ދެލޮލުގެ އެސްފިޔަތައް ބާރުކޮށްލައިގެން އޮވެ ހަޅޭއްލަވައިގަތް ގޮތަށް އާވާ ސިހުނީ އެމީހެއްގެ އަތުގެ ހިމާޔަތުން ދޫކޮށްލިގޮތަށް ވެއްޓިގެން ދިޔައިމައެވެ. ހަރު ތަޅުން މަތީގައި ބަންލާފައި ޖެހި އަތަށާއި ބުރަކަށްޓަށް ކެތްނުކުރެވޭ ވަރަށް ތަދުވިއެވެ. އަތަށްވީ ތަދަށް ވުރެ ގެންފައިވާ ބިރުވެރިކަން މާ ބޮޑުވިއެވެ. ހިތްތެޅިގަތްލެއް ބާރުކަމުން ހުއްޓިދާނެހެންވެސް ހީވިއެވެ. ކަރުތެރެ ހިކި ދެފައި ބާރެއްނެތް ޖެލީކޮޅެއްހެން ވެއްޖެއެވެ. 

"ޔަގީނޭ އެވާނީ ޔާކިންއަށް، އަހަރެންގެ އަތަށްވެސް ތަދުކޮށްލައިފި، ނަންނި ބުނިހެން އެ ފިރިހެނާގެ ޖެއްސުން މިހާރުއްސުރެން އަހަންނަށް ފޯރަން ފެށީކަން ނޭގޭ، އެކަމަކު އަހަރެންވެސް ކުށް ޤަބޫލު ކުރަން ޖެހޭ، އަހަރެން ވެއްޓިގެން ދިޔަ ބޮނޑީގައި އޭނަގެ ގައިގައި ލައްވާލީ، އޭނަ އަހަރެން ހިފެހެއްޓީމަ އަހަރެންވެސް ވެއްޖެ ހަޅޭއްލަވަން، އެކަމަކު އަހަރެން މަރުވިޔަސް އަތްލައިގެން ނުވާނެއްނު، ގައިގައި އަތްލުމަކީ އަހަރެން އެންމެ ނުރުހުންވާ ކަންތައްކަން އެނގޭނެނަމަ....." އާވާ ކުދި ކިޔަން ފެށިއެވެ. ދެތިން މިނިޓް ފަހުން ދެލޯ ހުޅުވާލާފައި ވަށައިގެން ހޯދާލިއިރު އެމީހެއްގެ ހިލަމެއްނުވިއެވެ. ދުޅަވެފައިވާ އަތަށް ބަލައިލާފައި އާވާގެ ދެލޯ ކަރުނުން ފުރޭގޮތްވިއެވެ. ހިތްވެސް ތެޅެމުންދިޔައީ ބާރުބާރަށެވެ. ހީވަނީ ރޭހެއްގައި ދުވެފައި އައިސް ހުއްޓުނު މީހެއްހެންނެވެ.

އެވަގުތު ސިޑިމަތިން ފިޔަވަޅުތަކެއްގެ އަޑު އިވުމުން އާވާ ތެދުވާން މަސައްކަތްކުރިއެވެ. އާވާއަށް ހަރަކާތެއް ނުކުރެވެނީސް ފެނުނީ ނާޔާ ދުވެލާފައި އައި ތަނެވެ.

"ކިހިނެއްވީތަ؟ މާ ބާރަކަށް ހަޅޭއްލަވައިގަތީމަ ނަންނި ހާޓް އެޓޭކެއް ނުޖެހުނީ ކިރިޔާ....." ނާޔާ ދެލޯބޮޑުކޮށްލިއެވެ.
"ރެއިލިންގް މައްޗަށް އެރީމަ ފައި ކައްސާލީ....." އާވާ އަތުގައި ފިރުމާލަމުން ތެދުވެ ދިގުނޭވަޔެއް ލިއެވެ. ނަފުސް ހަމަޔަކަށް އަޅުވާލީ ދާދި ފަސޭހައިންނެވެ. އޭރުވެސް އާވާ ވިސްނަމުން ދިޔައީ އެމީހަކާއި މެދުގައެވެ. އަޅާނުލާ ސުވާލެއް ނުކޮށް ދިޔައީ ކީއްވެހެއްޔެވެ؟ އޭނައާއި އެހީވާކަށްވެސް ނޫޅުނެވެ. އޭނައާއި ނާޔާ އެކަނި އުޅޭކަން އެނގުމުން ގެއަށް ވަން ވަގެއް ނޫންބާވައެވެ. ޚިޔާލެއްގައި ހުރެ އޭނަ ނާޔާ އާއެކު ތިރިއަށް ގޮސް އަތުގައި އައިސްޕެކް އަޅަންފެށިއެވެ. ނާޔާ ތަދުކަނޑުވާ ބޭސްގުޅައެއްވެސް ގެނެސްދިނެވެ. އަދި ކްރެޕް ބެންޑޭޖެއް ގެނެސް އަތުގައި އޮޅާލަދިނެވެ. ވަގުތީ ހައްލެއް ހޯދުނީމަ އާވާހުރީ ހިތްހަމަޖެހިފައެވެ. އެ ހާދިސާ ހަނދާން ނައްތާލަން އުޅުނަސް އެކަމެއްވެސް ފަސޭހައެއް ނުވިއެވެ. އެތައް އިރެއްވީއިރު އެމީހާގެ ބޭނުންކޮށްފައި ހުރި ސެންޓުގެ ވަސް ހެދުމުން ނުފިލާ ހުރީއެވެ. ހެދުން ބަދަލުކޮށްލައިގެން އަތް ދޮވުމުން އާވާގެ ތަބީއަތު ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ.

އަންވަރު މާހުޖަބީންއަށް ގެނެސްދިން އަނގޮޓި ފެނުމުން އޭނަގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. މިއީ މިފަދަ އަގުހުރި އިނާމެއް ލިބުނު ފުރަތަމަ ފަހަރެވެ. އަންވަރުގެ ހަދިޔާތަކުން މާހުޖަބީންގެ ހިތް ކުރިއަށްވުރެ ޒުވާން ވެއްޖެއެވެ. 
"ތެންކިއު، އަދި މިހިރީ އާވާއަށް ޖޮބް ހޯދަދިނީމަވެސް ޝުކުރު އަދާނުކޮށް....." މާހުޖަބީން ގެ އަންނާރުފަދަ ކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލަމުން އަންވަރުގެ ދެލޮލަށް ބަލާލިއެވެ.
"ހޫމް އަދި އެހެން އަހަން ކަމަށޭ މިހިރީ، އާވާއަކީ ކާކުގެ ދަރިއެކޭތަ؟ " އަންވަރު ކޮފީތަށިން ކޯވަރެއް ދަމާލައިފިއެވެ.
"ދައްތައެއްގެ ދަރިއެއް...." މާހުޖަބީން އަންވަރުއާއި ހަތަރުކަޅި ހަމަކުރިއެވެ.
"ނަންނި ނޫން ދަރިއަކު ނުވެސް ލިބޭދޯ، އަދި ފިރިހެންކުއްޖަކު ހުރީމަ އާއިލާ ފުރިހަމަވާނީ......" އަންވަރު ހިނިގަނޑެއް ޖަހާލުމުން މާހުޖަބީންގެ މޫނުމަތި ރަތްވެގެން ހިނގައްޖެއެވެ. އެއީވެސް އޭނަގެ ރީތިކަން އިތުރުވާ ސިފައެކެވެ.

"ރަފްހާން އާއި ޔާކިން އަކީ އަހަރެންގެ ވެސް ދަރިންނެއްނު، އަމީން އަންހެންކުއްޖެއް ވިއްޔަ ނުލިބިގެން އުޅުނީ، ނަންނި ލިބުނުފަހުން އަހަރެން ބޭހެއް ނުކަން، އެހެން އެއްވެސް ޕްރޮޓެކްޝަނެއް ދުވަހަކު ބޭނުންކުރީއެއް ނޫން، އެކަމަކު ނަންނި ނޫން ދަރިއެއް ނުލިބުނު........" މާހުޖަބީން އެސްފިޔަތައް ތިރިކޮށްލިއެވެ. އަންވަރުއާއި ގުޅިގެން އުޅެން ފެށުމުން އަންވަރުގެ ލާނެތް ވާހަކަތަކާއި ގެނެސްދޭ ހަދިޔާތަކުން މާހުޖަބީންގެ ހިތް ފުރުވާލައިފިއެވެ. އޭނަ ބިރުގަންނަނީ އަންވަރު އޭނައަށް ކެއްސެއް ދީފާނެތީއެވެ. އަމީން ވަރިކުރުމުން އަންވަރު އޭނައާއި ކައިވެނި ނުކޮށްފިއްޔާ އޭނަ ވަންނާނީ ކޮން ތާކަށްހެއްޔެވެ؟ އެހެންނޫނަސް އޭނަގެ އާއިލާއާއި އެކުވެރިންވެސް ދޫކޮށްލާފައި މާލެ އައި ފަހުން އެމީހުންގެ ހާލު ބަލާ އުޅެވުނުލެއް އެހާ މަދެވެ. އެއިން އެއްވެސް މީހެއްގެ ކާރިއަށް ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟

މާހުޖަބީން ކޮޓަރީގައި ދެކޮޅަށް ހިނގާ ހިނގާލާހުރިއިރު އަތުގައިވާ އަނގޮޓީގައި އެތައްފަހަރަކު ފިރުމާލައިފިއެވެ. އަމީން ގާތުން ވަރިވުމަށްވުރެ ރަގަޅު ގޮތެއް ނެތެވެ.
އެތައް ޒަމާނެއްވާންދެން އެކީގައި އުޅުނު ބައިވެރިޔާ ދޫކޮށްލަންވުމުން ހިތަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް އެބަ ލިބެއެވެ. ކުށްވެރިކަމުގެ ހިތި އިހުސާސް ކޮންމެވެސް ވަރަކަށް ކުރެވުނެވެ. އަމީންގެ ކުށެއްނެތި މިގޮތަށް ވަކިވެގެން ދިޔުމަކީ ރަގަޅު ކަމެއް ހެއްޔެވެ؟ ނަމަވެސް އަމީންގެ ފަރާތުން އޭނައަށް ދެވެނީ ކޮން ހިމާޔަތެއް ރައްކާތެރިކަމެއް ހެއްޔެވެ؟ ލިބެނީ ކޮން ލޯތްބެއްހެއްޔެވެ؟ އަމީންގެ ދަރިންނާއި ކޮއްކޮ އަމީން ބަލާފާނެއެވެ. އޭނަ ނެތަސް އަމީންއަކަށް މިއަދު އުނިވާނެ އެއްޗެއްނެތެވެ. މާހުޖަބީން އަމިއްލަ ހިތަށް ވިސްނާދޭން މަސައްކަތްކުރީ އޭނަގެ ކުށެއްނުވާ ކަމުގައެވެ.

މޫސުން ސަކަރާތް ދުވަސްކޮޅަކަށް ވީމަ ނާޔާ އަރިދަފުސް ރޯގާ ޖެހިގެން ހުން ވައްތަރުވެލި ގޮތަށް ދުވާލުހަތަރު ދަމު އެކަމާ ޝަކުވާކުރިއެވެ. ސްކޫލްވެސް ކެންސަލްކުރިއެވެ. ރޭގަނޑު ކައިގެން ހޫނު ފެނުން އާވި އަރުވަން އުޅެފައި ސިޓްރިޒިން ގުޅައެއް ކާލިގޮތަށް އޭނަ ދިޔައީ ނިދާށެވެ. އާވާ މުޅިންހެން އުޅުނީ ތިރީބައިގައެވެ. ނަމާދު ނުކުރެވޭ ދުވަސްކޮޅަކަށް ވުމުން ކޮންމެހެން ކޮޓަރިއަށް ދާކަށް މަޖުބޫރެއް ނުވިއެވެ. މަތީބައިގާ އެކަނި އުޅޭކަށް އޭނައަކަށް ހިލާ ނުކެރޭނެއެވެ. އޭނަ މަންމަ ގާތު އާދޭސްކޮށްގެން މިރޭ ބޭރަށް ދިޔަ ނުދޭންވީއެވެ. 

އާވާ ރިމޯޓާއި ކުޅެން އިންދާ މަންމަގެ ހައިހީލްސްތައް ތަޅުންމަތީގައި ޖެހިލާއަޑު އިވެންފެށިއެވެ. އޭނަ އަވަހަށް ޓީވީ ނިވާލާފައި ދޮރާއި ދިމާލަށް ބަލަންފެށިއެވެ. އޭރު ހިތުގެ ތެޅުން އިންތިހާއަށް ބާރުވެއްޖެއެވެ. މަންމަ ފެނުމުން އާވާއަށް ބަލަން އިނދެވުނީ ހައިރާންވެފައެވެ. ރަތްކުލައިގެ ހެދުމެއްލައިގެން ހުރިއިރު ރީތިކަމުގެ އިންތިހާއެވެ. 

"މަ......ދައްތަ ބޭރަށް ދަނީތަ؟ " އާވާ މިފަހަރު މާހުޖަބީން ބޭނުންވާގޮތަށް ނަން ކިއެވެ.
"އާން، ކިހިނެއްވީތަ؟ " މާހުޖަބީން ހަރުކަށި ގޮތަކަށް އަހާލައިފިއެވެ. ހީވީ އާވާ ކުރަން ނުޖެހޭ ސުވާލެއްކޮށްލި ހެންނެވެ.
"ނަންނިވެސް ނިދައިފި، އެކަނި މިގޭގައި އިންނާކަށް ނުކެރޭނެ،ވިއްސާރަވީމަ...." އާވާ ކޮޅަށް ތެދުވަމުން އާދޭހުގެ ގޮތަކަށް އޭނަގެ މަންމައާއި ދިމާލަށް ބަލާލައިފިއެވެ. އޭރުވެސް ތުނިކޮށް ވާރޭވެހޭ އަޑުއިވެއެވެ. ކޮންމެ ވަގުތަކުވެސް ވާރޭ ބޯކޮށްފާނެއެވެ. 
"މިހާރު ރަފްހާން ގެއަށް އަންނަން އުޅޭނެ، އެއީ ބޮޑު ސިންގާ ފިރިހެނެކޭ، އޭނައަށް ނުދެވޭ ހިމާޔަތެއް މަށަކަށްވެސް ނުދެވޭނެ...." މާހުޖަބީން އަތުކުރީގައިވާ ގަޑިއަށް ބަލާލައިފިއެވެ.
"ރަފްހާން؟ " އާވާއަށް އެއީ ކާކުކަމެއް ނުވިސްނުނެވެ. އެނަން ނާޔާ ބުނެފައިވާ ހަނދާނެއްވެސް އެވަގުތު ނުވިއެވެ. ލޮލަށް ގޮތެއް ހަދާލީ އެހެންވެއެވެ. ހަނދާނުގައި ވަނީ ޔާކިންގެ ނަން އެކަންޏެވެ.

"އޭނަ މިއަދު ހެނދުނު މިރަށަށް އައީ، ގެއަށް ވަދެލާފައި އެކުވެރިއަކާއި އެކީގައި ރިޒޯޓަކަށް ދިޔަގޮތަށް ބުނި މިރެއަށް މާލެ އާދެވެނެއޭ، ރަފްހާން ވަރަށް ނައިސްވާނެ، އޭނަ ހުރީމަ އެކަނިވެގެން ނޫނީ ބިރުން އުޅޭކަށް ނުޖެހޭނެ......" މާހުޖަބީން ވާހަކަދައްކަން ހުއްޓާ ސައިކަލެއްގެ އަޑު އިވިފައި މާހުޖަބީންގެ މޫނުގެ ކުލައަލިވެގެން ހިނގައްޖެއެވެ. އޭނަ ދޮރުން ބޭރަށް ބަލާލާފައި އާވާއަށް ނަޒަރު ހުއްޓާލިއިރު ހިނިތުންވުމުގެ އަސަރުތައް މޫނުމަތިން ފެނެއެވެ. ރަފްހާންއަށް އާވާ ތައާރަފުކޮށްދީފައި އޭނަ ބޭރަށް ދާނީއެވެ. ތަންކޮޅެއް ކުރީގައި ރަފްހާން އާއި އާވާ ގުޅުވާކަހަލަ ޚިޔާލެއް ކުރެވުނަސް މިހާރު މާހްޖަބީން އެ ޚިޔާލު ހިތުން ނެރެ އެއްލާލިތާ ކިތަންމެ ދުވަހެކެވެ. ރަފްހާންއަކީ ތައުލީމީ މޮޅު ޒުވާނެކެވެ. ނަމަވެސް އެހެން ޒުވާނުން ފަދައިން އަގުބޮޑު ކާރުތަކާއި ފޯނު އެއްޗެހި ހޯދައިގެން މުއްސަދިވާ ކަހަލަ ޚިޔާލެއް އޭނަގެ ނުހުރެއެވެ. މާހުޖަބީން ދެކޭގޮތުން ކުރިއަރައިގެން ދަނީވެސް އަންވަރުފަދަ ހިތް މޮޅު ފޮނި ފިރިހެނުންނެވެ. 

ރަފްހާން ދޮރުމައްޗަށް އެރިތަން ފެނިފައި އާވާ ބަލާލިއެވެ. ކަޅާއި ރަތުގެ ޓީޝާޓަކާއި ނޫ ޖިންސެއް ލައިގެން ހުރިއިރު ރަފްހާން ގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލާފައެވެ. އެތަނުގައި ރަސްކަން ކުރަމުންދާ ފަނޑު އަލި އެ މޫނަށް އެޅިފައިވާއިރު ރަންކުލައަރާހެންވެސް ހީވިއެވެ. މޫނާއި އިސްތަށިގަނޑުގައި ވިދަ ވިދާހުރި ފެންތިކިތައް ފޮޅާލަމުން އާވާއާއި ދިމާލަށް އޭނަ ބަލާލީ ފަރުވާކުޑަ ނަޒަރަކުންނެވެ. ހުޅުވާލި ދޮރުން ވާރޭވެހޭ މަންޒަރާއިއެކު ރަފްހާން ފެނުނުލެއް ނަލަކަމުން މާހްޖަބީންއަށް ބަލަން ހުރެވުނެވެ. 

"ރެއިން، މިއީ ކޮން ކުއްޖެއްކަން އެނގޭތަ؟ މިއީ މަންމަގެ...." މާހުޖަބީން އާވާއަށް ބަލާލާފައި އެއްޗެކޭ ބުނަން އުޅެނިކޮށް އާވާ އޭނައަކީ މިގޭގައި ގެންގުޅޭ ކުއްޖެކޭ ބުނެލި ގޮތުން މާހުޖަބީން ރުޅިގަދަވާގޮތްވިއެވެ. އާވާ ހާދަ ލަދުކުޑަވެއްޖެއެވެ. އޭނަ ވާހަކަދައްކަން ހުއްޓާ މެދުކަނޑާލާފައި އަނގަ ބާނަން ޖެހޭ ހެއްޔެވެ؟

"މިއީ މަންމަގެ ދައްތަގެ ދަރިއެއް، އާވާ، ރެއިންވެސް ބަލަންވާނީ މިއީ ކޮއްކޮއެއްގެ ގޮތުގައި އިނގޭ........" މާހުޖަބީން ނިކަން ފަސޭހައިން މޫނަށް ވެރިވި ކުލަވަރު ބަދަލުކޮށްލާފައި ހިނިތުންވެލައިފިއެވެ.
"އާވާ، މިއީ ރަފްހާން މައި ސްޓެޕްސަން އެކަމަކު ހަމަ ދަރިއެކޭ ބުނެވޭނީ....." މާހުޖަބީން ބުނެދިނެވެ. ރަފްހާން ހައިއެއް ޖަހާލީމަވެސް އާވާ ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. ދެއަތްތިލައިގެ އިނގިލިތައް މަހާލަމުން މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރެ ނޭގުމުގެ ތެރޭގައި ރަފްހާނުއަށް ކަޅި އަޅާލިއެވެ. ހިތުގައި ހަސަދަވެރި ކަމެއްވެސް އުފެދުނެވެ. ރަފްހާންއަށް ބަލާލި ގޮތާއި އޭނަ ލައްވާ މަންމަ ކިޔުއްވިތަން ފެނިފައި އާވާގެ ހިތަށް ނޭގޭފަދަ އަސަރެއް ކުރިއެވެ. މަންމަގެ ހިތުގައި އޭނައަށް ވުރެވެސް ބޮޑަށް ދޮންދަރިއަށް ކުލުނާއި ލޯބި ހުރިކަން އެވަގުތުކޮޅު ސާބިތުކޮށްދީފިއެވެ. މަންމަގެ ލޯބި ހޯދަން އޭނަ މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އޭނައަކީ އެކަނިވެރިއެކެވެ. އޭނަ މަރުވިޔަސް ހިތާމަކުރަން ތިބީ ބައްޕައާއި މާމައެވެ. އެދެމީހުން އޭނަ އެކަނިވެރިކަމުގެ ތެރެއަށް ދޫކޮށްލާފައި މާ ދުރަށް ހިނގައްޖެއެވެ. ދެން ހުރި ގާތް މީހަކީ ތާނިޔާއެވެ. އޭނަ މަރުވެއްޖެއްޔާ ތާނިޔާވެސް ހިތާމަކުރާނީ ދެތިން ދުވަހަށެވެ. އޭގެ ފަހުން ހަނދާން ނައްތާލަފާނެއެވެ. އޭގެ މާނައަކީ އޭނަދެކެ ލޯބިވާނެ އެކަކުވެސް މިވަގުތު ދުނިޔޭގައި ނެތްކަމެވެ. މަންމައާއި ކޮއްކޮ މިހާ ގާތުގައިވާއިރު އެހާ ދުރެވެ. 

"ކަނޑު ގަދަތަ ދަރިފުޅާ....." މާހުޖަބީން ރަފްހާންގެ މޫނަށް ބަލަން ހުރީ މައިވަންތަކަމުގެ ނަޒަރަކުންނެވެ.
"ކަނޑަށް ބަލިކުދިން ބިރުގަންނަހާ ރާޅުތައް ބޮޑޭ މަންމާ، މަންމަ މިހާ ވިއްސާރަ ރެއެއްގައި ބޭރަށް ދާންތަ؟ ޕާޓީ ކުރާކަހަލަ ރެއެއްވެސް ނޫނެއްނު..... " ރަފްހާން ސަމާސާގޮތަކަށް ބުނެލިއެވެ. ފުރަތަމަ ފަހަރަށް އާވާއަށް ބަލާލި ގޮތަށް އެތާ އާވާ ހުރިކަން ރަފްހާން ހަނދާނެއްވެސް ނެތްކަން ނޭގެއެވެ.
"އެކުވެރިއަކާއިއެކު، ޑިނަރއަކަށް ކިޔާފައި އޮތީމަ..." މާހުޖަބީން ކުޑަކޮށް އަޅައިގެންފަ ބުނެލިއެވެ. ދޮންދަރިންނަށް ވިޔަސް އޭނަ އެކުދިން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކުދިން ދޫކޮށްލާފައި ދާންވީމަ ހިތަށް ހާދަ އުދަގޫވެއެވެ. ރަފްހާން އައުމުން އޭނަ ހިތަށް އެރިގޮތަށް އުޅެގެން ބޭޒާރުވާން މާގިނަ ދުވަހެއް ނުވާނެކަންވެސް އެނގެއެވެ. މިހެން ނޫޅެ އޭނައަށް ވާކަށް ނުވެސް ނެތީއެވެ. މިގޭތެރެއިން އޭނައަށް ލިބެންވާ އެއްވެސް ޟަރޫރީ ބޭނުމެއް ނުފުދެއެވެ. އޭނަ ވަޒީފާއާއި އާއިލާ އަދި އެކުވެރިން ދޫކޮށްލާފައި މާލެއަށް ހިޖުރަކުރީ އެންމެ ބޭނުމަކުއެވެ. މިއަދު އެކަންތަކާ ވަކިވުމުން ހީވަނީ ހަޔާތުން ބޮޑުބަޔެއް އުނިވެފައިވާހެންނެވެ.

"ނަންނިވެސް ބުނި އާވާ ވާރޭދެކެ ބިރުން އުޅޭ ވާހަކަ، މީހަކު ހައިރާނެއް ނުވާނެތަ؟ ވާރޭ ވެހުނީމަ އެހެން މީހުންނަށް ހިތްހަމަޖެހުން ލިބޭއިރު އާވާއަށް ބިރުވެރިކަން ލިބުމަކީ ހަމަ އަޖައިބެއް އިނގޭ، ރެއިން، އާވާ ބަލާދެއްޗޭ......." މާހުޖަބީން ހިނިތުންވެލާފައި ފެންޑާއަށް ނުކުމެ ކާރަށް އިންތިޒާރުކުރަން ފެށިއެވެ.

ރަފްހާންއަށް ވުރެ ކުރިން އާވާ ސިޑިން އަރައިގެން ދާން އުޅެފައިވެސް ބިރުވެރިކަން އޭނަގެ ދެފައި ބަނދެލިހެން ހީވިއެވެ. ނާޔާއަށް ގޮވާ ހޭލައްވައިގެން އެކޮޓަރިއަށް ވަދެ ނިދާލުން ނޫންގޮތެއް މިރޭ ނެތެވެ. އާވާ އަނދިރި ކޮރިޑޯއިން ދުވަމުންގޮސް ނާޔާގެ ކޮޓަރީގެ ދޮރުގައި ހިފާލިއިރު ހިތް ތެޅެމުންގޮސް ނޭވާ އުފުރި އަރާވަރުވެއްޖެއެވެ. އެތައް ފަހަރަކު ގޮވާފައި ދޮރުތަޅާ ހެދީމަވެސް ނާޔާ ދޮރު ނުހުޅުވުމުން އާވާއަށް ނުރޮވުނީ ކިރިޔާއެވެ. ކިތަންމެ ނިދި ގަދަމީހަކަށްވިޔަސް އެވަރުން ހޭލެވޭނެއެވެ. ނާޔާ ގަސްތުގައި ދޮރު ނުހުޅުވީއެވެ. އޭނަ ގާތަށް ނާޔާ ކަމަކު އައިއްޔާ ކޮންމެ ކަމެއް ކޮށްދޭނެއެވެ. އޭނަ މިހާބޮޑަށް މީހެއްގެ އެހީއަށް އެދޭއިރު އެއްވެސް ފަރާތަކުން އެހީ ނުވާނީ ހެއްޔެވެ؟

"ބައްޕަ ދުނިޔޭގައި ހުރިނަމަ....." އާވާ ލޮލުން ކަރުނަ ފޮހެލާފައި އަނދިރީގެ ތެރެއިން ފާރަށް ލެނގިލައިގެން ހުރީ މޮޅިވެރިގޮތަކަށެވެ. ވައިރޯޅިތައް ކުރިއަށްވުރެ ބާރުވާންފެށިކަން އެތެރޭގައި ހުރިއިރުވެސް އާވާއަށް އިހުސާސް ކުރެވުނެވެ. ފަންކާތައް ނިވާލާފައި ހުރިއިރުވެސް އޭނައަށް ފިނިވެ އިސްތަށިގަނޑު އުދުހެން ފެށިއެވެ. އާވާ ކޮރިޑޯއިން ނުކުމެގެން އައިއިރު ކާބަޔާއި ދިމާލުން ކޮފީވަސް ދުވާހެން ހީވެގެން ގޮސް ކާކޮޓަރިއަށް ވަންނަން ދިޔައިރު ރަފްހާންވެސް ނުކުންނަން އައީއެވެ. ދެމީހުން މުޑިއަރާ ރަފްހާންގެ އަތުގައި ހުރި ކޮފީތަށި ބަންޑުން ނުވީ އޭނަ ހުޝިޔާރުކަމާއިއެކު ފަހަތަށް ޖެހިލުމުންނެވެ.

"ހިނގާއިރު ބަލައިގެން އުޅެން ދަސްކުރަންވީނު، މިއަދު ދެވަނަފަހަރަށް ތި ޖެހިގަތީ....." ރަފްހާނު އާވާއަށް އަންގާލީ މެންދުރު އެކްސިޑެންޓްވީވެސް ރަފްހާންއާއި ކަމެވެ. 
"އަމިއްލައަށްވެސް ތިހާ ބާރަށް ހިނގާތީއެއް ނޫންތަ؟ އަހަރެން ބޭނުންވެގެނެއް ނޫން..... " އާވާ ރުޅިއަންނަގޮތްވިއެވެ.
"މީހާއަށްވުރެ އަނގަ ގަދަ ދޯ، ހުރޭ، މަ ބަލާނަން ތިހެން ކިހާ ދުވަހެއްވާންދެން އުޅެވޭތޯ....." ރަފްހާން ހައިރާންވި ވަރަށް މަޖާވެސް ވިއެވެ.

ހާދަ ގަދަކޮށްލާފައި އުޅޭ ކުއްޖެކެވެ. ކުޑަކޮށް ހުއްޓަސް ވަރެއްގެ ދުލެއް އެބައޮތްކަން އަންގާލަދީފިއެވެ. އޭނަ ފެނުނީމަ ގިނަ އަންހެންކުދިން ތުއިވެ އެއުޅޭ ވައްތަރަކަށް އާވާ ނޫޅެއެވެ. ތަފާތެވެ. ވަރަށް ތަފާތެވެ. މިޒާޖުގައި ހުރިގޮތަކީ ކަމަށް ވެދާނެއެވެ. ދޮންމަންމަވެސް މިކުއްޖާއާއި އެހާ ހިތްހަމަޖެހޭހެން ހިޔެއް ނުވެއެވެ. އޭރު ދޮންމަންމަ އޭނައަށް މިކުއްޖާ ތައާރަފުކޮށްދޭން އުޅުނީމަ އަނގަ ގަދަކޮށްލާފައި ވާހަކަ ދެއްކި ގޮތުން ދޮންމަންމަގެ މޫނު ބަނަވިތަން ރަފްހާންއަށް ފެނުނެވެ. ބޮޑުދައިތައަކަށް ވިޔަސް ވާހަކަދައްކަން ޖެހޭނެ އުސޫލެއް އޮންނަންވާނެއެވެ. އޭނަ ވަނީ ޑޭޒީ ގެ އިތުރުން މިގެއިން އެހެން ނޯކަރުން ދެކެފައެވެ. އެންމެންވެސް އޭނަގެ ބައްޕައާއި އެމީހުންނަށް އިހުތިރާމް ކުރިއެވެ. ކޮންމެހެން އެމީހުން މާ މޮޅުވެގެން ނޫނެވެ. އެގޮތަށް ބޮޑެތި މީހުންނަށް ކުޑަކުދިން ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ކުރަން ވާނެއެވެ.

ރަފްހާން ކޮފީ ފޮދެއް ބޯލަމުން އާވާގެ ދެލޮލަށް ބަލާލައިފިއެވެ. ކޮންމެވެސް ވަރަކަށް އެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ތެމިފައިވާ އެސްފިޔަތަކުން ވެސް އޭނަ ރޮއިފަ ހުރިކަން ހާމަވިއެވެ.

ރަފްހާން އިތުރު އެއްޗެކޭ ބުނަން އުޅެފައި އެއްޗެއް ވިސްނާލާފައި ސިޑިން އަރައިގެން ދިޔައީއެވެ. ވާރޭ ބޯކޮށްލުމުން އާވާ ބިރުން ގޭތެރެއަށް ވަންނާން ނުކެރިފައި ސިޓިން ރޫމްގެ ސޯފާގައި ބޮކި ނިވާލައިގެން އިނެވެ. އޭނަގެ ހިތް އަވަސްވަނީއެވެ. ރޮވޭގޮތް ވަނީއެވެ. ހިތަށް ގޮތެއްވަނީއެވެ. ބައެއްފަހަރު ވާ ގޮތްތައް ބުނެދޭކަށްވެސް ނޭގެއެވެ. ހާސްވެގެން ގޮސް މަރުވެދާނެހެން ހީވާފަހަރު އާދެއެވެ. ނަމަވެސް ހިނދުކޮޅަކުން އޭނަ ހިތް ސަމާލުކުރިއެވެ. މަންމަ އޭނައަށް އެހީވާނެނަމައެވެ. ބައްޕަ ފަދައިން އޭނަދެކެ ލޯބިވާނެނަމައެވެ. ބައްޕައަށްވުރެ މަންމަ ގާތުގައި ވާހަކަދައްކަން އޭނައަށް ފަސޭހަވާނެއެވެ. އޭނަގެ ހިތާމަތައް ކޮންމެވެސް ފަރާތަކާ ހިއްސާކުރާހިތުން ކެތްމަދުވެފައިވެއެވެ.

މާހުޖަބީން ގޭގެ ދޮރު ހުޅުވާލާފައި ވަންއިރު ބޮޑުކޮޓަރި އަނދިރިކަމުން އަތްދިއްކޮށްލާފައި ސްވިޗް ޖައްސާލައިފިއެވެ. ސޯފާގެ އަތްގަނޑުގައި ބޯ ޖައްސާލައިގެން އުދަގޫ ގޮތަކަށް ނިދިފައި އިން އާވާ ފެނުމުން ހޭއްލަވަން އުޅެފައިވެސް މާހުޖަބީން ބޮކި ނިވާލިއެވެ. އެގޮތަށްވެސް ބައެއްކުދިންނަށް ނިދާލަން ފަސޭހައީކަން ނޭގެއެވެ. ތުންފަތްމަތީގައި އޭރުވެސް ހުރީ ނުފިލާ ހިނިތުންވުމެކެވެ. އަމިއްލަ ދަރިންނާއި އަޅާލާވަރަށް ވުރެ މާހުޖަބީންގެ ޚިޔާލްވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. ނާޔާގެ ހާލު ބަލާލާކަށްވެސް ނޫޅެ އޭނަގޮސް އަމިއްލަ ކޮޓަރީގެ ދޮރު ހުޅުވާލާފަ ވަދެއްޖެއެވެ.

ރަފްހާން މާލޭގައި އުޅޭތީ މާހުޖަބީން ރޭގަނޑު ގެއިން ނުކުތުން ހުއްޓާލީ ވަރަށް ވިސްނާފައެވެ. ރަފްހާންއަށް އަދި ޝައްކުވިޔަދޭކަށް އޭނަ ބޭނުމެއްނޫނެވެ. ރަފްހާންގެ ވިސްނުން ތޫނުކަމުން ދާދި ފަސޭހައިން ދެނެގެންފާނެއެވެ. އެހެންނޫނަސް އަމީންގެ ގާތުން ވަރިވެގެން މިގެއިން ނުކުމެގެންދާއިރަށް އާވާ މީހަކާއި ދެވުން މުހިއްމެވެ. ބޭނުން ނުވިޔަސް އެއީ މާހުޖަބީންގެ ޒިންމާއެކެވެ. ދެރައީ އާވާގެ ބައްޕަ އެކުއްޖާ ތަރުބިއްޔަތުކޮށްފައިވާ ގޮތެވެ. ނުވީތާކަށް އިސްތަށިގަނޑު އެއޮތީ ފިރިހެންކުއްޖެއްހެން ކޮށާލާފައެވެ. މޭކަޕްކޮށް ފަރިވެގެން، ރީތިކޮށް ހެދުން އަޅަން ދަސްކޮށްދިންނަމައެވެ. އުޅުން ހުރި ކެރޭ ކުއްޖަކަށް ހެދިނަމައެވެ. އާވާގެ ކައިވެންޏަށް ފިރިހެންކުއްޖަކު ހޯދަން ކުރާ މަސައްކަތް ނާކާމިޔާބުވާތީ މާހުޖަބީން މިހިރީ ފިކުރު ބޮޑުވެފައެވެ.

މާހުޖަބީން ނާޔާ ގޮވައިގެން ދިޔައީ އެކުވެރިއަކު ދިން ދައުވަތަކަށް ރޭގަނޑު ކެއުމަކަށެވެ. މަންމަ ބޭނުންވިނަމަ ކޮއްކޮއެއްގެ ގޮތުގައިވެސް އޭނަ ގެންދެވިދާނެއެވެ. އެވަރުކޮށްލާކަށްވެސް މަންމައަކަށް ނުކެރުނެވެ. އާވާގެ ހިތަށް ތޫނު ތަދެއްވިއެވެ. މަންމަ އޭނަ ބާކީކޮށްލާފައިވާވަރު އިހުސާސް ކުރެވޭފަދަ ކިތަންމެ ކަމެއް މިގޭ ތެރޭގައި ދަނީ ހިނގަމުންނެވެ. ޚާއްސަކޮށް ރަފްހާންއާއި ނާޔާއާއި މުޚާތަބުކޮށް މަންމަ ދަރިފުޅާއޭ ކިޔާލާ ކޮންމެ ވަގުތަކު އާވާގެ ހިތުގައި ޖެހެއެވެ. ނަމަވެސް އޭނަ ހުންނަނީ ހިނިތުންވުންތަކުގެ ނިވަލުގައި އެކަން މަންމައަށް ފޮރުވައިގެންނެވެ. މަންމަ ބެހެއްޓި ދުރުމިނުގައި ހުންނަން އޭނަވަނީ އަޒުމް ކަނޑައަޅާފައެވެ. ބެލްކަނީގެ ރެއިލިންގައި ދަތްދޮޅި ޖައްސާލައިގެން ދުރަށް ބަލަން ހުއްޓާ ނާޒްގެ ފޯނު ކޯލެއް އައެވެ. އެގެއަށް އަންނަން ދައުވަތު ދިނުމުން އަދި އާވާގެ ބޮލުގެ ރިހުމަށްވިއެވެ. މީހެއްގެ ކުރިމައްޗަށް ދާނެ ހިތްވަރެއް އޭނަގެ ނެތެވެ. ނަމަވެސް ނާޒް އެހާ ރީތިކޮށް އެދުނީމަ ދެކޮޅުހަދާނީ ކިހިނެއް ހެއްޔެވެ؟

އާވާ ކަޅުކުލައިގެ ސްކިނީއަކާއި ރީދޫކުލައިގެ ހެދުމެއްލުމަށްފަހު ލޯގަނޑު ކާރީގައި ހުރެ އިސްތަށިގަނޑުގައި ބުރުސް ހިންގާލައިފިއެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުން ފެންނަލެއް ވަކިން ތާޒާއެވެ. ތެމިފައިވާ އެސްފިޔަތައްވެސް ވަކިން ކަޅުކުލަ ގަދަކަމަށް ދައްކައެވެ. އެއިންކަމެއް އާވާއަކަށް އިހުސާސެއްނުވިއެވެ. ބަނޑުހައިކަން އިންތިހާއަށް ދިއުމުން އެއްޗެއް ކާލަންވެގެން ތިރިއަށް ދާން ގަސްތުކޮށްފައި އޭނަ ދޮރު ހުޅުވާލައިފިއެވެ. އެއާއިއެކު އެހިސާބާ އަރާހަމަވި ރަފްހާން ފެނުމުން އާވާ ސިހިފައި ނިކަން އަވަހަށް ދޮރު ލައްޕާލާފައި އެތެރެއަށް ދެމިގަންނަން އުޅުނެވެ. ރަފްހާން ދޮރު ދޭތެރެއަށް އަތްލެއްވީ ހުޝިޔާރުކަމާއި އެކުގައެވެ.

"ހާދަ ފާސްޓޭ، ތިއުޅެނީ ކިހިނެއްވެގެންތަ؟ އަހަރެން ފެނުނީއްސުރެ އާވާ ތި އުޅޭގޮތުން އަހަރެންގެ ހިތުގައި ވަރަށް ސުވާލު އުފެދިއްޖެ......." ރަފްހާންގެ ޖުމްލައިން އާވާ ދެލޯ ބޮޑުކޮށްލާފައި ފަހަތަށް ޖެހެން އުޅުނެވެ.

ކޮމެންޓް 0