އަނދިރީގެ ތެރެއިންވެސް އެއީ ކާކުކަން އާވާއަށް ޔަގީންވީ މޫނު ކާރިކޮށްލަމުން ދުވަންފެށި ސިގްރެޓްގެ ވަހުންނެވެ.
"މިހާ މަޖާ ރެއެއްގައި ތިގޮތަށް ނިދިޔަކަ ނުދޭނަން ލަވް........." މިއުޒިކްގެ އަޑު ކިތަންމެ ގަދަ ނަމަވެސް ޔާކިން ގުދުވެލާފައި ބުނެލި ޖުމްލަ އަޑުއިވުމުން އާވާ ގެ ބިރުވެރިކަން ރުޅީގެ ސިފަ ޚިޔާރުކުރިއެވެ. އަތްފޮޅުވާލަން އުޅުނެއް ކަމަކު އެއަތް އެކަތަ ފަދައެވެ. އެންމެ ނުރައްކާތެރި ދަނޑިވަޅުގައި މީހަކު އެތަނަށް ވަދެފައި ފޯނުން އަލި އަޅުވާލުމުން ދެމީހުންނަށްވެސް ބަލާލެވުމާއިއެކު އެއީ ރަފްހާންކަން އެނގުނެވެ. ޔާކިންގެ ދެލޮލުން ކުޑަ ސިހުމެއް ފެނުނުހެން ހީވިޔަސް ޔާކިން ވަރަށް އަވަހަށް މޫނުމަތި ރީތިކޮށްލާފައި ތެދުވެއްޖެއެވެ. މިއުޒިކް އަޑުގަދަކަމުން އޭނަ ބުނި އެއްޗެއް ރަފްހާންއަށް ނީވޭނެކަން ޔާކިންއަށް ޔަގީންވިއެވެ. އޭނަގެ ބޭބެ މިފަދަ ގަޑިއެއްގައި މިރަށަށް އައިސްދާނެ ކަމަކަށް ޔާކިން ހީކޮށްފައެއްނެތެވެ. އާވާއަށް ރަފްހާންގެ ރީތި މޫނު ފެނުމުން ލިބުނު އުފަލާއި ހިތްވަރެއްގެ ސަބަބުން މޫނު އަލިވެގެން ދިޔައެވެ. އޭނަ ސަލާމަތްވީއެވެ.
"ވަޓްސް ގޮއިން އޮން..." ރަފްހާން ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ. ޔާކިން އާވާގެ އަތުގައި ހިފަހައްޓައިގެން އިނީ ކީއްކުރަން ހެއްޔެވެ؟ މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ އަމިއްލަ ކޮއްކޮ އާއިމެދު ނުބައިގޮތަކަށް ދެކެން ބޭނުން ނުވިޔަސް ލޮލުކުރިމަތިން ފެނުނީ ޝައްކުނުވާފަދަ މަންޒަރެއް ނޫނެވެ.
"ބާބެކިއު ޕާޓީއަށް އާވާ ގެންދަން ކަމަށް މިއައީ، ނިދެނިކޮށް ގޮވާލުމުން ސިހި ބިރުން ޕެނިކީ ވެގަތީ، ނަސީބެއްނު ދޮންބެ އައިކަން...." ޔާކިން ތެދުވެފައި ފޯނާއި ކުޅެލިއިރު އޭނަ ހުރީ ރަފްހާންއާއި ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. ހަގީގަތަކީ އެއީ އެއް ނޫނެވެ. އޭނަގެ މަގުސަދާއި ހިތް ރަފްހާންއަށް އެނގޭނެނަމަ އެވެ. މިރޭ ރަފްހާން ނައިނަމަ އޭނަގެ ޕްލޭން ކާމިޔާބުވީސްކަން ޔަގީނެވެ. އޭނަ ހުއްޓުވާކަށް އެކަކުވެސް ނާންނާނެއެވެ. އާވާގެ ކޮފީއަށް އެއްޗެއް އަޅާފައި ނިންދަވާލާފައި އޭނަ ހުރީ ބޭނުން ހާސިލުކުރަން ނިންމައިގެންނެވެ.
ރަފްހާން އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިޔަސް އަނދިރީގައި އެގޮތަށް ޔާކިން އާވާގެ ކާރިއަށް އައުމަކީ ގަބޫލުކުރެވޭނެ ފަދަކަމެއް ނޫނެވެ. ވީއިރު އާވާ އެދައްކަނީ ރަގަޅު ވާހަކައެއްކަން ޔަގީނެވެ. ޔާކިން އާވާއަށް ހަމަ ގޯނާކުރަނީ އެވެ. ނޫނީ ގަސްތުގައި ބިރުގަންނަވަން ވެގެން ޔާކިން ކުރާކަމެއް ހެއްޔެވެ؟ ޔާކިންއަކީ ބޮޑު ލާނެތެކެވެ. ކުޑައިރުއްސުރެން މީހުންނަށް އުދަގޫދީ ޖެއްސުންކުރުމުގެ އެއްވަނައެވެ.
"ވަން މޯރ ތިންގް، ދޮންބެ، މިއަދު އާވާ ގަދަކަމުން މޫދަށް ލީމަ އާވާ ވަރަށް ރުޅިއައިސްފައި ހުރީ، އެންމެންވެގެން ސަކަރާތްޖެހީމަ އާވާ ހިތްހަމަނުޖެހުނީ، ނުބައި ނިޔަތެއްގައި ނޫނަސް މީހަކު އާވާގެ އަތުގައި ޖެހިލިޔަސް އާވާ ރުޅިއާދޭ، ފަހުން އެކަން ހަނދާންވެފައި އަހަރެން އެހެން ކުދިން ކާރީގައި ބުނިން އާވާއަށް އުދަގޫ ނުކުރާށޭ، އެހެންވެ ފަހުން އެވްރީތިންގް ވޯޒް ފައިން...." ޔާކިން ވިސްނާލާފައި އެވާހަކަތައް ކިޔައިދިނެވެ.
"ޔާކިން ދޮގުހަދާއިރު ހިތަށް އެއްޗެކޭވެސް ނާރަނީތަ؟" އާވާ ރަފްހާން ކައިރީ ހަގީގަތް ހާމަކޮށްދޭން ހިތަށް އެރިޔަސް އެ ލަފުޒުތައް ދުލާއި ހަމަޔަށް ނައެވެ. އެންމެފަހުން އޭނަ ފުން ނިންޖަކަށް ގެނބުނެވެ. ޔާކިން ދަމުން ރަފްހާން ގާތު އެމީހުންނާއި ބައިވެރިވާން އަންނަން އެދުނަސް ރަފްހާން ބުނީ އޭނަ ގެ މޫޑެއްނެތް ކަމުގައެވެ.
ރަފްހާން އާވާގެ މޫނަށް އަލި އަޅުވާލާފައި ދެތިންފަހަރު އާވާއަށް ގޮވާލުމުން އާވާ ލޯ ހުޅުވައެއް ނުލިއެވެ. އާވާއަކީ މިގޮތަށް ގަދަޔަށް ނިދާކުއްޖެއް ނޫނެވެ. ޑޮކްޓަރ ނިދާބޭސް ދީފައި ހުރިކަމަށް އާވާ ވަނީ ބުނެފައެވެ. އޭނައަށް ރޭގަނޑު ނުނިދޭތީ ޝަކުވާކުރާތީ ޑޮކްޓަރ އެ ބޭސްދިނީ ކަމަށް ވެއެވެ. ޑާކްނައިޓަކީ ރަފްހާންކަން ނޭގިހުރެ އާވާވަނީ ކިތަންމެ ސިއްރެއް ހިއްސާކޮށްފައެވެ. ފަހަރެއްގައި ޑޮކްޓަރު ދިން ބޭހެއް ކައިގެން ނިދާލަން އާވާ ބޭނުންވީ ކަމަށް ވެދާނެއެވެ. އެކި ޚިޔާލުތަކުގައި ހުރެ ބޭރަށް ނުކުމެފައި ބަލާލިއިރު އެތައް ސަތޭކަ ކުދި ތަރިތައް ފަލަކުގައި ފިޔަޖަހާތަން ފެނުނެވެ. މިއުޒިކް އަޑުގަދަވެގެން ކަންފަތަށް އުދަގޫވާއިރުގައިވެސް އާވާއަށް ހޭލެވުނުކަމަކަށް ނުވިއެވެ. ރަފްހާން ފޭލިގޭ ދޮރުމަތީގައި އަލިފާންގަނޑެއް ރޯކޮށްލުމުން އަލިވެފައި ހޫނުކަމެއް އިހުސާސްވިއެވެ. އިރުއިރުކޮޅާ އާވާއާއި ދިމާލަށް ބެލެނީ އާވާ ހޭލާނެ އިރެއްގެ އިންތިޒާރެއްގައެވެ. ރަފްހާން އެއްކަކޫ ބިންމަތީގައި ޖައްސާލައިގެން އިންދާ އާނީއަށް އެތަނަށް ނުކުމެވުނެވެ. ޔާކިންގެ ފަރާތުން ރަފްހާން އައިކަން އެނގުމުން ޕާޓީ ދޫކޮށްލާފައި އޭނައައީ ރަފްހާން ދެކެލާ ހިތުން ހިތަށް ކެތްނުވެގެންނެވެ. އަނދަމުންދާ އަލިފާނުގެ އޮރެންޖް އަލި ރަފްހާންގެ މޫނަށް އެޅިފައިވާއިރު ރީތިކަމުންނާއި އިށީނދެލައިގެން އިންލެއް ހިތްގައިމުކަމުން އާނީގެ ހިތް ފިދާވާވަރުވިއެވެ. ކުރި އަސަރެއްގެ ބޮޑުކަމުން ލޮލުން ކަރުނަ ހިލުނެވެ.
"މިރޭ ނާންނަ ގޮތަށް ހުރެފައިވެސް އައީތަ ރެއިން، އެކަމަކު އެކަނިވެރި ވެފައި ތިއިނީ؟ " އާނީގެ ކަތި ނަޒަރުން އަސަރުނުކުރާނެ ފިރިހެންކުއްޖެއް މަދުވާނެއެވެ. މީހެއްގެ ފިރިއެއް ޖަހައިގަތުމަކީ އާނީއަށް އުދަގޫ ކަމަކަށް ނުވާނެއެވެ. އެދަނޑިވަޅާއި ދިމާކޮށް ޔާކިން އަންނަތަން ފެނިފައި އާނީ އެތެރެއެތެރެއިން އަނދަންފެށިއެވެ.
"މިހާރު މިތަނުގައި ތިންވަނަ މަޚުލޫގަކަށް ޑެވިލް އިންނާނެކަން ޔަގީނޭ، ނަސީބެއްނު ތަންކޮޅެއް އަވަހަށް އާދެވުނުކަން، ދޮންބެ ނުކައި އިންނާނެހެން ހީވާތީ މިއައީ ކާން ހިފައިގެން...." ޔާކިން އެއްލޯމަރާލާފައި ރަފްހާންއަށް އޭނަ ގެނައި ފިހުނު މަހާއި ސޮސެޖް އަދި އަލުވި ތަށި ދިއްކޮށްލައިފިއެވެ.
"ތެންކިއު ބްރަދަރ..." ރަފްހާން ހަގީގަތުގައިވެސް މިރޭ ނުކައި އައީމަ އޭނަ ހުރީ ފުދޭވަރަކަށް ބަނޑުހައިވެފައެވެ. ފެންފުޅިއަކުން އަތްދޮވެލުމަށްފަހު ރަފްހާން ކާން އިށީނުމުން އާނީ އިނީ މާ ބަސްއަހާ ކުއްޖަކަށްވެގެން ޔާކިންއާއި ވާހަކަދައްކާށެވެ. އެހެންއިން އިރު ސިއްރު ނަޒަރަކުން އޭނަ ކިތަންމެފަހަރަކުވެސް ރަފްހާންއަށް ބެލިއެވެ. ރަފްހާންއަށްޓަކާއި އޭނަގެ ހިތުގައިވާ ލޯބި އިތުރުވަމުންގޮސް ކެތްނުކުރެވޭ ވަރުވެއްޖެއެވެ. ކިތަންމެ ރެއަކު އޭނަވަނީ ރަފްހާންއަށްޓަކާ ކަރުނަ އޮއްސާފައެވެ. ރަފްހާންއަކީ އޭނަގެ ހިތުގެ ވިންދެވެ. ފުރާނައެވެ. އުފަލެވެ. އެހިތަށް ރަފްހާންއާއި ނުލައި ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އެ ދޮން ދެފައި އިޝްތިހާރުކޮށްލައިގެން އިންއިރު ރަފްހާން އެންމެ ފަހަރަކުވެސް އޭނަގެ ފަޔާއި ދިމާލަށް ނުބަލާތީ އާނީ ދެރަވިއެވެ. ރަފްހާން އެހެން ފިރިހެނުންނާއި ތަފާތުވަނީ ކީއްވެހެއްޔެވެ؟ މާ ތެދުވެރިވަނީ ހެއްޔެވެ؟ ވަފާތެރިވީމަ ވާގޮތެއް ހެއްޔެވެ؟ ނޫނީ އޭނަ ހަގީގަތުގައިވެސް އާވާދެކެ ލޯބިވަނީ ހެއްޔެވެ؟ އެހެން އަންހެންކުއްޖެއްގެ ހިތް ހަލާކުކޮށްލާފައި ރަފްހާންއަށް އުފަލެއް ލިބެން ވާނެހެއްޔެވެ؟
އާވާ ހޭލެވުނީ އިރުގެ އަލި މޫނަށް އެޅެން ފެށުމުންނެވެ. މޯޅިއަކަށް ދެމިލުމާއިއެކު އޭނައަށް މިއޮވެވުނީ އެނދުގައި ނޫންކަން ވިސްނި ފުންމައިގެން ތެދުވެވިއްޖެއެވެ. އޭރުވެސް އޭނަގެ ބޮލަށްވަނީ ގޮތެއްވެފައެވެ. އޭނަ ލޯ ހުޅުވާފައި ބަލާލިއިރު އެތަނުގައި ނާޔާ އާނީ އަދި އަމާރާ ނިދާފައި ތިބިތަން ފެނިފައި އަވަސްއަވަހަށް ތެދުވެ ފޮތިގަނޑު ހިއްލާލާފައި ބޭރަށް ބަލާލިއެވެ. ހީވަނީ މުޅި ރަށް ނިދާފައިވާހެންނެވެ. މީހެއްގެ އަޑެއް ބަޑެއް ނީވުނަސް ދޫނިތައް ލަވަޖަހާ އަޑާއި، ރާޅުތައް އެއްގަމަށް ބީއްސާލާ ހިތްފަސޭހަ އަޑު މާހައުލުގައި ގުގުމާލާފައިވެއެވެ. އާވާ ހަނދާންވީ ރޭގެ ހާދިސާއެވެ. ޔާކިންގެ މަކަރުވެރިކަމެވެ. އޭނައަށް ޔަގީނެވެ. އޭނައެހާ ގަދަޔަށް ނިދި އައީ ޔާކިން ގެނެސްދިން ކޮފީއަކުންނެވެ. އިރުކޮޅަކުން ޔާކިން އެތަނަށް އައީ ކޮންމެވެސް ބޭނުމެއްގައެވެ. އޭނަގެ ނަސީބު ރަގަޅުކަމުން އެ ދަނޑިވަޅު ރަފްހާންއަށް އާދެވުނީއެވެ. ޔާކިން މަކަރުވެރިކަމުން ދޮގުތަކެއް ހަދައިގެން އޭނަގެ ބޭބެއަށްވެސް އޮޅުވާލީއެވެ. ވީއިރު އާވާ ކޮންމެހެން ރަފްހާންގެ ހިތް ޔާކިންއާއިމެދު ގޯސްކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެހެންނޫނަސް އޭނަ އެ ވާހަކަ ކިޔާދީފިއްޔާ އާވާދެކެވެސް ރަފްހާން ރުޅިއައިސްދާނެއެވެ. އެންމެ ރަގަޅުގޮތަކީ މަސްލަހަތަށްޓަކާ ބައެއް ވާހަކަތައް ފޮރުވުމެވެ.
އާވާ ފޭލިގެއިން ނުކުމެ ބަލާލިއިރު ރަފްހާން މޫދުން އަރައިގެން އައީއެވެ. ޓީޝާޓް ގަޔާއި ތަތްލަވާފައިވާއިރު މޫނުގައި ފެންތިކިތައް ހުދު ޖަވާހިރުތަކެއްހެން ވިދާ ބަބުޅައެވެ.
"މޯނިން..." ރަފްހާން ޓީޝާޓް ބާލާފައި ހިއްކަން ގަހެއްގެ ގޮފިގަނޑުގައި އަޅުވާލާފައި ހިނިތުންވެލިގޮތުން ހުދުހުދުދަތްތައް ވިދާލިއެވެ. އާވާ ލަދުގަންނަގޮތްވިއެވެ. މިފަހަކަށް އައިސް ރަފްހާން ބަލާލާއިރަށް އޭނަ ރަކިވެ އެތަނުން ފިލަން ދުވަން ބޭނުންވާހާވެއެވެ.
"ރޭގަ ކިހިނެއް ހެދީ، ހާދަވަރަކަށޭ ނިދާލީ..." ރަފްހާން ފެންފުޅިއަކުން ބޮލަށް ފެންއަޅާލުމަށްފަހު ފެންތިކިތައް ފޮޅާލިއެވެ. އެއިން ކޮންމެ އާދައަކަށް އާވާގެ ހިތް ތައުރީފުކުރިއެވެ. ހާދަ ރީއްޗޭ ހިތަށް އެރިއެވެ. އެކަނި ރީތި މީހެއްނޫނެވެ. މިހާ އިތުބާރުކުރެވޭ ރަގަޅު އިންސާނެއް ހުރިކަމާއިމެދު އާވާ ހައިރާންވާވަރުވެއެވެ. ރީތި މީހުންގެ އުނި ސިފަތައް ހުންނާނެއޭ ކިޔާއަޑުއިވެއެވެ. ނަމަވެސް އަދި ރަފްހާންގެ ފަރާތުން އެކަހަލަ ކަމެއް ފެނިފައެއްނުވެއެވެ. ނޫނީ އާވާއަށް ނޭގެނީހެއްޔެވެ؟ އެހާ އިތުބާރުކުރަން ވެދާނެހެއްޔެވެ؟ މިވެސް ފިރިހެނެކެވެ.
"މާބޮޑަށް ވަރުބަލިވީ، ކޮބާ އެހެން އެންމެން؟ ރަށަށް ދިޔައީތަ؟ "އާވާ އަހާލިއެވެ.
"މާ ދަންވަންދެން ހޭލާ ތިބެފައި ނިދީމަ އަދި އެމީހުންނަށް އިރު ނާރައިގެން އެއުޅެނީ، މޫދަށް ނޭރޭނަންތަ؟ " ރަފްހާން އަހާލައިފިއެވެ. އެހެން އެންމެން އޭނަގެ ގައިގާ ހިފައިގެން އުޅުނު ހަނދާންވުމާއިއެކު ރަފްހާންއަށް އެފަދަ ފުރުސަތެއް ނުލިބެންވީ ކީއްވެބާވައޭ ހިތަށް އަރާފައި އާވާ މޫދަށް އެރެން ނިންމިއެވެ. ރަފްހާންއާއިއެކު މޫދުގެ ފުން ހިސާބަށް ގޮސްފައި އުޅެންޖެހުނީ ތަންކޮޅެއް ގާތްކޮށެވެ. ނަމަވެސް ރަފްހާން ހުރީ އާވާގެ އިތުބާރު ހޯދަން ބޭނުންވެފައި ކަމުން އޭނަ އެއްގޮތަކަށްވެސް އަމިއްލަ ނަފުސް އަތުން ބީވެގެން ދިޔަ ނުދިނެވެ. އޭނަ އާވާއަށް ފަތަން ދަސްކޮށްދިނެވެ. ޓެކްނިކް އެނގުމުން އެއީ ހީނުކުރާހާ ފަސޭހަކަމަކަށްވިއެވެ. ދެރައީ މާ އަވަހަށް ބަލިވާތީއެވެ. މޫދުގައި ވަގުތު ހޭދަކުރުމަށްފަހު ކޮފީއާއި ސެންޑްވިޗް ހަދައިގެންގޮސް ދެމަފިރިން ޖައްސާލީ ގޮނޑުދޮށާއި ދިމާލަށް ހިޔާއަޅާފައިވާ ގަހެއްގެ ދަށުގައެވެ. އަވީގައި އުޅުމުން އާވާގެ އޮމާން މޫނަށް ވެރިވެފައިވާ ކުލަ ރީތިކަމުން ރަފްހާންއަށް ބަލަހައްޓައިގެން އިނދެވުނެވެ.
"ރޭގައި މީޓިން ކެންސަލްވީތަ؟ " ރަފްހާން ބަލާވަރުން ކަންބޮޑުވިނަމަވެސް ހިތަށް ނޭގޭ އުފަލެއްވެސް ލިބުނެވެ. ސެންޑްވިޗްގެ ކުޑަ އެތިކޮޅެއް އަނގަޔަށް ލައިގެން ހަފާލަން އިންއިރު ރަފްހާންގެ ބެލުން އިހުސާސްކުރެވޭ ވަރުން އޭގެ މީރު ރަހަވެސް އާވާއަކަށް ނޭގެއެވެ.
"އަހަރެން ހިތަށް އެރީ އާވާ އަހަރެން ނެތިއްޔާ ވަރަށް އެކަނިވާނެއޭ، އެންމެން މަޖާކޮށްލަން ތިބިއިރު އާވާ އެކަނި ޓެންޓްގައި ނިދާލާފައި އޮތީ، ނަސީބެއްނު ޖިންނިއެއް ވަދެ ނުގެންދިޔަކަން...." ރަފްހާން ސަމުސަލުން ކޮފީތަށި ގިރާލިއެވެ. އިރުގެ މަޑު ހޫނުކަން މުޅި ދުނިޔެއަށް ފަތުރާލަމުންދާއިރު މިރަށުގެ އެކަނިވެރިކަމާއި ހިތްގައިމުކަމުން ދެހިތަށްވެސް ތަފާތު އުފާވެރިކަމެއް ލިބިފައިވެއެވެ. އެދެމީހުން އެކަނި މިރަށުގައި ކޭމްޕްކުރުމުގެ ޚިޔާލު އެވަގުތު ރަފްހާންގެ ހިތުގައި ގަދަވެގަތެވެ. ހުވަފެނީ ގޮތަކަށް އިރުކޮޅެއްވާންދެން އާވާގެ މޫނަށް ބަލަން އިނދެލާފައި ކުއްލިއަކަށް ރަފްހާން ހޭންފެށުމުން އާވާއަށްވެސް ހެވިއްޖެއެވެ. އެކަމާއިމެދު ޚުދު އާވާވެސް ހައިރާންވިއެވެ. އެހެން މީހަކު އެގޮތަށް ހީގަތް ނަމަ އާވާ ޔަގީންކުރާނީ އެއީ ކޮންމެވެސް މަލާމާތެއްކޮށްފައި އޭނައަށް ހަޖުލެއް ޖަހާފައި ކުރިކަމެއް ކަމަށެވެ. ނަމަވެސް ރަފްހާންގެ އެ އަމަލާއިމެދު އާވާ ރުޅިއެއް ނައެވެ.
"ކީއްވެތަ ރަފްހާން ތިހެނީ..." އާވާ އެގޮތަށް ހޭން ފެށީމަ ރަފްހާން ވަރަށް އުފާވިއެވެ. އާވާގެ އެ ސިފަ ހާދަ ރީއްޗެވެ. މަޑުމަޑުން ހުންނަ ހިތާމަވެރި މޫނުގެ ބަދަލުގައި އުފާވެރިކަމާއި ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރުމުން އާވާގެ ރީތިކަން އެތައް ގުނަ އިތުރުވިއެވެ. އާވާއަށް އޭނަގެ ރީތިކަން އެއްވެސް ވަރަކަށް އިހުސާސް ނުކުރެވެނީ ހެއްޔެވެ؟ އިސްތަށިގަނޑު ކުރުކޮށް އޮތީމަ މޫނާއި ނިކަން ގުޅެއެވެ. ޖެހިލާ ކުޑަ ވައިރޯޅިއާއި އެކުގައިވެސް އެ ފަން ފަން އިސްތަށިކޮޅު ލޮލަށްވަދެ އަތުން ދުރުކުރާއިރު އެހާ ނަލައެވެ. ނަމަވެސް އިސްތަށިގަނޑު ދިގުކޮށްލައިފިއްޔާ ރަފްހާންގެ ހިތް ގުރުބާންވާނެއެވެ.
"ކޮންމެވެސް ދުވަހަކުން އެވާހަކަ ބުނާނަން، މިހާރު އާވާ އަޑުއަހަން ބޭނުމެއް ނުވާނެ، އެހެންނޫނަސް އަހަރެމެންގެ ގުޅުން އިތުރަށް ހީނަރުވާކަށް އަހަރެން ނޭދެން، އާވާއަށްޓަކާ އަހަރެން މިރަށަށް މިއައީ، މީޓިންތަކަށްވުރެވެސް ބައެއްފަހަރު ވައިފް މުހިއްމުވެދާނެއްނު، ކީކޭތަ ބުނަނީ؟ އާވާ އަހަރެންގެ މަތިން ހަނދާން ނުވޭތަ؟ " ރަފްހާން ސީދާ އާވާގެ މުށިދެލޮލަށް ބަލާލަމުން އަހާލިއެވެ. އިރުގެ އަލިކަން އެދެލޮލަށް ވެރިވެފައިވާއިރު އެކުލަ މާ އަލިކޮށް ދައްކައެވެ. އާވާ ލަދުގަތެވެ. އޭނަ ހުރިހާ ވާހަކައެއް ރަފްހާންއަށް ކިޔާދިނުމުގެ ބަދަލުގައި ޑާކްނައިޓްއަށް ކިޔާދޭކަން އެނގިއްޖެއްޔާ ރަފްހާން ހާދަ ދެރަވާނެއެވެ. ކުށްވެރިކަމުގެ އިހުސާސްތައް އާވާގެ ހިތުގައި ވަކި އަޅައިގަތެވެ. ހިތަށް ތަދުކުރުވިއެވެ. އެހެންވެގެން ނުވާނެއެވެ. ފިރިމީހާއަށްވުރެ އެހެން މީހަކަށް އިތުބާރުކުރެވިގެން ނުވާނެއެވެ.
"ރޭ އެހާ ގަދަޔަށް ނިދުނުއިރު އަހަރެން ޓްރަސްޓްކުރާ މީހެއް މިތާހުރިކަން އެނގުނީމަ ޔަގީނުންވެސް ހިތްހަމަޖެހިއްޖެ....." އާވާ ސުވާލުން ރެކިގަންނަންވެގެން އެވަގުތު ހިތަށް އެރި އެއްޗެއް ބުނެލާފައި ދެން ރަފްހާން ރަގަޅީ ދުރުގައި އުޅޭތީކަމަށް ބުނެލިއެވެ. ހުރިހާ ފިރިހެންވެރިންވެގެން މާ ގައިގޯޅިވީމަ އޭނަ ވަރަށް ރުޅިއައިކަމަށާއި ރަފްހާން ތަފާތުކަމުން އުފާވާކަމަށް ބުނެލިއެވެ. ވާހަކަދައްކަމުންގޮސް އާވާ ރަފްހާން ގާތުން ވައުދުކުރުވީ އަބަދަށް މިގޮތަށް ދުރުން އުޅުމަށެވެ. އަތުގައި ހިފާލުމުގެ ހުއްދަ ދެވިދާނެ ކަމަށާއި އިތުރަށް މަޖުބޫރުނުކުރަން އޭނަ އެދުނެވެ. އަދި އެގޮތަށް އޭނަ ވައުދުކުރުވި ސަބަބު ބަޔާންކުރަން ދަތިވަނީ މުސްތަގުބަލުގައި ވެދާނެގޮތެއް ނޭގޭތީކަމަށާއި އެކަމަކު ކޮންމެފަދަ ގޮތެއްވިޔަސް ރަފްހާންއަށްޓަކާއި ހިތް ތައުރީފުކުރާނެކަމަށް ބުނަމުން އާވާ ރަކިގޮތަކަށް ހީލައިފިއެވެ. އާވާއަށް އޭނަގެ ހަގީގަތް ހާމަކޮށްފިއްޔާ ރަފްހާން ދެކޭނެގޮތެއް ނެގުނީއެވެ. އޭނައާއި ކުޑައިރު ދިމާވިކަންތައް އެނގުމުން ރަފްހާން ފޫހިވެސްވެދާނެއެވެ. އެހެންނޫނަސް އާވާއަށް އަމިއްލަ ނަފުސަށް އިތުބާރެއް ނުކުރެވެއެވެ. ރަފްހާންއާއި އެކީގައި އަބަދަށް އުޅެވިދާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ.
އާވާ އަމިއްލައަށް އޭނައަށް އިތުބާރުކޮށްފައި އޭނަ ގާތުގައި ހުރިހާ ވާހަކައެއް ހިއްސާކުރާނެ ދުވަހަކަށް ރަފްހާން އިންތިޒާރުކުރެއެވެ. ސަބަބު ރަގަޅަށް އެނގިހުރެ ރަފްހާން އިތުރު ސުވާލެއް ނުކުރި ސަބަބަކީ އެއީއެވެ. އޭނަ އާވާއަށް ވަގުތުދޭނެއެވެ. އިންތިޒާރުވެސް ކުރާނެއެވެ. ކެތްތެރިކަމަކީ ދުނިޔޭގައި ލެއްވި ސިފައެއްކަން ރަފްހާންގެ ދިރިއުޅުމަށް ބަލާލި މީހަކަށް ޔަގީންވެގެންދާނެއެވެ. މިވީހާތަނަށް ރަފްހާންވަނީ ރުޅިގަދަވާން ޖެހޭ ކިތަންމެވަގުތު އޭނަގެ ނަފުސް މައިތިރިކޮށްފައެވެ.
ނުވައެއްޖަހަން އުޅެނިކޮށް ފަހަރަކު މީހަކު ހޭލައިގެން ކޮފީ ހެދުމާއިގެން އުޅެގަތެވެ. ނާސްތާއަށްފަހު އެންމެން އެރީތި މޫދާއި ގޮނޑުދޮށުގައި އުފާކުރަމުން ދިޔައިރު އާވާ އުޅުނީ މުޅިންވެސް ރަފްހާންއާއި އެކުގައެވެ. އާވާ ބޭނުންވީ ނެތް ގުޅުންވެސް އޮތްކަން އެހެން މީހުންނަށް އަންގާށެވެ. ޚާއްސަކޮށް އާނީއާއި ޔާކިންއަށް އެމީހުން ހީކުރާވަރަށްވުރެ ރަފްހާންއާއި އޭނަގެ ގާތްކަން އަންގަން ހިތް ބޭނުންވިއެވެ. ޔާކިންއާއި އާނީގެ ނިޔަތާއިމެދު އޭނައަށް ޝައްކުތަކެއްވީއެވެ. އާވާ ރަފްހާންގެ އަތުގައިވެސް ހިފާލައެވެ. މެޓާތަކާއި ޗޮކްލެޓެއް ލިބުނަސް ރަފްހާންއަށް ގޮވާފައި ދެއެވެ. ހީލާފައި ރަފްހާންގާތު ކޮންމެވެސް އެއްޗެއް ބުނެލާނެއެވެ. އާވާ ހޮވި ބޮލިއެއް ދައްކާލާފައި ދެމީހުން އެކީގައި ސެލްފީއެއް ނެގިތަން ފެނިފައި އާނީއަށް ނުރޮވުނީ ކިރިޔާއެވެ. އިއްޔެ ހަލަންޏެއް ފަދައިން އުޅުނު ކުއްޖާ އިންނަނީ މާ މޮޅިވެރިވެގެން އެކަނިމާ އެކަނިއެވެ. އެމަންޒަރު ފެނިފައި ރަފްހާން ކޮންމެވެސް ވަރަކަށް ހަމްދަރުދީވިއެވެ. ސަބަބުވެސް ވިސްނުނެވެ. އޭނަ ހީކުރީ އާނީ ތަންކޮޅެއް ބޮޑުވީމަ އެގޮތްތައް ބަދަލުކުރާނެ ކަމުގައެވެ. ދެބެންގެ ދެދަރިކުއްޖަކާއިމެދު ރަފްހާންއަށް އެނޫން ނަޒަރަކުން ދެކުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމަވެސް އާނީ ބަދަލެއް ނުވިއެވެ. އޭނަގެ ދުޢާއަކީ އާނީގެ ހިތް އެހެން ފަރާތަށް ދެވުމެވެ.
އާވާ ނާޒްގެ ކްލިނިކަށް ދިޔައީ އޭނައާއި ދިމާވެގެން އުޅޭކަންތަކަށް ހައްލެއް ހޯދަން ކޮންމެހެންވެސް ބޭނުންވާތީއެވެ. ރަފްހާންގެ ސަބަބުން މިހާރު ކޮންމެހެންވެސް އޭނަގެ ބިރުތަކުން ސަލާމަތްވާން ބޭނުމެވެ.
"ޑޮކްޓަރ ނާޒް، އަޅުގަނޑު ބޭނުން ރަގަޅު ބޭހެއް، ކުރީފަހަރު ދިން ބޭސް އުކާލެވުނީ، ހީވަނީ އޭގެ ސައިޑް އިފެކްޓްތައް ގިނަކަމުން ގެއްލުމެއް ވެދާނެއޭ، އެހެންވެ ބިރުން ކާން ނުކެރިގެން އެހެން ކަންތައްކުރީ، އައިމް ސޮރީ....." އާވާ އިނީ ނާޒްގެ މޫނަށް ބަލަން ނުކެރިފައެވެ.
"އެފަހަރު ދިނީ އާވާ ނުނިދިގެން އުޅޭތީ ދީފައި ހުރި ބޭހެއް، އެއިން އެހާ ގެއްލުމެއް ނުވާނެ، އާވާ ގަވާއިދުން ނަމާދުކޮށް ދުޢާކުރަންތަ؟ " ނާޒް އަހާލައިފިއެވެ.
"ނޫން، އޮނެސްޓްކޮށް ބުނަންޏާ ނުކުރެވޭ، ވާގޮތަކީ ވުޟޫ އެތައް ފަހަރު ކުރީމަ ޔަގީންކަން އޮންނަނީ، އަނެއްކާ ނަމާދުވެސް އެގޮތަށް ވާތީ...." އާވާ އެވާހަކަ ބުނަން ޖެހިލުންވިއެވެ. ނަމާދުކުރުމަށް ދައްކާނެ އެއްވެސް އުޒުރެއްނެތް ކަމަށް ބުނެ ނާޒް ދެއްކި ވާހަކަތަކުން އާވާގެ ސިކުނޑި ހޭލަން ފެށިއެވެ. ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކުރަން ނާޒް ވިސްނައިދިނެވެ. ޑޮކްޓަރެއްގެ ގޮތުން އޭނަ ބުނެދިން ވާހަކަތަކުގެ އިތުރުން ނާޒްގެ ދީނީ ވާހަކަތަކުން އާވާގެ ސިކުނޑިއަށް ބޮޑު އިންގިލާބެއް ގެނައެވެ. ނާޒް އާވާ ކިޔާލަންދިން ފޮތަކީވެސް އާވާ އަމިއްލަ ނަފުސަށް އިތުބާރުކުރަން އެހީތެރިވެދޭނެ ފޮތެއް ކަމުގައި ނާޒް ބުނެލިއެވެ.
ރަފްހާން އޭނަގެ ބައްޕަގެ އަލަމާރިން ފެނުނު ފްރޭމަކަށް ބަލަން އިރުކޮޅަކު ހުރެލިއިރު މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ބައްޕަވަނީ އޭނަގެ މަންމަ އޭނައާއި ޔާކިންއާއި އެކީގައި ނަގާފައިވާ ރީތި ތަސްވީރު ފްރޭމަކަށްލާފައި ރައްކާކޮށްފައެވެ. ޔާކިންއަށްވެސް މި ތަސްވީރު ފެނިފައިވާނެކަމެއް ނޭގެއެވެ. އެ ފޮޓޯއިންވެސް މަންމަގެ އަޅިދެލޮލުގެ ރީތިކަން ފާހަގަކުރެވެއެވެ. އޭނަގެ މަންމަގެ އެންމެ ރީތި ސިފައަކީ އެލޮލުގެ ކުލައެވެ. މަންމަ މިހާރު ދުނިޔޭގައި އުޅޭބާވައެވެ. އުޅެނީ ކޮން ތަނެއްގައި ހެއްޔެވެ؟ ބޮޑުދައިތަ ދެއްކި ވާހަކައަށްފަހު ރަފްހާން ބޭނުން ނުވިޔަސް ގިނަގިނައިން މަންމައާއިމެދު ޚިޔާލުކުރެވެއެވެ.
"ދަރިފުޅާ....." އަމީން ފާޚާނާއިން ނިކުތްއިރު ރަފްހާން ހުރީ ކުޑަދޮރުން ބޭރަށް ބަލާށެވެ.
"އާނީ ބަލިވެގެން އެޑްމިޓްކޮށްފައޭ އޮތީ، ބޮޑުދައިތަ ބުނާގޮތުން އާނީގެ ހިތުގެ މައްސަލައެއް ހުރެގެން ޑޮކްޓަރވަނީ އެކުއްޖާ ގެ ހިތުގައި ނުޖައްސާ ބަލައިގެން ގެންގުޅެން އަންގާފައި...." އަމީން ރަފްހާން ގާތުގައި ސީދާ މައުޟޫއަށް ދާކަށް ބޭނުމެއް ނުވިއެވެ.
"ތަންކޮޅެއްކުރިންވެސް އެހެން ކިޔާ ހަނދާނެއްވޭ، މިހާރު މާބޮޑަށް ބަލިވީކަން ނޭގޭ....." ރަފްހާން ދެރަވިއެވެ. ހުރީ ބައްޕަގެ ގާތުގައި މަންމައާއި ބެހޭގޮތުން ސުވާލުކުރާށެވެ. ނަމަވެސް ބައްޕަގެ މާޒީގެ ސަފުހާތައް އަލުން ހުޅުވާ ބައްޕަގެ ސިކުނޑިއަށް އުދަގޫކުރުމުގެ މާނައެއްނެތްކަން ނޭގެއެވެ. އަމީން ކޮންމެވެސް ވަރަކަށް އާނީގެ ވާހަކަދައްކާފައި ބޭރަށް ގެންދަން އެމީހުން ޚިޔާލުކުރާތީ އެކަމާއި އެހީއެއް ވާން ރަފްހާންގާތުވެސް އެދުނެވެ. ފައިސާގެ އެހީއެއް ވީވަރަކުން ދޭން ރަފްހާން މިހިރީ ތައްޔާރަށެވެ.
އާވާ ފިނިފެންމާ ބިންނަން ހުރިއިރު މިއަދު އޭނަގެ މޫނުމަތިން ފެންނަނީ އެހެން ދުވަހާއި ތަފާތު ތާޒާކަމެއް މޫނުމަތިން ފެނެއެވެ. ރޭގައި އޭނައަށް ރަގަޅަށް ނިދާލެވުނެވެ. އެއްފަހަރު ބިރުވެރި ހުވަފެނެއްގައި އޮވެފައި ހަޅޭއްލަވައިގަތުމުން ރަފްހާންއަށް ހޭލެވުނުކަން އޭނައަށް އެނގުނެވެ. ރަފްހާންގެ އަރާމު ނިންޖަށް ހުރަސް އެޅުނުކަމަށްޓަކާ އޭނަ ކުޑަކޮށް ލަދުގަތެވެ. ނަމަވެސް ރަފްހާން އޭނަ ހިތްހަމަޖައްސައިދޭން ވާހަކަދެއްކުމުން ހިތަށް އުފާވެރިކަމެއް ލިބުނެވެ. ހެނދުނުވީއިރުވެސް އެ އުފާވެރިކަން އޭނަ ވަށާލާފައިވެއެވެ. އާވާ ނޭގިނަމަވެސް ކިޔަން ފެށުނީ ލޯބީގެ ލަވައެކެވެ. ކުއްލިއަކަށް އާވާގެ ތުންފަތުގައިވާ ހިނިތުންވުން ފިލައިގެން ދިޔައީ މީހަކު ހީގަތް އަޑުއިވިފައެވެ.