ރަފްހާންގެ ފަރާތުން އަތުވެދާނެ ހަމަލާއަކަށް ވިސްނައިގެން ހުރެ އާވާ ކުޑަކޮށް ދޮރުހުޅުވާލާފައި ބަލާލައިފިއެވެ. ރަފްހާން އެއްފަރާތަކަށް ޖެހިލުމުން އާވާ ބޭނުންވީ އެތަނުން ނުކުމެގެން ދުވެ ފިލުމަށެވެ. މިކޮޓަރީގައި ނިދަން އޮންނާކަށް އޭނައަށް ލާހިކެއްނޫނެވެ. ރަފްހާންއަށް އޭނަ ކުރި އިތުބާރުވަނީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިގެން ގޮސްފައެވެ. ރަފްހާން ކޮންމެ އެއްޗެކޭ ބުންޏަސް އޭނަގެ ހިތް ގަބޫލެއް ނުކުރާނެއެވެ.

"ވަޓްސް ރޯންގް ވިތް ޔޫ އާވާ...." ރަފްހާން މަޑުމައިތިރި ގޮތަކަށް އަހާލައިފިއެވެ.
"ވީގޮތް ރަގަޅަށް އެނގޭއިރު އަހަނީ ކީއްކުރަންތަ؟ އަހަރެން ކުރި ޝަރުތު ހަނދާން ނައްތާލާފައި އަދި އެބަ އަހާ....." އާވާ ކުށްވެރިކުރާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.
"ކަމެއްވީގޮތް އޮޅުން ނުފިލާ ވަގުތުން ކޮންކްލޫޝަންއަކަށް ދާހާ ނުވިސްނޭ ކުއްޖެއްކަމަށް އަހަރެން ހިޔެއް ނުކުރަން، އެންމެ ފަހަރަކުވެސް އަހަރެން ކައިރިން އަހާބަލަ އަހަރެން ކުރަން އުޅުނުކަމެއް، އަހަރެން ކީއްވެ ނިދާފައި އޮތް ކުއްޖެއްގެ ގަޔަށް އަތްލާންވީ، ހޭލާހުއްޓަސް އަހަރެންގާތު އާވާއަށް ދެކޮޅު ހެދޭނީއެއް ނޫން، ވީމަ މާ ކަންތައް ބޮޑުނުކޮށް އާވާ ހުރެދީފާނަންތަ؟ އެހެންނޫނަސް އާވާ ބޭނުންވަނީ ކޮން ގޮތެއް؟ ދާނެ ތަނެއް ލިބިއްޖެއްޔާ އެވާހަކަވެސް ބުނީމަ އަހަންނަށް އެނގޭނީ....." ރަފްހާންގެ ވާހަކަތަކުން އާވާ ކޮންމެވެސް ވަރަކަށް ލަދުގަތެވެ. ރަފްހާން އަމިއްލައަށް މާ މާތްވެގެން ވާހަކަ އެބަދައްކައެވެ. ނުބައިކަމެއް ކުރަން އުޅެފައި ދެން ރަގަޅުވާން މި ފިރިހެނުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. އާވާ ފިރިހެނަކަށް އިތުބާރު ނުކުރާނެއެވެ. އެއްވެސް ފިރިހެނަކު އެހާ މާތްވާނެ ކަމަކަށް އޭނަ ނުދެކެއެވެ.

"ދާނެ ތަނެއް ނެތް...." އާވާ ކުރު ޖަވާބެއް ދިނެވެ.
މިއަންހެންކުއްޖާގެ މިހިރަ ގޮތްދޫނުކުރާ ގޮތަކާއި ސިއްރުވެރިގޮތަކުން ރަފްހާންއަށް ވަރަށް ބޮޑަށް އުދަގޫވާންފެށިއެވެ. އެއްވެސް ގޮތަކުން ހަގީގަތް ނޭގޭ ކުއްޖަކާއި ނަމެއްގައި ވިޔަސް ކައިވެނިކުރުމަކީ އޭނައަށް ކުރެވުނު ރަގަޅުކަމެއްބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. އޭނައަކީ ކަންކަމާ ފުންކޮށް ވިސްނާފައި ނޫނީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅި މީހެއްނޫނެވެ. އޭނަގެ ހަޔާތަށް އާވާ މަދު ދުވަސްކޮޅަކަށް ނަމަވެސް ގެނެސްގެން މި ވަދެވުނީ ކޮންފަދަ އޮޅުން ބޮޅުންގަނޑެއްގެ ތެރެއަށްކަން އެނގެނީއެއް ނޫނެވެ.

"އަހަރެން ނިދާނީ އަމިއްލަ ކޮޓަރީގައި، އެހެން މީހަކަށް އެކަމެއް ނޭގޭނެ..." އާވާ ދާން ހިނގައިގަތެވެ.
"އޯކޭ...." ރަފްހާންގެ ބޮލަށްވެސް އެންމެ ފަސޭހަވާނީ އެގޮތެވެ. އާވާ އޭނަގެ ބޮލުގައި އިތުރު އިލްޒާމެއް އެޅުމަށްވުރެ މިރޭ ހަމަޖެހިލައިގެން ނިދާލިޔަސް ހިތަށް ފަސޭހަވާނެއެވެ.

އާވާ ހުރީ ހީވާގޮތުން ރަފްހާން ހުއްދަނުދީގެންނެވެ. ސަލާމަތްވާން ލިބުނު ފުރުސަތު ބޭކާރުނުކޮށް އޭނަ ދުއްވައިގަތްގޮތަށް ގޮސް މަޑުޖެހިލީ ކޮޓަރިއަށް ވަދެފައެވެ. ކޮޓަރި ތަޅުލުމަށްފަހު ހަތަރުފާރުން އެތެރެވުމުން އެލިބުނު ހިތްހަމަޖެހުމާއި ސަލާމަތްކަން އާވާ ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިގެން ދިޔައެވެ. ނިދާބޮކީގެ ފަނޑުއަލީގައި އޭނަ އެނދުގައި އޮށޯތްގޮތަށް ލެޕް ހުޅުވާލާފައި ބަލާލީ ޑާކްނައިޓްގެ ކޮމެންޓެއް އިންނާނެކަމުގެ އުއްމީދުގައެވެ. ހުޅުވާލާއިރަށްވެސް ހިތް ތެޅިގަތްގޮތަށް ފުންމާލާފާނެކަމުގެ އިހުސާސެއް ކުރެވުނެވެ. ނަމަވެސް ޑާކްނައިޓް ކޮމެންޓްކޮށްފައި ނެތްތާ އެހެން ކުއްޖެއްގެވެސް ކޮމެންޓެއްނެތެވެ. ދެރަވެގެންގޮސް ލޮލަށް ކަރުނަ އަންނަންވީ ސަބަބެއް އާވާއަކަށް ނޭގުނެވެ. އެހެންވާނެއެވެ. މިރޭ ކަންތައް ދިމާވިގޮތުން އޭނަ މާ ޖަޒުބާތީވަނީއެވެ. އެންމެ ރަގަޅުވާނީ ވާހަކައިގެ އެހެން ބަޔެއް ލިޔަންފެށީމައެވެ. ސިކުނޑީގައިވާ ޝައިތާނާއާއި ދެކޮޅަށް ހަނގުރާމަކުރުމުގައި ކާމިޔާބުވާންޖެހޭނެއެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ. ރަފްހާން ވައުދުވި ފަދައިން އޭނަ ގިނަވަގުތު ހޭދަކުރަނީ މަސައްކަތުގައި ގެއިން ބޭރުގައެވެ. އާވާ ގަވާއިދުން ގޭގެ ކަންތައް ބަލަހައްޓައެވެ. ރަފްހާންގެ ބައްޕަ އަމީންގެ ބޭހުގެ ކަންތަކާވެސް އާވާ ހަވާލުވީ ރަފްހާން ގިނަވަގުތު ގޭގައި ނޫޅޭތީއެވެ. އަމީން އާވާއާއި ވާހަކަ ދައްކަނީ ވަރަށް ހެޔޮކޮށެވެ. ނަމަވެސް ދުވަހަކުވެސް ދަރިފުޅާއޭ ކިޔާފައި ގޮވާނުލާކަން އާވާ ފާހަގަކުރިއެވެ. އަމީން ފެނުމުން ބައްޕަ ހަނދާންވާފަދަ ގޮތެއް ހުއްޓަސް ދުވަހަކުވެސް ބައްޕައެއްގެ ލޯބި ދެން އެހެން މީހެއްގެ ފަރާތުން އޭނައަށް ނުލިބޭނެކަން އާވާދަނެއެވެ. އެފަދަ ކަމަކަށް އުއްމީދުކޮށް ގެނެއްވެސް ނުވާނެއެވެ. ނަމަވެސް އަމީންގެ ހުންނަނީ ބައްޕަގެ އުޅުމާއި އަޚުލާގެވެ. އެ ހެޔޮކަމާއި އޯގާތެރިކަމެވެ. އަމީންއަކީ ރަގަޅު ފިރިހެނެވެ. އެހާ ދީންވެރިވެއެވެ. ބަލި ހާލުހުރިގޮތުން ކޮންމެ ހަރަކާތެއްގައި ލަސްގޮތެއް ހުރެފައި ބަލިކަމުން އާވާގެ ހިތް ހަމްދަރުދީ އިން ފުރެއެވެ. އާވާ ގޭގެ ހުރިހާ ތަނެއް އޮފްއަރުވާ ސާފުކުރާ ވަރުންވެސް މީހަކު ހައިރާންވާނެއެވެ. ކުޑަ ކުނިކޮޅެއް އޮތަސް އާވާއަށް ކަމަކު ނުދާނެއެވެ. އަތް ދޮންނަވަރުން ސައިބޯނިއެއްޗެހި ހުސްވާލެއް މާ އަވަހެވެ. ތަށިތައް ދޮވުމުގެ ހައްދެއް ނުހުރެއެވެ.

ޔާކިންވެސް ދުވާލު ނިދާފައި ހަވީރަށް ހޭލުމުގެ އާދަ ދޫކޮށެއް ނުލިއެވެ. އޭނަ އެހެން އުޅޭތީ އާވާއަށް ވަރަށް ފަސޭހައެވެ. އެހެންނޫނަސް ޔާކިން އޭނަ ހީކުރިހާ ގޯސްކަމަކަށް އަދި ނުދައްކައެވެ. ބޭބެގެ އަންހެނުންނަށް ވީމަ ކޮންމެވެސް ކަހަލަ އިޙުތިރާމެއް ކުރަނީކަން ނޭގެއެވެ. އޭނަ އާވާ ފެނިއްޖެއްޔާ ކޮންމެވެސް ކަހަލަ ސަމާސާއެއް ކޮށްލާނެއެވެ. ނޫނީ އާދައިގެ ގޮތަކަށް ވާހަކަދައްކަފާނެއެވެ. އެހާ ޝައުގެއް ހުންނަހެން ހިޔެއް ނުވެއެވެ. ނަމަވެސް އާވާ އެހާ ފަސޭހައިން ޔާކިންއަށް އިތުބާރެއް ނުކުރާނެއެވެ. އޭނަ އަށް މާޒީގައި ކެހި ލިބުނީ މީހުންނަށް އިތުބާރުކުރަން ހަދައިގެންނެވެ. އެއްބަނޑު އެއްބަފާކޮށް އުޅެފައިވެސް މީހެއްގެ އުދަގޫ ފޯރާނީ ކިހިނެއް ކޮން ވަގުތަކު ކަމެއް ނޭގޭނެއެވެ.
އާވާ ކުރިން އޭނަ އުޅުނު ކޮޓަރީގައި މަތީބައިގާ އުޅުނަސް އެކަން އެހެން މީހަކަށް އެނގުނުކަމަކަށް ނުވިއެވެ. ޔާކިން ގޭގައި އުޅޭ ވަގުތު ތަންކޮޅެއް ގިނަނަމަ ނޫނީ އާވާގެ ހަރަކާތްތަކަށް ފާރަލާނަމަ އޭނައަށް ބޭޒާރުވާނެއެވެ. ނަމަވެސް ޔާކިން އެކަން ބަލާކަށް ނޫޅެއެވެ. އާވާ ހުންނަނީ ރަފްހާން ދުރުން އުޅޭތީވެސް ނިކަން ހިތްހަމަޖެހިފައެވެ. އުމުރަށްވެސް މިހެން އުޅެވޭނެނަމައެވެ. އެއް ރޭ ކާން އިނދެފައި ރަފްހާން އޭނަގެ ބައްޕަގާތު ދެއްކީ މިހާރަކަށް އައިސް އޭނަގެ ވަޒީފާގެ އިތުރުން ރޭގަނޑު އެހެން ތަނަކަށް މަސައްކަތްކުރަން ދާ ވާހަކައެވެ. ގިނައިން ފައިސާ ހޯދަން އޭނަ އެހާ ބުރަކޮށް އުޅޭތީ އާވާ ދެރަވިއެވެ. އާވާ މޭޒުމައްޗަށް ތަށިތައް އަރުވަން ހުރިއިރު އަމީންއާއި ރަފްހާން އާ ދެބަފައިންގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުއްޓެވެ.

"ޔާކިން މިރޭވެސް ކާން ނާންނަނީތަ؟ ކުކުޅު ނެތިއްޔާ އެކުއްޖާ ގެއިން ނުކާނެ، މިއަދުވެސް ބުނި އެއްޗެއް އެނގޭތަ؟ މަތީބައި އެކީ އޭނައަށް ދޭށޭ، އެހާ ގިނަ ރޫމްތައް ހުހަށް ހުރީމަ ކޮޓަރިތައް ކުއްޔަށް ދޭނީއޭ، ދޮންބެއަށް ތިރީ ބައި ދޭށޭ، މިހާރުއްސުރެ ގެ ނުބަހައިގެން ޔާކިން އުޅެން ފަށައިފި، ދަރިފުޅަށް ފެނޭތަ ބައްޕަމެން ކުޑަތަންކޮޅެއްގައި އުޅެގެން ގޭގެ ބޮޑުބައި ކުއްޔަށް ދޭން......... " އަމީން އަހާލައިފިއެވެ.

"ނުފެނޭ، އޭރުން ޖެހޭނެ އުދަގޫތައް މާ ބޮޑުވާނެ، އައި ޑޯންޓް ތިންކް އިޓްސް އެ ގުޑް އައިޑިއާ...." ރަފްހާން ވަގުތުން އެކަމާ ދެކޮޅުހެދިއެވެ. އޭނަގެ ކޮއްކޮ އުޅުން ހުންނަގޮތުން ރަފްހާންގެ ބޮލަށް އުދަގޫވާވަރުވެއެވެ. އެތައް އަންހެންކުދިންނެއް ގެއަށް ގެންނައިރު ޔާކިން އިންނަން ކަމުދާ އަންހެންކުއްޖަކާ ހަމަ ދިމާނުވާނީހެއްޔެވެ؟ އެހެންނޫނަސް ވަޒީފާއަށް ގޮސްގެން އާދައިގެ ގޮތަކަށް އުޅެވިދާނެއެވެ. ކޮންމެހެން ދިރިއުޅޭ ގޭގެ އެއްބައި ކުއްޔަށް ދީގެން ނޫނަސް އެމީހުންނަށް އަދި އުޅެވިދާނެއެވެ.

"އާވާ، ކަޅު ސައިތަށްޓެއް ހަދާދީބަލަ..." އަމީން އެދުނެވެ. އެވަގުތު ރަފްހާން އާވާއާއި ދިމާލަށް ބަލާލިއެވެ. އެ ނަޒަރު އިރުކޮޅަކަށް ދެމިގެން ދިޔުމުން އާވާ ކަންބޮޑުވެފައި އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ރަފްހާން އެގޮތަށް ބަލާލީތީ އާވާ ރުޅިއަންނަގޮތްވިއެވެ. އެކަކުވެސް އޭނައަށް ބަލާނެކަމެއްނެތެވެ. އެއްވެސް މީހަކަށް އެ ހައްގެއް ނޯންނާނެއެވެ. އެހެންނޫނަސް މިއީ ދެއްކުމަށް ކުރެވުނު ކައިވެންޏެއްކަން ރަފްހާން ހަނދާންނައްތާލީ ހެއްޔެވެ؟ އަމީން އެގެ ކުއްޔަށް ނުދޭން ނިންމުމުން އާވާ ހިތާހިތުން އުފާވިއެވެ. އެހެން ބަޔަކު އެގެއަށް އައުމުން މިނިވަންކަން ހައްތަހާ ކުޑަވާނީއެވެ. މިހާރު މިއުޅެވޭ ވަރަށްވެސް އޭނައަކަށް ނޫޅެވޭނެއެވެ. އާވާ ކޮޓަރިއަށް ދިޔަތަނާހެން އޭނަގެ މަންމަ ގުޅާލިއެވެ. މަންމަ އެންގީ އާވާގެ އިސްތަށިގަނޑު ދިގުކޮށްލުމަށެވެ. އެހެންނޫނީ ރަފްހާންވެސް އާވާ ވަރިކޮށްލަން ފަހެއް ނުޖެހޭނެއެވެ. އަންހެނެއްވެއްޖެއްޔާ އަންހެންވަންތަ ގޮތެއްވެސް ހުންނަންވާނެއެވެ. އާވާ ހިތްހަމަނުޖެހުނު ވަރުން އެދިޔަގޮތަށްގޮސް ކަތުރު ނެގިގޮތަށް ކުރިއަށްވުރެ ކުރުކޮށްލައިފިއެވެ. މިހާރު އިސްތަށިކޮޅު އެއްގޮތަކަށްވެސް އައްސާލެވޭނެގޮތެއްވެސް ނެތެވެ.

"މަންމައެއްކަމަކު އަހަރެންގެ ސިފައާއިމެދު ގޮތް ކިޔާނެކަމެއްނެތް، އެއަށްވުރެ މަންމައަށް ބޭނުންވީ ދުވަހު މަންމަ އުޅުނީ ކޮންތާކު، މިހާރު އަހަރެން ރީތިވެގެން މީހުންނަށް ދައްކަން އުޅުމުގެ އެއްވެސް މާނައެއްނެތްކަން މަންމައަށް އެނގޭނެނަމަ........" އާވާގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. އޭނައަށް ރަގަޅީ މަންމަ ދޭތެރެއަކުން ފޯނު ނުކުރިއްޔާއެވެ. ދުވަހަކު އެއިން ކޯލަކުން ހިތަށް ހަމަޖެހުމެއް ލިބިފައިނުވާތީއެވެ. އާވާ އިސްތަށިގަނޑު ކޮށާލިއިރު ކުދި އިސްތަށިކޮޅުތައް ގައިގާ ތަތްލަވާ ގަޔަށް ކަށިތައް ހެރޭހެން ހީވުމުން އަވަހަށް ފެންވަރާލައިގެން ތާޒާވެލިތަނާހެން މީހަކު ދޮރުގައި ޓަކިދިނެވެ. ދޮރު ނުހުޅުވަން ހުރެފައިވެސް އޭނަ މިރޭ ހިތްވަރުކުރިއެވެ. މީހަކު ހަމަލާދޭން އުޅެފިއްޔާ ކަތުރުން ކޮށާލާނީއެވެ. އާވާ ބޯދިއްކޮށްލިއިރު ދޮރުމަތީގައި ހުރީ ރަފްހާންއެވެ. ފަނޑުއަލީގެ ތެރެއިންވެސް އެކަޅު ކަޅުދެލޮލުގެ ވިދުން ގަދައެވެ. 

"ކިހިނެއްވީތަ؟ " އާވާ ނުރުހުމާއިއެކު އަހާލައިފިއެވެ.
"މިދަނީ ބާޒާރަށް، ބޭނުންވާ އެއްޗެހީގެ ލިސްޓެއް ގެނޭ..." ރަފްހާން ނޯޓްޕެޑް ދިއްކޮށްލައިފިއެވެ.
"ތި ފޯނަށް އެންޓަރ ނުކުރެވޭނެތަ ލިސްޓް ކިޔާލީމަ...." އާވާ ރުންކުރުވާގޮތްވެފައި ރަފްހާން ދިއްކޮށްލި ފޮތުގައި އަތްލާންވެސް ފަސްޖެހުނެވެ.
"ހޫމް، އެހެންވިއްޔާ ކިޔާދީ......" ރަފްހާން ހިނިއަންނަގޮތްވިއެވެ.
"އަހަރެން އަމިއްލައަށް ޝޮޕިންއަށް ގޮސްދާނަން، ރަފްހާން ނުދިޔަސް ރަގަޅުވާނެ..." ހީވަނީ އާވާ ކޮންމެކަމަކާއި ދެކޮޅުހަދަން އުޅޭހެންނެވެ. ރަފްހާން ހައިރާންވިއެވެ. އާވާދެކެ ކުޑަކޮށް ފޫހިވެ އިނދެވުނުކަމުގެ މޮޔަކަން އެވަގުތުވެސް ހިތަށް އެރިއެވެ. ރަފްހާން ހީކުރީ އާވާގެ ރަގަޅު ސިފަތައް ގިނަކަމުގައެވެ. ނަމަވެސް އާވާ މިއުޅެނީ ކޮންމެ ކަމެއްގައި އޭނައާއި ޗެލެންޖް ކުރާށެވެ. ހެޔޮއެއްވެސް ގޮތެއްނެތެވެ. އޮޅިގެން ބީހިލިޔަސް ވަނީ ފާފައަކަށެވެ. އާވާގެ މިހާ ގިނަ ސިއްރުތައް ފޮރުވިފައި ހުންނަން ވެއްޖެއްޔާ އެކީގައި އުޅެން ފަސޭހައެއް ނުވާނެއެވެ. ކައިވެނިނުކޮށް ގެންގުޅޭކުއްޖެއްގެ ގޮތުގައި ބެހެއްޓުނު ނަމައެވެ. ހިތަށް އަރާ ފައިބަމުންދިޔަ ޚިޔާލުތަކާއެކު ރަފްހާން ކެތްތެރިވިއެވެ. މިއީ ދާއިމީކަމެއް ނޫންކަން ހިތަށް ވިސްނާދިނެވެ. އޭނަ އާވާއަށް ހެޔޮކަމެއް ކޮށްދޭން އުޅުނީމަ އާވާ އޭނައާއި ދޭތެރޭ ދެކެނީ އެންމެ ނުބައިކޮށެވެ.

"އެހެންވިއްޔާ މި ފައިސާއިން ހުރިހާ އެއްޗެއް ގަނެލެވޭނެތަ؟ " ރަފްހާން ވޮލެޓުން ފައިސާގެ ނޫޓުތަކެއް ނެގިއެވެ.
"ނޫން، އެހެން ބުންޏަސް އަހަންނަކަށް ނުދެވޭނެ، އައި ވިލް ބްރިންގް އެ ލިސްޓް...." އާވާ ދާންވެގެން އެނބުރިލުމާއިއެކު ރަފްހާން އާވާގެ އަތުގެ މުލައްދަނޑީގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލުމުން އާވާ ސިހި ބިރުގަންނަގޮތްވިއެވެ. ރަފްހާންގެ ބާރު ފުރަތަމަ ފަހަރަށް އިހުސާސްކުރެވި ހިތް ބިރުގަތްވަރުން އޭނަގެ ކަރުތެރެ ހިކި ޝޮކަކަށް ދާވަރުވިއެވެ. އެވަގުތު އިންޒާރެއްނެތި ވާރޭ ވެހެންފެށީ ބޯކޮށެވެ.

"އާވާ، އަހަރެންގެ ޕޭޝަންސް ޓެސްޓްކުރަނީތަ؟ އަތްލާން މަޖުބޫރުކުރުވަނީވެސް އާވާ، މިއަށްވުރެ ދުރަށް ދާން އަހަންނަށް މަޖުބޫރުނުކުރޭ، އާފްޓަރ އޯލް ޔޫ އާ މައި ވައިފް އެ ހެޔޮ ނަމެއްގައި ކަމުގައި ވިޔަސް، އާވާ ތިއުޅޭގޮތުން ހީވަނީ އަހަރެން މިއީ އާވާއަށް އަނިޔާކުރާ ނުބައި މީހެއްހެން، އެންމެފަހަރަކުވެސް ހެޔޮ ހިތުން ވިސްނާލާފައި ރީތިކޮށް ވާހަކަދެއްކިއްޔާ ކީތްތަ ވާނީ؟ އަހަރެން އޮފީހުގައި މިހާބުރަކޮށް އުޅެފައި ހަމަ ގެއަށް އަންނާންވާއިރަށް އާވާ ތިހުންނަނީ ކޮންމެވެސް ގޮތަކުން އަހަންނަށް ގޮތް ދައްކާން، ކުށްވެރިކުރަން...." ރަފްހާން އޭރުވެސް އަތުން ދޫކޮށެއް ނުލައެވެ. އެހާ ބާރަށް ހިފެހެއްޓުނު ކަމެއްވެސް އިހުސާސެއްނުވިއެވެ. ގިނަ މީހުންނަށް ވާރެއަކީ އިޝްގީ ބައިވެރިއެކެވެ. އާވާއަށް އެއީ ބިރެކެވެ. ވާރެއާއި ރަފްހާން އެކުވުމުން އޭނަ ހުއްޓި ގަނޑުވެފައިވާ ބުދެއްހެން ހުރި ސަބަބަކީ އެއީއެވެ.

"ސޮރީ އިންޓްރަޕްޓް ކުރެވުނީމަ، އެކަމަކު ރޫމަށް ވަދެވެންދެން ކެތްކޮށްބަލަ ބްރަދަރ...." ޔާކިން އަރާ ހަމަވެފައި އެހެން ބުނުމުން ރަފްހާން އާވާގެ އަތުން ދޫކޮށްލާއިރަށް އާވާ ރުވާލި ދުންޏެއްހެން ގޮސް ކޮޓަރިއަށްވަދެ ގެއްލިއްޖެއެވެ. ޔާކިން ހަގީގަތުގައިވެސް ހުރީ އުދަގޫވާގޮތްވެފައެވެ. ސަމާސާއަކަށް ބުނަން އުޅުނަސް އަޑުގައި ސީރިޔަސް ގޮތެއްވެސްވީ އެހެންވެއެވެ. ބައެއްފަހަރު އޭނައަށްވެސް އެފަދަ ރަގަޅު އަންހެންކުއްޖަކު ލިބި ލޯބިވާނެ މީހަކު ލިބޭނެނަމައޭ ހިތަށް އަރައެވެ. މިގޮތަށް އަބަދަށް އެކީގައި އުޅޭނެ ދާއިމީ ބައިވެރިޔެއްލިބޭނެ ނަމައެވެ. ދޮންބެގެ ނަސީބާއިމެދު ހިތާހިތުން ހަސަދަވެރިވިއެވެ.

"ޔާން، ކޮންތާކު އުޅެފައި ތިއައީ..." ރަފްހާން ޔާކިންއާއި ދިމާލަށް ބަލާލިއެވެ.
"ހޫމް އެނގޭ އެނގޭ، ރޭގަނޑު ގެއަށް ވަންނާން ވެއްޖެއްޔާ ނުބަލަން ޖެހޭކަންތައް ފެނިދާނެތީ ދޮންބެ ތިއޮތް ހާސްވަނީ؟ މިރޭ ވާރޭ ވެހެންފެށީމަ ގެއަށް އައީ، އެހެންނޫނަސް ފޯނު ގެއްލިއްޖެ، މިއޮތް ރޮމެންޓިކް ނައިޓްގައި މަގޭ ގާލްވެސް ރުޅިވީ......" ޔާކިން ހުރީ ދެރަވެފައެވެ. އެހާ އަގު ބޮޑު ފޯނެއް ގެއްލުމުން އަނބުރާ ފޯނެއް ހޯދުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. ރަފްހާންއަށްވެސް އެވަރަކަށް ނުދެވޭނެއެވެ. ނަމަވެސް އަހާލުމަކުން ވާނެ ގެއްލުމެއް ނެތެވެ. 
"ކެއަރލެސްވާންވީމަ ވާނީ ތިހެން......" ރަފްހާން އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
"ދޮންބެމެން ކޮމްޕެނީތަކުގައި އުޅޭމީހުންނަށް ފަސޭހަތަކެއް ނޯވޭތަ؟ މަހުން މަހަށް ދައްކާގޮތަށް ނެގިދާނެއްނު، އައި ނީޑް އެ މޮބައިލް ބޭޑްލީ...." ޔާކިން ޝަކުވާކުރިއެވެ.
"ބަލާނަން ތިކަންކޮށްދެވޭތޯ...." ރަފްހާން ގެ ޖަވާބުން ޔާކިންގެ ހިތަށް ކުޑަކުޑަ ހަމަޖެހުމެއް ލިބުނެވެ. ޔާކިން ސިޑިން ފައިބައިގެން ދިޔަފަހުން އާވާ ތިރިއަށް އައީ ރަފްހާން ބުނި ލިސްޓް ރަފްހާންއަށް ރައްދުކޮށް ދިނުމަށެވެ. ޔާކިން ކޮމްޕިއުޓަރ ކައިރީ އިށީދެލައިގެން މިގަޑީގައި އިނުމަކީ ނާދިރުކަމެކެވެ. މިއިން ޒަމާނެއްގައިވެސް އޭނަ އެގޮތަށް އިންތަން އާވާ ނުދެކެއެވެ. އާވާ ސިއްސައިގެން ދިޔައީ ޔާކިން ހުޅުވައިގެން އިން ސައިޓް ފެނިފައެވެ. ޔާކިން އިނީ އޭނަގެ ވާހަކަ ސަފުހާ ހުޅުވާލައިގެންނެވެ. އާވާ ފަހަތަށް ދެމިގަތްއިރު އޭނަގެ ދެލޯ ބޮޑުވެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. ޑާކްނައިޓަކީ ޔާކިންއަށް ވެދާނެހެއްޔެވެ؟ އޭނަ ހީކުރީ އެއީ އަޔާމް ކަމަށެވެ. ނަމަވެސް މިހާރު ޔާކިންއާއިމެދު ވެސް ޝައްކުވާންފެށިއެވެ. އާވާ ފަހަތަށް ފަހަތަށް ގޮސް ޔާކިންއަށް ނުފެނި މައްޗަށް އެރުމުގައި ކާމިޔާބުކުރިއެވެ. ރަފްހާން ގެ ކޮޓަރީގައި ޓަކިދީފައި ލިސްޓް ދިނުމުން ރަފްހާން ގެ ލޮލުގައި އަޅައިގަތީ ހޭންޑްވޮޝްއެވެ. ދެތިން ދުވަސްކުރިން ގަނެދިން ފުޅި މިހާ އަވަހަށް ހުސްވީހެއްޔެވެ؟ ސުވާލުކުރަން ހިތަށް އަރާފައިވެސް ރަފްހާން ހުރީ އެއްޗެކޭ ނުބުނާށެވެ. އެހެންނޫނަސް ލިސްޓް ދިއްކޮށްލިގޮތަށް އާވާ ބާރުބާރަށް ހިނގާލާފައި ގޮސް ކޮޓަރިއަށް ދެމިގެންފިއެވެ. ވާރޭ ހުއްޓާލިކަން އެއީ ނަސީބެކެވެ. ދެތިންފަހަރު ކުޑަދޮރުގެ ތަންޑުތައް ޗެކްކޮށްލާފައި އާވާ ލެޕް ހުޅުވާލައިގެން އެނދުގައި އިށީދެލައިފިއެވެ. ފުރަތަމަވެސް ބަލާލެވުނީ އޭނައަށް ލިބިފައި ހުރި ކޮމެންޓްތަކެވެ. ޑާކްނައިޓް އިނީ އޭނަގެ އެފްބީ އައިޑީ ދީފައެވެ. އާވާއަށް ސިހުމެއްލިބުނެވެ. މެއިލް ކޮށްލުމެއްނެތި މިހާ ޒާތީ އެއްޗެއް ހިއްސާކޮށްލީ ހެއްޔެވެ؟ އާވާ ޑާކްނައިޓަކީ ކާކުކަން އޮޅުންފިލުވާ ހިތްވިލެއް ބޮޑުކަމުން ބިރުން އިނދެފައިވެސް ޑާކްނައިޓް އެޑްކުރަން ޖައްސައިފިއެވެ. އޭނަ ހުރީ އިންތިޒާރުގައިކަން ނޭގެއެވެ. ވަގުތުން އާވާއާއި ވާހަކަދައްކަން ފެށިއެވެ. ފުރަތަމަވެސް ޝުކުރުއަދާކުރިއެވެ.

"ތިކޮޅަށް ވާރޭވެހޭތަ ޕްރިންސެސް...." ޑާކްނައިޓް ލިޔުނެވެ.
"ނޫން، ކޮންތާކު ތިހިރީ....." އާވާ އިރުކޮޅެއްފަހުން ޖަވާބުދިނެވެ.
"މި ޕްލެނެޓްގައި، ކީއްވެ އަހަރެންގެ މެސެޖްތައް ޕަބްލިޝް ނުކުރީ، އެކަމަކު އަހަރެން އެޑްކުރަން ޖައްސާއިރަށް އެކްސެޕްޓްކުރީމަ ވަރަށް ހައިރާންވެއްޖެ، އަހަރެންވެދާނެ މީހުން މަރާ މީހަކަށްވެސް..." ޑާކް ނައިޓް އުޅުނީ ސަމާސާކުރާށެވެ.
"އަހަރެން މިއީ ކާކުކަން އެނގޭތަ؟ "އާވާ އިނީ ބިރުގެންފައެވެ. ނުދަންނަ މީހަކާއި ވާހަކަދައްކަން ހަދައިގެން ކިތަންމެ މީހުންނަށް ލަނޑު ލިބިފައިވާކަން އޭނަދަނެއެވެ. އޭނަވަނީ އެފަދަ ކިތަންމެ ވާހަކައެއް މީހުންގެ ދުލުން އަޑުއަހާފައެވެ. އެފަދަ ވާހަކަތައްވެސް ކިޔާފައެވެ. ޑާކްނައިޓަކީ އަންހެނަކަށްވެސް ވެދާނެއެވެ. ނޫނީ އަނެއްކާ އެއީ އޭނަ ހެއްޔެވެ؟ ބިރުންގޮސް އާވާގެ ހިތަށް ނުބައިގޮތެއް ވެއްޖެއެވެ. ވަގުތުން އެތަނުން ދުވެފިލަން ހިތަށް އެރިއެވެ. ނަމަވެސް އޭނައަކާއި ޑާކްނައިޓްގެ ގުޅުމެއް އޮތީއެއްނޫނެވެ. މިއީ އޭނަގެ ވާހަކަތައް ކިޔާފައި ނެގަޓިވްކޮށް އެއްޗެހި ކިޔާ މީހެކެވެ. އެފަދަ އެހެން މީހުންވެސް އެތިބީއެވެ. ގިނަމީހުން އޭނަގެ ވާހަކަތަކަށް ހަޖޫޖަހައެވެ. ކުރީކޮޅު އެކަމާއި ހިތަށް އަސަރުކޮށްފައި ވަރަށް ފަސޭހައިން ހޭނިއްޖެއެވެ. އެންމެނަށް އޭނަގެ ވާހަކަ ރީތިވާންވީ ކީއްވެހެއްޔެވެ؟ ޑާކްނައިޓްއާއިމެދު ހިތުގައިވާހާ ޝުއޫރުތައް ފޮހެލަންވީއެވެ. ނުދަންނަ މީހަކަށް ހިތްކިޔައިގެން ރަގަޅު ބޮނޑިއެއް ލިބިދާނެއެވެ.

"ތިއީ ރައިޓަރއެއް، އެވަރުން ފުދެއޭ މަށަށް، މަ ނޫޅެން ތިއީ ކާކުކަން އެނގިގެން ފަހަތުން އަޅުވާކަށް.... ހިތްހަމަޖެހިއްޖެތަ؟ އެކަނި ވާހަކައިގެ ހުރި ކުށްތައް ބުނެދީ ރަގަޅު ކުރަންވާ ކަންތައް ކިޔާދޭނަން، ހެޔޮއެދޭ މީހެއްކަމަށް ބަލާ.." ޑާކްނައިޓް ޓައިޕްކުރަމުން ދިޔައެވެ. ކަރަންޓު ގޮސްގެން ވައިފައި ކެނޑުނީ އެވަގުތުއެވެ. އާވާ އިންތިޒާރުކުރިއެވެ. ކަރަންޓު ދާން އެނގެނީވެސް މިފަދަ ގަޑިއެއްގަހެއްޔެވެ؟ އެންމެފަހުން ކެތްނުކުރެވިގެން އާވާ ކޮޓަރިން ބޭރަށް ނުކުމެފައި ސިޑިން ތިރިއަށް އައިއިރު ޔާކިން އައީ އުއްބައްތި އެއް ހިފައިގެންނެވެ. 

"އެކަނިތަ އަވީ، ކޮބާ ރަފްހާން...." ޔާކިން އަހާލައިފިއެވެ.
"ނޭގޭ....." އާވާ ބޯ ހޫރާލިއެވެ.
"އަޅާނުލާ ފިރިޔެއްދޯ، ރަފްހާން ގާތުން ވަރިވެގެން އަހަންނާއި އިންނަންވީނު...." ޔާކިން ހިނިގަނޑެއް ޖަހާލާފައި އުއްބައްތީގެ އަލި އާވާގެ މޫނަށް އަޅުވާލިއެވެ. އުއްބައްތީގެ އަލީގައި އާވާގެ ބޮޑު ދެލޮލުގެ ވިދުން އިންތިހާއަށް ގަދައެވެ. އާވާ ބޭނުންވީ އުއްބައްތީގައި ހިތާ ތަޅުވައިގަނެ ޔާކިންވެސް ކޮށްޕާލުމަށެވެ. އެގޮތަށް ވާހަކަދެއްކުމުން އާވާ ރުޅިގަދަވިވަރަށް ކަންބޮޑުވިއެވެ. ޔާކިން އެހެންބުނީ ކޮން ނިޔަތެއްގައި ހެއްޔެވެ؟ ރަފްހާން ދިޔައީ ކޮންތާކަށްބާވައެވެ. އެއްޗެހިގަންނަން ދިޔަ މީހާގެ ޚަބަރެއްވެސް ވީއެއްނޫނެވެ. އާވާ އަށް ތިރިއަށް ދެވޭނެގޮތެއްވެސް ނުވީ ޔާކިން ކުރިބައްދާލީމައެވެ. މައްޗަށް އަރައިގެން ދިޔައްޔާ މާފަސޭހައިން ޔާކިންގެ އަތްދަށުވާނެއެވެ. ގަތްބިރުންގޮސް އާވާ ހުރީ ހުއްޓުން އަރާފައެވެ. ރަފްހާން އައުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.

ރަފްހާންއަށް ގުޅީ އޭނަގެ ބައްޕަ އަމީންއެވެ. ރަފްހާން ފޯނުނެގީ އެފަދަ ޚަބަރެއް އިވިދާނެކަމަކަށް ނޫނެވެ. އޭނަ ފިހާރައަށް ވަންއިރުވެސް ތުނިކޮށް ވާރޭވެހެއެވެ. އެއްޗެހިގަތުން ހުއްޓާލާފައި އޭނަ ގަސްތުކުރީ އަވަހަށް ގެއަށް އަންނާށެވެ. ނުދެނެތިއްބާ ކޮންމެފަދަ ކަމެއްވެސް އިންސާނާއާއި ދިމާވެދާނެއެވެ. ހަޔާތަކީ އެހާވެސް އަންދާޒާކޮށްލަން ދަތި އެއްޗެކެވެ. މިރޭވެސް ކްރިމްސަންވިލާއަށް އިތުރު ހިތްދަތިކަމާއި ބަނަކަން ގެނެސްދިން ރެއަކަށްވިއެވެ. ރަފްހާންއަށް ޝޮކެއް ލިބުނަސް އޭނަ ނަފުސް ހަމަޔަކަށް އަޅުވާފައި ފޯނު ބޭއްވިއެވެ. ރުއިމަކުން ކުރާނެ ފައިދާއެއްނެތެވެ. ނަމަވެސް އެ ލޮލުގައި ކަރުނައިގެ އަސަރު ހިނގާލިއެވެ.

ކޮމެންޓް 0