ރަފްހާންވެސް ވިސްނާނުލާ އެތެރެއަށް ވަންނަން ހަދައިގެން ދޮރުގައި ބޯ ޖެހުމުން ބޮލުގައި ފިރުމާލާފައި އަމިއްލަ އަކަށް ހިނިތުންވެލިއެވެ. މިކޮޓަރީގެ ދޮރު ތިރިކޮށް ފަރުމާ ކުރެވިފައިވާކަން ރަފްހާންއަށް ވިސްނާނުލެވުނީ އަދި ކިރިޔާއެވެ.

"އަހަންނަށް ތަދުކޮށްލީތީ އަދަބެއް ލިބޭނެ، ދެން ކޮންތާކަށް ފިލަން ދުވާނީ؟ " ރަފްހާން ލާނެތް ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އާވާ ލޮލުން ކަރުނަތިއްކެއް ވައްޓާނުލައިހުރެ ކަރުނަތައް ދިރުވާލިއިރު ހިތް ބާރުބާރަށް ތެޅުނެވެ. ހިތަށް އެންމެ ފަހަރަކުވެސް ހަމަޖެހުން ނުލިބި އެކިދިމަދިމާލުން އޭނަ ނުތަނަވަސްވާވަރުގެ ކަންތައް ހަމަލާދެނީއެވެ. ރަފްހާން އޭނަގެ ކޮޓަރިއަށް ވަންނަން ޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ރަފްހާން އާވާ އާއި ކައިރިވެލާއިރަށް އާވާ ނުރުހުމާއިއެކު ރަފްހާންގެ މޭގައި އަތްއަޅާފައި ކޮށްޕާލަން އުޅުނެވެ. ރަފްހާން އެ ނާޒުކް އަތުގައި ހިފާލީ އަމިއްލަ ބާރު އަންދާޒާކުރެވިފައި ނެތިކަން ނޭގެއެވެ.

"މަގޭ ގައިގައި އަތްނުލާ، ތަދުކޮށްލައިފި......" އާވާ ހީވަނީ ހިސްޓީރިއާ ޖެހިފައިވާ ކުއްޖެއްހެންނެވެ. އަޑު ހިމަކޮށްލާފައި ގާތްގަނޑަކަށް ހަޅޭއްލަވައިގަތުމުން ރަފްހާން ހައިރާންވެ އަންތަރީސްވިއެވެ. އާވާއާއި ބައްދަލުވާ ކޮންމެ ފަހަރަކު ސިކުނޑީގައި ހައިޖާނެއް ހިންގާލައެވެ.

"ކިހިނެއް ތި ވަނީ؟ " ރަފްހާންގެ އަތުގައި އާވާ ދަތް އަޅާމުލުން ލިބުނު ސިހުމާއިއެކު އެއަތުން ދޫކޮށްލެވިއްޖެއެވެ. އާވާވެސް އެއަތުން ލޭ އޮހިގަތުމުން ލިބުނު ސިހުމާއި ބިރުވެރިކަމާއިއެކު ވިދާލި ވިދުވަރެއްހެން ދޮރުހުރަސްކޮށް ލޯމަތިން ގެއްލިއްޖެއެވެ. އާވާ ގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ސިޓިންރޫމްގެ ކުޑަދޮރުތަކުގައި ދަމާފައިވާ ބޯ ފަރުދާގެ ފުރަގަހަށް ވަދެފައެވެ. ނަސީބަކުން ފަރުދާގެ ފަސްބައި އޮތީ ބިންމަތީގައި ފެތުރިފައެވެ. އެތާ ފިލާ ހުރީމަ ރަފްހާން އަކަށް ނޭގޭނެ ކަމަށް އޭނަ ޔަގީންކުރިއެވެ. ރަފްހާން އެގޮތަށް ކޮޓަރިއަށް ވަދެ އިންޒާރުކުރީމަ އޭނަ ބިރުންގޮސް ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަދަބުދޭ ވާހަކަ ބުނާއިރަށް ރަފްހާންގެ ނިޔަތާއިމެދު ޝައްކުވިއެވެ. އެހެންނޫނަސް އޭނަ ރަފްހާންގެ އަތްވެސް ކާލީއެވެ. ރަފްހާން ހީކުރާނީ ކީކޭހެއްޔެވެ؟ އަނގައިގާ ލޭ ރަހަލާން ފެށުމުން މޭނުބައިކުރާގޮތްވިއެވެ. 

"އާވާ، އާވާ......" ގެއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން ރަފްހާންގެ ފިރިހެންވަންތަ އަޑު އިވުނެވެ. ފަރުދާގެ ނިވަލުގައި ފިލާހުރި އާވާ ނޭވާ ހިފަހައްޓާލިއެވެ. މަންމަ ހާދަ ގޯހެވެ. ސިންގާ ކޮށްޓަކަށް ލާފައި ދިއުމާއި ފިރިހެނަކާއިއެކު މިހާ ފަޅު ގެއަކަށް ލާފައި ދިއުމާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ މަންމައިން އަންހެން ދަރިން ރަގަޅަށް ނުބަލާތީ އޭނައަށް ޖެހިފައި މިވަނީ ކޮންފަދަ ހާލެއް ހެއްޔެވެ؟ މާޒީ އަލުން ތަކުރާރުވިޔަ ނުދޭން އާވާ އަޒުން ކަނޑައެޅިއެވެ. އެއަށްވުރެ އަމިއްލަ ފުރާނަ ދުއްވާލިޔަސް މާ ރަގަޅުވާނެއެވެ.

"ހައިޑް އެންޑް ސީކް ކުޅެނީތަ؟ މަންމަ މިގެއަށް ގެނެސްގެން މިއުޅެނީ އިންސާނެއް ކަމަށް އަހަރެން ހީކުރީ، މިހާރު އެނގިއްޖެ ވެމްޕަޔަރެއްކަން، ވެމްޕަޔަރ ގާލް......." ރަފްހާން ކުއްލިއަކަށް އައިސް ފަރުދާގައި ހިފާ ދަމައިގަތުމުން އޭނަގެ ކަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު އިވިގެން ދިޔައެވެ. އޭރު އާވާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅާތަން ފެނުނެވެ.

"ކީއްވެ ތި ރޮނީ؟ ރޯންޖެހޭ މީހަކީ އަހަރެންނެއްނު، ބަލާބަލަ އަހަރެންގެ އަތަށް ހަދާފައި އޮތްގޮތެއް......." ރަފްހާން އަތް ދައްކާލަމުން ހީލިއެވެ. ހީކުރި ވަރަށްވުރެވެސް އާވާ ފިނޑިއެވެ. އެހެންނޫނަސް އޭނަ މިގޮތަށް ދިމާކުރާ ވަރަށް ވުރެ އުމުރުން ހަނގުވެސް ކުއްޖަކަށް ވީމަކަން ނޭގެއެވެ. އާވާ ފިލާހުރިތަނުން ނުކުމެގެންގޮސް ދޮރުކާރީގައި ހުއްޓި ބޭރަށް ބަލަންފެށިއެވެ.

"އާވާ، ވަޓްސް ރޯންގް؟ " ރަފްހާން އަހާލައިފިއެވެ.
"ކަމެއްނުވޭ......" އާވާ ތުންފިތާލިއެވެ.
"ހާދަ މޮޔަކުއްޖެކޭ ދޯ، ދޮންމަންމަ އަހަންނަށް އިތުބާރު ކުރާތީ އެއްނު އަހަރެންގެ ބެލުމުގެ ދަށުގައި އާވާ ބަހައްޓާފަ ބޭރަށް އެދަނީ، އެހެންނޫނަސް އަހަރެން ނޫޅެން ކުޑަކުއްޖެއްގެ ގަޔަށް އަތްލާ ހިތުން މޮޔަވެގެނެއް، އެހެން ހީކޮށްގެން ދުވަންޏާ ތި ކުށްހީ ފިލުވާލާފައި ހަމަޖެހިލައިގެން ކާޓޫނު ބަލަން އިށީދޭ...." ރަފްހާން ގާތުގައި ހުއްޓި އާވާގެ އަތަށް ރިމޯޓް ދިއްކޮށްލައިފި އެވެ.
"ބިރަކުން ނޫނޭ....." އާވާ އަށް އުޅެވުނު ގޮތާއިމެދު ލަދުގަންނަން ޖެހުނީ ރަފްހާން އެބުނި އެއްޗަކާމެދު ދެފަހަރަށް ވިސްނާލާފައެވެ. މިހުރިހާ ދުވަހު ފިރިހެނެއްގެ ކާރީގައި ލަދުވެތިކަން އިހުސާސް ކުރެވިފައެއް ނެތެވެ. ރަފްހާން ތަފާތެވެ. އޭނަގެ ވާހަކަތަކުން ހީކުރުވަން އުޅޭފަދަ މާތް އިންސާނެއް ހެއްޔެވެ؟ އޭނަ ދެކޭގޮތުން އެހާ މާތް މީހަކަށް ހުންނަނީ އޭނަގެ ބައްޕަ އެކަންޏެވެ. ރަފްހާން އެ ގިންތީގައި ހިމެނިދާނެ ހެއްޔެވެ؟ ވާހަކަ އެހެރީ އެފަދަ ގޮތަކަށެވެ. ރަފްހާންއާއި މެދު ނުބައި ޝައްކު ކުރެވުނީތީ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ފޮތެއްގެ ބޭރުގަނޑު ބަލާލާފައި އެފޮތާއިމެދު ގޮތެއް ނިންމާކަށް ނުވާނެއޭ ބުނެވެނީ އެހެންވީމައެވެ. މޫނަށް ބަލާލާފައި މީހަކު ދަސްނުވާނެއެވެ.

"އާވާގެ އުމުރު ކިހާ ވަރެއްތަ؟" ރަފްހާން އެއްފައި ލަނބާލައިގެން ހަށަން ބަނދެލަމުން ދޮރުކަނީގައި ލެނގިލައިގެން ހުރިއިރު އެ ފުންދެލޯ ހުއްޓިފައިވަނީ އާވާގެ މައުސޫމް މޫނަށެވެ. އެގޭގެ މައިދޮރު ފުޅާކަމާއި އެކު އާވާ ހުރީ ދޮރުފަތުގެ އަނެއް ކަނުގައި ކަމުން އެ ދުރުމިން ރައްކާތެރިއެވެ. މި އަންހެންކުއްޖާ އެހެން ކުދިންނާއި ތަފާތުވަނީ ކޮންކަމަކުން ހެއްޔެވެ؟ ވިސްނަ ވިސްނާ އެކަމަށް ނުކުޅެދުނެވެ. ރަފްހާންގެ ހިތުގައި މިކުއްޖާ ދަސްކުރުމުގެ ޝައުގު އުފެދުނެވެ. 

"ބޭނުމެއް ނޫންތަ އަހަންނާއި ވާހަކަދައްކަން....." އާވާ ޖަވާބެއް ނުދިނުމުން ރަފްހާން އެއްބުމަ އަރުވާލިއެވެ. އާވާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން ރަފްހާންއަށް އެކަންވެސް މަޖާކަމަކަށްވިއެވެ.
"އެއީ ކީއްވެތަ؟ ކޮންމެ ކަމަކަށްވެސް ރީޒަނެއް އޮންނަންވާނެ ދޯ، އަހަރެންދެކެ ހޭޓް ކުރަނީތަ؟ " ރަފްހާން ސުވާލުކުރިއެވެ. 
"ނޫން....." އާވާ ހިންދިރުވާލިއެވެ.
"ގުޑް ގާރލް، ބީރައްޓެއްސަކާއި ވާހަކަ ނުދައްކަން މަންމަ އަންގާފައި ވަނީތަ؟ ކޮބާ މަންމަމެން؟ " ރަފްހާންގެ އެ ސުވާލުން އާވާ ވަގުތުން އެސްފިޔަ ތިރިކޮށްލާފައި އަނެއް ފަރާތަށް އެނބުރުނެވެ. އޭނަ ރަފްހާން ގާތު އޭނަގެ މަންމައާއި ބައްޕަ ނިޔާވެފައިވާކަމަށް ބުނެލީ ހަމަޖެހިލައިގެންހުރެއެވެ. ނާޔާ ކައިރީގައިވެސް ބުނިގޮތަށެވެ. ރަފްހާނުގެ ހިތަށް ހަމްދަރުދީ ވަނެވެ. ވީއިރު އެމީހުން ދުނިޔެ ދޫކުރުމުގެ ހިތާމައިން އަދިވެސް އާވާއަށް އަރައިނުގަނެވެނީ ކަމުގައި ވެދާނެއެވެ. ކުރީދުވަހު އެދެލޮލުން ކަރުނައިގެ އަސަރު ފެނުމާއި އާވާގެ އަޖައިބުކުރުވަނިވި ހަރަކާތްތަކުގެ އަސްލު ރަފްހާނުއަށް ދެނެގަނެވުނީ އަދި ކިރިޔާއެވެ.

"އައިމް ސޮރީ......" ރަފްހާން ހުރީ އިތުރަށް ކިޔަންވީ އެއްޗެއް ނޭގިފައެވެ. އެދޭތެރެއަށް ވެރިވި ފުން ހިމޭންކަން ވަޅިން ކަނޑާލެވޭނެހާ ފުންވެގެން ދިޔައެވެ. ފިނިވައިރޯޅިތައް އާވާގެ މޫނާއި އަތުގައި ބީހެން ފެށުމުން ހީކަރުވާގޮތްވެފައި އޭނަ އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. މޫނަށް ފައިބައިގަތް އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ.
"އަބަދު ތި އިސްތަށިގަނޑުން ސަލާމަތް ނުވެގެން އުޅެން ޖެހެނީ ދޯ، ދަތްޗެއް ޖަހާލަބަލަ، ނޫނީ ސްކާފަކުން އައްސާލަންވީ އެއްނު، ވަން މޯރ ތިންގް، ނިދަން ދާންވާނީ އެއްޗެއް ކައިގެން އިނގޭ، ނޫނީ ބާރު ވައިރޯޅިއަކާއި އެކުވެސް އުދުހިގެން ހިނގައިދާނެ، ގިނައިން ކައިގެން ފަލަވީމަ ސްޓްރޯންގްވާނެ މިހާރަށްވުރެ......" ރަފްހާން ވާހަކަދެއްކީ އޭނަގެ ކޮއްކޮ ނާޔާއާއި ވެސް ވާހަކަދައްކާ އުސޫލުން ކޮއްކޮއެއްގެ ގޮތުގައެވެ. ނަމަވެސް އާވާއަކަށް އެކަމެއް ނުވިސްނުނެވެ. އޭނަ ހީކުރީ ޖެއްސުމަށް ރީތިކޮށް ވާހަކަދައްކަނީ ކަމުގައެވެ. އެހެންނޫނަސް އާވާ އެއްވެސް މީހެއްގެ ހަމްދަރުދީ ބޭނުމެއްނޫނެވެ. އެއްވެސް މީހެއްގެ ގާތްކަން ބޭނުމެއްނޫނެވެ. އެހެންނޫނީ ދެން ވެދާނެގޮތެއް އަދި ލަފާކުރުން ދަތްޗެވެ. ރަފްހާން ކިތަންމެ މާތް އަދި އޯގާތެރި މީހަކަށްވިޔަސް އޭނަ އެއްވެސް ކަހަލަ އެކުވެރިކަމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. 

"އައި ޑޯންޓް ވޯންޓް ޔޯރ ޕިޓީ ރަފްހާން...." އާވާ ޖެހިލުމެއްނެތި އެހެން ބުނެލާފައި ދާން ހިނގައިގަތުމުން ރަފްހާން ގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ރަފްހާންގެ އަތަށް ތަދުވާކަން އިހުސާސް ކުރެވެންފެށީ މާފަހުންނެވެ. އާވާގެ ދަތްއެޅިތަން ފާރުވެ ހަލާކުވެދާނެތީ އޭނަ ކަންބޮޑުވިއެވެ. ކުޑަ ކުޑަ ސިންގާއެކެވެ. އާވާއަކީ ބަސްއަހާ ރަގަޅު ކުއްޖެއްކަމަށް ހީކުރެވުނަސް ނުރައްކާތެރި ސިފައެއް ހުރިކަން ޔަގީންވެއްޖެއެވެ. އަންހެންކުއްޖަކު ރުޅިގަދަވެއްޖެއްޔާ ނިކަން ބިރުބޮޑުވާނެއެވެ. ރަފްހާން ގެއަށް ވަދެ އަތުގައި ބޭސްއަޅައިގެން ނުކުތީ މެދުގޯތްޗަށެވެ. މެދު އުޑުގައި ހަނދު އަރާފައި ހުއްޓެވެ. އަނބުގަހުގެ ފަތްތައް ފުރާނާލާފައި ބިންމައްޗަށް އަލިކޮށްލާފައިވާއިރު ނިކަން ހިތްގައިމެވެ. ޖޯލިފަތީގައި އޮށޯވެލައިގެން އުދަރެހާއި ދިމާލަށް ބަލަން އޮތްއިރު ރަފްހާންގެ މޫނާއި ހަނދުވަރުގެ އަލި ކުޅެމުންދިޔައެވެ. ރަފްހާން ގެ ޚިޔާލު އެތަން މިތަނުގައި ދަތުރުކުރަމުންގޮސް ބައެއްފަހަރު އާވާއާއި ހަމައިގާ ހުއްޓިލައެވެ. އެގޮތަށް އާވާއާއިމެދު ވިސްނެންވީ ސަބަބެއްވެސް ނެތެވެ.

އާވާ ނާޒްގެ ގެއަށް ދާންވީމަ ކޮންމެވެސް ވަރަކަށް ޖެހިލުންވާގޮތްވިއެވެ. ވިލިމާލެއަށް ދާންޖެހުނީމަވެސް އޭނައަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ. ނަމަވެސް އޭނައަށް ވަޒީފާދިން މީހާގެ އިހުސާންތެރިކަން ހަނދާންނައްތާލާކަށް ނުވާނެއެވެ. ކިތަންމެ ދަތިވިކަމުގައި ވިޔަސް ދާން ނިންމާފައި އޭނަ ފެރީ ޓާމިނަލަށް ދިޔައެވެ. މީހުން ބަލާވަރު އިހުސާސްކުރެވިފައި އާވާހުރީ ލަދުންނެވެ. އެހާވަރަށް ބަލަނީ އެހާ ކުރުކޮށް އިސްތަށިގަނޑު ކޮށާލާފައި އޮތީމަހެއްޔެވެ؟ ގިނަކުދިން ތިބެނީ ސްކާފް އަޅައިގެން މޭކަޕްކޮށްލާފައެވެ. ތަފާތު ފެޝަންތަކުގެ ހެދުންތަކުގައެވެ. އޭނަގެ އަތުގައި އޮންނަ އެންމެރީތި ހެދުމަކީ ޓީޝާޓާއި ޑަންގަރީއެވެ. އެހެދުމާއިއެކު ކަޅު ސްކިނީއެއް ލައިގެން ހުރީމަ އެހެން ކުދިންނާއި ތަފާތުކަމުގެ އިހުސާސް އަމިއްލައަށްވެސް ކުރެވުނެވެ. ވައިބާރު ދުވަހަކަށް ވާތީ އޭނަގެ އިސްތަށިގަނޑު މަތަކުރުންވެސް ފަސޭހައެއްނުވިއެވެ. ކްރީމްފަދަ އެއްޗެއްނުލާ އޮތުމުން ވަޔާއިއެކު ވިހުރުވިގެން މޫނަށް ފައިބާވަރުން އޭނަ އިނީ ލަދުގެންފައެވެ. ދިހަމިނިޓް ދަތުރު ގަރުނެއްހާ ދިގުވިއެވެ.

ނާޒްއާއި ބައްދަލުވުމުން އާވާގެ ޚިޔާލުގައި ކުރެހިފައިވާ ސޫރައާއި މުޅިން ތަފާތުކަން އެނގުނެވެ. ނާޒް ހުރީ ބުރުގާ އަޅާފައެވެ. އަރަބި އަންހެނެއްފަދައެވެ. ބިޔަކޮށް ދައްކަނީ ލާފައި ހުރި ކަޅުހެދުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނާޒް އޭނަގެ ލައިބްރަރީވެސް އާވާއަށް ދެއްކިއެވެ. އިނގިރޭސި، ދިވެހި އަދި އުރުދޫއިން ލިޔެފައިވާ ފޮތްތައް އޭނަވަނީ ގިނަ އަދަދަކަށް އެއްކޮށްލާފައެވެ. އާވާ ނާޒްގެ އެމަސައްކަތަށް ތައުރީފު ކުރިއެވެ. ދެމީހުންގެ އުމުރުގައި ބޮޑު ފަރަގެއް ހުރިނަމަވެސް ނާޒްއާއި އާވާ ގެ ގުޅުން ފުދޭވަރަކަށް ބަދަހިވިއެވެ. ގިނަވަގުތު އާވާ އިނީ ހިމޭނުންނެވެ. ކޮންމެގޮތެއްވިޔަސް މިއީ އާވާގެ ވެރިޔަކުކަން އޭނަ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައެއްނުލައެވެ. އާވާ ނާޒްއަށް އިހުތިރާމްކުރީ އެހެންވީމައެވެ.

ނާޒްގެ ފިރިހެންދަރިފުޅު މޫދުގައި އުޅެފައި އަރައިގެން އައިއިރު ހީވީ ބޭވޮޗް ހަވާއީގެ މަންޒަރެއް ފެނުނުހެންނެވެ. ދިގު ސޯޓެއްލައިގެން ހުރިއިރު ހަށިގަނޑުގެ ކަސްރަތީކަމާއި ރީތިކަމުން އަންހެންކުދިންގެ ހިތްތަކަށް އަސަރުކުރުވާނެކަން ޔަގީނެވެ. ގިނައިރު މޫދުގައި އުޅޭތީ ހަށިގަނޑު ޓޭންވެފައިވެއެވެ.

ނާޒް ފަޚުރުވެރި ކަމާއިއެކު އޭނަގެ ޕައިލެޓް ދަރިފުޅު އަޔާމް އާވާއަށް ތަޢާރަފުކޮށްދިނެވެ. އަޔާމް ސާރފް ކުރުމަށް ވަރަށް ފޯރިހުންނަކަމާއި އޭނަގެ ދެވަނަ ގެއަކީ މޫދުކަމުގައި ނާޒް ބުނެދިނެވެ. އަޔާމް އޭނަގެ މަންމައާއި އާއިލާ ދެކެ ލޯބިވާވަރު އެކުޑަ ވަގުތުކޮޅުވެސް އާވާ ދެނެގަތެވެ. މަންމައާއި ފިރިހެންދަރިފުޅުގެ ގާތްކަމުން އާވާގެ ވާހަކަ ލިޔަން ޚިޔާލެއް ލިބުނެވެ. އެފަދަ ކޮންމެކަމެއް އާވާގެ ސިކުނޑީގައި ރައްކާކުރެވެއެވެ. އަޔާމް ފެންވަރާލައިގެން އައިސް ސައިބުއީ އެމީހުންނާއި އެކީގައެވެ. ސަޔަށް ފަހު ނާޒްގެ ގާތް ބަޔަކު އެގެއަށް އައުމުން އާވާއާއި އެކީގައި ދާން އުޒުރުވެރިވިއެވެ. އާވާ ފެރީޓާމިނަލްއާއި ހަމަޔަށް ގެންގޮސް ދިނުމަށް ހަވާލުކުރީ އަޔާމް އާއެވެ. ތުނިކޮށް ވާރޭ ވެހެން ފެށުމުން އަޔާމް އާއި އާވާވެސް ވާރޭ ކޯޓްލައިފިއެވެ. ރީދޫ ވާރޭ ކޯޓާއި އާވާގެ މޫނުގެ ކުލަ ނިކަން ގުޅެއެވެ. 

"ނައިސް ވެދަރ...." އަޔާމް ހިނގާލާފައި ދިޔައީ މަޑުންނެވެ. ވާރޭ ކޯޓްލާން ވުމުން އާވާވެސް ހުރީ މަޖާވެފައެވެ. އެތައް ހާސް ވާރޭތިކިތައް މަޑުމަޑުން ބޮލުގައި ފުއްޓަކި ޖަހާއިރު އެލިބޭ ހިތްހަމަޖެހުން ބަޔާންކޮށް ދޭކަށްވެސް ނޭގޭނެއެވެ. ލުއި މިއުޒިކެއް ކުޅެވެމުންދާހެން ހީވިއެވެ. ބޮލަށް ފިނިވެ އިސްތަށިގަނޑުވެސް ތެމެމުންދާ ހީވިއެވެ. ވާރޭކޯޓެއްލުމަކީ އާ ތަޖުރިބާއެކެވެ.

"ހައްތަހާ ވާރޭ ބޯކޮށްލާނީކަން ނޭގޭ، މިވަރުން ފެރީ އޮންނާނެތަ؟ " އާވާ މައުސޫމްގޮތަކަށް ސުވާލުކުރިއެވެ. 
"ކަނޑުގަދަވެގެން ފެރީ ބަންޑުންޖަހާލާވަރުވާ އިރުވެސް ފެރީ ދަތުރު ކުރޭ، ޑޯންޓްވޮރީ، ބަންޑުންވިޔަސް ކަނޑު ރަސްގެފާނުގެ ދަރިފުޅު ސަލާމަތްކޮށްދޭން އަންނާނެކަމަށް ބަލާނީ، ޕޮޒިޓިވްވާން ވާނެ، އާވާ ތިއީ ރައިޓަރއެއްނު، އިމޭޖިނޭޝަން ބައި ވަރަށް ހުންނާނެކަން ޔަގީން..... " އަޔާމް ހީގަންނަމުން ބުނެލިއެވެ.
"އަޔާމްވެސް މާ ލާނެތްވަނީ ދެން....." އާވާއަށްވެސް ހެވިއްޖެއެވެ.
"އަޅެ ދޮގެއްތަ؟ ކިހާ ރޮމެންޓިކްވާނެ، އާވާއަށް ފަތާކަށް ނޭގޭތަ؟ " އަޔާމް ސުވާލު ކުރިއެވެ.
"ފެތެން އެނގިދާނެ....." އާވާ ކުޑަގޮތަކަށް އަޔާމްގެ މޫނަށް ބަލާލިއެވެ. އަޔާމް ދެން މާ މަޖާވާން އުޅެނީއެވެ. ފެންގަނޑުތަކުން ސަލާމަތްވާން މަސައްކަތްކުރާއިރު ނޭގުމުގެ ތެރޭގައި އާވާގެ ގައިގާ ޖެހެވުމުން އާވާ އަށް ކަރަންޓް ޝޮކެއް ލިބޭކަހަލައެވެ. އޭނަ އަވަސްއަވަހަށް ދުރަށް ޖެހިގަންނަކަން އަޔާމްއަށް ފާހަގަކުރެވުނެވެ.

"ރައިޓަރ އަކަށް ވިޔަސް ތަންކޮޅެއް ރިއަލް ކޮށް ލިޔަނީ، މިހާރު އަޔާމްގެ މަންމަގެ ސައިޓަށް ލިޔެމިދެނީ، ދެރައީ ވާހަކަތަކަށް ރީތި ޕިކްއެއް ކުރަހާދޭނެ މީހަކު ނުވާކަން، އަހަރެން ބޭނުންވަނީ މޮޅު ކުރެހުމެއް، އެކަމަކު އަގުވެސް ބޮޑުވާނެތާ...." އާވާ އެންމެ ރުހޭ މައުޟޫއަށް އަޔާމް ވާހަކަ ފެށުމުން އާވާގެ މޫނުމަތި އުޖާލާވިއެވެ.
"އަހަރެން ކުރަހާދީފާނަން، ކޮންކަހަލަ ފޮޓޯއެއް ބޭނުންވަނީ؟ " އަޔާމް ހުރީ އެހީވާ ހިތުންނެވެ.
"ނޫން، ނޫން....." އާވާ ދެކޮޅުހަދަން އުޅުނެވެ.
"އާވާ، އެހެންމީހުންގެ އެހީތެރިކަން ހޯދުމަކީ އެހާ ކަންބޮޑުވާންޖެހޭ ކަމެއްނޫން،އަގަށޭ ކޮށްދޭނީ، އަހަރެންވެސް މިއީ ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމްއިއްޔާއެއްގެ މީހެއްނޫނޭ، ސޯ ނޯ ވޮރީސް އިނގޭ....." އަޔާމް ގެ ހިނިތުންވުން ފުންވެގެންދިޔައެވެ. ވާރޭގެ އަޑުގަދަކަމުން އަޔާމް ވާހަކަދައްކަން ޖެހުނީވެސް ތަންކޮޅެއް ބާރަށެވެ. ދެމީހުން ފެރީ ޓާމިނަލާއި ހަމަޔަށް ދެވުނުއިރު އެތައް ވާހަކަތަކެއް ދައްކައިފިއެވެ. އާވާހުރީ ނުތަނަވަސްވެފައެވެ. އަޔާމްއަދި ރަފްހާންފަދަ ރަގަޅު ޒުވާނުން އޭނައަށް ފެންނަން ފެށީ އަލަށެވެ. އެކަމަކު އެއީވެސް ފިރިހެނުންނެވެ. އެކުވެރިކަން ބާއްވާކަށްވެސް ހިތެއް ނުރުހުނެވެ. އެއްވެސް ގުޅުމަކަށް އޭނަގެ ބަސްނާހާ ހިތް ހުއްދަ ނުދެނީއެވެ. އެންމެ ރަގަޅެވެ. ވަކި ދުރުމިނެއްގައި ތިބިއްޔާ ވާނީ ކޮން އުދަގުލެއް ހެއްޔެވެ؟ 

ފެރީއަށް އަރާއިންއިރު އާވާއިނީ ބިރުގެންފައެވެ. މާލެދާތަނުން މަންމަ އޭނައަށް އަޑުލާނެކަން ޔަގީނެވެ. އޭނަ ދިޔަތަނެއް އޮޅުންފިލުވަން ސުވާލުކުރާނެއެވެ. އާވާ މާލެ ފޭބިތަނާހެން ތާނިޔާ ގުޅާފައި އޭނަ ވިލިމާލެއަށް ބަދަލުވި ޚަބަރުދިނެވެ. 

"އަހަރެން ދެންމެ މިއައީ ވިލިމާލެއިން، ކުރިން އެންގިނަމަ، ނާޒްއާއި މީޓްކޮށްފައި މިއައީ، މުޅިންވެސް ގްރޭޓް ނިއުސްތައް ހުރީ، މީޓްވެބަލަ....." އާވާ މަގުން ހިނގާލާފައި ދިޔައިރު މީހުންތައް އޭނައަށް ބެލިކަމުގައިވިޔަސް މަޖާވެފައި ހުރިވަރުން އެކަމެއް ނޭގުނެވެ. ހުދުހުދު ދަތްތައް ފެންނަވަރަށް ހެމުން އޭނަ ތާނިޔާއާއި ވާހަކަދައްކަމުން ކްރިމްސަން ވިލާއާއި ދިމާލަށް މިސްރާބުޖެހިއެވެ. މަންމަ ސުވާލުކޮށްފިއްޔާ އޭނަ ބުނާނީ އޭނަގެ އެންމެ ގާތްއެކުވެރިޔާ ތާނިޔާގެ ރަށް ވިލިމާލެދިޔައީ ކަމުގައެވެ. މުޅިން ދޮގަކަށްނުވާނެއެވެ.

ދެތިންދުވަސް ފާއިތުވެގެން ދިޔައިރު ކްރިމްސަންވިލާގައި އެންމެންގެ ދިރިއުޅުން ވޭތުވަމުން ދިޔައީ ވަކި ތާވަލަކަށްހެން ހީވިއެވެ. އާވާ މިހަފްތާގެ ޑިއުޓީ އޮތީ ހެނދުނުކަމަށް ވާތީ އިރު ނާރަނީސް އޭނަ ތެދުވެ މެދުގޯތީގައި ކުނިކަހަނީ މަންމަ ބުނެގެނެއްވެސް ނޫނެވެ. ސާފުނުކޮށް އޮތީމަ ލޮލަށް އުދަގޫވާތީއެވެ. ނާސްތާ ތައްޔާރުކުރަން އެތައްއިރެއް ނެގިޔަސް އެކަންވެސް އޭނައަށް ވީވަރަކުން ކުރަން މަސައްކަތްކުރާއިރު ދޭތެރެއަކުން މަންމަ ވަދެ ކުދިކިޔަކިޔާހުރެ އަތްމަތި އަވަސްކޮށް ސައިހަދާނެއެވެ. އާވާ ހޮޓަލަށް ދާގޮތަށް ގެއަށް އަންނަނީ ހަވީރުއެވެ. ނަމާދުކޮށްލާ ހަދައިގެން ރޭގަނޑަށް ރޮށިފިހެދެނީ އާވާއެވެ. މަންމަ ރޮށްޓާއި ލައިގެން ކާއެއްޗެއް ހަދާނެއެވެ. އާވާ ކާގަޑީގައި މޭޒުދޮށަށް ނާންނާތީ ރަފްހާންއަކާއި ދިމަލެއް ނުވެއެވެ. ގަސްތުގައި އޭނަ ރަފްހާންއާއި ދުރުން އުޅެނީއެވެ. ރަފްހާން ސިޑިން އަރައިގެން އަންނަހެން ހީވެއްޖެއްޔާ އޭނަ އަވަހަށް ކޮޓަރިން ނުކުންނަން އައިސްފައިވެސް އެތެރެއަށް ދެމިގަނެ ދޮރު ލައްޕާނެއެވެ. ކާކޮޓަރިންވެސް ރަފްހާން ފެނިއްޖެއްޔާ އޭނަ ނުވަދެ ހިނގައިދާނެއެވެ. ރަފްހާންއަށް އެނގުނަސް އޭނަގެ ފަރުވާލެއްނެތެވެ. ނާޔާ އޭނަގެ ދޮންބެ ކާރީ ކިޔައިގެން ވައިފައި ލާރި ދެއްކުމުން އާވާއަށްވެސް ފައިދާކުރިއެވެ. އަންލިމިޓެޑް ޕެކޭޖެއް ހުރުމުން ބޭނުންވަރަކަށް ސައިޓްތައް ބަލާލެވޭނެއެވެ. އެވަރުންވެސް އާވާ އޭނަ ލެޕް ގެންގުޅޭ ވާހަކަ ނާޔާގެ ގާތަކުން ނުބުނެއެވެ.

އާވާ އޮރެންޖްކުލައިގެ ހެދުމަކާއި ކަޅު ފަޓްލޫނެއްލައިގެން ހުރިއިރު ރަސްމީގޮތެއް ހުއްޓެވެ. އިސްތަށިގަނޑުގައި ޖެލްލާފައި ތަންކޮޅެއް އައްސާލާފައި އޮތެވެ. ހެދުން ތަފާތުކޮށްލުމުން މީހާގެ ޝަޚުސިއްޔަތުވެސް ބަދަލުކުރުވައެވެ. އާވާވެސް ރަސްމީހެދުންލުމުން ތަންކޮޅެއް ހަރުކަމަށް ދައްކަނީ އެހެންވެއެވެ. މިއަދު ޑިއުޓީ ނިންމާލާފައި އައިއިރު އޭނަ ހުރީ ކޮންމެވެސް ކަމަކާ ނުތަނަވަސްވެފައިކަން މޫނުމަތިން ފާޅުވެއެވެ. އެހިސާބުގައިވާ ފިރިހެންކުދިންތަކެއް އޭނަގެ ފަހަތު އަޅުވައިގެން ގެއާއި ހަމަޔަށްވެސް އައީއެވެ. އެ ވާހަކަ މަންމަ ގާތު ބުނެގެން ވަކި ފައިދާއެއް ވާނެހެއްޔެވެ؟ މަންމަގެ ޖަވާބު އޭނައަށް އެނގެއެވެ. މަންމައަށް އާވާ ހޮޓެލަށް ގެންގޮސް ބަލާދާންވަގުތެއް ނުވާނެކަމަށް އަންގާނެއެވެ. ނާޔާ ދުވަމުން ދުވަމުން އައިސް އާވާގެ ކުރިމަތީގައި ހުއްޓުނުއިރު މޫނުވަނީ ދަލުން ފެންވެރިފައެވެ.
"އަވީ އައި ނީޑް ޔޯރ ހެލްޕް...." ނާޔާ އާވާގެ އަތުގައި ހިފާލިއެވެ.
"ކިހިނެއްވީތަ؟ " އާވާ ގެ ފިޔަވަޅުތައް ހުއްޓުނެވެ.
"މަންމަ އަހަރެންގެ ހާޑް ފެނިގެން ގޮސް ބަލާފައި ވަރަށް ރުޅިގަދަވެފައި ހުރީ، އަހަރެން ބުނެފިން އޭގައި ހުރީ އަވީ އަޅާދިން އެއްޗެއްސޭ، އެހެން ބުނާތި ޕްލީޒް، ނޫނީ މަންމައަށް ފެންނާކަށްވެސް ލާހިކެއްނޫން، މަންމަ އަހަރެން ތަޅާނެ، އަވީ ވެއްޖެއްޔާ ދެން އޯކޭވާނެ، އަވީ އެކަހަލަ ފިލްމް ބެލުން މަނަލެއްނުވާނެ، އަވީއަށް އެއިޓީން ވެއްޖެއެއް ނު ދޯ...." ނާޔާ އެއް ނޭވާއިން ހުރިހާ ވާހަކައެއް ދައްކާލާފައި އާދޭސްކުރަން ފެށިއެވެ. އޭގައި ހުރީ ކޮންކަހަލަ ފިލްމުތަކެއްކަން އެނގުމުން އާވާ ލަދުންގޮސް ހުރީ އަނގަ ހުޅުވިފައެވެ. އެއާއިއެކު ރުޅިއަންނަ ގޮތްވިއެވެ.

"ނަންނި ބިރެއްނުގަނޭތަ؟ ކިހާ ވިޔާނުދާކަމެއް ތިކުރީ، އެކަހަލަ ފިލްމް ބަލަންޖެހޭތަ؟ ފާފަވެރިވާނެ......." އާވާ ފުންނޭވައެއްލިއެވެ. 
"އެކުވެރިއަކު އަހަންނަށް ފިލްމުތަކެއް އަޅާދިންއިރު މަޖަލަށް ކުރިކަމެއް އެއީ، ހިތަކަށް ނާރާ އަހަރެންގެ މަންމަ މިއީ ސްޕަވައިޒަރެކޭ، އަންގާވެސް ނުލާ ކުއްލިއަކަށް އެ ގެންގޮސްފައި ޗެކްކޮށްލާފައި މަންމަ ރުޅިގަދަވެގެން ވަގުތުން އަހަންނާއި ދިމާލަށް އައީ، އަހަރެން އެކްޓްކުރީ، ބުނިން އަވީ އަތަށޭ މި ދިނީ، ނޭގެއޭ ތީގައި ހުރި އެއްޗެއް، އަވީ އަޅެ ޕްލީޒް އަހަރެން ސަލާމަތްކޮށްދީ، އަހަރެން އެކަމުގެ ބަދަލު ދޭނަން، އައި ޕްރޮމިސް..." ނާޔާ އާވާގެ ފިނި އަތުގައި ހިފާލީ ބާރަށެވެ. 

ކޮމެންޓް 0