ނާޒް މަޑުމަޑުން ހިނގާލާފައިގޮސް ރަފްހާންގެ އަތުގައި ހިފަހައްޓާފައި އޭނައާއި ދިމާލަށް އަނބުރުވާލި އިރު ނާޒްގެ ލޮލުގައި ވިދަވިދާ ހުރީ ކަރުނައެވެ. ނާޒްގެ ދޮށީ ދަރިފުޅު ފުރިހަމަ ޒުވާނެއްގެ ގޮތުގައި ހުރިތަން ފެނިފައި ނާޒްގެ ހިތް ފުރިގެން ބަންޑުންވެގެން ދިޔައެވެ. ދަރިން ދޫކޮށްލާފައި ނާޒް ކްރިމްސަންވިލާއިން ނުކުމެގެން އައި ދުވަހަކީ ހަޔާތުގެ އެންމެ ހިތި ހަނދާނެވެ. ރަފްހާން އާއި ޔާކިން އަކީ ނާޒްގެ ހިތުގެ އެއްބައި ކަމުގައިވިޔަސް އެދެކުދިންނާއި ނާޒް ބައްދަލުކުރަން އަމީން ހުއްދައެއް ނުދިނެވެ. ކުށްކުރީ ނާޒްއެވެ. އަމީންއެއް ނޫނެވެ.

"ދަރިފުޅާ، މަންމައަށް މާފުކުރޭ....." ނާޒްގެ އަޑުގައިވަނީ އާދޭހެވެ. އަޔާމް ހީކުރީ އޭނަގެ މަންމަ ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި މާ ގިނަ ދުވަހު މަސައްކަތް ކުރުމުގެ ސަބަބުން މޮޔަވީކަމުގައެވެ. އެހެންނޫންނަމަ ދުވަހަކު ލޮލުން ނުދެކޭ ޒުވާނެއްގެ އަތުގައި ހިފައިގެން މަންމަ ރޮއިގެންވާނެ ހެއްޔެވެ؟ އަޔާމް މަޑުމަޑުންގޮސް ނާޒްގެ ކޮނޑުގައި ހިފަހައްޓާލާފައި ގަޔާއި ކާރިކޮށްލަމުން މަންމައަށް ގޮވާލިއެވެ.

"މާފަށް އެދެންވީ އަޅުގަނޑުގެ ގާތަކުން ނޫންކަން ނޭގޭ، ވެން ޔޫ ލެފްޓް އަސް އެންމެ ހާޓްވާނީ ބައްޕައަށް......" ރަފްހާން އެންމެފަހުން ހިތްހަމަނުޖެހިފައިވާ ފަދަ ގޮތަކަށް އެހެން ބުނެލިއިރުވެސް މޫނުމަތިން ރުޅިވެރިކަން ދައްކާނުލައެވެ. އެހެންނޫންނަމަ އޭނަ މަންމައަށް މާފުދޭން ޖެހޭއެއްވެސް ސަބަބެއްނެތެވެ. މަންމައަށް މާފު ހައްގެއް ނޫނެވެ. ނަމަވެސް މަންމަގެ ކަރުނަތައް ފެނުމުން ރަފްހާންގެ ހިތް ކަފަކޮޅެއްހާ މަޑުވެގެން ދިޔައެވެ. މަންމަ އެކުދިންނާއި މެދު ކިތަންމެ ނިކަމެތިކޮށް ކަންތައްކުރިޔަސް މަންމަވާނީ މަންމަ ކަމުގައެވެ. އެގުޅުން އެއްވެސްމީހަކަށް ކަނޑައެއް ނުލެވޭނެއެވެ. 

ރަފްހާންގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ނުފެނުނެވެ. މަންމަ އާއި ކޮއްކޮ އާއި ބައްދަލުވިޔަސް އެއީ އާއިލީ ބަޔެއްކަމަށް ގަބޫލުކުރަން ހިތް ބޭނުމެއްނުވިއެވެ. 

"އަޔާއަށް އެނގޭތަ؟ މިއީ ދަރިފުޅުގެ ދޮންބެ..." ނާޒް އަޔާމްއަށް ރަފްހާން ތައާރަފުކޮށްދިނެވެ. ރަފްހާން ހުރީ ބަސްހުސްވެފައެވެ. އެތައް ޖަޒުބާތަކުން އޭނަގެ ލޯވެސް ފެންކަޅިވިއެވެ. މަންމަ މިއަދު ދަރިފުޅާއޭ ކިޔާފައި ގޮވާލަން ލަދުވެސް ގަންނަންޖެހޭނެއެވެ. ރަފްހާންއަށް ވަނީ އޭނަގެ މަންމަގެ ހަގީގަތް ވަރަށް ފަހުން ބައްޕަގެ ފަރާތުން އޮޅުން ފިލާފައެވެ. މަންމަ ބޭވަފާތެރިވެގެން ރައްޓެހިވެގެން އުޅުނީ ދުރު ހިލޭމީހަކާ އެއް ނޫނެވެ. ބައްޕަގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޔޫސުފް އާއެވެ. ހަގީގަތް ފަޅާއެރުމުން މަންމަ އުޅުނީ ދަރިންކޮޅު ގޮވައިގެން ދާށެވެ. ނަމަވެސް ބޮޑުބޭބެވެސް އެކަމަށް އެއްބަސްނުވީއެވެ. ބައްޕަވެސް އެކަމަށް އިންކާރު ކުރީއެވެ. މަންމަ ގޮވައިގެން ބޮޑުބޭބެ އާއިލާއާއި ވަކިވުމަށްފަހު ދަރިން ދުނިޔޭގައި ތިބިތޯ ބަލާލާކަށްވެސް ނައެވެ.

"ދޮންބެއޭ ؟ ހީވެސް ނުކުރާގޮތަކަށް މިވީ، އެންޑް ޔޫ އާރ އަވީސް ހަޒްބެންޑް......" އަޔާމް ދެލޯބޮޑުކޮށްލިއެވެ.
"ޔާ ނައިސް ޓު މީޓް ޔޫ....." ރަފްހާން އަޔާމްގެ އަތުގައި ހިފާލާފައި ބާރަށް ފިތާލަމުން ކުޑަކޮށް ބައްދާލިއެވެ. އަޔާމްގެ މޫނުމަތިން ޔާކިންގެ ސިފަތައްވެސް ރަފްހާންއަށް ފެނުނެވެ. މަންމަ ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އަޔާމްއާއި ދޭތެރޭގައި އޭނަގެ ޝަކުވާއެއް އޮންނަންވީ ސަބަބެއްވެސް ނެތެވެ. އަޔާމްގެ މައިންބަފައިން ކުރި ނޭދެވޭ އަމަލެއްގެ ސަބަބުން އަޔާމް ކުށްވެރިއެއް ނުވާނެއެވެ.

"އާވާ މިއަދު ނާދޭތަ؟" ރަފްހާން ގެ އުއްމީދުގެ ހުޅުކޮޅު ނިވިގެން ދިޔައީ އަޔާމްގެ ޖަވާބުންނެވެ. ނާޒް ރަފްހާންގެ އަތުގައި ހިފާ އެތެރެއަށް ވެއްދިގޮތަށް ފޮނުވާލާކަށް ނޫޅުނެވެ. ރަފްހާންއަށްވެސް މަންމަގެ ހިތުގައި ޖަހާފައި އެގެއިން ނުކުމެގެން ދާކަށް ނުކެރުނީއެވެ. ބައްޕައަށް މިކަން އެނގިއްޖެއްޔާ ބައްޕަ އޭނަގެ މައްޗަށް ހިތް ހެވެއް ނުވާނެއެވެ. މަންމައަކީ ބައްޕަ ދެކޭގޮތުގައި ދުނިޔޭގައި ހުރި އެންމެ ބޮޑު ބޭވަފާތެރިޔާއެވެ. މިހުރިހާ ދުވަހު ކިޔާނުދިން ވާހަކައެއް ބައްޕަ އޭނަ ގާތުގައި ދައްކާނީ ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވުނީމައެވެ. ނަސީބަކުން މިރޭ ދައްކާނެ ބަހަނާއެއް އެބައޮތެވެ. ރަފްހާން ގެ ގާތުގައި ނާޒް އެދުނީ ޔާކިންއާއިވެސް ބައްދަލުކޮށްދިނުމަށެވެ. މަންމަ ލައްވާ އާދޭސްކުރުވަން ބޭނުންނުވާތީ ރަފްހާން އާއެކޭ ބުނެލާފައި ގެއަށް ދާން ނުކުތްއިރު ނާޒް ރަފްހާންގެ ނިތްކުރީގައި ބޮސްދިނެވެ. 

"ލަވް ޔޫ ދަރިފުޅާ....." ނާޒްގެ އެ ލަފުޒުތައް ރަފްހާންއަށް ގަބޫލުނުކުރެވުނަސް އެ ލަފުޒު ހިތުގައި ފިރުމާލިހެން ހީވިއެވެ. މަންމައެއްގެ ލޯތްބާއި އޯގާތެރިކަން ހަޔާތުގައި އުނިވެފައިވުމަށްފަހު އަލުން މަންމައެއްގެ ގާތްކަން ލިބެންފެށީއެވެ.

ރަފްހާން ގެއަށް އައިއިރުވެސް އާވާ ގެއަކަށް ނާދެއެވެ. ރަފްހާން އާވާ ދާނެހެން ހީވާތަނަކަށް ގުޅިއެވެ. މުޅި މާލެތެރޭގައި ދުއްވިއިރު ރަފްހާންގެ ހިތަށް ވަރަށް އަސަރުކޮށްފައިވެއެވެ. އާވާ އެގޮތަށް އޭނައާއި ދުރަށް ހިނގައިދާނެ ކަމުގައި ފަހަރެއްގައިވެސް އޭނަ ހީކޮށްފައިނެތެވެ. އެކަމަށް ތައްޔާރުވެފައިވެސް ނެތެވެ. އެންމެފަހުން ނާކާމިޔާބުވެގެން ގެއަށް އައިސް ޓެރެސްއަށް އެރިގޮތަށް ރަފްހާން ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވީ ހިތަށް ކެތްނުވެގެންނެވެ. އޭނަގެ ބައްޕަގެ ކުށެއްނެތި މަންމަ ދިޔަފަދައިން އާވާވެސް ކަންތައްކުރީ ނާއިންސާފުންނެވެ. ރެއިލިންގައި އުޅަބޮށި ޖައްސާލައިގެން އެހެން ހުއްޓާ ކުއްލިއަކަށް ނާޒުކް އަތަކުން އޭނަގެ އަތުގައި ފިރުމާލިއެވެ. ރަފްހާން ސިހިފައި ބަލާލިއިރު ދާދި ކާރީގައި ހުރީ އާވާއެވެ.

"އާވާ، ހާދަ ވަރަކަށް ހޯދައިފިން......" ރަފްހާން އާވާގެ ދެއަތުގައި ހިފަހައްޓާފައި ކާރިކޮށްލިއެވެ. މިއިން ޒަމާނެއްގައި ނުވާހާބޮޑަށް ދެރަވެ ރުޅިވެސް ގަދަވާގޮތްވިއެވެ. އޭނަ ރުޅިގަދަވިޔަސް ދުވަހަކު އެކަން ފާޅުކޮށްފައެއްނެތެވެ. ނަމަވެސް މިއަދު ކެތްނުކުރެވިގެން އާވާގެ އަތުގައި ހިފާލެވުނީ ތަދުވާހާ ބާރަށެވެ. އާވާ އަތް ދަމައިގަންނަން އުޅެ އުޅެފައި ކާމިޔާބު ނުވުމުން ހިމޭންވިއެވެ. 
"އައިމް ސޮރީ....." އާވާ މާފަށް އެދުނެވެ.
"ސޮރީއަކުން އެކަނި ފުއްދާލީމަ ވީތަ؟ ކޮންއިރެއް އަހަރެން އާވާ ހޯދާތާ؟ އަހަރެން ދެރަވާނެވަރެއް ނޭގުނީތަ، ކީކޭ ހިތަށް އަރާފައި އާވާ ތިގޮތަށް ގެއިން ބޭރަށް ދިޔައީ، އަވީ ތިގޮތަށް ދިޔުމުން އަހަރެންގެ ހިތަށް ލިބުނު ހުސްކަން އަހަރެން ބުނެދޭނީ ކިހިނެއްތަ؟ " ރަފްހާންގެ ހިތުގައި އެތައް ޝަކުވާއެއް އޮތެވެ. 
"ކޮންކަމެއް އަވީ ބޭނުމީ، ފިލައިގެން ނުގޮސް އަވީ އަހަރެން ގާތު ކިޔާދިނީމައެއްނު އެނގޭނީ....." ރަފްހާން އާވާގެ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލާލާފައި ރުޅިފިނިވިއެވެ. ޓެރެސްގައި ދިއްލާލާފައިވާ ފަނޑު އަލީގެ ތެރެއިން އެ ރީތި ދެލޯފެންނަލެއް ވަރަށް ފުރިހަމައެވެ. އެހެންނޫނަސް މިރޭ ހަނދުވަރުގެ ރިހި އަލި މުޅިތަނަށް ފަތުރާލާފައިވާއިރު އާވާ ފެންނަނީ ހުވަފެނީކޮށެވެ. 

"ރެއިން ރުޅިމަޑުކޮށްބަލަ....ޕްލީޒް..." އާވާ އެދުނެވެ.
"އަހަރެން ރުޅިއައިއްސަކައެއް ނޫން މިހިރީ އަވީ، އެކަމަކު އަހަރެން ގާތުގައި ނުބުނެ ގެއިން ދިޔައީމަ އަހަރެންވެސް ހާސްވާނެއްނު، ބުނެބަލަ، ކީއްވެ އަވީ އެގޮތަށް ކަންތައްކުރީ، ޑޭމިޓް އައި ލަވް ޔޫ ބޭބީ، އައި ލަވްޔޫ މޯރ ދޭން އެނީތިންގް........" ރަފްހާން އާވާގެ މޫނުގެ އެތަން މިތާ ބޮސްދިނެވެ. އެތައް ފަހަރަކު ބައްދާލިއެވެ. އެ ފިރުމުންތަކާއިއެކު ދެމީހުންގެ ކަރުނަތައް އެކުވެގެން ދިޔައެވެ. ރަފްހާން އާވާ ގަޔާ ކައިރިކޮށްލައިގެން ހުރެގޮސް އެތާހުރި ދިގު ގޮނޑިއެއްގައި އިށީންގޮތަށް އާވާ ބޭންދީ އޭނަގެ ފައިމަތީގައެވެ. އެހިސާބުގައިވާ ޕޮޓްތަކުގައިވާ މާގަސްތަކުގެ މީރުވަހާއިއެކު ރަފްހާން ބޭނުންކޮށްފައިވާ ސެންޓްގެ ވަސް އެކުވެ ތަނުގައި އާދަޔާ ޚިލާފު މީރުވަހެއް ހިފާލާފައިވެއެވެ. 

އާވާ ގަސްތުކުރީ އަމާރާގެ ވާހަކަތައް ރަފްހާންއަށް ކިޔާދޭށެވެ. އަމާރާގެ އިންޒާރުތަކުގެ ވާހަކަދައްކާފައި އާވާ ރޯންފެށިއެވެ. އަދި ނާޒްއަކީ ރަފްހާންގެ މަންމަކަން އަމާރާ ބުނެދިންކަމަށާއި ނާޒްއަކީ ވަރަށް ނުބައި ނުލަފާ ހަންޑިއެއްކަހަލަ އަންހެނެއްކަމަށް އަމާރާ ވަނީ ކިޔާދީފައެވެ. އަމީންއާއި ކާވެނިކޮށްގެން ދެދަރިން ލިބިފައި ހުއްޓާ އަމީންމެންގެ ކޮއްކޮ ޔޫސުފް އޭނަގެ ރީތިކަމުގެ މަޅީގައި ޖައްސައިގެން ލޯބީގެ ކުޅިގަނޑެއްފެށިކަން އަމީންއަށް އެނގިގެން ނާޒްވަރިކުރުމުން ޔޫސުފްވެސް ނާޒްއާއިއެކީގައި ގެއިން ނުކުމެގެން ދިޔައީކަމަށާއި މުޅި އާއިލާ ނާޒްދެކެ ނަފްރަތު ކުރާކަމަށް އަމާރާވަނީ އާވާއަށް ކިޔާދީފައެވެ. އަދި އާވާ ނާޒް ކާރިއަށް ފަރުވާ ހޯދަން އެނގުނު ގޮތަކަށް އަމާރާއަށް އެނގިގެން އެކަމާއި ގުޅޭގޮތުންވެސް އާވާއަށް ބިރުދެއްކިއެވެ. ނާޒްގެ ދަރިފުޅު ރަފްހާންއާއި އާވާ އިނދެގެން އުޅޭކަން އެނގޭއިރަށް ނުބައި ބޭހެއް ދީގެންވެސް އާވާ މަރާލާނެ ކަމުގެ އިންޒާރުވެސް ކުރިއެވެ.

"ރެއިން، އަހަރެން މަރާލަފާނެތީއެއް ނޫން ބިރުގަތީ، ލަދުގަތީ ހުރިހާ ސިއްރެއް ކިޔާދެވުނީ ރެއިންގެ މަންމަ ގާތުގައި ކަން އެނގުނީމަ، ސާމީ ކުރިހާ ނުބައިކަންތައް ވެސް މަންމައަށް އެނގޭ، މަންމަ ގާތުގައި އަހަރެންގެ ހުންނާނީ ކޮން އަގެއްތަ؟ ބައެއްފަހަރު ފީލްވޭ ނާސިއެއްހެންވެސް..... " އާވާ ރަފްހާންގެ ޓީޝާޓުގައި މޫނު ފޮރުވިއެވެ.
"އެކަމަކު އަވީ ގެ ތިހިރަ ކޮންޑިޝަންއެއްގެ ސަބަބުން އަވީ ރޭޕްކުރަން އެމީހާ އެހާ ގިނަފަހަރު ޓްރައިކުރީމަވެސް އެކަމެއް ނުވިއެއްނު، ވީމަ ކޮންމެ ކަމެއްވެސް އިންސާނަކަށް ދިމާވަނީ ރަގަޅަށްކަން ނޭގޭ، ސާމީގެ އެ މުޑުދާރު ނިޔަތް ހާސިލުކުރަން އުޅެ އުޅެ އެކަން ނުވިކަން އެއީ އަހަރެންވެސް ނަސީބު، އަހަރެން މިހިރީ ކިތަންމެ ދުވަހެއްވާންދެންވެސް ވެއިޓްކުރަން، އަވީގެ ކޮންޑިޝަންއަކީ ޓްރީޓްކޮށްގެން ރަގަޅުވާނެކަމެއް، ޔޫ ކެން ލާން ޓު ރިލެކްސް، ދެން އަވީ ކަންތައް ބޮޑުވަނީ މަންމަ އަވީއާއި ދޭތެރޭގައި ދެކޭނެގޮތެއް ނޭގޭތީ، މަންމަ ކޮންމެ ގޮތަކަށް ވިސްނިޔަސް ދެން އޭގައި މައްސަލައަކީ ކޮބާތަ އަވީ؟ ދައްތަ އަހަރެމެން ދޭތެރެއަށް ވަންނަން މަސައްކަތްކުރަންވީ ކީއްވެ؟ އަހަންނަށް އަންޑަސްޓޭންޑެއް ނުވޭ، އަވީ އަހަރެން ދޫކޮށްލާފައި ދިޔަސް އަހަރެން ނެތިން އާނީ އަކާއި އިންނާކަށް، އެކަން ޖެހޭނީ އެމީހުން ހަނދާންނައްތާލަން، އެއީ އަހަރެން ހަމަހޭގައި ހުރެގެން ކުރާނެކަމެއް ނޫން، އަހަރެން ލޯބިވީ އެކަނި އަވީދެކެ، އައި ލަވް އޯލް ޔޯރ އިމްޕާރފެކްޝަންސް، ސޯ އަހަންނަށް ޓްރަސްޓްކޮށްބަލަ ލަވް، އަހަންނަށް އެނގޭ އަވީ ތި ވިސްނާ ހުރިހާކަމެއް، އަހަރެން މިހިރީ އަވީއާއިއެކު އަބަދަށްޓަކާ ވާން، ހެވޭ އަވީގެ ކޮންމެ ފަދަ މައްސަލައެއް ހުއްޓަސް، މޮޔަކުއްޖަކަށްވިޔަސް، ޔޫ އާރ ޕާފެކްޓް ފޯރމީ....." ރަފްހާން އާވާގެ ފަންއިސްތަށިކޮޅުގައި އަތް ހިންގާލަމުން އަދިވެސް ކާރިކޮށްލިއެވެ.

"ރެއިން، ދުވަހަކު އަހަންނާއި ވަކިނުވާނެކަމަށް ޕްރޮމިސްކޮށް ދީފާނަންތަ؟ އަހަރެން ވަރަށް ބިރުގަނޭ، އަހަންނަށް މިއަދު އެނގުނު އެއްޗަކީ ހިނދުކޮޅަކަށްވެސް ރެއިންއާއި ވަކިވެގެން ކެތްނުކުރެވޭނެކަން، މިހުރިހާ އިރުވާންދެން ހުޅުމާލޭގައި އެކަނި އިނދެލާފައި މިއައީ ކެތްނުކުރެވިގެން....." އާވާ އެހެން ބުނުމުން ރަފްހާން އާވާގެ ނާޒުކްއަތް އަތުތެރޭގައި މޮޑެލިއެވެ. ޔަގީންކަން ދިނެވެ. އަބަދުގެ އަބަދަށްޓަކާ ވާނެކަމުގައެވެ. އޭނަގެ މަންމައާއި ބައްދަލު ކުރުވާނެ ކަމަށާއި މަންމައަށްވެސް ދުނިޔޭގެ އެހެން ފަރާތަކަށް ދެން އޭނައާއި އާވާގެ ދެމެދަށް ނުވަދެވޭނެ ކަމުގައި ރަފްހާން ބުނެލީ ޔަގީންކަމާއި އެކުގައެވެ.

ރަފްހާން ޔާކިން އާއި އާވާ ގޮވައިގެން ވިލިމާލެއަށް ދިޔައީ އޭނަގެ މަންމަގެ ދައުވަތަކަށެވެ. އޭރު މިދަނީ ކޮންތާކަށްކަމެއް ޔާކިންއަކަށް ނޭގެއެވެ. އޭނަ ހީކުރީ ރަފްހާންގެ އެކުވެރިއެއްގެ ގާތަށް ކަމަށެވެ. ވިލިމާލެއަށް ދިޔަމަގުމަތީގައި ލިބުނު ޚަބަރަކުން ޔާކިންގެ ތަބީއަތު ވަރަށް ގޯސްވިއެވެ. އާވާ ތާނިޔާއަށް ގުޅައިގެން ހުރެ ދެއްކި ވާހަކައެއް ޔާކިންއަށް އަޑުއިވުނީއެވެ.

"ސީރިޔަސްކޮށް ތާނި މީހަކާއި އިންނަނީތަ؟ ކޮންދުވަހަކުންތަ؟ ހާދަ އުފާވެއްޖެ، ޔަގީނޭ ޕައިލެޓެއްކަން، ހޫއިޒް ދަ ލަކީ ގައި...." އާވާ ހުދުދަތްތައް ދައްކާލައިގެން ހުރެ ހީލިއެވެ. ޔާކިން ގެ ދަތްތައް ވިކާލެވުނުވަރުން ދަތްތައް ބިންދައިގެން ދާހާވިއެވެ. ސަމާސާ މޫޑެއްގައި އޭނަގެ ބޭބެއާއި ވާހަކަދައްކަން އިން ޔާކިންގެ މޫނުގެ ކުލަ އޮއްސުނެވެ. ތާނިޔާ އޭނައަށް ޖެއްސި ހާލު ނިކަން ދެކެބަލާށެވެ. އެހެން މީހަކާއި އިނަސް އޭނަ އުދަގޫކުރާނެއެވެ. އޭނަ ތާނިޔާ ދޫކޮށްލީ ބޭބެދެކެ ލޯބިވާކަމުގެ ކުށްހީކުރެވިފައެވެ. އަންހެންކުދިންނަކީ މަކަރުވެރި ބަޔެކެވެ. ތާނިޔާ އޭނަ އޮޅުވާލަން ބޭބެދެކެ ލޯބިވާކަމުގެ އެކްޓްކުރީއެވެ. ކެހިވެރިކުއްޖެކެވެ. އޭނައަށް ދިން ބޭހުގެ ޑޯޒުން އޭނަ ތާނިޔާގެ ކަރުބުޑުގައިވެސް ހިތި ރަހަ ލައްވާނެއެވެ.

ވިލިމާލެއަށް ގޮސްފައި ރަފްހާންމެންގެ ފަހަތުން ވިސްނުމެއްނެތި ގޮސް ގެއަކަށް ވަދެވުމާއިއެކު އެމީހުންނަށް މަރުހަބާ ކިޔާލި ރީތި އަންހެންމީހާއާއި ޒުވާން ފިރިހެންކުއްޖާ ފެނުމުން ޔާކިން ހުރީ ނޭގުމުގެ ތެރޭގައެވެ. ނާޒް ރަފްހާންގެ ގައިގާ ކުޑަކޮށް ބައްދާލާފައި އައިގޮތަށް ޔާކިން ގެނެސް މޭގައި ޖެއްސިއެވެ. ނިތްކުރީގައި ދޮންދިނެވެ. ނުދަންނަ މީހެއްގެ ފަރާތުން މި ލިބެންފެށި ލޯތްބަކުން ނުތަނަވަސްކަމާއިއެކު ދުރަށް ޖެހެން އުޅެނިކޮށް ނާޒް ޔާކިންއަށް އޭނައަކީ ޔާކިންމެންގެ މަންމަކަމަށް ބުނެދިނެވެ. އަދި އަޔާމްއަކީ ކޮއްކޮކަމުގައި ބުނެދިނެވެ. ރަފްހާންއާއި ޚިލާފަށް ޔާކިން ރުޅިގަދަވިއެވެ. 

"ވަޓް ދަ ހެލް ރެއިން.. ޔޫ ހޭވް ނޯ ރައިޓް ޓް ބްރިންގް މީ ހިއަރ މިގޮތަށް އޮޅުވާލާފައި، އަހަރެންގެ މަންމައެއް ނުހުރޭ، ޝީޒް ޑެޑް....." ޔާކިން މޫނުހަދާލުމުން ރަފްހާން ދެރަވިއެވެ. އެހެންނޫނަސް އެއީ ކޮއްކޮގެ މިޒާޖެވެ. މަންމަ ކޮއްކޮ ތުއްތުއިރު ދޫކޮށްލާފައި ދިޔުމުން ޔާކިންގެ މިޒާޖަށްއައި ބަދަލު އަދިވެސް އެއުޅެނީ ހަމަޔަކަށް ނޭޅިގެންނެވެ. އާއިލާ ތެރޭގައިވެސް އެންމެންގެ ލޯބި ލިބިގެން ބޮޑުވި މީހަކީ ރަފްހާންއެވެ. ނާޒްގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ. ރަފްހާންއާއި ޚިލާފަށް އޭނަ ވަކިވުމުން ހަނގު ދަރިފުޅަށް މާ ބޮޑަށް އަސަރު ކޮށްފައިވާކަން އެވަގުތުވެސް ދަނެގަތެވެ. އޭރު އަޔާމްވެސް އިނީ ފޯނާއި ކުޅެލަ ކުޅެލައެވެ. އާވާއިނީ ސޯފާގައި ޖެހުނުގޮތަށް ލަދުން ކުރާނެކަމެއް ނޭގިފައެވެ. ޔާކިން އޭނަގެ މަންމައަށް އިހުތިރާމް ކުރަން ނުޖެހޭހެއްޔެވެ؟ އޭނައާއި ދޭތެރޭ އޭނަގެ މަންމަވެސް ކަންތައްކުރީ ހަމަ ޔާކިންމެންނާއި ދޭތެރޭ ކަންތައްކުރި ގޮތަށެވެ. މަންމަ އަދިވެސް އޭނަދެކެ ލޯބިވާކަން ފާޅެއްނުކުރެއެވެ. ނަމަވެސް އޭނަ މަންމައަށް ވީތީ އިހުތިރާމްކުރެއެވެ.

"ދަރިފުޅާ، މަންމަގެ މަޖުބޫރީއެއް އޮވެދާނެއްނު...." ނާޒް ޔާކިންގެ ފަހަތުން ފެންޑާއާއި ހަމަޔަށް ދިޔައެވެ.
"އަހަންނަށް އެނގޭ، މަންމަ ދޯ ބޮޑުބޭބެއާއިއެކު ފިލައިގެން ދިޔައީ، ކިހާ ރީތިކަމެއް، މިހާރު އަހަރެމެން ފެނުނީ، މިހާރު އަހަރެން ބޭނުމެއްނުވޭ މަންމައަކަށް، އަހަރެންގެ ހަޔާތަށް އިތުރު އެއްވެސް މީހަކަށް ބޭނުމެއްނުވޭ، މިހާރު ތިބިމީހުން އަހަންނަށް ފުދޭ...." ޔާކިން ހުރީ ބުމަގޮށްޖަހާލައިގެންނެވެ. ކުޑައިރު އޭނަ ބޮޑާހާކާ އިރެކޭ އެއްވެސް ތަފާތެއް ނެތެވެ. ރަފްހާން ކުޑައިރު ގެންގުޅެއް ފަސޭހަވިގޮތަށް ޔާކިންއަކީ ކުޑައިރުވެސް ބަލަން އުދަގޫކުއްޖެކެވެ. ޔާކިން ހަށަން ބަދެލައިގެންހުރިއިރު އޭނަ އެހާ ފަސޭހައިން ގޮތްދޫނުކުރާނެކަން ނާޒްއަށް ވިސްނުނެވެ. ދެދަރިން ދޫކޮށްލާފައި ދެވުނުކަމުގެ މޮޔަހީވިއެވެ. ކޮންމެ ގޮތަކަށް އޭނައާއި ދޭތެރޭ ކަންތައް ވިޔަސް ޔޫސުފްގެ މަޅީގައި ނުޖެހުނުނަމައެވެ.

"ޔާކިން، މަންމަދެކެ ރުޅިއައިކަމުގައި ވިޔަސް އެންމެން އެކީގައި ސައިބޮވިދާނެއްނު، މަންމަ ވަރަށް މަސައްކަތުން ސަޔަށް އެއްޗެހި ތައްޔާރުކުރީ....." ނާޒް ކިޔަން ފެށުމުން ރަފްހާންވެސް އައިސް ޔާކިންގެ ކޮނޑުގައި އަތް ބޭއްވިއެވެ. އޭރު ނާޒް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަޔާމްވެސް ދޮރުމައްޗަށް ނުކުތެވެ. އޭނަހުރީ އަދިވެސް އޭނަގެ ދެބޭބެއިން ތިބިކަން ގަބޫލުކުރަން ދަތިވެފައެވެ. އަދި އޭނަގެ ބައްޕަ ޔޫސުފްއަކީ އަމީންގެ ކޮއްކޮއަށްވީމަ ޝޮކެއްގައެވެ. އެފަދަ ގުޅުމެއް މަންމައާއި ބައްޕަ ބޭއްވުމުން ބޮޑުބޭބެއަށް ހާދަ އަސަރުކުރާނެއެވެ. ރަފްހާން ވަރަށް ވިސްނާދީގެން ޔާކިން ސައިބޮއިގެން ދާން މަޑުކުރިއެވެ. ނާޒް ހަދާފައި ހުރި އެއްޗެހީގެ ރަހަ ވަރަށް މީރެވެ. ނާޒްގެ އޯގާތެރިކަމާއި ވާހަކަދައްކާލެއް ލޯބިކަމުން ޔާކިންގެ ރުޅި މަންމައާއިމެދު ފިނިވާންވެސް އުޅުނެވެ. ހަގީގަތުގައިވެސް މަންމައަށް މަޖުބޫރީއެއް ދިމާވީކަން ނޭގެއެވެ. އަމިއްލަ ދަރިންދެކެ ވާ ލޯބި ޅީދަރިފުޅުދެކެވެސް ނާޒްވާކަން ޔަގީނެވެ. އާވާއަށް އެހާ ހެވެވެ. އާވާއާއި ވާހަކަދެއްކީ ދަރިފުޅާއޭ ކިޔާފައެވެ. 

"އަވީ، މިހާރު މިއީ އަވީގެ ޑޮކްޓަރެއްނޫން، ދެން ކިޔަންވާނީ މަންމަ އިނގޭ، ބޭސް ގަވާއިދުން ކައިގެން އަވީ ރަގަޅު ކުއްޖަކަށް ހަދަން މިހާރު ބޭނުން..." އާވާ އެކަނިވި ވަގުތެއް ބަލާފައި ނާޒް ބުނެލިއެވެ. އާވާ ވަރަށް ލަދުގަތެވެ. ކުޑަކޮށް ބިރުގަންނަގޮތެއްވެސް ވިއެވެ. ނާޒްއަށް އިތުބާރުކުރަން ވެދާނެ ހެއްޔެވެ؟ އަމާރާ ބުނިފަދައިން ނުބައި ބޭހެއްކާން ދީފައި އޭނައަށް ގޮތެއް ހަދަން ނާޒް އުޅެނީ ހެއްޔެވެ؟ އާވާ ހުރީ ދެފިކުރެއްގައެވެ. ސައިބޮއިގެން ނާޒްއާއި އާވާ މޭޒުމަތިން ތަށި ނަގަން އުޅުނުއިރު ޔާކިން އާއި އަޔާމް ބޭރަށް ނުކުމެ ކޮންމެވެސް ވަރަކަށް ވާހަކަދައްކަންފެށިއެވެ. އަޔާމްއާއި ތާނިޔާގެ އެކުވެރިކަން އޮތީ ކިހާ ހިސާބެއްގައިކަން ނޭގިގެން ޔާކިން ސުވާލުކުރަން ފެށުމުން އަޔާމް ހުރީ މަޖާވެފައެވެ. ހަގީގަތުގައި ތާނިޔާއަކީ ވަރަށް ރަގަޅު އަންހެންކުއްޖެކެވެ. ނަމަވެސް ތާނިޔާވަނީ އަޔާމް ގާތުގައި ސިއްރެއްގެ ގޮތުން ޔާކިން ދެކެ ލޯބިވާ ވާހަކަ ބުނެފައެވެ. ތާނިޔާ މީހަކާއި އިންނަން އުޅޭ ޚަބަރު ޔާކިންގެ ފަރާތުން އިވުމުން އެ ޚަބަރަކީ އަޔާމްއަށް އާ ޚަބަރަކަށްވިއެވެ. ދެމީހުން ވާހަކަދައްކަމުންގޮސް ޔާކިން އަޔާމް ކްރިމްސަންވިލާއަށް އަންނަން ދައުވަތު ދިނެވެ. ކޮންމެހެންވެސް އަޔާމްގެ ބޮޑުބޭބެއާއި އާއިލާއަށް އަޔާމް އެނގެން ވާނެކަމުގައާއި ޔޫސުފްގެ ހުރި އެކަނި ހަނދާންވީމަ އެންމެން ދެކެން ބޭނުންވާނެ ކަމުގައި ޔާކިން ބުނެލިއެވެ.

"ސޯ އެކްސައިޓެޑް، ލައިފްގައި މިކަހަލަ ކަންތައް ހިނގީމަ ދެން ވަރަށް ޑްރެމޭޓިކް، ހީވަނީ ހަމަ ފިލްމީ ކަންތައް ގަނޑެއްހެން...." އަޔާމްވެސް ހުރީ މަޖާވެލާފައެވެ. ތިންބެއިން ވާހަކަދައްކަން ތިބިތަން ފެނިފައި ނާޒްގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބި ހިނިތުންވެލެވުނެވެ. އަމީންގެ މާފު ލިބިއްޖެއްޔާ އެންމެނަށް އެކީގައި އެއް އާއިލާއެއްގެ ގޮތުގައި އުފާވެރި ދިރިއުޅުމެއް އުޅެވިދާނެއެވެ. އަދި ޔާކިންއަށް މަންމައެއްގެ ފުރިހަމަ ލޯބި ލިބިދާނެއެވެ. ޒުވާންވިޔަސް މަންމައަކަށް ދަރިން ބޮޑެއް ނުވާނެއެވެ. އަބަދުވެސް އެތިންކުދިންނަކީ ނާޒްގެ ބޭބީއިންނެވެ.

އާވާ ބުނެގެން ތާނިޔާ އާވާއާއި ބައްދަލުކުރަން ބީޗް ކާރިއަށް އައެވެ. ތާނިޔާ ގާތުން އާވާ އެދުނީ އެންމެ ކަމަކަށެވެ. ތާނިޔާ ހޭންފެށިއެވެ. އާވާ އެވަރުގެ ކަމަކަށް އެދިފާނެކަމަކަށް ތާނިޔާ ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. 
"ތިއީ ހަމަ ކުރީގެ އާވާތަ؟ " ތާނިޔާ އުފަލުން އާވާގެ ގައިގާ ބައްދައިގަންނަމުން ބުނެލިއެވެ.

އެރޭ އާވާ އެދިގެން ތާނިޔާ އާވާއާއިއެކު ޝޯލް ގަންނަން މާލެއަށް ދިޔައެވެ. ދެކުދިން އެކި ފިހާރަތަކަށްވަދެ ކުލަކުލައިގެ ރީތި ޝޯލްތައް ގަނެގެން ކްރިމްސަންވިލާއަށް އައިސް ޝޯލް އަޅަން އާވާ ދަސްކުރިއެވެ. ތާނިޔާ ހުރީ ވަރަށް އުފާވެފައެވެ. އާވާގެ ހުށަހެޅުމުން މިއަދު ތާނިޔާއަށްވަނީ ތަފާތު ހިތްހަމަޖެހުމެއް ލިބިފައެވެ. އެގޭތެރޭގައި އެކި ކަންކަމުގައި ތާނިޔާ އެގޭ ކުއްޖެއްހެން އުޅެމުންދާތަން ފެނިފައި ޔާކިން ކަޅި އަޅާލުމުން ތާނިޔާ ހިތާހިތުން ހީ ހަދައެވެ. ޔާކިންއަށް ހަގީގަތް އެގޭނެނަމައެވެ. އޭނަ ލޯބިވަނީ އެކަނި ޔާކިން ދެކެ އެނގޭނެނަމައެވެ. ޔާކިން އާއި އާވާގެ ގުޅުންވެސް މަޑުމަޑުން ރަގަޅުވާން ފެށިއެވެ. ހަސަދަވެރިކަމާއި ނުރުހުން އެއްފަރާތްކޮށްލާފައި އާވާއާއި މެދު ވިސްނަން ފެށުމުން އާވާއަކީ ކިހާ ރަގަޅުކުއްޖެއްކަން ޔާކިންއަށް ވިސްނެން ފެށީއެވެ.

ނާޔާ އާވާގެ ކޮޓަރިއަށް ވަންގޮތަށް އެނދަށް ބަންޑުން ވެއްޓިގެން އެތައް އިރެއްވާންދެން ރޯން އޮތެވެ. އާވާ އެތައް ވަރަކަށް ސުވާލުކޮށްގެން ބުނީ އޭނައަށް ނުރައްކާތެރި ބައްޔެއް ޖެހިގެން އުޅޭކަމުގައެވެ.

"އަވީ، ކުޑަ ބިހިތަކެއް ކަހަލަ އެއްޗެހިތަކެއް ގިނަވާން ފެށީމަ ޑޮކްޓަރަށް ދައްކާން މަޖުބޫރުވީ، ޑޮކްޓަރ ބުނީ ޖެނިޓަލް ވާރޓސް އޭ، އެޗްޕީވީގެ ސަބަބުން ޖެހޭ ބައްޔެކޭ، އެ ވައިރަސް ދެން އަބަދު ލޭގައި ނުފިލާ ހުންނާނެއޭ، ޖިނާއާއި ރައްޓެހިވެގެން ހިތަށް އެރިގޮތަކަށް އުޅުނުއިރު މިފަދަ ގޮތެއް ދިމާވެދާނެއޭ ހިތަށް ނާރާ، ގޫގުލް އިން ޕިކް ފެނުނީމަ.... އައިމް ސޯ އެފްރެއިޑް....." ނާޔާ ދެލޯ ފޮހެލިއެވެ. އާވާއަށްވެސް ޝޮކެއްލިބުނެވެ. ކޮއްކޮއަށްޓަކާއި ހިތް ހަމްދަރުދީއިން ފުރުނެވެ. އެބައްޔާއި ބެހޭގޮތުން މާ ގިނަ އެއްޗެއް ނޭގުނަސް އޭގެ ނުރައްކާތެރިކަން ހިތަށް ގެނެވުނެވެ. އާވާ ވިސްނާދިނީ ދެންވެސް ރަގަޅަށް އުޅުމަށެވެ. ތައުބާވެގެން ދުވަހަކު ފާފައެއް ނުކުރަން އަޒުމް ކަނޑައަޅަން އާވާ ނާޔާގާތުގައި ބުނެދިނެވެ. ޑޮކްޓަރގެ އިރުޝާދުގެ ދަށުން ބޭސްކައިގެން ހުރުމަށްވެސް އާވާ ނާޔާގާތުގައި ބުނެދިނެވެ.

ޑާކްނައިޓް އާވާއާއި ބައްދަލުކުރަން އެދޭވަރުން އެންމެފަހުން އާވާ އެއްބަސްވި ތަނާއި ގަޑި ކިޔައިފިއެވެ.

ކޮމެންޓް 0