އެއާއިއެކު އެކުއްޖާގެ އަނގަމަތީގައި އެޅި އަތް ދަމައިގަނެވުނީ އަތުގެ ކުޑަ އިނގިއްޔަށް ވީ ތޫނު ތަދެއްގެ ސަބަބުން ސިހިފައެވެ. ތޫނު ދަތްތަކެއް ވައްދާލި ގޮތަށް ޔާކިންގެ އަތުން ލޭ އަރުވާނުލީ ހަމަކިރިޔާއެވެ. އެކުއްޖާ އުދުހިފައި ކަހަލަ ގޮތަކަށް ގޮސް ކާކޮޓަރީގެ އަނެއް ފަރާތު ބިތަށް ލެނގިލީ ދުއްވައިގަތް ބޮނޑީގައި ހޫނު ކޮފީތަށި ބަންޑުންކޮށްލާފައެވެ. ޔާކިން ލައިގެން ހުރި ސޯޓުގައި ކޮފީ ލައްތަކެއް ޖެހުނެވެ. ޔާކިން ހައިރާންވިއެވެ. މިހާ ތަފާތު އަންހެންކުއްޖަކު އޭނަގެ އުމުރު ދުވަހުވެސް ދެކެފައެއް ނުވެއެވެ. ކުޑަކޮށް ސިއްސުވާލީމަ ޝޮކަކަށްގޮސް މިވަރު އަރުވާލަން ހަމަ ޖެހޭ ހެއްޔެވެ؟ 

"ތިއީ ކާކުތަ؟ ނަސީބެއްނު އެހެން ތަނެއްގައި ދަތް ނޭޅިކަން......" ޔާކިން ނިކަން ފަރުވާތެރި ކަމާއިއެކު އާވާގެ ބޮލުންފެށިގެން ފަޔާއި ހަމަޔަށް ބަލާލައިފި އެވެ. އަޅައިގަންނަފަދަ ގޮތެއް ހުރި އަންހެންކުއްޖެކެވެ. ހާދަ ބޮޑުދެލޮލެވެ. އެ ލޮލުން ތީރުތައް އުކާފަދައެވެ.

"އާވާ، ކަމެއްނެތި ތިހެން ނުހުރެ ހިއްކަން އަޅުވާފައި ހުރި ހެދުންތައް ނަގަން ދޭބަލަ......" މާހްޖަބީންގެ އަޑު ފަހަތުން އިވުނެވެ. އޭނަ އެހެން ބުނެލީ އާވާގެ ލޮލުން އެވަގުތު ފެނުނު ބިރުވެރިކަމެއްގެ ސަބަބުން ޔާކިންގެ ފަރާތުން ގޯނާއެއް ކުރިމަތިވީހެން ހީވެފައެވެ. އާވާ ސަލާމަތްކޮށްދިނުމުގެ ބޭނުމުގައެވެ. ރަފްހާންއަށް ކުރާ އިތުބާރު ޔާކިންއަށް ކުރުމަކީ މާހްޖަބީން އަކަށްވެސް ފަސޭހައެއް ނޫނެވެ. ޔާކިންގެ ހުންނަ މިޒާޖުގެ ސަބަބުން އޭނަގެ ފަރާތުން އަންހެންކުއްޖަކަށް ކޮންމެފަދަ ނޭއްގާނިކަމެއްވެސް ކުރިމަތިވެދާނެއެވެ. އާވާ ބާރުބާރަށް ނުކުމެގެން ދިޔުމުން ޔާކިން ހިނިއަންނަ ގޮތްވިއެވެ.

"ހާދަ ޔަންގް މެއިޑެކޭ...." ޔާކިން ފްރިޖް ހުޅުވާލަމުން ކާއެއްޗެއް ފެނޭތޯ ހާވަންފެށިއެވެ. ކަމުދާކަހަލަ އެއްޗެއް ނުފެނުމުން ތަބީއަތު ޚަރާބުވާގޮތްވިއެވެ.
"މެއިޑެއްނޫން، މަންމަގެ ދައްތަގެ ދަރިއެއް، ނަމަކީ އާވާ....." މާހްޖަބީން މޭޒުމަތި ސާފުކުރަންފެށިއެވެ.
"ރިއަލީ؟" ޔާކިން ޝައުގުވެރިވި ކަހަލައެވެ. މާހްޖަބީންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފި އެވެ. އަމީންގެ ދެ ދަރިންނަށް ވިޔަސް ރަފްހާން އާއި ޔާކިންގެ މިޒާޖު ހާސްބައި ތަފާތެވެ. މާހްޖަބީންވެސް އޭނަގެ ދަރިއަކާއި ޔާކިން ގުޅުވަން ގަބޫލެއް ނުވާނެއެވެ. މީހަކާއި އިނދެގެން އުޅެވޭނެފަދަ ހަރުދަނާ އެއްވެސް ސިފައެއް ޔާކިންގެ ނެތެވެ. ސާދަ ފަނަރަ އަހަރު ކުއްޖެއްގެ އުޅުމެވެ. ވީޑިއޯ ގޭމްކުޅެން އިށީންނަ މީހާ ހަތަރުދަން އެކަމަށް ހުސްކޮށްފާނެއެވެ. ކިޔަވަން އުޅުނުއިރު މުޅިން ހެދީ މަކަރެވެ. ދެދުވަހުން އެއްދުވަހު ބެލެނިވެރިޔާ ސްކޫލަށް ދަމަން ނުޖެހޭ ދުވަހެއް ނާދެއެވެ. ދޭތެރެއަކުން ހުންނާނީ ސަސްޕެންޑްކޮށްފައެވެ. މުދައްރިސުންނާއި ދިމާލަށް ހިތަށް އައިހާ އެއްޗެއް ކިޔާ ދުއްތުރާ ކުރާ ވަރުން އެމީހުންވެސް ތިބީ ޔާކިންގެ ފަރާތުން ސަލާމަތް ނުވެވިފައެވެ.

"ދޮންބެ ގެ ކައިވެނި ހަމަޖެހިފައިވަނީ އާވާ އާ، ދޮންބެ ނުބުނޭތަ؟" މާހްޖަބީންގެ އެ ޖުމްލައާއި އެކު ޔާކިންގެ ނިތްކުރިއަށް ރޫތަކެއް އަރައިގެން ހިނގައްޖެއެވެ. އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރަން ޔާކިންގެ ހިތްދެކޮޅުހެދިއެވެ.

މާހްޖަބީން ޔާކިން ގާތު ހަގީގަތެއްނެތް ވާހަކައެއް ދައްކާފައި އަވަސްވެގަތީ ރަފްހާން ހުރިތަނެއް ހޯދާށެވެ. ޔާކިން ކުޑަކޮށް އާވާއަށް ގޯނާކުރަން އުޅުނީމަ ދޮންބެއާއި އިންނަން އުޅޭ ކުއްޖާކަމަށް ބުނެ ޔާކިންއަށް އޮޅުވާލިކަމަށް ދޮންމަންމަ ބުނުމުން ރަފްހާންއަށް މަޖާވިއެވެ. އެބުނާހެން ގެއަށް ގެނައި ގެންގުޅޭކުދިންނަށް ޔާކިންގެ ފަރާތުން ދުއްތުރާ ފޯރިކަން ރަފްހާން ދަނެއެވެ. އާވާފަދަ ކުއްޖަކު ޔާކިންގެ ފަރާތުން ސަލާމަތްކުރަން މަންމަ އެހެން ބުނެލިކަން އެންމެ ރަނގަޅެވެ. ދޮންބެ އިންނަން އުޅޭ ކުއްޖާއޭ ބުނުމުން ދުނިޔޭގެ ލަދަށް ދުރުން އުޅެފާނެކަން ނޭގެއެވެ.

މާހްޖަބީން އާވާ އާއިވެސް ވާހަކަ ދެއްކިއެވެ. ޔާކިންގެ އުޅުން ހުންނަގޮތުން އާވާއަށް އުނދަގޫކޮށްފާނެތީ ޔާކިން ގާތު އެހެން ބުނީ މަސްލަހަތަށް ބަލާފަ ކަމަށާއި އާވާ ފަރުވާތެރިވެގެން އުޅެން މާހްޖަބީން އެންގިއެވެ. އެދުވަހު މާހްޖަބީން އާވާ ތިރީ ކޮޓަރިއަކަށް ބަދަލުކުރިއެވެ. އަންހެންދަރިންގެ އިއްފަތްތެރިކަމާއި ރައްކާތެރިކަމާއި މެދު އޭނަ ވިސްނަން ފަށާފައިވަނީ މީޑިއާތަކުން އެކަން ސަމާލުކަމަށް ގެންނަވަރުންނެވެ. އޭނަ ނާޔާ ބަލާ ބޮޑުކުރީ މީހެއްގެ ފަރާތުން އުދަގުލެއް ކުރިމަތިވިޔަ ނުދީއެވެ. އާވާގެ ދޮންމަންމައަކީ ރަނގަޅު އަންހެނެކެވެ. އާވާވެސް އެފަދަ ގޮތެއްގައި ބަލާބޮޑުކޮށްފައިވާނެ ކަމުގައި މާހްޖަބީން ޔަގީންކުރެއެވެ. ރަށުގެ ގަދަރުވެރި އާއިލާއެއްގެ މީހަކާއި އާވާގެ ބައްޕަ ކައިވެނި ކުރުމުން މާހްޖަބީންއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީއެވެ. ބުރުގާ އަޅާފައި ތިބި ރަނގަޅު އާއިލާއެއްގެ ބަޔަކަށްވީ ހިނދު އަންހެން ކުދިން ތަރުބިއްޔަތު ކުރަން އެނގޭނެއެވެ.

ކްރިމްސަންވިލާގެ ތިރީބައިގާ ހުންނަނީ ހަތަރުކޮޓަރިއެވެ. އެއްތަނަކީ އަމީން ކުރިން އޮފީހެއްގެ ގޮތުގައި ބޭނުންކުރި ބަޔެކެވެ. ތަންކޮޅެއް ބޮޑުކޮށް ހަދާފައި ހުންނަ މާސްޓަރ ބެޑްރޫމްގައި އުޅެނީ އަމީންގެ ދެމަފިރިންނެވެ. އަނެއް ކޮޓަރީގައި ނާޔާ އުޅޭއިރު އެންމެ ކުޑަކޮޓަރި ބޭނުންކުރީ ގުދަނެއްގެ ގޮތުގައެވެ. އެތަންކޮޅު ސާފު ކުރުވާފައި އާވާ ހުންނަން ހަމަޖައްސާދިންއިރުވެސް މާހްޖަބީންގެ ޚިޔާލުގައިވަނީ އޭނަ ގެއިން ދިޔުމުގެ ކުރިން އާވާގެ ކައިވެނި ކުރުވުމެވެ. އޭރުން އޭނަ އިތުރަށް ވިސްނަން ޖެހޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ.

ހޫނުގަދަ ދުވަހަކަށް ވާތީ ދޮރުގެ ބިއްލޫރިތައް ފުރާނާލާފައި އިރުގެ ދޯދިތަކުން ކޮޓަރި އަލިކޮށްލާފައިވެއެވެ. ދޮރުތަކުގައި ފޮތި ދަމާފައި ނެތުމުން އާވާ ބޭނުން ވަރަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ބޭރުން މީހަކު އައިސް ބަލާލިޔަސް ކޮންމެވެސް ވަރަކަށް އެތެރެ ފެންނާނެކަން ނޭގެއެވެ. އެހެންނޫނަސް އެނދުގެ ތަންދޮށަށް ކޮށްޕާފައިވާ ފޮށިގަނޑުތަކުން ފެށިގެން އަލަމާރީގެ މައްޗަށް ބަރިބަރިއަށް ޖަހާފައިވާ ދަބަސްތަކާއި ފޮށިތައްވެސް ލޮލު ކުނިކޮޅަކަށްވެގެން އާވާއަށް އުދަގޫކުރިއެވެ. ކޮޓަރި ކިތަންމެ ރީތިކުރިޔަސް އެތަން ހީވަނީ ގޮނޑެއްހެނެވެ.

"މިރޫމް ވަރަށް ފޫހި، މިވަރަށް ސާފުކޮށްލީމަވެސް ހީވަނީ ގުދަނެއްގައި އުޅެވޭހެން، އެކަމަކު ތިރިއަށް އައީމަ ރައްކާތެރިކަން އިހުސާސްކުރެވޭ، މަތީގައި ބޯއިސްއިންނާއިއެކު އުޅެން ޖެހުނުނަމަ އަހަންނަށް އެންމެ ރެއަކުވެސް ނިދާނުލެވޭނެކަން ޔަގީން، މިހާރުވެސް ރަގަޅަށް ނިދެނީއެއްނޫން، ކޮންމެގޮތެއްވިޔަސް މާތް ﷲ މިންވަރުކުރެއްވި ގޮތާއިމެދު ރުހެން ޖެހޭނެ، ރީތި ތަނެއް ނޫން މިވަގުތު މުހިއްމުވަނީ، ސަލާމަތުން ދުނިޔޭގައި ހުރުން........" އާވާ އެނދުގައި އޮށޯވެލައިގެން އޮތްއިރު އެތައް އެއްޗެއް ހިތަށް އަރާ ފޭބިއެވެ.

ރަފްހާން ކޮފީތަށި ހިފައިގެންގޮސް ޖޯލީގައި ޖައްސާލިއިރު ޔާކިން ބާސްކެޓް ބޯޅަ ދާގަނޑަށް އަމާޒުކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެކި ވާހަކަދައްކަމުން ގޮސް ޔާކިން ފެށި މައުޟޫއަކުން ރަފްހާންގެ މޫޑު ގޯސްވާގޮތްވިއެވެ. ރަފްހާން އިންނަން އުޅޭ އަންހެންކުއްޖާ ގޭގައި ބެހެއްޓުމުގެ ހުއްދަ އޮތްއިރު އޭނަ އަންހެންކުދިން ގެއަށް ގެނައުމުން މައްސަލައަކަށްވާންވީ ސަބަބެއް އޮޅުން ފިލުވަން ޔާކިން ބޭނުންވީއެވެ. ރަފްހާން އިނީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. ކޮއްކޮގެ އުޅުން ހުރިގޮތާއި މެދު ދެރަވެ ވިސްނާދޭން މަސައްކަތްކުރުމުން އޭނަ ގިނަފަހަރު ރުޅިއަންނަނީ ރަފްހާން ދެކެއެވެ.

"ޔާން ސީރިޔަސްކޮށް މީހަކާ އިންނަންތަ ތިއުޅެނީ؟ "ރަފްހާން ކޮށްލީ ސުވާލެކެވެ.
"ގާލްއެއް ގެއަށް ގެންނަން ކަމަށް މިއުޅެނީ، ކައިވެންޏާއި ހަމަޔަށް ދާނީ އޭގެ ފަހުން، ފުރަތަމަ އެކީގައި އުޅެ ދަސްކުރަން ވާނެއްނު، ނޫނީ މެރީ ކުރީމަ ވަގުތުން މައްސަލަޖެހެން ފަށާފާނެ، އެންމެ ކުރިން ބަލަން ޖެހެނީ ބެޑްރޫމްގައި ދެމީހުންގެ ގުޅުން އޮންނަގޮތް، އެބައި ރަގަޅު ނޫނިއްޔާ މެރީކުރުމުގެ މާނައެއްނެތް، ދޮންބެވެސް އެހެންވީމައެއްނު މިހުރިހާދުވަހު އެކުއްޖާ ގެނެސް އެކީގައި ނިދީ...." ޔާކިން ބޯޅަ އަތުތެރޭގައި އަނބުރާލަމުން އެއް ލޯމަރާލިއެވެ. ރަފްހާންގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފެނިލިއެވެ. އަބަދުވެސް ޔާކިންއާއި ވާހަކަ ދައްކަން ވެއްޖެއްޔާ ރަފްހާން ޖެހެނީ ކެތްތެރިވާށެވެ. ކޮންމެފަދަ އެއްޗެކޭ ކިޔަންވެސް ޔާކިން ފަހެއް ނުޖެހޭނެއެވެ.
"ތިހެން ބުނީ ކާކުތަ؟ " ރަފްހާން ޔާކިންގެ މޫނަށް ބަލާލިއެވެ.
"ނަންނި، އެހެންނޫނަސް އަހަންނަނީ ގަމާރެއްތަ؟ މިހުރިހާ ދުވަހު އާވާ އުޅުނީ މަތީ ރޫމެއްގައި، ދޮންމަންމަ އަހަންނަށް އޮޅުވާލަންވެގެން އާވާ ތިރިއަށް ބަދަލުކުރީ މިއަދު، އަހަރެންދެކެ ދޮންމަންމަވެސް ބިރުގަނޭތަ؟ އަޖައިބެއް، އެންމެ ހެއްވާ ތަންކޮޅަކީ މިހުރިހާ ދުވަހު ދޮންމަންމަ އެހެރީ ދޮންބެއަކީ ސެއިންޓަކަށް ހަދައިގެން ކަމަށް ވާތީ، ދޮންބެއާއިއެކު އާވާ ބެހެއްޓީ ދޮންމަންމައަށް ހާދަ ގެރެންޓީ އޮތީމައޭ، އަހަރެން އައީމަ ޕެނިކީ ވެގަތް ވަރު އެހެރީ....." ޔާކިން ހޭންފެށިއެވެ.
"ނަންނި ބުނީ ރަގަޅަކަށް ނޫން، ދޮންބެއާއި އާވާގެ ތިބުނާފަދަ ގުޅުމެއް ނޯންނާނެ..." ރަފްހާންގެ ހިތަށް ނުބައި އަސަރުތަކެއް ކުރިއެވެ. ނާޔާ އެހާ ޅަކޮށް އުޅެމުން ޔާކިން ގާތު އެފަދަ ވާހަކައެއް ދައްކަފާނެކަން ގަބޫލުކުރަން ދަތިވިއެވެ. ނޫނީ ޔާކިން އަމިއްލައަށް ހަދައިގަތް ވާހަކައެއް ހެއްޔެވެ؟ ރަފްހާންގެ ކާރިން ހަގީގަތް ދެނެގަންނަން ވެގެން ކޮންމެފަދަ އެއްޗެކޭވެސް ޔާކިން ކިޔާފާނެއެވެ. މަންމައެއްގެ ތަރުބިއްޔަތު ނުލިބި ބޮޑުވުމުން ޔާކިން އެހެރީ މަގު ގެއްލި ހަލާކުވެފައެވެ. ބައްޕަވެސް ޔާކިންގެ ކަންތަކާ އެހާ ވިސްނައެވެ. ނަސޭހަތްދިނަސް އެކުއްޖާ ގަބޫލުކުރާގޮތެއްވެސް ނުވެއެވެ.

"ދެން ޕްލީޒް ނުބުނާތި ޔޫ އާ ގޭއި އޭ، އަހަރެން ކޮންވިންސް ކުރުވަން ދޮންބެ ކިޔާފާނެވިއްޔަ ކޮންމެފަދަ އެއްޗެކޭވެސް........" ޔާކިން ހިނިގަނޑެއް ޖަހާލާފައި ތަންކޮޅެއް ދުރުގައި ހުރެފައި ދާގަނޑާއި ދިމާލަށް ބޯޅަ ފޮނުވާލިއެވެ. ދާގަނޑަށް ބޯޅަ އޮއްސުނުތަން ފެނިފައި ޔާކިން އެއްމިޔަކަނުން ހީލައިފިއެވެ.

ސްކޫލް ދަތުރެއްގައި ނާޔާ މޫދަށް ގެނބިގެން ލޮނު ބޮވިގެން ހޮސްޕިޓަލަށް ގެންދިޔަކަން އާވާއަށް އެނގުނީ އިރުއޮއްސުނު ފަހުންނެވެ. މަންމަ ގުޅާފައި ބުނީ ނާޔާގެ ހާލު ރަގަޅު ކަމަށާއި އެކަމަކު މިރޭ އެޑްމިޓް ކޮށްފައި ބާއްވަން ޑޮކްޓަރު އަންގާފައިވާ ކަމަށެވެ. އާވާ އެކަނި ގޭގައި ހުންނަން ޖެހުމުން މަންމަ ވިސްނާނުލަނީ ބާވައެވެ. އޭނަވެސް ބޭނުންވީ ހޮސްޕިޓަލަށް ދާށެވެ.
"އާވާ ގޭގައި މަޑުން ހުރެބަލަ، ޔާކިންވެސް ވީ ފްރެންޑުންނާއިއެކު އޯވަރ ނައިޓަކަށް ގޮސްފައޭ، ރަފްހާންވެސް މިހާރު ގެއަށް އަންނަން އުޅޭނެ، ކޮންކަމަކާ އާވާ ހާސްތިވަނީ؟ " މާހްޖަބީން ހިތްހަމަނުޖެހިގެން ވާހަކަދައްކަން ފެށުމުން އާވާއަށް ރޮވޭގޮތްވިއެވެ. ނަމަވެސް ފަހުން ވިސްނާލާފައި ހަމަޔަކަށް އެޅުނެވެ. ޔާކިން ނާންނާނެކަން ޔަގީންވެފައި ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބިއްޖެއެވެ.

ނާޔާ ގެއަށް ފޮނުވާލުމުން ވަރަށް މަޖާވެލާފައި އައިސް އާވާގެ ގާތުގައި އޭނައަށް ލޮނުބޮވުނުގޮތް ކިޔާދިނެވެ. މާ ރީތި ފިރިހެންކުއްޖެއް ލައްވާ އޭނަ ސަލާމަތް ކުރުވަންވެގެން ތަންކޮޅެއް ބޭރަށްދިޔައިމަ ރަގަޅަށްވެސް ލަނޑު ލިބުނީއެވެ. ނާޔާ އުއްމީދުކުރިގޮތަށް އެފިރިހެންކުއްޖާ ސަލާމަތްކޮށްދޭން އައެވެ. 

"އައި ލަވް ދެޓް ފީލިން، ސްޓްރޯންގް އާމްސް އެރައުންޑް މީ..." ނާޔާ ކޮފީފޮދެއް ބޯލަމުން ކުޑަކޮށް ހިނިތުންވެލިއެވެ.
"އެއީ ރަގަޅުކަމެއް ނޫން ނަންނި، ތިއީ އަދި ކުޑަކުއްޖެއްނު، މީހަކު ކެއްސެއްދީފާނެ...." އާވާ ބުނެލީ ހިތްހަމަނުޖެހިފައިހުރެއެވެ.
"އަވީ އަހަރެމެން މިތިބީ ބޮޑެތިވެފައި، މިއުމުރުގައި ދެން ވިސްނައިގެން އުޅުނީމަ ލަނޑެއް ނުލިބޭނެއްނު، ކޮންޓްރަސެޕްޝަން ހުންނަނީ ކޮންމެވެސް ބޭނުމެއްގައި..." ނާޔާގެ ވާހަކަތައް ހުރިގޮތުން އާވާ ހައިރާންވެ އަންތަރީސްވެގެން އިތުރަށް ކިޔާނެ އެއްޗެއް ނޭގިފައި ހިމޭންކަމާއިއެކު ބަލަން އިނެވެ. އާވާއަށް ވީގޮތް ފެނިފައި ނާޔާ ބާރަކަށް ހޭންފެށިއެވެ.
"ހާސްނުވެބަލަ އަވީ، އެހެން ބުންޏަސް އެހެނެއް ނޫޅޭނަމޭ، މަންމައަށް ކިރިޔާވެސް ބަސްޓްވެއްޖެއްޔާ ޝީ ވިލް ކިލް މީ، އަހަރެންގެ ބޯއިފްރެންޑެއް ހުއްޓަސް އެހިސާބަކަށް ނުގެންދާނަން، އެހުންނަނީ މަނާކަންތައްކަން އަހަންނަށް އެނގޭ، ދީނުގައި ހުއްދަނޫން ކަންތައްތަކާ އަހަރެންވެސް ކާރިއެއް ނުވާނަން.........." ނާޔާ އިތުރު ކޮފީތަށްޓެއް ޖަގުން އެޅިއެވެ. ނާޔާއާއި އާވާގެ އެއްގޮތް އެއްކަމެއްވެއެވެ. އެއީ ކޮފީއަށް ދެވިހިފާފައި ވުމެވެ.

ހަފްތާއެއް ވާންދެން މޫސުން ރީތިކޮށް އޮވެފައި އަނެއްކާ ވިއްސާރަ ހަދާލައިފިއެވެ. މިވިއްސާރައިގައި ކްރިމްސަން ވިލާ ހުރި ހިސާބު ފެންނަނީ އެހެންދުވަހަށްވުރެ ވެސް އަނދިރިކޮށެވެ. ބޯމަތީގައި ނަގަމުންއައި ބޯ ވިލާތަކަށް ކެތްނުކުރެވިގެން ވާރޭ ވެހިގަތްއިރު ޔާކިންއާއި ނާޔާ ތިބީ އަނބުގަސް ކާރީގައެވެ. އާވާ ސިޓިންރޫމްގައި އިންއިރު ވެހޭ ވާރޭގެތެރެއިންވެސް އެދެބެންގެ ހުނުމުގެ އަޑު އިވިލައެވެ. އެންމެފަހުން އާވާގެ ގައިން ހީބިހި ނަގާލީ ނާޔާގެ ތޫނު ހަޅޭކުގެ އަޑު އިވިފައެވެ. ކޮންމެވެސް ގޯހެއް ވެއްޖެކަން ގައިމުވެފައި ތެޅިތެޅިވާ ހިތަކާއިއެކު އޭނަ ދޮރު ހުޅުވާލައިފިއެވެ. އެވަގުތު ގަސްތަކުގެ ތެރެއިން ފެނުނު މަންޒަރަކުން އާވާގެ ގައިގާ ހުޅުރޯވިހެން ހީވިއެވެ. ޔާކިން ނާޔާ އަތްދަނޑިމައްޗަށް އުފުލާލައިގެން ދިޔައިރު ނާޔާ ހެނީކަމެއް ރޮނީކަމެއް އާވާއަށް ޔަގީނެއްނުވިއެވެ. އާވާ ޚިޔާލުކުރީ އެންމެ ނުބައިކޮށެވެ. އޭނަ ދުއްވައިގަތް ބާރުމިނުގައި ގޮސް ޔާކިންގެ ކުރިމައްޗަށް އަރާ ޔާކިން ކޮށްޕާލައިފިއެވެ. އެފަދަ ހަމަލާއަކަށް ތައްޔާރުވެގެން ނެތް ޔާކިންގެ ގައިގާ އެގޮތަށް ޖެހިގަތުމުން ފަހަތަށް ވެއްޓިގެން ދިޔަގޮތަށް އަނބުގަހުގެ މޫގަނޑުމަތީގައި ބޯ ޖެހި ބުރާންތިވާގޮތްވިއެވެ. ނާޔާ ބިންމަތީގައި ޖެހުމާއިއެކު ފުންމައިގެން ތެދުވިގޮތަށް ކޮރުޖަހަމުން އާވާއާއި ދިމާލަށް އައެވެ.

"މޮޔަވީތަ؟ " ނާޔާ އާވާ ކޮށްޕާލަން އުޅުނެވެ.
"އޭނަ އުޅުނީ ކީއްކުރަންތަ؟ " އާވާ ސުވާލުކުރިއެވެ.
"ބެހޭކަމެއްތަ؟ ބަލަ އެއީ މަގޭ ބޭބެއެކޭ، އެވަރު ނޭނގިގެންތަ އައިސް އަހަރެމެން ޖަހާ ސަކަރާތެއްގެ ތެރެއަށް ތިވަދެގަތީ؟ ނޫނީ ހަމަ ޖޭވީތަ؟ ތިމާ އަބަދު ހިތާމަކުރަން އިންނަމީހާ ވީމަ އެހެން ބަޔަކު އުފަލުން އުޅޭތަން ދެކެން ކެތްނުކުރެވުނީކަން ޔަގީނޭ......... " ނާޔާ ރުޅިއައިސްގެން އުކުޅުގައި އަތްވިދެލައިގެން ހުރިއިރު ވާރޭވެސް ހިނދެއް ހިނދެއް ބޯކުރަމުން ދިޔައެވެ. އޭރު ޔާކިންވެސް ތެދުވެގެންއައިސް ރައްކާތެރިކަންދޭފަދަ ގޮތަކަށް ނާޔާގެ ކޮނޑުގައި އަތްބާއްވާ ކާރިކޮށްލައިފިއެވެ. ނާޔާއާއި ޚިލާފަށް ޔާކިން ހުރީ މަޖާވެފައެވެ. ރުޅިއައުމުގެ ބަދަލުގައި އާވާގެ އެ އަމަލުން އޭނައަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އޭނަ އެކަމުގެ ބަދަލުގައި ކޮންމެ ކަމެއްކުރިޔަސް އޭނަ ކުށްވެރިވާނީ ކޮންގޮތަކުން ހެއްޔެވެ؟ ފެށިމީހަކީ އާވާއެވެ. އާވާ ގެ އެ އަމަލަކީ ދިން ދަޢުވަތެއް ކަމުގައި އޭނަ ނިންމިއެވެ.

"ބުނެބަލަ، ކީކޭ ހީކޮށްގެންތަ ޔާންއަށް އެޓޭކް ކުރީ؟ އަހަރެން ވެއްޓިފައި ފަޔަށް ތަދުވީމައޭ ޔާން އަހަރެން ނަގައިގެން ދިޔައީ، ޖެހޭތަ ކަމެއް ހިނގިގޮތެއް ނުބަލާ މީހުންގެ ގަޔަށް ބޮލަށް އަރައިގަންނަން، ޑާޓީ މައިންޑެޑް މީހެއްކަން އަދި ކިރިޔާ މިއެނގުނީ، މާ އިނޮސެންޓް ހެދިގެން ހުންނަ މީހާގެ ސިކުނޑީގައި ހުންނަ ނުބައިކަންތައް މިއޮތް ބޭޒާރުވީ، ބޭބެ ކޮއްކޮގެ ރިލޭޝަނެއް ފެނިފައި ނެތީތަ؟ މަންމަ ރާއްޖެ ތެރެއިން މިކުއްޖާ ގެނައިއިރު ހިތަކަށް ނާރާ މިހާ އަންސިވިލް ވެދާނެއޭ، ވިސްނައިގެން ހުންނާތި....." ނާޔާ ރުޅިވެރިކަމާއިއެކު އެއްޗެހި ގޮވާލިއެވެ. ބޭބެއާއި ކޮއްކޮކަން އެނގިހުރެ އާވާ އެހާ ނުބައިކޮށް ޚިޔާލުކުރީ ހާދަ ގޮތްކުޑަވީމައެވެ. އޭނަ އަބަދުވެސް ޔާކިންއާއި ސަކަރާތް ޖަހައެވެ. ދުއްވާލަން ދެއެވެ. ފަތަން މޫދަށްވެސް ދެއެވެ. މަންމަ ދުވަހަކު އެކަން މަނާކޮށްފައެއްނެތެވެ. 

އާވާ ހުރީ ޖެހި ބުދެއްފަދައިން ހިމޭންވެފައެވެ. އޭނަ ހަގީގަތުގައި އެކަން ކުރީ ނާޔާއަށް ރަގަޅަކަށެވެ. ޔާކިންއަށް އިތުބާރު ނުކުރެވޭތީއެވެ. ނާޔާ އެހެން ބުންޏަސް ނުލަފާ ބޭބެއިންވެސް އުޅެއެވެ. ނާޔާއަށް ނޭގެނީއެވެ. އިންސާނުންގެ ހުރި އަނދިރިފަރާތް އަދި ނުފެންނަނީއެވެ. 

"ސޮރީއޭވެސް ބުނާކަށް ނޭގިފަ ގަބުޅި ދެލޯ އެބަހުރޭ ބަލަން، ފިރިހެނެއްހެން ހީވަނީ...." ނާޔާ އިތުރު ހަމަލައެއް ފޮނުވާލީ ގަސްތުގައި އާވާގެ ހިތަށް ތަދުކުރުމަށެވެ.
"އޯއެމްޖީ، ޔާންގެ ބޮލުން ލޭއޮހެރެނީއޭ، ހާޓްވި ވާހަކަ ނުވެސް ބުނެ ތިހިރީ ހާދަ ގަދަކޮށްލާފައޭ......" ނާޔާ ކުއްލިއަކަށް ޔާކިންގެ މޫނަށް ބަލާލާފައި އަނގަމަތީގައި އަތްއެޅިއެވެ. އޭރު ވާރެއާއިއެކު ބިމަށް އޮހެމުންދިޔަ ލޭތަކުގެ ސަބަބުން އެތާ އޮތް ކުދި ފެންގަނޑުގައި ރަތްކުލަ ޖެހެމުން ދިޔައެވެ. އާވާގެ ހިތަށް އަސަރުކުރިއެވެ. ދެރަވެ މާފަށް އެދެންވެސް ބޭނުންވިއެވެ. އެއީ އޭނަ ޔާކިންއަށް އަނިޔާއެއް ދޭންވެގެން ގަސްތުގައި ހިންގި ޖަރީމާއެއް ނޫނެވެ. ނާޔާ ކާރަކަށް ގުޅަން އުޅެގަތް އިރު ދެލޯ ކަރުނުން ފުރިއްޖެއެވެ. އޭނަގެ ލޯބިވާ ބޭބެ ޔާކިންއަށް މި ހާލު ޖެއްސިމީހަކަށް ދުވަހަކު ހިތްހެވެއް ނުކުރާނެއެވެ.

ޔާކިން އާވާއާއި ކާރިން ލާފައި ދަމުން އާވާގެ ގައިގާ ކުޑަކޮށް އިނގިލިތަކުން ބީއްސާލުމުން އާވާ ސިހުނެވެ. ހިތް ހީވީ ފުންމާލަފާނެހެންނެވެ. ބިރުވެރިކަން ހިތުތެރެއަށް ވަދެގެން ދިޔައީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ސަލާމަތަށް އަތް އުފުލާލެވުނުއިރު މާ ލަސްވެއްޖެއެވެ. ޔާކިން އެކުރިކަމަކުން ބިރާއި ރުޅި އަދި ހިތާމަފަދަ ޖަޒުބާތުތައް އެކުވެ އޭނަގެ ލޮލުން ކަރުނަ އޮހޮރުވާލައިފިއެވެ. އެކަމުން ޔަގީންވީ އެއްވެސް ތަނަކުން އާވާއަށް ރައްކާތެރިކަމެއް ނުލިބޭނެކަމެވެ.

ޔާކިން އާއި ނާޔާ ގެއަށް އައިއިރު ޔާކިންގެ ބޯ ބެންޑޭޖްކޮށްލާފައި ހުރުމުން މާހްޖަބީން ސުވާލުކުރިއެވެ. ޔާކިން ބުނީ ކައްސާލައިގެން ވެއްޓުނީކަމުގައެވެ. ނާޔާވެސް އިނީ ކޮންމެވެސް ސަބަބަކާއި ހެދި ހަގީގަތް ފޮރުވަން ނިންމައިގެންނެވެ. ނާޔާ އާވާދެކެ ރުޅިއައިސްފައިވާ މިންވަރު އެނގުނީ ލޯ އަޅާލި ގޮތަކުންނެވެ. ނަފްރަތުނޫން އެއްޗެއް އެ ލޮލަކު ނުވެއެވެ. ޔާކިންއާއި ނާޔާގެ ސަބަބުން އޭނަ އަށް މިގޭގައި ދިރިއުޅެވިދާނެ ކަމާއިމެދު ޝައްކުވެ އާވާ ބިރުގަންނަ ހިސާބަށް ހިނގައްޖެއެވެ. އެރޭ އާވާ އުޅެ އުޅެ އެއްގޮތަކަށްވެސް ނުނިދިގެން އެންމެފަހުން އޭނަ ކޮޓަރިން ނުކުމެން އައެވެ. ފިކުރުގެ ކަނޑެއްގައި ގެނބިފައި އެކަނިމާ އެކަނި ސިޓިންރޫމްގެ ފަޅުކަން ފިލުވާދޭން އިންއިރު އެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. 

"އާވާ ނިދަން ނުވަދެ ތި އިންނަނީ ކީއްކުރަންތަ؟ އެއޮތް އެގާރަ ޖަހަނީ......" މާހްޖަބީން ނުކުތްއިރު އޭނަ ހުރީ ހުދުކުލައިގެ ދިގު ނައިޓީއެއް ލައިގެންނެވެ. އިސްތަށިގަނޑު އޮމާންކޮށް އައްސާލާފައި އޮތްއިރު ނިކަން ރީއްޗެވެ.
"ނުނިދިފައި މިއިނީ..." އާވާ ކުރު ޖަވާބެއްދިނެވެ.
"އެނގޭ ބިރުންކަން ނުނިދަން ތިއިންނަނީ، އާވާ ތިއީ ކުޑަކުއްޖެއް ނޫނެއްނު، ނާޔާވެސް ނިދަނީ އެކަނި، މިގެއަށް މީހަކު އުނދަގޫކުރާކަށް ނުވަންނާނެ، އާވާ ކުޑައިރު މީހަކު ހަންޑިވާހަކަ ކިޔާ ކިޔާ ބިރުގަންނަވާލާފައި ވަނީތަ؟ ރާއްޖެތެރޭގެ މީހުން ނިކަން ފާޑެއްވާނެ، އަހަރެން ކުޑައިރު މޫސަބެ ކިޔާ މީހަކު ފެންނައިރަށް އެނދު ތަންދޮށަށް ވަންނަން ޖެހުނީ، ބިރުން ފިތްކަނޑައިގެންދާ ވަރުވޭ، އުމުރުން ވަކި ހިސާބަކަށް ދިޔައީމަ ރޭކާ ލީ އެއީ މަންމަމެން އަހަރެމެން ބިރުގަންނަވަން ވެގެން މީހުންގެ ކެރެކްޓަރ ބިރުވެރިގޮތްގޮތަށް ގެނައީކަން، އެއީވެސް އިންސާނުން، އަހަރެމެންފަދަ އެހެން މީހުންދެކެ ބިރުގަންނަންޖެހޭތަ؟ އެމީހުންނަކީވެސް ކުދިން ކާލާ ބަޔެއް ނޫންކަން އެނގުނީ ފަހުން، އާވާ ނިކަން ބޮޑު މީހަކަށް ވެގެން އުޅެން ދަސްކޮށްބަލަ، ނޫނީ ނަފްސާނީ މީހަކަށް ދައްކަންވީތަ؟ " މާހްޖަބީން ހަށަން ބަނދެލައިގެން ހުރިއިރު މޫނުމަތިން އާވާއަށް މިރޭ ފެނުނީ ތަފާތު އަސަރުތަކެވެ.

"އާވާ ބުނެބަލަ، ދޮންމަންމަގެ ގާތުގައި އުޅުނުއިރު އޭނަ ކަންތައްކުރީ ރަގަޅަށްތަ؟ ދޮންމަންމަ ހެޔޮތަ؟" މާހްޖަބީން ފުރަތަމަ ފަހަރަށް އާވާގެ މާޒީއާއި ބެހޭގޮތުން އެއްޗެއް އެނގެން ބޭނުންވިއެވެ.

ކޮމެންޓް 0