ރަފްހާން ފޯނު ނިވާލައިގެން އުޅޭތީވެސް ޔާކިންގެ ހިތްހަމައެއް ނުޖެހުނެވެ. ރަފްހާންއަށް ދެތިން ފަހަރު ގުޅާފައި ނާކާމިޔާބުވެގެން އެނބުރި ބަލާލިއިރު އަދި އާވާ އެހާ އަވަހަށް ކޮފީ މަގު ހަދާފައި އެތަނުން ގޮސްފިއެވެ. އާވާ އޭނަދެކެ އެހާ ބިރުން އަބަދުހެން ފިލައިގެން އުޅޭތީ ޔާކިން ހިތްހަމައެއް ނުޖެހުނެވެ. އެންމެން ފިލަން ދުވަން އޭނައަކީ ބިރެއްހެއްޔެވެ؟ އާވާވެސް ހީކުރާގޮތެވެ. އޭނައަށް އާވާ އެއީ މުހިއްމު މީހެއް ނޫނެވެ. ރުޅިއައިސްގެން ދަތްކުނޑިވިކާލައިގެން ހުރެ ޔާކިން ފާރު ގުޑައިގެންދާހާ ބާރަށް ދޮރު ލައްޕާލާފައި ބޭރަށް ނުކުތެވެ.

ޔާކިންގެ ބައްޕަ އަމީން އަސާގެ އެހީގައި ހިނގާއުޅޭތަން ފެނުމުން ޔާކިން ހައިރާންވިއެވެ. ބައްޕަ ގެ މުޅި އުމުރު ހޭދަވާނީ ފުރޮޅުލީ ގޮނޑިއެއްގައި ކަމަށް އޭނަ ހީކުރިއެވެ. ވާހަކަދައްކާއިރު ކިޔާއެއްޗެހި އޮޅުންފިލައެވެ. އެއީ ބައްޕައަށް ވީ ވަރާއި ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޔާކިން އިސްތަށިގަނޑު ޑައިކޮށްލާފައި ހުރިތަން ފެނުމުން އަމީންހުރީ ހިތްހަމަނުޖެހިފައެވެ. އެވާހަކަ އަމީން ދެއްކީ ގެއަށް ވަދެ ކާކޮޓަރީގައި ސައިބޯން އިށީދެލާފައެވެ.

"ތިހެން އުޅެނީ ޕާޓޭންނާއި މަގުމަތީގައި އުޅޭ މީހުންނޭ ޔާކިން، ބޭބެގެ ގާތުން ރީތި އުޅުމެއް ދަސްކޮށްބަލަ...." އަމީން ގެ އެ ޖުމްލައިން ޔާކިން ދެރަވިއެވެ. ޔާކިން އެއްޗެކޭ ނުބުނެ ހޫނު ކޯވަރެއް ދަމާލައިފިއެވެ. ޔާކިންގެ ހިތުގެ އިހުސާސްތައް ރޭކާނުލާ ހިތަށް ލޮނުމިރުސްއެޅީ އަދި ޔާކިން އާއި ސަމާސާކޮށްލުމުގެ ނިޔަތުގައި އަމީން ބުނެލި ޖުމްލައަކުންނެވެ. ޔާކިން އެތަނުން ތެދުވެގެން ދާން ހިތަށް އެރިއެވެ. އޭނަ ތުނިކޮށް ތުބުޅި ބެހެއްޓީމަ ރަފްހާންއާއި ވާދައަށް ކަމަށްވީއެވެ. ރީތިވެސްވީއެވެ. އަމިއްލަ ބައްޕަ އޭނަގެ ޖަޒުބާތުތަކަށް ގަދަރުނުކުރާއިރު އެހެން އިންސާނުންނަށް އޭނަ ދަސްވާނެހެއްޔެވެ؟ ރަފްހާންވެސް ވަޒީފާ ނިންމާލާފައި އައީ އެވަގުތުއެވެ. ރަފްހާން ވަނުމުން ބައްޕަގެ ދެލޯވެސް ދިއްލިގެން ދިޔަހެންހީވިއެވެ. އުފާވިވަރު އެނގުނީ ހުރިހާދަތްތައް ފެންނަވަރަށް ހީލާފައި ތެދުވެ ދަރިފުޅު ގެނެސް މޭގައި ޖައްސާލިގޮތުންނެވެ. ރަފްހާންއާއި ދިމާލަށް ޔާކިން ބަލާލީ ނޭގިވެސް ކުޑަކޮށް ލޯ ހަނިކޮށްލާފައެވެ. އޭނަ ހުރީ ގަމީހާއި ފަޓުލޫނުގައި ޓައީ އަޅާލައިގެން ރަސްމީކޮށެވެ. 

"ޔާކިން ބުނި ދަރިފުޅު މީހަކާއި އިންނަން އުޅޭ ވާހަކަ، ހަވީރަށް ސައިހެދީވެސް އޭނަ ކަމަށްވަނީ، ކޮންދުވަހަކުންތަ ދަރިފުޅު ޕާޓީ ބާއްވަނީ؟ ބައްޕައަކަށް ނުފެނޭ ކައިވެނިން ބޭރުގައި އަންހެންކުއްޖާ ގެނެސް ގޭގައި ބެހެއްޓުން، އެކުއްޖާގެ މީހުންވެސް ހިތްހަމައެއް ނުޖެހޭނެ...." އަމީން ސުވާލުކުރަން ފެށުމުން ރަފްހާން ކުޑަކޮށް ކެއްސާލިގޮތުން ހީވީ ކަރުތެރޭގައި އެއްޗެއް ތާށިވިހެންނެވެ. ނަމަވެސް ވަރަށްއަވަހަށް ހަމަޖެހިލާފައި އާވާއަކީ ކާކުކަން ބައްޕަ ގާތު ބުނެދޭން އުޅެގަތެވެ.

"ބައްޕާ، އެއީ ދޮންމަންމަ ރަށުކުއްޖެއް، ދޮންމަންމައާއި ތިމާގެ ކުއްޖެއްކަމަށްވަނީ، ބައްޕަގެ ހުއްދަނެތި ކައިވެންޏާއި ހަމަޔަށް ދާކަށް ވިސްނާފައެއްނެތް، އެއީ ހަމަ ޚިޔާލެއް....." ރަފްހާންގެ ޖުމްލައިން ޔާކިން ރުޅިގަދަވިއެވެ. ކޮންމެ ހާލެއްގައިވެސް ތިމާގެ ކިޔަމަންތެރިކަން ސާބިތުކޮށްދޭން ރަފްހާން މަސައްކަތް ކުރާނެއެވެ. ރަފްހާންގެ އެހުރިހާ ފުރިހަމަކަމާއިއެކު އޭނައަކީވެސް އިންސާނެއްކަމާއި އުނިކަންތަކެއް ހުރެދާނެކަމަކަށް ގަބޫލުނުކުރެވެނީވެސް ޔާކިންއަށެވެ. އޭނަ ރަފްހާންދެކެ ބައެއްފަހަރު ފޫހިވާގޮތްވެސްވެއެވެ. ނަމަވެސް އަނެއްބައިފަހަރު އެ ރުޅިވެރިކަން ލޯތްބަށް ބަދަލުވާން އުޅެއެވެ.

ޔާކިން ކޮޓަރިއަށް ދިޔަގޮތަށް ވަގުތުން ލޯގަނޑު ކާރީގައިހުރެ ތުނބުޅި މުޅިން ބާލާ މޫނު އޮމާންކޮށްލައިފިއެވެ. މޫނުގައި ކްރީމްލާން ހުރިއިރު ބުމަވަނީ ކާރިކޮށްލާފައެވެ.
"ނޫން، މިއީ ޖެލަސީއެއްނޫން، އަހަރެން ކީއްވެ އަމިއްލަ ބޭބެދެކެ ހަސަދަވެރިވާންވީ؟ އަހަރެންނާއި ކޮމްޕެއަރކުރަނީ ހިލޭމީހަކާ އެއްނޫން، އަހަރެންގެ އަމިއްލަ ބޭބެ އާއި، ވީއިރު އަހަރެން ރުޅިއަންނާކަށްވެސް ނުޖެހޭނެ، އަހަރެން މިއީ ކޮންކަހަލަ މީހެއް......" ޔާކިން ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާހުރިއިރު ދެން ހަދާންވީގޮތަކާއިމެދު ވިސްނިއެވެ.

އާވާ ހޮޓެލް އާލްޕްސްއަށް ނުދާތާ ހަތަރުފަސްދުވަސް ވެއްޖެއެވެ. އެތަނުގައި މަސައްކަތްކުރާ އެހެން ކުދިންގެ ޝަކުވާތައް ގިނަވެ އާވާއާއިއެކު މަސައްކަތް ނުކުރެވޭ ހިސާބަށް ގޮސް މެނޭޖްމެންޓަށް ގިނަ ޝަކުވާތައް ހުށަހަޅާކަން އޭނަދަނެއެވެ. އެތަނަށް އަންނަ ފިރިހެނުން ނުސީދާކޮށް އާވާއާއި ބެހިލީމަ އާވާ ރުޅިގަދަވެގެން އެމީހުންނާއި ވާހަކަނުދެއްކުން ފަދަ ކަންތައް ކުރާތީ އެކަން މައްސަލައަކަށް ވެފައިވެއެވެ. އެހެންނޫނަސް ވަޒީފާއަށް ދާ މަގުމަތީގައި ފިރިހެނުން ފޮށޭވަރުންވެސް އުދަގޫވެއެވެ. ކޮންމެ ދިމާލަކަށް ބެލިޔަސް އޭނަ ބިރުގަނެއެވެ. ކޮންމެމީހެއްގެ ނަޒަރުވެސް އާވާއަށް ފެންނަނީ ބިރުވެރިކޮށެވެ.

ނާޒް ދައުވަތުދިނީމަ އާވާ ވިލިމާލެއަށް ޒިޔާރަތްކުރީ ނާޒްއަށް ހަދިޔާއެއް ހިފައިގެންނެވެ. އެ ހަދިޔާ ނާޒްއަށް ދިންއިރު އާވާ ކުޑަކޮށް ފެންކަޅިވިއެވެ. އަމިއްލަ މަންމައަށް ނުދީ އެހެން މީހަކަށް އެއްޗެއް ދިނުން ރަގަޅުބާވައޭ ހިތަށް އެރިއެވެ. ނަމަވެސް މަންމައަށް އެއްޗެއް ދޭން އޭނަ ޖެހިލުންވެއެވެ. މަންމަ އެއްޗެހި ކިޔައިގަންނާނީ ނޫންކަމެއް ނޭގެއެވެ. ހިލޭމީހަކާއި އޮތް ގުޅުންވެސް އޭނަގެ އަމިއްލަ މަންމައާއި ނެތްކަން ހިތަށް އަރާފައި ހިތަށް ލިބެނީ ބަޔާންނުކުރެވޭފަދަ އުދާސްކަމެކެވެ. ނާޒްގެ ހިތް އާވާއަށް ޝުކުރުން ފުރުނެވެ.

ނާޒްއާއި ވާހަކަދައްކާލަން އިންއިރު އާވާއަށް ބުނަން ނޭގޭފަދަ އުފާވެރި އިހުސާސްތަކެއް ކުރެވުނެވެ. މިއީ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ގަބޫލުކުރެވުނެވެ. އެހެން އެއްވެސް ތަނަކުން ނުލިބޭފަދަ އުފަލާއި ހިތްހަމަޖެހުން މިގެއިން ހޯދޭތީއެވެ. ނާޒްގެ ކޮމްޕިއުޓަރުން ނެޓަށް ވަންނާނެ ފުރުސަތުވެސް އޭނައަށް ލިބުނެވެ. އޭނަ ނާޒްގެ ސައިޓަށް ލިޔަންފެށި ވާހަކައަށް ލިބިފައި ހުރި ކޮމެންޓްތަކާއި މެސެޖްތައް ބަލާލިއެވެ. "ޑާކް ނައިޓް" ކިޔާކުއްޖަކު ކޮމެންޓްކޮށްފައި އިނެވެ. އޭނަގެ ވާހަކައަށް ކޮންމެވެސް ކަހަލަ ހަޖޫއެއް ޖަހާފައި އިނީމަ ހިތަށް އުދަގޫވިއެވެ. މީހުންކުރާ ނެގެޓިވް ކޮމެންޓްތަކުން ހިތަށް އުދަގޫވާއިރު މި ކޮމެންޓް ފެނިފައި އަދި މާބޮޑަށް ދެރަވެއްޖެއެވެ. އޭނަގެ ހިތާމަތައް އެނގޭނެނަމަ މިގޮތަށް ޖެއްސުން ނުކުރާނެކަން ނޭގެއެވެ. އޭނަ ހިނގިމަގުން ހިނގައިފިއްޔާ އެންމެންގެ ހަމްދަރުދީ އޭނައަށް އޮހޭނެއެވެ. ނަމަވެސް އެފަދަ ކަމެއް އިހުސާސްކުރެވޭނީ ކާކަށް ހެއްޔެވެ؟ އެކޮމެންޓް ޕަބްލިޝް ނުކުރަން ނިންމާފައި އާވާ އެތަނުން ތެދުވެ ހިންދެމިލިއިރު ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.

އާވާ މާޔޫސްވެފައި ހުއްޓާ ނާޒްގެއަށް އައިގޮތަށް އުޅެގަތީ ކޭކެއްގައި އައިސިން ޖަހާށެވެ. އާވާ ހިތާމަތައް އެއްފަރާތްކޮށްލާފައި ނާޒްއަށް އެހީވެދިނެވެ. އާވާގެ އެހީތެރިކަމާއި ރަގަޅުކަން ފެނިފައި ނާޒްގެ ހިތުގައި އެހެން ކަހަލަ ޚިޔާލެއް ހިނގާލައިފިއެވެ. އާވާއަކީ ޅީދަރިއަކަށް ހަދަން އެންމެ އެކަށީގެންވާ އަންހެންކުއްޖާކަން ނޭގެއެވެ. ނާޒް އަޔާމްއާއި އާވާ ގުޅެން ހިތާހިތުން ދުޢާކުރިއެވެ. ނަމަވެސް އަޔާމްއަށް މަޖުބޫރުކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އާވާ އަޔާމްއާއި ވާހަކަދައްކަނީ ނާޒް ހުންނަ ތަންތާގައެވެ. އެންމެ ހިނދުކޮޅަކަށްވެސް އަޔާމްއާއި އެކަނިވެރިވާކަށް އާވާގެ ހިތަކު ނެތެވެ.

އަޔާމްއާއި އާވާއާއި ދެކުދިން ސައިބޯން ތިބިއިރު ނާޒް ފޯނެއްގައި ދޮރުމަތީގައި ހުއްޓެވެ.
"ޑާކް ޕްރިންސެސްގެ ވާހަކަތައް ދުވަސްކޮޅަކުން ވަރަށް މަޝްހޫރުވާނެހެން ހީވޭ، އަހަރެން މިއީ ބިގެސްޓް ފޭނަކަށް ވާނެކަން ނޭގޭ...." އަޔާމް އިނީ ހިނިތުންވެފައެވެ.
"މިހާރުއްސުރެ އޮޓޯ ލިޔެދީފާނަން..." އާވާ ކުޑަކޮށް ހީލިއެވެ.
"އަހަރެންވެސް ކޮމެންޓްކިޔަން، އާވާއަށް މީހުން ކުރާހާ ކޮމެންޓްތައް ނުޖަހަންދޯ...." އަޔާމް ކުއްލިއަކަށް ކުރި ސުވާލަކުން އާވާ ކޮށިއަރާގޮތްވިއެވެ.
"ކިހިނެއް އެނގުނީ؟ "އާވާ ދެލޯ ބޮޑުކޮށްލިއެވެ.
"މިސާލަކަށް އަހަރެން ކޮމެންޓެއް ކުރީމަ ޕަބްލިޝް ނުކުރަންޏާ އެނގޭނެއްނު...." އަޔާމް އެއްލޯމަރާލުމުން އާވާއަށް ގާތްގަނޑަކަށް ޔަގީންވިއެވެ. މިއީ ޑާކްނައިޓްއެވެ. އަޔާމް އެހާ ބޮޑަށް އޭނަ ދެރަވާފަދަ ވާހަކައެއް ބުނެފާނެއޭ ހިތަށް ނާރައެވެ. އެގޮތަށް ޖެއްސުންކުރާ ޒާތުގެ ޒުވާނެއް ހިޔެއްނުވެއެވެ. ކޮންމެގޮތެއް ވިޔަސް އާވާ އެ މީހެއްގެ ކޮމެންޓުން އަސަރުކުރިކަން އެއްވެސް މީހެއްގެ ގާތު ބުނާކަށް ބޭނުމެއް ނޫނެވެ. އޭނަ އެކަން ސިއްރުކުރާނެއެވެ. އަޔާމް ބުނީ ކޮންމެފަދަ ކޮމެންޓެއްވެސް ޕަބްލިޝް ކުރަންވާނެ ކަމުގައެވެ. އާވާ ހީގަނެފައި ބުނީ އެކަމާއި ވިސްނާނެކަމުގައެވެ.

ވާރޭކަނިޖަހަން ފެށިއެވެ. ރަފްހާން އުދަރެހާއި ދިމާލަށް ބަލާލާފައި ނުތަނަވަސްވާގޮތްވީ އުދަރެހުގައި ގިނަވަމުންދާ ވިލާތަކުން ބޯކޮށް ވާރޭވެހޭނެކަމުގެ އިންޒާރުދެމުންދާތީއެވެ. ރަފްހާން ގަސްތުކުރީ ވިއްސާރަ ރަގަޅުވާނެކަމަށް ބަލާނުލާ ގެއަށް ދާން އަވަސްވެގަތުމަށެވެ. އޭނަ މަޑުކޮށްފިއްޔާ އެތައް އިރެއްވާންދެން ހުންނާން ޖެހިދާނެއެވެ. ވަގުތަކީ އޭނައަށް މަދުވެފައިވާ އެއްޗެކެވެ. އިންތިޒާރުކުރުމުގައި އަގުހުރި ވަގުތުތައް ގެއްލުވާލާކަށް އޭނަ ނޭދެއެވެ. ރަފްހާން ހިޔާވެލަން ވަދެފައިހުރި އަސްކަނިން ނުކުމެ މަޑުމަޑުން އެއްޗެކޭ ބުނެލެވުނީ ފިނި ވާރޭގެ ތިކިތައް އޭނަގެ ގައިގާ ބީހިގަތުމުންނެވެ. އޭނަ މޫސުމްދެކެ ރުޅިއަންނަނީ އެއްނޫނެވެ. ނަމަވެސް ފިނިކަމާއި، ތެތްހެދުމުގައި ހުރުމާ އޭނަ އެހާ ގަޔާވާގޮތެއް ނުވެއެވެ. ނަމަވެސް އެކަންތަކުންވެސް އެހާ އުދަގޫނުވީ މިއަދު އޭނަގެ ސިކުނޑީގައި އެތައް ކަންތަކެއް ހިނގާތީއެވެ. ހީވެސްނުކުރާފަދަ އުނދަގޫ ކަމެއް ބޮލުގައި އެޅި އޭނަ ގޮތެއް ނިންމަން ޖެހިފައިވާތީއެވެ.

އުދަރެސް ކަޅުވަމުން ގޮސް ދުވާ ރޭގަނޑަށް ހަދާލައިފިއެވެ. ވައިގެ ބޫންއަޑާއިއެކު ކުޑަދޮރުތައްވެސް ތެޅިލައިގެން ދިޔައެވެ. އާވާ ކައުޗްގައި ކުރުގެޅިލައިގެން ބޯ ރަޖާގަޑެއްގައިގާ އޮޅާލައިގެން އޮތެވެ. މިއީ ހަޔާތުގެ އެންމެ އުދަގޫ އެއް ދުވަހަށްވެފައި ވާރެއަކީ އޭގެ ދަތިކަން އިންތިހާއަށް އިތުރުކުރުވި އެއްޗަކަށްވިއެވެ. އޭނަ ވާރޭވެހޭ ދުވަސްތައް ދެކެ ރުޅިއާދެއެވެ. ސިކުނޑީގެ އެންމެ ފުނުގައި ތަޅުލާފައިވާ ބިރުވެރި ހަނދާންތައް އާކުރުވާތީއެވެ. އެއީ އަބަދުވެސް އޭނަ ފިލަން މަސައްކަތްކުރާ ބިރުވެރި އެއްޗެއްސެވެ. އޭނަގެ މަންމަ އޭނަ ދޫކޮށްލީއެވެ. އެހެން ފިރިހެނަކަށްޓަކާ އަނެއްކާވެސް އޭނަ އެކަނިވެރިކޮށްލީއެވެ. އެ އަމިއްލަ އެދުމުން ފޯވެފައިވާ އިންސާނުންގެ ފަރާތުން މަންމައަށް ފެންނަނީ ކޯންޗެއްކަމެއްވެސް ނޭގެއެވެ. މިއަދު އޭނައަށް ހޮޓެލް އާލްޕްސްއިން ގުޅާފައިބުނީ އޭނަ ވަޒީފާއިން ވަކިކުރި ވާހަކައެވެ. މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ނެތީމައެވެ. ވީއިރު އެހެން ވަޒީފާއެއް ހޯދާނެ ހިތްވަރެއް އޭނަގެ ނެތެވެ. އަނެއްކާ އެތަނަކުންވެސް ނެރެލާނެކަން އެނގޭތީއެވެ. އެހެންމީހުންނާއިއެކު މަޖާކޮށް ހީހީފައި އެމީހުންގެ ހިތުގައިވެދާނެ އެއްޗަކާއިމެދު ނުވިސްނާ ބިރެއްނެތި އުޅުނު ދުވަހެއް އޭނަގެ ހަނދާނަކު ނުވެއެވެ. އޭނަގެ މާޒީގައި އެފަދަ ދުވަހެއް ދުވަހަކު އަންނާނެބާވައެވެ. ކޮންމެދުވަހަކު ތަފާތު ވައްތަރުގެ ފިރިހެނުންނާއި ކުރިމަތިލުމަކީ އާވާއަށް ކުޅަދާނަކަމެއްނޫނެވެ. އެމީހުންދެކެ އޭނަހާދަ ބިރުގަނެއެވެ. އެއިންމީހަކު ބަލާލިޔަސް ބިރުން ކަރުނަ ލޮލުން އަންނަހާވެއެވެ. އެކަން އެހެންމީހުންނަށް ވިސްނޭނެހެއްޔެވެ؟ އެހެން އަންހެނުން ގިނަ ފިރިހެނުންނާއި ގުޅިގެން މަސައްކަތް ކުރާހިތުން ކެތްމަދުވާނެއެވެ. އެކަމަކު ވަޒީފާއަށް ނުގޮސް އޭނަ ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟ އޭނަ އަދިވެސް މަސައްކަތްކުރާނެއެވެ.

މަޑުއަޑަކާއިއެކު ދޮރުގެ ތަޅު ހުޅުވާލުމާއިއެކު އިސްކޮޅުން ދިގު މީހެއްގެ ވަނާ އާވާއަށް ފެނުނީ މޫނާއިއެކު އަޅާފައި އޮތް ރަޖާގެ ދަށުންނެވެ. ފުންމައިގެން ތެދުވާން އުޅެފައިވެސް އޭނަގެ ތެޅެމުންދިޔަ ހިތް މަޑުޖެހިލީ އެއީ ރަފްހާންކަން ޔަގީންވެފައެވެ. އޭނަވެސް ކޮންމެހެން މިގަޑީގައި އަންނަން ވެދާނެ ހެއްޔެވެ؟ އޭނަ އެހާ ބޮޑަށް އަމިއްލަ ނަފުސާއިމެދު ސަހަރޯވެރިވެފައިވާ ދަނޑިވަޅެކެވެ. އެކަނިމާ އެކަނި އޮންނަން ބޭނުންވެފައިވަނީ ވަރަށް ބޮޑަށެވެ. " އައި ހޭޓް ޓުޑޭ" އާވާ ހިތާހިތުން ކިޔާލިއެވެ. ރަފްހާންވެސް ހުރީ ހާލުގައި ޖެހިފައިހެން ހީވެއެވެ. ކޯޓު އެއްއަތުގައި އަޅުވާލައިގެން ތެމިފޯވެފައި ހުރެ ފައިގާވާ ބޫޓު ދަމައިގެންފާ އެތާހުރި މޮހޮރެއްގައި އަޅުވާލީ ހިއްކާށެވެ. ފުން ނޭވަޔަކާއިއެކު ތެމިފައިވާ އަނދުންކުލައިގެ އިސްތަށިގަނޑުގައި އަތްހިންގާލިތަން ބަލަން އޮވެފައި އާވާ ދެލޯމަރާލައިފިއެވެ.

ރަފްހާން ކޮފީމަގަކާއި ހޫނުފެނުން ފެންވަރާލަން ބޭނުންވިއެވެ. އެހެން ހިތަށް އަރާފައި އިސްއުފުލާލިތަނާ ކުޑަ ފޮތިބޮނޑިއެއްހެން އޮތް އެއްޗެއް ކައުޗްއިން ފެނިގެން އެއީ އާވާކަން ޔަގީންވުމާއިއެކު އޭނަ ޚިޔާލު ބަދަލުވިއެވެ. ހޫނު ކޮފީއާއި ފެން އަދި ފަހަށް ޖައްސާލާނީއެވެ. އޭނަވަނީ އާވާގާތު ދައްކަންވީ ވާހަކަތައް މުޅިން ނިންމާ ގޮތެއް ކަނޑައަޅާފައެވެ.

"ގުޑްއިވްނިން އާވާ..." ރަފްހާން ކިޔާލައިފިއެވެ.
"ވީ ނީޑް ޓު ޓޯކް..." ރަފްހާންގެ ޖުމްލައާއިއެކު އާވާ ބޯޖަހާލުމުން ތެތް ކޯޓު ކޮނޑުގައި އަޅުވާފައި އޭނަދިޔައީ އަމިއްލަ ކޮޓަރިއަށެވެ. ތެތް ހެދުން ބޭލުމަށްފަހު ސްވެޓަރަކާއި ޕިޖާމާއެއް ލައިގެން ރަފްހާން ސިޓިން ރޫމަށް ނުކުމެގެން އައީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރެއެވެ.
"އާވާ؟ " ރަފްހާންގެ ފުން އަޑުން އާވާ ކޮންމެފަދަ ދުނިޔެއަކަށް ގެއްލިފައި އިނަސް ހޭލައްވާލައިފިއެވެ.
"ލައްބަ......." އާވާ މަޑުމަޑުން ބުނެލިއިރު އެދެލޮލުގައިވަނީ ނިދީގެ އަސަރުތަކެވެ. ކަންބޮޑުވެފައިވާކަންވެސް އެނގެއެވެ.
"ލިސެން ކެއަރފުލީ، އަދި އަހަރެން މިވާހަކަ ދައްކާ ނިމުމުގެކުރިން އެއްޗެކޭ ނުބުނާތި...." ރަފްހާން ފަރުވާތެރިކަމާއިއެކު ވާހަކަ ކުރިއަށް ގެންދިޔައެވެ. އާވާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ރަފްހާން ފެށީ އޭނަގެ ދޮން މަންމަ ހަދައިގެން ދެއްކި ވާހަކައެއް ބައްޕައާއި ހަމަޔަށް ފޯރާ ބައްޕަ އެކަމަށް ބާރުއަޅަންފެށި ވާހަކައެވެ. އާވާގެ ނަޒަރުން ހީވީ ރަފްހާންގެ ދެވަނަ ބޮލެއް ކުއްލިއަކަށް ފަޅައިގެން ބަލާލިހެނެވެ.
"މެރީ މީ އާވާ...." ރަފްހާން އާވާގެ މޫނަށް ނަޒަރު ހުއްޓާލީ އެމޫނުގައިވާ ޝުއޫރުތައް ދަސްކުރަން މަސައްކަތްކުރާ ފަދައިންނެވެ.
"ނޫން ނޫން ނޫން...." އާވާ ކުއްލިއަކަށް ބުނެލީ ހަޅޭއްލަވައިގަންނަމުންނެވެ.

"ކާމް ޑައުން، ހަމަ ސަޖެސްޝަންއެކޭ އާވާ..." ރަފްހާން ވާހަކަދެއްކީ އެކުއްޖާ މަސަލަސްކުރަން އުޅޭފަދައަކުންނެވެ.
"އެކަމަކު އަހަރެން ތިކަމަކަށް ރެޑީއެއް ނޫން..." އާވާ ރޫރޫއަޅަން ފެށިއެވެ.
"އާވާ، ލިސެން ޓު މީ، ލިސެން، އެކަކުވެސް މަޖުބޫރެއްނުކުރޭ، އަހަރެން ޔަގީނުންވެސް އެކަމެއް ނުކުރާނަން، މިއީ ދެން ހަމަ ދެމީހުންނަށްޓަކާވެސް ރޭވިކަމެއް، އަހަންނަށް އާވާއަށް އެހީތެރިވެވިދާނެ، އަދި އަޅާލެވޭނެ، އަހަރެން އާވާއަށް ހެޔޮކޮށް ހިތާފާނަން....." ރަފްހާން ބުނެދިނެވެ.
"ރަފްހާންއަށް ތިކަމުން ހުރީ ކޮންކަމެއްތަ؟ " އާވާ ފިނިގޮތަކަށް އަހާލައިފިއެވެ.
"މިއަދު ނޫނީ މާދަން ނަމަވެސް އަހަރެންވެސް މެރީކުރާނެކަމަށް އެންމެން އެކްސްޕެކްޓްކުރާނެ، އަހަރެންގެ ބައްޕަ މިކަހަލަ ކަންތަކުގައި ވަރަށް ޓްރެޑިޝަނަލްވާނެ، އެހެންވެ ކައިވެންޏެއް ކުރަން ބޭނުންވީ، އަނެއްކާ އަންހެނުންގެ ފަރާތުން ޖެހޭ އުދަގޫތައްވެސް ކުޑައެއްނޫން...." ރަފްހާން އިސްތަށިގަނޑުގައި ކުޑަކޮށް އަތް ހިންގާލިއެވެ. އޭނަ ދެން ބުނަން މިއުޅޭ ވާހަކައަކީ އެހާ ރަގަޅު ވާހަކައެއްކަމަށް ވެދާނެކަމާއިމެދު އޭނަ ޝައްކުވިއެވެ.
"އަންހެނުންނަށް އަހަރެންގެ ޝައުގެއްނެތް، މިވަގުތު އަހަންނަށް އެންމެ މުހިއްމު ކަމަކީ ކެރިއަރ، އާވާ އަހަންނާއިއެކު އުޅުނަސް އަހަރެންގެ މަސައްކަތްކުރިއަށް ގެންދެވިދާނެކަމަށް ފެނޭ، އަހަރެންގެ މި ލައިފަށް އިތުރު ބަދަލެއްނުގެނެސް މިއޮތްގޮތަށް އޮންނާނެ، މިވަގުތު އަހަރެމެން ދެމީހުންނަށްވެސް އެންމެ މުހިއްމުކަމަކީ ސްޓެބެލިޓީ، ނޫންތަ؟ އާވާ ބޭނުންވާ ކޮންމެ އެއްޗެއް އަހަންނަށް ދެވިދާނެ، އަހަންނަށް ޕްރޮމިސްއެއް ނުކުރެވޭނެ އަހަރެން ޕާފެކްޓް ހަޒްބެންޑަކަށް ވެވިދާނެކަމަށް، އަހަންނަށް ގެއަށް ވަދެވޭ ވަގުތުވެސް މަދުވާނެ، ދެން އަހަންނާއިއެކު އުޅެން އާވާއަށް އުދަގޫވެ ކެތްނުކުރެވޭކަމަށް ވަންޏާ ކާވެނި ރޫޅާލެވިދާނެ، ވަން މޯރ ތިންގް،އަހަރެން ޖެހޭ ބައްޕަ ބަލަހައްޓަން، ބައްޕަގެ މެޑިކަލް ބިލްތަކާއި އެހެނިހެން ގޭގެ ޚަރަދުތައް ބަލަން ހުރި މީހަކީވެސް އަހަރެން، އިތުރު މީހަކަށް ޖާގައެއް ނެތް، އެކަމަކު އާވާ މިގޭގައި އުޅޭތީ އައިމް ވިލިން ޓު ޝެއަރ މައި ލައިފް ވިތް ޔޫ....." ރަފްހާން ކިތަންމެ މައިތިރިކޮށް ވާހަކަދެއްކިޔަސް އަޑުގައި ހަރުދަނާގޮތެއް ހުއްޓެވެ.

"އައި ކެން ސަޕޯޓް މައިސެލްފް..." އާވާ ރުޅިގަދަވެފައި ތުން ތަޅުވާލިއެވެ. ފިރިހެނުން ހީކުރަނީ ކީކޭހެއްޔެވެ؟ އަންހެނުންނަކީ މާ ނިކަމެތި ބަލިކަށި ބަޔެއްކަމުގައި ހެއްޔެވެ؟ ކުއްލިއަކަށް ގުގުރީގެ އަޑުފަށްގަނޑާއިއެކު އާވާ ބިރުން ފިތްކަނޑައިގެން ގޮސް ކުޑަވެލިތަން ރަފްހާންއަށް ފެނުނެވެ. ރަފްހާން ހައިރާންކަމާއިއެކު ބަލާލަމުން އާވާ ގުގުރިޖެހީމަ ބިރުގަންނަނީހެއްޔޭ އަހާލައިފިއެވެ. އެވަގުތު އާވާ "ވާ...ވާރޭ..." އެހެން ބުނެލާއިރަށް އަޑު ކުރެހުނެވެ. ރަފްހާން އަށް ބޭ އިޚިތުޔާރުގައި އާވާއާއި ކާރިއަށް ޖެހިލާފައި މޫނުގައި ދެއަތުން ހިފާލެވުނެވެ. އެއާއިއެކު އާވާވެސް ތެޅިގެންފައި ދުރަށް ޖެހިލިއެވެ. ނަމަވެސް ދެވަނަ ގުގުރިއާއިއެކު ފުންމައިގެންގޮސްފާ ރަފްހާންގެ ފުޅާ ކޮނޑުގައި އާވާ މޫނު ފޮރުވާލީ ބޭއިޚުތިޔާރުގައެވެ.

"ވަރަށް ބިރުގަނޭ..." އާވާއަށް ރޮވޭގޮތްވިއެވެ. ރަފްހާންގެ ހިތުގައި މިނިކަމެތިކުއްޖާއަށް ހަމްދަރުދީ އުފެދުނެވެ. އާވާގެ ހަޔާތަށް ހަގީގަގުތައި ބޭނުންވަނީ ރަފްހާންފަދަ އޯގާތެރި މީހެކެވެ. މައިމީހާ ދަރިއަށް އޯގާތެރިވާހެން ހެޔޮވާނެ މީހެކެވެ. އެކީގައި އަބަދަށްވާނެ ހަރުދަނާ މީހެކެވެ. އާވާގެ މައްސަލައަކީ މީހެއްގެ އަތްލުމަށް ނުރުހެވޭކަމެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައް ފިރިހެނުންނާއި އެކީގައި މަސައްކަތް ކުރުމަށްވުރެ އެންމެ ފިރިހެނަކާ ކުރިމަތިލުން މާ ރަގަޅުކަމުގައި އެވަގުތުކޮޅު އާވާވެސް ގަބޫލުކުރިއެވެ. އެހެންނޫނަސް ރަފްހާންގެ ހަށިގަނޑުގައި ހިފާފައިވަނީ ދައުވަތުދޭފަދަ މީރުވަހެކެވެ. އެވަގުތު ރަފްހާންއަކީވެސް ފިރިހެނެއްކަން ހަނދާންވެފައި އާވާ އަވަހަށް ދުރަށް ޖެހިލައިފިއެވެ. ރަފްހާން ކުޑަކޮށް ބަލާލިއިރު އެ ކަޅުދެލޮލުގައި ކަންބޮޑުވުމާއި ހަމްދަރުދީވިއެވެ. ފުރަތަމަ ފަހަރަށް ރަފްހާންގެ އެސްފިޔަތައް އާވާ ފާހަގަކުރިއެވެ. ރަފްހާން ވާހަކަދައްކާއިރު އާއްމުކޮށް ތިރިއަށް ބަލަން އާވާ އާދަވެފައިވާތީ އެކަން ފާހަގަނުވީއެވެ. މިފަދަ މީހުންގެ ފަހަތުން އަންހެނުން ދުވާނެއެވެ. އަންހެނުން ހަލާކުގެ ތެރެއަށް ދަމައިގަންނާނެއެވެ. އެކަމަކުވެސް އެންމެ ފިރިހެނެއްވެސް އެތައް ބަޔަކަށްވުރެ ރަގަޅެވެ.

"ޔެސް..." އިރުކޮޅެއްފަހުން ރަފްހާންގެ މޫނަށް ބަލާލުމުން އާވާ އެންމެ ލަފުޒެއް ބުނެލައިފިއެވެ.
"އަހަރެންގެ މެރިޖް ޕްރޮޕޯސަލް ގަބޫލުކުރިކަމަށް އަހަރެން ނިންމަންވީ؟ " ރަފްހާން ސުވާލުކުރިއިރު ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވެފައިވެއެވެ. އެކަމަކު ރަފްހާންއަށްވެސް މިވަދެވެނީ އަދި ކިހާވަރެއްގެ ބޮޑު ކަމެއްގެ ތެރެއަށް ކަމެއް ވިސްނާލެވިފައެއް ނެތެވެ. އާވާ އަނެއްކާވެސް ބޮލުގެ އިޝާރާތުން ރަފްހާންއަށް އެކަން ޔަގީންކޮށްދިނެވެ.
"ބަ....ބަޓް ނޯ ޓަޗިން...." އާވާ ބުނެލިއެވެ.
"ވަޓް؟ " ރަފްހާންއަށް ލިބުނު ޝޮކް މޫނުމަތިން ހާމަވެގެން ދިޔައެވެ.
"ގައިގާ އެއްގޮތަކަށްވެސް އަތްލައިގެން ނުވާނެ، އިނގިލިކުރިވެސް ޖައްސާލައިގެން ނުވާނެ......" އާވާ ތަންކޮޅެއް ބާރަށް ބުނެލުމުން ރަފްހާން ބަލާލީ ތަފާތު ނަޒަރަކުންނެވެ. ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. މިއީ ރަފްހާން އެއްގޮތަކަށްވެސް އަންހެންކުއްޖެއްގެ ދުލުން އަޑުއިވިދާނެކަމަށް ހީކުރިފަދަ ޖުމްލަތަކެއް ނޫނެވެ. އާދަޔާ ޚިލާފު ޝަރުތެކެވެ. އާވާ އެހެން ބުނާންވީ ސަބަބެއް އެއްގޮތަކަށްވެސް ވިސްނުމަކަށް ނައެވެ. ނަމަވެސް ދެމީހުންނަށް މިދިމާވެފައިވާ ގޮތުން ކޮންމެފަދަ ޝަރުތަކާއެކުވެސް ދުވަސްކޮޅަކަށް އެކީގައި އުޅެން މަސައްކަތް ނުކުރެންވީ ސަބަބެއްނެތެވެ. 

ކޮމެންޓް 0