"މިފަހަރު ކޮން ކަމެއް؟..." ރާވިންގެ އަޑުގައި ކުރިން ހުންނަ ޝައުޤުވެރިކަމެއް ނެތެވެ.

އަތުގައި އޮތް ފައިލު ރާވިން އާއި ދިމާއަށް އެއްލުމަށްފަހު، ފާރޫޤު އެތަނުން ދިޔައީ އެވެ. ފައިލަށް ބަލަހައްޓައިގެން އިން ރާވިން ދޫކޮށްލީ ފުން ނޭވާ އެކެވެ.

********

ހެނދުނުގެ ސަޔަށް އިންސާފުކުރަން އިން އަނަމް މާ މަޑުން އިންނަކަން ނަސްމާއަށް ފާހަގަ ވިއެވެ. އޭނަ ހީކުރީ ރޭގެ ހަފުލާގެ ތެރެއިން އަނަމް ހިތްހަމަނުޖެހޭ ކަމެއް ދިމާވީ ކަމަށެވެ. ނަސްމާ ހުރީ ސައި ބޮއެގެން ޝާކިރު ބޭރަށް ނުކުންނަން ދެނެވެ.

"ދަރިފުޅާ!... ކަމެއް ވީތަ؟..." ނަސްމާ ސުވާލު ކުރީ ގާތް ގޮތަކަށެވެ.

"މަންމާ!... އާނީ ބޭނުމެއް ނޫނޭ އިންޑިއާއަށް ދާކަށް..." އަނަމް ޖަވާބު ދިންލެއް އަވަސްކަމުން ހީވަނީ އެކަމާއި ބެހޭގޮތުން ސުވާލު ނުކޮށްގެން ހުރި ހެންނެވެ.

"ކުރަން ބޭނުން ނުވާ ކިތަންމެ ކަމެއް ކުރަންޖެހޭ ފަހަރު އަންނާނެއޭ ދަރިފުޅާ... ހިއްވަރުކޮށްލާފަ ކޯސް ނިންމާލާ... އޭރުން ބައްޕަވެސް ހިތްހަމަ ޖެހޭނީ..." އަނަމްގެ ބޮލުގައި ފިރުމައިލަމުން ނަސްމާ ބުންޏެވެ.

"މަންމާ!.. ބައްޕަ ކީއްވެތަ ފިލްމު ކުޅެން ހުއްދަ ނުދެނީ؟... ބިޒްނަސްގެ އެއްވެސް ކަމެއް ކުރާކަށް އާނީ ބޭނުމެއް ނޫނޭ..." އަނަމް ޝަކުވާ ކުރި އެވެ.

ޝާކިރުގެ ކައިރީގައި އެފަދަ ގޮތަކަށް ވާހަކަ ދައްކާކަށް އަނަމްއަކަށް ނުކެރެ އެވެ. އޭނަ އަބަދުވެސް ޝަކުވާ ކުރަނީ ނަސްމާގެ ކައިރީގަ އެވެ.

"ދަރިފުޅާ!.. ފިލްމު ކުޅުމަކީ ރަނގަޅު ކަމެއް ނޫނޭ... ދަރިފުޅު އިސްތިހާރު ކުޅޭކަށްވެސް މަންމަ ހިތްހަމައެއް ނުޖެހެއޭ.. ދަރިފުޅަށް ހުއްދަ ދިނަސް، އަސްލު ބައްޕަވެސް ނުރުހެއޭ ދަރިފުޅު އެކަހަލަ ކަންކަން ކުރާކަށް..." ނަސްމާ ބުންޏެވެ.

އަނަމް އިރުކޮޅަކު ވިސްނައިލަން ހުއްޓެވެ. ކުއްލިއަކަށް އޭނަގެ ހަނދާނަށް އައީ ރޭގެ ހާދިސާ އެވެ. ނުވެސް ދަންނަ އެ ޒުވާނާ ދެއްކި ވާހަކަތަކުގެ މަތީން ހަނދާންވުމުން އޭނައަށް ދެތުންފަތް ފިތައިލެވުނެވެ.

"ފައިސާ އަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫންކަން ފިރެހެނުންނަށް އެނގެން ޖެހޭ... އޭނައަށް އެކަން އަންގާނަން..." ފިކުރެއްގެ ތެރޭގައި ހުރެފައި އަނަމް ބުންޏެވެ.

"ކީކޭ ދަރިފުޅު ތިބުނީ؟..." ނަސްމާ ހައިރާންވެފައި ސުވާލު ކުރި އެވެ.

"އެއީ، އެއީ... އެއްޗެއް ނޫނޭ މަންމާ..." ހިނިގަނޑެއް ޖަހައިލަމުން އަނަމް އޭނާގެ މަންމަގެ ގައިގައި ބައްދައިލި އެވެ.

ރޭގަނޑު އަށެއް ޖެހިއިރު، އަނަމް ހުރީ ތައްޔާރުވެލައިގެން ބޭރަށް ނުކުމެ އެވެ. މާ ޚާއްސަ އިސްތިހާރެއްގެ ސޫޓިންއަށް ދިޔުމަށް ލިބިފައިވާ ދަޢުވަތު އޭނަ ޤަބޫލުކުރީ، އެންމެ ފަހުގެ ފުރުސަތު ކަން އެނގުމުންނެވެ. ނައިނާގެ އިންތިޒާރުގައި އޭނަ ހުންނަތާ މާގިނައިރުތަކެއްނުވެ، ސައިކަލެއް އައިސް އޭނަގެ ކުރިމައްޗަށް މަޑުކޮށްލައިފި އެވެ.

"ކޮބާ އަވަހަށް އަރާ..." ނައިނާ ބުންޏެވެ.

"ތިއަކަށް ނާރާނަން..." އަނަމް ދެކޮޅު ހެދި އެވެ.

"ދެން މަވީ ބޮޑު ކާރެއްތަ ހިފައިގެން އަންނަން..." ނައިނާ ދިމާކޮށްލި އެވެ.

ނައިނާ އެއްޗެކޭ ކިޔަކިޔައި އިންދާ އަނަމް ގޮސް ސައިކަލަށް އެރި އެވެ. ސައިކަލު ދުއްވަމުންދިޔަ ނައިނާ އަނގަ ހުއްޓައިވެސް ނުލަ އެވެ. އަނަމް އިނީ ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފަ އެވެ. ނައިނާގެ އެއްވެސް ވާހަކައަކަށް އޭނައަށް ޝައުޤުވެރިކަމެއް ނުދެވުނެވެ.

ނައިނާ ކުއްލިއަކަށް ތެޅިގަތީ، ކުރިމަތިން ދުވެފައި އައި މީހާ ފެނިފަ އެވެ. އެމީހާ އައީ ސީދާ އޭނަ ދުއްވަމުންދިޔަ ސައިކަލާއި ދިމާއަށެވެ. ނައިނާ ހުށިޔާރެވެ. އެމީހާގެ ގައިގައި ޖެހުނަ ނުދީ ސައިކަލުގެ ހުންގާނު އެހެން ދިމާއަކަށް އަނބުރައިލި އެވެ. ލިބުނު އުފަލުގައި ހިނިތުންވެލި ނަމަވެސް، އެ ހިނިތުންވުން ދެމިގެން ދިޔައީ، ހިނދުކޮޅަކަށެވެ. ކުރިމަތިން ދުއްވާފައި އައި ސައިކަލުގެ އަލި އެޅުނީ ސީދާ އޭނަގެ މޫނަށެވެ. ބުރަކި ޖައްސައިލި ނަމަވެސް, އަރި އަޅާލައިގެން އަނަމް އާއިއެކު ސައިކަލުން ވެއްޓިއްޖެ އެވެ.

އައިވަންއަށް އޭނާގެ ސައިކަލުގެ ބުރަކި ޖައްސައިލެވުނެވެ. ފިލަން ދުވި މީހާގެ ފަހަތުން ސައިކަލު ދުއްވަމުންދިޔަ ނަމަވެސް، ވެއްޓިފައި އޮތް ދެ އަންހެން ކުދިންގެ ޚާލު ފެނި އޭނަގެ ހިތަށް ރަޚުމު ވަދެއްޖެ އެވެ. އެމީހާގެ ފަހަތުން ދިޔުމުގެ ބަދަލުގައި ސައިކަލުން ފައިބައިގެން އޭނަ މިޝްރާބުޖެހީ ނައިނާމެންނާއި ދިމާއަށެވެ.

އަނަމް އޮތީ ދެއަތުން މޫނު ފޮރުވާލައިގެންނެވެ. ފައިމަތީގައި އޮތް ސައިކަލު ދުރުކުރަން އުޅެއުޅެ ނައިނާއަކަށް އެކަމެއް ނުވި އެވެ. އައިވަން އައިސް ސައިކަލު ނަގައިދިނެވެ. ނައިނާ ތެދުވެ އައިވަންއަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ.

"ނޭނގޭތަ ތި ޚަރާބުކޮށްލެވުނީ ކިހާ ވަރެއްގެ..."

ނައިނާއަށް ބުނެވުނީ އެހިސާބަށެވެ. އައިވަން ފެނުމުން، އެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެއްޖެ އެވެ. އެފަދަ ފިރެހެންވަންތަ ސޫރައެއް ފެނުމުން ބުނަން އުޅުނު ޖުމްލަ އަރުގައި ތާށި ވިއެވެ. އަބަދުވެސް ރީތިކަމަށް ލޯބިކުރާ ނައިނާ އަވަސް އަވަހަށް ހިނިތުންވެލައިފި އެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެކުވެރިޔާގެ މަތީން އޭނަ ހަނދާން ނެތުނެވެ.

އައިވަންގެ ނަޒަރު ނައިނާގެ މޫނުން އަނަމްއަށް ހުއްޓުނެވެ. ވެއްޓުނުގޮތަށް ތެދުވަން ވެސް ނޭނގިފައި އޭނަ އޮތެވެ. ދެއަތުން މޫނު ފޮރުވާލައިގެން އޮތުމުން އެ އަންހެން ކުއްޖާ ރޮނީ ކަމުގައި އައިވަން ހީކުރި އެވެ.

"ޔޫ އޯކޭ؟..." އައިވަން ސުވާލު ކުރީ ގާތް ގޮތަކަށެވެ.

އެހެން މީހުންނެކޭ އެއްގޮތަށް އޭނަވެސް ހީކުރީ އަނަމް އަކީ ރާއްޖެއިން ބޭރު އަންހެން ކުއްޖެއް ކަމަށެވެ. ފިކުރުގެ ފުން ކޯރެއްގެ ތެރޭގައި ފަތަމުންދިޔަ ނައިނާގެ ހޭވެރިކަންވީ އައިވަންގެ އަޑު އިވުމުންނެވެ. އެ ފިރެހެންވަންތަ އަޑުގެ ޖާދޫގައި ޖެހިފައި އިރުކޮޅަކު ހުރި ނަމަވެސް، އަނަމްގެ މަތީން ހަނދާންވެ އިސާހިތަކު އެ މޫނުގެ ކުލަވަރު ބަދަލުވެއްޖެ އެވެ. އޭނަ އަވަސްއަވަހަށް ގުދުވެ އަނަމް ނެގި އެވެ.

ދެ އިނގިލި ދޭތެރެއިން ކުރިމަތީގައި ހުރި ޒުވާނާ އާއި ދިމާއަށް އަނަމް ބަލައިލި އެވެ. އޭނައަށް ފެނުނީ އައިވަން ލައިގެން ހުރި ޓީޝާޓެވެ. ހުދު ކުލައިގެ ޓީޝާޓުގައި އެންމެ ރުލެއްވެސް ނެތެވެ. ޒުވާނާގެ މޫނު ނުފެނުނު ނަމަވެސް އޭނަގެ ޝާހީކަން އެ ޓީޝާޓުން އެކަނިވެސް އޭނައަށް ހާމަކޮށްދިނެވެ.

"އެއްވެސް ތަނަކަށް ތަދުވިތަ؟..." ނައިނާ ސުވާލު ކުރި އެވެ.

މޫނުގައި ދެއަތް އަޅައިގެން ހުރެ އެތަނުން ދިޔުމަށް އަނަމް ހިނގައިގަތެވެ. އެވަގުތު ސައިކަލުގައި އަޅައިގަނެފައި، އަނެއްކާވެސް ވެއްޓެން ދިޔަ އެވެ. އައިވަން ހުށިޔާރެވެ. އަނަމްގެ އަތުގައި ހިފައި އޭނަ އާއި ދިމާއަށް ދަމައިގެންފި އެވެ. އަނަމް އައިސް ތަތްވީ އައިވަންގެ ތަނަވަސް މޭގަ އެވެ.

އަނގަމަތީގައި އަތް އަޅައިލި ގޮތަށް ނައިނާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އައިވަންގެ ތަނަވަސް މޭގައި ލައްވެލުމުގެ ފުރުސަތު އޭނައަށް ލިބުނުނަމައޭ އޭނަގެ ހިތަށް އެރި އެވެ.

ގުޑިލަންވެސް ނޭނގިފައި ހުރި އަނަމްގެ ހިތުގެ ތެޅުން އިތުރު ވިއެވެ. އޭނަ ހުރީ ނޭވާ ލާންވެސް ހަނދާން ނެތިފަ އެވެ. ފިރެހެނަކާއި އެފަދަ ގޮތަކަށް ގައިގޯޅިވި އެއީ ފުރަތަމަ ފަހަރު ކަމުން، އަނަމްއަށް ގޮތްތަކެއް ވެގެން ދިޔަ އެވެ. ނައިނާ ކަރު ކެހިލި އެވެ. އަނަމްއަށް ހަމަހޭވެރިކަންވީ އޭނަ ދެފަހަރަކު ކަރު ކެހިލުމުންނެވެ. ހުރެވުނު ގޮތް ހަނދާންވެ އަނަމް އަވަސްއަވަހަށް އައިވަން އާއި ދުރަށްޖެހިލައިފި އެވެ.

"މިއޮތީ އަހަރެންގެ ކާޑު... ކުޑަ އެކްސިޑެންޓަކުންވެސް ބޮޑު ކަމެއް ވެދާނެ... ޑޮކްޓަރަށް ދައްކަން ބޭނުންވެއްޖެއްޔާ މި ނަންބަރަށް ގުޅާލާ..."

ނައިނާގެ އަތަށް ކާޑު ދިއްކޮށްލުމަށްފަހު އައިވަން އެތަނުން ދިޔައީ، ފުރަގަސްދީގެން ހުރި އަނަމް އާއި ދިމާއަށް ކަތި ނަޒަރަކުން ބަލައިލާފަ އެވެ. މޫނު ނުފެނުނު ނަމަވެސް އޭނައަށް އެކުއްޖާ ޚާއްސަ ވެއްޖެ އެވެ. ކޮންމެވެސް ސަބަބަކާއިހުރެ، އެކުއްޖާ އާއި އެތައް ފަހަރަކު ބައްދަލުވެފައިވާ ކަމުގެ އިހުސާސް އޭނައަށް ކުރެވިގެން ދިޔަ އެވެ.

އަނަމްއަށް ހަމަނޭވާއެއް ލެވޭވަރުވީ، އައިވަން އެތަނުން ދިޔުމުންނެވެ. ނުދަންނަ އެ ޒުވާނާގެ ގައިން ދުވި ލުއި ސެންޓުގެ މީރުވަސް އޭނަގެ ނޭފަތުގައި ހަރުލާފައި ހުއްޓެވެ. އޭނަގެ ހަނދާނަށް އައީ އޭގެ ހިނދުކޮޅެއްގެ ކުރީގެ ހާދިސާ އެވެ.

"ހޭންޑްސަމް.." ސައިކަލަށް އަރައި ހަމަޖެހިލަމުން ނައިނާ ބުންޏެވެ.

"އެހާ ފަސޭހައިން ނަންބަރުވެސް ލިބިއްޖެ..." ނައިނާ ވާހަކަ ދެއްކީ އަނަމްގެ މޫނަށް ބަލައިލަމުންނެވެ.

"ވެދާނެ މީހެއްގެ ފިރިއަކަށްވެސް..." އަނަމް އަވަސްއަވަހަށް ބުންޏެވެ.

"އާނީ ހެދުންވެސް ހަޑިވީނު... އެއްވެސް ތަނެއް މަށައިގެން ދިޔަތަ؟..." ނައިނާ ސުވާލު ކުރި އެވެ.

"ނުވެއޭ ކަމެއް..." އަނަމްގެ ޖަވާބު އަވަހެވެ.

"ޝޫޓިންއަށް ކިހިނެއް ހަދާނީ ދެން... މިހާރު ގަޑިވެސް ޖެހިއްޖެ..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނައިނާ ބުންޏެވެ.

ނައިނާ ގަސްދުގައި މައުޟޫޢު އޮޅުވައިލިކަން އެނގުމުން އަނަމްއަށް އޭނަގެ މޫނަށް ވައްތަރެއް ޖައްސައިލެވުނެވެ. އޭނަ ފޯނު ނަގައި ބަލައިލިއިރު، އެތައް ކޯލެއް އައިސްފައި އޮތެވެ. މެސެޖުތައް ކިޔައިލުމާއިއެކު އަނަމްގެ މޫނުމަތި މިލައިފި އެވެ. ޝޫޓިން ފަސްކުރީ އެވެ. ވީ ފޫހިން ގެއަށް ވަންނާކަށް އޭނަ ބޭނުމެއް ނުވި އެވެ.

އަނަމްގެ ފޯނަށް ރާވިން ގުޅީ، ނައިނާ އާއިއެކު ބޭރުގައި އުޅެފައި އައިސް ގެއަށް ވަންތަނާ އެވެ. ފެންވަރާލަން ބޭނުންވެފައި ހުރި ވަރުން، ފޯނު އެނދުމައްޗަށް ހޫރައިލާފައި އޭނަ ގޮސް ވަނީ ފާޚާނާ އަށެވެ. ދެވަނަ ފަހަރަށް ރާވިން ގުޅީ އޭނަ ނިދަން އެނދުގައި ޖައްސާލައިގެން އޮއްވަ އެވެ.

"ބިޒީތަ؟..." ރާވިން ސުވާލު ކުރި އެވެ.

"ހޫމްމް... ދެން ބާއްވަނީ..." އަނަމް ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ... މިގަޑީ ތި އަޑު އަހާލެވިއްޖެއްޔާ ހިތަށް ވަރަށް ފިނި ވާނެ..." ރާވިންގެ އަޑުގައި ސަމާސާގެ އެއްވެސް އަސަރެއް ނެތެވެ.

"އަހަރެން މީ އޭސީއެކޭތަ ތިބުނީ؟..." އަނަމް ވާހަކަ ދެއްކީ ފޫހި ރާގަކަށެވެ.

ހާސްކަމުގެ ތެރެއިން ވެސް ރާވިންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. އަނަމްގެ އެ މިޒާޖު އޭނައަށް ވަރަށް ކަމުދިޔަ އެވެ. ރާވިން ހޭން ފެށުމުން އަނަމްއަށް ވެސް ހެވެން އުޅުނެވެ. އޭނަ ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ.

"ފިނިކުރާ އެއްޗަކަށް ހުންނަނީ އޭސީ އެކަންޏޭތަ ތިބުނީ؟..." ރާވިން ސުވާލުކޮށްލި އެވެ.

އެކި ވާހަކަތައް ދެއްކުމުގައި ވަގުތުތައް ފާއިތުވެދިޔަ ގޮތް ދެމީހުންކުރެ އެކަކަށް ވެސް ނޭނގުނެވެ. މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، ރާވިންގެ ވާހަކަތައް އަނަމް ކަނުލައި އަޑު އެހި އެވެ. އެހެން ހުރެފައި އޭނަ ބުނެލާ މަޖާ އެއްޗަކުން ރާވިން ހެއްވާލަ އެވެ.

އާ ދުވަހަކަށް އިރު އެރި އިރުވެސް އަނަމް އޮތީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ. ނިދިފައި އޮތްއިރު، އެއްފަޔާއި އެއް އަތް އޮތީ، އެނދުން ތިރިއަށް އެލިފަ އެވެ. ނައިނާ އައިސް ވަން އިރު ފެނުނު މަންޒަރުން އޭނަގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. ދުރުގައި ހުރެގެން ހީހީފައި ފޯނުގައި އެމަންޒަރު ރައްކާވެސް ކޮށްލައިފި އެވެ.

"ތެދުވޭ..." އަނަމްގެ ދެއަތުގައި ހިފައި ދަމައިގަންނަމުން ނައިނާ ބުންޏެވެ. "މުޅި މާލެ އަނދާ އަޅިއަށް ވާއިރުވެސް މީނަ މިއޮންނަނީ ނިދާށޭ..."

އަނަމް ހީކުރީ ނައިނާ ސަމާސާ ކުރަނީ ކަމަށެވެ. އެކަމަކު ގޭތެރޭގައި މާ އަޑުގަދަ ވެގެން އޭނަ ހާސްވާގޮތް ވިއެވެ. އަނަމް ފެންވަރައިގެން ބޭރަށް ނުކުތްއިރު، އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ވަނީ އެގެއަށް ޖަމާވެފަ އެވެ. ސޯފާގައި އިށީނދެގެން އިން އަނަމްގެ ބޮޑުދައިތަ ގިސްލަގިސްލާފައި ރޮނީ އެވެ. ހިތްވަރު ދިނުމުގެ ބަސްތަކުން ބޮޑުދައިތަގެ ހިތްހަމަ ޖައްސައިދެވޭތޯ ނަސްމާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

އަނަމް އޭނާގެ ލޮލުގެ އިޝާރާތުން ވީ ކީއްތޯ ސުވާލު ކުރީ ނައިނާ އަށެވެ.

"ޕެޓްރޯލު ގުދަނެއްގަ ރޯވިއްޔޯ..." ނައިނާ ވާހަކަ ދެއްކީ ސިއްރުންނެވެ.

"ކޮން އިރަކު؟... ކާކުގެ ތަނެއް؟... ބައްޕަގެ ތަ؟..." އަނަމްގެ ދެލޯ ބޮޑު ވިއެވެ. ފުލުފުލުގައި އެތައް ސުވާލެއް ކޮށްލައިފި އެވެ.

"އުހުނ، އެއްކަލަ ހަސަންބެގެ ތަނޯ... ރޭ ދަންވަރު ވީ ކަމެއް... އަހަންނަށް ވެސް އެނގުނީ މިގެއަށް ދެންމެ އައީމަ... އާނީ ބޮޑުދައިތަމެންގެ ގެ ހުންނަނީ އެތާ ކައިރީގަ އެއްނު..." ނައިނާ ބުންޏެވެ.

އަނަމް ބޯ ޖަހައިލި އެވެ.

"ބަޔަކު ރާވައިގެން ކުރި ކަމެކޭ މީހުން ކިޔަނީ..." ނައިނާ އޭނައަށް އެނގޭ މިންވަރުން އިތުރު ތަފުޞީލު ދިނެވެ.

********

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަހިނގައި ހުރި ރާވިންގެ ނަޒަރު އަމާޒުވެފައިވީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ރިންގްވަމުންދިޔަ އެ ފޯނު ނަގަން އޭނަގެ ޒަމީރު ދެކޮޅު ހަދަމުން ދިޔަ އެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ، ދެވަނަ ފަހަރަށް ރިންގްވާން ފެށުމުންނެވެ.

"ހުރިހާ ކަމެއްވެސް ބުނިގޮތަށް ފުރިހަމަ ކުރިން..." ފޯނު ނެގި ގޮތަށް ރާވިން ޖަވާބު ދިނެވެ.

(ނުނިމޭ)

ކޮމެންޓް 0