އާވާ ކާރުން ފައިބަންވާއިރަށް ޑްރައިވަރ "ކްރިމްސަން ވިލާ" ގެ ބޮޑު ދޮރާށި ހުޅުވާލާފައި ދަބަސް އެތެރެއަށް ލައިދީފިއެވެ. އާވާ ދަބަހުން ލާރި ނަގާ ޑްރައިވަރުގެ އަތަށް ދިނެވެ. އެވަގުތު އައި ބާރު ވައިރޯޅިއަކާއެކު އޭނަގެ ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑު މޫނަށް ފައިބައިގަތުމުން ނާޒުކް ދެއަތުން އިސްތަށިގަނޑު އެއްފަރާތްކުރަން އުޅުނެވެ. އެތެރެއިން ރީނދޫކުލައިގެ ޖެކެޓްކޮޅެއް ލާފައި ބޭރުން ޖިންސްފޮތީގެ ދިގު ޑަންގަރީއެއް ލައިގެން ހުރިއިރު އާވާގެ މޫނުމަތިން ފެންނަނީ ކަމަކާ ކަންބޮޑުވެފައި ހުރިކަމެވެ. ކަޅި އެކިފަރާތަށް އުކާގޮތުން އޭނަ ހުރީ އެހާ ހަމަޖެހިލައިގެން ނޫންކަމަށް ދައްކައެވެ. ގޭގެ ކުރިމަތީގައި ހުރި ބޮޑު އަނބުގަހުން ވެރިފައިވާ ދޮންފަތްތައް ގިނަކަމުން ބިންގަނޑު އޮތީ ފޮރުވިފައެވެ. އާވާގެ ފައިދަށުވެ ހިކިފަތްތައް މުރުމުރުވާންފެށިއެވެ.
އާވާ ސަލާމް ގޮވާލި ތަނާ އިރުކޮޅެއް ނުވަނީސް ދޮރުހުޅުވާލާފައި ނުކުތީ އޭނަގެ މަންމަ މާހުޖަބީން އެވެ. ހަޔާތުގައި ދެތިންފަހަރު މަންމަ ފެނިފައިވިޔަސް މިހާރު ނުފެންނަތާ މިވަނީ ތިން އަހަރެވެ. މަންމައަކަށް ބަދަލެއް ނާދެއެވެ. އެލޫޅާފަތިކަމާއި ރީތިކަމެވެ. ކައިރާ ނައިޓްލީ ފެންނައިރަށް އޭނަ މަންމަ މަތިން ހަދާންވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ފިލްމުތައް ގިނަގިނައިން ބަލައިގެން އޭނަ މަންމަ ކައިރީގައި ހުންނަކަމުގެ އިހުސާސް ކުރުވަން މަސައްކަތްކުރިއެވެ.
މާހުޖަބީންގެ ފިނި ބަލާލުމުން އާވާގެ ތުންފަތްމަތީގައި ވި ލުއި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެހެންނޫނަސް އާވާ މިރަށް އަންނަކަން އެނގުނީމަ މާހުޖަބީން އަންގާފައިވަނީ އޭނައަށް މަންމަ ގެ ބަދަލުގައި ދައްތަގެ ނަމުން މުޚާތަބު ކުރުމަށެވެ. ދެރަވިޔަސް އާވާއެކަން ހާމައެއް ނުކުރިއެވެ. މާހުޖަބީން އެންގީ ދަބަސް ހިފައިގެން ސިޑިން އެރުމަށެވެ. ދަބަސް ބަރުކަމުން އުދަގޫވެގެން އެތައް މަސައްކަތެއްކުރި އިރުވެސް އެހީވާކަށް މާހުޖަބީން ހިތަކަށް ނޭރިއެވެ. ދަބަހާއިއެކު އޭނަ ވެއްޓި ބިންމަތީގައި ޖެހިފައި ފުނޑުވެދާނެއޭ ހިތަށް އަރާވަރުން އާވާ ހުރީ ސިޑީގެ އަރިމަތީގައި އެއްއަތުން ނިކަން ބާރަށް ހިފަހައްޓާލައިގެންނެވެ.
"އާވާ މިގެއަށް އައީމަ ފަސޭހަވާނެ، ޑޭޒީ މިގެއިން ދިޔަފަހުން ކައްކާ ސާފުކުރާނެ ކުއްޖެއް ހުރީއެއް ނޫން، އާވާ ތިއައީ އެންމެ އެކަށީގެންވާ ވަގުތުގައި...." މާހުޖަބީން ބުނެލިގޮތުން ހީވީ އޭނައަކީ މިގެއަށް ގެނައި މަސައްކަތު ކުއްޖެއް ހެންނެވެ. އާވާގެ ހިތަށް ނުބައި ގޮތެއްވެ ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ.
"މިއީ މަންމަ ކަމާމެދު ޝައްކުވާން ފަށައިފި، ބައްޕައަށް އޮޅުނީކަމަށް ވާނީ، ނޫނީ ކަމެއް ސިއްރުކުރަނީ ކަމަށްވާނީ......" އާވާގެ ހިތަށް އެތަކެއްޗެއް އަރާ ފޭބިއެވެ. ބައްޕަ ބުނެފައިވާ ގޮތުން މަންމަ އެމީހުން ދޫކޮށްލާފައި ދިޔައީ މުއްސަދި ރަގަޅު އާއިލާއެއްގެ މީހަކާއި ކައިވެނި ކުރަން ވެގެންނެވެ. ނަމަވެސް މިގޭތެރެއިން މުއްސަދިކަމުގެ ކުލަވަރެއް ނުފެނެއެވެ. ނޯކަރެއްވެސް ފެންނާކަށް ނެތެވެ. އިނގިރޭސި ފިލްމުތަކުން ފެންނަފަދަ ރީތި ގެއަކަށް ވާނެކަމުގެ އުންމީދުގައި ހުއްޓާ މިވަދެވުނީ އާސާރީ ކިއްލާއެއްފަދަ ތަނަކަށެވެ. މުސްކުޅި ފަރުނިޗަރތަކެވެ. ދޮރުތައް ހައިވަކަރުން ހަދާފައި ބޮޑު ތަޅު އަޅުވާފައެވެ. މަތީބަޔަށް އެރުމުން ވަކިން ބޮޑަށް ފިނިގަދަކަމަށް ފާހަގަވިއެވެ. ވައިރޯޅިތަކު ބޫންއަޑު ފަޒާގައި ގުގުމާލާފަވިއެވެ. މާހުޖަބީން ތަޅުދަނޑިއެއް ނަގާފައި އެންމެ ކަނުގައި ހުރި ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފިއެވެ. ވަރަށް މަސައްކަތުން ތަޅު ހުޅުވާދީފައި މާހުޖަބީން ތަޅުދަނޑި އާވާގެ އަތަށް ލެއްވިއެވެ.
"މިއީ އާވާގެ ކޮޓަރި، ނުހުޅުވާ ދުވަސްވީމަ ކުޑަކޮށް ހިރަފުހުގެ އަސަރު ހުރެދާނެ، އަހަރެން މިއަދު މިތަން ސާފުކުރަން ހުއްޓާ ބިޒީކަމުން އެކަމެއްވެސް ނުވި، ނަންނި ވީ ބޮޑުދައިތަގެ ގާތު ވިލިމާލޭގައި، ދެތިން ދުވަހުން އޭނަ އަންނާނީ......" މާހުޖަބީން އާވާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރީ އެތެރެއަށް ވަންނަން ބޭނުންނުވެފައެވެ. ހިރަފުހުގެ އަސަރުބޮޑުކަމުން އާވާ ދެތިން ކިނބިހި އެއްފަހަރާ އެޅިއެވެ.
"އާވާ ތިއައީ ބާރަ ނިންމާފަ ދޯ، މިހާރު އަމީން އަކަށްވެސް އެހާ ފައިސާއެއް ނުލިބޭ، ވަރަށް ދަތިކޮށް އުޅެން މިޖެހެނީ، އާވާއައުމުން ޔަގީނުންވެސް އިތުރު ޚަރަދުކުރަން ޖެހޭނެ، އެހެން މީހުންނަށް ޑިޕެންޑްވެގެން ނޫޅެ އާވާވެސް ޖެހޭނެ ވަޒީފާ ހޯދަން...." މާހުޖަބީން ހިތުގައިވާ ހާ އެއްޗެއް ނެރެލިއެވެ. ހަގީގަތުގައި އޭނަ މިދުވަސްކޮޅު ހުންނަނީ އަބަދުހެން ރުންކުރުވެފައެވެ. ބޭނުންނުވާގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ދާންފެށުމުން އޭނަގެ ހިތަށް ލިބޭ ކެކުޅުމާއި ވޭން ރުޅިވެރިކަމުގެ ސިފައިގާ ބޭރުވާންފެށީއެވެ.
"ރިޒަލްޓް އަދި ނުލިބޭ...." އާވާ އާފުރެން ފެށިއެވެ. އޮކްސިޖަން ކޮޅަކަށް ހަށިގަނޑުގެ ސެލްތައް ބޭނުންވާކަން ހާމަކޮށްދޭ އަލާމާތެކެވެ.
"ދިހައެއްގެ ނަތީޖާ ކިހިނެއްތަ؟ " މާހުޖަބީން ސުވާލުކުރިއެވެ.
"ސީ އަދި ޑީ ލިބުނީ..." އާވާ ދަތްތަކަށް ބާރުލިއެވެ. މިއަދު އެކަން އޮޅުން ފިލުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މާ ލަސްވެއްޖެއެވެ.
"ކިޔަވާށޭ ކިޔާފައި މަކަރުހެދީ ދޯ، ތިވަރުން ވަޒީފާއެއް ނޫން ލިބޭނީ....." މާހުޖަބީން ހުރީ ތުންފިތާލައިގެންނެވެ.
މާހުޖަބީން ބެލްކަންޏަށް ނުކުމެލުމުން އާވާވެސް ފަހަތުންގޮސް ހަށިފުރާ ނޭވާއެއްލިއެވެ. ބެލްކަންޏާއި ދިމާލަށް ހުރި ގަހެއްގެ ގޮފިތައް ހޫރެމުންދާއިރު ކޮންމެވެސް ވަރަކަށް ހީކަރުވާގޮތެއްވެ އާވާ މޭގައި ބައްދާލިއެވެ. އޭރު މާހުޖަބީން ހުރީ ހިތްހަމަނުޖެހޭ ގޮތްވެފައެވެ. އާވާގެ ހުރީ ކޮންކަމެއް ހެއްޔެވެ؟ ކިޔަވައިގެން ނެތްތާގައި އޭނަގެ ބައްޕަ ފަދައިން ރަގަޅު ހުނަރެއް ހުރިކަމެއްވެސް ނޭގެއެވެ. ތަންކޮޅެއް މޮޅު ދަރިއެއް ހުރިނަމަ މިފަދަ ދަތި ދުވަސްވަރެއްގައި އެހީތެރިކަމެއް ލިބުނީހެވެ. ޖެހިޖެހިގެން ނާކާމިޔާބީ ލިބެން ފެށީ އޭނައަށް ކުރެވުނު ކޮން ކުށެއްގެ ސަޒާއަކުންބާވައެވެ.
"މީހަކާއި އިންނަންވީނު ދެން، ތިހިރީ މީހަކާއި އިންނަވަރުވެފައި، އެހެންނޫނަސް އަހަރެމެންނަށް މިހާރު އާމްދަނީ ލިބޭނެ ގޮތެއްނެތް، އަމީން ސްޓްރޯކެއް ޖެހުނުފަހުން މަސައްކަތެއް ނުކުރެވޭ، ވީމަ އާވާ ކަރަންޓް އަދި ފެނަށް ވަރަށް ވިސްނަންވާނެ، ބިލްތައް އަންނައިރު އަތް ނުފޯރާފަށަށް ފޮނުވާލާނީ އެއްނޫން......." މާހުޖަބީން އެއްވެސް އަސަރެއްނެތް ގޮތަކަށް ވާހަކަ ދެއްކިއެވެ. އެތައް އަހަރެއްވާންދެން ދަރިފުޅާއި ވަކިން އުޅުމުން ދަރި ކުލުނު މުޅިންހެން ހިތުން ފޮހެވިގެން ގޮސްފައިވަނީކަން ނޭގެއެވެ.
"އޯކޭ އެކަމާ ވިސްނާނަން، މަންމަ....." އާވާ އެއްޗެކޭ ބުނަން އުޅުނެވެ.
"ދައްތަ އޭ ކިޔާށެކޭ ނުބުނަންތަ؟ " މާހުޖަބީން ހަނދާންކޮށްދިނެވެ.
"މިގޭގައި ނަންނިގެ އިތުރުން އުޅެނީ ކޮންބަޔެއްތަ؟ " އާވާ އަހާލައިފިއެވެ.
"އަމީންއާއި މިގޭ ބޯއިސް އިންތައް....." މާހުޖަބީން ތަފްސީލަށް ދާކަށް ނޫޅުނެވެ. އާވާގެ ހިތުގައި ކުޑަ ބިރުވެރިކަމެއް ހިނގާލިއެވެ. ހަޔާތަށް ފިރިހެނުންގެ ހިޔަނި އެޅޭކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަކަށްވުރެ ގިނަ ފިރިހެނުން އުޅެންޏާ އޭނަ މިގޭގައި ރައްކާތެރި ކަމާއިއެކު އުޅޭނީ ކިހިނެއްހެއްޔެވެ؟
މަންމަގެ ކަންތައް ބޮޑުކަމުން ބައްދަލުވެ އަދި މާގިނައިރުތަކެއް ނުވަނީސް އާވާވެސް ފޫހިވާގޮތްވިއެވެ. އެކަނިމާ އެކަނި އުޅެވޭނެ ނަމައެވެ. ބައްޕަ ފިޔަވާ މިދުނިޔޭގައި އޭނަދެކެ ލޯބިވާނެ އިންސާނަކު ނެތެވެ. ބައްޕަ ނިޔާވިކަމީ އޭނަގެ ބަދުނަސީބެވެ. މަންމަގެ "ނަންނި" އަކީ ރަންދަރިއެއް ހީވެއެވެ. އެއީ އާވާގެ އެއްބަނޑު ކޮއްކޮއަށް ވިޔަސް އެކުއްޖާ ހަމަލޮލަށް ފެނުމުގެ ނަސީބެއްވެސް އަދި ލިބުނީއެއް ނޫނެވެ. މަންމަގެ ސަބަބުން އެދެކުދިންގެ ދޭތެރޭގައި ގާތް ތިމާގެކަމުގެ ގުޅުމެއް ނުވެއެވެ. އާވާ ތުއްތު އިރު މަންމަ އޭނަ އެއްލާލާފައި ދިޔުމުން ހަޔާތުގެ ހުރިހާ ދުވަހެއް ވޭތުކުރީ ބައްޕަ އާއި ދޮންމަންމަގެ އާއިލާ އާއި އެކީގައެވެ. އެ އާއިލާގެ ތެރޭން އޭނައަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ސަބަބުން ހަލާކުވެގެން ދާން ކައިރިވެފައިވެސް އޭނަ ހިތްވަރުކުރިއެވެ. ބައްޕަ ދެރަވެދާނެތީ އޭނަ ހުރިހާކަމެއް ސިއްރުކުރިއެވެ. ހިތްވަރުގަދަކަމުން ނޫންނަމަ މިއަދު އޭނަ މިހިސާބަކަށް ނައީސްކަން ޔަގީނެވެ. އެހެން ކުއްޖެއްނަމަ އިންނާނީ ގުރާދޫގެ މޮޔައިންގެ މަރުކަޒުގައި ކަމަށްވެސް ވެދާނެއެވެ.
އާވާގެ ބައްޕަ ނިޔާވީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އަދިވެސް އެ ހަނދާންތައް އޭނަގެ ހިތުން ފިލައިގެނެއް ނުދެއެވެ. ބައްޕަ ނިޔާވިއިރު ވަސިއްޔަތް ކުރީ މަންމަގެ ގާތަށް ދިއުމަށާއި މަންމައަށް ހެޔޮކޮށް ހިތުމަށެވެ. އެހެންނޫންނަމަ މަންމަގެ ގާތަށް މިއަދު އޭނަ އައުމަކީ އެކަށީގެންވާކަމެއް ނޫނެވެ.
މާހުޖަބީން އަމީންއާއި ކައިވެނި ކުރުމަށްފަހު މުއްސަދިކަމުގެ ހުރިހާ ރަހަތައް ލިބި އުފާވެރިކަމާއިއެކު ދިރިއުޅުން ވޭތުކުރިއެވެ. އަމީން އޭނަގެ އެކުވެރިއެއްގެ އަތް މައްޗަށް ވިޔަފާރީގެ ހުރިހާ ކަމެއް ދޫކޮށްލާފައި އެމީހަކަށް ބަރޯސާވެ ކުރި އިތުބާރުގެ ސަބަބުން މަޑުމަޑުން ވިޔަފާރި ދަށަށްގޮސް ހުލިވީއިރުވެސް އަމީންއަކަށް ރޭކާނުލިއެވެ. އެކުވެރިޔާ އަންވަރުގެ ދިހަބުރިއަށް ނަގާ އޭނަގެ މިލްކިއްޔާތު އެތައް މިލިއަނަށް އެރިކަން އަމީންއަށް އެނގުމުން އަމީންއަށް ޝޮކެއްލިބުނެވެ. އޭނަ އެކުވެރިޔާއަށް ކުރި އިތުބާރު ގެ ސަބަބުން ލިބުނީ ބޮޑު ކެއްސެކެވެ. އެކަމުގެ ހިތާމަ ބޮޑުވެ ސިކުނޑިއަށް ނުކުޅަދަނާވެ އެންމެ ފަހުން އަމީންއަށް ސްޓްރޯކެއް ޖެހި ބަލިމީހަކަށް ވިއެވެ. ލިބެމުންދިޔަ ނާކާމިޔާބުގެ ހިތިރަހަ ކަރުތެރޭގައި ލާން ފެށިއިރު އަމީންވަނީ މަޖުބޫރީ މީހަކަށްވެފައެވެ.
ހެނދުނު ތެދުވެގެން އާވާ އުޅެގަތީ މެދު ގޯތީގައި އޮންނަ ތަނުގައި ކުނިކަހާފައި ސައި ތައްޔާރުކުރާށެވެ. އެވަރުން ސައި ތައްޔާރުކުރީމަ މަންމައަށް ކަމުދިޔަކަމަކަށް ނުވިއެވެ. ކުޅިމަހުގައި ލޮނުރަހަ މާ ބޮޑަށް ގަދަވިއެވެ. ސައިގެ ފޮނި މަޑުކަމުން ފާޑުކިއެވެ. ބިސްގަނޑު އަޅަން ފިޔާކޮށާފައި ހުރީ މާ ބޮޑުކޮށެވެ. މޭޒުމަތި ސާފުކުރިގޮތާއިމެދު ހިތްހަމަނުޖެހިގެން އެކަމާ ވާހަކަދެއްކިއެވެ. އެފަދަ ކޮންމެ ޖުމްލައަކުން ނޭގިވެސް އާވާގެ ހިތަށް އަނިޔާވިއެވެ. ދޮންމަންމަ ގާތުގައި އުޅުނުއިރު އެފަދަ ވިހަ ޖުމްލަތައް އިވުނެވެ. ނަމަވެސް މަންމަ ތަފާތުވާނެ ކަމަށް އާވާ ހީކުރިއެވެ. ވީ އެހެނެއް ނޫނެވެ. މަންމަވެސް ފާޑުފާޑުގެ ބަސްތަކުން އާވާގެ ހިތް ކަފާ ކުދިކުދިކުރިއެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔަގޮތުން އާވާއަށް ހީވީ ދުވަސް މާލަހުން ވޭތުވެގެންދާ ހެންނެވެ. ނާޔާ އެނބުރި އައުމުން މާހުޖަބީން އާވާ ތަޢާރަފުކޮށްދިނީ ބޮޑުދައިތައެއްގެ ދަރިއެއްގެ ގޮތުގައެވެ. އާވާ މިހާރު ބޭނުމީވެސް އެގޮތުގައި އެގުޅުން ބާއްވާށެވެ. އާވާ ފެންވަރާލައިގެން ނުކުތްއިރު އިރުއޮއްސި ކޮޓަރި ތެރެއަށް އަނދިރިކަން ވެރިވާންފަށައިފި އެވެ. އޭނަ ހުރީ މާހުޖަބީންދެކެ ގަންނާކުރައްވާ ބިރުން ފަންކާއާއި ބޮކި ބޭނުންކުރަން ނުކެރިފައެވެ. ކަރަންޓް ޚަރަދު ބޮޑުވެދާނެތީއެވެ. ދޮންމަންމަ ގާތުގައި ހުރިއިރު ފެނަށް ބަލާކަށް ނުޖެހެއެވެ. ވަޅު ހުންނާތީއެވެ. ބޭނުންވަރަކަށް ވާރޭފެންވެސް ލިބޭތީއެވެ. ގޭގެ ޚަރަދުބޮޑުވިޔަސް އެކަމާއި ކަންބޮޑުވާ ފަރާތަކަށް ހުރީ ބައްޕައެވެ. ކުއްލިއަކަށް ނާޔާ ދޮރުހުޅުވާލުމުން އާވާ ސިހޭގޮތްވެފައި ދެލޯ ބޮޑުކޮށްލިއެވެ.
"އަނދިރީގައި އުޅެނިކޮށް ގޯސްޓެއް ވަދެ ރޭޕްކޮށްލަފާނެ، މިއީ ވަރަށް ސްޕޫކީ ގެއެކޭ، ނުބުނާތި އަހަރެން ނުބުނެއޭ، އަވީ އަހަންނަށް އެއްޗެއް ދީފާނަންތަ؟" ނާޔާ ހިނިގަނޑެއް ޖަހާލައިފިއެވެ. އަނގަޔެއް އޮންނަ އަންހެންކުއްޖެކެވެ. އާވާއަށްވުރެ އުމުރުން އަހަރެއްހާ ދުވަސް ހަނގުވިޔަސް އެކުއްޖާ އިސްކޮޅުން ދިގުވެފައި ވަރުގަދަގޮތެއް ހުރެއެވެ. މަންމައާއި ދޮންބައްޕަގެ ސިފަތައް އެކުވެފައިވާކަން ޔަގީނެވެ.
"ކޯންޗެއްތަ؟ " އާވާގެ ހިތުގެ ތެޅުން އޭރުވެސް މަޑެއްނުވެއެވެ. ނާޔާ ހީގަނެފައި އާވާގެ ކަންފަތް ކާރީގައި ވައިއަޑަކުން އޭނަ ބޭނުންވާ އެއްޗެއްގެ ނަން ބުނެލިއެވެ. އާވާ ޕެކެޓެއް ދިނުމުން ނާޔާ ދަބަހަށް ލައިގެން ދާން ހިނގައިގެންފަ ޝުކުރު އަދާކުރިއެވެ.
"އަހަރެން މާގިނައިން މި ޔޫޒްކުރާތީ މަންމަ ވަރަށް ރުޅިގަދަވާނެ، މާގިނައިން ޚަރަދުކުރަން ޖެހެނީއޭ މަންމަ ކިޔާނީ، އެކަމަކު ޓޮއިލެޓަށް ވަންނަ ކޮންމެ ގަޑިއެއްގައި އަހަރެން ޗޭންޖްކުރަން، އެއީ ނު ސޭފް ގޮތަކީ...." ނާޔާ ހިނިތުންވެލިއެވެ.
ނާޔާ ދިއުމުން އާވާ އެނދުގައި ޖައްސާލި ގޮތަށް ނިޔަފަތި ހަފަންފެށިއެވެ. ނާޔާ އެކަން އާދައަކަށް ހަދައިފިއްޔާ އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިވަގުތުވެސް އޭނައަށް ފައިސާ ބޭނުމެވެ. އަމިއްލަ މަންމަ ގާތަށް އައުމުން މަންމަ އޭނަގެ ޚަރަދު ބަލަހައްޓާނެ ކަމަށް ހީކުރީ އޮޅުމެކެވެ. އެންމެ ކުޑަވެގެން ފެނާއި ކަރަންޓް ބޭނުންކުރާއިރު ފަރުވާތެރިވާން އަންގަންޏާ ޟަރޫރީ ބޭނުމަކަށް މަންމަގާތު ކިޔަން ކެރޭނީ ކޮން ދުލަކުން ހެއްޔެވެ؟ އާވާ ޕާރސް ހުޅުވާލައިގެން ބާކީ ހުރި ފައިސާކޮޅު ގުނާލައިފިއެވެ.
އާވާ ހެޑްސެޓް އަޅައިގެން ލަވައަޑުއަހަން އޮތަސް ދޭތެރެއަކުން އުނދަގޫ ދެނިވި ޚިޔާލުތަކެއް ސިކުނޑިތެރޭގައި ހައިޖާނެއް އުފައްދާލައެވެ. މަންމަ އޭނަ މީހަކާއި އިންނަން ބުނިއިރު އޭނަގެ އުމުރުގެ ހަގުކަމާއިމެދު މަންމަ ވިސްނާނުލީ ހެއްޔެވެ؟ އެހެންނޫނަސް އެއީ އޭނަ ދުވަހަކު ކުރަން ނިންމާފައިވާ ކަމެއް ނޫނެވެ. އޭނަ ފައިސާ ހޯދަން ވަޒީފާއަކަށް ގޮސްދާނެއެވެ. އެތައް އިރެއްވާންދެން ހަދާނެގޮތަކާއިމެދު ފިކުރުކުރަމުންގޮސް އެންމެފަހުން އާވާ އޭނަގެ އެކުވެރި ތާނިއާއަށް ގުޅައިގެން ވަޒީފާއެއް ހޯދުމާއި ބެހޭގޮތުން ވާހަކަދެއްކިއެވެ.
"އަވީ ތިހިރީ މާލޭގަތަ؟ މަވެސް ވަރަށް އަވަހަށް މާލެ އެބަދަން، އަހަރެން އޮތީ ހުޅުލޭ އެއަޕޯޓުން ވަޒީފާއެއް ހޯދަން ސިޓީ ލާފަ، ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު، އަވީ އަށް މަ ނަމްބަރެއް ދެންތަ؟ އެތަނުން އެބައުޅޭ ވާހަކަ ލިޔާކުދިންކޮޅެއް ހޯދަން، ފަހަރެއްގައި އަވީއަށް ޗާންސެއް ލިބިދާނެ، އަވީ ލިޔާ ވާހަކަތައް އެހާ ކްރިއޭޓިވް....." ތާނިޔާ އެއް ނޭވާއިން ހުރިހާ ވާހަކައެއް ދައްކާ ނިންމާލައިފިއެވެ.
"ރިއަލީ؟ އަވަހަށް ތި ނަމްބަރ ދީބަލަ، ވާހަކަ ލިޔެގެން ފައިސާ ލިބޭނެތަ؟ " އާވާ އަހާލައިފިއެވެ.
"ޑެފިނިޓްލީ، އެހެންވީމައެއްނު ނަމްބަރު މިދިނީ، އެންމެ ރަގަޅު ފެންވަރުގެ ވާހަކަތައް ޕަބްލިޝްކުރަން އެމީހުން ބޭނުމޭ، ހާސްނުވެބަލަ ލަވް، އަވީ ރާއްޖޭގެ އެއްވަނަ ލިޔުންތެރިއާއަށް ވާނެ ގޯޑް ވިލިން...." ތާނިޔާ ތައުރީފުކޮށްލިއެވެ. އާވާ ލިޔާހާ ވާހަކަތައް ކިޔާ އެކަނި ކުއްޖަކީ ތާނިޔާއެވެ. ތާނިޔާ ހުންނަނީ އާވާގެ ވާހަކަތަކަށް މޮޔަވެފައެވެ.
"ދެން ތާނި އަހަރެން ގޯނި ފުލަށް ލާނެ..." އާވާ ހީގަތެވެ.
އާވާ ރަތްކުލައިގެ އަތްދިގު އޯވަރ ސައިޒް ޓީޝާޓަކާއި ނޫޖިންސެއް ލައިގެން އަތުން އިސްތަށިގަނޑު އޮމާންކޮށްލިއެވެ. އޭނަގެ ކަނދުރާއަށް ވުރެވެސް ކުރުކޮށް ކޮށާލާފައިވާ ފަންއިސްތަށިގަނޑު ބޭންޑަކުން ހައްޔަރުކޮށް ނުލަންޏާ މޫނަށް ފައިބާފަ އުދަގޫކުރެއެވެ. ނަމަވެސް ބައެއްފަހަރު އޭނަ އޮންނަނީ ބޭންޑެއް ނާޅާ އިސްތަށިގަނޑު މިނިވަންކޮށް ދޫކޮށްލާފައެވެ. އާވާ ސިޑިން ވަކި ހިސާބަކަށް އައިއިރު މަންމަ މާ މަޑުމަޑުން ހީފައި ކޮންމެވެސް މީހަކާއި ފޯނުން ވާހަކަދައްކަން ހުރިތަން ފެނުނެވެ. މާހުޖަބީންއަށް އޭނަގެ ދަރިފުޅު ތާޒާވެލައިގެން އައިތަން ފެނުމުން ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. އެއަށްފަހު ފޯނު ޖީބަށް ލަމުން ކައިރިއަށް އައެވެ. އަނދިރިކޮށްފައިވާ ސިޓިން ރޫމް ހުރަސްކޮށް އާވާއާއި ގާތަށް އައުމުން މަންމަ ރީތިވެލާ މޭކަޕްކޮށްފައި ހުރިވަރު އާވާއަށް ފެނުނެވެ.
"އަހަރެން މިދަނީ ޕާޓީއަކަށް، ތަންޑުއަޅައިގެން އިންނާތި، އަހަރެން އައިސް ގުޅާލީމަ ދޮރު ހުޅުވަންވާނެ، އެތެރެއިން ތަޅުލައިގެން އިންނަންވާނީ، ނަންނި ބުންޏަސް ދޮރު ހުޅުވާލަދީގެން ނުވާނެ، ނަންނިގެ ރައްކާތެރިކަންވެސް އާވާއާއި ހަވާލުކޮށްފައި މިދަނީ........" މާހުޖަބީން އިތުރު ވާހަކައެއް ދެއްކުމެއްނެތި އާވާގެ އަތަށް ތަޅުދަނޑި ދިނެވެ. އެ ތަޅުދަނޑި ފަތިވެސް ހީވަނީ ގަރުނެއްވެފައި ވާ ހެންނެވެ. ދޮރުގެ ތަޅު ހީވަނީ ދަބަރު ޖަހާފައިވާ ހެންނެވެ. މާހުޖަބީން ނުކުމެގެން ދިޔައިރު ތަނުގައި ހިފާލާފައި އޮތީ ވަރަށް ގަދަ ސެންޓެއްގެ ވަހެވެ. އެވަހަކުން އާވާ އަނބުރައިގަންނަ ގޮތްވިއެވެ. އާވާ ލޯބި ކުރަނީ މަޑު ވަސް އެކުލެވޭ އެއްޗިއްސަށެވެ.
އާވާ ގޭތެރޭގައި ބުރެއް ޖަހާލިއިރު ގޭގެ އެންމެ ފަހަތުގައިވާ ކޮޓަރި ތަޅުލާފައި ހުރިކަން ފާހަގަ ކުރެވުނެވެ. މަންމަގެ ފިރިމީހާ އުޅެނީ އެކޮޓަރީގައިކަން ނޭގެއެވެ. އަމީން ބޭރަށް ނުނިކުންނާތީ ސުވާލުކުރަން ކިތަންމެ ފަހަރަކު ހިތަށް އަރާފައިވެސް އެފަދަ ހިތްވަރެއް ކޮށެއްނުލެވުނެވެ. ގޭތެރޭގެ ހުރިހާތަނެއްގެ ބޮކިތައް ނިވާލާފައި ދެ ތަނުގައި ނިދާބޮކީގެ އަލިކަން އޮތުމުން މަންމަ ޚަރަދުކުޑަކުރަން ވާވަރު އެނގިފައި އާވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ނާޔާގެ ދޮރުގައި ޓަކިދިނުމުން ޚަބަރެއްނުވިއެވެ. ނަމަވެސް ނާޔާ ފިލްމެއް ބަލާލާކަން އެނގުނީ އެކޮޓަރިން އިވެމުންދާ އަޑު ތަކުންނާއި ދޭތެރެއަކުން ނާޔާ ހީގަންނައަޑު އިވޭތީއެވެ. އާވާ ހުރިހާ ދިމާލަކަށްގޮސް ދޮރުތަކުގައި ތަންޑު އަޅުވާފައި ހުރިތޯ ކިތަންމެ ފަހަރަކު ޗެކްކޮށްލައިފިއެވެ. ވަގަކު ވަދެފާނެތީ އޭނަ ހުރީ ބިރުގަނެ ހާސްވާގޮތްވެފައެވެ. އެންމެ ނުބައި ޚިޔާލުތައް ކުރެވެނީ އެފަދަ ފިލްމުތައް ބަލާލެވުނުވަރުން ކަން ނޭގެއެވެ.
ޚަރަދުބޮޑުވެދާނެތީ ޓީވީ ޖައްސާލާކަށް ނުކެރުނެވެ. ދެރައީ ވާހަކަ ފޮތެއްވެސް ނުގެނެވުނުކަމެވެ. އެންމެފަހުން ކުރަން ރަގަޅުކަމެއް ފެނި އޭނަ ފޮތެއް ހިފައިގެން އައިސް ލިޔަންފެށިތަނާ ނާޔާ އެތަނަށް ނުކުތެވެ. ކުޑަ ސޯޓަކާއި ޕެޓީއެއް ލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ހާވާލާފައެވެ.
"އަވީ، އަހަންނަށް ނޫޑުލްސް ސޫޕް ހަދާދީފާނަންތަ؟ މިރޭ އަދި ނުކައޭ މިއޮތީ...." ނާޔާ ކަންނެތްގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ. އާވާ ކަމަކު ފަށާއިރަށް ނާޔާ އުދަގޫކުރަނީ ގަސްތުގައިހެން ހީވާފަހަރުވެސް އާދެއެވެ. އެހެންނޫނަސް ނާޔާގެ އުމުރު އޭނައާއި މާ ބޮޑު ތަފާތެއް ނެތެވެ. ވީއިރު އޭނަ ނާޔާ ކިޔާ ކުދިކުދި ކަންތައް ކޮށްދޭން ޖެހޭނެ ހެއްޔެވެ؟ ނަމަވެސް ކުރާނީ ކީތްހެއްޔެވެ؟ އޭނައަށް މިގޭގައި ހުރެވޭނީ މިމީހުން ބުނާކަންތައް ކޮށްދީގެންނެވެ.
ނާޔާ ހުރީ އާވާ ކުރާކަމެއް ބަލާހިތުން ކެތްނުލަވާފައެވެ. ނަމަވެސް އޭނަ އާވާ ލިޔާ އެއްޗަކަށް ޝައުގުވެރިކަމަކަށް ނަހަދާ އަނދިރިކޮށްލާފައިވާ ސިޓިންރޫމްގެ ފަނޑުއަލީގައި ސޯފާއަކަށް ވެއްޓިގެން އޮށޯތެވެ. ކޮންމެވެސް ވަގުތަކުން އާވާ ލިޔާއެއްޗެއް އޭނަ އޮޅުން ފިލުވާނެއެވެ. އާވާ ތެދުވެގެން ދިޔައީ އޭނަ ގެންގުޅުނުހާ ސާމާނުތަކެއް ހިފައިގެންނެވެ. ނާޔާ ތުން އަނބުރާލިއެވެ. ހާދަ ސިއްރުވެރިކުއްޖެކޭ ހިތަށް އަރާފައި ނާޔާ ވިސްނަމުންދިޔައީ އެފޮތްތައް ނަގާނެގޮތަކާއި މެދުގައެވެ.
މާހުޖަބީން ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ އެއްފަރާތަކަށް ޖެހިލިއެވެ. ކެއުމަށްވުރެ އޭނައަށް މިވަގުތު މުހިންމުވެފައިވަނީ އެހެން ކަމެކެވެ. ބޮލުގައި އިތުރު ޒިންމާއެއް އަޅަންޖެހުނު ވަގުތުން ފެށިގެން އޭނަގެ ޚިޔާލުގައި އެނޫން ކަމެއް ނެތެވެ. އާވާއަށްޓަކާ މީހަކު ހޯދުމަށްވުރެ އޭނަ އިސްކަންދޭ އެހެން ކަމެއް ނެތެވެ. އެކުވެރިންގެ ތެރޭގައި އެކި ފެންވަރުގެ މީހުންތިބޭއިރު މާހުޖަބީން އަބަދުވެސް ބަލަނީ ފައިސާއަށެވެ.
"އާން، އެއީ ދައްތައެއްގެ ދަރިއެއް، ބަސްއަހާ ގެވެހިކުއްޖެއް، ހަމަ ވައިފް މެޓީރިއަލް، އަވަހަށް މިކަމާއި އުޅެންވީނު، އެހާ ރަގަޅު ޅީދަރިއެއް މާލެއަކުން ނުލިބޭނެ....." މާހްޖަބީން ހުރިހާ ދަތްތައް ދައްކާލައިގެން ހުރެ އެކުވެރިޔާގެ ސިކުނޑިއަށް ސަވާރުވާން މަސައްކަތްކުރިއެވެ. މިކައިވެނި ކުރެވިއްޖެއްޔާ އޭނައަށް ލިބޭނެ ފައިދާތައް މަދެއް ނުވާނެއެވެ.
"ޒިލާ ނިކަން ހިތް ބޮޑުވާނެ، އަންހެންކުއްޖާ ދޮންވެފައި އިސްކޮޅުން ދިގުވާން ޖެހޭނެއޭ، އަދި ފަން ދިގު އިސްތަށިކޮޅެއްވެސް އޮންނަންވާނެއޭ މަގޭގާތުގައި ބުނެފައި އިނީ........" އެފަރާތުން ލިބުނު ޖަވާބަކުން މާހުޖަބީންގެ މޫނުމަތީގައި ވި ހިނިތުންވުން ފަނޑުވިއެވެ.