"މަންމަވެސް އައި، އަހަރެންގެ ހާލުގެ ވާހަކަ އަހާލުމުގެ ހިތްވަރު ހުރީތީ ހައިރާންވެއްޖެ، ބަލަ އާވާގެ ސަބަބުންނެއް ނޫންތަ އަހަރެން ހިތުގެ ބަލި މީހަކަށްވީ، އަހަރެން ކުޑައިރުއްސުރެން މެރީ ކުރުމުގެ ހުވަފެން ދެކުނީ ރަފްހާން އާއި، އެކަމަކު އަހަރެން މުޅި ހަޔާތް އެމީހަކަށްޓަކާ އިންތިޒާކުރި މީހަކު މޮޔައަކު ޖަހައިގަތީމަ އަހަރެން މިހިރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭގިފައި، އާވާ ރަފްހާންއާއި ކުރި މެރިޖް ތިއީ ނަމެއްގައި ކުރި ކައިވެންޏެއްނު ދޯ، ވީމަ އާވާ ދާންވީނު، މިގެއިން ދާންވީނު....." އާނީ ގެ ހިތުގައި މިހުރިހާދުވަހު ފޮރުވައިގެން ހުރި އެއްޗެހިތައް އެއްފަހަރާ ކިޔާލާފައި އެވަރުން ނުވެގެން އާވާގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ.

"ޕްލީޒް....." އާވާ ބިރުން ފަހަތަށް ޖެހިލަމުން އެއްޗެކޭ ބުނަން އުޅުނެވެ.
"އަހަރެން ބޭނުމެއްނޫން ކަލޭ ދައްކާ ވާހަކަ އަޑުއަހާކަށް، ތިއުޅެނީ މިގެއަށް ވެރިވެގަންނަން، ބޮޑު ބިމެއްގެ ދަހިވެތިކަމުގައި ރަފްހާން އާއި ގާތްވާން ތިއުޅެނީ، މާރަގަޅު ކަމަށް ހެދިގެން ހުރެ މުޅި އާއިލާ ބްރޭކްކޮށްލައިފި، ބޮޑު މޮޔަގަނޑު...." އާނީ ހީވަނީ ދެލޮލުން އާވާ ކާލަފާނެހެންނެވެ. އާވާ އެނބުރިލާފައި ދުވެފައިގޮސް ސިޑިން އަރައިގެން ދިޔަގޮތަށް ހުއްޓުނީ ރަފްހާންގެ ކޮޓަރި ތެރޭގައެވެ. އޭރު އޭނަވަނީ މާ ނޭވާލެވިފައެވެ. ރަފްހާން ފާޚާނާ ތެރޭގައި ޝަވަރަށް ދޫކޮށްލައިގެން ހުރި އަޑު އިވުނެވެ. ރަފްހާން ފެންވަރާގަޑީގައި މިތާ ހުރުމަކީ އޭނަ މިވީހާތަނަށް ކޮށްފައިވާކަމަކަށް ނުވިޔަސް ދޮރުތަޅުލެވުނީ ގެންފައިވާ ބިރެއްގެ ސަބަބުންނެވެ. އަމިއްލަ ނަފުސް ސަލާމަތް ކުރަން ވެގެންނެވެ. އޭނަ އާއި އެންމެން މިހާ ދެކޮޅުވެ ދުޝްމިން ވާންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް އާވާ އަކަށް ނުވިސްނުނެވެ. އާވާ ބެލްކަނީގެ ދޮރު ކައްސާލާފައި އެތަނަށް ވަންގޮތަށް ގޮނޑިއަކަށް ތިރިވެ މޫނުގައި ދެއަތް އަޅާލައިފިއެވެ.

"އާވާ...." ފިނިއަތަކުން އާވާގެ ދެއަތުގައި މަޑުމަޑުން ހިފަހައްޓާލަމުން ރަފްހާން ގޮވާލުމާއި އެކު އާވާއަށް ކެތްނުކުރެވިގެން ރޮވިއްޖެއެވެ. މިވީހާތަނަށް ކަރުނައަކީ އޭނައާއި ބީރައްޓެހި އެއްޗެކެވެ. ނަމަވެސް ހީވަނީ މިހުރިހާ ދުވަހު ލޮލުތެރޭގައި ގިނަވެފައި ހުރި ކަރުނަތައް އެއްފަހަރާ ބޭރުކޮށްލަން ބޭނުންވީހެންނެވެ. އާވާގެ ގާތަށް ރަފްހާން ތިރިވުމުން ކޮނޑުގައި ބޯ ޖައްސާލެވުނު ގޮތަށް އާވާ ގިސްލާފައި ރުޔެވެ.
"ދެޓްސް އިނަފް، މާ ގިނައިން ރޮވިއްޖެ..." ރަފްހާން އާވާގެ ބުރަކަށީގައި ފިރުމާލިއެވެ. މިހުރިހާ ދުވަހު ރަފްހާން އާއި ދުރުން އުޅުނަސް އެ އަމަލުން އާވާގެ ހިތުގައި ފިރުމާލަދިންހެން ހީވިއެވެ. ރަފްހާން ފިޔަވާ އޭނައަށް އެހީތެރިވާ އޯގާތެރިވާ މީހަކު ނުވާނީހެއްޔެވެ؟ އޭނަ އަށް މިގޮތަށް ރޮވުނީތީ ލަދުގެންފައި އޭނަ އަވަސްއަވަހަށް ރަފްހާންގެ ކޮނޑުން ބޯ ނަގައިފިއެވެ.

"އަހަންނަށް ވީގޮތް ކިޔާ ނުދޭނަންތަ؟ " ރަފްހާން ގެ ރީތި ދެލޮލުން އޯގާތެރިކަން ނޫން އެހެން އެއްވެސް އެއްޗެއް އޭނައަކަށް ނުފެނުނެވެ.
"އާނީ ބޭނުމެއްނުވޭ އަހަރެން މިގޭގައި ހުންނާކަށް، އާނީ ރަފްހާން އާއި މެރީ ކުރަން ހަމަޖެހިފައިވާއިރު އަހަންނަށް އާނީގެ ހައްގަކަށް އަރައިގަނެވުނީއެއް ނު، ރަފްހާން އެވާހަކަ ނުބުނީމަ ނޭގުނީ، ރަފްހާން، އަހަރެން މިގެއިން ދާންވީތަ؟ އެހެންނޫނީ ހިޔެއްނުވޭ މިގެއަށް ދުވަހަކު ހަމަޖެހުމެއް ލިބޭނެހެން...." އާވާ އެހެން ބުނުމުން ރަފްހާން ގެ އިނގިލިތަކުން އާވާގެ ކޯތާފަތް ފޮހެލަދިނެވެ. ރަފްހާންގެ ދެލޮލުން އެވަގުތު ފެނުނީ ބަޔާން ކުރަން ދަތި އެތައް ޖަޒުބާތެކެވެ. އޭނަ އާވާއާއިއެކު އުޅެން ބޭނުންވާވަރު އޭނަ ބުނެދޭންވީ ހެއްޔެވެ؟ އާވާ ރަގަޅުކުއްޖަކަށް ވެގެން އޭނަގެ ކާރިއަށް އަބަދަށްޓަކާ އަންނާނެ ދުވަހަކަށް އޭނަ އިންތިޒާރުކުރެއެވެ. އޭނަގެ ހަޔާތުން އެހެން އަންހެންކުއްޖަކަށް އެއްވެސް ޖާގައެއް ނެތެވެ. އޭރު ބެލްކަންޏަށްވެސް އަނދިރިކަން ވެރިވެފައި އޮތެވެ. މަތިމައްޗަށް ވިލާތައް ބޯވެގެންގޮސް ބާރު ވައިރޯޅިތަކާއި އެކުގައި އާވާގެ ފަންއިސްތަށިގަނޑު ނުކިޔަމަންތެރިކަމާއި އެކުގައި އުދުހިގަތެވެ.

"އެހެން އެންމެނަށް ހަމަޖެހުން ލިބިދާނެ، އެކަމަކު އަހަރެންނަށް ކޮންމެ ގޮތެއްވިޔަސް އާވާއަށް ވަރިހަމަތަ؟ އަހަންނަށް ވަރަށް އުދަގޫވާނެ އާވާ މިގެއިން ގޮސްފިއްޔާ، އަހަންނަށް އެނގޭ، އަހަރެން މިވަރަށް ކާރިވުމަކީވެސް އާވާ ރުހޭކަމެއް ނޫން، ކާތަށިތަކާއި ސަމުސާވެސް އަހަރެން ބޭނުންކޮށްފިއްޔާ އާވާއަށް އެ ބޭނުންކުރާކަށް ކަމަކުނުދޭ، އެހާވަރަށް ފަކުރުން އުޅޭ ކުއްޖެއްކަން އެނގޭއިރުވެސް އަހަރެން އަދިވެސް މި އިންތިޒާރުކުރަނީ އާވާ ބަދަލުވެގެން އަހަރެންގެ ގާތަށް އަންނާނެ ދުވަހަކަށް، އާވާ، ޑޯންޓް ގޯ، އަހަރެން މިހިރީ އާވާ ބޭނުން ދުވަހަކަށް ވެސް ދުރުން އުޅެން، އެކަމަކުވެސް މިގޭގައި ހުރެދީ، އޭމް އައި އާސްކިން ޓޫ މަޗް....." ރަފްހާން އާވާގެ އަތުގައި ހިފަހައްޓާލަމުން މަޑުމައިތިރި ކަމާއިއެކު ވާހަކަދެއްކިއެވެ. އާވާގެ ހިތް އޭރު ހީވީ ދިރޭރަހަފޮދެއްހެނެވެ. ރަފްހާން ގެ ދުލުން އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެސްވިއެވެ. ހަގީގަތުގައިވެސް ރަފްހާން އޭނަ މިގޭގައި ބަހައްޓަން ބޭނުންވަނީ ހެއްޔެވެ؟ މިކާވެނީގެ ގުޅުން އަބަދަށްޓަކައި ދަމަހައްޓަން ބޭނުންވަނީ ހެއްޔެވެ؟ ރަފްހާން އާވާއާއި ވާހަކަދައްކަން ހުއްޓާ ބައްޕަ ގުޅަން ފެށުމުން ތިރިއަށް ދާންވެގެން އާވާގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލާފައި ދިޔުމުން އާވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ ވަގުތުކޮޅު އަނެއްކާވެސް ވިސްނާލެވުނީ ޔާކިންގެ ހަމަލާއެވެ. އާނީގެ އިންޒާރުތަކެވެ. އެދެމީހުން އޭނަގެ ދިރިއުޅުމަށް ދަތިކުރާނެ ވަރެވެ. ނަމަވެސް ރަފްހާންއަށް ޓަކައި ކެތްކުރަން އޭނަ ހިތާހިތުން ވައުދުވިއެވެ. ރަފްހާން އޭނަ ވަރިކުރީމަ ނޫނީ މިގެއިން ނުކުމެގެން ނުދާނެއެވެ. އާވާ ހުރީ ކޮޓަރިން ބޭރަށް ދާން ނުކެރިފައެވެ. އާވާ ތިރިއަށް އައިއިރު ރަފްހާން ކާކޮޓަރީގައި އުޅޭތަން ފެނިފައި އެދިމާލަށް މިސްރާބުޖެހިއެވެ.

"އަވީ، ޔާކިން ނާދޭތަ؟ ބައްޕަ އުޅެނީ ޔާކިން ގެއަށް ނައިސްގެން ކަންބޮޑުވެގެން، ފޯނަށް ގުޅާލިއިރު ނިވާލާފައި އޮތީ، ޔާކިން އުޅޭގޮތެއްވެސް ނޫން......." ރަފްހާން އެހެން ބުނުމުން އާވާ ހީކުރީ ޔާކިން އެ ހާދިސާގެ ސަބަބުން ރުޅިއައިސްގެން ގެއަށް އަދި ނުވަންނަން ހުރީ ކަމަށެވެ. އަމީން ޔާކިން ގާތު ގެއަށް ނުވަންނަން ބުނިކަމެއް އޭރު އާވާއަކަށް ނޭގެއެވެ. އާވާ ކޮފީ ހަދާފައި މޭޒުމަތީގައި ބަހައްޓާއިރަށް އޮޅިގެން ރަފްހާންއަށް ތުނބުޖެހުނީ އާވާގެ ކޮފީ މަގުގައެވެ. ރަފްހާން ލަސްލަހުން ތަށި ބަހައްޓާފައި އާވާއަށް މާނަވީ ހިނިތުންވުމެއް ދިނެވެ.
"ސޮރީ އާވާ، އެ ކޮފީތަށި ހަޑިކޮށްލެވުނީ ދޯ......" ރަފްހާން ސަމާސާއަކަށް ހަދައިގެން ބުންޏަސް އެއީ ހިތި ހަގީގަތްކަން އެނގިފައި އާވާގެ ހިތަށް ތަދުވިއެވެ. ރަފްހާންގެ ރީތި ތުންފަތަށް ބަލާލުމުން ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. ވިއްސާރަ ދެރެއެއްގެ ރީތި ހަނދާނެއް އާވެފައި އާވާގެ ޚިޔާލު ބަދަލުވާން އުޅުނެވެ. ރަފްހާން އާއިއެކު އެފަދަ ގާތްކަމެއް ބޭއްވުނުއިރު އޭނަ ތުނބުޖެހި ތަށްޓަކުން އާވާއަށް ކާން ނުކެރެންވީ ކީއްވެހެއްޔެވެ؟ މިފަހަކަށް އައިސް ރަފްހާން އެކަން ދެނެގެން އާވާއަށް ވަކި ތަށި ސެޓެއް ގަނެދީފައި ހުރެއެވެ. އާވާ ބޭނުންގޮތެއް ހަދާދިނުމަށް ރަފްހާން ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟

"އިޓްސް އޯކޭ......" އާވާ ލަދުވެތިގޮތަކަށް ރަފްހާންގެ މޫނަށް ބަލާލައިފިއެވެ. އޭރު ރަފްހާން ބަލަހައްޓައިގެން އިންގޮތަކުން އާވާގެ ގައިން ހީބިހި ހަލުވާލިއެވެ. އަޑިނޭގޭ ފުންދެލޮލުގައި ވާގޮތަކުން އަސަރު ނުކުރާނެ އަންހެންކުއްޖަކު ވާނެހެއްޔެވެ؟ ކޮންފަދަ ފުންދެލޯ ހެއްޔެވެ؟ ރަފްހާން އާއި ދެމީހުންނަށް އިރުކޮޅެއްވާންދެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. އެކީގައި ކޮފީބޮއިގެން ރަފްހާން އާއި އާވާ ފިނިފެންމާގަސްތަކާއި ދިމާލަށް ނުކުތްތަނާ ވާރޭ ބޯކޮށްލާ ދެމީހުން އެކީގައި ތެންމާލީ އިންޒާރެއްވެސް ނުދީއެވެ. ބޮޑެތި ތިކިތައް ރަހުމެއްނެތި ހަމަލާދޭން ފެށުމުން ރަފްހާން އާވާގެ އަތުގައި ހިފައިގެން ދުވެފައިގޮސް ބަދިގޭގެ އަސްކަންޏަށް ވަދެފައި ރަފްހާން އިސްތަށިގަނޑުން ފެންފޮޅާލިއެވެ. ތެމިފައިވާ މޫނު ރީތިކަމުން އާވާ ފިރުމާލަން ބޭނުންވިއެވެ. ހިތަށް އެރި އެއްޗަކުން ލަދުގަތަސް އޭނަ ހުރީ ބަލާށެވެ.

"އާވާ، ބޭނުންވަރަކަށް ބެލުމުގެ ހުއްދައެބައޮތް، އެކަމަކު ތިހެން އުޅެން ހަދައިގެން އަހަންނަށް ކުށެއްކުރެވިދާނެ..." ރަފްހާން ހީލިގޮތަކުން އާވާގެ ހިތަށް ތަދުކުރުވިއެވެ. އެހިތުގައި ރަފްހާންއަށްޓަކައިވާ ލޯބި ފާޅުކުރަން ބޭނުންވިއެވެ. އާވާ ފާރަށް ލެނގިލައިގެން ހުރިއިރު ކުށެއްކުރިޔަސް މައްސަލައެއްނެތޭ ހިތް ބުނާކަހަލައެވެ. އާވާގެ ދެލޮލުގައިވާ މެސެޖްތައް ރަފްހާންއަށް ރަގަޅަށް ކިޔާލެވުނަސް ހުރީ ޔަގީން ނުކުރެވިފައެވެ. ފަހަރެއްގައިވާ ގޮތަކުން އާވާ ރުޅިއަތުވެއްޖެއްޔާ އަނެއްކާ އެދޭތެރޭގައިވާ މި ގާތްކަމުގެ ފަރުދާ އިތުރަށް ބޯވެގެން ހިނގައިދާނެއެވެ. އޭނަ ކެތްކުރާނެއެވެ. ފިރިހެނަކަށްވީތީ މިފަދަ ވަގުތުގައި ހަވާނަފުސަށް ހެއްލެން ދާއިރުވެސް އޭނަ ގަދަކުރެއެވެ. އެކަން އާވާއަށް އެނގޭނެނަމައެވެ.

"އަހަރެން އާވާ ބޭނުން، އެހެންވެ މިހެން ބުނީ، އެކަމަކު އަދިވެސް އިންތިޒާރުކުރަން މިޖެހެނީ ދޯ....." ރަފްހާން އެއްފިޔަވަޅު ކާރިއަށް ޖެހިލުމުން އާވާ ކަންބޮޑުވެފައިވާ ގޮތަކަށް ހީލަމުން ރަފްހާންގެ އަތުގައި ހިފެހެއްޓިއެވެ. އޭނަ ހަނދާންކޮށްދިނީ މިރެއަށް ކައްކަން ގޭސްފުޅި ހުސްވެފައިވާކަމެވެ.
"އޯކޭ އާވާ، އައި ގޮޓް ދަ މެސެޖް..." ރަފްހާން ހީލުމުން ހުދުދަތްތައް ވިދާލިހެން ހީވިއެވެ. އާވާއަށް އެބުނި އެއްޗެއް ފަހުމްވުމުން ރަކިވިއެވެ. އޭނަ ވާހަކަ އޮޅުވާލީކަމާއި ރަފްހާން ކުރަން އުޅުނުކަމެއް ހުއްޓުވާލީކަން ރަފްހާންއަށް އެނގުނީއެވެ. އެވަގުތު އާވާ ދެރަވިއެވެ. ރަފްހާންހާ ޚާއްސަ ފިރިހެނަކު މި ދުނިޔޭގައި ނުވާކަމާއި އޭނަ އިހުތިރާމް ކުރާވަރު ބުނަން ބޭނުންވިއެވެ. ލޯބިވެސްވެއެވެ. އާވާގެ ހިތުގެ ކަނަކުން ބުނެދިނެވެ. އެކަމާއި ދެކޮޅު ނަހަދާ އެކަމަށް އެއްބަސްވާށެވެ.

އެހާ ވިއްސާރަވީއިރުވެސް ރަފްހާން ގެއަށް ގޭސްފުޅިއެއް ގެނުވިއެވެ. ދެމީހުން އެކަނި ކާންޖެހޭނަމަ އޯޑަރުކޮށްގެންވެސް އެއްޗެއް ގެނެސް ކާލެވިދާނެއެވެ. ނަމަވެސް ބައްޕައަށް އާޓާ ފުށުން ރޮށިފިހެ ވަކިގޮތަކަށް ކާންދޭން ޖެހޭތީ ރަފްހާން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. ދައްތަމެން ނައުމުން އާވާއަށް އުދަގޫ ޖައްސަން ބޭނުންނުވާތީ އޭނަވެސް ވެވޭވަރަކުން ބަދިގޭގައި އެހީވެދެއެވެ. އިރުއޮއްސުމުން އާވާ ނަމާދުކުރަން ދިޔައެވެ. ނާޒް ބުނެފައިވަނީ ރަގަޅަށް ނުކުރެވުނަސް ދެތިންފަހަރު ނުކޮށް އެއްފަހަރުން ނިންމާލުމަށެވެ. ސިކުނޑިއަށް ވުރެ މީހާ ގަދަވެގަތުމަށެވެ. އާވާ ކޮންމެ ގޮތެއް ހަދާފައިވެސް ނާޒް ބުނި ފަދައިން ގަޑިން ނަމާދުކުރެއެވެ. ކޮންމެކަމެއްގައި ހުއްޓަސް އެކަމެއް ހުއްޓާލާފައި ނަމާދުކުރަން ފަރުވާ ބަހައްޓައެވެ. ދުޢާކުރެއެވެ. އާވާ ނަމާދުކުރަން ހުއްޓާ ބޭރުން މާ އަޑުގަދަވިހެން ހީވެގެން ސިޑީގެ ރެއިލިންގައި ބަނޑު އަޅާލަމުން ތިރިއަށް ބަލާލިއިރު ސިޓިންރޫމް އޮތީ އަލިކޮށްލާފައެވެ. ކޮންމެވެސް ބަޔަކު ސްޓްރެޗަރއަކަށް މީހަކު އަރުވައިގެން ގެންދާތަން ފެނިފައި އާވާވެސް އަވަހަށް ދުވެލާފައި ތިރިއަށް އަތުވެއްޖެއެވެ.

"އާވާ، ބައްޕަ ވަރަށް ބޮޑަށް މެޔަށް ތަދުވާތީ މިއުޅެނީ، ގެ ތަޅުލައިގެން އިންނައްޗޭ، ފޮނުވާނަން ދައްތަ ނޫނީ ކޮންމެވެސް މީހަކު..." ރަފްހާން މަޑުކޮށްނުލާ ދާން ހިނގައިގަތީ ބައްޕަގެ މެޑިކަލް ފައިލް ހިފައިގެންނެވެ. އާވާ ހުރީ ހުއްޓުން އަރާފައެވެ. ބައްޕައަށް ކުއްލިއަކަށް އެވީ ކިހިނެއް ހެއްޔެވެ؟ ޔާކިން ގެއަށް ނާންނަންވީ ކީއްވެހެއްޔެވެ؟ ކުށްކުރީ އެހެން މީހެއް ނޫނެވެ. ޔާކިންއެވެ. ވީއިރު ބައްޕަ އަދި ޔާކިންގެ މޫނުމަތީގައި ޖެހީމަ ރުޅިގަދަވެގެން ގެއިން ނުކުމެގެންދާން ޖެހޭކަމަކަށް ރަފްހާން ގަބޫލެއްނުކުރެއެވެ. ރަފްހާން ހޮސްޕިޓަލަށް ގޮސްފައި އާވާއަށް ގުޅިއެވެ. ރަފްހާން ބުނިގޮތުން ބައްޕައަށް ހާޓްއެޓޭކެއް ޖެހުނީއެވެ. ބޮޑުވަރު ނުވިކަން އެއީ ނަސީބެކެވެ.

"އަދިވެސް ޔާކިންއާއި ކޮންޓެކްޓެއް ނުވޭ، ގެއަށް ނާދޭތަ؟ ދައްތަ އަތުވެއްޖެތަ؟ " ރަފްހާންގެ އަޑުން އޭނަ ހާސްވެފައި ހުރިވަރު އާވާއަށް ލަފާކުރެވުނެވެ. އެވަގުތު އެގެއަށް އަމާރާ އާއިއެކު އާނީވެސް އަތުވެއްޖެއެވެ. އާނީ ކާކޮޓަރިއަށް ވަދެލާފައި ކުއްލިއަކަށް މާ ބާރަށް އޭނަގެ މަންމައަށް ގޮވަން ފެށުމުން އަމާރާގެ ފަހަތުން އާވާވެސް ކާކޮޓަރިއަށް ވަނެވެ.
"އާވާ ބޭބެއަށް ބޭސްކާންދޭއިރު މާ ކެއަރލެސް ވަނީނު، މިއޮތީ މެންދުރު ދޭންވާ ލޭތުނިކުރާ ބޭސްތައް ނުދީ......" އާނީ ދައްކާލީ ގޮނޑިމައްޗަށް ވެއްޓިފައިވާ ބޭސްގުޅަތަކެވެ. އާވާ ހައިރާންވެ ދެލޯ ބޮޑުވިއެވެ. އޭނަ އަބަދުވެސް ބޭސްގުޅަ އަޅާދެނީ ކާތަށީގެ ތެރެއަށެވެ. ވީއިރު އެ ދެ ގުޅަ ގޮނޑިމައްޗަށް ވެއްޓެންވީ ސަބަބެއް އޭނަގެ ވިސްނުމަކަށް ނައެވެ. އެވަގުތު އާވާއަށް ބަލާލެވުނީ ބޭސްތައް ލާފައި ހުރި ކައުންޓަރާއި ދިމާލަށެވެ. އާނީއަށް އާވާ ބޭސް ބަހައްޓާތަން ފެނިފައި ވެއްޖެއްޔާ އޭނަ ކުށްވެރިކުރަން ބޭސްނަގާފައި ގޮނޑިމައްޗަށް އުކާލުމަކީ ވެދާނެކަމެކެވެ. އަމާރާ އިތުރު އެއްޗެކޭ ނުބުނެ އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. އޭނަ ބޭނުންވަނީ ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދާށެވެ. 

އަމީން ބަލިކަން އެނގޭ އިރަށް މާހްޖަބީން ނާޔާ ގޮވައިގެން ހޮސްޕިޓަލަށް އައެވެ. މާހުޖަބީން ހުރީ ޓިޝޫއިން ލޯ ފޮހެލަ ފޮހެލައެވެ. ހަގީގަތުގައި އަމީން އެކަނިވެރިވާނެ ވަރާއި އޭނަ ދިޔުމުން ކުރާނެ އަސަރުތައް މިހާރު މާހުޖަބީންއަށް އިހުސާސްކުރެވެއެވެ. މުއްސަދި ދިރިއުޅުމެއް ލިބުނީމަވެސް އޭނައަށް އުފަލެއް ނުލިބެއެވެ. ބައްޕަގެ ބަލި ހާލު އެހާ ބޮޑުއިރު ރަފްހާންގެ ހާސްކަން އިތުރުވީ ޔާކިންގެ ޚަބަރު ދެނެހުރި މީހަކު ނުވުމުންނެވެ. ޔާކިން އާއިލީގެ އަކަށް ނޫނީ އެކުވެރިއެއްގެ ގާތަށް ދިޔަތޯ ބަލަން ރަފްހާން އެތައް ފަހަރު ގުޅައިގެން ވީ ނާކާމިޔާބެވެ. އެންމެފަހުން ރަފްހާން ގޮތްހުސްވި ވަރުން ގޮސް ގޮނޑިއެއްގައި އިށީންގޮތަށް ކަކުލުގައި އުޅަބޮށި ވިއްދާލައިގެން އިންގޮތުން އޭނަ އިނީ ވަރަށް ދެރަވެފައިކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ. އެހެންނޫނަސް އޭނަ އެހާ ހިތްވަރުބަލިކޮށްގެން މިއަދު ނުވާނެކަން ރަފްހާންއަށް ވިސްނުނެވެ.

"ޔާކިން ހުރިތަނެއް ނޭގެންޏާ ދެން ފުލުހުންނަށް ގުޅަންވެއްޖެއެއްނު، ވީތަނެއް ނުބުނެ އެހެން ގެއްލުމަކީ ޔާކިން ކުރާނެކަމެއް ނޫން...." ބޮޑުދައިތައަކު ބުނެލިއަޑުއިވުނެވެ. ރަފްހާންގެ ގާތުން އަހާލުމެއްނެތި ކޮންމެވެސް މީހަކު ފުލުހުންނަށްވެސް ގުޅައިފިއެވެ. އެކަމާއި ރަފްހާން ހިތްހަމަނުޖެހުނަސް އެއްޗެކޭ ނުބުނެއެވެ.
ޔާކިން އަށް ބައްޕަ ގާތަށް އާދެވުނީ އަމީން ކޮންމެވެސް ވަރަކަށް ރަގަޅުވެގެން ވާހަކަދެއްކި ފަހުންނެވެ. ޔާކިންއަށް ބައްޕަގެ ބަލި ހާލު އެނގުމުން ކަންތައް ބޮޑުވިއެވެ. އެކަނިވާއިރަށް ޔާކިން އޭނަގެ ބައްޕަގެ ގާތުން މާފަށް އެދުނެވެ.

"ބައްޕާ މާފުކޮށްދޭތި، ދެން އެކަހަލަ ގޮތަކަށް ނޫޅޭނަން..." ޔާކިން ގެ ލޮލުގައި ކަރުނައިގެ އަސަރުވިއެވެ.
"ބައްޕަ އެހެން ބުނިކަމުގައިވިޔަސް ހިޔެއްނުކުރަން ޔާކިން އެގޮތަށް ގެއިން ހިނގައިދާނެ ކަމަކަށް، ޔާކިން ނެތީމަ ގެ ފަޅުތަނެއްހެން ހީވި، އެކަމަކު ޔާކިން އެފަދަކަމެއް ކުރީ ކީއްވެ؟ ކުރިން ޔާކިންއަކީ އެހާ ވިޔާނުދާ ގޮތަކަށް އުޅޭކުއްޖެއް ނޫން، އެހެންވެ ބައްޕައަށް ގަބޫލުކުރުން ދަތިވެސްވި..........." އަމީންގެ ތުންފަތް މަތީގައި ބަލިކަށި ހިނިތުންވުމެއްވިއެވެ.
އަމީންއާއި ޔާކިން އާއި ދެބަފައިން ވާހަކަދައްކަން ތިއްބާ އަމީންއަށް ޒިޔާރަތްކުރަން އަންހެނަކު އައުމުން ޔާކިން އަވަހަށް ނުކުމެގެން ދިޔައިރު އެއީ ކާކުކަމެއް ބަލައެއްނުލެވުނެވެ. އެތަނުން ނުކުމެފައި އެއީ އޭނަގެ މަންމައަށް ވެދާނެބާވައޭ ހިތަށް އަރާފައި އަނބުރާލާފައި ވަންނަން ހިތަށް އެރިއެވެ. ނަމަވެސް އޭރުން ބައްޕަ ނުތަނަވަސްވެދާނެތީ ޔާކިން ގަސްތުކުރީ އެމީހަކަށް ބައްޕައާއި އެކަނިވެލާނެ ފުރުސަތުދޭށެވެ. ބޭރަށް ނުކުތްއިރު ރަފްހާން ފެންނާކަށް ނެތެވެ. ޔާކިން ހުރީ ކްރިމްސަންވިލާއަށް އެނބުރިދާން ވީމަ ޖެހިލުންވެފައެވެ. އާވާ އޮންނާނީ ބޭބެއަށް ހުރިހާ ވާހަކައެއް ކިޔާދީ އޭނައާއި ދެކޮޅަށް ހިތް އަނބުރާލާފައިކަން ޔަގީނެވެ.

ތުނިކޮށް ވާރޭވެހެމުން ދިޔައިރު ޔާކިން އަނދިރިވެފައިވާ ބެލްކަނީގައި ސިގްރެޓެއް ބޯލަން ހުއްޓެވެ. އަމިއްލަ ނަފުސާއިމެދު ވިސްނާލާފައި ޔާކިން ހުރީ ދެރަވެ ރުޅިގަދަވެފައެވެ. ހިތަށް އަސަރުކޮށްފައެވެ. އަބަދު އޭނަގެ ބޭބެއަށް ކާމިޔާބީ ލިބިފައި އޭނައަށް ދެރަގޮތްތައްވަނީ ކީއްވެހެއްޔެވެ؟ ދުވަހަކު ހިތަށް އުފަލެއް ލިބުމެއް ނުވާނީހެއްޔެވެ؟ ބައްޕަ ގެއިން ބޭރަށް ލުމުން އޭނަ ދިޔައީ ލިލީއާއި ބައްދަލުކުރުމަށް އެގެއަށެވެ. ލިލީ އުފާވެ ސަޕްރައިޒެއް ލިބޭނެ ކަމަށް ޔާކިން ހީކުރިއެވެ. އޭގެ ބަދަލުގައި އެކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމުން ލިލީގެ ބަދަލުގައި ނުކުތީ ބޮކްސާއެއްގައި ހުރި ޒުވާނެކެވެ. ލިލީ ނުކުމެފައި އަނގަޔަށް ހަދާލިގޮތާއި މޫނަށް ވެރިވި ކުލަވަރު ޔާކިންއަށް މަޖާވިއެވެ. އޭނަ ލިލީގެ އެ އަމަލުން ދެރަވީއެއް ނޫނެވެ. ލޯބިވާކަމަށް ހެދިގެން އޭނައާއި ހެދި މޮޔަވެގެން އުޅުނު އަންހެންކުއްޖާވެސް ފަރުދާގެ ފުރަގަހުގައި އެހެން މީހުންނާއި އެކުގައި ކޮޓަރީގައެވެ. އަންހެންކުދިންނަށް ކުރި އިތުބާރު އެއްކޮށް ގެއްލިގެން ދިޔައީއެވެ. ޔާކިން ދާން ހިނގައިގަތުމުން ލިލީ ފަހަތުން ދުވެލާފައި އައިސް އޭނައަށް އާދޭސްކުރިއެވެ.
"ޔާން އައި ކެން އެކްސްޕްލެއިން....." ލިލީ އަތުގައި ހިފުމުން ޔާކިން ހިނިތުންވެލިއެވެ.
"ނޫނޭ ޑާލިން، އަހަރެން ބޭނުމެއްނޫން އިތުރު ވާހަކައެއް އަޑުއަހަން، ގުޑްބައި....." ޔާކިން ގެ ފަރުވާ ކުޑަ ނަޒަރަކުން ލިލީ ހުއްޓުންއެރިއެވެ. ލިލީފަދަ އެތައް އަންހެންކުދިންނެއް ހަޔާތަށް އައިސް ގޮސްފައިވާއިރު އޭނަ އެދޭފަދަ ކުއްޖަކު ނައި ސަބަބެއް ނޭގެއެވެ. ބޭނުންވި ކުއްޖާއަށް އާދޭސްކުރީމަވެސް އޭނަގެ ހިތްހަލާކުކޮށްލީއެވެ. ވާރޭގެ ތެރޭގައި ހިގަމުންދިޔައިރު ޔާކިންގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނައަށް ތާނިޔާ ނުލިބުމުގެ އަސްލަކީ އާވާކަން އޭނަ ހަނދާންނައްތައެއް ނުލާނެއެވެ. ޔާކިން ސިގްރެޓް އެއްލާލާފައި ތިރިއަށް ދާން ހިނގައިގަތްއިރު ރަފްހާން އާއި އާވާ ކޮންމެވެސް ވާހަކަތަކެއް ދައްކަން ދޮރުމަތީގައި ތިބިތަން ފެނިފައި އަނދިރީގެ ތެރޭގައި ބަލަން ހުރެވުނެވެ. ރަފްހާން ހިނިތުންވެލާފައި ކޮންމެވެސް އެއްޗެކޭ ބުނެލަމުން އާވާގެ އަތުގައި ބޮސްދިނެވެ. އާވާ ތުއިވަމުން ލަދުން އިސްޖަހާލިއިރު އެދޭތެރޭގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން ޔާކިންއަށް ވިސްނުނެވެ. ރަފްހާންއާއި އާވާގެ ގުޅުން މިހިސާބަށް ދިޔައީ ކޮން އިރަކުން ހެއްޔެވެ؟ އޭނަ ހީކުރާގޮތުން ރަފްހާން އާއި އާވާގެ އެއްވެސް ގުޅުމެއް ނޯވެއެވެ. ޔާކިންގެ ހިތަށް ތަދުވެއްޖެއެވެ. ދެލޯމަރާލެވުނުއިރަށް ހިތަށް ކުރި އަސަރު ލޮލުން ފައިބައިގަތް ކަރުނަތިކިތަކެއްގެ ސިފައިގާ ކޯތާފަތްމަތިން ދެމިގަތެވެ. އެކަނިވެރިކަމާއި ހިތްދަތިކަމިގެ ތެރެއަށް މުޅި ޖިސްމު ގެނބިގެން ހިނގައްޖެއެވެ.

އަންވަރުގެ އަތުން ހޫނު ދެތިން އެތިފަހަރު މާހުޖަބީންގެ މޫނުމައްޗަށް އެއްފަހަރާ އަރައިގެން ދިޔުމުން މާހުޖަބީން ގެ ދެލޮލަށް ކަރުނަޖަމާވިއެވެ. އަމީން ކިތަންމެ ގަދަޔަށް ރުޅިއައިނަމަވެސް ދުވަހަކު މަލެއްގެ ފިޔައަކުންވެސް އޭނަގެ ގައިގާ ޖަހާފައެއްނުވެއެވެ. އިންޒާރުތަކެއް ދިނީވެސް ވަރިކުރުމަށްފަހު މާހުޖަބީން އެގެއަށް ވަނުމުން ނުރުހިގެންނެވެ. އޯގާތެރި ރަގަޅު ފިރިޔެއްގެ މުހިއްމުކަން މާހުޖަބީންއަށް އެވަގުތު ވަޒަންކުރެވުނެވެ.
"އަހަރެންގެ ހުއްދަނެތި އަމީން ބަލަންދާކަށް ނުޖެހޭނެ، އަހަރެން ރުޅިއައީމަ ގޯސްވާނީ އަހަރެންކަން އެނގޭ، އެކަމަކު ޖަބީއަށް އަހަރެން އޭނަދެކެ ރުޅިއަންނަވަރު ހަމަ ނޭގުނީތަ؟ ޖަބީ ވިސްނާލަބަ، އޭނަގެ ދަރި އެހެރީ އަހަރެން ގެ މައްސަލަ ކޯޓަށް ވައްދައިގެން...." އަންވަރުއަށް ކުރެވުނު ކުށް އިހުސާސްކުރެވިފައި އަވަހަށް މާފަށް އެދުނެވެ. އަންވަރު އިރުކޮޅެއްނުވެ މާހުޖަބީންއަށް ރަތްކުލައިގެ ފިނިފެންމާބޮނޑިއެއް ގެނެސް ރަސްމީކޮށް މާފަށް އެދުނެވެ. ލޯބިވާވާހަކަ ބުނެލިއެވެ. އެފަދަ އިޝްގީ ބައިވެރިޔަކަށް އިންތިޒާރު ކުރި ނަމަވެސް ހާސިލުކުރެވުމުން ލިބުނު ފޮނިކަމެއްނެތެވެ. އަންވަރުގެ އެ އަމަލުން މާހުޖަބީންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ދުވަހަކު ކަމަކާއި ހިތާމަނުކުރާވަރަށް މާހުޖަބީން ހިތާމަކުރިއެވެ. ކިތަންމެ ރުޔަސް ދެން އެދުވަސްތަކެއް ނާންނާނެއެވެ. ނޫނެކެވެ. އެނގޭނީ ކިހިނެއްހެއްޔެވެ؟ އޭނަ އަންވަރު ގާތުން ވަރިވެގެން އަނެއްކާ އަމީންގެ ގާތަށް ގޮސް މާފަށް އެދޭނީއެވެ. މާހުޖަބީން އެއްދިމާލަކަށް ބަލަހައްޓައިގެން އިންއިރު ހިތުގައި އެކިވައްތަރުގެ ރޭވުންތައް ފުނިޖެހެމުން ދިޔައެވެ.

ރަފްހާން ފެންވަރާ ތާޒާވެލައިގެން ފެންޑާއަށް ނުކުތްއިރު މުޅި ހިސާބުގައި ހިފާލީ ފިރިހެންވަންތަ ސެންޓެއްގެ ހިތްގައިމުވަހެވެ. އަޅިކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރެ ކަންފަތުގައި ފޯނުޖަހާލައިގެން އައިއިރު އާދައިގެމަތިން ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްގެ އަސަރު ފެންނަން ހުއްޓެވެ. 
"އާނީ ކީކޭތަ؟ "ރަފްހާން ކުޑަކޮށް ހީލާފައި ކިޔާލިއިރު އާވާ ފަހަތުން އައިސް އަރާހަމަވީއެވެ.
"ކޮންތަނަކަށްތަ؟ ހޫމް މިއުޅެނީ ހޮސްޕިޓަލަށްދާން، އެތާގައި ކޮފީއެއް ބޯލަން ދެވިދާނެ، އާނީ ކޮންތާކު ތިހިރީ........." ރަފްހާން އަހާލަމުން ގަޑިބަލާލައިފިއެވެ. އޭރު އާވާ ހުރީ ދެލޯބޮޑުކޮށްލައިގެންނެވެ. އެމޫނުމަތިން ފެނުނީ ހިތްހަލާކުވާފަދަ އަސަރުތަކެވެ. އޭނަ އެކަނި ޔާކިންއާއިއެކު މިގޭގައި ބަހައްޓާފައި ފިކުރެއްނެތި އެއުޅެނީ އާނީއާއިއެކު ކޮފީ ޑޭޓަކަށް ދާށެވެ. ރަފްހާން އެހެން ފިރިހެނުންނާއި ތަފާތުކަމަށް އޭނަ ހީކުރީވެސް ކީއްވެހެއްޔެވެ؟ އާވާއަށް ނުރޮވުނީ ކިރިޔާއެވެ. ރަފްހާން އޭނަގެ ހިތް އަތުލާފައި މިހާރު އެހެން އަންހެންކުއްޖަކާއިއެކު ކޮފީއަށް ދާން އުޅޭއިރު ހިތަށް އެއްޗެކޭ ނޭރިއެވެ.

ކޮމެންޓް 0