އޭރު ދޮރުމަތީގައި ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރީ މާހުޖަބީން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ތާނިޔާ ބުނަންނުވާ އެއްޗެއް ބުނެގެން އެކަން ބޮޑު މައްސަލައެއްގެ ގޮތުގައި މާހުޖަބީން ނެގީއެވެ. ކުޑަކޮށް މޭކަޕްކޮށްލައިގެން ހުރިއިރު ތާނިޔާމެންނާއި އެއް އުމުރުގެ ޒުވާންކުއްޖެއް ފަދައެވެ. އާވާއާއި މަންމަގެ ހަތަރުކަޅި ހަމަވުމާއިއެކު އޭނަ ލޮލުން މަންމައަށް މެސެޖެއް ދިނެވެ. އެވާހަކަ ތާނިޔާ ގާތު ނުބުނަން އޭނަގެ ދެލޯ އާދޭސްކުރިއެވެ. މާހުޖަބީންއަށް ކިތަންމެ ރަގަޅަށްވެސް އާވާގެ ލޮލުގައި ވި އެއްޗެއް ދޭހަވާނެއެވެ.
"ރަފްހާން މެރީޑްތަ؟ " ތާނިޔާ އާވާގެ މޫނަށް ބަލާލިގޮތުން ހީވީ ޔަގީން ކުރަން އުޅުނުހެންނެވެ.
"އާވާއަކީ ރަފްހާންގެ އަނބިމީހާ، އާވާ ކޮންމެހެން ތިކަން ދުނިޔެއަށް ފޮރުވަން އުޅޭނެކަމެއް ނެތް، ކައިވެންޏަކީ ސިއްރު ކުރެވޭނެ ކަމެއް ނޫން، އާވާ އާދެބަލަ......." މާހުޖަބީން އާވާގެ އިހުސާސް ތަކަށް ގަދަރު ނުކުރާކަން ހާމަކޮށްދިނީ އެ އަނިޔާވެރި ޖުމްލަތަކުންނެވެ. އާވާގެ ދެލޮލުން ކަރުނަ ނައިކަމުގައިވިޔަސް ހިތް ރުޔެވެ. އޭނަގެ މަންމަ ކްރިމްސަން ވިލާއަށް އަންނަ ކޮންމެ ފަހަރަކު އޭނަގެ ހިތަށް މިދެނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އޭނަ ތާނިޔާ ގާތުގައި ނުބުނެ އުޅެނިކޮށް މަންމަ ސިއްރު ބޭޒާރުކޮށްލުމުން ތާނިޔާ ދެކޭނެ ގޮތެއްވެސް ނޭގެއެވެ. ޔާކިން ކާކޮޓަރިއާއި އަރާހަމަވީއިރު ދޮންމަންމަގެ ޖުމްލަތައް އިވިފައި މަޖާވެލާފައި ދޮރުކަނީގައި އަތް ވިއްދާލިއެވެ. ތާނިޔާ ދެލޯ ބޮޑުކޮށްލައިގެން ހުރީ ޝޮކެއްގައެވެ.
ތާނިޔާއާއި ދިމާލަށް އިސްއުފުލާ ބަލާނެ ހިތްވަރެއް ނުލިބި ހުރި އާވާ އޭނަގެ މަންމަ ފަހަތުން ދާން ހިނގައިގަތެވެ. މާހުޖަބީން ބާރުބާރަށްގޮސް މަޑުކޮށްލީ އަނބުގަހުގެ ހިޔަލުގައެވެ. އަވިކޮޅެއް ހަމުގައި ބީހިލާނެތީ މާހުޖަބީން އަބަދު ބިރުގަނެއެވެ. ނަސީބަކުން އުޑުމަތިއޮތީ ބޯވިލާތަކުން ފުރިފައެވެ. ދޭތެރެއަކުން އަންނަ ވައިރޯޅިއާއިއެކު ހެލިލާ މުރަނަ ފަތްތައް ބިންމަތީގައި ކޭއްތިލާއަޑު އިވެނީ ލުއި މިއުޒިކެއްފަދައިންނެވެ. އޭރު އަމީން އާއްމުކޮށް އިށީދެލައިގެން އިންނަ އުނދޯލި ހުރީ ހުހަށެވެ. ރަފްހާންގެ ނިޝާނެއްވެސް ނުފެނެއެވެ. މާހުޖަބީންގެ މޫނަށް ވެރިވެފައިވާ ކުލަވަރުން އޭނަގެ ތަބީއަތު ޚަރާބުވެފައިވާވަރު އާވާ ދެނެގަތެވެ.
"އާވާ ގެއަށް އެކުވެރިން ގެނައުމުގެ ހުއްދަދިން މީހެއް ނިކަން ބުނެބަލަ...." މާހުޖަބީން ވާހަކަދެއްކިއެވެ.
"ތާނިޔާ އަމިއްލައަށް އައީ، އަހަރެންހުރީ މިގޭގެ އެޑްރެސް ނުބުނަން ވެގެން، އެކަމަކު މިގޭގައި ވާހަކަ ދައްކާނެ އިތުރު މީހެއް ނެތީމަ އެކުވެރިން އަޔަސް މައްސަލައެއް އޮތްކަމަކަށް އަހަރެން ނުދެކެން......" އާވާ އަނބުގަހުގެ ފަތެއް ޗިސްކޮށްލިއެވެ. އެތެރެހަށީގައި ތޫފާނެއް ފަދައިން އުފެދިގަތް ރުޅިގަނޑު ބާލަމުން ދިޔައީ ގަހުގެ ކުށެއްނެތް ފަތްތަކަށެވެ.
"އެންމެފަހުން އާވާ މިގެއިން ނެރެ އެއްލާލާފައި އެ އަންހެނާ މިގޭގައި ފައި ހަރުކުރާނެ، އެވަރު ހަމަ ނުވިސްނޭހާ އާވާ ގަމާރުތަ؟ ރީތިކަން ހުސްކޮށްފައި ހުރި އަންހެންކުއްޖަކު ގެއަށް ގެނެސް ވައްދައިގެން ތިމާގެ ފިރިމީހާއާއި މަޖާ ކުރުވަން ބަހައްޓާފައި ހަމަ ކޮންމެވެސް ތަނަކަށްވަދެ ފިލާފައި ތި އިންނަނީ، އާވާ އަނެއްކާ އިސްތަށިގަނޑުވެސް ކޮށާލީތަ؟ ފިރިހެން ހެދިގެން އުޅުނީމަ މާ ރީތިކަމެއްނޫން، މާ ރީތިވާނެ ސްކާފް އެޅިއްޔާ، އެކުވެރިޔާ ގާތުން އަންހެންކުދިން އުޅެންވާގޮތް ދަސްކުރޭ، އާވާ އުޅޭގޮތުން އަހަރެން ލަދުގަންނަ ހިސާބަށް ދާން ފަށައިފި...." މާހުޖަބީން މަސައްކަތްކުރީ އާވާއަށް ވިސްނާދޭށެވެ. އޭނަ އެއްގޮތަކަށްވެސް އާވާ އަށް ދެރަގޮތެއް ވާކަށް ނޭދެއެވެ. އެކަން އާވާ އަށް ނޭގޭ ހެއްޔެވެ؟
"މަންމަ ލަދުގަންނާކަށް ނުޖެހޭނެ......." އާވާ ހިތްވަރުކުރިއެވެ. އޭނަ މަންމައާއި ޒުވާބުކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނޫންނަމަ އޭނަ ދިފާޢުގައި ދައްކާނެ ވާހަކަތައް މަދެއްނޫނެވެ.
"މަގޭ ދައްތަގެ ދަރިއެކޭ ކިޔާފައެއްނު މިގެއަށް ވެއްދީ، އެކަން އާވާ ހަނދާން ނައްތާނުލާ، އަހަރެން އާވާއަށް ރަގަޅުގޮތެއް ވާން އެދޭތީ ރަފްހާން ފަދަ ފިރިޔަކު ހޯދަދިނީ، އެކަމާ ޝުކުރުވެރިވުމުގެ ބަދަލުގައި ތިގޮތަށް މޫނުމަތީ ޖަދަލުކުރަން ޖެހޭތަ؟" މާހުޖަބީން ރުޅިގަދަވެގެން ފަޅަފަޅައިގެން ދާވަރުވިއެވެ. އާވާގެ އަޚުލާގު މިހާ ދަށްވީ ކިހިނެއް ހެއްޔެވެ؟ އޭނަގެ މޫނުމަތީގައި ބަހެއް ބުނީމަ އޭނަ ކެތްކުރިކަން ރަގަޅެވެ. ކެތްތެރިކަން އިންތިހާއަށް އިސްކުރަމުން އޭނަ އާވާގެ މޫނުމަތީގައި އެތިފަހަރެއް ނުޖަހާ އަތް ސަމާލުކުރުވިއެވެ.
"އާވާ އަޑުއަހާ، މިގެއަށް އެއްވެސް އެކުވެރިއަކު ވައްދައިގެން ނުވާނެ، އެހެންނޫނީ ރަފްހާން އާވާ ވަރިކުރާނެ، މަށަށް ފިރިހެނުންގެ ވައްތަރު އެނގޭތީ މިހެން މިބުނަނީ...." މާހުޖަބީން އިންޒާރުދިނެވެ.
އެވަގުތު އަންވަރު ފޯނުކުރަން ފެށުމުން މާހުޖަބީންގެ ނިތްކުރީގައިވި ކުދި ރޫތައް ފިލާ އޮމާންވެގެން ދިޔައެވެ. އަންވަރު އޭނަދެކެ ލޯބިވާ މިންވަރު ފެނިފައި މާހުޖަބީންގެ ހިތް އުފަލުން ވިރޭހާވެއެވެ. އޭނައަށް ގެނެސްދޭ ހަދިޔާ ފުނިވަރުގެ އިތުރުން ބުނިހާކަމެއް ކޮށްދޭން އަންވަރު ހުންނަނީ ތައްޔާރަށެވެ. ކައިވެނީގެ ދުވަސް ކާރިވަމުން އަންނަވަރަކަށް އަންވަރުގެ ހެޔޮކަމާއި އަޅާލުން އިތުވެ ދުވަހަކު ފިރެހަނަކަށް ނުކުރާ އިތުބާރުކުރެވިއްޖެއެވެ. ހީނުކުރާފަދަ ގަދަރެއް ދެވިއްޖެއެވެ. އަލުން ޅަދުވަސް އަނބުރާ އައީހެން ހީވިއެވެ.
"އާވާއަށް ޒިޔާރަތްކޮށްލަން މިގެއަށް ވަދެލީ، އަހަރެންގެ ދައްތަގެ ދަރިވީމަ ދެން އަޅާނުލާ ދޫކޮށްލެވޭކަށް ނޯންނާނެ، މީހަކާއި އިނީމަވެސް އެކުއްޖާގެ ޅަކަމުން އެކުވެރި އަންހެންކުދިން ގެއަށް ވައްދައިގެން އުޅެނީ، އެހެންވެ ވިސްނާދިނީ......." މާހުޖަބީން އަންވަރުއަށް ވެގެން އުޅޭގޮތް ކިޔާދިނެވެ.
އާވާ ހުރީ ލަދުގެންފައެވެ. ތާނިޔާގެ ކުރިމައްޗަށް ދާނެ ހިތްވަރެއް ނުލިބުމުން އޭނަ ގަސްތަކުގެ ތެރެއިން ލާފައި ގޭގެ ފަހަތުގައި އޮންނަ ހުސްތަންކޮޅަށް ވަދެ ބިއްގަނޑުގައި ލެނގިލައިގެން ހުއްޓުނެވެ. އެތައް އިރެއްވާންދެން އެތާ ފިލާ ހުރެލާފައި އާވާ ގެއަށް ވަދެ ޔާކިން ކުރެން އަހާލުމުން ބުނީ ތާނިޔާ ހިނގައްޖެ ކަމުގައެވެ. ޔާކިން ބުނީ ތާނިޔާ ހުރީ ދެރަވެފައި ކަމުގައެވެ. އެންމެ ގާތް އެކުވެރިޔާއަށް ކައިވެނި ސިއްރުކުރަނީ ކީއްވެގެން ހެއްޔޭ ކިޔާފައި ޔާކިން ސުވާލުކުރިއެވެ. އާވާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ފާޑަކަށް ޔާކިންއާއި ދިމާލަށް ދެލޯބޮޑުކޮށްގެން ރަކިކުރާފަދަ ނަޒަރަކުން ބަލަން ހުރެލާފައި އާވާ ދާން ފެށުމުން ޔާކިން ބޯ ހޫރާލިއެވެ.
"ރަގަޅަށް ވެސް ރެއިން މެރީކުރީ ސައިކޯ ކުއްޖަކާ، ޝީޒް ކްރޭޒީ....." ޔާކިން ދެއަތް ދެއަތާއި މޮޑެލަން ހުރެފައި އިރުކޮޅަކުން ޚިޔާލުގެ ވާފަށް އެހެން ދިމާލަކަށް އެއްލާލައިފިއެވެ. ލޯމައްޗަށް ފެންނަންފެށީ ތާނިޔާގެ ދޮންދޮން މޫނެވެ. ކްރީމްފަދަ އޮމާން އަތެވެ. ލޭކޮޅެއްފަދަ ރަތް ތުންފަތެވެ. އާވާފަދަ ރަގަޅުކުއްޖެއް ނޫނީ ތާނިޔާ ފަދަ ރީތި ކުއްޖެއް އޭނައަށް މިލްކުވާނީ ކިހިނެއް ހެއްޔެވެ؟ އެދެކުދިންވެސް އެހެން ކުދިންނާއި ބަލާއިރު ތަފާތެވެ.
އާވާ އޮތީ ނުނިދިފައެވެ. ޑާކްނައިޓްގެ ޚިޔާލްތައް އެކި ގޮތްގޮތުން އޭނަގެ ނިންޖަށް ހުރަސް އަޅަނީއެވެ. ޑާކްނައިޓްއާއި ވާހަކަ ދައްކާނުލާ ހިތަށް ކެތްވަނީއެއް ނޫނެވެ. އެންމެފަހުން ކެތްނުކުރެވިގެން ސިއްރުސިއްރުން އެފްބީއަށް ވަދެލުމާއިއެކު އާވާގެ ހިތް ފުންމައިގަތެވެ. މޫނުމަތި އަލިވެގެން ދިޔަގޮތުން އެ ދޮންމޫނަށް ބައްތިއެއްގެ އަލިއެޅި ދިއްލިގެން ދިޔަހެން ހީވިއެވެ. ޑާކްނައިޓް އޭނަދެކެ ފޫހިވެގެން ދިޔަކަމުގެ ޔަގީންކަމުގައި މާޔޫސްވެފައިވާ ހިތަށް ދިރުމެއް ލިބުނެވެ. ފެންކޮޅަކަށް ބޭނުންވެފައިވާ މަހެއް ފެނުތެރެއަށް ދޫކޮށްލުމުން ލިބޭފަދަ ހަމަޖެހުމެއް އޭނައަށް ލިބި އެކަނި އިނދެވެސް ހެވިއްޖެއެވެ. އާވާ ޑާކްނައިޓް ފޮނުވާފައިވާ މެސެޖްތައް ކިޔާލީ ތެޅިތެޅިވާ ހިތަކާއިއެކުގައެވެ. އެރޭ ކުއްލިއަކަށް ދާންޖެހުނީ އޭނަގެ އެކުވެރިއެއް އައުމުން ކަމަށާއި އާވާގެ ވާހަކަތަކުން ކުރި އަސަރެއްގެ ބޮޑުކަމުން އެނޫންކަމަކާއިމެދު މިއިން ދުވަސްކޮޅަކު ނުވިސްނާކަމަށް ޑާކްނައިޓް ބުނެފައިވެއެވެ.
"ތިއީ ސައިކޮލޮޖިސްޓެއްތަ؟ އެހާވަރުން ހެލްޕްވާން ބޭނުންވާ ވާހަކަ ބުނެލީމަ މިހެން އެހީ..." އާވާ މެސެޖްކުރީ ޑާކްނައިޓް އޮންލައިންގަ ހުރެދާނެކަމަކަށް ނޫނެވެ. ކޮންމެގޮތެއް ވިޔަސް އާވާ އެމެސެޖްތައް ކިޔާލާފައި ޑާކްނައިޓާއި މެދު އޮތްހާ ޝަކުވާއެއް ފިލައިގެން ދިޔައީ ގަނޑުފެނުން ހިރަފުހާއި ހަޑިއެއްޗެހި ދޮވެވިގެންދާ ފަދައިންނެވެ.
"އަހަންނަކީ އާވާގެ ހިމާޔަތަށް އައި މީހެއްކަމަށް ވެދާނެއްނު، އެ ސާމީ ދެން ކީތްކުރީތަ؟ " ޑާކް ނައިޓްއަހަން ފެށިއެވެ. އާވާ އުޅުނީ ކިޔާ ނުދޭށެވެ. ޑާކްނައިޓް އާދޭސްކުރިވަރުން ކޮންމެވެސް ވަރަކަށް އެ ކަޅު މާޒީގެ އަނދިރި ސަފުހާތައް އޭނަ ނިއުޅާލިއެވެ. އަންހެންކުދިންނަކީ ނާޒުކް މުތްތަކެއް ފަދައިން ފޮރުވައިގެން މައިންބަފައިން ގެންގުޅެންވީ އަމާނާތެކެވެ. އޭނަގެ މަންމަ ޚިޔާނާތް ތެރިވީއެވެ. އަންހެނަކު އޭނަގެ ކޮއްކޮ ބަދުނާމް ނުކުރަންވެގެން ކުޑަ އަންހެންކުއްޖެއްގެ މައުސޫމްކަން ވެއްޔާ މޮޑެލީއެވެ. ކޮންމެ މަންމައަކު އެކަން ދަންނާނެނަމައެވެ. އަންހެން ދަރިން އަމާނާތްތެރިކަމާއިއެކު ބަލާބޮޑުކުރާ މަޔަކަށް ސުވަރުގެ ލިބެނީ އެކަމުގައި ހުރި ބޮޑުކަމުން ކަމަށްވެދާނެއެވެ. އޭނަގެ މާޒީ ހަނދާންވިޔަސް އާވާގެ ރޫހުވެސް ތެޅިލައެވެ.
"އަހަންނަކަށް ނޭގޭ އޭރު ގޯސް ކަންތައްތައް ވަކިކުރާކަށް، ސާމީއަކީ ދޮންމަންމަގެ ކޮއްކޮއޭ ބުނީމެއްނު ދޯ، އެމީހާއާއި އެކީ ދޮންމަންމަ އަހަރެން ކިޔަވާ ގެއަށް ފޮނުވާނެ، އޭނަ ގެ ސައިކަލުގައި ގެންދާނީ، ބައެއްފަހަރު އުނގުގައި ބައިންދައިގެން އިންނާނެ، ކޮނޑަށް ލައިގެން އުޅޭނެ، ފެންވަރުވާންވެސް ދޮންމަންމަ އޭނަ ގާތުގައި ބުނާނީ، އަހަރެން ބޭނުންނުވާ ކަންތައް ސާމީ އަބަދު ކުރުވާނީ، އޭނަ ކުރާކަންތައް ފޮރުވަން މެޓާ ދޭނެ، ޗޮކްލެޓްވެސް ގެނެސްދޭނެ، އެހެން އުޅެމުންގޮސް ސާމީ މެރީކުރީ، އެކަމަކު އެ އަނިޔާތައް ނުހުއްޓުނު....." އާވާގެ ދެލޮލަށް ކަރުނަ ޖަމާވެ ގިސްލެވޭން ފެށިއެވެ. ސްކްރީން ފުސްވާން ފެށިއެވެ.
"ޕުއަރ ލިޓްލް ތިންގް، މިހާރު އުޅޭ ގޭގެ މީހުން ރަގަޅުތަ؟ އެމީހުންވެސް އެވައްތަރަށް ގޯނާކުރޭތަ......" ޑާކްނައިޓް ހުރިހާކަމެއް އެނގެން ބޭނުންވަނީކަން ނޭގެއެވެ.
"ދެ ފިރިހެނުން އެގޭގައި އުޅޭ، އެންމެ ބޮޑު ފިރިހެނާގެ އުދަގޫ މަށަށް އެންމެ ބޮޑުވަނީ، އެހެންވާން ޖެހުނު ސަބަބުން ދެން ނޭހިއްޔާ ރަގަޅީ އިނގޭ...." އާވާ ލިޔުނެވެ.
"ތިބުނީ ކިހިނެއް އުދަގޫކުރާ ވާހަކަ...." ޑާކްނައިޓް ސުވާލުކުރިއެވެ.
"ހަމަ ނިދަން އޮތްވާ ގޯނާކުރާ ވައްތަރު، އަދި އަހަރެންގެ މަގުން ކޮފީ ބުއީމަ އަހަރެން ވަރަށް ރުޅިއައި......." އާވާ ޖަވާބު ދިނެވެ.
"އެއީ ކީއްވެތަ؟ " ޑާކްނައިޓް ޓައިޕްކުރިއެވެ.
"ޖާމް ހުންނާނެތީ، އަހަރެން ވަރަށް ފަކުރުގަނޭ، އިންސާނާގެ އެންމެ ގިނައިން ޖަރާސީމް ހުންނާނީ އަނގައިގާ، އެތައް ވައްތަރެއްގެ ޖަރާސީމް ހުންނަކަން އެނގުނީމަ ނެޗުރަލީ އަހަންނަށް މީހެއްގެ އަނގަ ފެނުނީމަ އެކަހަލަ ގޮތެއްވޭ....." އާވާގެ ވާހަކަތަކުން ޑާކްނައިޓް ހޭންފެށިއެވެ.
ގަޑިއެއްހާއިރު ވާންދެން ވާހަކަދައްކަން ތިބިއިރު ދެމީހުން ކުރިއަށްވުރެ ގުޅުން ބަދަހިވިއެވެ. އޭނަ އެއްވެސް މީހަކު ދެކެ ލޯބިވާން އަދި މާ އަވަހެވެ. ނަމަވެސް އޭނަގެ ހިތުގައި ޑާކްނައިޓަށް ޚާއްސަ ގަދަރެއްދެވި އޭނަ ދެކޭ ހިތްވާންފެށިއެވެ. އޭނައަށް ޑާކްނައިޓް ޚިޔާލުކުރެވެނީ އޯގާތެރި ފިރިހެނެއްގެ ގޮތުގައެވެ. އޭނަގެ ހިތަށް އަރާ އެއްޗެހި ޑާކްނައިޓް ދެނެގަންނަނީ ކިހިނެއްބާވައޭވެސް ހިތަށް އެރިއެވެ. ޑާކްނައިޓް އާވާ ހުންނަލެއް އެނގެން ބޭނުންވެގެން ސުވާލުކުރީ އެވަގުތުއެވެ. ޗެޓްކުރާތަނެއްގައި ދޮގުހެދުން މައްސަލައަކަށް ވާނެބާވައެވެ. އެހެންނޫނަސް އޭނަ ދުވަހަކު ޑާކްނައިޓްއަކާއި ބައްދަލުވާނީއެއް ނޫނެވެ.
"އަހަރެން އިސްކޮޅުން ދިގުވެފައި ދޮންވާނެ، ޑާކްނައިޓް އާއި ބެހޭ މައުލޫމާތެއް ދީބަލަ ޕްލީޒް، ވަރަށް ކިއުރިއަސް އެބަވޭ، އަހަރެންގެ ހުރިހާ ވާހަކައެއް ކިޔާދީފިން، ދެން ކީއްވެ ޑާކްނައިޓް ތިހާ ސިއްރުވެރިވާންއުޅެނީ..... " އާވާގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވުނަސް އޭނަ ބޮޑަށް ކިޔާދޭން އުޅުނީ ތާނިޔާގެ ސިފަތަކެވެ.
"އަހަންނަކީ ޕްރިންސެސްގެ އެހީތެރިޔާ، ސިއްރުވެރިޔާ، އިހަށް އަހަންނަކީ ކާކުކަން ނޭހިއްޔާ ރަގަޅުވާނީ، ބިރުވެރި މީހެއްކަމަށްވެސް ވެދާނެ، ނަމުން އެހެން ހިޔެއްނުވޭތަ؟" ޑާކްނައިޓް ގެ ސިއްރުވެރިކަމުން އެ ޒުވާނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނުހޯދުނެވެ. އާވާ ކޮންމެވެސް ވަރަކަށް ގޭތެރޭގައި ހިނގާ ހާދިސާތައް ކިޔާދޭންފެށިއެވެ. އާވާ ސިއްރުކުރަނީ މީހުންގެ ނަންތަކާއި އޭނަ އުޅޭ ގެއެވެ. ނަމަވެސް އެތައް އިރެއްވާންދެން ވާހަކަ ދައްކަން ތިބިއިރު އެދޭތެރޭގައިވާ ބީރައްޓެހިކަމުގެ ފަރުދާ މަޑުމަޑުން ނެތެމުންދާން ފަށައިފިއެވެ.
އަމީން ބަލިވެގެން އެޑްމިޓްކުރީމަ ދުވާލު ދާ ހަތަރުދަމު އެތާހުރީ ރަފްހާންއެވެ. ޔާކިންއަށް ފަސޭހައީ ރޭގަނޑު ބައްޕަގާތުގައި ހުރުންކަމަށް އޭނަވަނީ ބުނެފައެވެ. ރަފްހާން ގެއަށް އައިއިރު އަށެއްޖަހާ ބޮޑުވެއްޖެއެވެ. މިގަޑީގައި އާވާ އުޅޭނީ އެކަނިކަން ރަފްހާންއަށް އެނގެއެވެ. އެތައް ރެއެއް ފަހުން މިބޮޑުގޭގައި ދެމީހުން އެކަނި ވޭތުކޮށްލަން ލިބުނީއެވެ. ހިތުގައި އާވާއަށްޓަކާ ކޮންމެވެސް ކަހަލަ ޖަޒުބާތުތަކެއް ވިޔަސް ރަފްހާން އެކަން ހާމަކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މިރޭ އާވާގެ މިޒާޖުގެ ތަފާތުތައް ދެނެގަންނަންވެސް ބޭނުންވިއެވެ. ރަފްހާން ސިޑިން އަރައިގެން ދަނިކޮށް ކުއްލިއަކަށް އާވާ ބާރަކަށް ހަޅޭއްލަވަމުން ދުވަމުން އައިގޮތަށް ރަފްހާންގެ ގައިގާ ހިފައިގަތެވެ. އާވާއާއިއެކުގައި ރަފްހާން އަރިއަޅާނުލާ ސަލާމަތްވީ ރަފްހާންގެ ހުޝިޔާރުކަމުންނާއި މުލައްދަނޑީގެ ބާރު ހުރީމައެވެ. ނަމަވެސް އެވަގުތުކޮޅު ރަފްހާންގެ މެއަށް ގަނޑުފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. އާވާގެ ފައި ބިންމަތީގައި ހަރުނުލައެވެ. އާވާ ހުރިތަނަށް ތިރިނުވީ ރަފްހާންގެ އަތުގެ އެހީތެރިކަމުގައެވެ. އެދޭތެރޭގައިވާ ގާތްކަމުގެ ސަބަބުން ރަފްހާންއަށް އަސަރުތަކެއް ކުރިނަމަވެސް އާވާއަށް އެކަމުގެ އިހުސާސެއް ނުކުރެވުނެވެ.
"ވަޓް ހެޕެންޑް، އެއްޗެކޭ ބުނެބަލަ..." ރަފްހާން އާވާގެ އަތުގެ މުލައްދަނޑީގައި ހިފާ ތަޅުވައިގަތެވެ. އާވާގެ ހޭވެރިކަންވީ އަދި ކިރިޔާއެވެ.
"ކޮޓަރީގައި އަލިފާން ރޯވީ....." އާވާގެ ކަރުތެރެ ހިކިފައިވާވަރުން ވާހަކަދައްކަންވެސް އުދަގޫވިއެވެ. ހީވާގޮތުން އާވާ އައީ ފެންވަރަން ހުރެފައެވެ. ތެމިފައިވާ އިސްތަށިގަނޑުން ފެންތިކިތައް ތިރިއަށް ދެމެމުންދާއިރު އެބޮޑު ބޮޑު ދެލޮލުގެ ސަބަބުން މައުސޫމްކަން އިތުރުކުރުވައެވެ. އަންހެންކުދިން ބިރުގަތީމަ ހާދަ ރީއްޗެވެ. ރަފްހާން އާވާގެ ގައިން ދޫކޮށްލާފައި ބާރުބާރަށްގޮސް އާވާގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެނދުގައި ހުޅުހިފާފައިވާ ތަން ފެނުނެވެ. ރަފްހާން އަވަސްވެގަތީ ހުޅުގަނޑު ނިވާލާށެވެ. ދުންގަނޑު ގެ ސަބަބުން އުދަގޫވިޔަސް ރަފްހާންގެ ސިކުނޑި އެންމެ ބަރާބަރަށް މަސައްކަތްކުރިއެވެ. އޭނަ ދުއްވައިގަތީ އަލިފާން ނިއްވަން ގެންގުޅޭ ފުޅި ބަލާ ތިރިއަށެވެ. މިފަދަ ހާދިސާއެއް ހިނގާފާނެތީ އެފަދަ އެއްޗެއް ގަނެފައި ބޭއްވުނުކަމުގެ ފައިދާ މިފެނުނީއެވެ. ރަފްހާން ފަސޭހަކަމާއިއެކު އަލިފާން ނިވާލި މަންޒަރު ބަލަން އާވާ ހުރީ ޝައުގުވެރިކަމާއި އެކުގައެވެ.
"މިފަދަ ވަގުތުތަކުގައި އެޑްމަޔަރ ކުރެވޭ، ރަފްހާން ނެތްނަމަ މިރޭ ވާނެގޮތެއްވެސް ނޭގޭ......" އާވާ ބެލްކަނީގައި ހުއްޓާ ރަފްހާން އެ މަސައްކަތް ނިންމާލާފައި ނުކުމެގެން އައެވެ.
"އަހަންނަށް ނޭގޭ ކާކުގެ ނަސީބުކަމެއް، އެކަމަކު މިރޭ އާވާ އަހަރެންގެ ކޮޓަރީގައި ނިދަން ޖެހުނީ، ގޮދަޑި އެއޮތީ އަނދާ ހުލިވެފައި.........." ރަފްހާން ގެ ތުންފަތްމަތީގައި ކުޑަ ހިނިތުންވުމެއްވިއެވެ. އަލިފާނުގެ ހޫނުގައި އުޅެފައި އައުމުން ހޫނުކަން އާތްވަށް ވެގެން ނިތްކުރީގައި ވިދާތަން ފެނެއެވެ. އެހިނގި އަލިފާނުގެ ހާދިސާގެ ސުންޕާކަން އާވާއަށް ރޭކާލާންފެށީ ދެނެވެ. އޭނަގެ އެއްޗަކަށް ގެއްލުންވިހެއްޔެވެ؟ ހާދަ ދެރައެވެ. އާވާ ކޮޓަރިތެރެއަށް ބޯދިއްކޮށްލާފައި ކެއްސަންފެށިއެވެ. ދުމުގެ އަސަރު އަދިވެސް ކޮންމެވެސް ވަރަކަށް ތަނުގައި ހިފާލާފައިވެއެވެ. ރަފްހާން ކުޑަދޮރުތައް ހުޅުވާލީ ވައި ސާފުކުރުމަށެވެ.
"އެނދުމަތީގައި ހުރި އެއްޗެއްވިއްޔާ އަނދާހުލިވީ....." ރަފްހާން ބުނެލިއެވެ.
"މަގޭ ލެޕްވެސް......." އާވާ އަށް ނުރޮވުނީ ކިރިޔާއެވެ.
"ރިއަލީ؟ ދެރަކަމެއް، އެކަމަކު ލެޕެއް ގަނެވިދާނެ، އެކަމާ ނުވިސްނަބަލަ، އާވާ ސަލާމަތުން ހުރިކަމާއިމެދު ހެއްދެވިފަރާތަށް އަހަރެން ޝުކުރުކޮށްފިން، އާވާ ފެންވަރަން ހުއްޓާތަ ކޮޓަރީގައި އަލިފާން ހިފީ......" ރަފްހާން އާވާގެ މޫނަށް ބަލާލިއެވެ. ހިތާމައިގެ ތަސްވީރެކެވެ. ރަފްހާންއަށް އާވާގެ އެހިތާމަތައް ފިލުވައިދޭނެ ގޮތެއް ނުވިސްނެއެވެ. އެންމެ ފަހަރަކުވެސް ރަފްހާންއަށް އިތުބާރުކުރާނެނަމައެވެ.
"ކޮޓަރީގެ ބޮކި އަނދާފައި އޮތީމަ އެނދުމަތީގައި އުއްބައްތި ބަހައްޓައިގެން ލެޕްއިން މަސައްކަތެއްކޮށްލަން އިނީ، ދެން ފަންކާވެސް ހަލާކުވެފައި އޮތީމަ ހޫނުވާވަރުން ފެންވަރަންވަންއިރު ހިތަކަށްނާރާ އުއްބައްތި ކާރީގައި އޮތް ބާލީހުގައި ހުޅު ހިފާފާނެއޭ، އަހަންނަށް ނުވިސްނުނީ، އުއްބައްތިއަކީ ނުރައްކާތެރި އެއްޗެއްކަން ހިތަށް ނޭރީ، ފެންވަރަން ހުރެފައި ނުކުތީވެސް އެއްޗެއް އަނދާހެން ހީވީމަ، އައިމް ސޮރީ........." އާވާ މާފަށް އެދުނެވެ.
"މާފަށް ނޭދިބަލަ، ކޮންމެކަމެއްވާނީ ރަގަޅަށޭ ބުނެއުޅޭ، އެޓްލީސްޓް މި އިންސިޑެންސްގެ ސަބަބުން އާވާއަށް ފިލާވަޅެއް ދަސްވެއްޖެކަމަށް ހީކުރަން، އަލިފާނުގެ ނުރައްކާތެރިކަން ނޭގޭހާ ކުޑަކުއްޖެއްނޫން އެކަމަކު އުއްބައްތި އެނދުމަތީގައި ބަހައްޓާފައި ފެންވަރަންވަނީމަ އަހަރެން މިހިރީ އާވާގެ ވިސްނުމާއިމެދު ބުނާނެ އެއްޗެއް ނޭގިފައި، އެހެންނޫނަސް ބޮކި ނެތިއްޔާ މަގޭގާތުގައި ބުނިނަމަ...." ރަފްހާން ކޮޓަރިއަށްވަދެ އާވާގެ އެއްޗެހި ރަފްހާންގެ ކޮޓަރިއަށް ބަދަލުކުރުމުގައި އެހީތެރިވެދޭން ފެށިއެވެ.
"މިރޭ މިތާގައި ނިދިޔަސް އަހަރެން އަމިއްލަތަނެއްގައި ނިދަން ބޭނުން، މާދާމާވާއިރަށް ގޮދަޑިއެއް ލިބިދާނެތަ؟ " އާވާ ރީތިވާ މޭޒުމަތީގައި ހުރި ސާމާނު ދަބަހަށްލާންފެށިއެވެ. ރަފްހާން އެހެން ޚިޔާލެއްގައި ހުރެފައި ބުނެލި އެއްޗަކުން އާވާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެންމެ ރެއަކުވެސް ފިރިހެނެއްގެ ކޮޓަރީގައި ނިދަން އޮތުމަކީ އަޒާބެކެވެ. މިރޭ ލޮލު ފިޔަޖަހާލެވޭނީ އެއް ނޫނެވެ. އެކޮޓަރިއަށް ވަންގޮތަށް ހަތަރެސްފައި ފިނިވެ ހިތުގެ ވިންދު އަވަސްވެއްޖެއެވެ. ރަފްހާން އާއި ދެމީހުންވެގެން އެއްޗެހި އަތުރާން ތިބިއިރު ދޭތެރެއަކުން ރަފްހާންގެ ފުން ނަޒަރު ހުއްޓޭހެން އާވާއަށް ހީވިއެވެ. ބައެއްފަހަރު ރަފްހާން ސަމާސާއެއްޗެކޭ ބުނެލާނެއެވެ. އާވާ ހުރީ ޚިޔާލުބޮޑުވެފައެވެ. ވާން މިއުޅެނީ ކިހިނެއް ބާވައެވެ.
ނާޒް އެތައް އިރެއްވާންދެން އޭނަގެ އަތުގައިވާ ތަސްވީރަކަށް ބަލަން ހުރުމަށްފަހު ލޯ ފޮހެލިތަނާހެން އަޔާމް ކޮޓަރިއަށް ވަނުމުން ނާޒް އަވަހަށް އެ ތަސްވީރު ފޮތުގެ ތެރެއަށްލާފައި ފޮރުވައިފިއެވެ. މާޒީގެ ބައެއް ސަފުހާތައް އަމިއްލަ ދަރިފުޅަށްވެސް އޭނަވަނީ ފޮރުވާފައެވެ. އަޔާމްގެ ބައްޕަ ޔޫސުފް ނިޔާވި ފަހުން ނާޒްގެ އެކަނިވެރިކަން އިތުރުވެފައިވެއެވެ. ނަމަވެސް ނާޒް ބޭރުފުށުން އޭނަގެ އެކަނިވެރިކަމާއި ހިތާމަތައް ފޮރުވާފައިވެއެވެ.
"މަންމާ، މިއަދު ހަވީރު އާވާ ގެންނަން ދައުވަތުދީފިން...." އަޔާމް ހުރީ ޕައިލެޓް ޔުނިފޯމްގައެވެ. މަންމަގެ އެސްފިޔަތައް ތެމިފައިވާތަން ފެނުމުން އަޔާމް ކަންބޮޑުވެފައި ސުވާލުކުރުމުން ނާޒް ބުނީ ބައްޕަމަތިން ހަނދާންވީކަމުގައެވެ. އަޔާމް ދެކޭގޮތުގައި އޭނަގެ މަންމައާއި ބައްޕައަކީ ލޯބީގެ ލާމަސީލު މިސާލެކެވެ. އޭނަ އިޝްގީ މީހަކަށްހެދީ އެ ދެމީހުންގެ ޖީންތައް ގުޅުނީމަކަން ނޭގެއެވެ.
"މަންމަ ވަރަށް އުފާވެއްޖެ ތިދެކުދިންގެ ގުޅުން ބަދަހިވާތީ، އާވާއަކީ މިޒަމާނުގައި ނުފެންނާނެހާ ރަގަޅު ކުއްޖެއް، އެފަދަ ޅީދަރިއެއް ލިބޭނީ ނަސީބު ރަގަޅު މައިދައިތައަކަށް...." ނާޒް އަޔާމްއަށް ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އަޔާމް ހިނިތުންވުމަކުން ފުއްދާލިއިރު އޭނަގެ ހިތުގައިވާ އެއްޗެއް އަދިވެސް ނާޒް އުޅެ އުޅެ އެނގޭ ގޮތެއް ނުވިއެވެ. އަޔާމް އާވާއާއިމެދު ދެކެނީ ކޮން ހައިސިއްޔަތަކުން ބާވައެވެ.
އެއީ ނޮވެމްބަރ މަހެއްގެ ރީތި ރެއެކެވެ. ރަފްހާން ވަޒީފާގައި އުޅެފައި ގެއަށް އައިއިރު އާދައިގެ މަތިން ގެއަށްވެރިވެފައިވާ ފުން ހިމޭންކަމުގެ ސަބަބުން އެގެ ފެންނަނީ ހަންޑި އަވަލާފައިވާ ތަނެއްގެ ގޮތުގައެވެ. ރަފްހާން މަޑުމައިތިރި ހިނގުމެއްގައިގޮސް ގެއަށްވަންއިރު އާވާއިނީ ކޮމްޕިއުޓަރ ކާރީގައެވެ. ރަފްހާން ފަހަތުންގޮސް ހުއްޓުނުކަމެއްވެސް އާވާއަކަށް ނޭގުނެވެ.