އެހިނިތުންވުމަށް ގެއްލިފައި އާވާ އިންދާ ރަފްހާން އޭނަގެ ފައިގާ ހިފާ ކުޑަކޮށް ގާތަށް ދަމާލީ އަދިވެސް އެދޭތެރޭގައިވާ ދުރުމިން ކާރިކޮށްލާށެވެ. ނަމަވެސް އާވާގެ ހުއްދަނެތި އިތުރުކަމެއް ކޮށްލަން ރަފްހާން ބޭނުމެއްނުވިއެވެ. އެވަގުތު މުޅިގެއިން ކަރަންޓް ކެނޑުނެވެ. ބައްޕަގެ ކޮޓަރީގައި އިމަޖެންސީ ލައިޓް ހުންނާނެތީ އެކަމާއި ފިކުރުކުރާކަށް ރަފްހާންއަކަށް ނުޖެހުނެވެ. އަނދިރިކަމުގެ ތެރޭގައި ބޭނުން ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އާވާއަށް ލިބުނެވެ.
"ރަފްހާން، އަހަރެންގެ ޕާސްޓް އެނގޭނަމަ ދުރަށް ދާނެ........" އާވާ ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް ގޭތެރޭގެ ހިމޭންކަމުގެ ސަބަބުން އާވާއަށް އެއަޑު އިވުނީ މާ ބާރަށެވެ.
"އަވީއަށް އަހަރެންގެ ހިތް އެނގެނީ ކިހާވަރަކަށްތަ؟ ހިޔެއްނުވޭ އަހަރެން ވިސްނާގޮތް އެނގޭހެނެއް، މިހާ ދުވަސްވީއިރު އަހަންނަށް އަވީ ދަސްނުވެ ހުންނާނެހެން ހީވޭތަ؟ " ރަފްހާން އޭރުވެސް އިނީ އާވާގެ ފައި އުނގުގައި ބާއްވައިގެންނެވެ. އެގޮތަށް ހިފަހައްޓާލައިގެން އިނުމުން އޭނައަށް ކުރާ އަސަރު ރަފްހާންއަށް އެނގޭނެ ނަމައެވެ. އާވާ ހިތާއި ދެކޮޅަށް ހަނގުރާމަކުރަން ޖެހުނެވެ. އާވާ ބޭނުންވީ މިރޭ ޑާކްނައިޓްއާއި އޮތްފަދަ ގާތްކަމެއް ރަފްހާންއާއި އުފައްދާށެވެ. ހިތްވަރުކޮށްލާފައި މާޒީގެ ހުރިހާ ސަފުހާތައް ލޯބިވާ ފިރިމީހާއަށް ކިޔާދޭށެވެ. އެ ވާހަކަތައް ކިޔައިދިނުމުން ރަފްހާން ރަގަޅު މީހަކަށް ވެއްޖެއްޔާ އޭނައާއި މެދު ރަހުމް ކުރާނެއެވެ. އޭނައަށް ހަމްދަރުދީވާނެއެވެ. އޭނަގެ މާޒީ އެނގުމަށްފަހު ރަފްހާން އޭނަ ވަރިކުރަން ބޭނުމިއްޔާ އެންމެ ރަގަޅެވެ. ރަފްހާން ގެ ކޮންމެ ނިންމުމަކަށް އޭނަ އިހުތިރާމް ކުރާނެއެވެ. އާވާއަށް މިހާރު ޔަގީންވަނީ އެންމެ ކަމެކެވެ. ރަފްހާން އޭނަ ދޫކޮށްލިކަމުގައި ވިޔަސް އޭނަގެ ހިތުގައިވާ ލޯތްބަށް ބަދަލެއް ނާންނާނެކަމެވެ. ހިތުގައި ދެވިފައިވާ ގަދަރަށްވެސް އުނިކަމެއް ނާންނާނެކަމެވެ.
"ކޮންމެ މީހަކުވެސް ބޭނުންވާނީ އަންޓަޗްޑް އަންހެންކުއްޖެއް...." އާވާ ބުނެލިއެވެ.
"އަނހާ، ނައު އައިމް ކިއުރިއަސް، އަވީ އިނޮސެންޓް ކަމުން ހިޔެއްނުވޭ ފިރިހެނަކު ބީހިފައިވާ ކުއްޖެއްހެނެއް، އަހަންނަށް ކިޔާދީބަލަ......" ތަފްސީލް ނޭގުނަސް ރަފްހާންއަށް އާވާގެ ފަރާތުން ކިތަންމެ އެއްޗެއް އޮޅުންފިލާފައިވެއެވެ. ޑާކްނައިޓަކީ ރަފްހާންކަން ނޭގިހުރެ އާވާ ކިޔާދިން ވާހަކަތަކުން އޭނައަށްވަނީ އާވާ ދަސްވެފައެވެ. އާވާގެ މާޒީގައި ހިނގާފައިވާ ކަންތައް އެނގުމުން އޭނަގެ ހިތަށް އޭރު ހާދަ އަސަރުކުރިއެވެ. އެ ރަހުމާއި ހަމްދަރުދީ މިހާރު މިވަނީ ލޯތްބަށް ބަދަލުވެފައެވެ.
އާވާ މިރޭ އިތުރަށް މާޒީގެ އަނދިރިކަމުގެ ތެރެއަށް ފީނިއެވެ. ސާމީގެ އަނިޔާވެރި ކަމާއި އޭނަ ކުރިކަންތައް ތަކުގެ ތަފްސީލުވެސް އާވާ ޖެހިލުންވެފައި އިނދެ ކިޔާދިނީ އަނދިރިކަމުގެ ސަބަބުން ހިތްވަރު ލިބިގެންނެވެ. ދޮންމަންމަގެ ނުބައި ނުލަފާކަމުން ދިން އަނިޔާތަކުން އޭނަގެ ގައިގާ ހެދިފައިވާ ލަކުނުތަކާއި ހެދި އަތްކުރު ހެދުމެއް ލާން ނުކެރޭކަމަށާއި ރަފްހާންއަށް ދުވަހަކުވެސް ފެންނަން ބޭނުންނުވަނީ އެހެންވެ ކަމުގައި ބުނެލިއިރު ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އަނދިރީގެ ތެރޭގައިވެސް ރަފްހާންއަށް އާވާ ރޮނީކަން އެނގިފައި އާވާގެނެސް މޭގައި ޖައްސާލަމުން ނުރޯށޭ ބުނެލިއެވެ. އިނގިލިތަކުން ކަރުނަ ފޮހެލަދިނެވެ.
"ތި ހުރިހާ ވާހަކަ ކިޔާދިނުމުން އަހަރެން ދުރަށް ދާނެހެން ހީވޭތަ؟ ނޫން، އިރާދަކުރެއްވިއްޔާ ދުވަހަކު އެކަމެއްނުވާނެ، އަބަދަށްޓަކާ އަހަރެން ހުންނާނީ އަވީގެ މީހެއްގެ ގޮތުގައި، ދެޓް އިޒް އަވީ ބޭނުމިއްޔާ......" ރަފްހާން އާވާގެ ތެތްވެފައިވާ ކޯތާފަތުގައި ބޮސްދިނެވެ. އާވާގެ މުޅިހަށިގަނޑުގައި ހީލިކެރުވުމެއް އުފެދުނެވެ. އޮޅިގެން ނަމަވެސް އާވާއަށް ރަފްހާންގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނު ގޮތުން ރަފްހާންއަށް ލިބުނު ދައުވަތަކަށްވިއެވެ. ރަފްހާންގެ ކެތްތެރިކަން ކޮޅުންލައިގެންދިޔައީ އާވާގެ އެ އަދާއިންނެވެ.
ރަފްހާން ބޭނުންވީ ސާމީ އަތްލުމުން ފަކުރު ގަތަސް ލޯބިވާ މީހަކާއި ކާރިވުމުން ތަފާތުވާނެކަން އާވާއަށް ސާބިތުކޮށްދިނުމެވެ. އޭނަގެ ލޯބީގެ ސަބަބުން ސާމީގެ އުދަގޫ ދެނިވި ހަނދާންތައް އާވާގެ ހިތުން މުޅިން ފޮހެލާނެއެވެ. ކަނުއަނދިރިކަމުގެ ތެރޭގައި މާވަރުގަދަޔަށް ހިއްސުތައް މަސައްކަތްކުރެއެވެ. ފިރުމުންތަކުން ލިބޭ ހިތްހަމަޖެހުމާއި އިހުސާސްތައް މާ ވަރުގަދައެވެ. ދެމީހުންވެސް ހިމޭންކަމުގެ ތެރޭގައި މަޑުމަޑުން ވާހަކަދައްކާ އަޑާއި ހުނުމުގެ އަޑު ދޭތެރެއަކުން އިވިލައެވެ. އާވާގެ ހިތާއި ފުރާނައިން ރަފްހާންއަށް އެދުނު ނަމަވެސް ހަށިގަނޑު އޭނައަކަށް ކިޔަމަނެއް ނުކުރެވުނެވެ. ހަށިގަނޑު ދިނީ ކެއްސެވެ. ބައެއްފަހަރު ސާމީފަދަ ނުބައި ނުލަފާ އަނިޔާވެރިއެއްގެ ހަމަލާތަކުން ސަލާމަތްވާން ހަށިގަނޑު އަމިއްލައަށް ފިޔަވަޅުއެޅުމަކީ އެބިއުޒްކޮށްފައިވާ ކުދިންނަށް މަދުންނަމަވެސް ދިމާވާ ހާލަތެކެވެ. އެކަމުގެ ނޭދެވޭ އަސަރުކުރަނީ ހިތްއެދޭ ބައިވެރިޔަކާއި އެކުގައިވެސް އެފަދަ ގުޅުމެއް ބާއްވަން ހަށިގަނޑު ދެކޮޅު ނަހަދާތީއެވެ. އާވާ ރަފްހާންދެކެ ލޯބިވެ ހިތް ބޭނުންވިއިރުވެސް ހަށިގަނޑު އެއްބައި ނުވުމުން އާވާގެ ލޮލުން ކަރުނަ އައެވެ.
"އަވީ، އިޓްސް އޯކޭ، އަހަރެމެން ގައިނީއަކަށް ވިޒިޓްކޮށްލާނީ........." ރަފްހާން އާވާގެ ލޮލުގައި ބޮސްދިނެވެ.
"ރެއިން، ހާދަ ރަގަޅޭ، އެއްވެސް މީހަކު ތިހާ އަންޑްސްޓޭންޑިންއެއް ނުވާނެ......" އާވާގެ ހިތް ބަންޑުންވެގެން ދިޔައެވެ. ރަފްހާންފަދަ މާތް އިންސާނަކު އޭނަގެ ހަޔާތަށް އައީ އޭނަގެ ނަސީބު ރަގަޅުކަމުންނެވެ. ރަފްހާން އޭނައާއި އެކުގައި ހުރެއްޖެއްޔާ އެހެން ކޮންމެ މުސީބާތެއް ކުޑަވާނެއެވެ. އޭނަގެ ހިތުގައި ރަފްހާންއަށްޓަކާ ވާ ލޯބި ހައްތަހާ ފުންވިއެވެ. ލޯބިވެރިންނަށް ހިތްހަމަޖެހުމާއި އުފާތައް ހޯދަންއޮތީ އެންމެ ގޮތަކުން ނޫނެވެ. އަނދިރީގައި އެކަކު އަނެކަކުގެ އަތުތެރޭގައި ވާހަކަދައްކާލުން ތިބުމަކީވެސް ހިތަށް ފިނިކަން ގެނުވާކަމެކެވެ. ރޭގަނޑުގެ ވަގުތުތައް ހަޔާތުގެ ބައިވެރިޔާގެ އަތުތެރޭގައި ވޭތުވެގެންދާން ލިބުނު ރެއަކީ އާވާގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއެވެ. އޭނަގެ ހަޔާތުގެ ހުރިހާ ސިއްރުތައް ރަފްހާންއާއިއެކު ހިއްސާކުރެވުމުން ހީވީ ބޮލުން އެތައް ޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަހެންނެވެ. އެހެން އޮތްއިރުވެސް ޑާކްނައިޓްމަތިން ހަނދާންވިއެވެ. ޑާކްނައިޓްދެކެ އޭނައަށް ވެވުނީ ކޮންފަދަ ލޯތްބެއް ހެއްޔެވެ؟ އެއީ ޚިޔާލީ ދުނިޔޭގެ ލޯބިވެރިޔާއެވެ.
އެރޭ އެންމެ ފަހަރަކު ލޮލުފިޔަޖަހާ ނުލެވުނަސް އާވާގެ ލޮލަށް ނިންޖެއްނައެވެ. ފަތިހު ފެންވަރާލަން މާގަނޑު ދަށުގައިހުރިއިރު ރަކި ހިނިތުންވުމެއް ތުންފަތުގައިވިއެވެ. ރަފްހާންގެ ފިރުމުންތަކުގެ އަސަރު އަދިވެސް ހަށިގަނޑުން ނުފިލައެވެ. އެ އިހުސާސްތައް ދެމިގެންދާނީ ކިހާ އިރެއްވާންދެން ކަމެއްވެސް ނޭގެއެވެ. ފިނިފެނުން ފެންވަރާ ތާޒާވެލައިގެން ނުކުތްއިރު ރަފްހާން ނިދާފައި އޮތްތަން ފެނުމުން ގުދުވެ އެ ރީތި މޫނުގައި ބޮސްދިނެވެ.
"އައި ލަވް ޔޫ ރެއިން، އައި ލަވް ޔޫ ސޯ ސޯ މަޗް...." އާވާ ރަފްހާންގެ އިސްތަށިގަނޑާއި ކުޅުނެވެ. ގަދަނިދީގައި އޮވެފައިވެސް ރަފްހާން އޮތީ ފޯނު އެލާމްކޮށްގެން ކަމުން އޭނަ ފަތިސް ނަމާދަށް ތެދުވުނެވެ. އޭރު އާވާ ފެންނަން ނެތުމުން ކޮފީހަދަން ދިޔައީކަން ރަފްހާންއަށް އެނގުނެވެ.
ރަފްހާންއާއި އާވާގެ އުފާވެރި ދިރިއުޅުމުން އެންމެ އަސަރުކުރި އެކަކީ އަމާރާ އެވެ. އޭނަ ހީކުރިގޮތަށް އާވާ އެގެއިން ދާކަށް ނޫޅުނެވެ. މިހާރު ދެމަފިރިން އެކީގައި އުޅޭއިރު ކުރީގައި ނެތް ގާތްކަމެއް ފެނެއެވެ. އެކަމާއިހުރެ އަމާރާ ކަންތައްބޮޑުވިއެވެ. ޔާކިންވެސް ހުންނަނީ ފޫހިވެފައެވެ. ރަފްހާންއާއި އާވާ ގުޅިގެން އުޅޭތަން ފެނުމުން ހަސަދަވެރިވަނީއެވެ. ދޭތެރެއަކުން ތާނިޔާ ކްރިމްސަންވިލާއަށް ޒިޔާރަތްކޮށްލާއިރު އެކުއްޖާ ދުވަހެއް ދުވަހަކަށްވުރެ ރީތިވަމުންދާހެން ހީވެއެވެ. ތާނިޔާ ހުންނަނީ ތާއަބަދުހެން ކުޑަކޮށް މޭކަޕްކޮށްލާ ސްޓައިލިޝްކޮށް ހެދުން އަޅައިގެންނެވެ. އެހެން އުޅޭއިރު ޔާކިންގެ ގައިގާ އަޅައިގަތަސް ތާނިޔާ ފެންނަކަމަށްވެސް ހަދާނުލާތީ ޔާކިންގެ ހިތް ހަލާކުވާވަރުވެއެވެ. އެވަރުންވެސް ޔާކިން ހުންނަނީ ކެތްކޮށްލައިގެންނެވެ.
ރަފްހާންއާއި އާވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރ ސަދަފްއަށް ދައްކާލަންވެގެން އެތަނަށް ވަނުމުން ސަދަފް އާވާ ކުރިންވެސް އޭނައަށް ދައްކަން އައި ހަނދާނެއްވެގެން އުޅުނެވެ. ވަރަށް ވިސްނުންތެރި ކަމާއިއެކު އާވާގެ މޫނަށް ބަލަންފެށުމުން އާވާއިނީ ލަދުގެންފައެވެ. ރަފްހާން ސަދަފްއަށް އާވާއަށް ދިމާވެގެން އުޅޭކަންތަކުގެ ވާހަކަ ކިޔާދިނުމުން ސަދަފް ބުނީ އެކަމާއި ދެރަނުވުމަށާއި ހައްލެއް ލިބޭނެކަމުގައެވެ. ރަފްހާންވެސް ކެތްކުރަން ޖެހޭނެކަމުގައެވެ. ބައެއް މީހުން މުޅި އުމުރަށް އެކަމުގައި އުޅޭއިރު އަނެއްބަޔަކަށް ފަރުވާކުރުމުން އަވަސް ހައްލެއް ލިބިދާނެކަމުގައި ޑޮކްޓަރ ބުނެލިއެވެ.
"ކުޑައިރު އެބިއުޒްވެފައިވާ ކުދިންނާއި ބޮޑެތި ހާނިއްކަވެފައިވާ ކުދިންނަށް މި ކޮންޑިޝަން ކުރިމަތިވޭ، މިއަށް ކިޔަނީ ވެޖެނިޒްމެސް......" ޑޮކްޓަރ އެކަމާއި ބެހޭގޮތުން ދެއްކި ވާހަކަތަކުން އާވާ ލަދުން އިސްޖެހި ލޮލަށް ކަރުނަ އަންނަމުން ދާތަން ފެނިފައި ރަފްހާން އާވާއަށް ހިތްވަރު ދިނުމުގެ ގޮތުން އަތުގައި ހިފާފައި ފިތާލިއެވެ. ޑޮކްޓަރުގެ ވާހަކަތައް ނިމުމުން ދެމަފިރިން އެކީގައި ނުކުމެގެން ދިޔައިރު ރަފްހާން އާވާގެ އުނަގަނޑުގައި އަތް ޖައްސާލިއެވެ. އާވާ ދެލޯ ފޮހެލިއެވެ.
"ހޫމް، ހަނދާންވެއްޖެ، އާވާއަކީ ޑޮކްޓަރ ނާޒްގެ ޕޭޝަންޓެއްދޯ....." ސަދަފް ކުއްލިއަކަށް ކަމެއް ހަނދާންވި ކަހަލަ ގޮތަކަށް އެހެން ބުނުމުން ރަފްހާންވެސް ސިހިފައި އާވާގެ މޫނަށް ބަލާލިއެވެ. ރަފްހާން ގެ އެ ނަޒަރުން އާވާ ހުރީ ވާނުވާ ނޭގިފައެވެ.
"ލައްބަ....." އާވާ ޑޮކްޓަރަށް ޖަވާބުދިނީ ކުޑަކޮށް ހިނިތުންވެލަމުންނެވެ. ސަދަފްއަށް ނާޒް ހުރިހާ ވާހަކައެއް ކިޔާދިނީކަން ނޭގެއެވެ. ނާޒް ހާދަ ގޯހެވެ. ސަދަފްއަށް އޭނަގެ ނަފްސާނީ މައްސަލަހުރިކަން އެނގުމުން އިތުރަށް ލަދުގަންނަގޮތްވިއެވެ. ދެ ޒުވާނުން އެކީގައި ބޭރަށް ނުކުމެވުނުއިރު ރަފްހާންގެ މޫޑު އެހާ ރަގަޅުނޫންކަން އާވާ ފާހަގަކުރިއެވެ. ރަފްހާންއަށް ކުއްލި އަކަށް އެވީ ކިހިނެއްހެއްޔެވެ؟ އެނގިއްޖެއެވެ. ނާޒްގެ ނަން ބުނީމަ ރަފްހާންއަށްވެސް ގޮތެއްވެއްޖެއެވެ. އާވާ އިސްޖަހާލައިގެން ހުރިއިރު އެތަކެއްޗެއް ހިތަށްއަރާ ފޭބިއެވެ. ރަފްހާންގެ ރީތި ދެލޮލުގައިވާ ޝުއޫރުތައް ފޮރުވުނީ މަގަށް ނުކުމެފައި ރަފްހާން އަވިއައިނު އެޅުމުންނެވެ.
ރަފްހާން މުޅިން އެހެން މައުޟޫއަކަށް ވާހަކަ ފެށުމުން އާވާ ނުދެނެހުރިކަމަށް ހަދާލިއެވެ. ނަމަވެސް ހިތަށް އަސަރުކުރިއެވެ. އެދޭތެރޭގައި ފޮރުވާފައިވާ ކަންތައް ވާނަމަ މި ގުޅުން އެއްކޮށް ރަގަޅުވާނީ ކިހިނެއްހެއްޔެވެ؟ ދެމީހުންވެސް ކަންތައްތަކެއް ސިއްރު ކުރާކަމުގެ އިހުސާސް އާވާއަށް ކުރެވުނީ ވަރަށް ބޮޑަށެވެ.
އާވާ ޑާކްނައިޓާއި ވާހަކަދައްކަން އިންއިރު އޭނަގެ މޫނުން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ޑާކްނައިޓާއި ވާހަކަދެއްކުމުން މިއަދު ރަފްހާންއަށް ބޭވަފާތެރިވެވޭކަމުގެ އިހުސާސްކުރެވުނެވެ. މި ގުޅުން ކަނޑާލާފައި ދުވަހަކުވެސް ޑާކްނައިޓާއި ވާހަކަނުދައްކަން އާވާ ނިންމިއެވެ. އެކުވެރިއެއްގެ ގޮތުގައިވެސް ފިރިހެންކުއްޖަކާއި ވާހަކަދެއްކުމުން އާވާއަށް ކުށްވެރި އިހުސާސްތަކެއް ކުރެވޭކަމަށާއި އޭނަ ދެން ޑާކްނައިޓާއި ވާހަކަދައްކަން ބޭނުންނުވާކަމުގައި އާވާ ބުނެލިއެވެ.
"އޯލްރައިޓް ޕްރިންސެސް، އެކަމަކު އަހަރެންގެ ރިކުއެސްޓެއް އެބައޮތް، އެންމެފަހަރަކު އަހަންނާއި މީޓްވާންވީނު، މިހާ ސިއްރުވެރި އެކުވެރިންނަށްވެފައި ހަމަ ބުނެލާއިރަށް ރުޅިއެއް ނުވެވޭނެ ދޯ...." ޑާކްނައިޓްގެ ވާހަކައިން އާވާ ޚިޔާލު ބޮޑުވިއެވެ.
"އޯކޭ، ޕަބްލިކް ތަނެއްގައި ދިމާވެދާނެ، ޖަސްޓް ވަންސް........" އާވާއަށް ޑާކްނައިޓް ދެރަކޮށްލާކަށް ނުކެރުނެވެ. އެއީވެސް އާވާގެ ހިތް ދެވުނު ފަރާތެކެވެ. ޑާކްނައިޓް އެވަރުން އޭނަގެ ސިފަހުރިގޮތް ބަލާލަން ވެއްޖެއްޔާ އެންމެރަގަޅެވެ. ފެނިލާނީއެވެ. ޑާކްނައިޓް ދެން ބުނެލީ އާވާ ސިހޭފަދަ ވާހަކައެކެވެ. އޭނަ އާވާދެކެ އިންތިހާއަށް ލޯބިވާކަމުގަޔާއި މުޅި އުމުރަށް އިންތިޒާރުކުރާނެ ކަމުގައެވެ. އާވާވެސް އޭނަދެކެ ލޯބިވާކަން އެނގޭކަމުގައި ބުނެލީ ހިނިތުންވަމުންނެވެ. އާވާގެ ހިތަށް ހޫނުފެން އެއްޗެއް އޮއްސާލިކަމުގެ އިހުސާސްކުރެވިގެން ދިޔައެވެ. ބިރުވެރިކަމާއި ގޮތްހުސްވުމުގެ ސަބަބުން ސިކުނޑިއަށް ނުބައިގޮތެއްވިއެވެ. ޑާކްނައިޓްއަށް އެހެން ވާންޖެހުނީ އޭނަގެ ސަބަބުންހެއްޔެވެ؟ އޭނަގެ ވާހަކަހުރިގޮތުން އޭނަ ޑާކްނައިޓްދެކެ ލޯބިވާކަމަށް މެސެޖް ދެވުނީހެއްޔެވެ؟ އޭގައި ތެދެއްވެސް އެކުލެވިގެންވެއެވެ.
"އަހަރެން ރެއިން ގާތު ޑާކްނައިޓްގެ ވާހަކަ ބުނާނީ، އަހަރެން ބޭނުމެއްނޫން ރެއިންއަށް މަގޭ އެއްވެސްކަމެއް ފޮރުވާކަށް......." އާވާ ހިތާހިތުން ވައުދުވިއެވެ.
ރަފްހާން ޑިއުޓީއަށް ދިޔުމަށްފަހު ހެނދުނު އާވާ ކުނިކަހަންވެގެން އަނބުގަސް ކާރިއަށް ނުކުތީ ދަތި ހިފައިގެންނެވެ. ޔާކިން ފޯނުހިފައިގެން އެތަނަށް ނުކުމެފައިހުރިއިރު އާވާ ދޭތެރެއަކުން ބަލާކަން އާވާއަށް ފާހަގަކުރެވުނެވެ. އެހެންދުވަހާއި ޚިލާފަށް އޭނަ ފެނުމުން ޔާކިންގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރެއް ނުފެނުނެވެ. ހީވާގޮތުން ޔާކިން ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެފައިވެއެވެ. ކުއްލިއަކަށް އިސްތަށިގަނޑު ދިގުކޮށްލާފައި ހުރި ޒުވާނަކު ވަދެގެންއައި ގޮތަށް ޔާކިން އާއި އަރާ ހަމަކުރިއެވެ. އެފަދަ ޒުވާނުން ފެނުމުން އާވާގެ ހިތް ބިރުން ވިރޭގޮތް ވިނަމަވެސް އޭނަވެސް ކާރިއަށް ޖެހިލީ އެމީހާގެ ފަރާތުން ޔާކިންއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ހީކޮށެވެ. ވީވެސް އެހެނެވެ. ކުއްލިއަކަށް އެ ޒުވާނާ ޔާކިންގެ ފޯނު ޖަހައިގަންނަން މަސައްކަތްކުރިއެވެ. އާވާ ބަލާކަށް ނުހުރެ ކަންފަތްފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގެންފާ އެ ދޭތެރެއަށް ވަނެވެ. އެ ޒުވާނާވެސް ސިހިފައި އަވަހަށް ދުއްވައިގަތީ ސަލާމަތް ނުވާނެހެން ހީވެފައެވެ.
"އަވީ، އަހަރެން ހީނުކުރަން ތިއީ އެހާ ހިތްވަރުގަދަ ކުއްޖެއްކަމަށް، ތެންކިއު ބްރޭވް ގާލް..." ޔާކިން ގެ ހިތް ތައުރީފުން ފުރުނެވެ. ހަގީގަތުގައިވެސް އާވާފަދަ އަންހެންކުދިން އެހެން މީހަކަށްޓަކާ ތިމާގެ ފުރާނަވެސް ނުރައްކަލުގެ ތެރެއަށް އެއްލާލަފާނެއެވެ. އާވާއަށް ލިބިފައިވާ ތޫނު އަޑަކީވެސް ހަތިޔާރެކެވެ. އެ ޒުވާނާވެސް ބޮޑަށް ބިރުން ދުއްވައިގަތީ އާވާގެ އަޑަށް ގޭތެރެއިން އެހެން ބަޔަކު ނުކުމެދާނެތީ ކަމަށް ލަފާކުރެވެއެވެ.
ރަފްހާންއާއި އާވާ ކެންޒީ ހޮޓަލުގައި ހަފްތާއެއްހާ ދުވަސް ވާންދެން ތިބީ އެތަނުން ރަފްހާންއަށް ދިން ފުރުސަތަކުންނެވެ. ރަފްހާންއާއި އެކީގައި އެކަނި އުޅެން ލިބުނުއިރުވެސް އާވާ ހުންނަނީ އަބަދު ހާސްވެފައެވެ. ނާޒް ނޫނީ އަމާރާފަދަ މީހަކު ގުޅާފާނެތީ ފޯނު ހުޅުވާލާކަށްވެސް އާވާއަށް ނުކެރެއެވެ. އެއްވެސް ފަރާތަކާއި ގުޅުމެއް ބާއްވަން އޭނަގެ ހިތެއް ނޭދެއެވެ. ކޮންމެވެސް މީހަކު މި އުފާކޮޅު ޖަހައިގެންފާނެއެވެ. ކަންތަކާ މާބޮޑަށް ހާސްވުމުގެ ސަބަބުން އާވާގެ ނަފްސާނީ މައްސަލަތަކަށް ލުޔެއްލިބިފައި ހުރެ އެކަންތައް ބޮޑުވާންފެށިއެވެ. ނަމަވެސް ރަފްހާންގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން އާވާގެ ހިތާއި ސިކުނޑިއަށް ލިބުނު ފަރުވާއެއްކަމުގައި ވިއެވެ. ދެމީހުން އެކީގައި އެތާ ރިޒޯޓުން ކައިގެން ހަވީރު މޫދަށް އެރިލައެވެ. އިރުއޮއްސޭ މަންޒަރު ބަލާލަން އަތު ގުޅާލައިގެން ހިގާލަން ދެއެވެ. ރޭގަނޑު އުއްބައްތީގެ އަލީގައި އިޝްގީ މާހައުލެއްގައި ރޭގަނޑު ކައިގެން ނިދާ ކޮޓަރިއަށް ދެއެވެ. ރަފްހާންއާއި އެކީގައި ހޭދަވެގެންދާ ކޮންމެ ވަގުތުކޮޅެއް އާވާގެ ހިތުގައި ރަން އަކުރުން ލިޔެވެއެވެ. އެހުރިހާ ކަންތައްތަކަށް ނިމުމެއް އައީ މާލެ އައުމުންނެވެ.
ކްރިމްސަންވިލާގައި ފައި އެޅުމާއިއެކު އާވާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖެހިއެވެ. އޭނައާއި ފުރަތަމަވެސް އަމާޒުވީ އަމާރާގެ ނަފްރަތުގެ ނަޒަރެވެ. ރަފްހާންގެ ހިތް ފަތަހަކުރުމުގައި އާވާ ކާމިޔާބު ހޯދައިފިކަން އެ އުފާވެރި މޫނުތަކަށް ބަލާލުމާއިއެކު އަމާރާއަށް އެނގުނެވެ. އޭނަގެ ދަރިފުޅާއި ރަފްހާން ދެން ކާވެނި ނުކުރާނެކަން އެވަގުތު އަމާރާގެ ސިކުނޑި ދެނެގެންފިއެވެ. އަމާރާއާއި އާވާ އެކަނިވުމާއިއެކު އަމާރާ އާވާއާއި ދިމާލަށް ނުރުހުމާއިއެކު ބަލާލިއެވެ.
"އާވާ، އަހަރެން އެހާވަރަށް ކިޔާދިނީމަވެސް އާވާއަށް ހެޔޮވިސްނިގެން އަމިއްލައަށް ރަފްހާން އާއި ދުރަށް ދާކަށް ނޭގުނެއްނު، ބުނަން ވާހަކައެއް، މި ދައްކާ ވާހަކަ ރަފްހާންއަށް އެނގިއްޖެއްޔާ އާވާ ދުނިޔެއަކު ނުބަހައްޓާނަން، މަގޭ އެބަހުރި ހިތުގެ ބައްޔާއި ހަނގުރާމަކުރަމުންދާ ބަލިކުއްޖެއް، އޭނައަށްޓަކާ އަހަރެން މިހިރީ ތިކަހަލަ ކިތަންމެ އާވާއެއް ގުރުބާން ކުރަން ތައްޔާރަށް، ދެވަނަ އިންޒާރެއް ނުދެނީސް އާވާ ދެން މިގެއިން ދޭ، ނޫނީ އަހަރެން އާވާ ގުރައިދޫއަށް ގެންދާނަން، ނާޒްކާރީ ބުނެގެން އަހަރެން މިހިރީ އެކަން ކުރަން ތައްޔާރަށް، ތިއީ ނުރައްކާތެރި މޮޔައެއް ކަމަށް ކަނޑައެޅީމަ ސިފައިން ހައްޔަރުކޮށްގެން ގެންދާއިރު މާ ރީއްޗެއް ނުވާނެ....." އަމާރާގެ ލަފުޒުތަކުން އާވާގެ ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ. ކޮޓަރިއަށްވަދެ އާވާ ރަފްހާންއަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔާދޭން ނިންމާފައި ޚިޔާލު ބަދަލުވިއެވެ.
"އަމާރާ ދައްތަ އެބުނަނީ ތެދެއް، އަހަރެންގެ އެބަހުރި ސައިކޮލޮޖިކަލް އަދި ފިޒިކަލް ޕްރޮބްލެމްތަކެއްވެސް، ރެއިންއަށް ހަގީގީ އުފަލެއް ނުދެވޭ، ޑޮކްޓަރު އެބުނާ ކޮންޑިޝަން ހުރީމަ ރެއިން ހިތްހަމަޖައްސައެއް ނުދެވޭ، ރެއިން އަހަރެން ދެކެ ލޯބިވާކަން އެނގޭ، އެހެންވެ އަހަރެންގެ ހުރި ހުރިހާ އުނިކަމަކާއިއެކު އަހަރެން ގަބޫލުކޮށްގެން އެހެރީ، އޭގެ ބަދަލުގައި އަހަރެން ގުރުބާންވިއްޔާ ކީއްތަ؟ ލޯބީގެ ދެވަނަ ނަމަކީ ގުރުބާނީ، އަމާރާ ބުނާހެން އަހަންނާއި ރެއިން އެހާ އެކަށީގެނެއް ނުވޭ، އޭނައަށް އަހަރެމެންގެ ބެޑްރޫމް ސިކްރެޓްސް އެނގޭނަމަ އަދި ކިހާވަރެއްވާނެ، ހަގީގަތުގައިވެސް އަހަރެންވެސް ވާނެ ރެއިންއާއި ދޭތެރޭގައި ވިސްނަން، އާނީ އަހަންނަށްވުރެ މާ ރީތި، އެހާ ސްޓައިލިޝް، އަނެއްކާ ރެއިންދެކެ އަބަދު ލޯބިވާކުއްޖެއް، ރެއިންވެސް މާ އުފާވާނެކަން ނޭގޭ އާނީއާއި މެރީކުރެވުނީމަ، އަހަރެން ދުރަށް ދާނީ، ދުވަހަކު ރެއިން ނުފެންނަ ހިސާބަކަށްދާނީ......" އާވާ ކަރުނަތައް ފޮހެލާފައި ގެއިން ނުކުތީ ފޯނުވެސް ބާއްވާފައެވެ.
ރަފްހާން ވަޒީފާއިން އައިގޮތަށް އާވާ ފެންނަން ނެތުމުން ގޭގެ އެތަން މިތަން ހޯދިއެވެ. ކާރީގައިވާ ފިހާރައަކަށް އެއްޗެއް ގަންނަން ދިޔައީކަމަށް ވެދާނެއެވެ. ނަމަވެސް ރަފްހާންވަނީ އާވާ އެކަނި ފިހާރައަށް ނުދާން އަންގާފައެވެ. އޭނަ ހުންނަނީ ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްދީފައެވެ. ރަފްހާން އާވާއަށް ގުޅަންފެށުމުން ކޮޓަރިތެރެއިން ވައިބްރޭޓްވާހެން ހީވެފައި ހޯދާލިއިރު ފޯނުއޮތީ ބާލީސްދަށުގައެވެ. ރަފްހާން ނުތަނަވަސްވާގޮތްވިއެވެ. މާޔޫސްވެފައި ހުރި ރަފްހާން އެތަން މިތަން ހޯދަނިކޮށް ވިލިމާލޭގެ ދެ އެޑްރެސް ޖަހާލާފައިއޮތް ގަނޑުކޮޅެއް ފެނިފައި އެރަށަށް ދާން ގަސްތުކުރިއެވެ.
ފެރީއިން ފޭބިގޮތަށް ހިނގާލާފައިގޮސް ރަފްހާން އެރަށަށް އެރިގޮތަށް ވަރަށް ފަސޭހައިން އެގެ ހޯދައިފިއެވެ. އެގެއާއި ހަމަޔަށް ދެވުނުއިރު އިރުއޮއްސި ކަނު އަނދިރިކަން މުޅި ހިސާބަށް ފެތުރިފައިވެއެވެ. ރަފްހާން އެގޭގެ ދޮރުމަތީގައި ހުއްޓިހުރެ ޓަކިޖަހާލާފައި ސަލާމްގޮވާލުމުން އިރުކޮޅެއް ނުވަނީސް ޒުވާނަކު ދޮރުހުޅުވާލައިފިއެވެ.
"ކާކުތަ؟ " އެ ޒުވާނާ ފޯނުން މޫނަށް އަލިއަޅުވާލުމުން ރަފްހާންއަށް އުދަގޫތަކެއްވިއެވެ. ދަންނަ މޫނެކެވެ. ވީއިރު އާވާ ލިޔެފައިވަނީ އޭނަގެ އެކުވެރިޔާ އަޔާމްގެ އެޑްރެހެވެ. ރަފްހާން ފާޑަކަށް ބަލަން ހުރެފައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ނާޒް އެތެރެއިން ނުކުމެގެން އައީ އުއްބައްތިއެއް ހިފައިގެންނެވެ. ރަފްހާން ފެންނަ ހިސާބަށް އައިސްފައި ކުއްލިއަކަށް ނާޒްއާއި ރަފްހާން ހަތަރުކަޅި ހަމަވީގޮތަށް ނާޒްގެ އަތުގައިވާ އުއްބައްތި ދޫވިގޮތަށް ދޫލައިގެ މައްޗަށް ވެއްޓިއްޖެއެވެ.
"ދަރިފުޅާ....." ނާޒްގެ ދުލުން ބޭރުވީ އެންމެ ލަފުޒެކެވެ. އަޔާމް މަންމަގޮވީ އޭނައަށް ކަމަށް ހީކޮށްފައި އެނބުރުނުއިރު މަންމަ ހުރީ ރަފްހާންގެ މޫނަށް ބަލާށެވެ. މަންމަ ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޝޮކެއްގައިވާކަން އެނގުނެވެ. ލެންސް ނުލައްވާ ހުރުމުން އުއްބައްތީގެ އަލީގައި އެ އަޅިކުލައިގެ ކަޅި ފެންނަލެއް ވަރަށް ރީއްޗެވެ. ރަފްހާން ވެސް ގަނޑުވެފައިވާ ބުދެއްހެން ހުރެފައި ދާން ހިނގައިގަތެވެ. އަޔާމް އުއްބައްތި ރޯކޮށްލާފައި އެތާހުރި ތިރި ފާރުމަތީގައި ބެހެއްޓިއެވެ. ވައިގެ އަސަރު ކުޑަކޮށް ކުރަމުންދާތީ ހުޅުކޮޅު ވަޔާއި ހެލިލަ ހެލިލާހުރިއިރު ކޮންމެ އިރަކުވެސް ނިވިދާނެހެން ހީވިއެވެ.
"ރެއިން، މިއީ ދަރިފުޅުގެ މަންމައޭ، ވެއިޓް........." ނާޒް ކުރެހިފައިވާ އަޑަކުން އެހެން ބުނަމުން ރަފްހާންގެ ފަހަތުން ދުއްވައިގަންނަން އުޅުނެވެ. ރަފްހާންގެ ފިޔަވަޅުތައް މަޑުޖެހުނުގޮތުން އޭނައަކީ ކިޔަމަންތެރި ދަރިއެއްކަން ނާޒް އަށް ވިސްނި ހިތަށް ބުނަން ނޭގޭފަދަ އަސަރެއްކުރިއެވެ. އެންމެ ފަހަރަކު ބުނެލާއިރަށް ރަފްހާން ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅިކަން އޭނަ ފާހަގަކުރިއެވެ. ނަފްސާނީ މާހިރަކަށްވުމުން އެފަދަ ކުޑަ ހަރަކާތަކުންވެސް މީހާގެ ތަބީއަތު ދެނެގަނެވިދާނެއެވެ. އަޔާމް ހުރީ ކުރިމަތީގައި ނިއުޅެމުންދާ ޑްރާމް ހައިރާންކަމާއިއެކު ބަލާށެވެ.