ޑާކްނައިޓް ބުނީ އޭނަ ހުންނާނީ ކަޅުކުލައިގެ ގަމީހެއްލައިގެން ކަމުގައެވެ. އޭރުން އާވާއަށް ފަސޭހައިން އޭނަ ވަކިކުރެވޭނެއެވެ. ރެސްޓޯރެންޓް ތެރެއަށް ވަނުމާއެކު އާވާގެ ނަޒަރު ހުއްޓުނީ އިސްތަށިގަނޑު ދިގުކޮށްލާފައި އިން ޒުވާނެއްގެ މޫނަށެވެ. ދެތިން ފިރިހެނުން އެ މޭޒުދޮށުގައި ތިބެފައި އާވާ ފެނުމުން ބަލަންފެށީ ނުބައި ނަޒަރަކުންނެވެ. ތަނުގައި ތިބި ބޭރުގެ ވެއިޓަރުންވެސް ތިބީ މި ޒުވާނުންދެކެ ބިރުންކަން ނޭގެއެވެ.
"ހައި...." އާވާއާއި ދިމާލަށް އަތް އުފުލާލި ޒުވާނާ ކަޅުކުލައިގެ ގަމީހެއް ލައިގެން ހުރިތަން ފެނިފައި އާވާގެ މޭގަނޑު އަނގަޔަށް ނައީ ހަމަކިރިޔާއެވެ. ނުދަންނަ މީހުންނާއި ވާހަކަދައްކަން ހަދައިގެން މި ފުންމާލެވުނީ ކޮންފަދަ ވަޅުގަނޑެއްގެ ތެރެއަށް ހެއްޔެވެ؟ ޑާކްނައިޓަކީ އޭނަ ހީކުރިފަދަ މާތް މީހަކަށް ނުވިއެވެ. މީހަކު ކުރާ ފޮނި ޗެޓްތަކަށް ބަރޯސާވާކަށް ނުވާނެއެވެ. އެވަގުތު ޑާކްނައިޓް އޭނަގެ ފޯނަށް ގުޅަން ފެށިއެވެ. އާވާ ބަލާލިއިރު އޭނައާއި ދިމާލަށް ހައި ޖެހި ޒުވާނާ އިނީ އެކުވެރިއަކާއި ސަމާސާކޮށްފައި ހޭށެވެ. ވީއިރު މިއީ އަދި އެހެން މީހެކެވެ. އާވާ ފޯނު ނަގާފައި ޑާކްނައިޓް ހުރީ ކޮންތާކު ހެއްޔޭ އަހާލާއިރަށް މިހިރީއޭ ބުނެލީ ފަހަތުންނެވެ. އާވާ ސިހިފައި އެނބުރި ބަލާލިއިރު ދާދިގާތުގައި ހުރީ ރަފްހާން އެވެ. ދެންމެ އޮފީހުން އައިގޮތަށް އޭނަ ހުރީ ފަޓްލޫނާއި ކަޅުކުލައިގެ ގަމީހުގައެވެ.
"އަވީ......." ރަފްހާން ހައިރާންވީކަމަށް ހެދުނެވެ. އޭނަ ކަންތައް ބޮޑުވީ އެތާ އޮތް ގޭންގް މީހުންތައް ފެނިފައެވެ. އެއީ އާއްމުކޮށް މިތަނަށް ވަދެ އުޅޭ ބަޔެއްވެސް ނޫނެވެ. އޭނަ ހުރީ އާވާއަށްވުރެ ކުރިން މިތަނަށް އަންނާށެވެ. އެކަމަކު ދިމާވި ކަމަކުން ކުޑަތަންކޮޅެއް ލަސްކޮށްލެވުނީއެވެ. އެހެން ނޫންނަމަ އާވާ އަންނައިރު އޭނަ އެތާ އިންތިޒާރުގައި އިންނާނެއެވެ.
"އައި ކާންޓް ބިލީވް ދިސް، އޯލް އެލޯންގް އިޓް ވޯޒް ޔޫ...." އާވާގެ މޫނަށް އެތައް ކުލަތަކެއް ވެރިގެން ދިޔައެވެ.
"ފޮގިވް މީ ބޭބީ، އަހަރެން ހުރީ ބުނަންކަމަށް...." ރަފްހާން ކުޑަކޮށް ހިނިތުންވެލިއެވެ.
"ކޮންކަމަކާ ރެއިން މާފަށް އެދެންވީ، ނޭގުމުގައިވެސް ހުރިހާ ސިއްރެއް ކިޔާދެވުނީ އެންމެ ގާތް މީހާއަށް، އެއީ އަހަރެންގެ ނަސީބު، ލަވް ޔޫ ޑާކްނައިޓް......" އާވާ ރަފްހާންގެ އަތުގައި ހިފާލަމުން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ޑާކްނައިޓްގެ ހަގީގަތް އެނގުމުން ހިތަށް ވީގޮތް ބަޔާންކުރަން ދަތްޗެވެ. އޭރު ގަނޑުވެފައި ހުރިވަރުން ސިކުނޑި ރަގަޅަށް މަސައްކަތްކުރަން ފެށީވެސް ތަންކޮޅެއް ފަހުންނެވެ. މަގަށް ނުކުމެފައި އާވާ ހޭންފެށިއެވެ. ދެމީހުން މިހުރިހާ ދުވަސްވާންދެން ދެއްކި ވާހަކަތައް ހަނދާންކޮށްފައި މަޖާވެގެން އުޅުނުއިރު ދެމީހުން ގެއާއި ހަމަޔަށް ދިޔައީ އަތުގުޅުވާލައިގެން ދެލޯބިވެރިން ފަދައިންނެވެ.
މާހުޖަބީން އަށް އާވާގެ ޑައިރީ ފެނިގެން ގެއަށް ގެނެސްފައި އޮތްގޮތަށް އޭގައި އަތްނުލާ ހުރުމަށްފަހު އެންމެފަހުން އާވާގެ ހަގީގަތް ދެނެގަންނަންވެގެން އެ ޑައިރީ ކިޔާލާފައި ވަރަށް އަސަރުކުރިއެވެ. އާވާގެ ޑޮކްޓަރަކީ ނާޒްކަން އެނގިގެން ނާޒްގެ ގާތަށްގޮސް މާހުޖަބީން އޭނައާއި ވާހަކަދެއްކިއެވެ. އޭރު މާހުޖަބީންއަށް ވަނީ ނާޔާގެ ބަލިވެސް އެނގިފައެވެ. އަމިއްލަ ދެ އަންހެންދަރިންނާއި މެދު އިހުމާލުވެވުނުވަރު އެނގިފައި އެދުވަހު ނާޒް ގާތުގައި މާހުޖަބީން ވަރަށް ރުޔެވެ.
"ނުރޮއި ޖަބީން، ވީކަމެއް ނުވާކަމަކަށް ނެހެދޭނެ، ދެންވެސް ބާކީއޮތް ދުވަސްތަކުގައި އެކުދިންނަށް ޖަބީންގެ ފަރާތުން ލޯބި ދެވުނު ވަރަކުން އެކުދިންނަށް ކިރިޔާވެސް ހެޔޮ ބަދަލެއް އަންނާނީ، އެންޑް ތޭންކްސް އަހަރެންގެ ދެކުދިން ރަގަޅަށް ބަލާބޮޑުކޮށްދިނީތީ، އެ ޝުކުރުގެ ލިސްޓްފައި ޔަގީނުންވެސް ޖަބީން ހިމެނޭ....." ނާޒް ހިނިތުންވެލިއެވެ. ނާޒްގެ ރީތި އަޅިދެލޮލަށް ބަލާލުމުން މާހުޖަބީންގެ ހިތް ހަސަދައިން ފުރުނެވެ. ނާޒްއާއި ވާދަކޮށް އަމީން އަތުލުމުގެ ޚިޔާލު ހިތުގައި ގަދަވެގަތެވެ. ދެމީހުންކުރެން އަމީންގެ ހިތުގައިވަނީ ކާކުގެ ލޯބިކަން ދެނެގަންނަން ލިބުނު ރަގަޅު ފުރުސަތެކެވެ. ނާޒްފަދައިން އޭނަވެސް އަމީންއަށް ބޭވަފާތެރިވީއެވެ. ދެމީހުންވެސް އަމީންގެ ދަރިން އެބަތިއްބެވެ. އަމީންގެ އެކަނިވެރިކަން ފިލުވާދޭން ކޮންމެވެސް ބައިވެރިޔަކަށް ބޭނުންވާނެ ކަމުގައި މާހުޖަބީންގެ ހިތް ބުނަނީއެވެ. މާހުޖަބީން އެދުވަހު ގެއަށް ދިޔަތަނާ ލިބުނީ ހިތާމަވެރި އަދި އުފާވެސް ވި ޚަބަރެކެވެ. އަންވަރުއާއިމެދު ހިންގި ޝަރީއަތުގައި އޭނަގެ މަކަރާއި ކުށް ސާބިތުވެގެން ޖަލަށް ލެވުނީއެވެ. އަމީންއަށް އޭނަގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލުދޭންވެސް ޖެހުނެވެ. އަންވަރުއާއި މެދު ކަންތައް ވީގޮތުން މާހުޖަބީން މެންނަށް އެޕާޓްމެންޓްގައި ނުތިބެވޭނެކަންވެސް ޔަގީންވިއެވެ. އޭނަދެން ދާން އޮތީ އެންމެ ތަނެކެވެ. ކްރިމްސަންވިލާއެވެ.
އަމީންއަށް އޭނަގެ ކޮއްކޮ ޔޫސުފް ފޮނުވި ސިޓީ އެތައް ޒަމާނެއް ވާންދެން ކަނޑާނުލާ ބޭއްވުމަށްފަހު ދާދިފަހުން އޭގައިވާ ވާހަކަތައް އެނގި ނާޒްގެ ކުށެއްނެތްކަން ސާބިތުވުމަށްފަހު އޭނަ ނާޒް ހޯދަން މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރަފްހާންގެ ގާތުގައި ވަރަށް ފަހުން މަންމަ ކުށްވެރިކޮށްފައި ވާހަކަ ދެއްކުނީތީ އަމީން ހިތާމަކުރިއެވެ. ނަމަވެސް ރަފްހާން މެންނަށް މަންމަ ހޯދަދީފައި ނޫނީ އޭނަ މަންމަގެ ކުށެއްނުވާ ކަމަކަށް ނުބުނާނެއެވެ. އެހެންނޫނީ އެދެބެންވެސް ހާދަ ދެރަވާނެއެވެ. ޔޫސުފް ނާޒް ބްލެކްމޭލް ކޮށްގެން ލޯބީގެ ކުޅިގަނޑެއް ކުޅުނީއެވެ. ޔާކިން އާވާއަށް ގޯނާކުރިފަދައިން ގޯނާކުރަމުންގޮސް އެކަންތައް އަތްނުފޯރާ ފަށަށް ދިޔައީއެވެ. ނާޒް ދެކުދިންވެސް ގުރުބާންކޮށްލާފައި ދިޔައީ ޔޫސުފް އާއިއެކު ނުގޮސްފިއްޔާ އެކުދިންވެސް މަރާލާނެކަމުގެ އިންޒާރު ދިނެވެ. ޔޫސުފް ބުނިގޮތުން އެއީ މުޅީންވެސް ނާޒްގެ ލޯބި ހޯދަން އޭނަ ދެއްކި ބިރެވެ. އޭނަ ބޭބެއާއި ކުދިންދެކެ ލޯބިނުވާތީއެއް ނޫނެވެ. އަމީންއަށް ވުރެ ކުރިން ނާޒް ކްރިމްސަންވިލާއަށް އައިސް އަމީންއަށް އުފާވެރި ހައިރާންކަމެއް ގެނެސްދިނެވެ.
"އަހަރެން ހިޔެއްނުކުރަން ޔޫސުފް އަމީންއަށް ހަގީގަތް ހާމަކޮށް ސިޓީ ފޮނުވަފާނެކަމަށް، އަހަރެން ދައްކާ ވާހަކަ އަމީން ގަބޫލުނުކުރާނެކަމަށް ހީކުރެވުނީ، އެހެންވެ އަންނަން ނުކެރިފައި ހުރީ، ޔޫސުފް ސިޓީ ފޮނުވިކަން ކުރިން އެނގުނުނަމަ...." ނާޒްއާއި އަމީން އުނދޯލިގޭގައި ވާހަކަދައްކަން ތިބިއިރު ދެމީހުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމުގެ އިންތިހާއެވެ. ރަފްހާންމެން ޓެރެސްގައި ކޮފީބޯން ތިބިއިރު އެކުދިންވެސް ތިބީ މަންމައާއި ބައްޕަގެ ގުޅުމުން ވަރަށް އުފާވެފައެވެ.
މާހުޖަބީން ކްރިމްސަން ވިލާއަށް އައީ އެއްގޮތަކަށްވެސް އެ މަންޒަރު ފެންނާނެ ކަމަކަށް ނޫނެވެ. އަމީންއާއި ނާޒް އުނދޯލީގައި ތިބިއިރު އަމީން އިނީ ނާޒްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އަމީންގެ މޫނުމަތިން ފެންނަނީ މިއިން ޒަމާނެއްގައި ފެނިފައިނުވާފަދަ އުފާވެރި އަސަރުތަކެވެ. އެވަގުތު މާހުޖަބީން ފެންކަޅިވެގެން ދިޔައެވެ. އޭނައަށް ވުރެ ކުރިން ނާޒް ކުޅިބައި އަތުލައިފިއެވެ. އަލުން އެދޭތެރެއަށް ވަންނަން ހިތަށް އެރުވުމުގެ އެއްވެސް މާނައެއް ނެތެވެ.
"ރަށަށް ދަމުން ސަލާމްކޮށްލަން މިއައީ...." މާހުޖަބީންގެ މޭކަޕެއްނެތް މޫނުމަތިން އެވަގުތު ފެނުނު މޮޅިވެރިކަމުގެ އަސަރުތަކުން އަމީންގެ ހިތަށްވެސް އުދަގޫތަކެއްވިއެވެ.
"ނަންނި އަހަރެންގެ ގާތުގައި ބަހައްޓާފައިދޭ....." އަމީން އެދުނެވެ.
"މިވަގުތު ނަންނި ވެސް ޗުއްޓީއަށް ރަށަށް ދާން ބޭނުން، ނަންނި ބޭނުމިއްޔާ މިގޭގައިވެސް ހުރުމާއިއެކު އަހަރެންގެ އެއްވެސް އިއުތިރާޒެއްނެތް، ހިތްހެޔޮކޮށްދޭތި...." މާހުޖަބީން ހިނިތުންވެލީ ގަދަކަމުންނެވެ. އަމީން މާފުދިނެވެ. މާފުދިނަސް މާހުޖަބީން އޭނައާއިމެދު ކަންތައް ކުރިގޮތް އެހާ ފަސޭހައިން ހަނދާންނައްތައެއްވެސް ނުލެވޭނެއެވެ. މާހުޖަބީން އެގެއިން ދިޔައީ ހިތާހިތުން ކަރުނަ އޮއްސަމުންނެވެ. އެއް ޒަމާނެއްގައި އޭނަގެ އާއިލާއާއި ހުރިހާ އެކުވެރިންނާއި ހުރި އެންމެ އަންހެން ދަރިފުޅު ދޫކޮށްލާފައި އައުމުން މިލިބުނީ ކޮންފަދަ ކެއްސެއްހެއްޔެވެ؟ ލިބުނު ނިއުމަތަށް ޝުކުރުވެރި ނުވުމުގެ ސަޒާއެވެ. އަނެއްކާވެސް އެމީހުންގާތަށް ދާން ޖެހުނީއެވެ. އެހެން މީހުންގެ އެހީއަށް ބޭނުންވީއެވެ.
މާހުޖަބީން ދިޔުމުގެ ކުރިން އާވާއާއި ބައްދަލުކޮށް އާވާ ގެނެސް މޭގައި ޖައްސާލާފައި ވަރަށް އަސަރާއިއެކު ވާހަކަދެއްކިއެވެ. މަންމަގެ ކުށަށް މާފުކޮށްދިނުމަށް އެދުނުއިރު މާހުޖަބީންގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. މާހުޖަބީން އެދުނީ ރަފްހާންއަށް ތެދުވެރިވެގެން ހުރުމަށެވެ. އޭރުން ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމުގަޔާއި އުފަލާއި ހިތާމައިގެ ވަގުތުވެސް ރަފްހާންއާއި އެކުގައި ވުމަށް މާހުޖަބީން ބުނެދިނެވެ.
"އާވާއެކޭ ނަންނިއެކޭ މަންމައަށް ތަފާތެއްނެތް، މަންމަ އޭރު ދިޔައީ ކޮންމެހެން އާވާދެކެ ލޯބިނުވާތީއެއް ނޫން، މީހަކުދެކެ ހިސާބަށްވުރެ ލޯބިވެއްޖެއްޔާ އަތުން ފައިން ގޯސްހެދޭނެ، އަމީންގެ ލޯބި ހާސިލުކުރަން ދަރިއަކު ނެތް މީހެއްކަމަށް ހެދިގެން ދޮގުހެދުނީމަ އެ ދޮގުމަތީގައި ހުންނަން ފާޑަކަށް މަޖުބޫރުވީ، އެހެންނޫނަސް އާވާގެ ބައްޕަވެސް އޭރު މަންމަދެކެ ވަރަށް ނަފްރަތުކުރޭ، ކިހިނެއް އެނގޭނީ ދޮންމަންމަގެ އާއިލާ މީހުންނަކީ އިންސާނުންގެ ސިފައިގާ ތިބި ޝައިތާނުންތަކެއް ކަން، އެކަން ކުރިން އެނގުނުނަމަ، މިބަދުނަސީބު މަންމައަށް މާފުކޮށްދޭތި، އަބަދުވެސް އާވާއާއި އެކުގައި މަންމަގެ ހެޔޮ ދުޢާވާނެ، މަޔެއްގެ ފަރާތުން ދަރިއަކަށް އެންމެ މުހިއްމު އެއްޗަކީ އެއީ، މަންމަ ކޮންމެ ތާކު ހުއްޓަސް އަބަދު އާވާއަށް ދުޢާކުރިން، އެ ދުޢާ އިޖާބަކޮށްދެއްވީތީ މާތް ﷲއަށް ޝުކުރުކުރަން....." މާހުޖަބީންގެ ވާހަކަތަކުން އާވާއަށްވެސް ރޮވުނެވެ.
"މަންމަ މިގޭގައި އަހަންނާއިއެކު މަޑުކޮށްދީ ޕްލީޒް....." އާވާ އެދުނެވެ.
"ނޫން ދަރިފުޅާ، އެއީ އެކަށީގެންވާކަމެއް ނޫން، މަންމަ ދުރުގައި ހުއްޓަސް އާވާ މަންމަ ބުނާގޮތަށް ހަދަނިކޮށް ދެދުނިޔޭގެ ރަހުމަތް ލައްވާނެ އިރާދަކުރެއްވިއްޔާ..." މާހުޖަބީން އާވާގެ ބޮލުގައި ބޮސްދިނެވެ. މާހުޖަބީންއަށްވެސް މިއަދު ރަގަޅު ދަރިއެއްގެ އަގު ވަޒަން ކުރެވިއްޖެއެވެ. ނާޔާއަށްވުރެވެސް އޭނައަށް ހެވީ އާވާކަން ގަބޫލުކުރެވިއްޖެއެވެ. ރަފްހާންވެސް މާހުޖަބީންއާއި ވާހަކަދެއްކީ މަންމަ އަކާއި ވާހަކަދައްކާނެ ގޮތަށް އިހުތިރާމްއާއި އެކުގައެވެ. މަންމަ ރަށުގައި ހުއްޓަސް ޗުއްޓީއެއް ލިބޭއިރަށް އާވާ ގޮވައިގެން ރަށަށް ޖައްސާލާނެ ކަމަށް ބުނުމުން މާހުޖަބީން ރަފްހާންގެ ނިތްކުރީގައި ބޮސްދިނެވެ.
އާވާ ގަވާއިދުން ނަފްސާނީ ބޭސްތައްކައިގެން އަދި އަންހެނުންގެ ޑޮކްޓަރަށް ދައްކައިގެން އޭނަ ބުނާގޮތަށް ހަދަން ފެށުމުން ކާވެނީގެ ދިރިއުޅުން ބާއްޖަވެރިވާންފެށިއެވެ. އޭނަފަދައިން ކުޑައިރު އެހެންމީހުންގެ ގޯނާތަކާއި އުދަގޫތައް ފޯރާފައިވާ ކުދިންނަށް ކޮންމެވެސް ދުވަހަކުން އުފާވެރި ހަޔާތެއް ހޯދިދާނެއެވެ. ރަގަޅު މަގު ޚިޔާރުކުރެވިދާނެއެވެ. އާވާ މާޒީ ހަނދާން ނައްތާލާފައި ލިޔުމުގެ ރޮގުގައި ކުރިއަށް ދާން ގަސްތުކޮށްގެން ލިޔުނު ވާހަކަފޮތް "ކަރުނައިގެ ތެރެއިން" އެ ވާހަކަ ވަރަށް މަޝްހޫރުވިއެވެ. އޭގައި އުޅުނީ އޭނަފަދައިން ކުޑައިރު ހިތާމައާއި އަނިޔާވެރިކަން އިންތިހާއަށް ލިބިފައި ހުރި ނިކަމެތި އަންހެންކުއްޖެކެވެ. ކަރުނައިގެ ތެރެއިން އެކުއްޖާ ހިނިތުންވާން ކުރި މަސައްކަތާއި ހަޔާތުގެ ދަތުރެވެ.
ތާނިޔާ އަމިއްލައަށް ޔާކިންއަށް ގުޅާފައި ލޯބިވާ ވާހަކަ ބުނުމަށްފަހު އެއީ އާވާ ހިތްވަރުދީގެން ކުރުވިކަމެއްކަމަށް ތާނިޔާ ބުންޏެވެ. ޔާކިންގެ ހިތުގައި އާވާއާއިމެދު އޮތްހާ ޝަކުވާއެއް ފިލާ އާވާއަށްޓަކާ އެހިތް ލޯބިން ފުރުނެވެ. ދުނިޔޭގައި ހުރި އެންމެ ރަގަޅު ފަހަރިކަމަށް ޔާކިންއަށް ގަބޫލުކުރެވުނީ އެދުވަހުއެވެ. އާވާ އެގެއަށް އައީ އެންމެނަށް ނޭގުނަސް ރަހުމަތެއްގެ ގޮތުގައެވެ. އެންމެން ގުޅުވާ އުފާވެރި އާފަތިހަކަށް އިރުއެރީ އާވާ އެގެއަށް އައުމުންނެވެ. ޔާކިންއާއި ތާނިޔާ ގުޅެން ފުރަތަމަ ތާނިޔާގެ މަންމަ ދެކޮޅެވެ. މަންމަ ބޭނުންވީ ތާނިޔާ މުއްސަންޖަކާއި ގުޅުމެވެ. އަތުގައި އެންމެ ފައިސާ ފޮތްޗެއް ނެތްކަން އެނގިހުރެވެސް ތާނިޔާއަށް މުހިއްމުވީ ލޯތްބެވެ. ތާނިޔާއަށް އޭރު ނޭގުނީ ޔާކިން ސޮފްޓްވެއަރ އުފައްދަން މޮޅުކަމާއި އޭނައަށް ލައްކައިން ރުފިޔާ ލިބެން ފެށިކަމެވެ. ޔާކިން އޭނަގެ ބައްޕައާއި ބޭބެ ނަމޫނާއަކަށް ބަލައިގެން އެމީހުންގެ ފިޔަވަޅުމަތިން ހިނގަން ފެށިކަމެވެ. އަޔާމްވެސް ބޭނުންވަނީ އިތުރަށް ކިޔެވުމެވެ. ޒަވާޖީ ހަޔާތެއް ފަށަން އަދި މާ އަވަސްކަމުގައި އަޔާމްވަނީ ބުނެފައެވެ.
ޔާކިން އާއި ތާނިޔާގެ ކާވެނިކުރެވުމަށްފަހު އެގޭގައި ކާވެނީގެ ކުޑަ ހަފްލާއެއް އޮތެވެ. ޔާކިންއާއި ތާނިޔާ ހީވަނީ އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާހެންނެވެ. އުފާވެރިކަމުގެ ހިނިތުންވުންތަކުން އެ ރީތިމޫނުތައް އަލިވެފައިވާއިރު ދެކޭ ކޮންމެ މީހެއްގެ ތައުރީފު އޮހެމުން ދިޔައެވެ. ޔާކިން އަދި ތާނިޔާގެ އާއިލާ މީހުންނާއި އެކުވެރިންވެސް އެ އުފަލުގައި ބައިވެރިވެ އެކުދިންނަށް ހެޔޮ ދުޢާކުރިއެވެ. ނާޔާވެސް ޔާކިންގެ ޕާޓީގައި ބައިވެރިވާން އައެވެ. ޝޯލްއަޅާފައި ހުރިއިރު ނާޔާވެސް ހީވަނީ ތަފާތު އަންހެންކުއްޖެއް ހެންނެވެ. ފިރިހެނުން ފެނުނަސް ނާޔާ ފޫހިވާހެން ހީވިއެވެ. އޭނަ ފިރިހެނުންދެކެ މުޅިން ފޫހިވެފައިވާ ކަމުގަޔާއި ދުވަހަކު މީހަކާއި ރައްޓެހިނުވާނެ ކަމުގައި ބުނެލިއެވެ. ނާޔާގެ އަޒުމަކީ ކިޔަވައިގެން މޮޅު މީހަކަށްވެ އަމިއްލަ ފައި މައްޗަށް ތެދުވުމެވެ. އެހެންވެ ގިނަ ވަގުތު އޭނަ ހޭދަކުރަނީ ކިޔެވުމުގައެވެ. އާނީވެސް އެރޭ ހުރީ ވަރަށް ރީތިވެލައިގެން އައިހެވެ. ނާޔާއާއި ދެކުދިން އެކި ވާހަކަދައްކާފައި ހޭންތިބިއިރު އާނީވެސް ހީވަނީ ހަމަޖެހިލާފައި ހުރިހެންނެވެ.
ރަފްހާންއާއި އާވާ ކާންވެގެން ތަންކޮޅެއް ދުރުގައި ހުރި ގޮނޑިތަކެއްގައި ޖައްސާލިތަނާހެން އަމާރާ ގޮނޑިއެއް ދަމާލައިގެން ގާތުގައި އިށީނެވެ. އަމާރާ ފުރަތަމަވެސް ފެށި ވާހަކައަކީ އަމީން އެހުރިހާ ބެއިން އެއްކޮށްގެން ޔޫސުފް ފޮނުވި ސިޓީ ކިޔާދީފައި ނާޒްގެ ކުށެއްނެތްކަން އެންގި ވާހަކައެވެ. އޭނަވެސް ނާޒްދެކެ ވަރަށް ފޫހިވެފައި ހުރެފާ މިހާރު މާފުކޮށްފި ކަމުގައެވެ. އެއީ ޔޫސުފްގެވެސް ވަސިއްޔަތެވެ. ނާޒްއަށް އެންމެންގެ މާފު ހައްގެވެ.
"ރަފްހާންއާއި އާވާ ގެ ދޭތެރެއަށް ވަންނަން ދެން އާނީއެއް ނޫޅޭނެ، އާނީއަށް އެނގިއްޖެ އެކަންތައް ދެން ނުވާނެކަން، މިހާރު އާނީއަށް ރަޝިއާއިން މެޑިސިން ހަދަން ފުރުސަތު ލިބިއްޖެ، ބޭބެ ބުނި ހެލްޕް ވާނަމޭ، އެހެންވެ އާނީ ފުރަން ދާ ދުވަހަކަށް ބަލަބަލާ އެހެރީ....." އަމާރާ އާނީމެންގެ ހަރަކާތްތަކަށް ބަލަން އިނދެލާފައި ފުންނޭވަޔެއް ދޫކޮށްލިއެވެ. އާނީ އަމިއްލައަށް ރަފްހާން ދޫކޮށްލިކަމުގައިވިޔަސް އަމާރާގެ ހިތަށް އަދިވެސް އުދަގޫވެއެވެ. ރަފްހާންފަދަ ރަގަޅު ފިރިޔަކު އާނީއަށް ލިބޭނެކަމާއިމެދު ޝައްކެވެ. އާއިލާތެރޭގައި އަދި ދަންނަ މީހުންގެ ދަރިންގެ ތެރޭގައިވެސް ރަފްހާން ވަރެއްނެތެވެ. އޭނައެހާ ބޮޑަށް އެކަމަށް އެދުނު ސަބަބަކީވެސް ރަފްހާންގެ ހަރުދަނާކަމާއި މާތްކަމެވެ.
ރަފްހާން އޭނަގެ ދައްތައާއި ވާހަކަދެއްކީ އިހުތިރާމްއާއި އެކުގައި ކަމުގައި ވިޔަސް ސަމާސާވެސް ކުރެއެވެ. އާވާއަށް ރަފްހާންގެ އެ މިޒާޖު ވަރަށް ކަމުދެއެވެ. އެ ޚާއްސަ ބަލާލުންތަކުން ހިތަށް ލިބޭ ފަރުވާއަކަށްވެއެވެ. އެރޭވެސް އުފާވެރި މާހައުލެއްގައި ނިމިގެން ދިޔައީއެވެ. ޔާކިންގެ ކައިވެންޏަށްފަހު މާ ދުވަސްތަކެއް ނުވެ ނާޒް އަމީންގެ އަތްބަކަށްވެގެން ކްރިމްސަން ވިލާއަށް އައުމުން އެގޭގެ ރޫހު އެތައް ގުނަ އިތުރުވިއެވެ.
ހަޔެއްކަ މަސް ފާއިތުވެގެން ދިޔައީ ވަރަށް އަވަސްކަމާއި އެކުގައެވެ. ކްރިމްސަންވިލާގައި އެންމެން އުފާ ފާގަތިކަން މަތީގައި އުޅެމުންދާއިރު އާވާ ކޮންމެ ދުވަހަކުހެން އޭނަގެ މަންމައަށް ގުޅައިގެން ވާހަކަދައްކައެވެ. މާހުޖަބީން ދޭތެރެއަކުން އާވާއަށް ހަދިޔާ ފޮނުވައެވެ. މާހުޖަބީން އުޅެނީ ރަށު މީހަކާއި އިނދެގެން އާދައިގެ ދިރިއުޅުމެކެވެ. ހާމިޒު ކުޑަ ފިހާރައެއް ހުޅުވައިގެން ހިތްފަސޭހަ ދިރިއުޅުމެއް އުޅެމުންދާއިރު ހާމިޒުގެ ދީންވެރިކަމުން މާހުޖަބީންގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވެއެވެ. އޭރު އާނީއާއި ނާޔާވަނީ ރަޝިޔާއަށް މެޑިސިން ހަދަން ފުރާފައެވެ. ރަފްހާން އާވާ ގޮވައިގެން މާހުޖަބީންގެ ގާތަށް އެރަށަށް ދިޔައީ ޔާކިންގެ ދެމަފިރިން އެދުވަސްކޮޅު ޔޫރަޕް ދަތުރަކުގޮސްފައިވާތީ އެވެ. ރަފްހާންއާއި އާވާ ކުއްޔަށް ތަނެއް ހިފައިގެން ތިބެން އުޅުނީމަ ހާމިޒު އެކަމާއި ދެކޮޅުހެދިއެވެ. އެގޭގައި ފެންވަރު ރަގަޅު ކޮޓަރިއެއް އެބަހުރިކަމަށާއި ބޭނުން ދުވަހެއްގައި އައިސް އެގޭގައި އުޅެންވީކަމަށް ހާމިޒު ބުނެލިއެވެ. ހާމިޒުގެ ހުރި އެންމެ ފިރިހެން ދަރިފުޅު ކެންސަރު ބަލީގެ ޝިކާރައަކަށްވެ މަރުވެފައިވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިންނެވެ. ރަފްހާން ފެނުމުން އެ ކިޔަމަންތެރި ދަރިފުޅު މަތިން ހަނދާންވާކަމަށް ހާމިޒު ވަނީ ބުނެފައެވެ.
ރަފްހާންއާއި އާވާ ހަވީރުގެ ވަގުތުތައް މޫދުގައި ހޭދަކުރުމަށްފަހު އައިއިރު މާހުޖަބީން ހުރީ ފަރުމަސް ފިހެލާފައި ނިކަން މީރުކޮށް ކާން ތައްޔާރުކޮށްފައެވެ. ރަފްހާންއަށް ފަރުމަސް މީރުކަން އެނގޭތީ ހުރިހާ ގަޑިއެއްގައި މާހުޖަބީން މަސްފިހެދެއެވެ. ދެކުދިން އެކީގައި ކައިގެން ޖޯލީގައި ވައި ޖައްސާލަން ތިބިއިރު ރަފްހާން ދެއްކީ ރާއްޖެތެރެ ހިތްފަސޭހަކަމުގެ ވާހަކައެވެ. ހިމޭން މާހައުލަކަށްވީމަ ބޮލަށް ފަސޭހަ ކަމަށެވެ. މިރަށް މާ އިޝްގީ ކަމުގައެވެ. ދޭތެރެއަކުން ރަފްހާން އާވާއާއި ކޮންމެވެސް ކަހަލަ ސަމާސާއެއްކޮށްލައެވެ. އާވާއަށްވެސް ރަފްހާންގެ ގައިގާ އަތްނުލާ އިރުކޮޅަކަށްވެސް އިނދެވޭކަމަކަށް ނުވެއެވެ. އެކަކުގެ އަނެކަކުގެ ފަށުވި އިސްތަށިގަނޑާއި ކުޅެލުން ނޫނީ އަތުގައި ހިފާލުންފަދަ ކޮންމެވެސް ކަމެއް ކުރެވުމުން ހިތަށް ހާދަ އުފަލެއް ލިބެއެވެ. ދެޒުވާނުން އެކީގައި ގެއަށް ވަންއިރު ޚަބަރު ބަލާލަން ހާމިޒުގެ ދެމަފިރިން ތިބިތަން ފެނުނެވެ. ސަމްރާން ކިޔާ މީހަކު ޑްރަގް ވިޔަފާރިކުރުމުގެ ތުހުމަތުގައި އުމުރަށް ޖަލަށްލީ ޚަބަރުކިޔަމުން ދިޔައިރު އާވާގެ މޫނަށް ވީގޮތަކުން ރަފްހާންވެސް ޓީވީއިން ދެއްކި މީހާގެ މޫނަށް ރަގަޅަށް ބަލާލިއެވެ. ތިރީހަކަށް އަހަރުގެ އިސްކޮޅުން ދިގު ބިޔަ ފިރިހެނެކެވެ. އާވާ ރަފްހާންގެ އަތުގައި ހިފާ ބާރުކޮށްލިގޮތުން އާވާ ހާސްވީވަރު ރަފްހާންއަށް އެނގުނެވެ.
"އެއީ ދޯ ސާމީއަކީ....." ކޮޓަރިއަށްވަދެ ދޮރު ލައްޕާލަމުން ރަފްހާން އަހާލިއެވެ. އާވާ ބޯޖަހާލިއެވެ. ވަޔާއިއެކު ފުރާޅާއި ކުޑަދޮރުތައް ތެޅިލީ ވިއްސާރަގަދަކުރާކަމުގެ އިންޒާރެއްގެ ގޮތުންނެވެ.
"ހީކާންޓް ޑޫ އެނީތިން ނައު މަގޭ ފުރާނަޔާ، އޭނަ އަބަދަށްޓަކާ ކުޑަގޮޅީގައި އިންނާނީ، ދުވަހަކު ދެން އޭނައަށް އަހަރެންގެ ގާލްއަށް ގޯނާ ނުކުރެވޭނެ........" ރަފްހާން އާވާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އާވާގެ ކޮނޑަށްވުރެ ތިރިއަށް އޮތް ފަށުވި އިސްތަށިކޮޅު ވޫލްކޮޅަކުން އައްސާލަދިނުމުން ވަކިން އަންހެންވަންތައެވެ. އެދޮން މޫނުމަތީގައި ކުރިން ނުހުންނަ ލަދުވެތިކަމެއްވެސް ވިއެވެ. ގަދަ ވަޔާއިއެކު ވާރޭ ބޯކޮށްލިއިރު ރަފްހާންއާއި އާވާ ވެސް ހީފިލުވާލަން ބެޑްޝީޓް ދަށަށް ވަދެއްޖެއެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލީގެ ތެރޭގައި ވާހަކަދައްކާލަން ތިބިއިރު ރަފްހާންގެ ކުދި ގޯނާތަކުން އާވާގެ ހަށިގަނޑުގައި ހީވީ އަލިފާން ރޯކޮށްލިހެންނެވެ. ބުނަން ނޭގޭފަދަ ފޮނި ފޮނި އިހުސާސްތަކެކެވެ. ކާވެނީގެ ހަޔާތަށް އެތައް މަސްތަކެއް ވީފަހުން މިރޭ ފުރަތަމަ ފަހަރަށް އާވާއަށް ކާވެނީގެ ހުރިހާ އުފާތަކާއި ފޮނި މީރުކަމެއް ހާސިލުވެއްޖެއެވެ. ލޯބިވާ ފިރިމީހާގެ އިންތިހާ ލޯބީގެ ސަބަބުން އެކަށީގެންނުވާ ކަމެއް އެކަށީގެންވާ ކަމަކަށް ބަދަލުކޮށްލަދީފިއެވެ. އެތައް ދުވަހެއްގެ މަސައްކަތުން އޭނައަށް ދިމާވެފައިވާ ހާލަތުން އަރައިގަނެވުނީއެވެ. ސާމީގެ ގޯނާތަކުން ހަޔާތަށް ކުރިމަތިވި ބަނަ ވިލާގަނޑު ނަގާ އަލިވިލިއްޖެއެވެ. އާވާއަށް މިރޭ ލިބުނު ވަރުގެ މަތިވެރި އުފަލެއް ހިތްހަމަޖެހުމެއް މިވީހާތަނަށް ލިބިފައެއްނެތެވެ.
އެހެން ނުވާނީ ކީއްހެއްޔެވެ؟ އާވާ ހުރީ އުއްމީދު ކަނޑާލާ ހިސާބުގައެވެ. ދުވަހަކުވެސް އެކަމުން އަރައިނުގަނެވޭނެ ކަމަށް ހީކުރިއެވެ. އަބަދަށްޓަކާ އެވޭނުގައި އުޅެން ޖެހޭނެކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް ކޮންމެކަމަކަށްވެސް ވަގުތެއް ކަނޑައަޅުއްވާފައިވެއެވެ. އޭނަގެ ވޭނާއި ކެކުޅުމަށްވެސް ނިމުމެއް އައީއެވެ.
އެ ފިނިފިނި ރޭ ނިދާކަށްވެސް ރަފްހާންއާއި އާވާ ބޭނުމެއްނުވިއެވެ. ވާރޭގެ މިއުޒިކް އަޑުއަހަން ތިބެ ސިއްރު ވާހަކަތަކެއްގައި ތިބެފައި އެކޮޓަރީގައި ހުންނަ ބިލިގާގައި ފެންވެރިއެވެ. ފަތިސް ނަމާދުކޮށްލައިގެން އައިގޮތަށް ރަފްހާން އާވާގެ އުނގުގައި ބޯއަޅާލައިގެން އޮތްއިރު އާވާ ރަފްހާންގެ އިސްތަށިގަނޑާއި ކުޅެމުންދިޔައެވެ.
"ހާދަ އުފާވެއްޖެ، ހަޔާތުގެ އެހެން ޗެޕްޓަރެއް ފެށުނީ، ހިޔެއްނުކުރަން ދުވަހަކު އެކަން ވާނެކަމަކަށް، އެ ފިއަރ އެހާވެސް ވަރުގަދަ......." ރަފްހާންގެ ފުންދެލޮލުން ބަލައިލިގޮތަކުން އާވާގެ ހިތް ގެނބޭވަރުވިއެވެ.
"އެނގޭތަ؟ ކުރިންވެސް އަހަންނަށް ހިތްހަމަޖެހުން ލިބޭ، މިރޭ އެއުފާތައް އެންމެ މައްޗަށް ދިޔައީ، ތެންކިއު ބޭބީ ހިތްވަރުކުރީމަ، ދެން އޮތީ ލޯބީގެ ގޯނާތައް ކުރަންވީ ދުވަސްތައް......" ރަފްހާން ގެ ރީތި ހިނިތުންވުމާއި އެ އަސަރުގަދަ ބަލާލުން އާވާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ގެނެސްދިނެވެ.
"އޮފްކޯސް ރެއިން، ބޭނުންވަރަކަށް ހަމަ ގޯނާކުރަންވީ، ދުނިޔެއިން އެންމެ ލޯބިވާ މީހާ ކުރާ ކޮންމެކަމެއް ދެކެވެސް ލައިކްވެވޭނެ، މިހާރު ފީލްވަނީ ދުނިޔޭގައި ހުރި އެންމެ ލަކީ އަންހެންކުއްޖާގެ ގޮތުގައި، އައި ލަވް ޔޫ.. ލަވް ޔޫ މޯރ ދޭން ލައިފް......" އާވާ ރަފްހާންގެ މޫނުގައި ފިރުމާލިއިރު އާވާގެ ދެލޮލުން ފެނުނީ އިންތިހާދަރަޖައިގެ ލޯތްބާއި އުފާވެރިކަމެވެ.
"ލަވް ޔޫ ޓޫ ބޭބީ، އަހަރެން މިވާ ލޯބި ބުނެދޭންވެސް ދަތި، އަހަރެންގެ ހިތުގެ ހުރިހާ އުފަލަކީ ހަމަޖެހުމަކީ ތިއީ، މި އިހުސާސްތައް ބުނެދޭން ޕޮއެޓަކަށް ވެވުނުނަމަ......" ރަފްހާން އާވާ ގާތަށް ދަމާލުމުން ދެމޫނު ޖެހުނެވެ. ސަމާސާކުރުމާއި ލޯބީގެ ވާހަކަތައް ދެއްކުމުގައި ތިބެވުނުއިރެއްވެސް ނޭގެއެވެ. ހީނުކުރާފަދަ ގޮތަކަށް އާވާއަށް އޭނަ އެންމެ އެދޭފަދަ ބައިވެރިޔާ ހާސިލުވެ މަންޒިލަށް ފޯރައިފިއެވެ. ހުވަފެންތައް ފުރިހަމަވެއްޖެއެވެ. މާޒީގެ އަނދިރިކަމުގެ ތެރެއިން ނުކުމެ އުފާވެރި އަންހެންކުއްޖަކަށް ވުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ހެއްދެވި ފަރާތަށެވެ. އެފަރާތަށް ދުޢާކުރުމާއި ލޯބިވާ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މިއޮތީ ކާމިޔާބުވެފައެވެ. އޭނަފަދަ ކޮންމެ އަންހެންކުއްޖަކަށް އިބުރަތެއް ހާސިލުވުމަށް އާވާ އެދެއެވެ. ގޯނާކުރެވުނަސް އަމިއްލަ ހަޔާތް ފުނޑުފުނޑުކޮށް ނުލާ ހިތްވަރާއިއެކު ކުރިއަށް ފިޔަވަޅު އަޅާށެވެ.
(ނިމުނީ)