ނާޔާ ހުރީ ފޫހިވާގޮތްވެފައެވެ. ފުރަތަމައަށް އާވާ ޔާކިންގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވީއެވެ. ދެވަނަ ފަހަރު ރަފްހާންގެ އަގު ވައްޓާލަންވެގެން އާވާ ދޮގުހެދީއެވެ. ފޫހިވާކަހަލަ ކުއްޖަކަށް ވިޔަސް ގާތުގައި ބަހައްޓަން ހުއްދަދިނީ އެންމެ ސަބަބަކާހެދިއެވެ. އޭނައަށް ލިބިފައި ހުރި އަގު ބޮޑު އެއްޗެހި ދެއްކޭނެތީއެވެ. ކާ އެއްޗެހީގެ މީރުކަމާއި އުޅޭ ފެންވަރު ފެނިފައި އާވާގެ ހިތް ހަސަދައިން ފުރުވޭނެއެވެ. އަދިވެސް އެއުޅެނީ ތިމާއަށް ލިބުނު މިންވަރުން ޝުކުރު ނުވެގެން އޭނައާއި މަންމައަށް އުދަގޫކުރާށެވެ. 

"އަވީ ޔޫ އާރ ސޯ ޑްރެމޭޓިކް ޔޫ ނޯ ދެޓް....." ނާޔާ މަލާމާތުގެ ހިނިގަނޑެއް ޖަހާލުމުން އާވާގެ ހިތުގައި ޖެހިފައިވާ މިންވަރު އިތުރުވިއެވެ.
"އަހަރެން ޑްރެމޭޓިކްވަނީއެއް ނޫން ނަންނި، އަހަރެން ހުރި މަގާމުގައި ނަންނި ހުރިނަމަ އެނގޭނީ....." އާވާ ހުއްޓުނީ ކުޑަދޮރުކާރީގައެވެ. 
"ދޮންބެ އަވީ ރޭޕްކުރާނީ ދެން ހާދަ ޑެސްޕެރޭޓްވެގެނޭ، ބޭނުން ކޮންމެ އަންހެންކުއްޖެއް ފައިބުޑަށް ވެއްޓޭނެކަން އެނގޭއިރު ދޮންބެ ލޫޒަރއަކަށް ވާންވީ ކީއްވެތަ؟ އަވީއަށް ދޮންބެ ލިބުނުކަމީ އަވީގެ ނަސީބު، ދޮންބެގެ ބޭޑްލަކް، ތިހިރީވިއްޔަ ދޮންބެ ބަދުނާމްކުރަން އުޅެގަތްގޮތް، އަހަރެމެން ކާރީ ކިޔައިގެން ނުވެސްވާނެއްނު، އަވީ މާ ރަގަޅުކަމެއްނޫން ތިކުރީ، ޑީޓެއިލްސް ކިޔާދީބަލަ، އޭރުން އަހަންނަށް އެނގޭނެ..." ނާޔާ ހުރީ ނުލަފާގޮތަކަށް ހިނިއައިސްފައެވެ.

"އަހަރެން ރޫމުން ނުކުތްތަނާ ރަފްހާން އަރާހަމަވީ، ކުއްލިއަކަށް ރަފްހާން ހަގްކޮށްލި ގޮތަކުން ބިރުން ދުރުވާން އުޅުނީމަ އަދި ހެދުން ދަމައިގަތީ، ގަމީހުގެ ގޮށްފަތި ހުރިގޮތަށް ވީދިގެން އޭނަ އަތަށް ދިޔައީ، ގަމީސް ނަގަން އުޅުނީމަވެސް އުދަގޫކުރަން އުޅުނު، ނަސީބަކުން އެވަގުތު ޔާކިންއަށް އާދެވުނީ، އެތެރެއިން ތުނި ޕެޓީއެއް ލައިގެން ހުރެވުނުކަން އެއީ ނަސީބެއްކަން ނޭގޭ، އެހެންނޫންނަމަ އަހަރެން ލަދުން މަރުވާނެ..." އާވާ ކިޔާދިންއިރު ނާޔާ ހުރީ މަލާމާތުގެ ނަޒަރަކުން ބަލާށެވެ.

"އެއީ އަވީގެ ހަޒްބެންޑެއްނު، މަންމަ ބުނިހެން ކޮންމެ ކަމެއްކުރިޔަސް ކޮބާ މައްސަލައަކީ، އަވީ އަކީ ބަލަ ދޮންބެ ވައިފްއޭ..." ނާޔާ ދޫ ނެރެލިއެވެ. ނާޔާ ގާތުގައި އޭނައާއި ރަފްހާންގެ ކާވެނީގެ ހަގީގަތް ކިޔާދޭން އުޅެފައި އާވާ ފަސްޖެހުނެވެ. ބުނެދިނަސް ނާޔާ ގަބޫލުކުރާނީއެއް ނޫނެވެ. އޭނައަށް އެއްވެސް މީހެއްގެ ހަމްދަރުދީއެއް ބޭނުމެއްނޫނެވެ. މިވަރަށް ކިޔާދެވުނުކަމުގެ މޮޔަހީވިއެވެ.

"މިހިރީ އަންވަރުބެ ދިން ޖްވެލްރީ، ވަރަށް ލޯބި އެއްޗެހިތަކެއް ހުންނާނެ، ބޭނުންތަ؟ " ޖަވާހިރު އަޅާފަދަ ރީތި ފޮށްޓެއް ގެނެސް ހުޅުވާލާފައި ނާޔާ އާވާއަށް އޭނަގެ ގަހަނާތައް ދެއްކިއެވެ. އޭނަގެ އަލަމާރި ހުޅުވާލާފައި އާ ހެދުންތައް ދައްކަންފެށިއެވެ. އާވާ އެކަމަކަށް ޝައުގެއްނެތެވެ. ނާޔާގެ ދެއްކުންތެރިކަމުން އާވާ އިނީ ހައިރާންވެފައެވެ. އޭނަ މިފަދަ ބޮޑުކަމަކާ ހިތާމަކުރާއިރު ނާޔާގެ ހިތަށް އެއްޗެކޭ ނާރައެވެ. ނާޔާ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް އާވާއަށް އޭނަ އުޅޭ އުފާވެރި ދުނިޔޭގެ ކުލަ ދައްކާލައިފިއެވެ. އެމީހުން ޗައިނާއަށް ދަނީ އަންވަރުގެ ވިޔަފާރި ދަތުރެއްގައި ކަމަށާއި ބައިވަރު ފޮޓޯތައް ނަގާފައި ފޮނުވާނެކަން އެންގީ ވަރަށް ފޮނި ހިނިތުންވުމަކާއި އެކުގައެވެ. 

މާހުޖަބީން ރަފްހާންއަށް ގުޅާފައި އާވާ ބަލާއައުމަށް އެންގިއެވެ. އެމީހުން ޗައިނާއަށް ފުރަން އުޅޭކަމަށާއި އަންވަރުގެ އެޕާޓްމެންޓެއްވީމަ އަންވަރު އެހެން މީހަކު އެތާ ހުރުމުގެ ހުއްދަ ނުދޭނެކަމަށް ބުނެލުމުން ރަފްހާން ހައިރާނެއް ނުވިއެވެ. އޭނައަށް ދޮންމަންމަގެ މިޒާޖު މާރަގަޅަށްވެސް އެނގޭތީއެވެ. އެއީ އަންވަރުގެ ބޮލުގައި އަޅުވާލިޔަސް ދޮންމަންމަގެ ނިންމުމެވެ.

ރަފްހާން ބަލާއައުމުން އާވާ އެއްވެސް ގަދަ ހެދުމެއްނެތި ވަގުތުން ރަފްހާންއާއި އެކީގައި ދާން ހިނގައިގަތެވެ. މަންމައާއި ދިމާލަށް ބަލާލާކަށް ނޫނީ ވަދާޢުގެ ސަލާމްކުރުމަށް އޭނަ ބޭނުމެއްނުވިއެވެ. މަންމަ މިފަހަރުވެސް އޭނައަށް ހިމާޔަތް ނުދިނީއެވެ. އެހެން ސާމީއެއްގެ ވަކިގަނޑުގެ ދަށަށް އޭނަ އެއްލާލީއެވެ.
"ދުވަހަކު ހިތްހެޔޮނުކުރާނަން މަންމައަށް......" އާވާގެ ހިތާހިތުން ކިޔާލިއެވެ. ގެއާއި ހަމަޔަށް ދާންދެން އެދެމީހުންގެ ދޭތެރެއަށް ވެރިވެފައި އޮތީ ފުންހިމޭންކަމެކެވެ. ރަފްހާން ހުރީ ދެރަވެފައިކަން ނޭގެއެވެ. އަމިއްލަ ނަފުސަށް ބާރު ނުފޯރި އާވާފަދަ ކުއްޖަކަށް އެވަރުގެ އަނިޔާއެއް ދިނުމުން އާވާގެ ހިތުގައިވާ ޒަޚަމްތައް ހައްތަހާ ފުންވާނީކަން އެނގުނެވެ. އެހެންވެ އާވާއަށް ވަގުތުދޭން އޭނަ ބޭނުންވީއެވެ. އާވާ ގެއަށް އަންނަންވާއިރަށް އޭނަގެ ކޮޓަރި ހުރީ ސާފުކޮށްފައެވެ. އާ އެނދެއް ބެހެއްޓުމުގެ އިތުރުން އާވާ އެންމެ ހިތްހަމަޖެހުނީ މޭޒުމަތީގައި އާ ލެޕެއް ހުރިތަން ފެނިފައެވެ. އާވާ ހިތާހިތުން ރަފްހާންއަށް ޝުކުރުވެރިވިއެވެ. މާފަށް އެދެންވެގެން ރަފްހާން ކޮށްދިން ކަންތައްތައް އޭނަ ބަލައިގަތީ ޝުކުރުވެރިކަމާއި އެކުގައެވެ. ރަފްހާން އެހެންމީހުންނަށްވުރެ މާތް މީހެއްކަން ވިސްނި އާވާގެ ދެލޯ ފެންކަޅިވިއެވެ. އެފަދަ މާތް އިންސާނަކާއި އޭނަ އެކަށީގެން ނުވެއެވެ. އޭނައަކީ އުނި އަންހެންކުއްޖެކެވެ. ރަފްހާންއަށް އެކަން ނޭގެނީއެވެ. ވީއިރު ރަފްހާން އެހެން އަންހެންކުއްޖަކާއި ގުޅުނީމަ މާ ރަގަޅުވާނެކަން ނޭގެއެވެ.

"ރަފްހާން، ޔޫ ޑިޒާރވް އެ ގާރލް ލައިކް ތާނި، އަހަރެން މިއީ ރަފްހާންއާއި އެކަށީގެންވާ މީހެއްނޫން، ރަފްހާންއަށް ނޭގެނީ، އަހަރެންގެ ހަގީގަތް އެނގިއްޖެއްޔާ ހޭޓްކުރާނެ......" އާވާ އެނދުގެ ބާލީހުގައި ބައްދާލައިގެން ކުރުގެޅިލައިގެން އޮތްއިރު ދެލޮލުގައި ކަރުނަވިއެވެ.
އާވާ އޮންލައިންވެގެން ޑާކްނައިޓްއާއި ވާހަކަދައްކަން ފެށުމާއިއެކު ހުރިހާ ހިތާމައެއް ފިލިއެވެ. ގަނޑުފެނުގެ ތެރެއަށް މުޅި ވުޖޫދު ގެނބިގެން ދިޔައިމަ ވާފަދައިން ފިނިކަން އިހުސާސް ކުރެވުނެވެ. ހުދު ދަތްތައް ފެންނަވަރަށް ހީލައިގެން އޮވެ އޭނަ ވާހަކަދައްކަމުން ގޮސް އޭނަ ލިޔަން ފެށި ވާހަކައާއި ބެހޭގޮތުން ޑާކްނައިޓްގެ ޚިޔާލަކަށް އެދުނެވެ.
"މިއީ ކުރު ވާހަކައެއްތަ؟ ހީވަނީ އޯލެވެލް ޕޭޕަރަކަށް ކުއްޖަކު ލިޔެފައިވާ މަޟުމޫނެއްހެން، އެއްގޮތަކަށްވެސް ކަމަކުނުދޭ، މިހެން ބުނީމަ ޕްރިންސެސް ދެރަނުވައްޗޭ، ރަގަޅުކުރަން ވެގެން ބުނެލާ ވާހަކައެއް މިއީ....." ޑާކްނައިޓްގެ ޖުމްލައިން އާވާގެ ހިތަށް މިއަދު މޮޅިވެރިކަމެއް ނުލިބުނެވެ. ހަގީގަތުގައި އޭނަގެ ވާހަކަތަކަށް މާ ބޮޑު ތަރުހީބެއް ނުލިބެނީ ވާހަކަ ލިޔާގޮތް ކަމުނުދާތީކަން ނޭގެއެވެ. ޑާކްނައިޓްގެ ފާޑުކިޔުންތަކަކީ އޭނަގެ ކުރި އެރުމެވެ.
"ކިހިނެއް ރަގަޅުކުރާނީ...." އާވާ އަހާލިއެވެ. ޑާކްނައިޓް ބުނީ އީރާއަކީ އެލްބިނިޒަމް ކުއްޖެއްކަމަށް އިހަށް ކިޔާ ނުދިނުމަށެވެ. މަންމަގެ އެކުވެރިއެއްގެ ގާތަށް މާލެއަށް ނަމަވެސް ކިޔަވަން ފޮނުވާފައި އެގޭގެ ސިފަކުރުމަކުން ވާހަކަ ފެށުމަށެވެ. މަޑުމަޑުންގޮސް އީރާގެ ބަލި ބުނެދިނުމަށެވެ. ކުއްލިއަކަށް ހުރިހާ އެއްޗެއް ކިޔާދިނީމަ ބޮޑަށް ވައްތަރީ ކުރު ވާހަކައަކާއި ކަމަށް ބުނެދިނުމުން އާވާ އުފާވިއެވެ. އޭނައަށް ވަރަށް ބޮޑު އެއްޗެއް ދަސްވެއްޖެއެވެ. ޑާކްނައިޓް އާވާގެ ގާތުގައި އެދުނީ ބައެއް އެހެން މަޝްހޫރު ލިޔުންތެރިންގެ ވާހަކަ ކިޔާފައި ދަސްކުރުމަށެވެ. ވާހަކައާއި ބެހޭގޮތުން އިރުކޮޅަކު ވާހަކަދައްކާލުމަށްފަހު ޑާކްނައިޓް އާވާގެ ގޭގެ ވާހަކަތައް އަހަންފެށިއެވެ. އެންމެފަހުން އާވާއަށް ނުހުރެވިގެން އެގޭގައި އުޅޭ ޒުވާނަކު އޭނައާއި ބެހެން އުޅުނު ވާހަކަ ކިޔާދިނެވެ. 

"އަހަރެން ގެއިން ނުކުތީމަ މަންމަ އަހަންނަށް އެގެއިން ހިމާޔަތެއް ނުދިން...." އާވާ ބުނެލިއެވެ.
"ތިއީ އާވާގެ އަސްލު މަންމަކަމަކަށް ނުވާނެ، މަންމަ އެހާ ރަހުމް ކުޑައެއްނުވާނެ، ތިފިރިހެނެއްގެ ނަމާއި އެޑްރެސް ބުނޭ، އެފަދަ މީހުނާއި ޑީލްކުރާނެގޮތް އަހަންނަށް އެނގޭ...." ޑާކްނައިޓްގެ ވާހަކަ ހުރީ ހިތްހަމަނުޖެހިފައެވެ.
"އަހަރެން ބޭނުމީ މިގެއިން ދުރަށް ދާން، ކެން ޔޫ ހެލްޕް މީ......." އާވާ އެދުނެވެ.
"ދުވަސްކޮޅަކަށް މަޑުކޮށްލަދީ، އަހަންނަށް އަދި ތިކަމާއި އުޅެންވަގުތު ބޭނުން، މިހާރު އަހަރެން ބުނާގޮތަށް ހަދާބަލަ، ޕްރިންސެސް ކަހަލަ ކުއްޖަކާއި އެގޮތަށް ދިމާކުރާ އެންމެނަށް އަދަބު ލިބެން ޖެހޭނެ......"އާވާ ޑާކްނައިޓްގެ ވާހަކަތައް ޝައުގުވެރިކަމާއިއެކު އަޑުއެހިއެވެ.
"އެކަމަކު އެންމެ ކަމެއް އަހަންނަށްޓަކާ ކޮށްދީ، ކޮންސަލްޓް އެ ސައިކިއޭޓްރިސްޓް، ނޭގުނަސް ކުޑައިރު ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން މީހެއްގެ އެހީނެތި ތިކަމުން އަރައި ނުގަނެވޭނެކަން ޔަގީން...." ޑާކްނައިޓްގެ ވާހަކަ ހުރިގޮތުން އެކަމަށްވެސް އާވާ އެއްބަސްވިއެވެ.

އިރުގެ ހިތްގައިމު ދަޅަތައް ކްރިމްސަންވިލާގެ އަނބުގަހުގެ ފަތްތައް ފުރާނާލާފައި މުޅި ބިންގަނޑަށް ފަތުރާލައިފިއެވެ. މަޑުއަވީގެ ހޫނުކަމުން އަރާމު ލިބިގަންނަމުން އާވާ އަނބުގަސްދަށުން ހިނގާލާފައައީ ޚިޔާލެއްގައި ހުރެއެވެ. އިރުކޮޅެއްފަހުން ޔާކިން ބޭރުގައި އުޅެލާފައި އަންނަމުން އާވާ ފެނިގެން ހިނިތުންވެލިއެވެ. ޔާކިންއާއި އެކަނި ވާހަކަދައްކަން ލިބުނު ފުރަތަމަ ފުރުސަތާއިއެކު އާވާ ޔާކިންއާއި ހީލަމުން ޝުކުރު އަދާކުރިއެވެ.

"ކޮންކަމަކާތަ؟ " ރަގަޅަށް އެނގިހުރެ ޔާކިން އަހާލައިފިއެވެ. އިސްތަށިގަނޑު ޑައިކޮށްލާފައިވާތީ އިރުގެ ދަޅަތަކުން އެ އިސްތަށިގަނޑުގެ ކުލަ ވަކިން ޖާދުވީކޮށް ފެނެއެވެ.
"އެނގެއެއްނު، އެރޭ ރަފްހާންގެ ފަރާތުން ޔާކިން އަހަރެން ސަލާމަތްކޮށްދިނީ......" އާވާ ހަނދާންކޮށްލަދިނެވެ.
"ލުކް އާވާ، އެއީ މިސްއަންޑަސްޓޭންޑިން އެއް، އަހަރެން ބޭނުން ކަންވީގޮތް އޮޅުން ފިލުވާދޭން، އަހަރެންގެ އެކުވެރިންގެ ތެރެއިން އެކަކު މަސްތުވާ އެއްޗެހިތަކެއް ކޯކްފުޅިއަކަށް އަޅާފައި އަހަންނަށް ދިނީ، ނޭގުމުގެ ތެރޭގައި ދޮންބެ އެ ފުޅި ބޯލައިގެން ހަމައެއްގައި ނޫން އެވަގުތު ހުރީ، އަހަރެން ގެއަށް އައިއިރު އަހަންނަށްވެސް ފެނުނީ ރެއިން އާވާގެ ގައިގާ ގަދަކަމުން ހިފައިގެން އުޅޭތަން، އާވާ އުޅުނީ ސަލާމަތް ނުވެވިގެން، އާވާގެ ޖެކެޓް އޮތީ އަތުގައި، އަހަރެންވެސް އޭރު ހިތަށް އެރި ތަނެއް ތަނެއްވެސް ނޯންނަނީހޭ، ގަދަކަމުން ވެސް ބޭނުން ތަނެއްގައި ކޮންމެކަމެއްވެސް ކޮށްލަނީއޭ، ދޮންބެގެ މިޒާޖަކާއި ނުގުޅޭ އެފާޑަށް އުޅެން، ފަހުން އަހަންނަށް އެނގުނީ ހަގީގަތް، އަވީ ދިޔުމާއިއެކު ހެން ރެއިން އަހަރެންގެ ކާރިން އެހި އެފުޅީގައި ހުރީ ކޯންޗެއްހެއްޔޭ، ދޮންބެގެ ބިހޭވިއަރ އެގޮތަށް ހުރުމުގެ އަސްލަކީ އެއީ......" ޔާކިން ކިޔާދިނެވެ.
"އޯހް...." އާވާ އިސްޖަހާލިއެވެ.

"މީހަކަށް އެހާ ރަގަޅު ބޭބެއެއް ނުލިބޭނެ، އެހެން މީހަކުނަމަ އަހަރެން ދެކެ ކިހާ ރުޅިއަންނާނެ، އެރޭވެސް ދޮންބެ އަހަންނަށް ވިސްނާދިނީ، އެފަދަ އެކުވެރިންނާއި ގުޅުން ނުބާއްވަން އެދުނީ، އަހަރެން ހިތަށް އަރާ އެގޮތަށް ރުޅިމަޑުކުރުމުގެ ހުނަރު އަހަންނަށް ލިބިފައިވާނެ ނަމައޭ، އަހަންނަށް މިގޭތެރެއިން ފެންނަ ކަންތަކަށް ބެލީމަ ވިސްނޭ ދޮންބެއާއި އަވީގެ ގުޅުމެއް ނެތްކަން، ޓްރަސްޓް މީ، އަވީ ދޮންބެ އާއި ވަކިވާން އުޅެންޏާ އެއީ ކުރެވޭނެ އެންމެ މޮޔަކަންތައް، ކޮންމެވެސް ދުވަހަކުން އާވާއަށް އެކަން ރިއަލައިޒްވާނެ، މިބުނި އެއްޗެއް ރަގަޅަށް ވިސްނާލާތި......." ޔާކިން ދިޔުމުން އާވާ ގަހުގެ ފަތްތަކާއި ކުޅެން އެތައް އިރެއްވާންދެން ހުރިއިރު ތަފާތު ޚިޔާލުތަކުން ސިކުނޑި ފުނިޖެހުނެވެ. ޔާކިން އެކިޔާދިނީ ހަގީގަތްކަމަށްވާ ނަމަ ރަފްހާންއަކީ ހާދަ މާތް އިންސާނެކެވެ. ކޮންމެ މީހެއްގެ އުނި ކަންތައްތަކެއް ހުރެދާނެއެވެ. ނަމަވެސް ރަފްހާންގެ ފަރާތުން އެފަދަ އުނިކަމެއް އަދި އާވާއަށް ފެނިފައެއް ނެތެވެ. ރުޅިމަޑުމީހުންނަކީ އާވާ ދެކޭގޮތުގައި އެންމެ ރަގަޅު މީހުންނެވެ. ރުޅިއަކީ ޝައިތާނީ ސިފައަކަށް ވާހިނދު ރުޅިއަންނަ ވަގުތުގައި އަތުން ފައިން ގޯސްހަދާނީ ރުޅިގަދަ މީހުންނެވެ. ރަފްހާން އެފަދަ މީހަކަށް ނުވިކަމީ އޭނަގެ ނަސީބު ހެއްޔެވެ؟

ރަފްހާންގެ ހިތުގައި އާވާއާއި މެދު އުފެދެމުން އައި ހަމްދަރުދީ އާއި ކުލުނު ލޯބީގެ ސިފަ ޚިޔާރުކުރަން ފެށިކަން އޭނައަށް އެނގުނަސް އެކަން ގަބޫލުކުރަން އުދަގޫވިއެވެ. އާވާގެ މިޒާޖާއި އުޅުން އޭނަ ބަލާ ދަސްކުރަމުން އައިއިރު އެފަދަ ކުއްޖަކާއިއެކު ހަޔާތް ކަޑައްތުކުރަން ފަސޭހަވާނެ ނުވާނެކަން ރަފްހާންއަށް އެނގުނެވެ. ނަމަވެސް ރަފްހާން ގަބޫލުކުރީ އިންސާނަކު މަސައްކަތްކޮށްފިއްޔާ ކޮންމެކަމެއްވެސް ކާމިޔާބުކުރެވިދާނެ ކަމުގައެވެ. އެ އުއްމީދުތައް ފެނަށްވެގެން ދިޔައީ ރަފްހާންއަށް އިއްތިފާގުން ފެނުނު މަންޒަރަކުންނެވެ. ރަފްހާން ވިލިމާލެއަށް ދިޔައީ އެއްގޮތަކަށްވެސް އާވާ އެރަށަށް ހިނގައިދާނެކަމަކަށް ނޫނެވެ. އެރަށަށް އޭނަ ދިޔައީ އޮފީސް ދަތުރެއްގައެވެ. އަރީޝްއާއެކު ކޮފީއަށް ގޮސްލާފައި އަންނަނިކޮށް ފެނުނީ އާވާއާއި ފިރިހެންކުއްޖަކު އަތިރިމަތީގައި ހީފައި ވާހަކަދައްކަން ތިބި މަންޒަރެވެ.

"ރީތި ކަޕްލްއެއް ދޯ، މަހީކުރީވެސް ރެއިންގެ ވައިފްކަމަށް، ވައްތަރެއް ނޫންތަ....." އަރީޝް ރަގަޅަށް އެނގިހުރެ އަހާލައިފިއެވެ. ރަފްހާން ޖަވާބެއް ނުދިނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ފެންކަޅިވާގޮތްވިއެވެ. އާވާއާއި އެ ފިރިހެންކުއްޖާއާއި އޮތީ ކިހާވަރެއްގެ ގުޅުމެއްބާވައޭ ހިތަށް އެރިއެވެ. އެއީ އަޔާމްއަށް ވެދާނެ ހެއްޔެވެ؟ އަޔާމްގެ ނަން ރަފްހާންގެ ހިތުގައި ބިންވަޅު ނެގެންވީ ސަބަބެއް އެއްގޮތަކަށްވެސް ނޭގުނެވެ.

އެރޭ ރަފްހާން ގެއަށް އައިގޮތަށް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރިއިރު ވިސްނަމުން ދިޔައީ ހަދާނެގޮތަކާއި މެދުގައެވެ. އާވާ ކާރިން ހަގީގަތް އޮޅުން ފިލުވަން ސުވާލުކުރަންވީއެވެ. އަޔާމްއަކީ ކާކުތޯ އަހަންވީއެވެ. ޖަވާބު ނުލިބެނީސް ހިތަށް ހަމަޖެހުމެއް ދެން ނުލިބޭނެއެވެ. ނަމެއްގައިވެސް އާވާއަކީ އޭނަގެ އަންހެނުންނަށް ވާއިރު ބޭނުންހާ ފިރިހެންކުއްޖަކާއި ވާހަކަދައްކާ ބޭނުން ކުއްޖަކާއި ބައްދަލުކޮށް މޫދަށް ދެވިގެން ނުވާނެއެވެ. އަރީޝް އޭނަގެ ގާތުން އެގޮތަށް އަހާލިއިރު އަރީޝްއަށްވެސް އެއީ އާވާކަން ރަގަޅަށް އެނގޭނެއެވެ. ލަދުގަތީ އޭނައެވެ. އެކުވެރިން ގާތުގައި އޭނަގެ އަގު ވެއްޓޭނެއެވެ. އެންމެފަހުން ކެތްނުވެގެން އާވާއަށް ގުޅާލާފައި އޭނަގެ ކޮޓަރިއަށް އައުމަށް އެދުނެވެ. ފަސްމިނިޓް ތެރޭގައި އާވާ އެކޮޓަރިއަށް އައިއިރު މޫނުމަތިން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމުގެ އަސަރު ފެނެއެވެ. ރަފްހާން ކުޑަދޮރު ކާރީގައި ބޭރަށް ބަލަން ހުރެފައި ކުޑަކޮށް އެނބުރިބަލާލިއެވެ. އޮފީހުން އައިގޮތަށް އަދިވެސް އޭނަ ހުރީ ފަޓްލޫނާއި ކަޅުކުލައިގެ އަތްދިގު ގަމީހުގައެވެ. ގަމީސްލާފައި ހުރިއިރު ހަށިގަނޑުގެ ރީތިކަމާއި ސީދާކަން ހާމައަށްވެއެވެ. ސްމާޓްކަމުގެ އިންތިހާއެވެ.

"އާވާ، އެރޭގެ ކަންތަކާ އަހަރެން މާފަށް އެދެން، އައި ވޯޒް ނޮޓް މައިސެލްފް، ހެދުން ދަމައިގަނެވުނީތީ ސޮރީ، މާ ބޮޑުކަމެއް ނުހިނގިޔަސް އަތްލުމަކީ ކުށެއްކަމަށް އާވާ ދެކޭތީ މާފަށް މިއެދުނީ......" ރަފްހާން ހުރީ ދެރަވެފައެވެ. ދެމީހުންގެ ދޭތެރޭގައި އޮޅުން އަރާފަދަ ކަންތަކެއް ހުރިއްޔާ ސީދަލަށް ބުނެވެން ވާނެއެވެ. އެހެންނޫނީ ހައްތަހާ ހިތް ގޯސްވުން ނޫންކަމެއް ނުވާނެއެވެ. 
"މާފުކޮށްފިން، ކަންތައް ހިނގިގޮތް ޔާކިންވަނީ ކިޔާދީފަ، ކުށްވެރިޔަކީ ޔާކިންކަމަށް ބުނި، އޭނަ ބަހައްޓާފައި ހުރި އެއްޗެއް ބޮއިގެން ސަކަރާތްވީ........." އާވާގެ ލޮލުގެ ވިދުވަރު ކުޑަކޮށް ގަދަވެލިއެވެ.
"ޔާކިން އެހެން ބުނިތަ؟ " އެއީ ރަފްހާން އުއްމީދު ކުރިކަމެއް ނޫނެވެ. ޔާކިން ކުށެއްކޮށްފައި އެހެން މީހެއްގެ ކާރީ އެއްބަސްވުމަކީ ވާނެކަމެއް ނޫނެވެ. އާވާ ގާތު އެވާހަކަ ބުނީމަ ހައިރާންވީ އެހެންވީމައެވެ.
"މިއަދު ހަވީރު ވިލިމާލެއަށް ދިޔައީ ކީއްކުރަންތަ؟" ރަފްހާން ދުރުދުރުން ސުވާލުކޮށްލުމުން އާވާ ކަންބޮޑުވާގޮތްވިއެވެ. އާވާ ވިސްނާލާފައި އަޔާމްއާއި އޭނައާއި އޮތް ގުޅުން ރަގަޅަށް ކިޔާދިނެވެ. ރަފްހާން ހީކުރާފަދަ އެއްވެސް ގުޅުމެއް އޭނައާއި އަޔާމްގެ ނެތްކަމަށާއި އޭނަގެ މަންމަ ދަންނަނީ ކަމުގައި ބުނެދިނެވެ. އާވާ އެހުރިހާ ވާހަކަތައް ކިޔާދިނީ ރަފްހާންއަށް އެވަރުގެ ހައްގެއް އޮންނާނެކަން އެނގޭތީއެވެ. ކޮންމެ ގޮތެއްވިޔަސް ފިރިމީހާއަށް ވާހިނދު އާވާ ކޮންމެވެސް ކަހަލަ އިހުތިރާމެއް ކުރަން ޖެހޭނެއެވެ. ދެރައީ އަޔާމް ނޫނަސް އެހެން މީހަކަށް ހިތް ދެވިފައިވާކަމެވެ. ސިއްރުކުރަން ޖެހުނީ އެވާހަކައެވެ. ޑާކްރެއިންއޭ ކިޔާފައި ރަފްހާން އެރޭ ދިމާކުރީ އޭނައަށް ކިހާމިންވަރަކަށް އެނގިގެން ބާވައޭ އަހަން އުޅެފައި އާވާ ފިނޑިވިއެވެ.

"އާވާ، ކީއްވެ މީހަކު ކިރިޔާ އަތްލިޔަސް އެވަރުވަނީ، އަހަރެން ހަނދާން އެބަހުރި މެރިޖްގެ ކުރިން އާވާ ކުރި ރިކްއެސްޓް، އެންމެ ސުވާލެއް އޮތީ، ކީއްވެ މީހުން އަތްލީމަ ބިރުގަންނަނީ؟ ނޫނީ އެ ހުއްދަނެތީ އެކަނި އަހަންނަށްތަ....." ރަފްހާން ކުޑަދޮރުގެ މަތީގައި ކުޑަކޮށް އިށީދެލައިގެން އިނދެ ހަށަން ބަދެލިއެވެ. އޭނަގެ ފުރިހަމަ ސަމާލުކަން އާވާގެ މައްޗަށް ހުއްޓުމުން އާވާ ހާސްވާގޮތްވިއެވެ.
"ނޫން، އެކަކަށްވެސް ނެތް..." އާވާ އަވަހަށް ބުނެލިއެވެ.
"ކިހާދުވަހަކަށް ތިހެން ހުރެވޭނެތަ؟ އަހަރެންވެސް ބަލާނަން......" ރަފްހާންގެ ނަޒަރު ތޫނުކަމުން އާވާއަށް އުދަގޫވިއެވެ. އެވަރަށް ރަފްހާން ބަލާތީ ކަންބޮޑުވެގެން އެތަނުން ދުވެފިލަން ބޭނުންވިއެވެ.
"އަހަރެން ނިދިއަތުވެއްޖެ، ދެން ދަނީ....." އާވާ އަނެއް ފަރާތަށް އެނބުރުނެވެ. 
"އޯކޭ، އަހަރެން މިއުޅެނީ ދަތުރުދާންވެގެން، ބައިވެރިވާނަންތަ؟ " ރަފްހާން އެހާ ރީތިކޮށް ބުނުމުން އާވާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ރަފްހާން ގާތުގައި ޔާކިން ބުނެފައިވަނީ އާވާގެ ނަފްސާނީ މައްސަލައެއް ވަރަށް ބޮޑަށް އެބަހުރިކަމުގައާއި އަވަހަށް ނަފްސާނީ މާހިރަކަށް ދެއްކުމަށެވެ. އެވަރަށް އަތާއި ތަންތަން ދޮވެ ހަދަނީ އޯސީޑީގެ ސަބަބުން ކަމަށާއި މާބޮޑުވަރު ނުވަނީސް ފަރުވާހޯދުން ރަގަޅުކަމަށް އޭނަވަނީ އިންޒާރުކޮށްފައެވެ.

ގިނަބަޔަކު ދަތުރު އައި ދުވަހެކެވެ. ރަފްހާން އާއި ޔާކިންވެސް ބައެއް އެކުވެރިންނާއިއެކު އެރަށަށް އައީ މަޖާކޮށްލާށެވެ. އާވާ ގާތު އަޔާމް އަންނާނެކަމަށް ބުންޏަސް އޭނަގެ ހިލަމެއް ނުވިއެވެ. އާވާ ހުރީ ރަފްހާންއާއި އަޔާމް ތަޢާރަފުކޮށްދޭށެވެ. އަޔާމް އެންމެ ފަހުން ދިމާވި ދުވަހު ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައިވާކަން އާވާ ފާހަގަކުރިއެވެ. އާވާ ދެން މާ ސިއްރުވެރިވާން އުޅެނީއޭ ކިޔަކިޔާފައި ފަހުން އާވާއަށް ބެލީ ތަފާތު ނަޒަރަކުންނެވެ. މާ ގައިގޯޅިވާންވެގެން އުޅުނުހެން ހީވިއެވެ. އާވާ ގާތުގައި އޭނަ ވާހަކައެއް ބުނަން އެބައޮތްކަމަށްވެސް ބުނެލިއެވެ. އެ ޚިޔާލުގައި އިންދާ ޑާކްނައިޓް މެސެޖްކޮށްލާފައި އޭނަވެސް މިރަށުގައި އުޅޭކަމަށާއި ބައްދަލުވާން ބޭނުންކަމަށް ބުނުމުން އާވާގެ ހިތް ފުންމާނުލީ ކިރިޔާއެވެ.

"އެގޭ މީހުންނާއި އެކީގައި މިއުޅެނީ...." އާވާގެ އިނގިލިތައްވެސް ތުރުތުރުލާންފެށިއެވެ.
"ޓެލް ދެމް އަހަންނަކީ ޕްރިންސެސްގެ ކިހާވަރެއްގެ ގާތް މީހެއްކަން، އެހެންނޫނަސް އަހަންނަށް އެނގޭ ޕްރިންސެސްގެ ހިތުގައި އަހަންނަށްޓަކާ ފީލިންގްސްވާކަން، ނޫންތަ؟ އެހެންވީމަ އަހަރެމެން ދުރުން އުޅުމުގެ ބޭނުމެއް ދެން ނެތް، މިއަދު ބޭނުން ޕްރިންސެސް އަށް އަހަންނަކީ ކާކުކަން އެނގެން...." ޑާކްނައިޓްގެ މެސެޖްތަކުން އާވާގެ ގައިން ހީބިހި ހަލުވާލިއެވެ. އެހެންނޫނަސް ޑާކްނައިޓްއާއި ބައްދަލުވާ ހިތުން ހިތް ބޭގަރާރުވެފައިވާތާ ކޮން ދުވަހެއް ހެއްޔެވެ؟ ފަހުން އާވާ އުޅުނީ މީހުންނާއި އެކަހެރިވެލައިގެން ތަންކޮޅެއް ދުރުގައި ފޯނާއި ކުޅެލަ ކުޅެލައެވެ. ރީތި މަންޒަރުތައް ފޮޓޯނަގާކަމަށް ހަދައިގެން އިނދެ އޭނަ މެސެޖް ކުރަމުން ދިޔައެވެ. އޭރު އުދަރެސް އަންނަނީ ހިނދެއް ހިނދަކަށް ކަޅުވަމުންނެވެ. ރީތިކޮށް އޮވެފައި ވިއްސާރަވާން ފެށީމަ އާވާ ދެރަވިއެވެ. އާވާ އެކަނި ދޮންވެލިގަނޑުމަތީގައި އިށީދެލައިގެން އިނީ އެންމެމީހެއްގެ އިންތިޒާރުގައެވެ. އިރުއޮއްސުމަށްފަހު އަނދިރިކަން ހައްތަހާ ފުންވިއެވެ. ޖެހިގެން ހުންނަ މީހާވެސް ނޭގޭވަރަށް އަނދިރިވެގެން ދިޔައީ މުޅި ރަށުން ކަރަންޓް ދިޔަފަހުންނެވެ. މިހާ އަނދިރީގައި އެކަނި ހުންނަން ހަދައިގެން ލަނޑެއް ލިބިދާނެތީ އާވާ ދާންވެގެން އެނބުރިލިއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ ގައިގާ އަޅައިގަތެވެ. އެނގެނީ އަނދިރީގެ ތެރެއިންވެސް އެމީހެއްގެ އިސްކޮޅުން ދިގުކަމެވެ. ހިޔަނިއެއްފަދައިން ފެންނައިރުވެސް ރީތިކަމެވެ. އޭނަ ހުރީ ވާރޭ ކޯޓެއްގައި ފޮރުވިގެންނެވެ.

"ޑާކް ނައިޓްތަ....." އާވާގެ ހިތް ތެޅިގަތްލެއް ބާރުކަމުން މޭގައި އަތްއަޅާލެވުނެވެ.
"ހާދަ އަނދިރިއޭ، އަހަންނަކަށް ނުފެނޭ....." އާވާ ބޭނުންވީ ޑާކްނައިޓްގެ މޫނު ދެކެލާށެވެ. މިރޭ ކަރަންޓްގެ އަލިކަމެއް ނެތްތާގައި މިހިސާބުގައި ތަރިތަކުގެ އަލިކަންފުޅެއްވެސް ވަނީއެއް ނޫނެވެ. ދުނިޔެވަނީ ކަޅު ސާލު އޮޅާލައިގެންނެވެ. ކަޅުފޮއި ރެއަކަށްވިކަން ހާދަ ދެރައެވެ. އެހެންނޫންނަމަ މިރޭ އޭނަގެ ހިތުގެ ވެރިޔާ ފެނުމުގެ ނަސީބު ލިބުނީސްކަން ޔަގީނެވެ. 

ކޮމެންޓް 0