"ޝިޓް ޝިޓް ޝިޓް..." ފައިދަށުގައި އޮތް ދަޅު ފައިން ޖަހައި ހޫރައިލަމުން ޝުވޭބު ބުންޏެވެ.

********

"ލައްކައެއްހާ ރުފިޔާއޭ އަތުން ބީވެގެން އެދިޔައީ... އެ ހުރިހާއިރު އެއާޕޯޓުގަ އިންތިޒާރު ކުރީމަ ލިބުނު ލަނޑު މީ... މަށަށް ނިދުނު ދަނޑިވަޅު ބަލާފަ، އެ އަންހެން އެތި އެ ރައްކާވީ... ނުލާހިކު ފަސޭހައިން ނިންމާލެވެން އޮތް ކަމެކޭ މީ... މިހާރު މިވީ ބޮޑު މުސީބާތަކަށްނު... ހުވާ މިބުނީ އަތުޖެހޭ އިރަކުން އެ އަންހެން އެއްޗަށް ހޭ އަރުވާލާނަން..." ޝުވޭބު ރުޅި އައިސް ހަޅޭއްލަވަން ފެށި އެވެ.

ޝުވޭބުގެ ކައިރީގައި ހުރި އޭނަގެ އަންހެނުން އިފާޝާ ވީ ކީއްތޯ ސުވާލު ކުރީ ލޮލުގެ އިޝާރާތުންނެވެ.

"ކީއްތަ ނުވަނީ؟... ނުލާހިކު ރަނގަޅަށް ހުރިހާ ކަމެއް ޕްލޭން ވެފަ އޮއްވައޭ އެ ފިލީ..."

ޝުވޭބު ދެއްކީ އަނަމްގެ ވާހަކަ ކަން އިފާޝާއަށް އެނގުނެވެ. އޭނަގެ މޫނުމަތިވެސް ވަގުތުން މިލައިގެން ދިޔަ އެވެ. ހިތާއި ހިތުން އަނަމް އާއި ދިމާއަށް އެތައް އެއްޗެއް އޭނަ ކިޔެވެ.

"ދެން ކިހިނެއް ހެދޭނީ؟... ރާވީ ގެންގުޅޭ ގްރޫޕަށް ފޮޓޯ ހަވާލު ކުރަމާ... މި އިންޑިޔާގަ އުޅެންޏާ ދެ ދުވަހެއް ތެރޭ ހޯދާލަފާނެ..." އިފާޝާ ޚިޔާލު ދިނެވެ. އެ ޚިޔާލަށް އެއްބަސްވުމުގެގޮތުން ޝުވޭބު ބޯ ޖަހާލި އެވެ.

********

"ނަސްމާ!..." ޝާކިރަށް ހިންދިރުވައިލެވުނެވެ.

"ޝާކިރު!... ބުނޭ... އަހަރެންގެ އަނަމްއަށް ކިހިނެއްވީ؟..." ނަސްމާގެ ދެލޯ ފެންކަޅިވާން ހިނދުކޮޅެއްވެސް ނުނެގި އެވެ. "އަހަންނަށް އެބަ އެނގެއޭ އެމަންޖެގެ ކަމެއް ސިއްރު ކުރާކަން... ބުނޭ... އެހެންނޫނީ އަހަރެން މިތަނުން ގުޑިވެސް ނުލާނަން...." ނަސްމާގެ އަޑު ކުރެހުނެވެ. އޭނަ ޝާކިރުގެ ގައިގައި ހިފަހައްޓައިލީ ދެފައިގެ ވަރު ދޫވާހެން ހީވާން ފެށުމުންނެވެ.

ބުނާނެ އެއްޗެއް ނޭނގި، އިރުކޮޅަކު ވިސްނަން ހުރެފައި ޝާކިރަށް އަނެއްކާވެސް ނަސްމާގެ ނަމުން ގޮވައިލެވުނީ އެވެ. އެ ގޮވާލުމުން އެކަނިވެސް ނަސްމާގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލެއް ޖަހާލައިފި އެވެ.

"ކީއްވެތަ ކުޑަ ކުއްޖަކު އުޅޭހެން ތިއުޅެނީ؟..." ޝާކިރަށް ބުނެވުނެވެ. ނަސްމާގެ މޫނުމަތި ކުރިއަށްވުރެ ބޮޑަށް ނުތަނަވަސްވީ ތަން ފެނި، އިތުރަށް އެއްވެސް ކަމެއް ސިއްރު ނުކުރެވޭނޭ ކަން ޝާކިރަށް އެނގުނެވެ.

"އަނަމް ނުފެނިގެން އެގުޅީ..." ޖެހިލުންވެފައި ހުރެ، ޝާކިރު ބުންޏެވެ.

"އޭނ؟..." ނަސްމާގެ ހިތް ރޮއެގަތެވެ.

"ގަޑިއަށް އެއާޕޯޓަށް ބަލާ ދިޔައީމޭ ބުނީ... ނަސްމާ ހާސްނުވޭ... އެހެން ހުރިހާ ކަމަކަށްވުރެ އަނަމް ހޯދުން އަހަންނަށް މުހިއްމު..." ޝާކިރު އުޅުނީ ނަސްމާގެ ކޮނޑުމަތީގައި އަތް ބާއްވައިލާށެވެ.

ނަސްމާ ފަސްފަހަތަށް ދަމުން ގޮސް ފާރުގައި ޖެހިފައި މަތަވެއްޖެ އެވެ. އޭރު ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔަ އެވެ. ލޯބިވާ ދަރިފުޅު އެކަނި އެހާ ދުރަށް ފޮނުވައިލަން އޭނަގެ ހިތް ނުރުހުނަސް، ފިރިމީހާގެ އެދުމަށް ދެކޮޅު ނުހަދަން ވެގެން އޭނަ އެކަން ކުރީ، ހިތް ނުތަނަވަސް ނުވާތީކީ ނޫނެވެ. ދަރިފުޅުގެ މުސްތަޤުބަލާއި ދޭތެރޭގައިވެސް ވިސްނާފަ އެވެ.

********

ފަތިސް ނަމާދުކޮށްލައިގެން ނުހާ ނުކުތް އިރު، އައިވަން އާއި ނޫމާން ތިބީ މާ އޮލަ ވާހަކައެއްގަ އެވެ. އޭނަ ނުކުތުމުން ވެސް އެއިން މީހަކަށް ރޭކާ ނުލި އެވެ. އޭނަ މަޑުމަޑުން ސޯފާގެ ކައިރިއަށް ޖެހިލައި، އެވާހަކައެއް އަޑު އަހަން މަޑުކޮށްލި އެވެ.

"ކަލޭ ދޯ އޭނަ ގޮވައިގެން އައީ... އޭނަ ކައިރީ ބުނަންވެސް ޖެހޭނީ ކަލޭ... ރޫމް ކަންތައް ދެން އަހަރެން ހަމަޖައްސައިދީފާނަން..." އައިވަން ބުންޏެވެ.

ނުހާއަށް ކެތް ކުރެވުނީ އައިވަން އޭނާގެ ޖުމްލަތައް ނިންމައިލަން ދެނެވެ.

"ކިހިނެއްވީ ރޫމް ހިފަން ތިއުޅެނީ؟... މިގޭގަ ވީމަ ރޭގަ ނުނިދުނީތަ؟... އަހަރެމެން އުޅޭތީ، ބޭނުން ގޮތަކަށް ނޫޅެވެނީ އޭ ދޯ؟..." ނުހާ ހުރީ މޫނަށް ވައްތަރެއް ޖައްސާލައިގެންނެވެ.

އައިވަން ސިހިފައި ތެދުވިއިރު، ނޫމާން އިނީ ދެލޯ ބޮޑުކޮށްގެން، ނުހާއަށް ބަލާށެވެ.

"ދެލޯ ބޮޑުކޮށްގެން ބަލާނެ ކަމެއްނެތޭ..." ނޫމާން އާއި ދިމާއަށް ދެލޯ އަޅައިލަމުން ނުހާ ބުންޏެވެ. "ރީއްޗަށް ބުނި ނަމައެއްނު، ހަނީމޫން ޕެލެސް އެއް ހޯދަދޭށޭ..." އައިވަންއަށް ނަޒަރު ހުއްޓައިލަމުން ނުހާ ދިމާކޮށްލި އެވެ.

"ނުހާ!..." ނޫމާން ގޮވައިލީ ކަންބޮޑުވެފައިވާ ރާގަކަށެވެ.

"ހޫމް ހޫމް... އަަހަރެން ހިނގައިދާނަމޭ މިތަނުން..." ނުހާ ހީކުރީ އޭނަގެ ސަބަބުން އެމީހުން ދައްކަމުންދިޔަ ވާހަކައަށް ހުރަސް އެޅުނީ ކަމަށެވެ. އޭނަ ހެމުން ގޮސް ބަދިގެއަށް ވަނެވެ.

ހެނދުނު ހޭލައިގެން އަނަމް ނުކުތީ، އޭނަ ނިދަންލާ، އަތްކުރު ޓީޝާޓުކޮޅާއި، ކުރު ހަރުވާޅުކޮޅެއް ލައިގެންނެވެ. އާފުރެމުން، ބޭރަށް ނުކުތްއިރުވެސް ހުރީ ދެލޯ މަރާލައިގެންނެވެ. އުޅެވެނީ ކޮންތަނެއްގައި ކަންވެސް އޭނައަށް ނޭނގޭ ކަހަލަ އެވެ. ސޯފާގައި ތިބި އައިވަން އާއި ނޫމާން ތެދުވީ ފުންމައިގެންނެވެ. ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލާފައި އަނަމްއަށް ބަލައިލީ ހަދަންވީ ގޮތެއް ނޭނގުމުންނެވެ.

އައިވަންއަށް އަނަމް އާއި ދިމާއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އެ އަންހެން ކުއްޖާ ފެނުނަސް، އޭނަގެ ހިތަށް އެކުއްޖާ ފާޚާނާއިން ނުކުތްއިރު ހުރިގޮތް ސިފަ ވަނީ އެވެ. އަމިއްލަ ހިތަށް ވިސްނައިދޭން އުޅުނަސް، އޭނައަކަށް އެކަމެއް ނުކުރެވެ އެވެ.

"ކޮން ކަމެއް؟... ކޮން ކަމެއް؟..." ނޫމާން ވަރަށް ބާރަށް އައިވަންގެ ކޮނޑުގައި ޖެހިގަތެވެ.

އައިވަން ސިހިފައި އޭނަގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓައިލި އެވެ. އަމިއްލަ ހިތުގެ ލަޤަން ދޫވެގެން ހިނގައިދާނެ ކަމުގެ ބިރު އުފެދުމުން، ހާސްވެގެން އޭނަގެ ނިތްކުރިމަތީން ދާ ހިއްލާލައިފި އެވެ.

"މޯމް! ކޮފީ..." އަނަމް ގޮވައިލި އެވެ.

"ވަޓް؟..." އައިވަންގެ މޫނަށް ބަލައިލި ނޫމާން އިނީ ހައިރާން ވެފަ އެވެ. "އަދިވެސް ނިދާފަތަ އެހުރީ؟..." ނޫމާން އޭނަގެ މޫނަށް ޖައްސައިލި ވައްތަރުން އައިވަންއަށް ހެވިއްޖެ އެވެ.

އަނަމް ލޯ ހުޅުވައިލީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހައިރާންވެފައި ގޭތެރެއަށް ނަޒަރު ހިންގައިލި ގޮތުން، އޭނައަށް އަދިވެސް ވާނުވާ ނޭނގެނީ ކަން އައިވަން އަށް އެނގުނެވެ. ހަމަހޭވެރިކަންވުމުން، ދެލޯ އަޅައިލަމުން އައިވަން އާއި ދިމާއަށް އޭނަ ބަލައިލި އެވެ. އެއަށްފަހު އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ.

އަނަމް ތައްޔާރުވެލައިގެން ނުކުތްއިރު، އައިވަން ހުރީ، ހުރިހާ ވާހަކައެއް ކިޔައިދޭން ތައްޔާރު ވެގެންނެވެ. އަނަމް ބަލައިލުމުން އޭނަ ހިނިތުންވެލި ނަމަވެސް، ތުން އަނބުރާލާފައި ގޮސް ކާގެއަށް ވަދެއްޖެ އެވެ. އަނަމްގެ ފަހަތުން އޭނަ ގޮސް ކާގެއަށް ވަންއިރު ނުހާ ހުރީ މޭޒުމައްޗަށް ސައި ތައްޔާރުކޮށްފަ އެވެ. ދެމީހުން އެތެރެއަށް ވަންތަން ފެނުމުން ބަދިގޭގައި ހުރެފައި، ނުހާ ނުކުމެގެން ދިޔައީ އަނަމްއަށް ސިއްރުން އައިވަންއަށް ދިމާކޮށްލާފަ އެވެ.

"ކީއްކުރަން މިގަޑީގަ ކާން ތިއައީ؟..." އަނަމް ސުވާލުކުރީ ދިވެހި ބަހުންނެވެ. އެއަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ.

ސައިތަށިން އެތިފޮދެއް ބޯލި އައިވަން ކޮށިއަރާގޮތް ވިއެވެ. އަނަމްއަކީ ދިވެއްސެއް ކަން އެނގުމުން އޭނަ ކުރިއަށްވުރެ ބޮޑަށް ހައިރާން ވިއެވެ. އެއާއި އެއްވަރަށް އެހިތުގައި އުފެދުނު ޝައުޤުވެރިކަން ވެސް އިތުރުވެއްޖެ އެވެ.

"އަހަރެން މިއައީ ވާހަކައެއް ބުނަން ވެގެން..." ވަރަށް ނުކެރި އިނދެފައި އައިވަން ބުންޏެވެ.

ކާގެ ދޮރުމަތީގައި ހުރި ނޫމާން އޭނާގެ އަތުގެ އިޝާރާތުން އައިވަންއަށް އެކި ވާހަކަތައް ބުނެދެމުން ދިޔަ އެވެ. އެންމެފަހުން ބޮލަށް އުނދަގޫވެގެން އޭނަ އަތުގެ އިޝާރާތުން އެތަނުން ދިޔުމަށް އެދުނެވެ. އެއީ އަނަމް އޭނައަށް ބަލައިލި ވަގުތެވެ. އަނަމް ދެލޯ ހަނިކޮށްލި ތަން ފެނުމުން، އައިވަން އަވަސްއަވަހަށް މަދިރިއެއް މަރާލާ ކަމަށް ހެދުނެވެ. އަނަމް ހީކުރީ އައިވަން އޭނަ އާއި ޖެއްސުމެއް ކުރަނީ ކަމަށެވެ.

"ތި ބުނަން އުޅެނީ، އަހަރެން ފެންނުވަރާ ހުރި ވާހަކަތަ؟..." އައިވަންގެ ޖުމްލަ ނުނިމެނީސް، އަނަމް ބުނެލައިފި އެވެ.

ވީގޮތް އައިވަންއަށް ރޭކައިލީ ދެނެވެ. އަނަމް އޭނަދެކެ އެހާ ވަރަށް ރުޅި އައީ ކީއްވެކަމާއި އޭނަ އާއި އެ މޭރުމުން ވާހަކަ ދައްކަނީ ކީއްވެ ކަމެވެ. އެއާޕޯޓުގެ ތެރޭގައި ހުރެ، އޭނަ ފޯނުން ދެއްކި ހުރިހާ ވާހަކަތަކަކީ، އަނަމްއަށް ނިސްބަތްކޮށް ކީ އެއްޗެހި ކަމަށް އަނަމް ހީކުރީ އެވެ. އެ ހުރިހާ ކަމަކާއި ވިސްނުމުން، އައިވަންއަށް ހެވެން އުޅުނެވެ. ހިނިގަނޑު ހިންދައިލަން އުޅުނަސް އޭނައަކަށް އެކަމެއް ނުވި އެވެ. އެކަންވީ، ރޯވެފައި ހުރި އަލިފާން ގަނޑަކަށް ދަރު އަޅައިލުން ކަހަލަ ކަމަކަށެވެ. އަނަމްގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

"ތީ ފިރެހެނުންގެ ގޮތެކޭ... އަހަރެން ފަހަތުން މިގެއަށް އައީމަވެސް އަހަންނަށް އެނގިއްޖެ ނުބައެއް އުޅޭކަން... ބުނަންތަ ވާހަކައެއް، ތިގޮތަށް އަންހެނުންގެ ފަހަތު އަޅުވާލައިގެން އުޅޭނީ ކަޓު ފިރެހެނުން..." އަނަމް އިނީ ދެލޯ އަޅާލައިގެންނެވެ.

އައިވަންއަށް ސަމުސާގައި ހިފައި ބާރުކޮށްލެވުނެވެ. ރުޅިގަނޑު ހިންދައިލަން އުޅުނަސް، އޭނައަށްވެސް އެކަމެއް ނުކުރެވުނެވެ. އޭނަގެ ކުށެއްނެތި އެފަދަ ގޮތަކަށް ކުށްވެރި ކުރުމަކީ އޭނަ އެއްވެސް ވަރަކަށް ހިތްހަމަޖެހޭ ކަމެއް ނޫނެވެ.

"އެއާޕޯޓު ތެރޭ އަހަރެން އޭރު ވާހަކަ ދެއްކީ ފޯނުން ވީޑިއޯ ކޯލެއް ކޮށްގެން ހުރެ... ތި އަންހެން ކުއްޖާ އަކަށް ނޫން..." ރުޅި އައި ނަމަވެސް އައިވަން ވާހަކަ ދެއްކީ މަޑުމައިތިރި ރާގަކަށެވެ.

އަނަމްގެ ހަރަކާތް ހުއްޓުނެވެ. އުލާއި ސަމުސާ ތަށި ތެރެއަށް ދޫކޮށްލާފައި އޭނަ އައިވަންގެ މޫނަށް ބަލައިލީ އެއްޗެއް ޔަޤީންކޮށްލާ ފަދައިންނެވެ. އައިވަންގެ ފިރެހެންވަންތަ މޫނުމަތިން ކެހިވެރިކަމުގެ އެއްވެސް އަސަރެއް އޭނައަކަށް ނުފެނުނެވެ. ފުރަތަމަ ފަހަރަށް ޝައުޤުވެރިކަމާއިއެކު އެމޫނަށް ބަލަން އޭނައަށް އިނދެވުނެވެ.

"އެއީ އަހަރެންގެ އެކުވެރިޔާގެ ކާރު... ޑްރައިވަރަކަށް ހެދީ އަަހަރެންގެ އެކުވެރިޔާ... ނޯކަރަކަށް ހެދީ އެކުވެރިޔާގެ އަންހެނުން... މީ އަހަރެންގެ ގެ... އަަހަރެންގެ ގެއަށް، އަހަރެންގެ އެކުވެރިޔާގެ ކާރަށް އަރައިގެން އައީ އަހަރެންގެ ހުއްދައެއް ނެތި... ދެން ހުރީ އަހަރެންގެ ކޮޓަރި، އެތަންވެސް އަހަންނަކަށް ނުލިބުނު... ނުދަންނަ މީހުންގެ ކާރަށް އަރައިގެން ތިގޮތަށް ތަންތަނަށް ދިޔުމަކީ ވަރަށް ނުރައްކާތެރި ކަމެއް އިނގޭ... ކޮންމެ ބަޔަކު އަހަރެމެންހާ ރަނގަޅެއް ނުވާނެ..." އައިވަން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލި އެވެ.

އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައި އަނަމް އިންއިރު، އައިވަން ވާހަކަ ދެއްކި ގޮތުން އޭނަގެ ބަސް ހުއްޓިއްޖެ އެވެ. ފިލްމެއްގެ މަންޒަރުތަކެއްހެން، އޭނަގެ ކުރިމަތީގައި ހުރިހާ ކަމެއް ސިފަވަމުން ދިޔަ ކަަހަލަ އެވެ. އެންމެ ފުރަތަމަ އައިވަން އާއި ބައްދަލުވީ ވަގުތު ކަންތައް ހިނގި ގޮތާއި، ކާރު ތެރޭގައި ކަންތައް ހިނގި ގޮތެވެ. ލަދުން ގޮސް އޭނަގެ މުޅި މޫނު ރަތްވީ ދާދި އަވަހަށެވެ.

"އަހަންނަށް ވެސް ނަމެއް ކިޔާ... އަނަމް..." ގޮނޑި ދުރުކޮށްލާފައި ތެދުވަމުން އަނަމް ބުނީ މައުސޫމް ގޮތަކަށެވެ. އޭރު އޭނަ ހުރީ ކުށްވެރިއެއްހެން އިސްޖަހާލައިގެންނެވެ.

ބަނޑު ނުފުރުނު ނަމަވެސް، ތަށީގެ ދެބައިކުޅަ އެއްބައި ކައިގެން އޭނަ ގޮސް ކޮޓަރިއަށް ވަނީ އައިވަންގެ ނަޒަރުން ސަލާމަތް ވުމަށެވެ. އެއްވެސް ޚައްޤަކާއި ނުލައި، އޭނައަށް އައިވަން އާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތް އެނގުމުން، އޭނަ ހުރީ ލަދުން މަރުވާވަރު ވެފަ އެވެ. އަމިއްލަ ނަފުސާއި ދިމާއަށް އަޑުލަމުން އޭނަ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

އަނަމް ދިޔަ ދިމާއަށް ބަލަން އިން އައިވަންގެ ތުންފަތް މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. އަނަމް ހުރިލެއް މައުސޫމްކަމުން އެސޫރަ އޭނަގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ އެވެ.

********

މެންދުރަށް ކައްކަން ބޭނުންވާ ބައެއް ސާމާނު ގަނެގެން ނުހާ އައިއިރު، އަނަމް ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. އޭނަ ހީވީ ނުހާގެ އިންތިޒާރުގައި ހުރި ހެންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ނުހާގެ އަތުގައި އޮތް ފޯނު ދިނުމަށް އެދުނެވެ.

"މަންމަ އާ ގުޅާލަން ވެގެން... ޕްލީޒް..." އަނަމް ވާހަކަ ދެއްކީ ވަރަށް ރީތިކޮށް މަޑުމައިތިރި ކޮށެވެ.

ނުހާ އޭނަގެ ފޯނު ހުޅުވާފައި އަނަމްގެ އަތަށް ދިނެވެ. ނަންބަރުތަކަށް ފިތަމުން އަނަމް ގޮސް އޭނަ ވަނީ ކޮޓަރި އަށެވެ. އިރުކޮޅެއް ފަހުން ނުކުތްއިރު ހުރީ ތައްޔާރުވެލައިގެންނެވެ. ދެއަތުން ދެ ފޮށި ހިފައިގެން ހުރިއިރު، މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެންނަން ހުއްޓެވެ.

ނުހާ ބަދިގޭގައި އުޅެފައި ނުކުތްއިރު، އަނަމް އޭނާގެ ފޮށިތައް ބޭރަށް ނެރެފައި ގޭތެރެއަށް ވަންނަނީ އެވެ. ނުހާ ފެނުމާއިއެކު މަޑުމަޑުން ހިނގާލާފައި އައިސް ފޯނު ދިއްކޮށްލައިފި އެވެ.

"ވަރަށް ބޮޑަށް ސޮރީ... އެންޑް ތޭންސް..." އަނަމް އިސްޖަހައިލި އެވެ.

"ކޮން ކަމަކާ؟.. ކޮބާ އައިވަން؟..." އެކި ދިމަދިމާއަށް ނަޒަރު ހިންގައިލަމުން ނުހާ އަހައިލި އެވެ.

"އައިވަން..." ހިތާއި ހިތުން އެ ނަން ކިޔައިލެވުމާއިއެކު އަނަމްއަށް ތަފާތު އިހުސާސެއް ކުރެވިގެން ދިޔަ އެވެ. އެ ނުދަންނަ ޒުވާނާގެ ނަމަކީ އައިވަން ހެއްޔެވެ؟

"އަހަންނަށް އެނގޭ ތި ދެ މީހުންނަށް ޕްރައިވެސީ ބޭނުންވާނެ ކަން... އަލަށް މެރީކޮށްގެން އުޅޭއިރު، ވާނެ ތިކަހަލަ ކަންކަން... އެހެންވެ، ހިތުގަ ހަމަ އެއްވެސް ބުރަކަމެއް ނެތް..." ނުހާ ހީކުރީ އަނަމް އާއި އައިވަން އެހެން ތަނަކަށް ބަދަލުވާން އުޅެނީ ކަމަށެވެ.

"މެރީ ކޮށްގެންނޭ؟...." އަނަމްގެ ދެލޯ ބޮޑުވިއެވެ.

*********

ނޫމާން ގުޅާފައި އަނަމް އެކަނި ދާން އުޅޭ ވާހަކަ ބުނުމުން އައިވަން އައީ ދުވެފަ އެވެ. ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުރި ބޭސް ފިހާރައެއްގައި އޭނަ ހުރީ، ބޮލުގައި ރިއްސާ ވަރުން ބޭސް ގުޅައެއް ގަންނަން ގޮހެވެ. ފައިސާ ކަނޑަން ހުރެފައި އޭނަ އައީ ފައިސާގެ ބާކީވެސް ކައުންޓަރުގައި އިން ކުއްޖާ ނެގުމަށް ބުނެފަ އެވެ.

އައިވަން އައިއިރު، އަނަމްގެ ފޮށިތައް ކާރަށް އަރުވައިފި އެވެ. އޭނައަށް އަނަމް އާއި ހަމައަށް ދެވުނީ ކިރިޔާ އެވެ. ކާރަށް އަރަން ތައްޔާރުވެލި އަނަމްގެ އަތުގައި ހިފައި ދަމާލައިފި އެވެ.

(ނުނިމޭ)

ކޮމެންޓް 0