އާވާގެ ރީތިކަން ޒިލާލް ކަނޑައެޅި މިންގަނޑަކަށް ނުފެތޭކަމުގައި ޚުދު މާހުޖަބީންވެސް ގަބޫލުކުރިއެވެ. އެހެންނޫނަސް އިސްތަށިގަނޑު އެހާ ކުރުކޮށް ކޮށާލާފައި އޮތުމުން އަންހެންވަންތަ ކަމެއް ނެތެވެ. އާވާގެ އުޅުމުގައިވެސް ހުންނަނީ ލަސް ކަމެކެވެ. މާހުޖަބީން އެ ކަންތައްތަކާއި ރުޅިގަދަވާފަހަރު އާދެއެވެ. މަސައްކަތެއް ދައްކައިފިއްޔާ ދުވާލު ހަތަރުދަން ހޭދަކުރަނީ އެކަމަށެވެ. ކުރީ ދުވަހު ކޭކެއް އަޅަން ހަވާލުކޮށްލީމަ އެކަމަށް ހޭދަކުރި ވަގުތު ގިނަކަމުން މިއީ މަސައްކަތެއް ކުރުވަން ބަހައްޓާވަރުގެ ކުއްޖެއް ނޫނޭ މާހުޖަބީން ހިތަށް އެރިއެވެ. ތަންކޮޅެއް ގިނަބަޔަކު އުޅޭ ގެއެއްނަމަ އާވާއަށް ހިފަހައްޓާނުލެވޭނެއެވެ. ދެތިން މީހުނަށް ކައްކަން ވުމުންވެސް ހަތަރުދަން ބަދިގޭގައެވެ.
އާވާ ކުޑައިރުއްސުރެ ވާހަކަތައް ލިޔަމުން އަޔަސް އެކަން ކޮށްފައިވަނީ ސިއްރުންނެވެ. އޭނަގެ އާއިލާއަކަށްވެސް އެކަމެއް ނޭގޭނެއެވެ. ކިޔަވާކަމަށް ހެދިގެން އިނދެ އޭނަ ކިތަންމެ ވަގުތެއް އެކަމަށް ހުސްކުރިއެވެ. ތަފާތު ލިޔުންތެރިންގެ ވާހަކަތައް އޭނަވަނީ ކިޔާފައެވެ. ކޮންމެވެސް ދުވަހަކުން އޭނަގެ ވާހަކަތައް ޕަބްލިކާއި ހަމަޔަށް ގެނެސްދިނުމަކީ އާވާގެ ހުވަފެނެކެވެ. ތާނިޔާ ނަމްބަރު ދިނުމުން އާވާ ހުރީ ނިކަން އުފާވެފައެވެ.
އާވާ ކޮޓަރި ތަޅުލައިގެން އެނދުގައި ހަމަޖެހިލުމަށްފަހު އޭނަ ފޯނުގައި ރައްކާކޮށްފައިވާ ނަމްބަރަށް ގުޅާލިއިރު ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ވާހަކަދެއްކީ އަންހެނެކެވެ. އަޑު ރީއްޗެވެ. އަޑުން ހީވަނީ އާވާއާއި އެއް އުމުރެއްގެ ކުއްޖެއް ހެނެވެ. އޭނަ ތަޢާރަފު ވެލީ ނާޒްގެ ނަމުގައެވެ.
"އަޅުގަނޑު ބޭނުން ތި ބޭފުޅާގެ ލިޔުންތައް ބަލާލަން، މިހާރުވެސް ދެތިން ކުއްޖަކު ގުޅާފައި އެބައިން، އެންމެ ރަގަޅުހެން ހީވާ ދެކުދިން ނަގަންކަމަށް އަޅުގަނޑު ނިންމާފައި މިއޮތީ، އެހެން ނަމެއްގައި ލިޔުއްވަން ބޭނުން ވިޔަސް އެކަން ހަމަޖެހިދާނެ....." ނާޒް ވާހަކަ ދެއްކިގޮތުން އާވާގެ ހިތް އުފަލުން ފުރުނެވެ. ދުނިޔޭގައި ރަގަޅު މާތް އިންސާނުންވެސް އެބައުޅޭތާއެވެ. ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ފައިސާ ދޭން ހުށަހެޅުމުން އަދި ވަކިން ބޮޑަށް އާވާގެ ލޮލުގައި ވި އުޖާލާކަން އިތުރުވިއެވެ. އޭނަ ކޮންމެހެން މަހުޖަނަކަށްވާކަށް ބޭނުންވަނީއެއް ނޫނެވެ. އެހާ މުއްސަދި ނުވިޔަސް ފައިސާކޮޅެއް ބޭނުންވަނީއެވެ. އަމިއްލައަށް އުޅެވޭ ވަރުވާން ނޭދޭނީ ކޮން އިންސާނެއް ހެއްޔެވެ؟
ފޯނު ބޭއްވިގޮތަށް އާވާ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން އެކި ޚިޔާލުކުރަން އޮތެވެ. ބައެއްފަހަރު އެއްޗެއް ވިސްނާލާފައި އުދަގޫވެގެން ކަހަލަގޮތަކަށް މޫނާއިއެކު ބާލީސްއަޅާ ބާރުކޮށްލައެވެ. އެއީ އެއްގޮތަކަށްވެސް އާވާ ހަނދާން ކުރަން ބޭނުންވާ ކަންތަކެއް ނޫނެވެ. މިގޮތަށް ކަމެއްނެތި އެކަނި އޮންނަންވުމުން މާޒީގެ އަނދިރި ހިޔަނިތައް އޭނައާއި ހަމަލާދޭން ފަށައެވެ.
އާވާ ނާޒް އަށް ވާހަކަ މެއިލްކުރުމަށްފަހު ދެތިން ދުވަސްވާންދެން ބޭގަރާރު ހިތަކާއިއެކު އިންތިޒާރުކުރިއެވެ. ޚަބަރެއްނުވުމުން އޭނަ ހީކުރީ އެހެން ދެކުއްޖަކު ހޮވުނީކަމަށެވެ. އަމިއްލަ ނަފުސަށް ކުރި އިތުބާރު ނުގެއްލުނީ ހަމަ ކިރިޔާއެވެ. އެހެންހުއްޓާ ނާޒް އޭނައަށް ގުޅާފައި އޭނަ ވާހަކަލިޔަން އެންގިއެވެ. އާވާ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. މިއޮތީ ކުރިއަށް ދާނެ މަގު ތަނަވަސްވެފައެވެ. ހުވަފެންތައް ފުރިހަމަވުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ.
"އަހަރެންގެ ސައިޓަށްވެސް ލިޔެދެވިދާނެތަ އާވާ...." ނާޒްގެ އިތުރު ހުށަހެޅުމެކެވެ.
"އައި ވުޑް ލަވް ޓު...." އާވާ ގެ އަޑު ތަންކޮޅެއް ހިމަވިއެވެ. އުފަލުންގޮސް މުޅިކުއްޖާގެ އަތްފައި ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. މިއީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފަލެވެ. މިކަން ފާހަގަކުރަން އޭނަ ބޭނުންވިއެވެ. އާވާ ވަގުތުން ދުއްވައިގަތީ އޭނަގެ ލެޕާއި ދިމާލަށެވެ. އޭނައަށް ބައްޕަގެ ފަރާތުން ލިބުނު މި ހަދިޔާ އޭނަ ގެންގުޅެނީ ފޮރުވައިގެން ރައްކާތެރިކަމާ އެކުގައެވެ. ނާޔާއަށްވެސް އޭނަ ލެޕެއް ގެންގުޅޭކަމެއް ނޭގޭނެއެވެ. އާވާ އެނދުގައި ބަންޑުން އޮވެ ލިޔަންފެށިއެވެ. ލިޔަމުން ދިޔައިރު އާވާގެ ދެލޮލުން ވިދުވަރެއް ފެނެއެވެ.
އާވާ ފުރަތަމަ ފަހަރަށް "ޑާކް ޕްރިންސެސް" ގެ ނަމުގައި އެފްބީ އައިޑީއެއް ހުޅުވާލާފައި މީހުން އެޑްކުރަން ޖެއްސިއެވެ. ހުސްވަގުތު ކުރާނެ މަސައްކަތްތައް ގިނަވިވަރަކަށް އޭނަގެ މާޒީ ހަނދާން ނައްތާލުމުގެ ބާރަކަށްވާނެއެވެ. ދޭތެރެއަކުން ވައި ބާރުވުމުން ސިހިފައި ދޮރާއި ދިމާލަށް ބަލާލާފައި ތެދުވެގެންގޮސް ދޮރުގެ ތަންޑުތައް ޗެކްކޮށްލައެވެ. ދޮރުފޮތިތައް އެކި ފަރާތްފަރާތަށް އުދުހެން ފެށުމުން ބައެއްފަހަރު ސިހިގެން ކުރަން އޮންނަ މަސައްކަތް ހުއްޓާލާފައި ދޮރާއި ދިމާލަށް ބަލަން އޮވެވެނީ ބިއްލޫރިން ސިފަވާ ސޫރަތަކަށް ވިސްނާށެވެ. ގަހެއްގެ ގޮފިތަކުގެ ހިޔަނިކަމަށްވެސް ވެދާނެއެވެ.
ވިއްސާރަ ތޫފާނީ ރެއެކެވެ. ދޭތެރެއަކުން އަންނަ ބާރު ވައިރޯޅިތަކުގައި ގޭގެ ފާރުތައްވެސް ގުގުމާލައެވެ. މާހުޖަބީން ބޭރަށް ދިއައީ އާވާއާއި ނާޔާ އެކަނިކޮށްލާފައެވެ. އާވާ ސިޓިންރޫމްގެ ސޯފާއެއްގައި ދެފައި މޭގައި ޖައްސާލައިގެން ވިއްސާރައިގެ އަޑުތަކަށް ކަނުލައިގެން އިން އިރު ނާޔާ ފައިގެ އިނގިލިތައް ޕެއިންޓްކޮށްލަން އިނެވެ. ވައިލެޓް ކުލައަކުން ކުލަ ޖެއްސުމުން އެ ދޮންފަޔާ ނިކަން ގުޅެއެވެ.
"މަގޭ ފައިތިލަ ކިހިނެއްތަ؟ މިއުޅެނީ ތަންކޮޅެއް އަގުބޮޑު ރަގަޅު ބްރޭންޑެއްގެ މޭކަޕް ސާމާނު ނުގަނެވިގެން، ބައެއްފަހަރު ހިތަށް އަރާ މުއްސަދި މީހަކަށްވާނެ ނަމައޭ...." ނާޔާ އިންސްޓަގްރާމަށް ލާން ފޮޓޯއެއްނެގިއެވެ.
"ޕަރފެކްޓް....." އާވާ އެވާހަކައަށް އެހާ ޝައުގެއްނެތި ބަލާލީ ކުޑަދޮރާއި ދިމާލަށެވެ.
"މަންމަ އެދިޔައީ ކޮންތާކަށްތަ؟ " އާވާ ބާލީހުގައި ބާރަށް ބައްދާލައިގެން އިނދެ އަހާލިއެވެ.
"ޑޭޓަކަށް...." ނާޔާ ހިނިގަނޑެއް ޖަހާލައިފިއެވެ.
"އައިމް ސީރިޔަސް...." އާވާ ލޯ ހަނިކޮށްލިއެވެ.
"އަވީ ގަބޫލުނުކުރިޔަސް އަހަންނަށް ހީވާގޮތެއް މިބުނެލީ، މަންމަ އެހާ ރީތިވެގެން ސެންޓް ޖަހައިގެން މިގަޑީގައި ބޭރަށް ދާންވީ އެހެން ސަބަބެއް ނަންނިއަކަށް ނުވިސްނޭ، މަންމަގެ އެހެން ބޯއި ފްރެންޑެއް ހުންނަކަމާމެދު ޝައްކު..... " ނާޔާ ޕެއިންޓްކޮށް ނިމިގެން އިންތަނުން ތެދުވެ ހިންދެމިލިއިރު ދެލޮލުގައިވި ލާނެތް ކަމެކެވެ.
"ކޮބާ ނަންނިގެ ބައްޕަ؟ " އާވާ ހައިރާންވިއެވެ.
"ބައްޕަވީ ރާއްޖެތެރޭގެ ރަށަކަށް ދިވެހި ބޭސްކުރުވަން ގޮސްފައި، ބައްޕަގެ ފްރެންޑަކީ ދިވެހި ބޭސްވެރިކަމަށް ވަރަށް މޮޅު މީހެއްކަމަށްވާތީ އޭނަ ގާތަށް ދުވަސްކޮޅަކަށް ދިޔައީ، ދިޔައީ އާންޓީއާއި ފެމިލީ އެހެން ދެމީހުންނާއިއެކު، މަންމަ ގޮސްފިއްޔާ އަހަރެން ނުކިޔަވާނެއޭ ކިޔާފައި މަންމަ ޑިޑްންޓް ގޯ، ބަޓް އައި ތިންކް މަންމަ ކޮންމެވެސް އެހެން ކަމެއް އޮތީމަ އެހެން ހެދީ، މަންމަ ބައްޕަދެކެ ލޯބިނުވާތި، މިއަށް ބިޓްރެއިލް ނޫން ދެން ކޯންޗެކޭތަ ކިޔަންވީ؟ އަހަރެންގެ ހުރޭ ފްރެންޑެއް، އޭނަގެ ބައްޕަ އެގޮތަށް އެކި އަންހެންކުދިންނާއި ރައްޓެހިވެގެން އުޅޭނެ....." ނާޔާ ޕެއިންޓްފުޅި ބަހައްޓަން ގޭތެރެއަށް ވަދެގެން ދާން ހިނގައިގަތީމަ އާވާވެސް ފަހަތުން ދިޔައެވެ. އޭރު ވާރޭ ވެހެން ފަށައިފިއެވެ. ވާރޭދެކެ ލޯބިވާވަރަށް އާވާ ބިރުވެސް ގަނެއެވެ. ޚާއްސަކޮށް ރޭނގަޑު ވާރޭވެހެން ފަށައިފިއްޔާ އޭނަގެ ހިތް ވިރިގެންދާވަރުވެއެވެ.
"އަވީ ބިރުންތަ ތިއުޅެނީ؟ " އާވާ އުޅޭގޮތުން ނާޔާއަށް އެއްޗެއް ވިސްނިގެން އަހާލައިފިއެވެ.
"ވާރޭ ދެކެ....." އާވާ ޖެހިލުންވެފައި ހުރެ އެހެން ބުނުމުން ނާޔާ ހީހީ ހަލާކުވާވަރުވިއެވެ. ކުޑަކުއްޖެކޭ އާވާއެކޭ އެއްވަރުކަމަށް ކިޔާފައި ދިމާކުރިއެވެ. އާވާ ހުރީ ހިމޭނުންނެވެ. ނާޔާއަށް ހަގީގަތް އެނގޭނެނަމައެވެ. އޭނައާއި ވާރޭވެހޭ ރޭތަކާއި ދެމެދު އޮތް ގުޅުމެއް އެނގޭނެނަމައެވެ. އެ ބިރުވެރި ހުވަފެންތަކުން އޭނަ މިއުޅެނީ އަދިވެސް ސަލާމަތްނުވެވިގެންނެވެ.
ނާޔާ ގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިފައި އާވާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހީވަނީ ކުޑަވަރެއްގެ ސުނާމީއެއް އަރާފައިވާ ތަނެއްހެންނެވެ. އެތަން މިތާ ހެދުންތަކާއި ފޮތްތަކެވެ. ބިންމަތިވެސް ކުނިގޮނޑެއްފަދައެވެ. އެއްވެސް ތަރުތީބެއް ނެތެވެ. ނާޔާ ޕެއިންޓްފުޅި އެނދުމައްޗަށް އެއްލާފައި ނުކުމެ އެދުނީ އޭނައާ އެކީގައި ކާކޮޓަރިއަށް އައުމަށެވެ. ނަސީބަކުން މިރޭ ސޫޕް ހަދާދޭކަށް ނުބުނެއެވެ. ރޮށްޓާއި ކުޅިމަސް އޭނައަށް ކަމުދަނީކަން ނޭގެއެވެ. އާވާ އޭނަގެ ޚާއްސަ ކޮފީމަގުގައި ކަޅު ސައިތަށްޓެއްހަދަން އުޅެގަތެވެ. އާވާ މަގު މޭޒުމަތީގައި ބަހައްޓާފައި ތަށްޓެއް ނަގަން ދަމުން ކުޑަދޮރު ކާރީގައި ހުއްޓުނެވެ. ބިއްލޫރީގައި މޫނު ޖައްސާލައިގެން ހުރެ ބޭރަށް ބަލާލިއިރު އެ ފަންއިސްތަށިކޮޅު އުދުހެންފެށިތަން ނާޔާއަށް ފެނުނެވެ.
"އާވް އެމޭޒިން، އަސްލުވެސް އަވީގެ އިސްތަށިގަނޑު ހާދަ ފަނޭ. މަންމައާއި ބައްޕަ ޖަޕަނީޒްތަ؟ " ނާޔާ އިނީ ގޮނޑިމައްޗަށް އަރާފައި ނިކަން އަރާމުކޮށެވެ. އޭނަގެ މަންމަ ގޭގައި ނެތިއްޔާ ނާޔާ އެއްގޮތަކަށްވެސް ކެއުމުގެ އަދަބު ހަނދާނެއް ނުހުރެއެވެ. މަންމަ ކިތަންމެ ގިނައިގެން ވިސްނާ ދިނަސް އޭނަ ހަނދާން ހުންނަ ކަމަކަށް ނުވެއެވެ.
"ނޫން، ހަމަ ރާއްޖޭގެ ދެމީހުން، ނަންނިގެ އިސްތަށިގަނޑު މާރީތި، ކިހާ ދިގު....." އާވާ ބުނެލިއެވެ.
"މަގޭ ހެއަރ މިހާ ރީތިކޮށް އޮންނަ ސިކްރެޓް ކިޔާދެންތަ؟ ބްލޯ ޑްރައިކޮށް އަލްމެންޑް ތެޔޮވެސް ލައިގެން، މަންމަ ގަވާއިދުން ހީނާފަތްވެސް އަޅުވާދޭނެ، ކެމިކަލް ލަންޏާ އިސްތަށިގަނޑު ހަލާކުވާނެކަމަށް މަންމަ އަންގަނީ، އެހެންނޫންނަމަ މަ ކުލަ ކުލައިން ޑައިވެސް ކުރާނަން، އަވީ ކިހިނެއް ތިހާ ބޯކޮށް އިސްތަށިގަނޑު ބާއްވަނީ؟ " ނާޔާ އަނގައިގެ ފުރެންދެން ލައިގެން އިނދެ ވާހަކަދެއްކިއެވެ. އާވާ އެއް ރޮށި ހުސްނުވަނީސް ނާޔާ ތިން ރޮށި ކާލާފަ ކޮފީތަށި ހުސްކޮށްލައިފިއެވެ. އޭނަ ގެ ސުވާލުތައް ހުސްވާ ގޮތެއް ނުވެއެވެ. އެހާ ޚާއްސަކަމެއް އެ މަގަށް ދެނީ ކީއްވެހެއްޔޭ ވެސް އަހާލައިފިއެވެ. އާވާ ބުނީ އޭނަގެ ބައްޕަ ދިން ހަދިޔާއެއް ކަމުގައެވެ.
"ބައްޕަ ވަރަށް ޚާއްސަތަ؟ " ނާޔާ ކައި ނިންމާލާފައި ސުޕާރީ ޕެކެޓެއް ހުރިގޮތަށް އަނގަޔަށް ހުސްކޮށްލައިގެން ހަފަންފެށިއެވެ.
"ވަރަށް ލޯބިވި ބައްޕަދެކެ....." އާވާގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ.
"މަންމަ....މަންމަ ޚާއްސައެއް ނޫންތަ؟ އަވީ ދުވަހަކު މަންމަގެ ވާހަކަ ނުދައްކަމެއްނު...." ނާޔާ ވިސްނުންތެރި ނަޒަރަކުން އާވާގެ މޫނަށް ބަލަން އިނެވެ.
"މަންމައެއްނެތް، އަހަރެން ކުޑައިރު މަންމަ މަރުވެއްޖެ...." އާވާ ހިތާއި ދެކޮޅަށް ބުނެލިއެވެ.
"އޯ އައިމް ސޮރީ...." ނާޔާ ދެރަވިއެވެ. މަންމަގެ ލޯބި ނުލިބި ބޮޑުވެފައިވާ އަންހެންކުއްޖަކަށް ބައްޕަ ފިޔަވާ ދެން ހުންނާނީ ކާކު ހެއްޔެވެ؟ އާވާ އެހާ ބޮޑަށް ބައްޕަދެކެ ލޯބިވާ ސަބަބު ނާޔާއަށް ވިސްނުނީ އަދި ކިރިޔާއެވެ. ޖެހި ބާރު ގުގުރިއަކާއެކު އާވާ ކުޑަކުއްޖެއްހެން ކަންފަތުގައި އަތްއަޅަމުން ދެލޯ މަރާލައިފިއެވެ.
"ޔާކިން ހުރިނަމަ އަވީއަށް ޖެއްސުންފަށެއް ކޮށްލާނެކަން ޔަގީން، ރަފްހާން އަކީ ބޯރިން ޓައިޕް، ރަފްހާން އަހަރެންގެ ދޮންބެއަށް ވިޔަސް އޭނަ ކޫލް ނުވީމަ އަހަންނާ އެހާ ފްރެންޑްލީއެއް ނޫން، ބަޓް ހީޒް ވެރީ ކެއަރިން، ޔާކިން ވަރަށް ބާރަށް ސައިކަލް ދުއްވާނެ، ހަމަ ޑެއަރޑެވިލްއެއް..." ފުރަތަމަ ފަހަރަށް މިގޭ ފިރިހެންކުދިންގެ ނަން އާވާއަށް އެނގުނެވެ. ރަފްހާންއާއި ޔާކިން އެދެނަން ކިތަންމެހާވެސް ރީއްޗެވެ. ނާދިރު ދެ ނަމެވެ. ނަމަވެސް އާވާގެ އެއްވެސް ޝައުގެއް ނެތެވެ. މިގޭގައި ނެތި އެދެމީހުން ވީ ކޮންތާކުކަން ބަލާކަށް އޭނައެއް ނޫޅުނެވެ. އާވާ ދެލޯ މަރާ ތަގުޅިކޮށްލައިގެން އިނދެފައި ލޯހުޅުވާލިއިރު އަދިވެސް އެލޮލުގައިވީ ސިހުމެކެވެ. ކައި ނިމިގެން އާވާ ތަށިތައް ނަގަން ހުއްޓާ ނާޔާ ފަހަތުން ގޮސް އާވާގެ އިސްތަށިގަނޑާއި ކުޅެލުމުން އާވާ ފޮޅުވާލާފައި ދުރަށް ޖެހިލެވުނީ ބޭ އިޚުތިޔާރުގައެވެ. އަންހެންކުއްޖަކުވެސް އޭނަގެ ގައިގާ ކުޑަކޮށް އަތްލިޔަސް ނުރުހުންވަނީކަން ނޭގެއެވެ. ނަމަވެސް ނާޔާއަށް ނެގުނީ އަދި އެހެން މާނައެކެވެ. އާވާ ބިރުންހުރިވަރުން ކުއްލިއަކަށް މީހަކު ޖެހުނީމަ ސިހިގެން ފޮޅުވާލީކަމުގައެވެ.
"ހަހަ، އަސްލުވެސް އަވީ ތިހިރީ ހަންޑި އަވަލާފައި...." ނާޔާ ހުރީ މަޖާވެފައެވެ.
"ހަންޑިއަށްވުރެ އިންސާނުން ބިރުވެރިކަން ނަންނިއަށް އަދި ނޭގެނީ......." އާވާ ތަށިތަކުގައި ސައިބޯނިލަމުން ކުޑަކޮށް ބަލާލިއިރު މޫނުމަތިން ސީރިއަސްކަމެއް ފެނުނެވެ.
"ވަޓްއެވަރ، އަސްލު އަވީގެ ހެއަރ ވަރަށް ސޮފްޓް، ކޮންކަހަލަ ޝޭމްޕޫއެއް ޔޫޒްކުރަނީ؟ " ނާޔާ މައުޟޫ ބަދަލުކޮށްލިއެވެ. އާވާ ބުނެލީ އޭނަ ބޭނުން ކުރަނީ އެވަގުތު ގަނެލެވުނު އެއްޗެއް ކަމަށެވެ. ޚާއްސަ އެއްވެސް އެއްޗެއް ބޭނުން ނުކުރާ ކަމުގައެވެ. ނާޔާގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާންކޮޅެއް ރޯވިއެވެ. އޭނަވެސް އިސްތަށިގަނޑު އެގޮތަށް ކޮށާލާ ހިތްވިއެވެ. ތަފާތު ގޮތެކެވެ. މަންމައަށް ސިއްރުން ސެލޫންއަކަށް ދާންވީކަން ނޭގެއެވެ. އަބަދާއަބަދު ދިގު އިސްތަށިގަނޑެއް އޮވެއޮވެ ފޫހިވާން ފަށައިފިއެވެ.
"ލަޔަރ...." ނާޔާ ގަބޫލެއް ނުކުރިއެވެ.
އެރޭވެސް އާވާގެ ލޮލަށް އެންމެ ފަހަރަކުވެސް ނިދި އަންނަގޮތެއް ނުވިއެވެ. ކިރިޔާ އަޑެއް އިވިލިޔަސް އޭނަ އޮތީ ބިރުންނެވެ. ތަންޑުތައް އަޅާފައި ހުރިކަން ޔަޤީންވާއިރުވެސް ދޮރުތައް ހަލާކުކޮށްލާފައި މީހަކު ވަދެފާނެ ކަމުގެ ބިރު ކުޑައެއް ނޫނެވެ. މަތީ ބައިގާ އެކަނި އޮންނަންވުމަކީ އިތުރަށް ހިތް ހާސްކުރުވިކަމެކެވެ. ދެލޯ މަރާލައިފިއްޔާ ބިރުވެރި ހުވަފެންތައް ފެންނާނެއެވެ. ހޭލާ އޮތުމުން އަމިއްލަ ހިމާޔަތުގައި ޔަގީނުންވެސް އަތް އުފުލާލެވިދާނެއެވެ. ބައެއްފަހަރު އަނދިރިކަން އެއީވެސް އާވާ ރައްކާތެރިކޮށްދޭނެ އައްޑަނައެއް ކަމުގައި ހީކުރެވޭފަހަރު އާދެއެވެ. އޭނަ ފަންކާއާއި ބޮކި ނިއްވާލާފަ ރަޖާގެ ދަށުގައި ބޮނޑިވެލަމުން ދެލޯ މަރާލިއެވެ.
މާހުޖަބީންއާއި އަންވަރު ރެސްޓޯރެންޓެއްގެ މޭޒުދޮށުގައި ތިބިއިރު ދެމީހުންވެސް ތިބީ ހިތްހަމަޖެހިފައި ކަމަށް މޫނުގެ ކުލަވަރުން އަންގާދެއެވެ. މާހުޖަބީން އެއްގޮތަކަށްވެސް އަންވަރުއާއި އެކީގައި ކޮޓަރިއާއި ހަމަޔަށް ދާކަށް އެއްބަހެއް ނުވެއެވެ. އެއީ އަންވަރުއަށް މާހުޖަބީން ފެނުނު ދުވަހުއްސުރެން ހިތުގައި އަޅާފައިވާ ކަމެކެވެ. މާހުޖަބީންގެ ރީތިކަން މިލްކުކުރަން އޭނަ ހިތުގައި ލާފައިވާ ތާ ކޮންދުވަހެއް ހެއްޔެވެ؟
"އަންހެނުން ވަރިކުރީމަ....." މާހުޖަބީން ފަރި ހިނިތުންވުމަކާއިއެކު އަންވަރުގެ ތޫނުފިލި ދެލޮލަށް ބަލާލައިފިއެވެ.
"ޖަބީއަށް އެނގެއެއްނު އެއީ އަހަންނަށް އެހާ ކުރަން ފަސޭހަކަމެއް ނޫންކަން، މަގޭ ދަރިން އެތިބީ ބޮޑެތިވެފައި، އެކުދިންގެ މަންމައޭ އެއީ، ހަމަ ދެވަނަ އަންބަކަށް ވެވިދާނެއްނު...." އަންވަރު ހިތުގެ އެދުން ފާޅުކުރިއެވެ.
"އަހަރެން އަމީން ގާތުން ވަރިވެގެން އައިމަ އަންވަރު އަހަންނާއި އިންނާނެކަމުގެ ޔަގީންކަން ދޭން ކެރިދާނެތަ؟ " މާހުޖަބީން އިނީ ޝައްކެއްގެ މަތީގައެވެ. އަންވަރު ހޭންފެށިއެވެ.
"އިތުބާރުނުކޮށް މިކަންތައް ވާނެގޮތެއް ބުނެދީބަލަ، އެއްޗެއް ގެއްލިފަ ބަދަލުގައި މާރަގަޅު އެއްޗެއް ލިބޭފަހަރުވެސް އާދޭ، އެކަމަކު ގުރުބާނީއެއް ވާން ޖެހޭނެ، މީހަކު ގެއްލިދާނެތީ ވަކިވާން ނުކެރިފަ ހުރެގެން ޖަބީއަށް ލިބޭނެ ފައިދާ އެއް އޮވެދާނެކަމަކަށް ނުފެނޭ، އަމީންގެ ފަރާތުން ޖަބީއަށް ލިބެނީ ކޮން އުފަލެއްތަ؟ " އަންވަރު މާހުޖަބީންގެ ޒުވާން ރީތި މޫނަށް ބަލަން އިނީ ދަހިވެތި ނަޒަރަކުންނެވެ. އަންވަރުގެ ތަންމަތި ފަޅުފިލުވާދޭނެ ކިތަންމެ އަންހެނުން ތިބިއިރު އޭނަގެ ހިތުން މާހުޖަބީން ހޯދާފައިވާ މަގާމުގެ ސަބަބުން އެކަން ހާސިލުކުރަން ކެތްމަދުވެފައިވެއެވެ.
އާވާ މާލެއައުމަށްފަހު އޭނަގެ ނަސީބު މެދުއުޑުގައި ވިދާ ބަބުޅަންފެށިކަމުގެ ހެކިތައް ހުރިހާ ދިމާލަކުން ފެންނާން ފެށިއެވެ. ލިޔުމަށް ލިބުނު ފުރުސަތުގެ އިތުރުން އޭނަގެ މަންމަ މާހުޖަބީން އޭނައަށް ވަޒީފާއެއްވެސް ހޯދަދީފިއެވެ. ހޮޓެލް އާލްޕްސް ގެ ރިސެޕްޝަނުންނެވެ. އެތަނުގައި ހުރެގެން ފުދޭވަރަކަށް ހުސްވަގުތު ލިބޭތީ އާވާ ގިނަފަހަރު އިންނަނީ ވާހަކަފޮތެއް ހިފައިގެން ކިޔާށެވެ. އެހެން ކުދިންނާއި ބޭކާރު އަނގަތަޅާނުލާ މަސައްކަތެއްގައި މަޝްޣޫލުވެގެން އިންނާތީ އެހެން ކުދިންނާއި އޭނަގެ ގުޅުން އެހާ ރަގަޅެއްނޫނެވެ. އޭނަގެ ހިމޭންކަމާއި މަޑުމައިތިރިކަމުގެ ނިވަލުގައިވާ ކަންތައް ދަންނަ އެކަކުވެސް ނެތެވެ. އޭނަ ހިއްސާކުރަން ބޭނުންވެސް ނުވަނީއެވެ. އެކަނިމާ އެކަނި އުޅުމުން އޭނަގެ ހާލަތާއިމެދު ސުވާލު ކުރާނެ މީހެއްވެސް ނުހުންނާނެއެވެ. މާޒީގެ ހަނދާންތައް އެއްފަރާތްކޮށްލާފައި މުސްތަގުބަލް އުޖާލާކުރަން އޭނަވަނީ އަޒުމް ކަނޑައަޅާފައެވެ. ހޮޓެލްގައި އިނދެފައި އޭނަ ގެއަށް ދާއިރު ނާޔާ އިންނަނީ އެކަނިވެގެން އޭނަގެ އިންތިޒާރުގައެވެ. އާވާގެފަހަތުން އުޅޭ ހިޔަންޏެއްފަދައިން ނާޔާ ހުންނަނީ ޖައްސާލާފައެވެ. އެކަމާއިހުރެ އާވާއަށް އުދަގޫވާ ފަހަރުވެސް އާދެއެވެ.
ނާޔާ ސްކޫލުން ގެއަށް އަންނަންވާއިރަށް އާވާ ގަސްތުކުރީ ނެޓަށް ވަދެލުމަށެވެ. އެހެންނޫނީ އާވާއަށް އޮންނާނީ އަމިއްލަ ކަމެއްކޮށްލާނެ ވަގުތު ނުވެފައެވެ. އޭނަ އޮންލައިންކޮށް ލިޔަންފެށި ވާހަކައަށް ލިބިފައިވާ ކޮމެންޓްތައް މަދުކަމުން އާވާ މާޔޫސްވާގޮތްވިއެވެ.
"އައިމް އެ ލޫޒަރ، މިކަންތައް ހުއްޓާލަންވީކަން ނޭގޭ، ރީޑަރސްއިން ނެތިއްޔާ އަމިއްލައަށް ވާހަކަ ކިޔާދީގެން މަޑުން ހުންނަންވީ...." އާވާ ނިތްކުރިއަށް ރޫތައް އަރުވާލައިގެން އިނދެފައި ލެޕްވެސް އެއްފަރާތަކަށް ޖައްސާލިއެވެ. އެނދަށް ވެއްޓިގަނެގެން އޮވެފައި އާވާ އަމިއްލައަށް ހޭންފެށިއެވެ. އޭނަ ހާދަ މޮޔައެވެ. ކަމެއް ފަށާއިރަށް ތަރުހީބު ނުލިބުނަސް ހުއްޓާލަން ޖެހޭހެއްޔެވެ؟ އެހާ އަވަހަށް މާޔޫސްނުވެ އުދަގޫތައް ކަޑައްތުކޮށްފައި ކުރިއަށް ދާންވީއެވެ. ކާމިޔާބު ލިބޭނީ ބުރަ މަސައްކަތުންނެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބުގެ ހަރުފަތްތަކުން މަޑުމަޑުން އަރަމުންގޮސް އެންމެ އުހަށް އަރާނެއެވެ. އާވާ ލެޕް ހުޅުވާލިތަނާހެން އޭނަގެ މޮޑެމުން ލާރި ހުސްވިއެވެ.
"ކިހާ ދެރަކަމެއްތަ؟ ދެން މިގެއިން ނެޓް ލިބޭނެކަމެއްވެސް ނޭގޭ، މިދުވަސްކޮޅު އަހަންނަށް އޮކްސިޖަން ބޭނުންވާފަދައިން އިންޓަރނެޓް މުހިއްމު، ދައްތަ ގާތު ބުނަންވީކަންނޭގޭ..." އާވާ ރަތްކުލައިގެ ބޭންޑަކުން އޭނަގެ އިސްތަށިގަނޑު ހައްޔަރުކޮށްލުމަށްފަހު ކޮޓަރިން ބޭރަށް ނުކުތެވެ. މާހުޖަބީންއާއި ދިމާވީ އޭނަ ބޭރަށް ނުކުމެގެން ދިޔަ މަގުމަތީގައެވެ. ނެތް ހިތްވަރުކޮށްލާފައި ވައިފައިގެ ވާހަކަދައްކަން ފެށިތަނާ މާހުޖަބީން އޭނަގެ ޖުމްލަ ހުއްޓުވިއެވެ. އޭނަ ހުރީ ގެއިން ވައިފައި ކަނޑާފައި ކަމަށާއި މިގޭ ފިރިހެނުންތައް އައިމަ އެކަން ކޮށްފާނެ ކަމުގައެވެ. އާވާ ގެ ދެލޮލުން މާޔޫސްކަން ފެނުނެވެ. ދެރަވިވަރުން ބެލްކަނީގައި ހުރެފައި ދަގަނޑު ރެއިލިން މައްޗަށް އެރިއެވެ. ހިމަކޮށް ހަދާފައި ހުރުމުން ފަސޭހައިން ކައްސާލައިގެން ވެއްޓިދާނެތީ އޭނަ ކުރިއަކުން އެތަނަށް އެރުމުގެ ޚިޔާލެއް ނުކުރެއެވެ. އެތަނުން ފުންމާލަންވީއޭ ހިތަށް އަރާފައި އޭނަ ބެލްކަނީގެ ތަބުގައި ހިފަހައްޓައިގެން ހުރެފައި އަތް ތިރިއަށް އެލުވާލިއެވެ.
"ބިރެއް ނުގަނޭތަ؟ ތި ފުންމާލަން އުޅެނީ ނަރަކައަށް، ވައިފައި ނުލިބިގެން މަރުވީމަ ކަށްވަޅުގައި އެކަން ވާނެތަ؟ އެހެންނޫނަސް މިއަށް ވުރެ ހިތްދަތި ކަންތައް ދިމާވިއިރުވެސް އަވީ ހިތްވަރުކުރި، ފުންމާލައިގެން ތިތަނުން މަރުވިޔަސް އެހެން މީހަކަށް އަސަރެއް ނުކުރާނެ، ކެތްކުރޭ ސްޓްޕިޑް...." އާވާ އަމިއްލަ ނަފުސަށް ހިތްވަރުދިނެވެ. އާވާ އެދިމާލުން ތިރިއަށް ބަލާލާފައި ފައި ތުރުތުރު އަޅާގޮތްވެ އަވަހަށް ފަހަތަށް އަރިވެލާއިރަށް ގޮސް މީހެއްގެ ގައިގާ އަޅައިގަނެއްޖެއެވެ. އެމީހަކުގެ ބާރުގަދަ އަތުގެ ތެރޭގައި ޤައިދުވި ހިނދުކޮޅު އާވާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ.