އާވާ ރަޖާގެ ދަށަށްވަދެ ފިލާފައި އޮތްއިރު ހިތްތެޅޭލެއް ބާރުކަމުން މޭފަޅާލާފައި ނުކުމެދާނެހެން ހީވިއެވެ. އެމީހަކު ދެތިންފަހަރު ދޮރުގެ ތަޅުގައި ހިފާފައި ޓަކި ދިނެވެ. އާވާ އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަމިއްލަ ނަފުސާއިމެދު ހަމްދަރުދީވެފައެވެ. މިހާބޮޑަށް ބިރުގަންނާން ވެދާނެ ހެއްޔެވެ؟ އޭނަ ޖެހޭނީ ކަންތަކާ ކުރިމަތިލާށެވެ. ހިތްވަރުގަދަ މީހަކަށް ވާށެވެ. އެހެންނޫނީ މިދުނިޔޭގައި އުޅުން ފަސޭހަ ނުވެ ހިނގައިދާނެއެވެ.
އާވާ ވިލިމާލެއަށް ދިޔަ ދެތިންދުވަހުވެސް ތާނިޔާ އަކަށް އަންގާނުލައެވެ. އޭނަ ކޮންމެ ފަހަރަކުވެސް ގޮސްފައިވަނީ ނާޒްގެ ދައުވަތަކަށެވެ. ތާނިޔާ ގާތުގައި ބުނެފިއްޔާ އޭނަ ނާޒްގެ ގެއަށް އަންނާކަށް ފަހެއް ނުޖެހޭނެއެވެ. ތާނިޔާގެ ހުންނަ މިޒާޖުގެ ސަބަބުން މީހުންނާއި ފަސޭހައިން އެކުވެރިވެއެވެ. އޭނަ ރީތިކަމަކީ އިނާޔަތެކެވެ. އާވާއާއި ބައްދަލުވާން ތާނިޔާ އެވަރަށް މަސައްކަތްކުރާއިރު އާވާ ހުންނަނީ އޭނަ ހުންނަތަނެއް ނުބުނެ ސިއްރުކޮށް ލައިގެންނެވެ. ތާނިޔާ ގިނަގިނައިން އެގެއަށް އަންނާން ފަށާފާނެތީއެވެ. މިގޭގައި ފިރިހެންވެރިން އުޅޭއިރު ތާނިޔާފަދަ ރީތި ކުއްޖަކު ފެންނައިރަށް އެކުއްޖާއާއި އަޅައިގަނެ ގޮތެއް ހަދާލަފާނެކަމުގެ ބިރު އާވާގެ ހިތުތެރޭގައިވަނީ މާ ބޮޑަށެވެ.
"އަވީ، ކޮންކަމެއް އަހަންނަށް ތި ފޮރުވަނީ؟ އަހަރެން ތިގެއަށް ނުގެންދާނީ ކޮންމެވެސް ސަބަބެއް އޮތީމައެއްނު، އަނެއްކާ މާ ރީތި ބޯއިސްއިން އުޅޭ ގެއަކީތަ؟ " ތާނިޔާ ގުޅައިގެން ހުރެ ޝަކުވާކުރިއެވެ. އޭނަ އުޅެއުޅެ ހުންނަ އެޑްރެސް ބުނެދޭކަށް އެއްބަހެއްނުވިއެވެ.
"ތާނީ، ކެތްކޮށްބަލަ، އަހަރެން އަދި މިހިރީ އަމިއްލަ ތަނެއްގައެއް ނޫނޭ، އަހަންނަށް އެނގޭ އަހަރެން އެޑްރެސް ބުނާއިރަށް ތާނީ ހުންނާނީ މިގޭ ދޮރުމަތީގައި ހެވިދިއްލިފައިކަން، މީހުންނާއި ގުޅެން ތިއީ އެއްވަނަކަން އަހަންނަށް އެނގޭ، އަހަރެން ބޭނުމެއް ނުވޭ މިގޭ މީހުން ކާރިއަށް އަދި ތާނީ ގެންނާކަށް، ރީޒަން ފަހުން ބުނާނީ....." އާވާ އޭނަގެ އެކުވެރިޔާގެ އާދޭސްތަކަށް ބީރުކަންފަތެއް ދީފައި އަދި އެކަން ނުވާނެކަމަށް ތަކުރާރުކޮށް ބުނެލިއެވެ. މާފަށްވެސް އެދުނެވެ. ތާނިޔާ ހުރީ ރުޅިގަދަވެފައެވެ. އާވާއާއި ވާހަކަ ނުދައްކާނެ ކަމަށް ބުނެފައި ތާނިޔާ ފޯނު ކަނޑާލުމުން އާވާ ދެރަވިއެވެ. ހުރި އެންމެ އެކުވެރިޔާވެސް ގެއްލިގެން ދިޔައީ ބާވައެވެ. އާވާ ލެޕް ހިފައިގެން ގޮސް ދޮރުގެ ދާރަމަތީގައި އިށީންއިރު ފިނިވައިރޯޅިތައް ހުރަހެއްނެތި ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ. އިހު ޒަމާނުގެ ދޮރެއްކަމުން މިގޮތަށް ދާރަ ހަދާފައި އިނީމަ ވަރަށް އަރާމެވެ. ލެޕް ފައިމަތީގައި ބައިންދައިގެން ހުޅުވާލުމާއިއެކު ފުރަތަމަވެސް ހަނދާނަށް އައީ ޑާކްނައިޓެވެ. އެ ފިރިހެންކުއްޖާގެ މަތިން ހަނދާންވުމުން ހިތް ތެޅިގަންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. އޭނަ މިއަދު އާ މެސެޖެއް ނުކުރާނެ ބާވައެވެ.
"ހައި ޕްރިންސެސް، ހަމަ އަހަރެންގެ މެސެޖް ޕަބްލިޝް ނުކުރާނީތަ؟ އެ ސްޕެޝަލްވީކަން ޔަގީނޭ، ފޮނިކުއްޖާ....." ޑާކްނައިޓް ލިޔެފައި އޮތެވެ. އެވަރުން އޭނަ މެއިލް އެޑްރެސްދިނީމަވެސް މެއިލްކޮށްލާކަށް ނޭގުނެވެ. މިމެސެޖްތަކަށް ޖަވާބުދޭހިތުން އޭނަ ކެތްމަދުވަނީއެވެ. އޭނަ ފެނިއްޖެއްޔާ ފޮނި ނޫންކަން އެނގޭނެއެވެ. ކިހާ އާދައިގެ ކުއްޖެއްކަންވެސް އެނގޭނެއެވެ. ފޮނި މީހަކީ ޑާކްނައިޓެވެ. އޭނައަށް އެމެސެޖް ޚާއްސަވާންވީ ކީއްވެހެއްޔެވެ؟ އިރުއިރުކޮޅާ އެ ނަން ހިތަށް އަރަން ފެށުމުން އާވާ ހާސްކަމާއިއެކު ދުރަށް ބަލަން އިނދެލާފައި އަނެއްކާވެސް މެސެޖްތައް ފަށްފަށުން ކިޔަންފެށިއެވެ. ކޮންމެ އަކުރެއް ހިތުގައި ދަސްވިއެވެ.
މެހުމާނުން އަންނަން އަދި ދެގަޑި ބާކީ އެބައޮތެވެ. އާއިލާއާއި އެކުވެރިން އަންނަންވާއިރަށް ރަފްހާން ރީތިކޮށް ހެދުން އަޅައި ތައްޔާރުވާން ޖެހެއެވެ. އޭރު ޔާކިން ޝަކުވާކުރަނީ އަވަހަށް ނުކެވިގެން އެކަމާއެވެ. ދިގު މޭޒުމަތީގައި ތަށިތައް ތަރުތީބުން އަތުރާލާފައިވާއިރު ކާތަކެތީގެ ކުޅުދިޔާވާފަދަ މީރުވަހުން ތަން އެއްވަސްވެފައިވެއެވެ. ޔާކިން ކެތްނުވެގެން އުޅޭވަރު ފެނިފައި ރަފްހާން ހައިރާންވިއެވެ. އަދިވެސް ޔާކިންގެ ގަޔަކުން ޅަ ބައި މުޅިން ފިލައިގެން ނުދެއެވެ.
"ކުޑަކޮށް ރަހަ ބަލާނުލެވޭނެތަ؟" ޔާކިން ތަށިތަކާއި ކާރިއަށް ޖެހިލާފައި މަތި ހިއްލަންފެށިއެވެ. ރަފްހާން ޔާކިންއާއި ދިމާލަށް ބަލާލީ އަދަބުވެރިކުރުވާފަދަ ނުރުހުމުގެ ނަޒަރަކުންނެވެ. އެ ބަލާލުމުން ޔާކިން މައިތިރިވެދާނެކަމުގެ އުއްމީދުގައެވެ.
"ބީ ޕޭޝަންޓް...." ރަފްހާން ހަށަން ބަދެލިއެވެ.
"އާހް ޑޯންޓް ބީ ސްޓިންގީ، ކަމޯން ބޭބީ، މިއިން އެއްޗެއްގައި ރަހަބަލާލިޔަސް މަދުވާނީއެއްނޫން......." ޔާކިން ތަންކޮޅެއް އަޑުހިމަކޮށްލާފައި ވާހަކަދެއްކިއެވެ.
"އެންމެރަގަޅު، އަނގަ ހިމޭނުންލައިގެން ހުރެވޭނެކަމަށް ވަންޏާ އެކަނި ޗިކަންގެ ރަހަބަލާލާ، ނަތިން އެލްސް...." ރުންކުރުވިޔަސް ކެތްކުރަމުން ރަފްހާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ޓީހީ، ސޯ ސްވީޓް އޮފް ޔޫ ބިގް ބްރަދަރ...." ޔާކިން ޖެއްސުމަށް ބުނެލާފައި އަވަހަށް ކާތަކެއްޗާއި ދިމާލަށް ޖެހިލީ ލިބުނު ހުއްދައަކުން ހިނިއައިސްފައި ހުރެއެވެ. ރަފްހާން މަޑުމަޑުން އިޑިއަޓް އޭ ކިޔާލާފައި އެތަނުން ނުކުމެގެން ދާން ހިނގައިގަތްއިރު އުއްމީދުކުރީ ޔާކިން މެހުމާނުންގެ ކުރިމަތީގައި ގޮތްނުދައްކާ ހިމޭނުން ހުންނާނެ ކަމުގައެވެ.
މިފަދަ މުނާސަބާއަކަށް ލާނެ ހެދުމެއް އާވާގެ އަތުގައި ނެތްކަން އެނގުމާއިއެކު ރަފްހާން ޔާކިން ގާތު ބުނެގެން އާވާއަށް ހެދުމެއް ގެނުވީ ރޭގައެވެ. އެހެދުން އިސްތިރިކޮށްލާފައި އާވާގެ އެނދުމަތީގައި ފަތުރާލާފައި ބާއްވާފައި ފެންވަރާލިގޮތަށް އާވާނުކުތީ ގައިގާ ބޮޑު ތުވާއްޔެއް އޮޅާލައިގެންނެވެ. ވަރަށް ހީފިލާ އަރާމުވިއެވެ. ހިކިލުމަށްފަހު އާވާ އެހެދުން ލީއިރު ގަޔަށް ފިޓްވެފައި ވަރަށް ހިތްގައިމެވެ. މެކްސީއޮތީ ހުދުކުލައިގެ ލޭސްފޮތިން ފަހާފައެވެ. ގަޔަށް ހިފާފައިވާތީ އެހެދުން ލާން އާވާ ފަސްޖެހުނެވެ. ބަޒާރުކުރުމަކީ އާވާއަށް ބިރުވެރިކަން އިހުސާސް ކުރެވޭކަމަށްވާ ހިނދު އޭނަގެ ބަދަލުގައި ޔާކިން ފޮނުވީތީ އާވާ އުފާވިއެވެ. ހައިރާންވީ ޔާކިން މިހާރަގަޅަށް އޭނަގެ ހަށިގަނޑުގެ މިން އޮޅުންފިލާ އެހާ ހެޔޮވަރު ހެދުމެއް ގެނައީތީއެވެ. އަންހެންކުދިން އޭނައަށް ދަސްވެފައިވާ މިންވަރު އެކަމުން ހާމަވިއެވެ. ލޯގަނޑުކުރިމަތީގައި އެގޮތްމިގޮތަށް އެނބުރި ފަރިބަލަން ހުރެވުނު ވަގުތުކޮޅަކަށްފަހު އާވާ ލަދުގަންނާންފެށިއެވެ. ހީވަނީ ހެދުމެއްނުލާ ހުރިހެންނެވެ. އޭނައަކީ އަބަދުވެސް ބެގީހެދުމާއި ޓީޝާޓް އަދި ހަށިގަނޑުގެ ސައިޒަށްވުރެ ދެތިންގުނަ ބޮޑުކޮށް ހެދުންލާ އުޅޭކުއްޖެކެވެ. ދުވަހަކު ގަޔަށް ހެޔޮވަރުގެ ހެދުމެއް ލާފައެއްނުވެއެވެ. އާވާ އެހެދުން ބަދަލުކުރަން އުޅެފައިވެސް ޚިޔާލު ބަދަލުކުރިއެވެ. ނޫނެކެވެ. އޭނަވެސް ދެން އެހާ ފިނޑިއެއްނުވާނެއެވެ. މީހުންގެ ކުރިމައްޗަށް ނުކުންނަން ދަސްކުރަންޖެހޭނެއެވެ. ހަޔާތަށް މިހާ ބޮޑު ބަދަލެއް އަންނައިރު އޭނަ ހިތްވަރުނުކުރާންވީ ކީއްވެހެއްޔެވެ؟
އާވާ ކާކޮޓަރީގެ ދޮރުން ބޯދިއްކޮށްލިއިރު ފެނުނީ ޔާކިން ހަމަޖެހިލައިގެން ފްރައިޑްރައިސް ކާން އިން ތަނެވެ. ރަފްހާން އަތްދިގު ގަމީހަކާއި ރީތިކޮށް ފަހާފައިވާ ޖިންސެއް ލައިގެން ހުރިއިރު ޔާކިން ހުރީ ޓީޝާޓަކާއި ސޯޓެއްގައެވެ. އޭނަ ތައްޔާރުނުވެ ހުރިކަން އެކަމުންވެސް އެނގެއެވެ. ޔާކިން އެންމެ ފަހު މިނިޓްގައި ތައްޔާރުވުމުގެ އާދަ ހިފާފައިވިޔަސް އޭނަގެ ބޭބެ މުޅިން ތަފާތެވެ. ކޮންމެކަމެއް މާކުރިން ނިންމުމަކީ ރަފްހާންގެ ރަގަޅު ސިފައެކެވެ.
"ޔާކިން، އަހަރެން ބުނީ އެކަނި ޗިކަންގެ ރަހަ ބަލާށޭ..." ރަފްހާން ނުރުހުމުގެ ނަޒަރަކުން ޔާކިންއަށް ބަލާލިއެވެ.
"އެއީ މައްސަލައެއްނޫނޭ، ގެސްޓުންނަށް ވާވަރަށްވުރެ އިތުރަށްވެސް އެބަހުރި....." ޔާކިން އަނގަފުރާ ކާއެއްޗެހި ލައިގެން އިނދެ ހިނިގަނޑެއް ޖަހާލައިފިއެވެ.
"ވީއިރު އެންމެ ކުޑަވެގެން ހެދުން ބަދަލުކުރަން ދޭބަލަ، ހީވަނީ ދެންމެ ނިދާހޭލީހެން ވިއްޔަ...." ރަފްހާން އަމުރުކުރުމުން ޔާކިން ފައިން އޭ ބުނެލީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ. އާވާއަށް ނުހުރެވިގެން ހީގަނެވުމާއިއެކު އަނގަމަތީގައި އަތްއެޅިއެވެ. ދެޒުވާނުން އެ ކޫސަނި ވާހަކައިގާ ތިބެފައި އާވާގެ އަޑު އިވިފައި އެނބުރި ބަލާލީ އެކީގައި ކަހަލަގޮތަކަށެވެ. ޔާކިން ތުބުން ފުމެލިއިރު ރަފްހާންއަށް ހުރެވުނީ ހައިރާންކަމުގެ ނަޒަރަކުން ބަލާށެވެ.
"ވަޓް؟ " އާވާ ކަންބޮޑުވާގޮތްވިއެވެ.
"ލުކިން ގޯޖަސް އާވާ، ތިހެދުމާއި ވަރަށް ގުޅޭ، ހުރިހާ ތައުރީފެއް ހައްގުވަނީ އަހަންނަށް...." ޔާކިން އެއްމިޔަކަނުން ހީލާފައި ތެދުވުނީ ހެދުން ބަދަލުކުރަން ދާންކަމަށެވެ.
"ބްރޯ، ތިވަރަށް ބެލީމަ އެސްފީނާޖެހޭނެ، މިރޭ ބޭނުންވަރަކަށް ބަލާލެވޭނެ، ކެތްކުރޭ ކެތްކުރޭ އެކަނިވާންދެން........" ޔާކިން އޭނަގެ ބޭބެއާއި ދިމާކުރުމުން ރަފްހާން ގެއްލިފައި ހުރި ދުނިޔެއިން ހޭލެވުނުހެން ހީވިއެވެ.
"ޔާކިން، އަނގަ މަޑުންލައިގެން ހުރެބަލަ......." ރަފްހާން ހިނިއަންނަގޮތްވި ނަމަވެސް އެކަމެއް ނުދެއްކިއެވެ. ބޮޑު ލާނެތެކެވެ. ޔާކިން ލޯމަތިން ގެއްލުމުން ރަފްހާން އާވާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ވަރަށް ލޯބި އޭ ބުނެލުމުން އާވާ ލަދުން ރަފްހާންއާއި ހަތަރުކަޅި ހަމަކޮށްލާކަށްވެސް ނުކެރުނެވެ. ރަފްހާންއާއި ޔާކިންގެ ތައުރީފުން މިއަދު އާވާއަށް އެހާ ބޮޑު އުދަގޫތަކެއް އިހުސާސްނުކުރެވި ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ. އާވާ ރަފްހާންއަށް ޝުކުރުއަދާކުރިއެވެ.
މެހުމާނުންތައް އަންނާންފެށީ ފަހަރަކު މީހަކު ކަހަލަގޮތަކަށެވެ. އެމީހުން ރާވާފައިވާ ގޮތަށް ދަޢުވަތުދެވުނީ އެކަނި އާއިލާއަށާއި ގާތް އެކުވެރިންނަށެވެ. އާވާ އޭނަގެ އެކުވެރި ތާނިޔާ އަދި ނާޒުމެންނަށް ދައުވަތު ނުދިނީ މިއީ ހަޤީގީ ކައިވެންޏަކަށް ނުވާތީއެވެ. ދެއްކުމަށް ކުރާކަމަށްވާތީއެވެ. އިތުރުމީހަކަށް އޭނަ ކައިވެނިކުރާކަން އެންގުމުގެ މާނައެއް އާވާއަކަށް ނުފެނުނެވެ. ރަފްހާންގެ ދެމަފިރިން ދޮރުކާރީގައި މެހުމާނުންނާއި ބައްދަކުރަން ހުއްޓިލިއެވެ. އޭރު ޔާކިން އޭނަގެ ބްރޭންޑެޑް ހެދުމުގައި އިސްތަށިގަނޑު ރީތިކޮށް އޮމާންކޮށްލައިގެން ނުކުތްގޮތަށް މެހުމާނުންނާއި ވާހަކަދައްކަން ޖައްސާލިއެވެ. އާވާ ހައިރާންވީ އޭނަގެ މަންމަ މާހުޖަބީންއާއި ނާޔާ ދައުވަތު ގަބޫލުކޮށްގެން އައިތަން ފެނުނީމައެވެ. އާވާއާއި ދިމާލަށް ބަލާލުމަކާ ނުލައި މާހުޖަބީން ރަފްހާންއަށް އެތައް ތަޢުރީފެއް އޮއްސާލިއެވެ. އޭނަ ހެދި ދޮގު ހަގީގަތަކަށް ވެދާނެކަމަށް މާހުޖަބީން ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. ގަދަޔަށް މޭކަޕްކޮށްފައިވާ އިރު ތުންފަތްމަތީގައި މަސްނޫޢީ ހިނިތުންވުމެއްވިއެވެ. ރަފްހާންވެސް ހުރީ މާހްޖަބީން ފެނުމުން އުދަގޫވެފައިކަން ޔަގީނެވެ. އޭނަ ގަދަކަމުން ހިނިތުންވެލާފައި މާހުޖަބީން ކިޔާ އެއްޗަކަށް ނިތްކުރި އަރުވާލިނަމަވެސް އެ ވާހަކަތަކަށް އެހާ އަހައްމިއްޔަތު ކަމެއްދިން ހެން ހިޔެއްނުވެއެވެ.
ނާޔާ އާވާއާއި ދިމާލަށް ފާޑަކަށް ބަލާލާފައި ފޮނިގޮތަކަށް ހިނގާލާފައި ޔާކިން ހޯދަން ދިޔައެވެ. އޭރުވެސް ނާޔާ ވިސްނަމުން ދިޔައީ އޭނަގެ ދެބެންގެ ދެދަރި އާވާ އެހާ ރަގަޅު ފިރިޔަކު ހޯދިގޮތަކާމެދުގައެވެ. ރަފްހާންގެ އަންބަކަށް އާވާ ވެދާނެކަމަށް އޭނަ ފަހަރެއްގައިވެސް ޚިޔާލުކޮށްފައެއް ނެތެވެ. އެއްގޮތަކަށްވެސް ނުގުޅޭ ދެމީހުންނެވެ. ރަފްހާންއާއި ބަލާއިރު އާވާ ސާދާކަމުގެ ކޮޅެއްނެތެވެ. ރަފްހާންގެ ލޯ އަނދިރީކަން ނޭގެއެވެ. މާލޭގައި މިހާ ރީތި އަންހެންކުދިން ތިބިއިރު ކަޓު ކުއްޖަކާއި އިނުމަކީ ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޭނަގެ ފަހަރިއަކަށް އާވާފަދަ ކުއްޖަކު ބޭނުމެއް ނޫނެވެ. މަންމައާއި ކޮއްކޮ ދުރުކޮށްލީތީ މޮޅިވެރިވެ އަސަރުކޮށްފައި ހުރި އާވާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެހެން މެހުމާނުންގެ ހެޔޮކަމުންނެވެ. އެންމެން ހަމަޖެހިލައިގެން އިށީންތާ މާގިނައިރުތަކެއް ނުވަނީސް ކާއެއްޗެހި ހުސްވާން ފަށައިފިއެވެ. ކާން ހުރި ބާވަތްތަކުގެ މީރުކަމުން އެންމެންގެ ތައުރީފު އޮހެމުންދިޔައިރު ކާއެއްޗެއްސަށް އޯޑަރުކުރި ތަނެއް އޮޅުން ފިލުވަން ބޭނުންވިއެވެ. ރަފްހާން އިޝާރާތްކޮށްލީ އާވާއަށެވެ. ރަފްހާން ކެއުމަށް އޯޑަރުދޭން އުޅުނެވެ. އާވާ އެކަމާދެކޮޅު ހަދާ ކެއުން ތައްޔާރުކުރާނީ އޭނަ ކަމުގައި ބުނިއިރުވެސް މިހާ މޮޅުވެދާނެކަމަށް ފަހަރެއްގައިވެސް ހިތަށް އަރާފައެއްނުވެއެވެ. އާވާ ކުޅަދާނައެވެ. ރެއާއި ހެނދުނުގެ ވަގުތުތައް އާވާ ހޭދަކުރީ އެކަމުގައެވެ. އާވާއަށް ފާހަގަ ކުރެވުނީ އަންހެންކުއްޖަކު ކެއުން ފެށުނީއްސުރެން ނިމެންދެން އޭނައާއި ދިމާލަށް ކަޅިއަޅައިގެން އިންކަމެވެ. ހީވީ އެދެލޮލުން އާވާގެ ގަޔަށް ތީރުތައް އުކިހެނެވެ. ޔާކިންއަށް އެ މަންޒަރު ފެނި މަޖާވެލާފައި އާވާއާއި ކާރިއަށް ޖެހިލާފައި މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ.
"އެއީ އަހަރެމެންގެ ކަޒިންއެއް، މާވަރަކަށް ރަފްހާންއަށް ހިތްކިޔައިގެން ކުޑައިރުއްސުރެން......." ޔާކިންގެ އެޖުމްލައާއިއެކު އާވާ ބޯ ޖަހާލިއެވެ. ރަފްހާންއަށް އެދެމީހުން ވާހަކަދައްކާތަން ފެނުމުން ކޮންމެވެސް ކަހަލަ އުދަގޫތަކެއް ވިއެވެ.
"ކޮން ވާހަކައެއް ތިދައްކަނީ...." ރަފްހާން އޮޅުންފިލުވާ ހިތުން ކެތްމަދުވެފައި އިނދެ ޔާކިންގެ މޫނަށް ބަލާލިއެވެ.
"ނަތިން ނަތިން، އެއީ އަހަރެމެންގެ ކުޑަކުޑަ ސިއްރެއް..." ޔާކިން ހީލައިފިއެވެ. އާވާ އެއްވެސް ބަހެއް ނުބުނެ އިސްޖަހާލައިފިއެވެ. ރަފްހާން ހޫމް އެއް އަޅުވާލާފައި ފާޑަކަށް ބަލާލިއިރު އޭނަ އިނީ ނުތަނަވަސްވެފައެވެ. އަނެއްހެން ބަލާއިރު އެކުޑަ ހަފްލާ ދިޔައީ ވަރަށް ރަގަޅަށެވެ. ހުރިހާ މެހުމާނުން ތިބީ ހިތްހަމަޖެހި އުފާވެފައެވެ. ގިނަމީހުން އައި ހަދިޔާ ހިފައިގެންނެވެ. އެންމެންވެސް ރޭގަނޑުގެ ސަލާމްކޮށްލާފައި ވަކިވެގެން ދަމުންގޮސް އެންމެންހެން ހުސްވުމުން އާވާ ހާސްވާން ފެށިއެވެ. ރަފްހާން އާއި މެދު ވިސްނެންފެށީ އަދި ކިރިޔާއެވެ. ކާވެންޏަކީ ކޯންޗެއްކަމާއި ކިހާވަރުގެ ބޮޑުކަމެއްކަން ރޭކާލުމުން ވަގުތުން ނިތްކުރިން ފިނި ދަލެއް ހިއްލާލައިފިއެވެ. އަވަހަށް ދުވެގޮސް ތަނަކަށްވަދެ ފިލަން ބޭނުންވިއެވެ. ހާސްކަމުގެ އެންމެ މަތީ ދަރަޖައަށް ހާސްވުމާއިއެކުވެސް ރަފްހާންގެ ވަޢުދު ހަނދާންވެފައި ހިތްހަމަޔަކަށް އަޅުވާލާފައި އޭނަ އެތެރެއަށް ވަނެވެ.
ރަފްހާން ދޮރުގެ ތަޅު އަނބުރާލާފައި ފައިން ޖައްސާ ދޮރުހުޅުވާލީ ބަރިއަކަށް ޖަހާފައިހުރި އެތައް ޕާރުސަލްތަކެއް އަތުން ފައިބައިގެންފާނެތީ ވިސްނައިގެން ހުރެއެވެ. އެހުރިހާ އެއްޗެއް އެއް އަތުގައި ބެލެންސް ކުރަމުން ތަޅު އަނބުރާލެވުނު ކަމީވެސް ހަމަ ކަރާމާތެއްފަދަ ކަމެކެވެ. އޭނަގެ އޮފީސް ސްޓާފުންނަށް ކޮންމެވެސް ގޮތަކުން ކައިވެނީގެ ޚަބަރުލިބި ހަދިޔާ ހިފައިގެން އައިއިރު މީގެތެރޭގައި ބިއްލޫރި ނާޒުކް އެއްޗެހި ހުންނާނެކަންވަނީ އަންގާފައެވެ. އެހެންވެ އޭނަ އުޅުނީ ވަރަށް ބަލައިގެންނެވެ. ހިތް ޝުކުރުން ފުރުނަސް ބައެއްފަހަރު އެކުވެރިން މިވަރުގެ އުނދަގުލެއް އުފުލީތީ އެމީހުންނަށް ބަވާލާހިތްވިއެވެ.
"އާވާ؟ ކެން ޔޫ ހެލްޕް މީ އައުޓް؟ އާވާ؟ " މަތިމައްޗަށް ޖަހާފައިވާ ޕާރުސަލްތަކުގެ ސަބަބުން ފެނުމަށް ހުރަސް އަޅާފައިވާތީ ބޯ އަރިކޮށްލާފައި ރަފްހާން ބަލާލިއިރު އާވާ އޮތީ އަރާމުކޮށް ނިދާލާފައެވެ.
"އޯ ސޮރީ، ނޭގުނު ނިދާފައިކަމެއް...." ރަފްހާން މަޑުމަޑުން މާފަށް އެދިފައި ހުރިހާ ޕާރުސަލްތަކެއް ދޫކޮށްލީ ޑްރެސިންޓޭބަލް ކާރީގައިވާ ގޮނޑިއާއި ތަޅުންމައްޗަށެވެ. އެއަށްފަހު ފުން ނޭވަޔެއް ދޫކޮށްލާފައި ރަފްހާން އެނދުގެ މަގަތުގައި އިށީދެއްޖެއެވެ. އާވާއޮތީ އާދައިގެ މަތިން ރަޖާއަކުން ފޮރުވިގެން އެތައް ބާލީހެއް ވަށާ ޖައްސާލައިގެން ސަލާމަތީ ފިޔަވަޅު އަޅައިގެނެވެ. އެނދުގެ މެދުގައި ބާލީހުގެ ފާރެއްވެއެވެ. ފައިމަތީގައިވެސް ބާލީހެކެވެ. މަޖާ ކުއްޖެކެވެ. ރަފްހާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކުރީކޮޅު މިކުއްޖާގެ އާދަޔާ ޚިލާފު ހަރަކާތްތަކުން ހައިރާންވިނަމަވެސް ރަފްހާން ދަނީ އެކަންތަކަށް ހޭނެމުންނެވެ. ނިދީގައި ފުރޮޅެމުންގޮސް ރަޖާ ހަށިގަނޑާއި ވަކިވިގޮތަށް އާވާ ކޮށްލި ހަރަކާތަކާއިއެކު ހެދުން ހިއްލި ބަނޑުހާމަވިއެވެ. އާވާ އެއްއަތް ބޯމަތީގައި ލުއިކޮށް ބާއްވާލިއިރު އަނެއް އަތް އޮތީ ބަނޑުމަތީގައެވެ. ރަފްހާން އެ ނިދާފައިވާ މައުސޫމް ކުއްޖާއަށް ބަލާލާފައި ދުރުބަލާލާކަށްވެސް ނޭގުނެވެ.
އާވާ ފޮރުވައިގެން އުޅޭ ހަށިގަނޑުގެ ރީތި ބައްޓަމާއި ވަނާތައް ރީތިކޮށް ރަފްހާންގެ ކުރިމަތީގައި ހާމަވެފައިވެއެވެ. މިހާ ހިމަ އުނަގަނޑެއް އާވާގެ ހުރެދާނެކަމަކަށް ރަފްހާން ޚިޔާލުކޮށްފައެއްވެސް ނެތެވެ. އެހާ ކުޑަކުއްޖެއްގެ މިހިރަ ރީތި ވަނާތަކެވެ. ކުޑަކުއްޖެއްގެ ގޮތުގައި ރަފްހާން ދެކެމުންއައި އަންހެންކުއްޖާއަކީ ބޮޑު އަންހެނެކެވެ. އަތްނުލާނެކަމުގެ ޔަގީންކަން އޭރު ދިންއިރު އެއީ ދާދި ފަސޭހަކަމަކަށް ވާނެކަމަށް އޭނަ ހީކުރިއެވެ. ރަފްހާންއަށް އަންހެންކުއްޖެއްގެ ހަށިގަނޑު މިހާ ކާރިން ފެނިފައި މިވަނީ ފުރަތަމަ ފަހަރަށެވެ. އޭނަގެ ހަޔާތަށް އަންހެންކުދިން އައިކަމުގައިވިޔަސް އޭނަ އެހާ ދުރަށް ގޮސްފައެއް ނުވެއެވެ. މޮޔަވެގެން އަންހެންކުދިން އުޅެގަންނައިރަށް ރަފްހާން ވަރަށް ފަސޭހައިން ދުރަށް ދާނެއެވެ.
ރަފްހާން އުޅުނީ ހިއްލިފައިވާ ހެދުން ރަގަޅުކޮށް ރަޖާ އަޅުވާދޭށެވެ. ނަމަވެސް ކުއްލިއަކަށް އާވާ ދެލޯ ހުޅުވާލިގޮތަށް ރަފްހާންއާއި ހަތަރުކަޅިހަމަވިއެވެ. އެލޮލުން ފެނުނީ ސިހުމާއި ބިރުވެރިކަމެވެ. އާވާ ފުންމައިގެން ތެދުވިގޮތަށް ރަފްހާންގެ މޭގައި އަތް އަޅާކޮށްޕާލަން މަސައްކަތްކުރިއެވެ.
"ގައިގާ އަތްނުލާ ދުރުގައި ހުރޭ..." އެޖުމްލައާއިއެކު އާވާ ވިދާލިވިދުވަރެއްހެން ގޮސް އެތާހުރި ޕާރުސަލްތަކުގައި އަޅައިގެންފާ ނުވެއްޓުނީ ކުރިޔާއެވެ. އެއްޗެއް ތަޅައިގެން ދިޔައަޑާއިއެކު ދޮރު ބާރަށް ލެއްޕުނުގޮތަށް ތަނަށް ފުންހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އެހުރިހާ ކަމެއް ހިނގީ މިނިޓްކޮޅެއްގެ ތެރޭގައެވެ. ރަފްހާން ފުންނޭވަޔެއް ދޫކޮށްލާފައި ނުތަނަވަސްކަން ފިލުވާލަން ބޭރަށް ނުކުތްއިރު ޔާކިން ބެލްކަނީގައި ފޯނެއްގައި ހުއްޓެވެ.
"ޕޯރން ބަލަނިކޮށް އާވާއަށް ފަޅާއެރީތަ؟ " ޔާކިން ދިމާކޮށްލުމުން ރަފްހާން ލޯ ހަނިކޮށްލިއެވެ.
"ޝަޓަޕް، ރަގަޅަށް އެނގޭނެ އަހަރެން ނުބަލާނެކަން...." ރަފްހާން ދަތްކުނޑިވިކާލިއެވެ.
"ވޯހ ވަޓްސް ޔޯރ ޕްރޮބްލެމް؟ ސީރިއަސްކޮށޭ ކިހިނެއްވެގެން ތިއުޅެނީ....." ޔާކިންގެ ހިތުގައި ޝައްކު އުފެދި ކަންތައް ހިނގިގޮތް އޮޅުން ފިލުވާހިތުން ކެތްމަދުވިއެވެ. ކާވެނީގެ ރޭގައި މާޔޫސްވެފައި ހުރެ ރަފްހާން އެކޮޓަރިން ނުކުތުމުގެ ކުރިން އެތާތެރޭ ހަނގުރާމައެއް ހިނގައިފިކަން ޔަގީނެވެ. އެއްޗެހިތަކެއް ތެޅުނު އަޑާއެކު މާ ބާރަކަށް ފާޚާނާގެ ދޮރު ލައްޕާލެވުނު އަޑު އޭނައަށް އިވުނެވެ. އެހެންނޫނަސް ރަފްހާން އެގޮތަށް ފިކުރުބޮޑުވެފައި ނޫނީ ހާސްވެފައި ހުއްޓާ ޔާކިންއަށް ފެނިފައިވޭ ހެއްޔެވެ؟ ނޫނެކެވެ. މިއީ ފުރަތަމަ ފަހަރުކަން ނޭގެއެވެ. ޔާކިން ހިނިގަނޑެއް ޖަހާލާފައި ފަރުވާކުޑަގޮތަކަށް ކޮނޑު އަރުވާލާފައި ހިނގައިގަތީ ހަތަރުވަނަ ނަމްބަރ ލޯބިވެރިޔާއާއި ބައްދަލުކުރާށެވެ. އަންހެންކުދިން ގިނަކަމުން ނަން ހަނދާން ނުހުންނާތީ އޭނަ އޮންނަނީ ނަމްބަރު ދީފައެވެ. އެގޮތްވެސް ނަން ދަސްކުރުމަށްވުރެ އޭނައަށް މާފަސޭހައެވެ.
އާވާ ރަފްހާންއަށް ކުރި އިތުބާރު ފެނަށްވެ ކުރިއަށްވުރެ ބޮޑަށް ހިތުތެރޭގައި ބިރުވެރިކަން ހިނގާލައިފިއެވެ. އޭނަ ނިދާފައި އޮތްވާ ރަފްހާން ކުރި ގޯނާއެއް އާވާއަށް އެނގެނީއެއް ނޫނެވެ. ރަޖާދަމައިގަނެ، ހެދުން ހިއްލާލައިގެން އުޅޭނީ ހާދަ ނުލަފާ މީހަކަށްވީމައެވެ. ފިރިހެނުންގެ ތެރޭގައި ސަހަލު މީހަކު ނުވާނެއެވެ. ފުރަތަމަ ރޭވެސް ހަގީގީ ކުލަދައްކާ ނުލައެއް ނުހުރެވުނެވެ. ވަޢުދުވެފައިވެސް ގަޔަށް އަތްލީއެވެ. އޭނަ ނިދާފައި އޮތްވާ އެކަމުގެ ނާޖާއިޒު ފައިދާ ނެގީއެވެ. އެންމެ ފިނޑި ފިރިހެނުން ފަދައިންނެވެ. އާވާގެ ލޯ ރުޅިވެރިކަމުގެ ކަރުނުން ފުރުނެވެ. ރޮއިރޮއި އެތައް އިރެއްވާންދެން އޭނަ ފާޚާނާގެ ބިއްގަނޑަށް ލެނގިލައިގެން ހުއްޓެވެ. ރަފްހާންގެ ޚަބަރެއްނުވުމުން ހައްތަހާ ބޮޑަށް ހާސްވިއެވެ. އޭނަ ނުކުންނައިރަށް ފާރަލައިގެން ހުރެދާނެއޭ ހިތަށް އަރާފައި ހިތް ހުއްޓިދާނެހެން ހީވިއެވެ. ދަންވަރު ދޭއްޖެހިފަހުންވެސް އާވާ ފާޚާނާއިން ނުނިކުމެގެން ރަފްހާން ކަންތައްބޮޑުވެފައި އާވާއަށް ގޮވަންފެށިއެވެ.
"އާވާ، ދޮރު ނުހުޅުވައިފިއްޔާ ދޮރު ހަލާކުކޮށްލަފާނަން..." އެންމެފަހުން ރަފްހާން އިންޒާރެއްދިނެވެ. އާވާ ދޮރުހުޅުވާލަން ނިންމީ ރަފްހާންގެ އަޑުން ނުރައްކަލުގެ ސިގްނަލް ލިބުމުންނެވެ. ގަޑިންވީއިރެއް ލަފާކޮށްނުލެވުނަސް އޭނަ ވަރުބަލިވާތީ ދަންވާކަން އެނގުނެވެ. އާއްމުކޮށް ރޭގަނޑު ނިދާ ނޫޅޭ ކުއްޖަށްވާތީ ނިދި އެހާ މުހިއްމު ނުވިޔަސް ބިރުވެރިކަމުގެ ސަބަބުން އޭނަގެ ހަށިގަނޑުވެސް ވާޅުވެ އެނދުގައި ޖައްސާލަން ބޭނުންވާން ފެށީއެވެ.