އާވާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ބަދިގެ ފަރާތުން ނުކުތް ގޮތަށް ގޭގެ ފުރަގަހުގައި އޮތް ހުސް ތަންކޮޅުގައި ހުއްޓިލި ގޮތަށް ނިޔަފަތީގައި ދައިގަތްގަތީނުން ލޭ އަރުވާލިއެވެ. އާނީ އާއި ރަފްހާން އެކީގައި ކޮފީއެއްގައި ތިބޭނެ މަންޒަރު ހިތަށް އަރާފައި ހިތް ހީވީ ކުދިކުދި ވެދާނެއެވެ. މޭގައި ރިއްސަން ފެށުމުން އެދިމާލުގައި ފިރުމާލެވުނެވެ. އެހެން ހުންނަތާ އިރުގަނޑެއްފަހުން މީހަކު ކޮނޑުގައި އަތް ބޭއްވުމުން ސިހިފައި ހަޅޭއްލަވައިގަތެވެ.

"ސޮރީ، ސޮރީ ސިއްސުވާލެވުނީމަ، ހިނގާބަލަ ކޮފީއަކަށް ދާން..." ރަފްހާން ހިނިތުންވެލިއެވެ.
"ވަޓް....." އާވާ ދެލޯ ބޮޑުކޮށްލިއެވެ.
"އިރުއޮއްސޭ މަންޒަރު ބަލާލަންވެސް ރަގަޅު ދުވަހެއްނު...." ރަފްހާން އާވާގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލުމަށްފަހު މޫނުން އަތް ނެގީ އެހެން ފަހަރަށްވުރެ ގިނައިރުކޮށްލާފައެވެ. އެ ބީހިލުމުން އާވާގެ ހިތުގެ ވިންދު އެތައް ގުނައަވަސް ކުރުވިއެވެ. އިހުސާސްތަކަށް ފިލަން އާވާ ކިތަންމެ މަސައްކަތް ކުރިޔަސް އަމިއްލަ ހިތަށް އޮޅުވާލެވޭނީ ކިހާދުވަހެއް ވާންދެން ބާވައޭ ހިތަށް އެރިއެވެ. އާވާ ހައިރާންވީ ރަފްހާންގެ ޚިޔާލު ބަދަލުވީލެއް އަވަސްކަމުންނެވެ. އާނީ އާއި އެކު ކޮފީއަކަށް ދާންއުޅެފައި މިހާރު އިރުއޮއްސޭ މަންޒަރު ބަލަން ޚިޔާލުކުރީ ކީއްވެހެއްޔެވެ؟ އެ ދެމީހުންގެ ހުރިހާ ވާހަކައެއް އަޑުއަހަން ކެތްކޮށްލައިގެން ހުރެވުނު ނަމައެވެ. ވާހަކައެއްގެ އެއްބައި އަހާފައި ގޮތެއް ނިންމަން ނުވާ ސަބަބަކީ މިއީއެވެ. ކުށްހީއެއް ކުރެވެނީ މިގޮތަށެވެ.

އާވާ ލަދުން އޮޅެމުން ރަފްހާންގެ އަތް ދުރަށް ޖައްސާފައި ދުވަމުންގޮސް ކޮޓަރިއަށް ވަނެވެ. އަތުގައިވާ އެންމެ ރީތި ސޫޓާއި ޖެކެޓްކޮޅު ލައިގެން ރީތިވާން ފެށިއެވެ. ފައުންޑޭޝަން ކޮޅެއް އުނގުޅާލާފައި ތުންފަތުގައި ލިޕްގްލޮސް ހާކާލުމުން ރަތްކުލަ ގަދަވިއެވެ. އަނދުން އެޅުމުން ލޮލުގެ ރީތިކަން އެތައް ގުނަ އިތުރުވީކަމެއް އާވާ ނުދެނެހުއްޓެވެ. އެ ލޮލުން ފިރިހެންކުއްޖަކާއި ދިމާލަށް ބަލާލައިފިނަމަ ހިތްތަކަށް ތީރުތައް ހެރޭނެއެވެ. އާވާ ސެންޓް ޖަހާލައިގެން ނުކުމެގެން އައިއިރު ރަފްހާން ފެންޑާގައި ބަލަން ހުރެފައި ހާދަ ރީއްޗޭ ބުނެލިއެވެ. ކުޑަކޮށް ބައްދާލިއެވެ. އެ ބައްދާލުމުން އާވާއަށް ހީވީ ކަރަންޓް ރާޅުތަކެއް ދަތުރު ކުރިހެނެވެ. އެރީތި ހަށިގަނޑުގެ އަރާމުކަން ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނު ވަގުތަކަށް ވެގެންދިޔައެވެ. ދެމީހުން އެކީގައި މަޑުމަޑުން ހިނގާލާފައި ދިޔައިރު މަގުމަތިން ދިމާވާ ކޮންމެ ބަޔަކު ދެވަނަ ނަޒަރަކުން ބަލާކަން އާވާއަށް ފާހަގަކުރެވުނެވެ. ރަފްހާން މީހަކަށް އެންމެ ނަޒަރެއްވެސް ނުދެއެވެ. ވަރަށް ގިނައިން އާވާގެ ގައިގައި ރަފްހާން ޖެހޭގޮތްވިއެވެ. ޓްރެފިކުން އޭނަ ސަލާމަތްކޮށްދޭން ބައެއްފަހަރު ގަޔާއި ކާރިކޮށްލައެވެ.

"ހީޒް ސޯ ކެއަރިން، ހިތް ފިދާވާވަރު އެބަވޭ....." އާވާގެ ހިތުގައި ފޮނި ފޮނި ރާގެއް ކުޅެލައިފިއެވެ. އުފަލުންގޮސް ފެންކަޅިވާގޮތްވިއެވެ. އޭނަ ހަމަރަގަޅަށްވެސް ރަފްހާންދެކެ ލޯބިވެވިއްޖެއެވެ. ނަމަވެސް އޭނަގެ ހަގީގަތް ރަފްހާންއަށް ނޭގޭކަން ހަނދާންވުމާއިއެކު އާވާ ކަރުއެލޭގޮތްވިއެވެ.

ރަފްހާން އާވާ ގޮވައިގެން ދިޔައީ ސީހައުސްއަށެވެ. އެތަނަށް ވަނުމާއިއެކު އާނީ ރަތްކުލައިގެ ފަށުވި ހެދުމަކާއި ސްކިނީއެއްލައިގެން ވަރަށް ނަލަހެދިލައިގެން މޭޒެއްގެ ދޮށުގައި އިންތިޒާރުގައި އިންދާ ފެނިފައި އާވާގެ މޫނުގެ ކުލަބަދަލުވިއެވެ. އާނީވެސް ފުންމައިގެން ތެދުވެފައި ރަފްހާންއާއި ދިމާލަށް ބަލާލީ ކުށްވެރި ކުރާފަދަ ނަޒަރަކުންނެވެ.

"ރެއިން، ހީކުރީ އެކަނި އަންނަ ވާހަކަ ކަމަށް ބުނީ ، އިތުރުމީހެއް ގެންނަ ވާހަކައެއް ނުބުނަމެއްނު..." އާނީގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައެވެ.
"އަހަރެން އާނީ އާއިއެކު އައިމަ އާވާ ޖޭވާނެއްނު، އާވާ އަހަރެން ދާހާ ތަނަކަށް އެކީގައި ދާން ބޭނުންވާނެ...... ދޯ އާވާ...." ރަފްހާން އާވާގެ އުނަގަނޑުގައި އަތް ޖައްސާލިތަން ފެނިފައި އާނީގެ ހިތުގައި މީހަކު އެތިފަހަރެއްޖެހިހެން ހީވިއެވެ. ވަގުތުން ހުރި ގޮނޑިއަށް ވެއްޓިގަނެވުނެވެ. އޭނަ ހީކުރީ މިއީ ހިތުން ފިލައިގެން ނުދާނެފަދަ ޑޭޓަކަށްވާނެ ކަމުގައެވެ. އޭނަ ލޯގަނޑު ކުރިމަތީގައި ހުރެ އެތައް ހެދުމެއް ބަދަލުކުރިއެވެ. އެތައް ޚިޔާލެއް ކުރިއެވެ. ރަފްހާންއާއިއެކު އޭނަ ކުރާނެ ކަންތައް އެކިގޮތްގޮތަށް ވިސްނިއެވެ. ދައްކާނެ ވާހަކަ ދަސްކުރިއެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ ރަފްހާން އާނީގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ ފޯނު ހުޅުވާލިއެވެ. ރަތްވިލާތައް ލަމުންދާތީ އެންމެންގެ މޫނަށް ވެރިވެފައިވާ ކުލަތަކުން ރީތި މީހުންގެ ރީތިކަން އިތުރުކުރުވައެވެ. އާނީ އިނީ މޮޔަވާވަރުވެފައެވެ. ރަފްހާން އިސްޖަހާލައިގެން އިންއިރު ހާދަ ނަލައެވެ. އިރުއޮއްސޭ މަންޒަރަށްވުރެވެސް ފުރިހަމަ އިންސާނެކެވެ. އެންމެންގެ ކުރިމަތީގައި ރަފްހާންގެ ރަންކުލައަރާ ރީތި މޫނުގައި ބޮސްދޭން ހިތަށް އެރިއެވެ. އާވާ އިނީ މެނޫއަށް ބަލާށެވެ. ހީވަނީ އޭގައިވާހާ އެއްޗެއް ދަސްކުރަން ބޭނުންވާހެނެވެ.

"އާނީ، އެހާވަރުން އަހަރެން ގެނައީ ކީއްކުރަންތަ؟ " ރަފްހާން ބުމަ އަރުވާލިއެވެ.
"އަހަރެން ބޭނުންވީ އެކަނި މީޓްކުރަން...." އާނީ އެތެރެ އެތެރެއިން ފަޅައިގެން ދާވަރު ވިނަމަވެސް ހީލިއެވެ. ފަރި ނަޒަރަކުން ރަފްހާންއާއި ހަތަރުކަޅި ހަމަކުރިއެވެ. އެ ތޫނު ދެލޮލަށް ފަޅި ސިކުންތުކޮޅަކަށް ރަފްހާން ބަލާލުމުން އާނީގެ ލޮލުން ފެންއައިސް ރަކިވެއްޖެއެވެ. ރަފްހާން އާދައިގެ ނަޒަރަކުން ބަލާލާފައި އެކަނި ބައްދަލުކުރުމަކީ ނުވާނެކަމެއް ކަމުގައި އެންގިއެވެ.
"ސޮރީ އާނީ، އިޓްސް ނޮޓް ޕޮސިބްލް، އަހަރެންގެ ވައިފް ތިކަމަށް ހުއްދައެއް ނުދޭނެ....." ރަފްހާން އާނީ ރަކިކޮށްލާ ރުޅިއަރުވާލަން ބޭނުންވިއެވެ. އޭނަ ކިތަންމެ ފަހަރަކު އާނީއަށް ވިސްނާދޭން މަސައްކަތް ކޮށްފި އެވެ. އޭނަ މީހެއްގެ ފިރިއަކަށް ވުމުންވެސް އާނީ ހުއްޓާލާކަށް ނުވޭހެއްޔެވެ؟ އާނީގެ ހިތުގެ ބައްޔަކީ ކޮބާކަން ރަފްހާންވަނީ ދެނެގެންފައެވެ. އެއީ އެހާ ބޮޑުކަމެއް ނޫނެވެ. ގިނަފަހަރު އާނީ އަމިއްލައަށް ޕެނިކީވެގެން އެޑްމިޓްކުރަން ޖެހުނަސް އޭނައަކީ ބޮޑުދައިތަމެން ދުނިޔެއަށް ދައްކާހާ ބަލިކުއްޖެއް ނޫނެވެ.

"ރިއަލް ވައިފެއް ހޯދާފައި ރެއިން ތިހެން ކިޔާބަލަ، ޔާން ކިޔާދިން ހުރިހާ ވާހަކައެއްވެސް، ތިދެމީހުން ނިދަނީ ދެކޮޓަރިއެއްގައި، އަދިވެސް ތިމާމެން ގުޅުން ރަގަޅުކަން ދުނިޔެއަށް ދައްކަން މަސައްކަތް ކޮށްބަލަ ރެއިން... ޔޫ އާރ ސޯ ސްމާޓް ރެއިން.." އާނީ ކިތަންމެ ވަރަށް ރަފްހާންދެކެ ރުޅިއަންނަން އުޅުނަސް އެންމެ ނަޒަރަކުންވެސް އޭނަ ފިނިވާގޮތްވެއެވެ. 
"ޔާންއަށް އާނީ ހާދަ ވަރަށޭ އިތުބާރުކުރަނީ، އާވާ، ކޯންޗެއް ގެންނާނީ...." ވެއިޓަރު ހުއްޓުމުން ރަފްހާން އާވާއަށް ބަލާލީ ހިތްވިރިގެންދާފަދަ ހިތްގައިމު ނަޒަރަކުންނެވެ. ރަފްހާން ބޭނުންވީ ރެޑްބުލް އެކެވެ. އާނީ ވަގުތުން އެތަނުން ތެދުވެގެން ދާން ހިނގައިގަތީ މޭޒުމަތީގައި އަތުން ޖަހާލާފައެވެ. ރަފްހާން ދެރަވެސްވިއެވެ. އާނީއަށް ދެރަގޮތެއްވާކަށް ރަފްހާން ބޭނުމެއް ނޫނެވެ. ނަމަވެސް އާނީ އެދަނީ ރަގަޅު ދިމާލަކަށް ނޫނެވެ. ރަފްހާން އާއި އާވާ އިރުއޮއްސޭ މަންޒަރު ބަލަން ތިބިއިރު ދެމީހުންގެ މޫނުމަތިންވެސް އުފާވެރިކަން ފެނެއެވެ. ބޭނުން ހުރިހާ އެއްޗެއް ހާސިލުކުރެވިފައިވާހެން ހީވެއެވެ. އާވާވެސް އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ރަފްހާންގެ ދެލޮލަށް ގެއްލިފައި އިނެވެ. އެދުވަހު އާވާ ރަފްހާންގެ ފޮޓޯތަކެއްވެސް ނެގިއެވެ. ޑިސްޕްލޭއަށް ރަފްހާންއާއި ދެމީހުން އެކީގައި ނެގި ސެލްފީއެއް ލިއެވެ. އެއީ ރަފްހާން ދެކޭގޮތުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.

އާނީ އެފްބީގައި ނުސީދާކޮށް ލޯބި ހުށަހަޅަމުން އައިސްފައި މިފަހުން އޭނަގެ ފޯނަށް ކެނޑިނޭޅި މެސެޖް ފޮނުވާ ދުވާލަކަށް ސަތޭކަ ވަރަކަށް މިސްކޯލު ދޭން ފެށުމުން ރަފްހާން އެތައް ވަރަށް ވިސްނާދީފިއެވެ. އާނީ ދޭތެރެ އަކުން ބަލިވެގެން އެޑްމިޓްކުރަން ޖެހުމުން އަމާރާ ޝަކުވާއާއިގެން އަންނަނީ އޭނަގެ ބޭބެ ގާތަށެވެ. ކަރުނަ އޮއްސައިގެން އާދޭސްކުރަނީ ރަފްހާންއަށް އާނީއާއި އިންނަން މަޖުބޫރުކުރުމަށެވެ. ދެއަތްބަށްވެސް ހެޔޮކަމުގައެވެ. އެންމެފަހުން އަމާރާއަށް އަމީންގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް ނުލިބޭނެކަން އެނގުމުން ކުރިން ޚިޔާލުކުރިގޮތަށް އާވާގެ ގާތުގައި އެ ވާހަކަ ބުނެލިއެވެ. އާވާއަށް ދެރަވާނެ ކަމެއް އާނީ ނުކުރާނެ ކަމަށާއި އާނީއާއި އިންނަން ރަފްހާން އެއްބަސްކުރުވަން އެދުނެވެ. އާވާގެ ހިތަށް ނުބައި ގޮތެއްވިއެވެ. ދައްތަ އެހާ ރީތިކޮށް އެދުމުން އާވާއަށް މަޖުބޫރުވީ އާއެކޭ ބުނުމަށެވެ. އާވާގެ ބޯ ހަލާކުވާވަރުވެ މޮޔަވެދާނެހެން ހީވުމުން އޭނަ ނާޒްއާއި ބައްދަލުކުރަން ވިލިމާލެއަށް ދިޔައެވެ. 

އާވާއައި އަޔާމް ދިމާވުމުން ކުރީ ދުވަހު އެއްޗެކޭ ބުނެވުނު ކަމަށްޓަކައި އޭނަ މާފަށް އެދުނެވެ. އާވާ އަޔާމް ކިޔާލި އެއްޗަކާއި އެހާ ވަރަށް އަޅާނުލާ އެތެރެއަށް ވަންއިރު ނާޒް ހުރީ ކޮޓަރީގައެވެ. އާވާ ވަންގޮތަށް ގޮނޑިއަކަށް ތިރިވިގޮތަށް ދެއަތުގެ ތެރޭގައި މޫނު ފޮރުވިއެވެ. ހިތް ދަތިވެގެންގޮސް އާވާއިނީ ހަދާނެގޮތެއް ނޭގި ފިކުރުގެ ކަނޑަކަށް ގެނބިފައެވެ. ނާޒް އެތައް ވަރަކަށް ސުވާލުކޮށްގެން އާވާ ހަމަޔަކަށް އެޅުނެވެ.
"ހަމަ މޮޔަވެދާނެ، ނޭގޭ ހަދަންވީގޮތެއް، މިހާރު ހަޒްބެންޑްދެކެވެސް ލޯބިވެވެން ފެށީ، ދުވަހަކު ހިޔެއް ނުކުރަން މިހެން ވެދާނެކަމަކަށް، އެކަމަކު އޭނައަށް ހުރިހާ އެއްޗެއް އެނގޭއިރަށް އާނީ އާއި އިންނާނެ، ވަރަށް ބިރުގަނޭ، އޭގެ ކުރިން މަރުވެއްޖެއްޔާ މާ ހިތަށް ފަސޭހަވާނެ......" އާވާ ނާޒްއަށް އޭނަގެ މާޒީ ކިޔާދޭން ފެށިއެވެ. އޭނަގެ އަނދިރި މާޒީ ކިޔާދިންއިރު ކިތަންމެ ފަހަރަކު ކުރިއަށް ނުދެވިގެން ހުއްޓާލަން ޖެހުނެވެ. ނާޒް އާވާގެ ބުރަކަށީގަޔާއި ބޮލުގައި ފިރުމާދިނެވެ. ހިތްވަރުދިނެވެ. ނަމަވެސް އާވާ އާއިމެދު ކަންތައް ހިނގާފައިވާގޮތާއިމެދު ސަހަރޯހީވެ ލޮލުން ކަރުނަ ހިލުނެވެ. އިންސާނުންގެ ސިފައިގާ ޖަނަވާރުންވެސް ވަނީ ބާވައެވެ. މި ކުޑަ މުޖުތަމައުގައި މިހެންވާންވީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ އާވާފަދަ ކިތައް މައުސޫމް ކުޑަކުދިންނެއް އެފަދަ އަނިޔާވެރި ފިރިހެނުންގެ ޝިކާރައަކަށް ވެފައިވާނެހެއްޔެވެ؟ ގިނަފަހަރު އެހެން އެވަނީ އާއިލާތައް ރޫޅޭތީއެވެ. މަންމައިންގެ އިހުމާލުންނެވެ. އަންހެންދަރިންނާއި އަޅާނުލެވޭތީއެވެ.

"އާވާ، ހުރިހާ ވާހަކައެއް ފިރިމީހާއަށް ކިޔާދީ، އޭނަ ވަރިކޮށްފިއްޔާ އަހަރެންގެ ގާތުގައި އަހަރެންގެ ދަރިއެއްގެ ގޮތުގައި އާވާ ބަހައްޓާނަން....." ނާޒް ޔަގީންކަން ދިނެވެ. އާވާ ގާތު މޫނުދޮވެލާ ހަދާލައިގެން ސައިބޯން އަންނާށޭ ބުނުމުން އާވާ ފާޚާނާއަށް ވަންތަނާ ރީތިވާ މޭޒުމަތީގައި އޮތް އާވާގެ ފޯނު ރިންގްވާންފެށިއެވެ. "ރެއިން" އެއީ އާވާގެ ފިރިމީހާގެ ނަންކަން އެނގުމުން ނާޒްގެ ހިތަށް ތަފާތު އަސަރުތަކެއް ކުރުވިއެވެ. އެނަމުން އޭނަގެ ލޮލަށް ކަރުނަ ގެނުވިއެވެ. ނާޒް ކުރިއަށް ޖެހިލާފައި އާވާގެ ފޯނަށް ބަލާލުމާއިއެކު ނާޒްގެ މެޔަށް ހީވީ ގަނޑުފެންތަކެއް އޮއްސާލެވުނުހެންނެވެ. 

އާވާ އެރޭ ވިލިމާލެއިން އެނބުރިއައިގޮތަށް ކޮޓަރިއަށް ވަންއިރު ރަފްހާން ފެންނާކަށް ނެތެވެ. އާވާ ލެޕް ހުޅުވާލުމަށްފަހު އާފުރިފުރި އިނދެ ވާހަކަދައްކަން ފެށީ ޑާކްނައިޓް އާއިއެވެ. ޑާކްނައިޓް ގާތު އާވާ އެދުނީ އޭނަ ހަދަންވީގޮތެއް ބުނުމަށެވެ. އޭނަގެ އަނދިރި ފަރާތް އެނގިއްޖެއްޔާ ރަފްހާންވެސް އޭނަ ދޫކޮށްލާނެ ކަމަށާއި އެކަމުގެ ބިރުވެރިކަމުގައި އޭނަގެ ހިތް ކުދިކުދިވެގެން ދަނީ ކަމުގައި ބުނެލިއެވެ. 
"ޑާކް، އައިމް މޭޑްލީ އިން ލަވް ވިތް ހިމް....." އާވާއަށް ކެތްނުކުރެވިގެން ޑާކްނައިޓް ގާތުގައި ބުނެލިއެވެ.
"ވީއިރު ކޮންކަމަކާ ހާސްވަނީ، ސާމީ ގޯނާ ކުރިއެއް ކަމަކު ހަޒްބެންޑް ފޫހިވާންވީ ވަރުގެ ކަމެއް ނޫނޭ ޕްރިންސެސް....." ޑާކްނައިޓް ފޮނުވީ ހިނިތުންވެފައިވާ އިމޯއެކެވެ. އާވާ ހައިރާންވިއެވެ. އޭނަ ހީކުރީ ޑާކްނައިޓް އެކަމާއި ދެރަވާނެކަމުގައެވެ. ޑާކްނައިޓް އޭނަދެކެ ލޯބިވާ ކަމުގައެވެ. އެންމެން އޭނަދެކެ ނުރުހުންވެ އޭނަ ދުރަށް ލިކަމުގައި ވިއަސް ޑާކްނައިޓް ގާތަށް ދެވޭނެ ކަމުގައެވެ. ޑާކްނައިޓްގެ ވާހަކަ ހުރިގޮތުން ހީވަނީ އާވާއާއި ރަފްހާން ގުޅުވަން މަސައްކަތް ކުރާހެނެވެ.

"ޑާކްއަށް އަހަރެން ހުރިހާ އެއްޗެއް ކިޔާނުދެމެއްނު....." އާވާ ދެރަވިއެވެ.
"މިހާރު އަހަންނަށް ވިސްނިއްޖެ، ހީ ރޭޕްޑް ޔޫ ދޯ، އެވެސް މައްސަލައެއް ނޫނޭ، އިޓްސް ނޮޓް ޔޯރ ފޯލްޓް ޕްރިންސެސް، ކީއްވެ ހަޒްބެންޑްއަށް ނާންގަން އުޅެނީ، އޭނަ ޕްރިންސެސް ދެކެ ލޯބިވާކަމަށް ވެދާނެ، ލޯބިވަންޏާ މާޒީ މުހިއްމެއް ނުވާނެ، މީހުނާއި އިނދެގެން ދަރިން ތިއްބަސް ލޯބިވެވިދާނެ، ހިތްވަރުކޮށްލާފައި މިރޭ އޭނައާއި ހުރިހާ ވާހަކައެއް ޝެއަރކުރޭ، އޭނަ ދެރަގޮތެއް ހަދާފިއްޔާ އައި ވިލް ކިލް ހިމް، އަހަރެން އަބަދުވެސް ޕްރިންސެސްއަށްޓަކާ ހުރެދޭނަން، އަދި އަހަރެންގެ ގެ އަބަދުވެސް ވެލްކަމް ކިޔާނެ އިނގޭ، އެހެންވީމަ ހާސްވަނީ ކޮންކަމަކާތަ؟ އޭނަ އެކްސެޕްޓް ނުކުރަންޏާ ނުކުރާނީ އޭނަ ލޯބިނުވާތީ، އެބިއުޒްވެފައި ހުރި ކުއްޖަކަށްވިޔަސް ލޯބީގެ ބާރުގަދަވެއްޖެއްޔާ އޭނައަށް ދުރަކަށް ނުދެވޭނެ، ލޯބި އެއީ ވަރަށް ޕަވަރފުލް އިހުސާސެއް، އެކަނި ރީތިކަންދެކެ އެއް ނޫން ލޯބިވެވޭނީ، މީހާގެ ކޮންމެވެސް އެއް ސިފައަކަށްޓަކާ ހިތް ކިޔާފާނެ...." ޑާކްނައިޓްގެ ވާހަކަތަކުން އޭނަގެ ހިތުގައި ދިއްލިފައިވާ އުއްމީދުގެ ހުޅުކޮޅު ނިވިޔަނުދީ ހިފަހައްޓައިފިއެވެ.

ރަފްހާން ޓެރެސްގައި އާވާއާއި ފޯނުން ޗެޓްކުރަން އޮތް އެތައް އިރެއްވާންދެން އޮތެވެ. އާވާގެ ހިތުގައި އޭނައަށްޓަކާ ވާ ލޯބި އެނގުމުން އުފަލެއް ލިބުނެވެ. ޑާކްނައިޓްއަކީ ކާކުކަން އަންގަން ރަފްހާން ބޭނުންވިއެވެ. ނަމަވެސް އާވާ މިރޭ އޭނަ ގާތުގައި ހުރިހާ ވާހަކަތައް ކިޔާދޭން ކެރިއްޖެއްޔާއެވެ. ފަލަކުގައި ރަސްކަން ކުރަމުންދާ ހަނދުގެ އަލިކަން ރަފްހާންގެ މޫނާއި ކުޅެލާއިރު އެމޫނު ފެންނަލެއް ފުރިހަމައެވެ. ތުންފަތްމަތީގައި އޭރުވެސް ލުއި ހިނިތުންވުމެއްވިއެވެ. ޖީބަށް އެއް އަތްޖަހާލައިގެން ހުރެ ތިރިއަށް އައިގޮތަށް އޭނަ ކޮޓަރިއަށް ވަންއިރު އާވާ އޮތީ ބާލީހުގައި ބައްދާލައިގެން މޭގައި ކަކޫ ޖައްސާލައިގެންނެވެ.

"އާވާ ހީކަރުވަނީތަ؟ " ރަފްހާން އެނދުގެ މަގަތުގައި އިށީދެލާފައި އެ ތުނި ފައިތިލައިގާ ހިފެހެއްޓިއެވެ.
"ނޫން، ނުނިދިފައި މިއޮތީ، ރަފްހާން ކޮންތާކުން ތިއައީ؟ " އާވާ ކުޑަކޮށް ތެދުވެލާފައި ރަފްހާންގެ މޫނަށް ބަލާލިއިރު އޭނަގެ ހިތް ބާރުބާރަށް ތެޅެއެވެ. އެ ވާހަކަތައް ކިޔާދޭން ފަށާނީ ކިހިނެއްހެއްޔެވެ؟
"ޓެރެސްގައި އިނދެލާފައި، މޫންލިޓް ރޮމެންޓިކް ރެއެއްވީމަ ހިތަށް އެރި އަންހެން ކުއްޖަކު ކާރީގައި އިންނާނެނަމައޭ، ހިނގާބަލަ ބެލްކަންޏަށް ވާހަކަދައްކާލަން، މިރޭ ކީއްވެކަމެއް ނޭގޭ، ނިންޖެއް ނާދޭ ...." ރަފްހާން ގެ ކަތި ނަޒަރުން އާވާގެ ހިތާއި އެ ކުޅެލީ ކިތައްފަހަރު ކަމެއް ނޭގެއެވެ. އެ ގޮތަށް ބަލާލުމުން ގައިން ހީބިހި ނަގައެވެ. ހާސްފަހަރު ހިތް ފިދާވެއެވެ. ރަފްހާންގެ ޖާދޫގައި ޖެހި އެސްފިޔަޖަހާލަން ނޭގި އޮތްވާ ރަފްހާން އާވާގެ އަތުގައި ހިފާލަމުން އަންނާށޭ ބުނެލީ ވަރަށް އިޝްގީކޮށެވެ. އާވާ ލަސްލަހުން އެނދުން ތެދުވިގޮތަށް ހިނގައިގަނެވުނުއިރު ހީވީ ވާހަކަތަކުގައި އެބުނާފަދަ ޖާދޫއެއްގައި ޖެހިފައިވާ އަންހެންކުއްޖެއް ހެންނެވެ. 

ދެމަފިރިން އަތުގުޅުވާލައިގެން ތިބެ ބެލްކަންޏަށް ނުކުމެވުނުއިރު ހަނދުވެސް އެ ޒުވާނުންނަށްޓަކާއި ހިނިތުންވާފަދައެވެ. ޖެހޭ ލުއި ރޯޅިތައް ނާނާއެއް އަޅުވާލާފައިވެއެވެ. ރީތި ފުރިހަމަ ރެއެކެވެ. އެކަނިވެރި ހިތްގައިމު ވަގުތެކެވެ. ރަފްހާންއާއި އާވާ އެތާހުރި ދިގު ގޮނޑިއެއްގައި އެކަކު އަނެކަކާއިޖެހި ފިތިގެން ތިބެ ކުދި ކުދި ވާހަކަތައް ފެށިއެވެ. ރަފްހާން އާވާގެ އިސްތަށިގަނޑު ދިގުވީމަ ވަރަށް ރީތިވާނެކަމުގައި ބުނުމުން އާވާ އިސްތަށިގަނޑު ދިގުކުރަން ނިންމިއެވެ. ބޭ އިޚުތިޔާރުގައި ރަފްހާން އާވާގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އަތުގައި ހިފާލާފައި ފިތާލިއެވެ. އާވާއަށް އެކަމުން ކުރާ އަސަރުތައް ރޭކާލާން ފެށުމުން ރަފްހާން ގެ ކުދި ގޯނާތައް ގިނަވިއެވެ. ދެހިތުގެ ތެޅުން އިންތިހާއަށް ބާރެވެ. ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވުމުން ރަފްހާން އާވާ ގެނެސް އަތުތެރެއަށް ލީގޮތަށް އެދޭތެރޭގައި ދެން ހިނގި ހުރިހާކަމެއް ހިނގީ އާވާގެ ރުހުމުގައެވެ. އާވާ ރަފްހާން ހުއްޓުވާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ވަކި ހިސާބަކުން އާވާގެ ހިތް ބިރުގަނެ ރަފްހާން ގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލަން އުޅެގަތެވެ. އާވާގެ ބިރާއި ނުތަނަވަސްކަން ދުރުކޮށްލާ ހުރިހާ ކަމެއް ރަގަޅުވެދާނެ ކަމުގައި ބުނަން ރަފްހާން ބޭނުންވިއެވެ.

"އަވީ......." ރަފްހާން ގަމީހުގެ ގޮށްތައް އަޅުވަމުން ތެދުވުނެވެ. އޭރު އޭނަގެ އިސްތަށިގަނޑު އޮތީ ކުޑަކޮށް ހޭވިފައެވެ. އާވާވެސް ހެދުން ގައިގާ އޮޅާލައިގެންގޮސް އެނދަށް ބަންޑުންވެއްޓިގަތް ގޮތަށް ތެދުވާކަށް ނޫޅުނެވެ. ރަފްހާން އިތުރަށް އާވާއަށް މަޖުބޫރުކުރާކަށް ބޭނުމެއްނުވިއެވެ. މިއީ ފެށުމެވެ. މަޑުމަޑުންގޮސް އެދެމީހުންގެ ދޭތެރޭގައިވާ ހުރިހާ ފަރުދާތައް އުފުލޭނެކަމަށް ރަފްހާން އުއްމީދުކުރެއެވެ. އޭރު އާވާ ރަޖާގަނޑު ދަށުގައި ފިލާއޮތްއިރު ހިމޭންކަރުނައިން ޝީޓް ފެވުނެވެ. އޭނަ ބޭނުންވަނީ ރަފްހާން ބޭނުންވާހާ ކަންތައް ކޮށްދޭށެވެ. ނަމަވެސް މިއީ ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ ކުޑައިރު ދިމާވާ ކަންތައްތަކުން ޒަވާޖީ ހަޔާތަށް އަސަރުކުރާނެއޭ ބުނެވެނީ މިހެން ވީމައެވެ. ރަފްހާންއަށް އޭނަގެ ފަރާތުން އުފަލެއް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެހެން މީހަކާއި އިންނަން އުޅުނީމަ އޭނަ ހަސަދަވެރިވުމުގެ ހައްގެއް އެބައޮތް ހެއްޔެވެ؟ ރަފްހާންއަށް ކާވެނީގެ އުފާތައް ހާސިލުނުވާނަމަ އެހެން ފަރާތަކަށް ހިތް ލެނބުމުން ޝަކުވާ ކުރަންވާނެ ހެއްޔެވެ؟ އެކި ޚިޔާލުތަކުން އާވާގެ ކަރުނަތައް ގިނަވިއެވެ.

މާހުޖަބީން ނާޔާއަށް ގުޅަގުޅާ ފޯނު އޮތީ ނިވާލާފައެވެ. ރޭގަނޑު ބާރަޖެހީއެވެ. ނާޔާ ގެއަށް ނިދަން އައީއެއް ނޫނެވެ. އަންވަރުއަށް ގުޅުމުން ދިނީ ފިނި ޖަވާބެކެވެ. މާހުޖަބީން އެކަމުގެ ހާސްކަމުގައި އެންމެފަހުން ޔާކިންއަށް ގުޅައިގެންހުރެ ރޯންފެށިއެވެ. ނާޔާ ޕާޓީއަކަށް ދިޔަގޮތަށް ޚަބަރެއްނުވި ކަމަށާއި އޭނަ ބޮލުގައި ރިއްސާތީ މިރޭ އެނދުން ތެދުވާނެ ވަރެއް ނެތްކަމަށް މާހުޖަބީން ބުނެލިއެވެ. ޔާކިން އެ ޕާޓީ އޮތް ގޭގެ ނަން އަހާލުމުން އެކަން މާހުޖަބީންއަށް އެނގުނުކަމަކަށް ނުވިއެވެ. މާހުޖަބީންގެ ބޮލުގެ ރިހުން ގަދަވެ ހަދާނެގޮތެއް ނޭގިފައި އިންދާ އެޕާޓްމެންޓްގެ ދޮރު ހުޅުވާލި އަޑަށް މާހުޖަބީން އެނދުން ތެދުވެއްޖެއެވެ. ނާޔާ ގޮވައިގެން އައީ އަންވަރުގެ ދަރިއެކެވެ. މާހުޖަބީން ހިމޭނުން ހުރީ އެ ފިރިހެންކުއްޖާ ދޮރުން ނިކުންނަން ދެނެވެ. ދޮރު ތަޅުލުމާއިއެކު މާހުޖަބީންގެ އަތުން ހޫނު އެތިފަހަރެއް ނާޔާގެ މޫނަށް އެރިއެވެ. ނާޔާ މޫނުގައި ފިރުމަމުން ދުވެފައިގޮސް ކޮޓަރިއަށް ވަންގޮތަށް ހެދުންވެސް ބަދަލުކޮށްނުލާ އެނދަށް ވެއްޓިގެން ރޯންފެށިއެވެ.

"ނޭގޭ މިވަދެވުނު ތަނެއްވެސް، އަހަރެންގެ މޮޔަކަމާއިމެދު އިންތިހާއަށް ހިތާމަކޮށްފިން، މިކަން ބަދަލުކުރެވޭނެ އެއްވެސް ގޮތެއް އެބައޮތްތަ؟ އަހަރެން ބޭނުންވަނީ ކުރީގެ ދިރިއުޅުން، މި މުއްސަނދިކަމުން ހިތަށް ލިބޭ އެއްވެސް އުފަލެއްނެތް، މިރޭވެސް ބޮލުގައި ރިއްސައިގެން މިވަރުވާއިރު ބޮލުގައި ފިރުމާލާދޭނެ މީހަކު ނުވި، ފިރިޔަކު ހުއްޓަސް ވާކަމެއް ނެތް....." މާހުޖަބީން ފްރިޖުން ނެގި ގަނޑުފެންގަނޑެއް ބޮލުގެ އެތަން މިތާގައި ޖައްސަންފެށިއެވެ. މައިގްރެއިން ރިހުމަށް މިވެސް ފަރުވާއެއްކަމަށް ބުނެވޭ އަޑުއިވެއެވެ.

އަމާރާ ކްރިމްސަން ވިލާއަށް ވަދެފައި އެންމެ ފުރަތަމަ އުޅުނީ އާވާ ހުރިތަނެއް ބަލާށެވެ. އަމާރާ އައީ ފިހުނު ކުކުޅާއި ފަރާޓާ ހިފައިގެންނެވެ. އަމާރާ އާވާ ހޯދަމުން ގޮސް ޓެރެސްއަށް އެރިއިރު ފޮތެއް ހިފައިގެން އިން އާވާގެ މޫނު މަތި މިލާފައިވާކަން އަމާރާގެ ވިސްނުމުން ދެނެގެންފިއެވެ. 
"އާވާ، މެންދުރަށް ކައްކާނެކަމެއްނެތް އިނގޭ، ދައްތަ މިއައީ ކައްކައިގެން......." އަމާރާ އެތާހުރި ތިރި ގޮނޑިއެއްގައި ދެފައި ދަމާލައިގެން އިށީދެއްޖެއެވެ. އާވާ ފޮތް ބާއްވާފައި އަމާރާގެ މޫނަށް ބަލާލާފައި ހިނިތުންވާން އުޅުނީ ގަދަކަމުންނެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޮލުގައި މިއަދު އުޖާލާކަމެއް ނެތެވެ. އަމާރާ އައީ އާވާގެ ގާތުގައި އާއިލީ ސިއްރެއް ބުނެދޭށެވެ. ކޮންމެހެންވެސް އާވާއަށް މި ހަގީގަތް އެނގެން ޖެހޭނެއެވެ. އެހެންނޫނީ ފަހުން އާވާ އަދި ކުރަން ޖެހޭ ހިތާމަ މާ ބޮޑުވާނެއެވެ. އަމާރާ ދެއްކި ވާހަކަތަކުން އާވާއަށް ލިބުނު ޝޮކްގައި ދެލޯ ބޮޑުކޮށްގެން އެތައް އިރެއްވާންދެން އިންއިރު ލޮލުގައި ކަރުނަވެސް ގިނަވެގެންފިއެވެ.

"އާވާ، މިވާހަކަ އެހެން މީހަކަށް އެނގިގެން ނުވާނެ، ނޫނީ މިއާއިލާގައި މިހާރު އޮތް އުފާވެރިކަންވެސް ނެތިގެން ހިނގައިދާނެ......." އަމާރާ އިންޒާރުކުރިއެވެ. އާވާއަށް ލިބުނު މާޔޫސްކަމާއިއެކު ހީވީ މީހަކު އޭނަ ދިރިހުއްޓާ ވަޅުލިހެންނެވެ. މިތަނުން ދިޔުން މާ ލަސްވީއެވެ. ރަފްހާންދެކެ ލޯބިވެވެންދެން މިތާގައި ހުރެވުނުކަމީ އޭނަގެ ބަދުނަސީބެވެ. މިސިއްރުވެސް އަމާރާ ބުނަންވީ މިހާރު ހެއްޔެވެ؟ އޭނަ މިހާ ބަދުނަސީބު އަންހެންކުއްޖަކަށް ވީ ކީއްވެހެއްޔެވެ؟ ހެއްދެވިފަރާތުން އޭނަގެ ފުރާނަ ގެންދަވާނެނަމައެވެ. ދެން އޭނައަކަށް ކެތްނުވާނެއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިގޮތަށް ފާރުކާރިއަށް ތިރިވަމުން އާވާ ބާރުބާރަށް ރޯންފެށިއެވެ.

ކޮމެންޓް 0