތީ ލަދުގަންނަނީ އެވަރަށެވެ. ވިސްނިވަރަކަށް ހައްތަހާ ބޮޑަށް ސިކުނޑިއަށް ބާރުބޮޑުވެ މޮޔަވާވަރުވެއްޖެއެވެ. ޑާކްނައިޓް ބުނިފަދައިން ނަފްސާނީ މީހަކަށް ދައްކަންވީހެއްޔެވެ؟ ވިދާލާވިދުވަރު ކުޑަދޮރުގެ ބިއްލޫރިތަކަށް އެޅިގެންދާއިރު ގުގުރީގެ އަޑުގަދަކަމުން ކަންފަތްމަތީގައި ބާލީސް އަޅާ ބާރުކުރަން މަޖުބޫރުވެދެއެވެ. ހިތަށް ބިރުވެރިކަންވަދެ އެކަނި އޮންނާން ނުކެރުނެވެ. އޭނަ ރަފްހާންގެ ކޮޓަރިއާއި ހަމަޔަށް ދަމާ ގެންދިޔައީ ބިރޭ އެކިޔާ އިހުސާސެވެ. ނަސީބަކުން ރަފްހާން އޮތީ ކޮޓަރީގެ ދޮރު ހުޅުވާލައިގެންނެވެ.

"ވަދޭ...." ރަފްހާންގެ ފުންއަޑު އިވުމުން ގައިން ހީބިހި ހަލުވާލީ ކީއްވެކަމެއް ނޭގުނެވެ. އާވާ ލަދުގެންފައި ހުރެ އެކޮޓަރީގެ އެތެރޭ ފައި އެޅިއިރު އޭނަގެ ކޮޓަރިއަށްވުރެ މިތަން ފިނިހެން ހީވިއެވެ. ރަފްހާންއަށް ފިނީގެ އުދަގޫތައް ވާހެންހިޔެއްނުވެއެވެ. އޭނައޮތީ އެނދުގައި އެ ދިގު ހަށިގަނޑު ދަމާލައިގެން ފޯނާއި ކުޅޭށެވެ. ލައިގެން އޮތީ އެކަނި ޕިޖާމާލައިގެންކަމަށް ވާތީ އެ ކަސްރަތީ ހަށިގަނޑުވަނީ ހާމަޔަށެވެ. މިހާ ދަންވަރު އޭނަ ވާހަކަ ދައްކަން އޮތީ ކާކާހެއްޔެވެ؟ ހިތުގައި ޝަކުވާ އޮތަސް އެކަން ފާޅުކުރުމުގެ ހައްގު އޭނައަށް ލިބިގެންވާކަމަށް އޭނަ ގަބޫލެއް ނުކުރެއެވެ. އޭނަވެސް އެހެން މީހަކާއި ވާހަކަދައްކާއިރު ރަފްހާން ވަކި ތެދުވެރިވާން ޖެހޭހެއްޔެވެ؟ ރަފްހާން އެކަނި އޮވެގެން ކޮންމެ ރެއަކު ކުރާ މަސައްކަތަކީ މިއީ ކަމަށް ވެދާނެއެވެ.

"ވިއްސާރަ ވީމަ އަހަރެން މަތިން ހަނދާންވީތަ؟ "ރަފްހާން ގެ ރާގުގައި ކުޑަ ލާނެތްކަމެއްވިއެވެ.
"ގުގުރާތީ އެކަނި ނޯވެވިގެން މިއައީ......." އާވާ ހުރީ އެނދުގައި އޮށޯވެލަން ނުކެރިފައެވެ.
"ކޮންމެ ރެއަކު ވިއްސާރަވާނެނަމަ، އޭރުން އާވާ އައީމަ އަހަރެންވެސް ފޫހިފިލާނެއްނު، އާދޭ އޮށޯވެލަން....." ރަފްހާން ދައުވަތު ދިނެވެ. ރަފްހާން އެކި ވާހަކަތައް ދެއްކިއެވެ. އާވާ މަޑުމަޑުން ޖަވާބުދިންއިރު އާވާ ހީވަނީ ހުވަފެނެއްގައި ހުރިކުއްޖެއް ހެނެވެ. އިސްތަށިގަނޑު ދޮވެލާފައި ކްރީމް އެއްޗެއް ނުލާތީ އިސްތަށިކޮޅު ވަކިން ފަށުވިއެވެ. ފަންގަނޑެއްހެން ވިހުރިގެން މޫނަށް ހިޔާއަޅާފައި އޮތުމުން އާވާއަށް ލިބޭ ހިތްހަމަޖެހުމެއްކަން ނޭގެއެވެ. މޫނު ފޮރުވާލަން އިސްތަށިގަނޑު ވަސީލަތަކަށް ފުދެއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑުއަލިކަމުގެ ތެރޭގައި ރަފްހާންއަށް އާވާގެ މޫނު ފެނުނީ އެހެން ދުވަހަށްވުރެ ރީތިކޮށެވެ. ރަތް ތުންފަތުގެ އޮމާންކަން ލޮލުގައި އަޅައިގަތެވެ. ހިތް ބޭނުންވިޔަސް އޭނަ އާވާގެ ހުއްދަނެތް ކަމެއް ނުކުރާނެއެވެ. އާވާ އެނދުގައި ޖައްސާލިގޮތަށް އަނެއް ފަރާތަށް އެނބުރި ރަޖާއިން މުޅި ހަށިގަނޑު ނިވާކޮށްލައިފިއެވެ. ނަމަވެސް ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ގުގުރީގެ އަޑު މަޑުވުމުން މިހާރު އިވެނީ އެކަނި ފަންކާގެ މަޑު އަޑެވެ. ރަފްހާން ނިދިކަމަށް ހީކޮށްފައި އާވާ ތެދުވެގެންގޮސް ވުޟޫކުރީ އިޝާ ނަމާދުނުކުރާކަން ހަނދާންވެފައެވެ. ނަމާދުކުރެވުނީ ދެތިން ފަހަރު ހަށަން ބަދެލާފައެވެ. ނަމާދުކޮށް ނިމިގެން ގޮސް ދޮރުގެ ތަޅުގައި ހިފާލާފައި ވަކިހިސާބަކަށް ގޮސްފައި އަނެއްކާގޮސް ދޮރުތަޅުގައި ހިފާލިއެވެ. ރަފްހާންއަށް ޔަގީންވިއެވެ. އާވާގެ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި އޯސީޑީ ހިމެނެއެވެ. އެކަން ރަގަޅުކުރާނީ ކިހިނެއްހެއްޔެވެ؟

"އާވާ، ކިތައްފަހަރު ހަށަން ބަދެފަ ނަމާދު ތިކުރީ...." އާވާ އެނދުގައި އިށީދެފައި އިސްޓާކީނު ބާލަން ފެށުމުން ރަފްހާން އާވާއާއި ދިމާލަށް އެނބުރުނެވެ. ބޯދަށަށް އަތްލައްވައިގެން އޮތްއިރު އެ ރީތި ދެލޮލުން ފެނުނީ ސީރިޔަސްގޮތެކެވެ.
"ނިޔަތް ރަގަޅަށް ނުކިޔޭތީ، ހަށަން ބަންނާނީ އެއްފަހަރުކަން އެނގޭ.........." އާވާ ރުޅިއަންނަ ގޮތްވިއެވެ. އޭނަ ކޮންމެ ގޮތަކަށް ނަމާދުކުރިޔަސް ރަފްހާން މަލާމާތްކުރާކަށް ނުޖެހޭނެއެވެ.
"އާވާ، އަހަންނަށް ހީވަނީ މިގެއަށް އައިފަހުން އެކަންތައް މާބޮޑުވާން ފަށައިފިހެން، އަހަންނަށް ހުރިހާކަމެއް ފާހަގަކުރެވޭއިރުވެސް މިހުންނަނީ އާވާ ދެރަވެދާނެތީ އެއްޗެކޭ ނުބުނަން، އެކަމަކު ދެން އަޅާނުލާ ދޫކޮށްލީމަ ގޯހުން ގޯހަށްދާތީ މިބުނެލީ، އާވާ ސައިކިއޭޓްރިސްޓަކަށް ދައްކަންވީނު....." ރަފްހާންގެ އެ ޖުމްލައިން ހީވީ އާވާގެ މޫނުމަތީ އެތިފަހަރެއް ޖެހިހެނެވެ. ސިހިފައި ދެލޯ ތަންމިނަށް ބޮޑުކޮށްލަމުން ރަފްހާންގެ މޫނަށް ބަލާލައިފިއެވެ.
"އަހަރެން އެކަހަލަ މީހެއްގެ އެހީ ބޭނުމެއްނޫން، އައިމް ފައިން....." އާވާ ގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހައިފިއެވެ. ރަފްހާން ބުނަން އެއުޅެނީ އޭނައަކީ މޮޔައެކޭ ހެއްޔެވެ؟
"ކޮންމެ އިންސާނެއްގެވެސް އެފަދަ މައްސަލަ ހުންނާނެ، އެއީ ލަދުގަންނަންވީކަމެއް ނޫން، އާވާ ޔޫ ނީޑް ހެލްޕް...." ރަފްހާން ވިސްނާދޭން އުޅުނެވެ.
"ތިބުނަނީ އަހަންނަކީ މޮޔައެކޭތަ؟ " އާވާ ކުއްލިއަކަށް މޫނުގައި ދެއަތްއެޅިއެވެ. އޭނަ އެއްގޮތަކަށްވެސް ރަފްހާންގެ ކުރިމަތީގައި ރޯކަށް ބޭނުމެއްނޫނެވެ. އާވާ އެނދަށް ބަންޑުން ވެއްޓިގަތް ގޮތަށް ބާލީހުގައި މޫނު ފޮރުވާލިއެވެ. ރަފްހާން އޭނަ މޮޔައަކަށް ހަދައިފިކަން އެނގުމުން ހިތަށް ކުރި އަސަރުތައް ބަޔާންކޮށެއް ނުދެވޭނެއެވެ. ނޫނެކެވެ. އޭނައަކީ މޮޔައެއް ނޫނެވެ. ބަޔެއްގެ ފަރާތުން އަނިޔާލިބިފައިވާ މީހެކެވެ. މޮޔައިންނާއި އަނިޔާ ލިބެމުންދާ މީހުންގެ ފަރަގު ހުންނާނެއެވެ. ރަފްހާންއަށް އެކަން އެނގޭނެނަމައެވެ.

"އަހަރެން ނުބުނަމެއްނު އާވާއަކީ މޮޔައެކޭ، އާވާ؟ ރޮނީތަ؟ އަހަރެން ބުނި އެއްޗަކުން ހާޓްވިކަމަށް ވަންޏާ އައިމް ސޮރީ....." ކުއްލިއަކަށް ރަފްހާން އާވާގެ ބުރަކަށީގައި އަތްޖައްސާލިހެން ހީވިއެވެ. ރަފްހާންގެ އަތް އޭނަގެ ވަށާލެވިގެން ދިޔަކަން އިހުސާސްކުރެވުމުން ނޭވާ ހިފަހައްޓާލަން މަޖުބޫރުވިއެވެ. ކަންބޮޑުވެގެންގޮސް އާވާ އޮތީ ހިރިލާން ނުކެރިފައެވެ. ރަފްހާން ހަމްދަރުދީގެ ނަމުގައި މިއުޅެނީ ކީއްކުރަން ހެއްޔެވެ؟ ތަފާތު ވައްތަރު ވަހުމުން ބިރުވެރިކަން އިހުސާސްކުރެވިފައި އޭނަ ވަގުތުން އުއްޑުންވިގޮތަށް ދާދިކާރިން ބަލާލެވުނީ ރަފްހާންގެ ތޫނުފިލި ދެލޮލަށެވެ. ފުންކަމުން އަޑިނޭގޭފަދަ ދެލޮލުގެ ރީތިކަމަށް ޚުދު އާވާގެ ހިތްވެސް ތައުރީފުކުރިއެވެ.

"އާވާ...." ރަފްހާން އެއްޗެކޭ ބުނަން އުޅުނެވެ. އާވާ އުޅުނީ ދެއަތުން ރަފްހާންގެ ގައިގާ ޖައްސާ ދުރުކޮށްލާށެވެ. އެވަގުތު ރަފްހާން އެނާޒުކް ދެއަތްތިލަ އަތުތެރޭގައި ހައްޔަރުކޮށްލުމުން އާވާގެ ދެލޮލުން ފެނުނީ ދެވަނައެއްނެތް ބިރުވެރިކަމެވެ.
"އާވާ، އަހަންނަށް އިތުބާރުކޮށްބަލަ، އަހަރެން ނޫޅެމޭ އާވާގެ ނުރުހުމުގައި ކަމެއްކުރަން، އަހަރެން ބޭނުމީ އާވާގެ ހުރި މައްސަލައެއްވިއްޔާ ރަގަޅުކޮށް ކެރޭކުއްޖަކަށް ހަދަން، އެހެންނޫނީ ކިހިނެއް އިންސާނުންނާއި ދިމާވާ އުދަގޫތަކާއި ކުރިމަތިލާނީ؟" ރަފްހާން ވިސްނާދިނުމުން އާވާ ކޮންމެވެސް ވަރަކަށް ގަބޫލުކުރިއެވެ. ރަފްހާންގެ ނިޔަތް އެހާ ނުބައިނަމަ އޭނައަށް ވަނީ ބޭނުންގޮތެއް ހަދާލާނެ ކިތަންމެ ފުރުސަތެއްލިބިފައެވެ. ރަފްހާންގެ ވާހަކަތައް ގަބޫލުކޮށް ނަފްސާނީ މީހެއްގެ އެހީ ހޯދަން އާވާ ނިންމިއެވެ.

ހެނދުނު ތެދުވެގެން ދުވަހުގެ ތާވަލްގައި އޮންނަގޮތަށް ހުރިހާކަމެއް ކުރުމަށްފަހު އާވާ އަވަސްވެގަތީ ކްލިނިކަކަށް ދައްކަން ދާށެވެ. ނަފްސާނީ ޑޮކްޓަރެއްގެ އެހީގައި ހަޔާތުގެ ކުރިމަގު މިއަށްވުރެ ރަގަޅަށް ބައްޓަންކުރަން އާވާ މިހާރު ބޭނުމެވެ. އެހެންނޫނީ ހަލާކުވެ ނިމިގެން ހިނގައިދާނެއެވެ. ކްލިނިކަށް ވަދެފައި ނަމްބަރެއް ނަގާލާފައި ބަލާލިއިރު ޑޮކްޓަރ ނާޒް އޮތުމުން އާވާ ފަހަރެއްގައިވެސް އެއީ އަޔާމްގެ މަންމަ ނާޒްއަށް ވެދާނެކަމުގައި ހިޔެއްނުކުރެއެވެ. އެތެރެއަށް ވަނުމާއިއެކު އާވާއަށް ޝޮކެއް ލިބި ފިޔަވަޅުތައް ގަނޑުވިއެވެ. ނާޒްއަކީ ނަފްސާނީ ޑޮކްޓަރެއްކަމަށް ދުވަހަކު އޭނަގާތުގައި ބުނެފައެއް ނުވެއެވެ. މުޅިންވެސް އުޅުނީ ޕަބްލިޝް ކުރުމާއި ކޭކު އެޅުންފަދަ ކަންތައްތަކުގައެވެ. ނާޒް މީހުންނަށް ހަޔާތުގެ އެއްބައި ފޮރުވާފައިވަނީ ކީއްވެހެއްޔެވެ؟ ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު އެހެން މަސައްކަތްތައް އޭނަ ކުރަނީ ކީއްވެހެއްޔެވެ؟ ނާޒް ހީލާފައި އާވާ ގާތުގައި އިށީންނަން ބުނެފައި އާވާއަށް ސިއްރުކުރެވުނީތީ މާފަށް އެދުނެވެ. އޭނަ ހަޔެއްކަ މަހުގެ ނޯ ޕޭލީވެއް ނަގައިގެން އުޅުނީ ކަމަށާއި އާ ދިރިއުޅުމެއް ވިލިމާލޭގައި ފަށައިގެން އުޅޭތީ ގިނަކަންތައް ސިއްރުކޮށްގެން އުޅޭކަމަށް ބުނެލިއެވެ. އާވާ ކަންބޮޑުވިއެވެ. ނާޒް ގާތުގައި އޭނަގެ މާޒީގެ ވާހަކަ ކިޔާދޭން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް އާވާއަށް މަޖުބޫރުވިއެވެ. މީހަކާއި އިނދެގެން ހުރި ވާހަކަ ނުބުނެ އޭނަ ކިޔާދޭން ފެށީ ދޮންމަންމަގެ ފަރާތުން ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ވާހަކައެވެ.

"ކުރިން އިސްތަށިގަނޑު ދިގުވާނެ، ދޮންމަންމަ ފުނާއަޅާދޭއިރު މަޑުން ނުހުންނާތީ ރުޅިގަދަވެފައި އިސްތަށިގަނޑަށް ހިފާ ދަމާނެ، ވަރަށް ތަދުވޭ އެހެން ހަދާތީ، ރުޅިއަންނައިރަށް އަތް އެއްލާފައި ހިފާ ދަމައިގަންނާނީ އިސްތަށިގަނޑުގައި، އެހެންވެ އަހަންނަށް ރަގަޅީ މިގޮތަށް ކުރުކޮށް ކޮށާލީމަ....." އާވާ ތުންފަތުގައި ދަތްއަޅާލިއިރު ލޮލުގައި ކަރުނައިގެ އަސަރު ހިނގާލައިފިއެވެ.
"އަތްދިގު ހެދުން ލާން ޖެހުނީވެސް ދޮންމަންމަ އަނިޔާކުރި ވަރުން....." އާވާ ހެދުމުގެ އަތް ކުޑަކޮށް އޮޅާލާފައި އަތުކުރި ދައްކާލައިފިއެވެ. އެދޮން އަތް ވަނީ ލަކުނުތަކުން ފުރިފައެވެ. 
"ދޮންމަންމައަށް ނުކެރޭ މޫނުގައި ލަކުނު ލައްވަން، އެއީ ބައްޕައަށް ފެނިގެން ސުވާލުކޮށްފާނެތީ، ދުވަހަކުވެސް މީހަކަށް މިހަޑި ފަޔާއި އަތް ފެންނާކަށް ބޭނުމެއްނޫން، އެންމެން އަޅުގަނޑުދެކެ ހޭޓްކުރޭ، އެކަކުވެސް ލޯތްބެއް ނުވޭ......." އާވާގެ ދެލޯ ކަރުނުން ފުރުނެވެ. އެވަގުތު ޑާކްނައިޓްއާއި ރަފްހާންގެ ސޫރަ ލޮލުގެ ކުރިމަތިން ފެނިލި ސަބަބެއް ނޭގުނެވެ. އެއްފަހަރާ ދެމީހުން ދެކެ ލޯބިވެވެން ފެށީބާވައެވެ.

"ނޫން، ތިއީ ރީތިކުއްޖެއް، އެކަކުވެސް އާވާދެކެ ރުޅިއެއް ނާދޭ..." ނާޒް އާވާގެ ދެއަތުގައި ހިފަހައްޓާލިއެވެ.
"މޭ ބީ ގޯޑް ޑަޒްންޓް ލަވް މީ ކޮންމެވެސް ސަބަބަކާހުރެ، އެހެންނޫންނަމަ އަބަދު ދެރަގޮތްތަކެއް ނުވާނެ، އަބަދު ހިތަށް އަރާ އެއްޗަކީ އެއީ، އައިމް ކާރސްޑް އޭ......" އާވާ ބުނެލި ބަހަކުން ނާޒް ދިޔައީ ސިއްސައިގެންނެވެ. 
"ތިކަހަލަ އެއްޗެހި ހިތަށް އަރުވާކަށް ނުވާނެ އިނގޭ، އެއްވެސް އިންސާނަކު ފުރިހަމައެއް ނުވާނެ، ނޭގުނަސް ކޮންމެ މީހެއްގެވެސް އުނި ސިފަތައް ހުންނާނެ، ހިތާމަތަކާވެސް ކުރިމަތިވާނެ، މުއްސަދިކޮށް އުފާވެރިކޮށް އުޅޭމީހުން ކުރާ ފިކުރުތައްވެސް ހުންނާނެ، އެހެންނޫނަސް އާވާއަށް އެނގޭތަ؟ މާތް ﷲ އެންމެ ލޯބިވާ އަޅުތަކުންނަށް ގިނަފަހަރު އިމްތިހާންތައް ކުރިމަތިކުރައްވާ، އެމީހަކަށް ފަހުން ދެއްވަން ހުރީ ކޮންފަދަ އުފަލަކާއި ނަސީބުކަމެއް ނޭގޭ، މިއީ ޕާރމެނެންޓްތަނެއް ނޫން، ކޮންމެ ވަގުތަކުވެސް އަބަދަށްޓަކާ ލޯމަރާލަން ޖެހިދާނެކަމަށް ވިސްނައިގެން އާޚިރަތަށްޓަކާ މަސައްކަތްކުރަންވީ، އާވާއަށް ލިބުނު އަނިޔާތައް އަހަންނަށް އިހުސާސްކުރެވޭ، އެކަމަކު އާވާ ސްޓްރޯންގްވާން ވާނެ، ހެއްދެވިފަރާތަށް ދުޢާކޮށް އެފަރާތާއި ކަނެކްޝަން ރަގަޅުކުރުމުން ހިތަށް ހަމަޖެހުން ލިބޭނެކަން ޔަގީން، އެހެންވީމަ އެންމެ ފުރަތަމަ ކަމަކަށް އާވާ ކުރަންވީ ފަސް ނަމާދު ގަވާއިދުން ކުރަން ފެށުން......." ނާޒްގެ ވާހަކަތަކުން އާވާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ނާޒް އޭނަ ލައްވާ ހުރިހާ ވާހަކަތަކެއް އެއްފަހަރާ ކިޔުއްވާކަށް ނޫޅުނެވެ. ގަޑިއެއްހާއިރު ވާންދެން ނާޒް އޭނައާއި ވާހަކަދައްކަން އިނެވެ. ނަފްސާނީ ބަލިމީހުންނަށް ނާޒްގެ އެ ފަރުވާއާއި އޯގާތެރިކަމުން ކިތަންމެ ވަރަކަށްވެސް ހިތްހަމަޖެހުން ލިބިދެއެވެ. 

އާވާގެއަށް އައިގޮތަށް އެވާހަކަ ހިއްސާކުރީ ޑާކްނައިޓް ގާތުގައެވެ. އޮންލައިންވެގެން ވާހަކަދައްކަން ފެށުމާއިއެކު އަތިރިމަތީގައި ހިނގި ހާދިސާ ހަނދާންވެފައި އާވާ ކަންބޮޑުވެގެން އާވާ ތުންފަތުގައި ދަތްއަޅާލައިފިއެވެ. އެއީ ދެމީހުންނަށްވެސް ވަގުތާއި ހާލަތުގެ ސަބަބުން ކުރެވުނު ކަމެއްބާވައެވެ. ނޫނީ ހަގީގަތުގައިވެސް ޑާކްނައިޓް އޭނަދެކެ ލޯބިވަނީހެއްޔެވެ؟ 

"ޑާކް، އަހަރެން ބޭނުން ސިއްރެއް ބުނެލަން....." އާވާގެ ހިތް އޭރު ތެޅެމުން ދިޔައީ ވަކިގޮތެއް ބަލާފައެއް ނޫނެވެ.

ކޮމެންޓް 0