"އޭނަދެކެ އަހަރެން ބިރުގަނޭ..." އާވާ ބުނެލިއެވެ.
"ކީއްވެތަ؟ "ރަފްހާން އަހާލިއެވެ.
"އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ، ސާމީއަށްވުރެ އޭނަގެ އަތުގައި ބާރުހުރޭ، އެންމެ ބިރުގަންނަނީ ރޫމްގައި އެކަނިވެއްޖެއްޔާ...." އާވާ ކިޔައިދިނެވެ.
"އެކަނިވީމަ ސާމީ އަކަށް ބަދަލުވެ އެބިއުޒްކުރަން ފަށަނީ ދޯ....." ރަފްހާން އާވާގެ ޚިޔާލު ހުރިގޮތް ބަލަން ބޭނުންވިއެވެ. 
"އަހަރެން ބޭނުމެއްނުވޭ އެއްވެސް މީހަކު އަތުކުރީގައި ބީހިލަންވެސް، އެހާ ފޫހިވޭ، އޭނަ ކުރާކަންތައް އަހަރެން ކިޔާދޭކަށް ބޭނުމެއް ނޫން، އެހެންވެ ރުޅިއައިސްގެން ކުރީދުވަހު ދަތްއެޅީ، ފަހުން އެކަމާ ވަރަށް ދެރަވި، އެކަމަކު އަނިޔާކުރީމަ ރިވެންޖް ނެގުމުގެ ހައްގު އޮންނާނެއްނު، ވާގޮތަކީ ރުޅިއައިމަ ޑެވިލް ގެ ބަހަށް ހެއްލި ނުލަފާ ކަންތައް ކުރެވެނީ، ފަހުން ރިއަލައިޒް ވޭ އެކުރެވުނީ ގޯސްކަމެއްކަން، އަހަރެން އަމިއްލައަށް ހާޓްވާފަދައިން އެހެން މީހުންގެވެސް ހިތެއްވާކަން އެނގެނީ މާ ފަހުން، ވަން މޯރ ތިންގް، ހަޒްބެންޑްގެ ބްރަދަރ ވަރަށް އުދަގޫކުރޭ، ހީޒް އެ ޑެވިލް، ވަރަށް ޔަކީ، ޑާކްބުނެބަލަ ހަދާނެގޮތެއް..." އާވާ ކުއްލިއަކަށް ބުނެލައިފި އެވެ.

"ހަޒްބެންޑްގެ ރޫމަށް ބަދަލުވޭ...." ރަފްހާން ނުތަނަވަސްވިއެވެ. އާވާ ހާމަކުރީ ހަގީގަތެއް ހެއްޔެވެ؟ ފަރުދާގެ ފުރަގަހުގައި ހުރެ ޔާކިން އާވާއަށް އުދަގޫކޮށްފާނެ ބާވައެވެ. އޭނަ ހުންނަ ތަންތާ ޔާކިން އުޅެނީ ވަރަށް "ފަހަރި" ވެގެންނެވެ. އާވާ ޔާކިންގެ ވާހަކަ ބުނުމުން ރަފްހާންގެ ހިތް އަވަސްވިގޮތަށް ދެއަތްތިލަ އުނގުޅާލެވުނެވެ. ހޮޓެލްގައި މަޑުކޮށްނުލާ ވަގުތުން ގެއަށް ދާން ބޭނުންވީ ޔާކިން އުޅޭ ނޫޅޭގޮތް ބަލާލުމަށެވެ. އެހެންނޫނަސް އާވާއަކީ ނުރައްކާތެރި ކުއްޖެކެވެ. ޔާކިން ގޯނާކުރަން ހަދައިގެން އާވާގެ ފަރާތުން ޔާކިންއަށް ނުރައްކަލެއް ފޯރަފާނެއެވެ.

ރަފްހާން ކޮފީ ތަށި ހުސްކޮށްލާފައި ނުކުމެގެން ދިޔައިރުވެސް ވިސްނެނީ އާވާ އާއި ދޭތެރޭގައެވެ. އޭނަގެ ފަހަތުން އެތައް އަންހެންކުދިންނެއް އުޅޭއިރު އޭނަގެ ހިތް އާވާފަދަ އާދައިގެ ކުއްޖަކަށްޓަކައި ވިންދު ޖަހަންވީ ސަބަބެއް އަދިވެސް ރަފްހާން އަކަށް ނޭގެއެވެ. އާވާ ތަފާތުވީމަ ބާވައެވެ. އާވާއަކީ މޮޔަކުއްޖެއްކަމަށް ގަބޫލުކުރާކަށް ހިތް ބޭނުމެއް ނުވެއެވެ. ނަމަވެސް ރަފްހާންއަށް އެނގެނީ އާވާގެ މިޒާޖުގައި އުދަގޫ ތަފާތު ގޮތެއް ހުރިކަމެވެ. 

އާވާ އަވަސް އަރުވާލައިގެން ހުރެ މޭޒުމައްޗަށް ތަށިތައް އަރުވަމުން ދިޔައިރު ހިތުގައިވަނީ ރަފްހާންއެވެ. ރަފްހާން އާއިމެދު ނުވިސްނަން ހުއްޓަސް މާ ގިނައިން އެ ސޫރަ ހިތަށް ވެރިވާންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނޭގެއެވެ. ބައެއްފަހަރު އެހެންވާތީ އޭނަ ރަފްހާންދެކެ ރުޅިއާދެއެވެ. ރަފްހާން ގޮތްގޮތަށް ބަލާލައިގެން ހިތަށް ގޯނާކުރަނީއެވެ. އެހެން ދުވަހަށްވުރެ އަތްމަތި އަވަސްކޮށް މޭޒުމަތި ތައްޔާރުކޮށް ނިންމާލާފައި ފެންވަރަން ދާންކަމަށް އުޅެނިކޮށް ކުއްލިއަކަށް ޔާކިން ދޮރުމައްޗަށް އެރިއެވެ. އެއްކޮށް ތެމިފޯވެފައިވާތީ އޭނައައީ މޫދުން ކަން އާވާ ދެނެގަތެވެ. 

"ސްވީޓްހާޓް، މިއުޅެނީ ފިނިވާތީ، ހީފިލުވާލަދީބަލަ..." ޔާކިން އެއް ލޯ މަރާލިއެވެ.
"އަވަނަށް އެރުނީމަ ހޫނުވެދާނެ......" އާވާ ލޯ އަޅާލާފައި ފަހަތަށް ޖެހުނެވެ. ޔާކިން ގެ ގާތުގައި އަމާރާ ދެއްކި ވާހަކަތަކަށްފަހު ޔާކިންގެ ހިތްވަނީ އާވާއާއި ދެކޮޅަށް މުޅިން އަނބުރާލާފައެވެ. އާވާއަކީ ފަހަރިއެއްގެ ގޮތުގައި މިގޭގައި ހުންނަން އެކަށީގެންވާ ފަރާތެއްކަމަށް ޔާކިން މިހާރު ގަބޫލެއް ނުކުރެއެވެ. ދޮންބެ އިނދެގެން އުޅެނީ މޮޔައަކާއި ކަމަށް ބުނެވެންޏާ އެއީ ޔާކިންއަށް ލިބޭ ހުތުރެކެވެ. ވީއިރު ކޮންމެފަދަ ގޮތެއް ހަދާފައިވެސް ރަފްހާންގެ ހަޔާތުން އާވާ އެއް ފަރާތްކޮށްލަން އޭނަ މިހިރީ ތައްޔާރަށެވެ. ޔާކިން އާވާގެ އަތުގައި ހިފާ ގާތަށް ދަމާލާފައި ކޮލުގައި ހިފާލިއެވެ.
"ތިމާގެ ފަހަރި ގަޔަށް އަރަން ތިއުޅެނީ ލަދުގެ ކަންފުޅެއްވެސް ނަހައްދަވާތީ، އަހަރެން ނޫން މީހަކު ނުފެނުނީތަ؟" އާވާ ފަހަތަށް ޖެހިލިގޮތަށް ގޮށްމުށްކަވާލައިފައި ޔާކިންގެ އަނގަމަތީގައި ޖެހުމާއިއެކު ޔާކިންގެ އަނގައިން ލޭ އޮހިގަތްތަން ފެނުނެވެ.
"ރޮއްވާލާނަން، ހަމަ ތެދެއް މިބުނީ އާވާ، ދުވަހަކު ފޮގިވް ނުކުރާނަން......" ޔާކިން ފްރިޖުން ފެންފުޅިއެއްނެގި ގޮތަށް ކާކޮޓަރިން ނުކުމެގެން ގޮސް އަނބުގަސް ކައިރީގައި މަޑުކޮށްލީ އަނގަ ދޮވެލުމަށެވެ. އޭރު އާވާ ދޮރުމަތީގައި ކަޅިއަޅާލައިގެން ހުއްޓެވެ. 

"އައި ވިލް އީޓް ޔޫ، އައި ވިލް ފިނިޝް ޔޫ...." އާވާ ދަތްތަކަށް ބާރުލާފައި ހިތަށް އެވަގުތު އައި އެއްޗެއް ކިޔާލީ ރުންކުރުވެފައިވާ ކުޑަކުއްޖެއްހެންނެވެ. ޔާކިން ހޭންފެށިއެވެ. އޭނަ ހީކުރިވަރަށްވުރެ އާވާ މޮޔައެވެ. އެސައިލަމްއަކަށް ނުލާ ކްރިމްސަން ވިލާގައި މިކުއްޖާ ބައިންދަން ހަދައިގެން އެހެން އެންމެން މޮޔަކޮށްލަފާނެއެވެ. ޔާކިން ވިސްނާލީ ދެން ހަދަންވީގޮތަކާއި މެދުގައެވެ. އާވާ ރަގަޅަށް ބިރުގަންނަވާލެވިއްޖެއްޔާ އަމިއްލައަށް މިގެއިން ނުކުމެގެން ހިނގައިދާނެއެވެ. އެހެންނޫނަސް އާވާގެ ސައިކިއޭޓްރިސްޓް އެނގޭނެނަމަ އެމީހެއްގެ ބޮލަށް ވަދެގެން ގުރާދޫއަށް ފޮނުވާލެވިދާނެއެވެ. ދެރައީ އަތުގައި ލާރި ނެތްކަމެވެ. އެވަގުތު ޔާކިންގެ ހަނދާނަށް އައީ ލިލީއެވެ. މުއްސަދި އަންހެންކުއްޖަކަށް ވެފައި އޭނައާއި ހެދި އެހާވަރުން އުޅޭއިރު ބޭނުމެއް ޖެހުނީމަ މޫނު އަނބުރާލާނެ ކަމެއް ނެތެވެ. ޔާކިން ލިލީގެ ނަން ހަނދާން ހުރީތީވެސް އަމިއްލަ ނަފުސަށް ތައުރީފުކޮށްފައި އަވަހަށް އެ ނަމްބަރަށް ޑައިލް ކޮށްލައިފިއެވެ.

އާވާ ކޮރިޑޯރ ގައި މޮޕްކުރަން ހުރިއިރު ޔާކިންއާއި ލިލީ ކޮޓަރީގައި އެގަންނަ ގަނޑެއްގެ ސަބަބުން ރުޅިގަދަވެގެން ތުންފަތުގައި ދަތްއަޅާލާ ބާރުކޮށްލެވެއެވެ. ކަންފަތުގައި އަތް އަޅާލެވެއެވެ. ލިލީ ތޫލިކޮށް ހަޅޭއްލަވައިގަންނާނެއެވެ. ބާރު ހިނިގަނޑެއް ޖަހާލާނެއެވެ. އެމީހުން އެހާ މަޖާވެލާފައި ކުރާކަމެއް ބަލާހިތުން އާވާއަށް ހުރެވުނީއެއް ނޫނެވެ. އާވާ މޮޕްކޮށް ނިމިގެން ޓެރެސްއަށް އެރީ އޭނަ ހައްދާ ގަސްތަކަށް ފެން ދިނުމަށެވެ. އާވާ މިގެއަށް އައިއިރު ވީރާނާކޮށް އޮތް ތަނެއް މިހާރުވަނީ ދިރުން ގެނުވާފައެވެ. މުށިތައް ހުހަށް ހުއްޓާ އޭނަ މާގަސްތައް އިންދިއެވެ. ގަސް ހޯދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ނާޒްގެ ފަރާތުންނެވެ. އިރުކޮޅެއްނުވަނީސް ލިލީ އައިގޮތަށް އޭނައާއި ވާހަކަދައްކަން ފެށީ ވަރަށް ގާތްކޮށެވެ. އޭނަ އާވާއާއި ގުޅުން ބަދަހިކުރާން މާ ގިނަ އިރެއް ނުނެގިއެވެ. އާވާގެ ފޯނު ނަމްބަރުވެސް އަތުލިއެވެ. އެރޭ ވާރޭ ވެހެންފެށުމުން އުޒުރެއް ދައްކާލާފައި ލިލީ އުޅުނީ ގެއަށް ނުގޮސް ޔާކިންގެ ކޮޓަރީގައިކަން އާވާއަށް އެނގުނެވެ. އެގާރަ ޖަހަނިކޮށް އާވާއަށް ލިލީ ގުޅާފައި ބުނީ ވިއްސާރަކަމުން ގެއަށް ނުދެވުނު ކަމަށާއި އާވާގެ ކޮޓަރީގައި ނިދަން އޮންނަން ބޭނުން ކަމުގައެވެ.

"އެމީހުން ކޮންމެވެސް ޕްލޭނެއް ކުރަނީކަމަށްވާނީ، އެހެންނޫންނަމަ ޔާކިންއާއި ލިލީ ބޭނުން ހާ ގަޑިއެއްގައި ކޮޓަރީގައި އުޅެފައި އަހަރެންގެ ރޫމަށް ނިދަން އައުމުގެ މާނައެއް ނެތް، އޯލްރައިޓް، ޝީކެން ސްލީޕް ހިއަރ، އަހަރެން އަވަހަށް ރަފްހާން ރޫމަށް ގޮސް އެކޮޓަރީގައި ނިދަން އޮންނާނީ...." އާވާގެ ހިތުގައި ޝައްކު އުފެދެންފެށުމުން ވިސްނިއެވެ. އާވާ ލިލީގާތު ނިދަން އަޔަސް އެންމެ ރަގަޅުކަމަށް ބުނެފައި ދޮރު ހުޅުވާލައިފިއެވެ. ކޮރިޑޯގެ ބޮކި ނިވާފައި ހުރުމުން ފެންނަނީ ބިރުވެރިކޮށެވެ. އެދިމާލަށް ލެނބިފައިވާ ގަހުގެ ގޮފިތައްވެސް ކަޅުއަނދިރީގެ ތެރޭގައި ދިއްކޮށްލެވިފައިވާ އަތްތަކެއްހެން ހަރަކާތްކުރެއެވެ. އާވާ ރަފްހާންއަށް ގުޅަން ފެށުމާއިއެކު ރަފްހާން ފޯނުނެގިއެވެ. އާވާ ދޮރާއި އަރާހަމަވީއިރަށް ރަފްހާން ދޮރުހުޅުވާލިއެވެ. ރަފްހާން ހުރީ އެކަނި ޖިންސްގައެވެ. ކޮޓަރިއަށް ވެރިވެފައިވާ އަލީގައި އެ ކަސްރަތީ ހަށިގަނޑު ފެންނަލެއް ރީތިކަމުން އާވާގެ ހިތްވެސް ގުޑުވާލިއެވެ.

"އާވާ، ކޮން އިމަރޖެންސީއެއް ވެގެންތަ؟ މިރޭވެސް ރޫމްގައި އުއްބައްތި ގެންގުޅުނީތަ؟ "ރަފްހާން ބަލާލިއިރު އާވާހުރީ ނިދާހެދުމެއް ލައިގެނެވެ. ހުދުހެދުމުގައި ހުރިއިރު ދޫކަމުން ގައިގާ ލައްވާނުލައެވެ.
"ނޫން، ނޫން، އެކަހަލަ ކަމެއް ނޫން، ޔޫ ނޯ ވަޓް، ޔާކިންއާއި ލިލީ ބައިވެރިވެގެން އަހަންނަށް ލަނޑެއްދޭން އެބައުޅޭ، އެހެންވެ ބިރުން މި ރޫމަށް ނިދަން އައީ، ކެން އައި......." އޭރު އާވާ ގެ ހިތުގެ ތެޅުން ބާރުކަމުން ބޭރަށް އިވޭނެހެން ހީވިއެވެ.
"ކިހިނެއް އާވާއަށް އެނގުނީ؟ " ރަފްހާން ބުމަ ކާރިކޮށްލަމުން ކޮނޑުގައި އަޅުވާފައިވާ ގަމީހެއް ދެއަތަށް މަހާލުމަށްފަހު ގޮށް އަޅުވާކަށް ނޫޅުނެވެ. ހީވީ ގަމީސް އިޝްތިހާރެއް ހެނެވެ. ލިލީ ހެނދުނުއްސުރެން ޔާކިންގެ ކޮޓަރީގައި އުޅެފައި މިރޭ ކުއްލިއަކަށް އާވާގެ ގާތަށް އަންނަން ބޭނުންވުމުން ހިތުގައި ސުވާލު އުފެދުނީކަމަށް އާވާ ބުނެލިއެވެ. ރަފްހާން ރީތިވާ މޭޒުކާރީގައި ހުއްޓިލާފައި ލޯގަނޑުން އާވާގެ މޫނަށް ބަލާލައިފިއެވެ. އާވާ ހުރީ ހާސްވެފައެވެ. ނިޔަފަތީގައި ދައިގެންނެވެ. ނަފްސާނީ މައްސަލަ ބޮޑަށް ހުރުމުން އެންމެނާއިމެދު ޝައްކުގެ ނަޒަރަކުން ދެކޭނެއެވެ. އަސްލު ނެތް އެއްޗެހި ލޮލަށް ފެނުމާއި ނެތް އަޑުތައް އިވުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ރަފްހާން ގެ ނަޒަރު އާވާގެ މޫނަށް ހުއްޓުނުއިރު އާވާއަށްވެސް ބަލައިލެވުނީއެވެ. ރަފްހާންގެ ދެލޮލުގެ ފުންކަމުގެ ތެރެއިން ފެނުނު އޯގާތެރިކަމާއި ތުންފަތްމަތީގައި އަބަދު ފެންނަ ފަނޑު ހިނިތުންވުމުގެ ސަބަބުން އާވާގެ ހިތް ލެނބޭގޮތްވިއެވެ. ޑާކްނައިޓްއެކޭ އެއްވަރަށް ރަފްހާންދެކެވެސް ލޯބިވެވެން ފެށީހެއްޔެވެ؟ އެހެންނޫންނަމަ އަބަދު އެދެމީހުންނާއި ބެހޭގޮތުން ވިސްނުމުގެ މާނައަކީ ކޮބާހެއްޔެވެ؟ ލިބެންނެތް މީހުންނަށްޓަކާ ހިތުގައި ވިންދު ޖެހުމަކީ މީހާގެ ބަދުނަސީބެވެ.

"އަހަންނަށް ބީރައްޓެހިންނަށް ޓްރަސްޓް ނުކުރެވޭ..." އާވާ ބުނެލައިފިއެވެ.
"އަހަންނާއިމެދު ޔަގީންކަމެއް އެބައޮތްތަ؟" ރަފްހާން ރީތިވާމޭޒަށް ކުޑަގޮތަކަށް ލެނގިލަމުން ހަށަން ބަދެލައިގެން ހުރެ ބަލަން ފެށުމުން އާވާ ލަދުގަންނަގޮތްވިއެވެ. ފަނޑު އަލީގެ ތެރެއިންވެސް އެ ތޫނު ދެލޮލުގެ ވިދުން ގަދަކަމުން ފާހަގަކުރެވެނީއެވެ. އަލިގަދަނޫންކަން ނަސީބެކެވެ. އެހެންނޫންނަމަ އާވާއަށް ރަފްހާންގެ ކުރިމަތީގައި އެވަގުތު ހުރުން އުދަގޫވީސްކަން ޔަގީނެވެ.
"ނެތް....." އާވާ ސީދަލަށް ބުނެލިއެވެ.
"ދެން ކީއްވެ މިރޫމަށް އައީ، އިތުބާރުނުކުރާ މީހަކާއިއެކު ތަޅުލިތަނެއްގައި އެކަނި......" ރަފްހާން ހިނިއަންނަގޮތްވިއެވެ.
"އެހެން މީހުންނަށްވުރެ އިތުބާރުކުރެވޭ...." އާވާ އިސްޖަހާލީ ރަފްހާންގެ މޫނަށް ނުބަލަން އަޒުމް ކަނޑައަޅައިގެންނެވެ. ރަފްހާންގެ ލޮލަށް ބަލައިފިއްޔާ އޭނައަށް ގޮތްގޮތް ހަދާލާތީއެވެ. ރަފްހާން އެވަގުތު ހަނދާންކޮށްދިނީ ވިލިމާލެ ބީޗާއި އާއަހަރު ފެށުނުރޭ އުނދޯލީގައި ހިނގި ހާދިސާއެވެ. ފުރަތަމަ ރޭގައި ވެސް ދިމާވީ ޑާކްނައިޓްގެ ބަދަލުގައި ރަފްހާންކަން އެނގުމުން އާވާއަށް އިތުރު ޝޮކެއްލިބުނެވެ. ޑާކްނައިޓް އެވާހަކަނުދެއްކާ ހުރި ސަބަބު ވިސްނުނީ އަދި ކިރިޔާއެވެ. ޑާކްނައިޓަށް އެދުވަހު ނުދެވުނީއެވެ. އޭނަ ދެދުވަހުވެސް ގޮސް ބައްދައިގަތީ ދުރުހިލޭމީހެއްގެ ގައިގައެއް ނޫނެވެ. ފިރިމީހާގެ ގައިގައެވެ. އެއްގޮތުން ބަލާއިރު ފާފައެއް ނުކުރެވި ސަލާމަތްވެއްޖެއެވެ. 

އެރެއިންފެށިގެން އާވާ ރަސްމީކޮށް ރަފްހާންގެ ކޮޓަރިއަށް ބަދަލުވެއްޖެއެވެ. ރަފްހާން އޮފީހުގައި އުޅޭ ގަޑީގައި އޭނަ ހުންނަނީ އަމިއްލަ ހަށިގަނޑަށް ފާރަލައިގެން އަބަދުވެސް ސަމާލުވެގެންނެވެ. ޔާކިން ގޭގައި އުޅޭކަން އެނގިއްޖެއްޔާ އޭނަ ހުންނަނީ އަމީންއަށް ފެންނަ ހިސާބުގައެވެ. ތަރުކާރީ އެއްޗެއް ކޮށާލަންވިޔަސް އޭނަ ތަށިތައް ހިފައިގެން އައިސް އިންނަނީ ފެންޑާގެ ގޮނޑިއެއްގައެވެ. ޔާކިންގެ ޕްލޭނަކީ ކޮބާކަމެއް ނޭގުނަސް އާވާއަށް ހަމަ ޝައްކުވަނީއެވެ. އޭނައަށް ލަނޑެއްދޭން އުޅޭހެން ހީވަނީއެވެ. މިގެއިން ޔާކިން ދާނެނަމައެވެ. ޔާކިން މީހަކާއި އިނދެގެން ގޮސްފިއްޔާ ހާދަ އަރާމުވާނެއެވެ. ޔާކިންދެކެ ބިރުން އުޅެނިކޮށް އާވާގެ ހާސްކަން އިތުރުވާންފެށީ އަމާރާ ގިނަގިނައިން އެގެއަށް އަންނާން ފެށުމުންނެވެ. ފޮނިއެއްޗެހި ހަދައިގެން އައިސް ރަފްހާންއަށް ދޭން މަސައްކަތްކުރަން ފެށުމުން އާވާ ވިސްނީ ފަންޑިތަ ހަދަނީކަމުގައެވެ. ރަފްހާންއާއި އޭނަ ދުރުކުރަން ނޫނީ އާވާ މަރާލަން ސިހުރުހަދަނީކަން ނޭގެއެވެ. ޑްރަގްވެސް ދީފާނެއެވެ. ރަފްހާންއަށް އަމާރާ ބަހައްޓާފައި ހުންނަ ފޮނި އެއްޗެހި ރަފްހާންއަށް ދިނުމުގެ ބަހަނާގައި ކޮޓަރިއަށް ގެންގޮސް ފްލަޝްކުރާންފެށީ ރަފްހާންއަށްވެސް އަންގާނުލައެވެ.

މިއަދުވެސް އަމާރާ އެގެއަށް އައީ ބޮނޑިބަތް ޕާރުސަލްތަކެއް ހިފައިގެންނެވެ. އަމާރާގެ ފިރިމީހާގެ ކޮއްކޮއެއްގެ ގޭ ކުއްޖަކަށް ހަތްދުވަސްވެގެން ނަން ދިނުމުގެ ހަފްލާގައި ކެއްކި ބޮނޑިބަތް ބޭބެގެ އާއިލާއަށް ދޭންވެގެން އަމާރާ ގެނައީއެވެ. ރީތިކޮށްލަންވެގެން އޭނަ އާވާއަށްވެސް ޕާރުސަލެއް ގެނައެވެ. ނުދީފިއްޔާ އޭނަ އާވާއާއި ޖައްސާލާފައި އުޅޭކަން އެންމެނަށް ފާހަގަކުރެވިދާނެއެވެ. ދިވެހި ހަކުރު ބޭނުންކޮށްގެން ހަދާފައި ހުރި ބޮނޑިބަތާއި ބަކަރިމަސް ފެނުނީމަ ކާހިތުން ހުރިނަމަވެސް އާވާއަށް ރަހަބަލާލާކަށް ނުކެރުނެވެ. އަމާރާ އާވާއަށް ޕާރުސަލެއް ދިއްކޮށްލުމުން ފަހުން ކެއުމުގެ ނަމުގައި އޭނަ ދިޔައީ ކާކޮޓަރިއަށެވެ. އަމާރާ ނެތް ދަނޑިވަޅު ބަލާލާފައި އޭނަ އަވަހަށް ޑަސްބިނަށް ޕާރުސަލް ލީތަނާ ރަފްހާން ދޮރުމައްޗަށް އެރިއެވެ.

"އާވާ، ކިހިނެއްތަ؟ " ރަފްހާން ގޮނޑި ދަމާލައިގެން އިށީދެއްޖެއެވެ. އަތްދިގު ކަޅުކުލައިގެ ގަމީހަކާއި ފަޓްލޫނުގައި އޭނަގެ ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ. އާވާގެ ހިތް ތައުރީފުކުރިއެވެ. 
"ރަގަޅު....." އާވާ މޭޒުމައްޗަށް ތަށިތައް އެރުވިއެވެ. ބޮޑުދައިތަ ބޮނޑިބަތް ގެނައިވާހަކައާއި މިރޭ ކާން ބެހެއްޓީކަމަށްވެސް އާވާ ބުނެލިއެވެ.
"ނޫނޭ، މިރޭ ވާންވާ އިރަށް ތާޒާކަން ކެނޑިދާނެ....." ދޮރުމަތިން އަމާރާގެ އަޑުއިވިފައި އާވާ ސިހޭގޮތްވިއެވެ. އަމާރާ އާވާއަށް އެންގީ އޭނަ ގެނެސްދިން ބޮނޑިބަތް ޕާރުސަލް ގެނެސްދިނުމަށެވެ. އާވާ އެހާ ފަސޭހައިން ރަފްހާން ސިހުރުގައި ޖެހުނަ ނުދޭނެއެވެ. އަމާރާ އެވަރުން ކާންދޭން އުޅޭނީ ކޮންމެވެސް ސަބަބަކާ ހުރެކަން އޭނައަށް ޔަގީނެވެ. އާވާ ބަދިގެ ބަޔަށް ވަދެލާފައި އެ ޕާރުސަލްވެސް ޑަސްބިނަށްލާފައި އައިގޮތަށް ބުނެލީ ކޮންމެވެސް މީހަކު އެތާ ބަހައްޓާފައިހުރި ޕާރުސަލް ކައިފި ކަމުގައެވެ. އަމާރާ ހުރީ ގަބޫލުކުރަން ދަތިގޮތަކަށް ބަލަހައްޓައިގެންނެވެ. އާވާއަކީ މޮޔައަކަށްވާހިނދު އޭނަ ދައްކާ ވާހަކައަށް އިތުބާރެއް ނުކުރެވޭނެއެވެ. އަމާރާ އަމިއްލައަށް އެތެރެއަށްވަދެ ހޯދަމުންގޮސް ޑަސްބިން ބަލާލާފައި ރުޅިގަދަވަގެންގޮސް މޫނަށް އެތައް ކުލަތަކެއް ވެރިވިއެވެ. އާވާ ގަސްތުގައި އޭނަ ގެނައި ޕާރުސަލްތައް އުކާލީއެވެ. އެކަމަކު ރަފްހާންގެ ކުރިމަތީގައި އެވާހަކަ ދައްކަން ބޭނުންނުވާތީ ޝަކުވާއާއިގެން ދިޔައީ އަމީންގެ ގާތަށެވެ. އަމީން ހުރީ ގަބޫލުކުރުން ދަތިވެފައެވެ. އަމާރާ އާވާ ކުށްވެރި ކުރަންވެގެން ކޮންމެވެސް ކަހަލަ ކޫސަނި މައްސަލަތަކެއް ހިލުވާލަނީއެވެ. އަމާރާއަކީ ހަގީގަތުގައި ދުރުވިސްނޭ އަންހެނެކެވެ. އާވާއާއިމެދު އޭނަ ޝައްކުކުރީ ހަމަ ރަގަޅަށެވެ. 

"އާވާ ހީކުރަނީ ރަފްހާންއަށް ފަންޑިތަހަދަނީކަމަށް ދޯ، އަމިއްލަ ދަރިއެއްފަދަ ކުއްޖަކަށް އެކަހަލަ ކަމެއް ދެން ނުކުރާނެކަން ނޭގުނީތަ؟ އެހެންނޫނަސް ފަންޑިތަ ހަދަން ބޭނުންވިނަމަ މިހާރުތަ އެކަން ކުރަންވީ، ރަފްހާން މިގެއަށް ގެނެސްގެން އުޅެނީ ވަރެއްގެ މަންޖެއެއް، މިގެ ރޯކޮށްނުލައިފިއްޔާ ވެދާނެ......." އަމާރާ ރުޅިވެރިކަމާއިއެކު ކުދިކިޔާލަ ކިޔާލާ ހުރިއިރު ރަގަޅު ޚިޔާލެއް އައެވެ.

ރަފްހާން އާއިއެކު އެއްކޮޓަރި ހިއްސާކުރަން ފެށުމުން ނޭގިނަމަވެސް އާވާގެ ހިތުގައި ރަފްހާން ރަސްކަން ކުރަންފެށިއެވެ. ރަފްހާން އަންނަގަޑިއަށް އިންތިޒާރުކުރެވި ދެލޯ ބޭގަރާރުވާންފެށިއެވެ. ބެލްކަންޏަށް ނުކުމެހުރެ ދޮރާށްޓާއި ދިމާލަށް އެތައް ފަހަރު ބަލާލެވެއެވެ. އިންތިޒާރުގައި ހުއްޓާ ރަފްހާން ފެނުމުން ހިތް ތެޅިގަންނަގޮތާއި ލިބިގެންދާ ފިނިކަމުން އާވާއަށް އެއްޗެއް ވިސްނޭވަރުވެއްޖެއެވެ. އޭނަގެ ހިތުގައި ރަފްހާންގެ ލޯބި އުފެދުނީހެއްޔެވެ؟ ޑާކްނައިޓްއާއި ދެމީހުންދެކެ އެއްފަހަރާ ލޯބިވުމަކީ އެކަށީގެންވާކަމެއް ހެއްޔެވެ؟ މިއީ ފާފައަކަށް ނުވާނެހެއްޔެވެ؟ އާވާގެ ހިތުގައި ފޮނި އިހުސާސްތަކެއް އުފެދެން ފެށިނަމަވެސް ރަފްހާން އޭނަގެ އަތުކުރީގައި ބީހިލަންވެސް އާވާގެ ހިތް މުޅިން ދެކޮޅެވެ. ލޯބިވިޔަސް އޭނަގެ ގައިގާ އަތްލީމަ އޭނަ ފޫހިވެދާނެއެވެ. ރަފްހާންދެކެ އޭނަ ލޯބިވާން މި ފެށީ ދުރުން އުޅޭތީއެވެ. ރަގަޅުކަމުންނެވެ.

ވިއްސާރަވެ މާލޭގައި ތަފާތު ވައްތަރުގެ ރޯނގާ ފެތުރެން ފެށިއިރު "ކްރިމްސަންވިލާ" ގެ މެމްބަރުންނަށްވެސް ހުމުގެ އުދަގޫތައް ކުރިމަތިވިއެވެ. އެންމެ ފުރަތަމަ ހުން އައީ އަމީންއެވެ. އަމީން އެޑްމިޓްކޮށްގެން ރަގަޅުވިތަނާހެން އާވާ ބަލިވާގޮތްވިއެވެ. އާއްމުކޮށް ސައިހަދަން ތެދުވާކުއްޖާ ނުތެދުވާތީ ރަފްހާން ބަލާލިއިރު އާވާ އަދިވެސް އޮތީ ރަޖާއިން މޫނު ފޮރުވާލައިގެންނެވެ.

ރަފްހާން އާވާއަށް ދެތިންފަހަރު ގޮވާލުމުން ވަރުދެރަގޮތަކަށް ހޫމްއެއް އަޅުވާލާފައި އަނެއްކާ ބިއްދޮށަށް އެނބުރުނެވެ. ރޭގަނޑު ނުނިދާ ހޭލާ އުޅޭ ކުއްޖަކަށްވާތީ އުދަގޫނުކުރަންވެގެން ރަފްހާން އަމިއްލައަށްގޮސް ކޮފީ ހެދިއެވެ. ކުޑަގޮތެއް ހަދާލައިގެން އައިސް އޮފީހަށް ދާން ތައްޔާރުވެލަން ހުއްޓާ އާވާ ކުކުރާލިހެން ހީވިއެވެ.

"އާވާ؟ " ރަފްހާން މަޑުމަޑުން ރަޖާ ދުރުކޮށްލިއިރު އާވާގެ ތުންފަތް ރަތްކަމުން ހީވަނީ ލޭ ފައިބާހެނެވެ. އާވާ ހުމާ ފިހެނީކަން އެނގިފައި ރަފްހާން ނިތްކުރީގައި އަތްޖައްސާލިއެވެ. ހުމުގެ ބުރާންތީގައި އޮވެ އާވާ ހަމަނުޖެހޭ ވާހަކަތަކެއް ދައްކަންފެށީވެސް އެވަގުތުއެވެ. ހުމުގެ އަސަރު އޭނަގެ ސިކުނޑިއަށް ވަރަށް ބޮޑަށްކޮށްފައިވެއެވެ. ރަފްހާން ފެންފޮތިލާދޭން ފެށުމުން އާވާގެ ވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނެވެ. ރަފްހާންގެ ފިނިއަތްތިލަ ޖެހުމުން ހީކަރުވައިގަނެ އަތް ދުރުކޮށްލެވެން އުޅެފައިވެސް އާވާ ހިމޭންވިއެވެ. މިވީހާތަނަށް ބަލިވުމުން ބައްޕަ ފިޔަވާ އެހެން މީހަކު ދުވަހަކު އާވާއަށް އެހީތެރިވެދީފައެއް ނުވެއެވެ. ހޮޑުލެވެން ފެށުމުން ރަފްހާން ބޮލުގައި ހިފަހައްޓާދީ ތުން ދޮއްވާދިނެވެ. ޑޮކްޓަރަށް ދައްކާދޭން އާވާ ގެންދިޔައީ ގަޔަށް ލައްކޮށްލައިގެން ހުރެއެވެ. އެ ގާތްކަން އާވާއަށް ކަމުދިޔައެވެ. އެއްވެސް ނުބައި ނިޔަތެއް އެކަމުގައި ނެތްކަން އާވާއަށް އެނގޭތީއެވެ. އެއީ އިންސާނިއްޔަތުކަން ހުރީމަ ރަފްހާން ވެދިން އެހީއެވެ. ކުރުނބާފެންފަދަ ދިޔާ އެއްޗެހި ގިނަގިނައިން ދޭން ފެށުމުން ލޯ ހުޅުވާލެވޭ ވަރުވީއިރު އާވާގެ ހިތުގައި ރަފްހާންއާއިމެދު އޮތް ލޯބި ވަނީ ދެގުނަ އިތުރުވެފައެވެ. މިހާ ރަގަޅު އިންސާނުން ދުނިޔޭގައި ހަމަ އުޅެނީހެއްޔެވެ؟ ބަލިވުމުން އެހީތެރިވާފަދަ ފިރިން ލިބޭނީ ނަސީބުވެރިޔަކަށެވެ.

އާވާ ދެތިން ދުވަސްވާންދެން ބަލިކޮށް އުޅުނުއިރު ރަފްހާން ސަލާމުގައި ހުރެގެން އަމިއްލައަށް ކައްކާ ގޭގެ ކަންތައް ކުރުމުގައި އުޅޭތަން އެންމެ ގާތުން ދުށީ އަމާރާ އެވެ. އަމާރާ ހުރީ އެކަމާއި ވަރަށް އުދަގޫވެފައެވެ. ހިތަށް އަރާ ފޭބި އެއްޗެހި މަދެއްނޫނެވެ. އެފަދަ ނަސީބެއް އޭނަގެ ދަރިފުޅަށް ނުލައްވައިގެން އަމާރާގެ ހިތްފަޅައިގެންދާ ވަރުވަނީއެވެ. އާވާއާއި މެދު ހިތުގައި ހަސަދައިގެ އަލިފާންގަނޑު ރޯވެގެން އަނދަންފެށިގޮތަށް ނިވާލެވޭގޮތެއް ނުވިއެވެ. ރަފްހާން ގޭގައި މޮޕްލާ އެވަރުން ނުވެގެން ކައްކަން ޖެހެނީ ގޭގައި ހުރި އަންހެނެއްގެ ކަންނެތްކަމާއި ވިޔާނުދާކަމުންނެވެ. ފަހުން އަމާރާއަށް އެނގުނީ އާވާ މާ ގަދަ ހުމެއް އައިކަމެވެ. އެވަރުންވެސް އެއީ ރަފްހާން ލައްވާ ކައްކުވަން ޖެހޭކަމެއް ކަމަށް އަމާރާ ނުދެކުނެވެ. ރަފްހާން ރޭގަނޑަށް ނޫޑުލްސް ހަދަންވެގެން މިރުހާއި ފިޔާ ކޮށަން ހުއްޓާ އަމާރާ އެތަނަށް ވަދެފައި ޗޮކެއް ކަނޑާލިއެވެ.

"ރަފްހާން ތިއީ މާތް ފިރިހެންކުދިން ކުރާކަންތަކެއް ނޫނޭ، ދައްތަމެން ތިއްބާ ރަފްހާން ނުޖެހޭނެ ބަދިގެއަށް ވަންނާކަށް....." އަމާރާ ރަފްހާންގެ ބުރަކަށީގައި ފިރުމަންފެށިއެވެ.
"އަންހެންކުދިން ބަލިވީމަ ދެން އެހެން ގޮތެއް ނޯންނާނެތާ......" ރަފްހާން ހިނިތުންވެލިއެވެ. ރަފްހާންފަދަ ފިރިޔަކު ލިބޭ އަންހެންކުއްޖަކު ދެއަތް އުރާލައިގެން އިނަސް ރަގަޅުވާނެއެވެ. އޭނަގެ ފިރިމީހާ އަތް ގާތްކޮށްލަދޭން އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނެއެވެ. ފިރިމީހާގެ އާއިލާގެ މީހުންގެ އެހީތެރިކަން ނުލިބުނުނަމަ ދަރިން ގެންގުޅުމަކީ ކުރެވޭނެވަރުގެ ކަމެއް ނޫނެވެ. އާނާއަށް ރަފްހާން ހޯދަނުދީފިއްޔާ އޭނަގެ ނަމަކަށް އަމާރާ ނުކިޔާނެއެވެ. އަމާރާ ތެލި އަރުވައިގެން ފިޔާ މީރުކޮށްދޭންވެގެން އުޅެގަތެވެ. ރަފްހާން މަސައްކަތްކުރާތަން ދެކެން އޭނަގެ ހިތަށް ކުޅަދާނަނުވާ ވާހަކަ ބުނެލިއެވެ. 

"ރަފްހާން، އެބައޮތް މުހިއްމު ވާހަކައެއް ދައްކާލަން، ބައްޕައަށްވެސް ރަފްހާން މިކަން ސިއްރުކުރަންވާނެ އިނގޭ........." އަމާރާ ވާހަކަދެއްކީ ނިކަން މަޑުންނެވެ. 

ކޮމެންޓް 0