"ދޮންމަންމަ ގޯހެއްނޫން...." އާވާގެ ފަރާތުން އިތުރު އެއްޗެއް އޮޅުން ނުފިލާނެކަން ޔަގީންވުމުން ސުވާލުކޮށްކޮށްފައި މާހްޖަބީން ހިތްހަމަނުޖެހިފައި ހުރެ ދާން ހިނގައިގަތެވެ. އާވާއަށް ޔަޤީންވިއެވެ. މަންމަ އެދިޔައީ ފޫހިވެގެންނެވެ. އޭނަގެ ހިމޭންކަމާއި ސިއްރުވެރިކަމުން މަންމަ އާއި ގާތްވާން ލިބުނު ފުރުސަތުވެސް ގެއްލިގެން ދިޔައީއެވެ. ނަމަވެސް އެވީގޮތް މާ ރަގަޅެވެ. އަލުން މަންމަގެ ލޯތްބާއި ގާތްކަން ހޯދަން މަސައްކަތްކުރުން މިހާރު އާވާއަށް މުހިއްމެއް ނޫނެވެ.
ޔާކިން އާއި ނާޔާގެ ފަރާތުން މުޅި ދުވާލުވެސް އާވާއަށް ފެނުނީ މުޅިންވެސް ޖެއްސުން ކުރުމުގެ ކަންތައްތަކެވެ. ގަސްތުގައި ނާޔާ ކޮންމެވެސް ތަނެއް ހަޑިކޮށްލާފަ ދަނީ އާވާ ސާފުކުރާނެ ކަމުގެ ޔަގީންކަން އޮތީމައެވެ. އާވާ އެންމެ ދެރަވީ ނާޔާ އެކޮޓަރިއަށް ވަދެފައި އައިގޮތަށް އޭނަގެ ލެޕް ހަލާކުކޮށްލިކަން އެނގުނީމައެވެ. އާވާ ބޭރަށް ނުކުތްއިރު ލެޕް ބަރާބަރަށް މަސައްކަތް ކުރާކަން ޔަގީނެވެ. ނާޔާ ނުކުތްފަހުން ލެޕް ހުޅުވާލުމުން ޑިސްޕްލޭ ނުފެންނަންވީ އިތުރު އެއްވެސް ސަބަބެއް ނެތެވެ. އާވާ އަޔާމްއަށް ގުޅަން ހިތަށް އަރާފައިވެސް އުދަގޫކުރާކަށް ނުކެރުނެވެ. އެހެންނޫނަސް އެދުވަސްފަހުން އަޔާމްގެ ޚަބަރެއްވީއެއް ނޫނެވެ. އެންމެން އޭނަ ބާކީކޮށްލަނީ އޭނަގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟
އެރޭ ކްރިމްސަންވިލާ ފެންނަނީ ފަޅު ސަހަރާއެއް ހެންނެވެ. އަޑެއްބަޑެއް ނީވޭތީ ޔާކިންއާއި ނާޔާ ގޭގައި ނޫޅޭކަން އާވާއަށް ޔަގީންވިއެވެ. އެދެމީހުންނަކީ ގޭގެ ރޫހެވެ. ތިބިއްޔާ ހުނުމާއި ސަކަރާތުގެ އަޑު އިވޭނެއެވެ. އާވާ އެކަނިމާ އެކަނި ކޮޓަރީގައި އޮވެފައި ގެއިން ކަރަންޓްކެނޑި ކަށްވަޅުފަދަ އަނދިރީގެ ތެރެއަށް ކޮޓަރި ގެނބިގެން ދިޔުމުން ހާސްވިއެވެ. އާވާ ހީކުރީ ދަނޑިވަޅު ބަލާފައި ވަގެއް ނަމަވެސް ގެއަށް ވަނީ ކަމުގައެވެ. ފާޑުފާޑުގެ ވަހުމްތައް ހިތަށް ވަންނަން ފެށުމުން ކޮޓަރިން ނުކުތްތަނުން ރަފްހާން ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ހަމަޖެހުމުގެ ނޭވަޔެއް ދޫކޮށްލެވުނެވެ. ފޯނުގެ އަލި މޫނަށް އެޅިފައިވާއިރު ރީތިކަމުން އާވާއަށްވެސް އިރުކޮޅަކު ބަލަން ހުރެވުނެވެ. ރަފްހާން ބަލާނުލާ އަންނަން ހަދައިގެން އާވާ އާއި މުޑިނޭރީ ކިރިޔާއެވެ. ރަފްހާން ހުޝިޔާރުކަމާއިއެކު ފަހަތަށް ޖެހިލަމުން ދެބުމަ އަރުވާލިއެވެ.
"ހެލޯ...." ރަފްހާންގެ އަޑުގައި ބީރައްޓެހިކަމެއް ވިއެވެ.
"ރަފްހާން، ކަމެއް ކޮށްދީފާނަންތަ؟ " ރަފްހާންގެ އެންމެ ލަފުޒަކުން ހިތްވަރު ލިބިފައި އިތުރު އެއްޗެއް ބުނުމުގެ ކުރިން އާވާ އަހާލިއެވެ. މިގޭތެރެއިން އޭނައަށް ހަމްދަރުދީވާ އެކަނި ފުރާނައަކީ ރަފްހާންކަން އޭނަ ހަނދާން ނައްތާލައިގެން ނުވާނެއެވެ.
"އޮފްކޯސް، އެހެންނޫނީ އަހަރެންގެ އަތް ކާލަފާނެތީ ބިރުގަނޭ، ޓެލްމީ، ކޮންކަމެއް ކޮށްދޭންވީ....." ރަފްހާން ގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވެގެން ދިޔުމާއިއެކު އަތުގައިވާ ލަކުނުގައި ފިރުމާލިއެވެ. އާވާ ދަތް އެޅިކަން ހަނދާންވެފައި އެކަމާއި ހިނިއައީކަން ނޭގެއެވެ.
"ލެޕް ހަލާކުވެގެން މިއުޅެނީ، ރިޕެއަރ ކުރަން އެނގިދާނެތަ؟ " އާވާ ދެ ޚިޔާލެއްގައި ހުރެފައި އަހާލިއެވެ.
"އާވާ ބުނިއްޔާ ޓެކްނިޝަން އަކަށްވެސް ވާނީ، ލެޕް ދައްކަބަލަ....." ރަފްހާން ހުރީ ކުޑަކޮށް ލަސްވެފައެވެ. އަރީޝް ގާތު ގަޑިކިޔާފަ އޭނަ މިދަނީ ރޭގަނޑު ކެއުމަކަށެވެ. މީހުންލައްވާ އިންތިޒާރު ކުރުވުމަކީ އޭނަ އެހާ ކުރާހިތްވާ ކަމެއް ނޫނެވެ. ނަމަވެސް އާވާ އާއިމެދު ކުޑަކޮށް ހަމްދަރުދީވާތީ އާވާ ކަމަކު އެދުނީމަ ބަހަނާއެއް ދައްކާފައި ދާން ނޫޅެ އޭނައަށް ވަގުތުކޮޅެއްދިނީއެވެ. އާވާ ދުވަމުންގޮސް ކޮޓަރިއަށް ވަދެފައި ދެވަނަ މިނިޓްގައި ހުރީ އޭނަގެ ކުރިމަތީގައެވެ. އެއީ ފިޔާތޮށިކުލައިގެ މިނީ ލެޕެކެވެ.
"އާވާ ކަހަލަ ޑެލިކޭޓް ލެޕެއް ދޯ، މަށަށް މި ގެންގުޅެން އެނގޭނެ ކަމެއްވެސް ނޭގޭ.." ރަފްހާން ދެމާނަ އެކުލެވޭ ޖުމްލައެއް ބުނެލީމަވެސް އާވާއަކަށް އެނގުނުކަމަކަށް ނުވިއެވެ.
"ތި ބުނީ މި ހުޅުވާލަންވެސް ނޭގެނީއޭ ތަ؟ " އާވާ ރަފްހާންއަށް އަރިމަތީގައި ހުރި ސްވިޗެއް ދައްކަން އުޅުމުން ރަފްހާން ހިނިއަންނަގޮތްވިޔަސް އެކަން ފޮރުވިއެވެ.
"ހޫމް މިގޮތަށް، އެކަމަކު ވާގޮތަކީ އޮންކުރީމަ ސްކްރީނުން އެއްޗެއް ނުފެނޭ...." އާވާ ލެޕްހުޅުވާފައި ދައްކާލަން އުޅުނެވެ. އެކަމުގެ ތެރޭގައި އާވާގެ އަތުގައި ރަފްހާން އޮޅުމަކުން ބީހިލިއެވެ. އާވާ އަތްދަމައިގަތް ގޮތުން ހީވީ ސުތްޕެއް ކަށިޖެހިހެނެވެ.
"މާދަން މިކަމާ އުޅޭނަން، އައި ޕްރޮމިސް، ބޭރަށް ދާން މިއުޅެނީ......." ރަފްހާން ލެޕް އާވާ އަތުން ހޯދައިގެން ދުވެލާފައި ކަހަލަ ގޮތަކަށް ސިޑިން މައްޗަށް އަރައިގެން ދިޔަތަން ބަލަންވެސް އާވާ ހުރީ ޝައުގުވެރިވެފައެވެ. ހިޔަނިވެސް ހާދަ ރީއްޗެވެ. ރަފްހާންއަކީ ރީތި ފިރިހެނެކެވެ. އަދި ކޮންމެ އާދައެއްގައި އޭނަ ގަޔާވާފަދަ ގޮތެއް އެބަހުއްޓެވެ. އެހެން ހިތަށް އަރާފައި ކުޑަކޮށް ކަންބޮޑުވެ ތިރީ ތުންފަތުގައި ދަތް އަޅައިގަނެވުނެވެ. އަމިއްލަ ނަފުސަށް އަޑުލިއެވެ. މަލާމާތް ކުރިއެވެ. ދުވަހަކުވެސް ނުވާނެ ކަމެއްކަން ޔަގީންވާއިރު އެފަދަ އެއްޗެއް ހިތަށް އެރީތީވެސް ހައިރާންވިއެވެ.
ރަފްހާން އާއި އަރީޝް ކެއުމަށްފަހު އަރީޝްގެ ކޮއްކޮއަށް އުފަންދުވަހުގެ ހަދިޔާއެއް ގަންނަންކަމަށް ފިހާރައަކަށް ވަދެލިއެވެ. އަރީޝް އެއްޗެއް ގަނެލައިގެން ކައުންޓަރުގައި ފައިސާދައްކަން ހުރެފައި އަރީޝް ރަފްހާންގެ އަތުގައި ކޮށްޓާލައިފިއެވެ. އޭރު އަންވަރު އާއި މާހްޖަބީން އެކީގައި ވަދެގެން އައިސް އެމީހުން ތިބި ހިސާބާއި އަރާހަމަވީއެވެ. އަންވަރު ގެ އަތުގައި އޮތް ގަހަނާ ސެޓް ދައްކާލާފައި ޖަބީއާއި ވަރަށް ގުޅޭނެއޭ މަޑުމަޑުން ބުނެލިއިރު ރަފްހާން ހުރީ ސީދާ މާހްޖަބީންގެ މޫނަށް ބަލާށެވެ. މާހްޖަބީން ރަކި ހިންޏަކާއިއެކު އިސްއުފުލާލިއިރު ހަތަރުކަޅި ހަމަވީ ރަފްހާން އާއެވެ. މާހްޖަބީން ގަތްލަދާއި ލިބުނު ޝޮކެއްގެ ސަބަބުން ރީއްޗަށް ގަނޑުވިއެވެ. މޫނުވެސް ހީވީ އަނގުރު އަލިފާންކޮޅެއްހެނެވެ.
ރަފްހާން ރުޅިގަދަވެގެން ގޮސް މޫނުމަތިންވެސް އެކަން އެނގޭވަރުވިއެވެ. ވީއިރު އަރީޝް ބުނީ ދޮގެއްނޫނެވެ. ޒުވާން ކުއްޖެއްހެން މޭކަޕްކޮށްލާފައި ރީތިކޮށް ހެދުން އަޅައިގެން މަންމަ މިއުޅެނީ އަންވަރުގެ ފަހަތުގައެވެ.
އޭރު އަންވަރުވެސް ބިލް ދައްކަން ކައުންޓަރު ކައިރީގައި ހުއްޓިލައިފި އެވެ. އަރީޝް ހިނިގަނޑު ހިންދާލައިގެން ހުރިއިރު އޭނަ ހުރީ ނިކަން މަޖާވެފައެވެ. މިހާ ރީތިކޮށް ރަފްހާންގެ ދޮންމަންމަ ބޭޒާރުވެދާނެ ކަމަކަށް އޭނަ ހީކޮށްފައެއްނެތެވެ. ދެމީހުން ޅަ ދެލޯބިވެރިންހެން ހަދިޔާ ބަދިޔާ ބަދަލުކުރަމުން ބުރުތަޅަން އުޅެންޏާ ވާނެގޮތްވީއެވެ. ރަފްހާން އަތް މުށްކަވާލައިގެން ހުރެ އެތަނުން ނުކުންނާން ހިނގައިގަތްއިރު ފަހަތުން މާހްޖަބީންވެސް ނުކުމެގެން އައެވެ. ކިތަންމެ ބުންޏަސް ރަފްހާންމެންގެ މަންމަގެ ގޮތުގައި އެކުދިންގެ ދިރިއުޅުމުގައި ހުރި މީހަކު މިގޮތަށް ފެންނާކަށް މާހްޖަބީންވެސް ބޭނުމެއްނޫނެވެ. ނުބައި ވަގުތަކު ނުބައި ތަނެއްގައި ހުރެވުނީއެވެ.
"ރަފްހާން، ތިހީކުރި ގޮތަކަށް ނޫނޭ ކަންތައް ވެފައި އޮތީ، މަންމަ މިކިޔާ އެއްޗެއް އަޑުއަހާބަލަ..." މާހްޖަބީން ގެ ޖުމްލައިން ރަފްހާންގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ.
"އަޑުއަހަން މިހިރީ...." ރަފްހާން ކެތްތެރިވިއެވެ. އޭނަ އިތުރު ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫނެވެ. ދޮންމަންމަ އެހެން ފިރިހެނަކާ ގުޅިގެން އުޅުނުނަމަވެސް އެންމެ ރަގަޅެވެ. އެކަމަކު އެހެރީ އަންވަރު ގާތުގައެވެ. ބައްޕައަށް ކެހިދިން އިންސާނާ އާއިއެކީގައެވެ. އެކަމާ އޭނަ ދުވަހަކު މާފެއް ނުދޭނެއެވެ.
"ރަފްހާންއަށް ހަގީގަތް ނޭގި އޮތީމަ އެނގޭ ރުޅިއަންނާނެ ކަން، އެކަމަކު ބައްޕަ އަހަރެން ވަރިކުރިތާ ކޮންދުވަހެއް، ރާއްޖެ ތެރެއަށް ފުރިއިރުވެސް އެކަން އޮތީ ނިމިފައި، ކޮންމެވެސް ސަބަބަކާއިހުރެ ދެމީހުންނަށް އެކީގައި ނޫޅެވުނީމަ ދުރުވާން މަޖުބޫރުވީ، އަހަރެންވެސް އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުކުރި ފިރިހެންކުއްޖެއް ތިއީ، މިހާރުވެސް އެދެނީ ރަނގަޅު ގޮތްތައް ވާން، ރަފްހާން ރަނގަޅު ފިރިހެންކުއްޖެއްވީމަ އަހަރެން ކަމަކު އެދޭނަން، މިއަދު އަހަރެން ތިގެއިން ދިޔުމަށްފަހު އާވާ ބަލާނެ މީހަކުވެސް ހުރީއެއް ނޫން، އަހަންނާއިއެކު ގެންދެވޭނެ އެއްވެސް ފަދައެއް ނެތް، ރަފްހާން އާވާ ދުވަސްކޮޅަކަށް ނަމަވެސް ތިގޭގައި ބަހައްޓާދީ، އަހަރެން މިހިރީ ނަންނިވެސް ގެންދަން ކަމަށް، ވީމަ ރަފްހާންމެންނަށް ކައްކާ އެހެން ކަންތައް ކޮށްދޭނެ ކުއްޖަކަށްވެސް ބޭނުންވާނެ، އާވާ ހުރެދާނެ ތިގޭގައި، ރަފްހާންގެ ރުހުން އޮތިއްޔާ، ބައްޕަވެސް ގެއަށް ވަރަށް އަވަހަށް ރަށަށް އަންނާނެ، އޭރުން ބައްޕައަށްވެސް ވަކިގޮތަކަށް ކައްކާފައި ކާންދޭން ޖެހެނީ، ރަފްހާންމެންނަށް ފަސޭހައެއް ނުވާނެ ކޮންމެ އިރަކު ހޮޓަލުން ގެނެސްގެން ކާންދޭން....." މާހްޖަބީން ގެ ހިތުގައިވާ ވާހަކަ ނުބުނީ މަސްލަހަތަށް ބަލާފައެވެ. އާވާއާއި ކައިވެނި ކުރަން ރަފްހާން ގާތު ބުނެފިއްޔާ ރަފްހާން މާހްޖަބީންއަށް ދައްކަންވެސް އެކަމެއް ނުކުރާނެއެވެ. އާވާއަށް އެގެއިން ބޯހިޔާވަހިކަމާއި ރައްކާތެރިކަން ލިބިއްޖެއްޔާ މާހްޖަބީންގެ އެދުން ފުދުނީއެވެ.
މާހްޖަބީން ވާހަކަ ދެއްކީ ކަން ހިނގިގޮތް މުޅިން ތެދަކަށް ނޫނެވެ. އޭނަ މިހިރީ އަމީންއަށް ފޯނުން ގުޅައިގެން ވަރިވެގެންނެވެ. އެކަމަކު އެއީ އިހަށް ދުވަހުއެވެ. އަންވަރު އާއި އެކު ގުޅުން ބާއްވާތާ ކޮންދުވަހެއް ހެއްޔެވެ؟ މާހްޖަބީން ގޮސް އަންވަރުގެ ކާރަށް އެރިއިރު އޭނަގެ ލޮލުގައި ކަރުނަ ހިނގާލައިފިއެވެ.
"އަންވަރު، ދެން އެގެއަށް ދާކަށް އަހަންނަށް ނުކެރޭނެ....." މާހަޖްބީން ކޯތާފަތް ފޮހެލިއެވެ.
"މައްސަލައެއްނެތޭ، މިރޭވެސް އެޕާޓްމެންޓަށް ހަމަ ދާންވީ، ކޮންދުވަހެއް އަހަރެން އެހެންކިޔާތާ، މިހާރު ތިއީ އަމީންގެ އަންބެއްނޫން، ތިންމަސްފަހުން އަހަރެންގެ މީހަކަށް ވެގެން ޖަބީ އިންނާނީ އަހަރެންގެ ގާތުގައި، މިއަދު އެލިބޭ އުފާ އަހަންނަށް ބުނެދޭނެ ގޮތެއްވެސް ނޭގޭ....." އަންވަރުގެ މޫނުމަތި އުޖާލާވިއެވެ. ފައިސާއިންވެސް ނުވާނެކަމަކީ މާހްޖަބީން ލިބުންކަމުގައި އޭނަ ހީކުރިދުވަހެއް އައެވެ. ނަމަވެސް ފައިސާގެ ބާރު މިހާރު އަންދާޒާ ކުރެވިއްޖެއެވެ.
ރަފްހާން ގެއަށް އައިއިރު އާވާ އިނީ ސޯފާއެއްގެ އަތްގަނޑުގައި ބޯ ޖައްސާލައިގެންނެވެ. ރަފްހާން ފެނުމުން ސިހިފައި ދެލޯ ބޮޑުކޮށްލިއެވެ.
"ކޮބާ ނަންނިމެން..." ރަފްހާން އަހާލައިފިއެވެ.
"ޔާކިން އާއި ނަންނިވެސް ބޭރަށް ދިޔައީ..." އާވާ އިނީ މޮޅިވެރިވެފައިކަން އެނގެނީ ފަނޑުއަލީގެ ތެރެއިންވެސް އެލޮލުގައި ވި އަސަރުތައް ހަމަޔަށް ފެންނަން ހުރީމައެވެ. ރޮއިފައިންހެންވެސް ހީވިއެވެ.
"އާވާ ނުދިޔައީ ކީއްވެތަ؟ " ރަފްހާން ކުރިމަތީގައި ހުރި ސޯފާގައި އިށީދެލިއެވެ.
"ނަންނި ހުރީ އަހަރެން ދެކެ ރުޅިއައިސްފަ....." އާވާ ހުރީ ކޮންމެވެސް މީހެއްގެ ގާތުގައި ހިތް ބަންޑުންކޮށްލާ ހިތުންނެވެ. އެހެންވެ ރަފްހާން ސުވާލުކުރާއިރަށް އޭނަ ޔާކިންއަށް ހަމަލާދިން ވާހަކަ ކިޔާދިނުމަށްފަހު ސިއްރުކުރީ ޔާކިން އޭނަގެ ގައިގާ އަތްލި ވާހަކައެވެ. އެވާހަކަ ބުނެގެން ޔާކިންއާއި ދޭތެރޭ އޭނަގެ ބޭބެގެ ހިތް ގޯސް ކުރުވާކަށް ނުވާނެއެވެ. އެހެންނޫނަސް ރަފްހާން ގަބޫލެއްވެސް ނުކުރާނެއެވެ. ރަފްހާންގެ ލޮލަށް އެކަން ނުފެންނައިރު އާވާއަށް ހީވިގޮތެކޭވެސް ބުނެފާނެއެވެ. މާޒީގެ ހަނދާންތައް އޭނަގެ ސިކުނޑީގައި އެތައް ޓަނެއްގެ ބުރަދަނާއެކު ޖެހިގަތެވެ.
"ނޭގޭ އެންމެންވެސް އަހަރެންދެކެ ރުޅިއާދޭ...." އާވާއަށް ބުނެލެވުނެވެ.
"ތިހާ ކުޑަކުއްޖަކު ބޮޑު ފިރިހެނަކާއި ތަޅައިގަންނާނީ ވަރަށް ސްޓްރޯންގް ވީމަ......." ރަފްހާން ފޯނާއި ކުޅެން އިންއިރު އާވާ ގެ ސިކުނޑީގައި ހިނގާ ކަންތައް އޭނައަކަށް ނޭގެއެވެ. އެކަމާއި އެހާ ވިސްނާކަށްވެސް އޭނަ ގެ ޝައުގެއް ނެތެވެ. ދޮންމަންމަ ކަންތައް ކުރިގޮތުން ރަފްހާން އިނީ ފޫހިވެފައެވެ. ތިމާގެ ބޮޑުދައިތަ ދަރިއެއް ހުސް ފިރިހެނުން ތިބި ގެއަކަށް ދޫކޮށްލާފައި ދާއިރު ހިތަށް އެއްޗެކޭ ނާރަނީ ހެއްޔެވެ؟ އާވާފަދަ ވަޒީފާއަށް ދާކުއްޖަކަށް ގެއެއްގެ ނޯކިރީކަން ކުރެވޭނެހެއްޔެވެ؟ އެހެންނޫނަސް ދޮންމަންމަ ވަނީ ޔާކިން ގާތު ބޮޑު ދޮގެއް ހަދާފައެވެ. ވީއިރު ރަފްހާން އެނޫންގޮތަކަށް ބުނެފިއްޔާ ޔާކިން އެކުއްޖާއަށް ހަދާނެ ގޮތެއް އެނގެނީއެއް ނޫނެވެ.
"އަހަރެން ވަރަށް ދެރަވޭ، ނަންނިއަށް ރަގަޅަކަށް ކުރިކަމަކުންވެސް ނަންނި ރުޅިއައީ، އަހަރެން ނުބައި ޚިޔާލުކުރަނީއޭ ބުނީ، އަހަރެންވެސް ވަކި ރަގަޅުމީހެއް ނޫން، އެކަމަކު އޭރު ހިތުގައި އޮތީ އެކަނި ނަންނި ސަލާމަތްކުރުން، ނަންނި އެފަހުން ޓޯކް ނުކުރޭ....." އާވާ ވަރަށް އަސަރުކޮށްފައި އިނދެ ވާހަކަދެއްކިއެވެ.
"އެކަމާ ދެރަނުވޭ، ޔާކިންއާއި ނަންނި ވަރަށް ކްލޯޒްވާނެ، މާރަގަޅު ކަންނޭގޭ އެމީހުންނާއި އެކު އާވާ ނޫޅުނިއްޔާ، އެނގޭތަ ދައްތަ ދެން މިގެއަށް ނާންނާނެކަން...." ރަފްހާން ފޯނު ބާއްވާފައި އާވާއާއި ދިމާލަށް އިސްއުފުލާފައި ބަލާލިއެވެ.
"ނޭގޭ......" އާވާ ދެލޯ ބޮޑުކޮށްލިއެވެ.
"ދައްތަ އެއްޗެކޭ ނުބުނޭތަ؟ ނުގުޅާތަ؟ " ރަފްހާން ބުމަ ކާރިކޮށްލިއެވެ.
"ނުބުނޭ...." އާވާ އިނީ ކަންބޮޑުވެ ފިނިވެފައެވެ. މޫނުމައްޗަށް ވެރިވި ކުލަވަރު ފެނިފައި އާވާއާއި މެދު ރަފްހާން ހަމްދަރުދީވެސް ވިއެވެ. ތިމާގެ ކޮއްކޮ ހިލޭބަޔެއްގެ ތެރެއަށް އެއްލާލާނީ ދެން ކޮން މިޒާޖެއް ހުރީމަ ހެއްޔެވެ؟ އެއްވެސް ވަރަކަށް އަޅާލާނަމަ އެހެން ނަހަދާނެކަން ޔަގީނެވެ.
"ކޮންތާކަށް ދިޔައީ....." އާވާ ހިންދިރުވާލިއެވެ.
"އާވާ ގުޅާފައި އަހާބަލަ، މީހުންގެ ސިއްރުތައް އަހަރެން ކިޔާދޭކަށް ނުވާނެއްނު، އެނީވޭސް އާވާއަށް މިގޭގައި ހުރެވިދާނެ....." ރަފްހާން ވާހަކަދައްކަން އިންދާ އާވާ މޫނުގައި އަތް އެޅިގޮތަށް އޭނަ ރޮނީކަން ރަފްހާން ދެނެގަތެވެ. އާވާގެ ހިތްބަލިކަމާއި ފިނޑިކަމުން އެހެން މީހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގާފާނެއެވެ. މިހާ އަނިޔާވެރި ދުނިޔެއެއްގައި އުޅެވޭނީ ވަރަށް ހިތްވަރުގަދަ ވެގެންނެވެ. އެންމެފަހުން ރަފްހާންއަށް ނީދެވިގެން އެހެން ބުނެލިއެވެ. އާވާ އެހާ ފިނޑިނުވެ ހިތްވަރުކުރަން އެދުނެވެ. އާވާ ހިމޭން ކަރުނަތައް އޮއްސަން އިނދެފައި އެންމެފަހުން ގެއަށް ވަނުމުން ރަފްހާން ޔާކިންއަށް ގުޅިއެވެ. އެމީހުން ތިބީ ޝޯއެއް ބަލަން ކަމަށާއި ވަރަށް އަވަހަށް ގެއަށް ވަންނާނެ ކަމުގައި ޔާކިން ވައުދުވިއެވެ.
އާވާ އޭނަގެ މަންމައަށް ގުޅާލާފައި ގެއަށް ނައި ސަބަބު އަހަން އުޅެގަތެވެ. މާހްޖަބީން ބުނީ އޭނައާއި ނާޔާ އެހެން އެޕާޓްމެންޓަކަށް ބަދަލުވަނީ ކަމަށާއި އެއީ މީހެއްގެ އެހީގައި ކަމަށްވާތީ އަދި އާވާ ގެނެވެން ނެތްކަމަށެވެ. ހަމަޖެހިލައިގެން އުޅެވޭވަރުވީމަ އާވާ ގެންނާނެ ކަމަށާއި އޭނަ ބުނަންދެން ކްރިމްސަން ވިލާގައި މައިތިރިވެގެން ހުންނަން މާހްޖަބީން ހަރުކަށިކަމާއި އެކު އަމުރުކުރިއެވެ. އާވާ އޭރުވެސް ހުރީ ވާނުވާ ނޭގިފައެވެ. އޭނަގެ މަންމަ އެހެން ދޮންބައްޕައެއް ހޯދަން އުޅޭކަމެއްވެސް އާވާއަށް ރޭކާނުލިއެވެ.
ކްރިމްސަންވިލާއިން މާހްޖަބީން ވަކިވެގެން ދިޔަސް އާވާ ފިޔަވާ އެހެން މީހަކަށް އަސަރެއް ނުކުރެއެވެ. މަންމަ އެހެން ގެއަކަށް ބަދަލުވާކަން އެނގުމުން ނާޔާ ހުރީ މަޖާވެފައެވެ. މަންމައާއިއެކު އެ ރީތި އެޕާޓްމެންޓަށް ވަދެފައި ނާޔާ މޮޔަވެގެން އެތަން މިތަނުގައި ދުވެ ދުވެފައި އުޅުނެވެ. އެއީ ނާޔާ އުޅެން ބޭނުންވާ ދުނިޔެއެވެ. މައިންބަފައިން ވަކިވުމަކީ ދަރިންނަށް އޭގެ އަސަރުކުރާނެ ކަމެކޭ މީހުން ކިޔަނީ ކީއްވެބާވައޭ ނާޔާގެ ހިތަށް އެރިއެވެ. އޭނައަށް ކުރެވުނު ތަޖުރިބާ ތަފާތެވެ.
ޔާކިން ކޮޓަރީގައި ހުރެ އިސްތަށިގަނޑު ޑައިކޮށްލާފައި މޫނު ބްލީޗްކޮށްލިއެވެ. މޫނުބަލާ ލޯގަނޑުން ބަލާލިއިރު އޭނަގެ ސޫރަފެނުނުލެއް ތަފާތުކަމުން ޔާކިންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ރީތިވުމަށް އަހައްމިޔަތުކަން ދެނީ އިންތިހާއަށެވެ. އޭނަގެ ބޭބެ ތަންކޮޅެއް ކުރިން ބާސްކެޓްބޯޅަ ނޫނީ ފުޓްބޯޅަކުޅެ ހެދީ އެކުވެރިންނާއިއެކު ފޫހިފިލުވާށެވެ. ބޭބެ އިސްކޮޅުން ދިގުވެފައި ހަށިގަނޑު އެހާ ރީތިވި ސިއްރަކީ ކުޅިވަރު ކަމުގައި ޔާކިން ހީކުރިއެވެ. އެއުމުރުގައި ކުޅެވުނު ނަމަ އޭނަގެ އިސްކޮޅުވެސް ރަފްހާންއާއި އެއްވަރުވީސްކަން ނޭގެއެވެ. ޔާކިން ޖިމަށް ގަވާއިދުން ދާންފެށީވެސް ރީތި ހަށިގަނޑެއް ލިބުމަށް އެދޭތީއެވެ. ޔާކިން ބެލްކަންޏަށް ނުކުތްއިރު އޭނަ ދައުވަތުދީގެން ގެނެސްފައި ހުރި އަންހެންކުއްޖާ ލިލީ އިންތިޒާރުގައި ހުއްޓެވެ.
"މިހާތުނިކޮށް ތުބުޅި ބަހައްޓާފައި ބްލީޗްކޮށްލީމަ ރީތިކަން، ޑައިކޮށްލީމަ ޔާންއާއި ވަރަށް ގުޅޭ، މި ނިއު ލުކް މަށަށް ވަރަށް ސަޅި........." ލިލީ ޔާކިންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެތަންމިތާ އަތްލާގޮތުން ހީވަނީ ހިތްނުފުރިގެން އުޅޭހެންނެވެ. ލިލީއަކީ މުއްސަންޖެއްގެ ދަރިއަކަށްވާތީ ޔާކިން އޭނައާއި ގުޅައިގެން އުޅެނީ އެކަނި ލިބޭ ފައިދާއަށް ބަލާފައެވެ. އެހެންނޫންނަމަ ޔާކިން އަޅައިގަންނަ އެއްވެސް ސިފައެއް ލިލީގެ ނެތެވެ. މޭކަޕްކޮށްލާފައި ގަޔަށް ބާރުހެދުމެއް ލައިގެން ހުއްޓަސް ޔާކިންގެ ހިތުން ޖާގައެއް ނުލިބޭނެއެވެ. ލިލީ ޔާކިންގެ މޫނުގައި ހިފެހެއްޓިގޮތަށް އަނދިރިކޮށްލާފައިވާ ބެލްކަނީގައި ދެމީހުން އެއް ހިޔަނީގެ ގޮތުގައި ފެންނާންފެށިއެވެ. ރަފްހާން ސިޑިން އަރައިގެން އައިއިރު އެ މަންޒަރު ފެނިފައި އިސްޖަހާލަން މަޖުބޫރުވިއެވެ. އެ އަންހެންކުއްޖާއަކީ ކާކުކަން އެނގުމުން ނުރުހުންވެސްވިއެވެ.
"އެދިޔައީ އަހަރެމެން ފެނުނީމަ ވަރަށް ހިތްހަމަނުޖެހިފައި ހުރެ ދޯ، ރުޅިއައިމަ ރަފްހާން މާ ހޮޓް، އަންހެންކުދިން އަންދާލާނެ އެލޮލުން........" ޔާކިން ލިލީގެ އަތުގައި ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ލިލީ ހިނިގަނޑެއްޖަހާލިއެވެ.
"ވީއިރު އަލިފާން ރޯކުރުވަން ދޭބަލަ..." ޔާކިން ރުޅިއަންނަ ގޮތްވެފައި ލިލީގެ އަތުން ދޫކޮށްލުމުން އޭނަ ނުވެއްޓުނީ ކިރިޔާއެވެ. ޔާކިން ތިރިއަށް މިސްރާބުޖެހިއެވެ. އަބަދުވެސް އެންމެން ރަފްހާން ފާހަގަކުރަނީ ކީއްވެހެއްޔެވެ؟ ރަފްހާން ލިލީމެންކާރިއަށް ނާންނާނެކަން މި މޮޔައިންނަށް ނޭގެނީ ހެއްޔެވެ؟ އޭނަ ކުޑައިރުއްސުރެން އެންމެން އޭނައާއި ރަފްހާން އަޅާ ކިޔާވަރުން ބައެއްފަހަރު ރުޅިގަދަވެ ހިތަށް ތަދުވާފަހަރުވެސް އާދެއެވެ. ރަފްހާން ހުރިހާކަމެއް ފުރިހަމަވީމަ އެންމެންގެ ތައުރީފް އޮހެނީ އޭނައަށެވެ. އެކުވެރިންވެސް އެވަރެވެ. އަންހެންކުދިން ގެއަށް ގެންނާންފެށީމަ އެކުދިންނަށްވެސް ފެންނަނީ ރަފްހާނުގެ ރީތިކަމެވެ.
"އައި ވޯޒް ކިޑިން އޭ، ޔާން މާ ހޮޓް....." ލިލީ ޔާކިންގެ ފަހަތުން ގޮސް ބައްދާލިއެވެ.
"މާ ގަޔަށް އަތްލާގޮތްވަނީ ކީއްވެތަ؟ އަހަރެންގެ މޫޑެއްނެތް...." ޔާކިން ބާރަކަށް ގޮސް ގެއިންވެސް ނުކުތުމުން ލިލީ ހުރީ ދެރަވެފައެވެ. އޭނައަށް ކުރެވުނު ކުށެއް ނޭގިފައެވެ. ޔާކިން ހުރީ ނިކަން ރުޅިގަދަވެފައެވެ. ރަފްހާންގެ ހިޔަނިކަމުގައި ވެގެން އޭނަ އުޅެން ޖެހޭހާ ދުވަހަކު ހިތަށް ހަމަޖެހުމެއް ލިބޭނެބާވައޭ ހިތަށް އެރިއެވެ. ރަފްހާންއަށް އެކަން އިހުސާސްކުރެވޭ ބާވައެވެ. ޔާކިން ސިކުނޑިއަށް އުދަގޫކުރަން ފެށި ޚިޔާލުތައް އެއްކޮށްލަން މަސައްކަތްކުރަމުން ކޮފީއަކަށް ދާން ނިންމިއެވެ.
އަސުރުން އިރުތިރިވީއިރު ފަޒާ ކޮންމެވެސް ވަރަކަށް ފިނިވެލައިފިއެވެ. ޔާކިން ކާކޮޓަރިއަށް ވަންއިރު އާވާ އެކަނި އުޅޭތަން ފެނުމުން އުދަގުލެއް ކޮށްލާހިތްވިއެވެ. މިފަހަކަށް އައިސް ނާޔާގެ ސަބަބުން ޔާކިންއަށް އާވާއާއި ވާހަކަދެއްކޭނެ ފުރުސަތެއްވެސް ނުލިބެއެވެ. އޭނަ އާވާ ގާތުގައި ކޮފީއެއް ހަދަން ބުނިތަނުން ބައްޕަ ގުޅިއެވެ. ޔާކިން ބައްޕައާއި ވާހަކަދައްކަންވެގެން ފޯނު ނެގިއެވެ.
"މިގޭގައި މިވަގުތު ހުރީ ދޮންބެ މެރީކުރަން އުޅޭ އަންހެންކުއްޖާ އެކަނި، ނަންނި ވީ އޭނަގެ މަންމަ ގާތުގައި އެހެން އެޕާޓްމެންޓެއްގައި، އެކަން ބައްޕައަށް އެނގިފައި އޮންނާނެކަން ޔަގީން، ދޮންބެ މިހާރު ވަޒީފާ ނިންމާލާފައި އަންނަން އުޅޭނެ، ބައްޕަ ކޮންތާކު.........." ޔާކިން ބުނެލިއެވެ.
"ފެރީ ޓާމިނަލުގައި އެކަނި؟ " ޔާކިން ކިޔާލައިފިއެވެ. ރަފްހާންއަކީ ރަންދަރިއެވެ. ރަފްހާން ފޯނު ނުނެގީމަ ބައްޕަ އޭނައަށް ގުޅީއެވެ. އޭނަ ބައްޕަ ބަލާދާން ޖެހޭނެކަމަށް އޭނަ ގަބޫލެއްނުކުރެއެވެ.