ރޮއެރޮއެ ނަސްމާގެ ދެލޯ ވަނީ ދުޅަވެފަ އެވެ. ލިބުނު ޚަބަރަކުން އޭނަގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިއްޖެ އެވެ. ލޯބިވާ ފިރިމީހާ ހައްޔަރު ކުރެވުނީ އެވެ. އެންމެ ކުށަކު ނޫނެވެ. އެތައް ކުށެއްގަ އެވެ. ޝާކިރު އިންޑިޔާގައި ހުރި ގެއިން ގިނަ އަދަދެއްގެ މަސްތުވާ އެއްޗެއްސާއި ފައިސާގެ އިތުރުން، އެތަކެއްޗާއި ގުޅުންހުރި އެއްބަސްވުންތައް ފުލުހުންނަށް ފެނުނެވެ. އޭނައަށް އެންމެ ބޮޑު ހިއްދަތިކަމެއް ލިބުނީ ޝާކިރުގެ މަކަރުވެރިކަމާއި އޮޅުވައިލުމުގެ ސަބަބުންނެވެ. އޭނަ ހީކުރީ ޝާކިރަކީ އޭނައަށް ވަފާތެރި ފިރިއެއް ކަމަށެވެ. އެކަމަކު ކައިވެނީގެ ބޭރުން ޝާކިރަށް އެވަނީ ދަރިއަކުވެސް ލިބިފަ އެވެ. ވަކީން ޚާއްސަކޮށް އޭނަގެ ލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅު ރަހީނު ކުރީތީ، ހިތް ނަފުރަތުގެ އަލިފާނުން އަނދަނީ އެވެ. އެކަމުގެ އަދަބު ދޭން އޭނަގެ ކެތްތެރިކަން ވަނީ ކުޑަވެފަ އެވެ.

********

އަނަމް ހުރީ ފިނިވެފަ އެވެ. އެތައް ދުވަހަކަށްފަހު، މަންމަ އާއި ބައްދަލުވާއިރު، ކުރިމަތިލާން ޖެހިފައިވި ޙަޤީޤަތެއްގެ ސަބަބުން އޭނަ ނުތަނަވަސް ވަނީ އެވެ. ޝާކިރު ގޮވައިގެން ފުލުހުން ހިނގައިގަތުމުން، އޭނަ އިސްޖަހައިލީ އެ މަންޒަރު ބަލަން ހިތަށް ކެތް ނުވުމުންނެވެ.

"މަޑުކޮށްލަބަލަ!..." ފުލުހުންގެ ކައިރީގައި ޝާކިރު އެދުނެވެ.

އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަނަމްގެ ދެއަތުގައި ހިފައިލި އެވެ. އަނަމް ސިހިފައި އަތް ދަމައިގަންނަން އުޅުނެވެ.

"ދަރިފުޅާ!... ބައްޕަ އަކީ ގޯސް މީހެއް... ވަރަށް ގޯސްމީހެއް... އެކަމަކު، ދުވަހަކުވެސް ދަރިފުޅަށް ދެރައެއް ދޭން ހިތުވެސް ނުލަން..." ޝާކިރުގެ އަޑުގައި ވަނީ ރިހުމެވެ.

އަޑު އަހަން ހުންނަ ކޮންމެ މީހެއްގެ ހިތް އެ އަޑު އިވުމުން ވިރިގެންދާވަރު ވެއެވެ.

"ބައްޕަ ދުވަހަކުވެސް ދަރިފުޅަށް އަނިޔާއެއް ނުކުރަން... ދެރަގޮތެއް ހަދާކަށް މީހަކު ކައިރީ ނުވެސް ބުނަން... އެކަހަލަ ކަމެއް ހިތުވެސް ނުލަން... ބައްޕައަކަށް ނޭނގެ ދަރިފުޅަށް އެހެން ހެދީ ކޮން ބައެއް ކަމެއް... ބައްޕަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ދަރިފުޅަށް އެެހެން ހެދި މީހުންނަށް އަދަބު ލިބުނީމަ..." ޝާކިރު އިސްޖަހައިލި އެވެ. "ދަރިފުޅާ!... ބައްޕަ އާދޭސްކޮށްފަ ބުނަން... މީހުން ދައްކާ ވާހަކަ ޤަބޫލު ނުކުރައްޗޭ..." އަނަމްގެ ފައިދަށަށް ތިރިވަމުން ޝާކިރު ބުންޏެވެ.

އަނަމްއަށް ލިބުނީ ސިހުމެކެވެ. އޭނަ އަވަހަށް ފަހަތަށް ޖެހިލި އެވެ. ބައްޕައަކު ދަރިއެއްގެ ފައިދަށަށް ތިރިވުމަކީ ލަދުވެތިވާންޖެހޭ ވަރުގެ ކަމެއް ކަމަށް އޭނައަށް ޤަބޫލު ކުރެވުނީ އެވެ.

އައިވަން އޭނާގެ އަތުގެ އިޝާރާތުން ފުލުހުންނަށް އެންގީ، ޝާކިރު އެތަނުން ގެންދިޔުމަށެވެ. ފުލުހުން ޝާކިރު ނަގައިގެން ގެންދަންދެން ވެސް އަނަމް ހުރީ އިސްޖަހާލައިގެންނެވެ.

"ދަރިފުޅާ!... ބައްޕައަށް ހިތް ހެޔޮ ކުރައްޗޭ..."

ޝާކިރު ރުޔެވެ. ހަޅޭއް ލެވި އެވެ. އާދޭސް ކުރި އެވެ. އެހެނަސް، ކޮށްފައިވާ ކުށެއް ބަދަލު ކުރެވޭނޭ ހެއްޔެވެ؟ ކޮންމެ ކުށަކަށްވެސް ޙައްޤު އަދަބު ލިބޭނެ އެވެ. މިދުނިޔެމަތީން ނުލިބިއްޖެނަމަ، ލިބޭނެ އެހެން ދުވަހެއް ވެސް އަންނާނެ އެވެ. އިންސާފުގެ މަގަށް އެއްވެސް މީހަކަށް ނުފިލޭނެ އެވެ.

"އޯކޭތަ؟..." އަނަމް އިސްޖަހައިގެން ހުންނަން ފެށުމުން، އައިވަން އަހައިލި އެވެ.

އަނަމްގެ ސިކުނޑި ވަނީ ސުވާލުތަކުން ފުރިފަ އެވެ. ޝާކިރުގެ ލޮލުން، އޭނައަށް ފެނުނީ ދަރިއަކު ދެކެވާ ލޯތްބެވެ. އެ ވާހަކަތަކުގައި، ދޮގު ނުވަތަ އޮޅުވާލުމެއް ވާހެން އޭނައަށް ހީނުވަނީ ކީއްވެ ހެއްޔެވެ؟ ރަނގަޅަށް ވިސްނައިލުމުން، އަނަމްއަށް ތަފާތު ކަމެއް ފާހަގަ ވިއެވެ. މާސްކު އަޅައިގެން އޭނަ އާއި ބައްދަލުކުރި މީހުން ތަފާތު ކަމެވެ. ފުރަތަމަ ބައްދަލު ކުރަން އައި މީހާ، އޭނަ އާއިމެދު ކަންތައް ކުރީ ވަރަށް ރަނގަޅަށެވެ. ވާހަކަ ދެއްކީވެސް އޯގާތެރިކޮށެވެ. އެކަމަކު، ފަހުން ހީވަނީ އެއީ މުޅީން އެހެން މީހެއް ހެންނެވެ. އެމީހަކު އަބަދުވެސް މަސައްކަތް ކުރީ އޭނައަށް އަނިޔާ ކުރާށެވެ. އަނަމް ކުއްލިއަކަށް އައިވަންގެ އަތުގައި ހިފައިލި އެވެ.

"ބައްޕަ އެ ހަދަނީ ދޮގެއް ނޫން..." އަނަމް ބުންޏެވެ.

އައިވަންގެ ހިތަށް އިންޤިލާބެއް ގެނެސްފައި، އަނަމް ދުއްވައިގަތެވެ. ފޮށިތަކާއި އޭނަ ގެނައި ސާމާނުތައްވެސް ދޫކޮށްލާފަ އެވެ. އަނަމްގެ ފަހަތުން ދާން އުޅެފައި ވެސް، ފޮށިތައް ފެނުމާއިއެކު އައިވަންއަށް މަޑުކުރަން މަޖުބޫރު ވިއެވެ.

އަނަމް ނުކުމެގެން ދަނިކޮށް ކޮންމެވެސް މީހަކު އޭނަގެ ގައިގައި ހިފަހައްޓައިފި އެވެ. ކައިރީގައި ހުރި ނަސްމާ ފެނި، އޭނައަށް މަންމާ އޭ ކިޔައި ގޮވާލެވިއްޖެ އެވެ. ކުރަން އުޅުނު ކަންތަކުގެ މަތީންވެސް އޭނަ ހަނދާން ނެތުނީ މަޔެއްގެ ލޮލުން ފެނުނު މައިވަންތަކަމުގެ ލޯބިންނެވެ. ދެމީހުން އެކަކު އަނެކެއްގެ ގައިގައި ބައްދައިލިއިރު، ޖަޒުބާތުގައި ޖެހި، ދެމައިންގެ ލޮލުން ވެސް ކަރުނަ ފާއްދާލައިފި އެވެ.

********

އަޒާން އާއި ފައްޔާޒު ތިބީ، އިންޑިޔާގައި އެމީހުން މަސައްކަތް ކުރާ އޮފީހުގަ އެވެ. މޫސަ ރާއްޖެއަށް ގެންދެވުނު ނަމަވެސް، ރާވިންގެ މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ އިސް ފަރާތްތަކުން އެމީހުންނަށް އެންގީ އެވެ. ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކަށް ހަމަޖެއްސީ ފައްޔާޒެވެ. ހުދާގެ މަސްލަހަތު ފުށުއަރާތީ، އެ މައްސަލައިގެ ތަޙުޤީޤުގައި ބައިވެރި ނުވުމަށް އެންގި އެވެ.

ކޮމްޕިއުޓަރުން އެއްޗެއް ހަދަން އިނދެފައި އަޒާން ރަނގަޅަށް ގޮނޑީގައި ހަމަޖެހިލައިފި އެވެ. ކައިރީގައި އިން ފައްޔާޒަށް ޗުއިންގަމެއް އެއްލާފައި އޭނަވެސް އެއިން އެއްޗެއްގެ ކަރުދާސްގަނޑު ނޮޅައިގެން ކާން ފެށި އެވެ.

"މިކަން ނެތް އެހާ ފަސޭހައިން ވާކަށް... އިރުކޮޅެއް ނަގާނެ..." ކޮމްޕިއުޓަރުގެ އިސްކުރީނަށް ނަޒަރު ހުއްޓައިލަމުން، އަޒާން ބުންޏެވެ.

"ހުދާ ނުފެންނާތީ ހާދަ ހިތަށް ތަދުވެއޭ..." ފައްޔާޒު އޭނަގެ މޭގައި އަތް ޖައްސައިލި އެވެ.

"އޭނަ މިކޮޅުގަ މަޑުކުރީ ދޯ؟... އެނގޭތަ ކޮންތާކުކަން ހުންނަނީ؟..." އަޒާން ސުވާލު ކުރި އެވެ.

ފައްޔާޒު ދެކޮނޑު އަރުވައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

"އަހަރެން ހަމަ ހިތަށް އަރަނީ، އޭނަގެ ދަރިފުޅު ކޮބައިބާއޭ؟... ކީއްވެބާއޭ ދެމީހުން ދުރުގަ އުޅެނީ؟... އަނެއްކާ ދޮގެއް ހެދީކީ ނޫންބާ؟..." ފައްޔާޒު އިނީ ވިސްނުމެއްގެ ތެރެއަށް ގޮސް ހުސްވެފަ އެވެ.

"ތިއެއް އެނގޭނީ މި ލޯޑުވީމަ..." ކޮމްޕިއުޓަރުގެ އިސްކުރީނަށް އިޝާރާތް ކުރަމުން، އަޒާން ބުންޏެވެ.

ދެމީހުންގެ ކެތްތެރިކަން ކުޑަވެފައި ވަނިކޮށް، އިސްކުރީނުން ފުރައިލީ ހުދާގެ ތަސްވީރަކުންނެވެ. އޭގެ ފަހުގައި އޭނަގެ މަޢުލޫމާތު ފެންނަން ފެށި އެވެ. ފަހަރަކު ބައެއް ކިޔަމުން ގޮސް، އެއްކޮށް ކިޔައި ނިމުނުއިރު، އަޒާން އަށާއި ފައްޔާޒަށް އެކަކު އަނެކަކަށް ބަލައިލެވިއްޖެ އެވެ.

ފުލުހުންގެ އެއްވެސް ރިކޯޑެއްގައި ހުދާ ދުވަހަކުވެސް ކައިވެންޏެއް ކޮށްފައިވާކަން އެނގޭކަށް ނެތެވެ. ދަރިއަކު ލިބިފައިވާ ކަންވެސް މެއެވެ. އަނެއްކޮޅުން މޫސަ އަކީ ފުލުހެކެވެ. އޭނަ އިންޑިޔާއަށް އައިސްފައި ވަނީ އޭގެ އަށް މަސް ކުރިން، އެތައް ދުވަހަކު ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް، އެހެން ޤައުމެއްގައި އުޅެފަ އެވެ. އެ މުއްދަތުގައި ހުދާ އެ ޤައުމަށް ދަތުރު ކޮށްފައެއް ނުވެ އެވެ. ވީއިރު، އެވަރުގެ އޮޅުވާލުމެއް ހުދާ އެ އޮޅުވައިލީ ކީއްވެ ހެއްޔެވެ؟ ޚާއްސަކޮށް އޭނަގެ އެންމެ ގާތް އެކުވެރިންނަށެވެ.

********

އިރު އޮއްސުނު ވަގުތު އިންޑިޔާގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ. އަނދިރިކަން ވެރިވެފައިވާ ހަނި މަގުތަކުން ހިނގަމުންދިޔަ އަންހެން ކުއްޖާއަށް އެކަމުން ކުރި އަސަރެއް ނެތެވެ. ދާންވީ މިސްރާބު އޭނާއަށް ރަނގަޅަށް އެނގެ އެވެ. ފަރިތަކަމާއިއެކު ފިޔަވަޅުތައް ނަގަމުން ދިޔައިރު، އެތައް ފަހަރަކު އެތަނަށް ގޮސް ހަދާފައިވާ މީހެއް ކަމާއިމެދު ޝައްކު ކުރެނޭ ޖާގައެއް ނެތެވެ.

ވަކި ހިސާބަކަށް ގޮސްފައި އެކުއްޖާ ހުއްޓުނެވެ. މަގުގެ ދެފަރާތުގައިވާ ގެތަކުގެ ތެރެއިން ގެއަކަށް ވަނެވެ. ދޮރު ކައިރީގައި ކަހަލަ ގޮތަށް ބައިންދާފައިވާ ފުޅި ބައްތި ދިއްލައިލުމާއިއެކު، ގޭތެރެއަށް ފަނޑު އަލިކަމެއް ވެރިވެގެން ދިޔަ އެވެ. ލައިގެން ހުރި އަންނައުނު ބަދަލު ކުރުމަށްފަހު، އެކުއްޖާ ގެއިން ނުކުމެއްޖެ އެވެ. މިހާރު އޭނާ ލައިގެން ހުރީ، ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި، ކަޅު ޖީންސެކެވެ. ބޮލުގެ އިސްތަށިގަނޑު ހޫޑްއިން ފޮރުވާލައިގެން ހުރުމުން، އަންހެނެއް ކަމެއް ނުވަތަ ފިރެހެނެއް ކަން ވަކި ކުރަން ދައްޗެވެ. އެ އިމާރާތުން ނުކުމެގެން އޭނާ ގޮސް ވަނީ ކުރިމަތީން ފެންނަން ހުރި އިމާރާތަށެވެ. އުއްބައްތިތަކުން، މުޅި ގެއަށް އަލިކޮށްފައި ވިއެވެ. މައިގޭ ތެރޭގައި ފުޅިބައްތިއެއް ރޯކޮށްފައި އިނެވެ. ފިރެހެނަކު ކުކުރައިލި އަޑު އިވުނެވެ. ދެން އިވުނީ ކެއްސައިލި އަޑެވެ.

އަންހެން ކުއްޖާގެ ފިޔަވަޅުތައް އަވަސްކޮށްލި އެވެ. ވައިރޯޅިއެއް ޖެހިލާހައި އަވަހަށް ކުރިމަތިން ފެންނަން ހުރި، ދޮރު ހުޅުވާލައިފި އެވެ. ތަޅުން މައްޗަށް ވެއްޓިފައި އޮތީ، ފިރެހެނެކެވެ. އެމީހެއްގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ޒަޚަމުތަކުގެ ނިޝާން ފެންނަން ހުއްޓެވެ.

"ލޫނާ!... ލޫނާ!..." އަންހެން ކުއްޖާ ވަރަށް ބާރަށް ގޮވައިލި އެވެ.

ގޭތެރޭގައި ހުރި ދޮރެއް ހުޅުވައިލާފައި އަންހެން ކުއްޖަކު ނުކުތެވެ. އެކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ސިހުމެވެ.

"މީ ކޮން ކަމެއް؟..." ވެއްޓިފައި އޮތް މީހާ ދައްކައިލަމުން އަންހެން މީހާ ހަޅޭއްލަވައިގަތެވެ. "ކިތައް ފަހަރު ލޫނާ ކައިރީ ބުނިން އޭނަ ރަނގަޅަށް ބަލާށޭ..."

"ސޮރީ މެޑަމް... އަޅުގަނޑު ބިރުގަތީ... އޭނަ ހަމަލާ ދިނީ..." ލޫނާގެ އަޑު ތުރުތުރު އަޅައެވެ. ދިވެހިން ވާހަކަ ދެއްކިލެއް ނުފަރިތަ އެވެ.

"އަހަރެންގެ ލޯ ކުރިމަތިން ދުރަށްދޭ!..." އަންހެން ކުއްޖާ ހަޅޭއްލަވައިގަތެވެ.

ލޫނާ ދުވެ ފިލި އެވެ. އަންހެން ކުއްޖާ ގޮސް، ބަންޑުން ވެއްޓިފައި އޮތް ފިރެހެން މީހާ އަނެއް ފަރާތަށް ޖަހައިލި އެވެ. އެމީހާގެ ދެލޯ ވަނީ މެރިފަ އެވެ. އުނދަގޫ ގޮތަކަށް ނޭވާ ލަމުން ދިޔައިރު، ނޭފަތުން ވެސް ލޭ އައިސްފައި ހުއްޓެވެ.

"ރާވިން!..." ރާވިންގެ މޫނުގައި ދެފަހަރަކު ޖަހައިލަމުން އެކުއްޖާ ގޮވައިލި އެވެ.

ރާވިން މަޑުމަޑުން ދެލޯ ހުޅުވައިލި އެވެ. ކުރިމަތީގައި އިން މީހެއްގެ މޫނު ފެނުމުން، އޭނަ ތެޅިގެންފި އެވެ.

"ހުދާ!..." ރާވިންގެ ހިކިފައިވާ ދެ ތުންފަތް ހަރަކާތް ކޮށްލި އެވެ.

********

އިޝާ ނަމާދު ކޮށްގެން އަނަމް ގޮސް އެނދުގައި ޖައްސައިލި އެވެ. ނިދަން އުޅެއުޅެ އޭނައަށް ނިދޭގޮތެއް ނުވި އެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭހެން ހީވަނީ އެވެ. ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެފަހުން ތެދުވެ، ފޯނު ބަލައިލި އެވެ. އައިވަންގެ މެސެޖެއް ލިބިފައި އޮތެވެ. ނިދީތޯ ސުވާލުކޮށްފަ އެވެ.

މެސެޖަށް ޖަވާބު ދިނުމުގެ ގޮތުން އަނަމް ފޮނުވައިލީ "ސްޓިކަރ" އެކެވެ. ބެލްކަނީގައި ހުރި އައިވަންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އޭނަ އިސްކުރީނަށް ބަލައިލީ، މެސެޖުކުރީ ކާކު ކަން އެނގުމުން ބަލައިލާފަދަ ގޮތަކަށެވެ. އަނަމްގެ މެސެޖު ފެނުމާއިއެކު، އައިވަންއަށް ހެވިއްޖެ އެވެ. އޭނަވެސް ޖަވާބު ފޮނުވައިލީ "ސްޓިކަރ" އަކުންނެވެ.

އިރުކޮޅެއްނުވެ، އަނަމް ގުޅައިފި އެވެ. އައިވަންއަށް ޤަބޫލުވެސް ނުކުރެވުނެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއިރުވެސް އޭނަ ހުރީ ޝޮކެއްގަ އެވެ.

"ބިޒީތަ؟..." އަނަމް އަހައިލީ ވަރަށް ނުކެރި ހުރެފަ އެވެ.

"ބިޒީއެއް ނޫން... ކިހިނެއްވީ؟..." އައިވަން ސުވާލު ކުރި އެވެ.

"ބައްދަލުކޮށްލެވިދާނެތަ؟..." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި، އަނަމް އަހައިލި އެވެ.

"މްމްމް... ކޮންތާކަށް ދާންވީ؟..." އައިވަންގެ ހިތް އުފަލުން ނަށައިގަތްހެން ހީވި އެވެ.

"މިގެއަށް..." އަނަމް ބުންޏެވެ.

ފޯނު ބޭއްވިގޮތަށް އައިވަން އަވަސްވެގަތީ ތައްޔާރުވެލުމަށެވެ. ލާނެ އެއްޗެއް ނޭނގި ވިސްނަން ހުއްޓައި ފާރޫޤު އައިސް އެތެރެއަށް ވަނެވެ. ދަރިފުޅުގެ އުޅުން ހުރިގޮތުން، އަންހެން ކުއްޖެއްގެ ކަމެއް ހެން އޭނައަށް ހީވި އެވެ. އޭނަ ގޮސް، ނެގީ މަޑު ނޫކުލައިގެ ގަމީހެކެވެ. އައިވަން ކުޑަކޮށް ސިހިފައި ބައްޕަގެ މޫނަށް ބަލައިލި އެވެ.

ފާރޫޤު އެ ގަމީސް އައިވަންގެ އަތަށް ދިނެވެ. ބުރަކަށީގައި ދެފަހަަރަކު ޖަހައިލުމަށްފަހު އޭނާ ނުކުމެގެން ދިޔައީ އެއްޗެއް ބުނުމެއް ނެތިއެވެ.

އައިވަން ދިޔައިރު، އަނަމް ހުރީ ދޮރުމައްޗަށް ނުކުމެ އެވެ. ލައިގެން ހުރި ރަތްކުލައިގެ ހެދުމުގައި، އަނަމްގެ ދޮން މޫނު ހީވަނީ ދިއްލިލާފައި ވާ ހެންނެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލަ ޖައްސާފައި ހުރުމުން، ވަކީން ރީތިކަމަށް ދައްކަ އެވެ. އަނަމް ހަށަން ބަނދެލައިގެން ހުރިގޮތުން، ބަލި ވައްތަރު ޖަހަ އެވެ. އައިވަން ފެނުމުން އަނަމްއަށް ވެސް ވީ އެވަރެވެ. މަޑު ނޫކުލަ އައިވަން އާއި ހާދަ ގުޅެއޭ ހިތަށް އެރި އެވެ. ނަޒަރު ވަކިކޮށްލަންވެސް ދަތިވެފައި އޭނަ ހުރެވުނެވެ.

"ހިނގާ އެތެރެއަށް..." އަނަމް އެދުނެވެ.

ނަސްމާ ކޮޓަރީގައި އުޅޭކަން ޔަގީންކޮށްފައި، އަނަމް އެތެރެއަށް ވަނެވެ. އޭނަ އުޅުނީ، ޓެރެސްއަށް ދާށެވެ. ސިޑި އާއި ދިމާއަށް ދަނިކޮށް ނަސްމާ އޭނާގެ ކޮޓަރި ދޮރު ހުޅުވައިލި އަޑު އިވުނެވެ. އަނަމް ސިހުނެވެ. ދެލޯ ބޮޑުކޮށްލަމުން، އައިވަންއަށް ބަލާލައިފި އެވެ. ދެވަނަ ސިކުންތުގައި އައިވަންގެ އަތުގައި ހިފައި ދަމައިގަތެވެ. އެންމެ އަވަހަށް ވަދެވެން ހުރީ އަނަމްގެ ކޮޓަރިއަށެވެ. އައިވަން އެތެރެއަށް ވައްދާފައި ދޮރު ޖަހައި ތަޅުލި އެވެ. އޭނަ ދެލޯ މަރާލައިގެން ހުރެ، ފުލުފުލުގައި އެތައް ނޭވާއެއް ދޫކޮށްލައިފި އެވެ. ހިތް ތެޅޭ ވަރުން ހީވަނީ ބޭރަށް ފުންމައިލަން އުޅޭ ހެންނެވެ. މޭގައި އަތް ޖައްސައިލަމުން، އޭނަ ދެލޯ ހުޅުވައިލި އެވެ. އެވަގުތު ދާދި ކައިރީގައި ހުރި އައިވަން ފެނި، އޭނަގެ ޙިއްޞުތައް މަސައްކަތް ކުރުން ހުއްޓާލި ކަހަލަ އެވެ.

އައިވަންގެ ނަޒަރު އަމާޒުވެފައި ވަނީ އޭނަގެ މޫނަށެވެ. ހުރެވުނީ އެ އަތުގައި ހިފައިގެން ކަންވެސް އަނަމްގެ ހަނދާނަށް އައީ އިރުކޮޅެއް ފަހުންނެވެ. ދެމީހުންގެ ގާތްކަމުން، ބުނެދޭން ނޭނގޭ އަސަރުތަކެއް އެކަކު އަނެކަކަށް ވަމުން ދަނީ އެވެ. އަނަމްގެ ހަނދާނަށް އައީ، އިންޑިޔާގައި އައިވަން ކަންތައް ކުރި ގޮތެވެ. ލަދުން އިސްޖަހައިލަން އުޅުނު ވަގުތު އައިވަން އޭނަގެ ދަތްދޮޅީގައި ހިފައި އުފުލާލައިފި އެވެ.

(ނުނިމޭ)

ކޮމެންޓް 0