އާވާ ކިތަންމެ ވަރަށް ރުޔަސް އެގަޑީގައި އޭނަގެ ކަރުނަތައް ދެކެން އެތަނަށް ވަންނާނެ މީހެއް ނެތެވެ. ޔާކިން އަށް އަޑުއިވުނަސް ހަމްދަރުދީވާނީއެއް ނޫނެވެ. އެއް ތޫފާން ބޯމަތިން ކެހިގެން ނުދަނީސް އަނެއް ތޫފާން ބޯމައްޗަށް ބިންދާލީއެވެ.

އާވާ ރޮއިރޮއި ހުރެ ހިތާހިތުން އޭނަ ހެއްދެވި ފަރާތަށް ދުޢާކުރަމުން ދިޔައީ ރަގަޅުގޮތެއް ވުމަށެވެ. މިދުނިޔޭގައި އޭނަގެ އެކަކު ނެތްކަމުގައި ވިޔަސް އެންމެ ފަރާތެއް ވާކަމާއި ކެތްތެރިވާން ޖެހޭނެކަން ގަބޫލުކޮށްގެން ކަރުނައިގެ ތެރޭން އާވާ ހިނިތުންވެލިއެވެ. ހިތް ފަޅިވެގެން ދިޔައިރުވެސް މިއަދު އާވާގެ ހިތުގައި ވަނީ އީމާންތެރިކަމުގެ އޮށް އިންދިފައެވެ. ނާޒް ބުނިފަދައިން ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށުމުން އެކަމުގެ ރަގަޅު އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ރަފްހާން އާއި ބައްދަލުކޮށް އޭނަ މިގެއިން ދިޔުމުގެ ހުއްދައަށް އެދިފައި އަބަދަށްޓަކައި މިގެއިން ދާނީއެވެ. ހަގީގަތް އެނގުމަށްފަހު ރަފްހާންގެ ހަޔާތުން ޖާގައެއް ނުލިބޭނެކަމުގައި އާވާ ޔަގީންކޮށްފިއެވެ.

"އަވީ، އަވީ....." ކުއްލިއަކަށް ނާޔާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޯދިއްކޮށްލިއެވެ.
"ކިހިނެއްވީތަ؟ " އާވާ ދެލޯ ފޮހެލާފައި ނާޔާއާއި ދިމާލަށް އެނބުރި ބަލާލައިފިއެވެ.
"އައި ޑިޑް ސަމްތިންގް ސްޓްޕިޑް، ކުރީ ދުވަހު ޕާޓީއަށް ގޮސްފައި އަންވަރުބެގެ ޖިނާއާއިއެކު އެ ރޫމަށްގޮސްފައި......" ނާޔާ އާވާގެ ގާތުގައި ހަގީގަތް ހާމަކުރަން ޖެހިލުންވި ނަމަވެސް ނާޔާ ބުނަން އުޅުނީ ކީކޭކަން އާވާއަށް ވިސްނުނެވެ. އާވާ ދެރަވެ ފިކުރުބޮޑުވިއެވެ. އާވާ އެކިގޮތްގޮތަށް ސުވާލުކުރަން ފެށުމުން ނާޔާ ގެ ލޯ ފެންކަޅިވުމާއިއެކު ހުރިހާ ވާހަކަތަކެއް ކިޔާދީފިއެވެ. ޖިނާނު އާއިއެކު އޭނަ ދެތިން ރޭ ނިދިކަމަށާއި ދެރަވަނީ ޖިނާން ރިޒޯޓަށްގޮސްފައި ޓޫރިސްޓް އަންހެންކުދިންނާއި ގުޅުން ބާއްވާކަން އެނގުނީމަ ކަމަށެވެ. އާވާ ހުރީ ޝޮކެއްގައެވެ. މިހާ ޅަ އުމުރުގައި ނާޔާ ވިޔާނުދާ މަގު ޚިޔާރުކުރީ ކީއްވެހެއްޔެވެ؟ މަންމަ ނާޔާ ދޫކޮށްލާފާއި ބެހެއްޓީ ނާޔާ މާ ވިސްނޭ ކުއްޖެއްކަމަށް ހީކޮށްފައި ހެއްޔެވެ؟ ހާދަ ދެރައެވެ. ނާޔާވެސް އިއްފަތްތެރި ކުއްޖެއް ކަމުގައި އޭނަ ހީކުރިއެވެ. މަންމަ އޭނަ ނުބަލާ ދޫކޮށްލި ފަދައިން ކާރީގައި ހުރި ދަރިފުޅުވެސް އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލީއެވެ.

"ޕްރެގްވެދާނެތީ ބިރުގަނޭ، ޖިނާ ބުނީ މެރީއެއް ނުކުރާނަމޭ...." ނާޔާ ނޭފަތް ދަމާލިއެވެ.
"ފިރިހެނުންގެ ނުބައިކަން ނޭގިހުރެ އެމީހުންނާއި ކައިރިވަންޏާ ލިބެންވީ ލަނޑު ނަންނިއަށް ތިލިބުނީ....." އާވާ ކުޑަކޮށް ކަޅިއަޅާލިއެވެ. އާވާ އެގޮތަށް އަޑުލުމުން ނާޔާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. ދެބެންގެ ދެދަރި ކުއްޖަކަށްވާއިރު އާވާ ވާހަކަދައްކަނީ މަންމަހެން އަމުރުވެރިކޮށެވެ. ފަހަރި އެހާ ގަދަކޮށްލާކަށް ނުޖެހޭނެއެވެ. އެހެންނޫނަސް ވަގުތީ ފަހަރި އެކެވެ. ދޮންބެއާއި ގުޅެނީއެއް ނޫނެވެ. ދެރަވީ އޭނަގެ ސިއްރު ކިޔާދެވުނީމައެވެ. ކޮންމެ ގޮތެއް ވިޔަސް އާވާއަށް އިތުބާރު ކުރެވުނީއެވެ. އެހެން މީހުންނަށް ނުކުރެވޭ އިތުބާރު އޭނަ އާވާއަށް ކުރަންވީ ކީއްވެހެއްޔެވެ؟ އާނީ ގާތުގައިވެސް ޖިނާނުގެ ވާހަކަ ބުނާކަށް ނުކެރުނެވެ.

"ޖިނާ ދޮންބެކަހަލަ ފެއިތްފުލް މީހަކަށް ނުވާނެ، އާވާއަށް ނޭގުނަސް ޔޫ އާރ ސޯ ލަކީ....." ނާޔާ ކުޑަކޮށް ހަސަދަވެރިވާގޮތްވިއެވެ. އާވާ ހުރީ ކިޔަންވީ އެއްޗެއް ނޭގިފައި ފާޑަކަށް ބަލާށެވެ. ނާޔާއަށް ނޭގުނަސް ނާޔާ ގެނެސްދިން ޚަބަރުން އާވާއަށް ވަރަށް އަސަރުކޮށްފިއެވެ. ހުރި އެންމެ ކޮއްކޮގެ ދިރިއުޅުން ބަރުބާދުވެގެން އެދަނީ އެނގި ފެނިގެންނެވެ. ގިނަ އަންހެންކުދިން ލޯބިވެރިޔާއަށް ހެއްލިގެން ބޭނުންވާކަމެއް ކޮށްދިނުމާއިއެކު އެ "މާބުރު" ދިމާކުރާނީ އެހެން ތާޒާ މަލެއްގެ ފޮނިކޮޅު ބޯލުމަށެވެ. އަންހެންކުދިން އެވަރު ވިސްނާނުލަނީއެވެ. ތިމާގެ އިއްފަތްތެރިކަން ނީލަން ކިޔާއިރު ދެން ދިމާވެދާނެކަމަށް ވިސްނާނުލަނީއެވެ. އެކަނި ބަނޑު ބޮޑުވާނީއެއް ނޫނެވެ. ޖެހިދާނެ ބައްޔަކާއިމެދުވެސް ހޭލުންތެރިކަމެއް ނެތީއެވެ. ގިނަފަހަރު ލަނޑު ލިބެނީ އަންހެންކުއްޖާއަށެވެ. ބަދުނާމުވަނީ އަންހެންކުއްޖާއެވެ. މުޅި އުމުރު އެ ހިތާމަކުރިޔަސް އެ ލައްގަނޑު ފޮހެވިގެން ނުދާނެއެވެ. 

ޔާކިން އާއި ނާޔާ ބާސްކެޓްބޯޅަ ކުޅެން ހީހީފައި ތިބިތަން އާވާ ބެލްކަނީގައި ހުރިއިރު ފެނުނެވެ. ނާޔާ ހަމަފުރާވަރު ކުއްޖެއްގެ ޅަ ގޮތެވެ. ފިކުރެއް ޚިޔާލެއް ނެތެވެ. ކުށެއް ކުރެވުނަސް އެކަމާއި އެހާ ވިސްނާހެނެއް ހިޔެއްނުވެއެވެ. އެއީ އޭނަވެސް އުޅެން ބޭނުންވާ އުފާވެރި ދުނިޔެއެވެ. ނަމަވެސް އޭނަ ދުނިޔެއަށް އައީއްސުރެން ފަހަރަކު ވިލާގަނޑެއް އެ އުފާވެރިކަމަށް ހިޔަނި އަޅައެވެ. މިހާރުވެސް މިއޮތީ އެފަދަ މައްސަލައެއް ދިމާވެފައެވެ. ރަފްހާންދެކެ ލޯބި ނުވެވުނުނަމައެވެ. ޑާކްނައިޓް މަތިންވެސް އެހާ ހަނދާންވެއެވެ. އެ ފޮނިބަސްތަކުން އޭނަގެ ހިތާއި އެހާ ކުޅެލައެވެ. ދެމީހުންދެކެ ލޯބިވެވިދާނެ ކަމަށް އޭނަ ގަބޫލެއް ނުކުރެއެވެ. ނަމަވެސް އެ ނޭގޭ ޒުވާނާއަށް ހިތުގައި ޚާއްސަ މަގާމެއްވެއެވެ.

ނާޔާ އާއި ޔާކިން ކާކޮޓަރިއަށް އައިއިރު މޭޒުމަތީގައި ކޮފީއާއި ހޫނު ޕެޓީޒް ތަށްޓެއް ބަހައްޓާފައިވެއެވެ. ޔާކިންގެ ހިތް އާވާއަށް ތައުރީފު ކުރިއެވެ. ގޭގައި ނޯކަރެއްނެތަސް ކޮންމެ ގަޑިއަކަށް ކާން ހަދާފައި ގެ އެހާ ސާފުކޮށް ބަހައްޓަނީ އާވާގެ ގެވެހި ކަމުންނެވެ. އެހާ އުޅުން ހުރިއިރު ދެރައީ ދޭތެރެޖައްސަން ކުޅަދާނަކަމުންނެވެ. އެހުންނަ ސިއްރުވެރި ގޮތަކުންނެވެ. އެވަގުތު އެތަނަށް ބައްޕަވެސް ވެންނެވިއެވެ. ދެކުދިން އެކީގައި ތިބިތަން ފެނިފައި އަމީންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އަމީން ހުރީ ސައި ބޮއިގެން ކަމުގައިވިޔަސް ނަމާދުކޮށްލައިގެން ދެކުދިންނާއި ވާހަކަދައްކާލަން ވެގެން އެތަނަށް ވަދެލީއެވެ. ނާޔާވެސް އުފަލާއިއެކު ބައްޕަ ގާތުގައި އޭނަގެ އުފާވެރިކަން ހިއްސާކުރިއެވެ. ނާޔާއަށް ފޯނެއް އައުމުން އޭނަ ޓެރެސްއަށް ދިޔައީ ޖިނާން އާއި ސިއްރު ވާހަކަތަކެއް ދައްކާން ވެގެންނެވެ. މާހުޖަބީން އެތަނަށް އައީ އަމީން އާއި ޔާކިންގެ ދެބަފައިން ކާކޮޓަރީގައި ތިއްބައެވެ. މާހުޖަބީންގެ ލޯ ދުޅަވެފައި ހުރިވަރުން އޭނައައީ ވަރަށް ރޮއިފަކަން އެނގުނެވެ.

"އެނގޭ އަމީން މިގެއަށް ވަނުން މަނާކޮށްފައިވާކަން، އެކަމަކު މިއުޅެނީ އަންވަރު ގާތުން ވަރިވާންވެގެން، މިގޭގައި ދުވަސްކޮޅެއް ވާންދެން ހުރެވިދާނެތަ؟ "މާހުޖަބީން ޔަގީންކުރީ އަމީން އޭނައަށް ހިޔާވަހިކަން ދޭނެކަމުގައެވެ. އަމީންއަކީ އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ.
"މާހުޖަބީން މިގެއިން ދިޔުމަށްފަހު މިގޭގެ ދޮރުތައް އަބަދަށްޓަކާ ބަންދުވީ، އަހަންނަށް އެނގޭ ނާޔާ އާއި އާވާ އާއި ދެކުދިންގެ މަންމަކަން، އެކަމަކު މިހާރު ތިއީ އަހަންނަށްޓަކާ ހިލޭ އަންހެނެއް، ޔާކިންމެންގެ މަންމައަށް އަހަރެން ނުބެހެއްޓި ގަދަރެއް ވަކި ބެހެއްޓޭނެތަ؟ ދެމީހުންވެސް އަހަންނާއިމެދު ކަންތައްކުރީ ދާދި އެއްގޮތަކަށް، ނޫން މާހުޖަބީން، އަހަރެންނަށް ތިކަމަށް ހުއްދައެއް ނުދެވޭނެ، އިއްދައިގައި އިންނަ ތިންމަހު އެގޭގައި ހުރުން ގޯހެއްނޫން......" އަމީން ވާހަކަދެއްކީ ދުރަށް ބަލަހައްޓައިގެން އިނދެއެވެ.
"އާވާގެ މަންމައޭތަ؟ " ޔާކިން ހީކުރީ ބައްޕައަށް އޮޅުމަކުން ބުނެވުނު އެއްޗެއް ކަމުގައެވެ.
"އާނ ޔާކިން، އާވާއަކީ މަންމަގެ ދޮށީދަރިފުޅު، ބައްޕައާއި ކައިވެނި ކުރިއިރު މަންމަގެ ދަރިއެއްހުރި ވާހަކަ ނުބުނެވުނީ، މިހުރިހާ ދުވަސްވާންދެން މަންމަ ހުރީ އާވާ ދިރިއުޅުމުން ބޭރުކޮށްލާފައި...." މާހުޖަބީންގެ ހިތަށް އެވަގުތު ކޮންމެވެސް ކަހަލަ އަސަރުތަކެއްކޮށް ލޯ ފެންކަޅިވީތަން ޔާކިންއަށްވެސް ފެނުނެވެ.

" އޯ މައި ގޯޑް، ނަންނިއަށް އެނގޭތަ؟" ޔާކިން ހައިރާންވެ އަންތަރީސްވިއެވެ.
"ނޫން......" މާހުޖަބީން އިސްޖެހިއެވެ. ހުރިހާ ދިމާލަކުންވެސް ނާކާމިޔާބު ހަނާ އަޅަނީ އެވެ. މިވަގުތު އެންމެ ބުއްދިވެރިގޮތަކީ މިތަނުން ދިޔުމެވެ. އަމީން އެކަނިހުރި ވަގުތެއްގައި ސަލާމް ޖަހަން އޭނަ މިހިރީ ތައްޔާރަށެވެ. ދެފައިގާ ހިފާ އާދޭސްކޮށްފައި ދެވަނަފަހަރަށް އޭނަ އަންބަކަށް ވާން ބޭނުން ކަމުގައި ބުނާނެއެވެ. މާހުޖަބީންގެ ދުނިޔެމަތީގެ "ސުވަރުގެ" އަކީ މިއީއެވެ. މިނޫން ތަނަކުން އޭނައަށް އުފަލެއް ނުހޯދޭނެއެވެ. އެހެންނޫންނަމަ މުއްސަދި އެޕާޓްމެންޓަކަށް ވަނުމުން ޖަލަށް ވަދެވުނުފަދަ އިހުސާސެއް ނުކުރެވޭނެއެވެ.
"ޕުއަރ ލިޓްލް ތިންގް، އެހެންވެތާ އަވީ ސައިކޯއަކަށްވީ..." ޔާކިންއަށް ބުނެވުނެވެ. މާހުޖަބީން ލަދުގަތެވެ. ޔާކިން އަށް އެނގުނު ހަގީގަތަކުން މަޖާވެފައި ހުރެ ނާޔާ ގާތު އެވާހަކަ ބުނާހިތުން ކެތްނުކުރެވިގެން ހޯދަމުން ދިޔައިރު އަދި ދިމާވީ މާރަގަޅަށެވެ. އާވާއާއި ނާޔާ ތިބީ ޓެރެސްގައި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. 

"ހައި ދެކުދިން، ބްރޭކިން ނިއުސްއެއް އެބައޮތް...." ޔާކިން ރެއިލިންގައި ބުރަކަށި ޖައްސާލަމުން ހުއްޓުނެވެ.
"ނުބުންޏަސް އެނގިއްޖެ، ރެއިން ދެ އަންބަށް މީހަކާއި އިންނަނީ....." ނާޔާ ހިނިގަނޑެއް ޖަހާލުމުން އާވާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އާވާ ވަގުތުން އެތަނުން ދާން ހިނގައިގަތެވެ. އާވާ މިތަނުން ދިޔަކަން ރަގަޅޭ ޔާކިންގެ ހިތަށް އެރިއެވެ. ފުރަތަމަ އެ ޚަބަރުދޭން ޔާކިން ބޭނުންވީވެސް ނާޔާ އަށެވެ. އާވާ އެކަން ނަގާނެ ގޮތެއް އެނގެނީއެއް ނޫނެވެ. އާވާއަކީ ގޮތްނޭގޭ އަންހެންކުއްޖެކެވެ. ޔާކިންގެ ކުއްލި ޚަބަރުން ނާޔާއަށް ހަމަ ޝޮކެއް ލިބުނެވެ. އާވާ މިގެއަށް އައިދުވަހު މަންމަ ތައާރަފުކޮށްދިން ގޮތާއި، އާވާ މިގޭގައި ނޯކަރެއްފަދައިން އުޅެމުންވެސް ނާޔާ އާއި މެދު ބެހެއްޓި ޚާއްސަގޮތުން އެކަން އާވާއަށް އެނގިފައި އޮތީހެން ހީވެއެވެ. މިއަދު ޖިނާނުގެ ވާހަކަ ކިޔާދިނުމުން ވާހަކަދެއްކީ ހަމަ ދައްތައެއް ފަދައިންނެވެ. އާވާއަށް އެނގެއެވެ. މަންމަ އޭނަ އަނދިރީގައި ބަހައްޓަންވީ ސަބަބެއް އެއްގޮތަކަށްވެސް ނޭގުނެވެ.

"ދިސް ކާންޓް ބީ ޓްރޫ، މިއީ ފިލްމެއްތަ؟ ނުވާނެ އެހެނެއް....." ނާޔާ ހީކުރީ ޔާކިން އޭނަ ހައްދަން އުޅެނީ ކަމުގައެވެ. ޔާކިން ޔަގީންކަން ދިނުމުން ނާޔާ ދެކޮޅަށް ހިނގަން ފެށިއެވެ. ޔާކިން އޭނައަށް ކަމެއްކުރަން އުޅެނީކަމަށް ހީކުރެވިގެން އާވާގޮސް ޔާކިންއަށް ހަމަލާދިނީ ތިމާގެ ކޮއްކޮގެ ދިފާއުގައެވެ. އެދުވަހުވެސް ނާޔާ އާވާއާއި ދިމާލަށް އެއްޗެހިކިޔާ ނިކަމެތިކޮށްލީއެވެ. ޗައިނާއަށް ފުރަން އުޅެނިކޮށް އެގެއަށް އާވާ ދިޔުމުން މަންމަވެސް ކަންތައްކުރީ ހާދަ ދެރަކޮށެވެ. ނާޔާގެ ހިތުގައި ބައެއްފަހަރު އާވާއަށްޓަކާއި ކުލުނާއި ހަމްދަރުދީ އުފެދުނު ސަބަބަކީ ލޭގެ ގުޅުމެވެ. ނާޔާ ދެރަވިއެވެ. ހިތާމަކުރިއެވެ. މަންމަ ހާދަ ގޯހެވެ. އަމިއްލަ ދަރިއަކު ގަބޫލު ނުކޮށް ދުނިޔެއަށް އޮޅުވާލާފައި ބެހެއްޓުމުން އެކުއްޖާގެ ހިތަށް ހާދަ އަސަރުކުރާނެއެވެ. ނާޔާ ވަރަށް ދެރަވެފައި ޔާކިން ގާތުގައި އެހުރިހާ ވާހަކައެއް ކިޔާދޭން އިންއިރު ނާޔާގެ ލޮލުގައި ކަރުނަ ނެތަސް އޭނަ ދެރަވެފައި އިންވަރު ޔާކިންއަށް އިހުސާސް ކުރެވުނެވެ. ހީވީ ގަދަކަމުން ކަރުނަތައް ހިފަހައްޓައިގެން ނާޔާ އިންހެނެވެ.

"އަހަރެންގޮސް އަވީ ގާތުން މާފަށް އެދޭނަން، ޔާންއަށް އެނގޭތަ؟ އަހަންނަށް ނޭގިވެސް ސިކްރެޓް ފްރެންޑްގެ ގޮތުގައި އަވީ ބެލުނީ އެހެންވީމަކަން ނޭގޭ، އާނީމެންނަށް ކިޔާނުދޭ ވާހަކަތައް އަވީއަށް ކިޔާދެވޭ، ނޭގިވެސް އިތުބާރު ކުރެވުނު ސަބަބަކީ އެއީ........" ނާޔާ ޔާކިންގެ ކޮނޑުގައި ބޯ އަޅާލައިގެން ހުރެ ވާހަކަދެއްކިއެވެ.

"ކެންޒީ ހޮޓެލް" ގައި އޮތް ރަސްމިއްޔާތަށް އެތަން ތައްޔާރުކުރުވަން ހަދައިގެން ރަފްހާންއަށް އެދުވަހު މާލެ ދާނެ ފުރުސަތެއް ނުލިބުނެވެ. އާވާ ނުފެނި ގިނައިރުވާން ފެށުމުން އާވާގެ މަތިން ހަނދާންވިއެވެ. އޭނައަށް ރޭގަނޑު ގެއަށް ނުދެވޭނެކަން އެނގިގެން އާވާ ބިރުގަންނާނެވަރު އެނގޭތީ ވިސްނާލާފައި ރަފްހާން އޭނަގެ ކޮއްކޮ ޔާކިންއަށް ގުޅިއެވެ. ޔާކިން ލައްވާ ހައްދަން އުޅޭ ސޮފްޓްވެއަރއެއްގެ ބަހަނާގައި ޔާކިން ހުޅުމާލެއަށް ގެނެސް އެތާ ހުރެވޭނެ އިންތިޒާމް ރަފްހާން ހަމަޖައްސާދޭން ނިންމިއެވެ. އަރާމު ހޮޓަލެއްގައި ހިލޭ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖެހުމުގެ އިތުރުން ޕާޓީގައި ހިތްކިޔާފަދަ ރީތި އަންހެންކުދިންނާއި ބައްދަލުވުމުގެ ފުރުސަތުވެސް ލިބޭނެކަން ޔާކިންއަށް އެނގުނެވެ.

ރަފްހާން ހޮޓަލުގެ ފުރަގަހުގައި ހައްދާފައިވާ ގަސްތަކުގެ ތެރެއިން ނުކުމެގެންގޮސް މޫދާއި ދިމާލަށް ފޭބިއެވެ. އޭރު އުޑުމަތިވަނީ އޮރެންޖް އަދި ދަނބުކުލައަކުން ޖަރީވެފައެވެ. މިހިތްގައިމު މާހައުލުގައި އޭނައާއި އެކުގައި އާވާ ވާނެނަމައެވެ. ރަފްހާން މޫދުގެ ރާޅު ބީއްސާ ހިސާބުން ހިނގާލާފައި ދަމުން އާވާއަށް ފޯނުން ގުޅާލިއެވެ. މިއަދު މާލެ ނުދެވޭނެ ކަމަށާއި ޔަޒީދާ ދައްތަ އެގެއަށް ނިދަން އަންނާނެ ކަމުގެ ޔަގީންކަން ރަފްހާން ދިނެވެ. ޔާކިންވެސް މިރޭ މާލެއަށް ނުދާނެ ވާހަކަ ބުނެލުމުން އާވާ ހިތްހަމަޖެހޭނެ ކަމުގައި ރަފްހާން ހީކުރިއެވެ. ރަފްހާން ދެއްކި ވާހަކަ އަޑުއަހަން ހުރެފައި އާވާ ނޭފަތްދަމާލިއެވެ. ގޭގައި ހިނގައިގެން އުޅޭ އެއްވެސް ކަމެއް ނޭގޭތީ ރަފްހާން ހީކުރީ އޭނައަށް އެރޭ ގެއަށް ނުދެވޭނެކަމަށް ބުނުމުން އާވާ ރޮނީކަމުގައެވެ.

"އާވާ އެއްޗެކޭ ބުނެބަލަ ޕްލީޒް.." ރަފްހާން ގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
"އާވާ؟ ރޮނީތަ؟" އެކޮޅުން ޖަވާބެއް ނުލިބުމުން ރަފްހާން ނުތަނަވަސްވިއެވެ. އާވާއަށް ދިމާވެފައިވާ ކަންތައްތަކުން އަރައިގަންނަން އޭނަގެ އެހީތެރިކަމާއި ލޯބި ބޭނުންވާވަރު ރަފްހާންއަށް ރޭކާލައެވެ. ފައިސާ ހޯދަން މަސައްކަތްކުރަން ޖެހޭތީ އޭނަ ހިތްއެދޭވަރަށް ގޭގައި ހުރުމުގެ ފުރުސަތެއް ނުލިބެއެވެ. އާވާއަށް މުހިއްމުވާނީ އަދި އެކީގައި ނިދާނެ ބައިވެރިޔެއްނޫނެވެ. އެކަން އެންމެ ރަގަޅަށް ދަންނަނީވެސް ރަފްހާންއެވެ. އާވާއަށް ބޭނުންވަނީ އަޅާލުމާއި އިންތިހާ ލޯތްބެވެ. އާވާގެ އިތުބާރާއި ގާތްކަން ހޯދަން ދިގު މަރުހަލާއެއް ކަޑައްތުކުރަން ޖެހޭކަން އެނގެއެވެ. އޭނަ މިހިރީ އިންތިޒާރު ކުރާށެވެ. 
"ނޫން، މިރޭ ރަފްހާން އަންނާނެނަމަ....." އާވާއަށް ބުނެވުނެވެ.
"ރިއަލީ؟ އާވާ ދުވަހަކުވެސް ނުބުނަމެއްނު އަހަރެން އަންނައިރަށް އިންތިޒާރު ކުރަމޭ، މިރޭ މިތާ ހަފްލާއެއް އެބައޮތް، އެކަން ނިމުނުހާ އަވަހަށް ދެވޭތޯ ބަލާނަން....." ރަފްހާން އާއި ދާދިކާރިން އަންހެންކުދިން ތަކެއް ރަކި ހިނގަނޑެއް ޖަހާލުމުން ރަފްހާން ނުދެނެހުރިކަމަށް ހަދާލާފައި ދުރަށް ދާން ހިނގައިގަތެވެ. އޭނައަކީ ހުސްހަށިބައި މީހަކަށް ނުވާއިރު އެހެން ކުދިންނަށް އެއްވެސް ގޮތަކުން ނުބައި އިޝާރާތެއް ވުމަށް ރަފްހާން ނޭދެއެވެ. އެހެންނޫންނަމަ އާނީފަދައިން އެހެން ކުއްޖެއްގެ އުދަގޫތަކުން ސަލާމަތް ނުވެގެން އުޅެން ޖެހިދާނެއެވެ.

"ކްރިމްސަންވިލާ" އަށް އާދައިގެ މަތިން ރޭގަނޑު ވެރިވެފައިއޮތީ ފުން ހިމޭންކަމެވެ. އަމީން އިޝާކޮށްގެން ކޮޓަރިއަށް ވަނީއެވެ. ޔަޒީދާވެސް ސޯފާގައި ދިވެހި ވާހަކަފޮތަކަށް ގެއްލިފައި އޮތެވެ. އާވާގެ ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަމެއްގެ ސަބަބުން ވާހަކަ ލިޔާ ހިތް ނުވިތާގައި ޓީވީ ހުޅުވާލާނެ ހިތްވަރެއްވެސް ނެތެވެ. އޭނަ ކޮޓަރިއަށްވަދެ ފޯނުން ރަފްހާންގެ ފޮޓޯތަކަށް ބަލަން އޮތީ ފޫހިވުމެއްނެތިއެވެ. ކޮންމެ ތަސްވީރެއްވެސް ހިތުދަސްވާވަރަށް ބެލިއްޖެއެވެ. މިވަރަށް ހިތް އެދޭއިރު މިހާ ކައިރީގައިވާއިރު ލިބުމެއްނެތް ބައިވެރިޔެކެވެ. އެކަމުންވެސް އެނގެނީ އޭނަގެ ބަދުނަސީބުކަމެވެ. އާވާގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. އެނދުގައި ދެއަތަކަށް ފުރޮޅި ފުރޮޅި އޭނައޮތްއިރު މި ތަންމައްޗަކީވެސް އަނގުރު އަލިފާންހެން މިރޭ ހީވަނީއެވެ. ހަޔާތުގައި އަނެއްކާ ހަތަރުއަނގޮޅިކަން މައްޗަށްކަށް މިއޮތީ އާދެވިފައެވެ. ދާންވީ ދިމާލެއް ނޭގި ހުއްޓިފައި ހުރިއިރު ހެޔޮ ނުބައި ކިޔާދޭނެ މީހެއްވެސް ނެތެވެ. އެންމެ ކުޑަވެގެން އޭނަގެ މަންމަވެސް އެހީވާނީއެއް ނޫނެވެ.

އެންމެފަހުން ހިތަށް ކެތްނުކުރެވިގެން އޭނަގެ މަންމަ މާހުޖަބީންއަށް ގުޅާފައި ރަފްހާންގެ ކައިރިން ވަރިގެން ދުރަށް ދާން ބޭނުންކަމުގައި ބުނެލީ ރޮމުންނެވެ. މާހުޖަބީން މިރޭ ތަފާތެވެ. ރުޅިވެރިގޮތަކަށް ހަޅޭއްލަވައިގަންނާނެ ކަމުގައި ހީކުރިޔަސް ކަންތައްވީ އޭގެ ދިމާ އިދިކޮޅަށެވެ. މާހުޖަބީން ދިނީ ނަސޭހަތެވެ. އާދޭސްކޮށްފައި ބުނީ ކޮންމެ ހާލެއްގައިވެސް ރަފްހާންގެ އަތްބެއްގެ ގޮތުގައި ހުރުމަށެވެ. ރަފްހާންއާއި ވަކިނުވުމަށެވެ. މާހުޖަބީންގެ ގާތަށް އާވާ ގެންނަން ބޭނުން ކަމަށާއި ނަމަވެސް އަންވަރުގެ ހަރުކަށިކަމުން އެކަން ކުރެވެން އަދި ނެތްކަމަށް މާހުޖަބީން ބުނެލިއިރު އެއަޑުގައި މޮޅިވެރި ކަމެއްވިއެވެ. އާވާފަދަ ޅަކުއްޖަކަށް އަދި ދިރިއުޅުމުގެ އެއްވެސް އެއްޗެއް ދަސްވެފައި ނުވާނެ ކަމުގައްޔާ އޭނަގެ ބަސް ގަބޫލުކޮށްގެން ދެރަގޮތެއްނުވާނެ ކަމުގައި މާހުޖަބީން ބުނެލިއެވެ. މަންމަ އާއި ޒުވާބުކުރަން ބޭނުންނުވާތީ މަންމަ ރުހޭފަދަ ގޮތަކަށް ވާހަކަ ދައްކާލާފައި އަނެއްކާވެސް އޮށޯތީ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައި ގެންނެވެ. މަންމަވެސް ރަފްހާން އާއިއެކު އުޅެން އެދުނީ މަންމައަށް އޭނައަށް އެނގިފައިވާވަރަށް އާއިލީ ހަގީގަތް ނޭގޭތީއެވެ. 

އާވާގެ ހިތުގެ ތެޅުން އެތައް ގުނަ އިތުރުވީ ރަފްހާން ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންތަން ފެނިފައެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލީގެ ތެރެއިންވެސް ރަފްހާންގެ ސޫރަ ފެނިލީ ވަރަށް ހިތްގައިމުކޮށެވެ. ކިތަންމެ ގިނައިން އެ މޫނު ފެނިލިޔަސް އާވާގެ ހިތް ތެޅިގަނެ ފިނިވާގޮތްވެއެވެ. ވާހަކަތަކުން ބަޔާންކުރާފަދަ އަސަރުތަކުގެ ސަބަބުން އޭނަ ރަފްހާންދެކެ ވާ މަތިވެރި ލޯބި އަމިއްލައަށް އިހުސާސް ކުރެވެއެވެ. ރަފްހާން އާއި ވަކިން އެހެން ތަނެއްގައި އުޅެވިދާނެބާވައޭ ހިތަށް އަރައެވެ.
"އަވީ، އެހާވަރަށް އިންތިޒާރު ކުރުވާފައި ނިދީތަ؟" އާވާ ނިދާފައި ކަމަށް ހެދިގެން އޮތްވާ ރަފްހާން މަޑުމަޑުން ފައިގާ ކޮށްޓާލުމުން އާވާ ފައި ދަމައިގެންފާ ތެދުވެ އެނދުގައި އިށީދެއްޖެއެވެ. ރަފްހާން ވެސް އާވާއާއި ދާދި ގާތުގައި އިށީދެފައި އާވާ ފިދާވާ ނަޒަރުން ބަލާލުމުން އާވާ ދައްކަން ހުރި ހުރިހާ ވާހަކަތަކެއް ހަނދާން ނެތިއްޖެއެވެ.
"ކާރިއަށް އައީމަ ބުނާކަށް ބޭނުމެއް ނުވޭދޯ، އެކަމަކު އެނގޭތަ؟ އަހަންނަށް އަވީ މިހާރު މުޅިންހެން ދަސްވެއްޖެ..." ރަފްހާން މާނަވީގޮތަކަށް ބުނެލުމުން އާވާ ރަކިވިއެވެ. ރަފްހާންއަށް އެނގުނީ ކިހިނެއްބާވައެވެ. އޭނަ އެހެން ބުނީ ކޮން މާނައެއްގައި ހެއްޔެވެ؟ އެވަގުތު އާވާ ހަނދާންވީ އަމާރާގެ ވާހަކަތަކެވެ. އޭނަގެ މަޖުބޫރީއެވެ. އޭނަ ރަފްހާންއާއި ދުރަށް ދާން ޖެހޭ ސަބަބަކީ ކޮބާކަމެވެ.

"ރަފްހާން، ވާހަކައެއް ބުނަން ބޭނުން...." އާވާ ހިންދިރުވާލިއެވެ.
"ޓެލްމީ، އަވީ ބޭނުން ކޮންމެ ވާހަކައެއް އަޑުއަހަން މިރޭ ހަތަރުދަން މިއޮތީ ދީފައި...." ރަފްހާންގެ ރީތި ހިނިތުންވުމުން އާވާގެ ހިތަށް ބަޔާންނުކުރެވޭފަދަ ތަދެއް ވިއެވެ. އޭނަ "ނޯމަލް" ކުއްޖަކަށްވިނަމައެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނައާއި ރަފްހާން އެކަށީގެނެއް ނުވެއެވެ. 
"އަހަރެން ބޭނުމީ ޑިވޯސް ވާން....." އާވާ ގެ ހިތް ކުދިކުދިވެގެން ދިޔަނަމަވެސް އެ ޖުމްލަ ބުނެލީ ރަފްހާން ވިސްނާގޮތް އެނގެން ބޭނުންވާތީއެވެ.
"މެރީކުރީމަ ހަމަ އެހާ ފަސޭހައިން ވަރިކުރެވޭނެތަ؟ އައި ޑޯންޓް ތިންކްސް ސޯ....." ރަފްހާން ކުޑަކޮށް ބުމަގޮށް ޖަހާލިއެވެ. އެހާވަރުން އޭނަ މަސައްކަތުގައި ހުއްޓާ އާވާ އޭނަ ގެނައީ މިފަދަ އަޑުއަހަން ބޭނުންނުވާ ޒާތުގެ ވާހަކައެއް ފަށަންހެއްޔެވެ؟ މިކަހަލަ ޚިޔާލެއްކޮށްލިއިރު އާވާއަށް ޑާކްނައިޓްގެ ޚިޔާލު ހޯދުންވެސް މުހިއްމެއްނުވިއެވެ. މިހުރިހާ ދުވަހު ބޭނުންނުވިކަމެއް ކުއްލިއަކަށް އާވާ ބޭނުންވީ ކީއްވެހެއްޔެވެ؟ އާވާ މިފެށީ އޭނަ ހީކުރިފަދަ ވާހަކައެއް ނޫނެވެ.
"ޕްލީޒް......" އާވާ އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ.
"ވެލް، އާވާ، އަހަރެމެން މެރީކުރީ ދުރުގައި ހުރުން ޝަރުތުކޮށްފައެއްނު، އަދިވެސް އަހަރެން އެ ބަސް މާނަކުރިގޮތަށް ވަކި ލިމިޓެއްގައި މިއުޅެނީ، ވަރިކުރަންވާނީ ކޮންމެވެސް އެކެއްގެ ކުށެއްވެސް އޮވެގެން ދޯ، އަހަރެންގެ ކުށެއް ދައްކަފާނަންތަ؟ ނޫނީ އާވާގެ ކުށަކީ ކޮބާތަ؟ އަހަންނަށް ހިޔެއްނުވޭ އަހަރެމެން މިހާ ކާރިއަށް އައިސްފައި އެއްވެސް އުފަލެއްނެތި ދެން ދުރަށް ދިޔުމަކީ އެހާ ރަގަޅު ނިންމުމަކަށްވާނެހެން، ނޫންތަ އާވާ......" ރަފްހާން އަނެއްކާ އާވާގެ މޫނަށް އެ ތޫނު ދެލޯ ހުއްޓާލުމުން އާވާ ބޭނުންވީ ވައިގެ ތެރެއަށް ތަހައްލަލުވެގެން ދިޔުމަށެވެ. މިއީ ކޮންފަދަ ސަޒާއެއް ހެއްޔެވެ؟ އޭނަ ރަފްހާންދެކެ އިންތިހާއަށް ލޯބިވެއެވެ. ރަފްހާންއަކީ އޭނަގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ވެ ނިމުމުން އެބުނާހެން ދުރަށް ދާންވީހެއްޔެވެ؟ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އޭނަގެ ފަރާތުން ރަފްހާން އެބުނާފަދަ އުފަލެއް ދެވޭނީ ކިހިނެއްހެއްޔެވެ؟ 

"ރަފްހާން، އަހަރެމެންގެ ތިބުނާފަދަ ރިލޭޝަނެއްނެތް، އެހެންވެ....." އާވާ އިނީ ލަދުން ރަފްހާންއާއި ހަތަރުކަޅި ހަމަނުކުރާށެވެ.
"އެންމެފަހަރަކުވެސް އާވާ ބުނެބަލަ ވިލިން އޭ، އައިމް ރެޑީ...." ރަފްހާން ސަމާސާ ހިނިތުންވުމަކާއިއެކު އާވާގެ މޫނަށް ބަލާލިއެވެ.

ކޮމެންޓް 0