އައިވަން ބޯ ހޫރާލި އެވެ. އޭނަ އަތުގެ އިޝާރާތުން ދައްކައިލީ އަނަމްގެ ބުރަކައްޓެވެ. އައިވަން އެބުނީ ބުރަކަށީގައިވާ ނިޝާންތަކުގެ ވާހަކަ ކަން އެނގުމުން، އަނަމްގެ މުޅި މޫނު ލަދުން ރަތްވެގެން ދިޔަ އެވެ. އެ ދުވަހު އައިވަންއަށް އޭނަގެ ހަށިގަނޑު ފެންނާނޭ ކަން އެނގުމުންނެވެ.

********

އަނަމްގެ ހިތުގައިވާ އެއްޗެއް އައިވަންއަށް އެނގުނު ކަހަލަ އެވެ.

"ހާސްނުވޭ... އަހަރެން ނުބަލަން...." އައިވަން އަވަސް އަވަހަށް ބުންޏެވެ.

އައިވަން އެހެން ބުނުމުން އަނަމް އަދި މާ ބޮޑަށް ލަދު ގަތެވެ. ބުނެވުނު އެއްޗެއްގެ މޮޔަކަން އައިވަންއަށް އިހުސާސްވީ، އަނަމް އޭނާގެ މޫނު ދުރަށް އަނބުރައިލުމުންނެވެ. އޭނަ އަވަހަށް ތެދުވެ، އަނަމްއަށް ފުރަގަސް ދިނެވެ.

"ދަނީތަ؟..."

އަނަމްގެ ޖުމްލަ އަޑު އިވިފައި ކުރިއަށް ހިނގައިގަތް އައިވަންގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ހޫމްމް.." ފަސްއެނބުރި ބަލައިލުމެއްނެތި، އައިވަން ބުންޏެވެ.

"ކީއްވެ؟..." އަނަމްއަށް އަހައިލެވުނީ ޝަކުވާގެ ރާގަކަށެވެ.

އެތައް ދުވަހަކަށްފަހު ބައްދަލުވުމުން، އޭނަ އައިވަން އާއި ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް ހުއްޓެވެ. އެކަމަކު އައިވަން ބަލައިލި ގޮތުން، އޭނައަށް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓާލަން މަޖުބޫރު ކުރުވައިފި އެވެ.

"އަހަރެންގެ ވާހަކަ ނުވެސް ނިމެނީސް..." އަނަމް އެ އިންގޮތަށް އިނދެ ވާހަކަ ދެއްކީ، އަމިއްލަ ނަފުޞަށް އިވޭ ވަރަށެވެ. ފަހަރެއްގައިވެސް އައިވަންއަށް އަޑު އިއްވުމުގެ މަޤުޞަދުގައި ނޫނެވެ.

"ކިޔާ..." އަނަމްގެ ޖުމްލަ ނުނިމެނީސް އައިވަން ބުނެލައިފި އެވެ.

"ވަޓް؟..." އަނަމް ސިހުނެވެ. ބިރެއް ފެނުމުން ބަލާހެން އައިވަންއަށް ބަލައިލި އެވެ.

"ކީއްވެ އިވުނީ؟..." ހާސްވީ ވަރުން އަނަމްއަށް ކުރެވުނީ މޮޔަ ސުވާލެކެވެ.

ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އައިވަން އޭނާގެ ކަންފަތުގައި އިނގިލި ޖައްސައިލި އެވެ. އޭނައަށް އަޑު އިވުނީ ކަންފަތް ސަލާމަތުން އިނުމުން ކަމުގައި ބުންޏެވެ. އަނަމްއަށް އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.

"ކިޔަންއުޅޭ ވާހަކަ ނިންމާލަންވީނު..." އިރުކޮޅަކު އަނަމްއަށް ބަލަން ހުރެފައި އައިވަން ބުންޏެވެ.

އަނަމް އޭނާގެ ދެ ތުންފަތް ފިތައިލި އެވެ. އައިވަން އޭނައަކީ ކާކު ކަން ސިއްރު ކުރަން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އެހާ ދުވަސްކޮށްފައި ބައްދަލުވުމުން ވެސް، އައިވަންގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ނުފެނެ އެވެ. އެވަރުން ނުވެގެން އެ މަސައްކަތް ކުރަނީ އޭނަ ދެރަކޮށްލައި، ލަދުގަންނުވައިލާށެވެ.

"ނެތިއްޔާ ދަނީ..." ފިކުރެއްގެ ތެރޭގައި އިން އަނަމްގެ މޫނަށް ބަލަން ހުރެފައި އައިވަން ބުންޏެވެ.

ދޮރާއި ދިމާއަށް އެނބުރިފައި އައިވަންއަށް އަޅައިލެވުނީ އެންމެ ފިޔަވަޅެކެވެ. އަނަމް އައިސް ކުއްލިއަކަށް އޭނަގެ އަތުގައި ހިފަަހައްޓައިފި އެވެ.

"މަޑުކޮށްބަލަ..." އަނަމް ބުންޏެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު، އައިވަންގެ ދެލޮލުން ކަރުނައިގެ އަސަރު އަނަމްއަށް ފެނުނެވެ. ޖަވާބު ނޭނގުނު ނަމަވެސް، އެ ކަރުނަ ފެނުމުން، އޭނަގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އައިވަންގެ ހިތުން ވެސް އޭނައަށް ޚާއްޞަ ކަމެއް ދެވިފައި ވަނީ ކަމުގައި ޤަބޫލު ކުރެވުމުންނެވެ.

"ހަމަ އެންމެ ސުވާލެއްގެ ޖަވާބު ދީފަ ދޭ... ޕްލީޒް!..." އަނަމް އާދޭހާއިއެކު އެދުނެވެ.

އަނަމް އޭރުވެސް ހުރީ އައިވަންގެ އަތުގައި ހިފާލައިގެންނެވެ. ދެލޯ ކަރުނުން ފުރެން ފެށުމުން، އޭނައަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. އެންމެ ސިކުންތު ކޮޅަކަށް ވެސް އައިވަންގެ ދެލޮލުން ނަޒަރު ވަކިކޮށްލަން ބޭނުން ނުވާތީ، އޭނަ ހުރީ އެސްފިޔަ ޖަހައިލަންވެސް ބޭނުން ނުވެފަ އެވެ.

"އެންމެ ފަހަރަކުވެސް ބުނެބަލަ ތީ ސުޕަމޭން އޭ... އޭރުން އަހަރެން އުނދަގުލެއް ނުކުރާނަން... ކުރަން ތިއުޅޭ ކަމަކަށް ހުރަހެއްވެސް ނާޅާނަން... މިއަތުން އަހަރެން މަރާލިޔަސް..." އަނަމްގެ ވާހަކަ އެހިސާބަށް ދިޔަ ތަނައި، އައިވަން އަނަމްގެ އަނގަމަތީގައި އަތް އަޅައި، އެވާހަކަ ހުުއްޓުވައިފި އެވެ.

އަނަމްގެ ލޮލުން ވެއްޓުނު ކަރުނަތިކި އައިވަންގެ އަތުގައި ބީހިލީ ވެސް އެވަގުތު އެވެ. އައިވަންއަށް ހިންދިރުވައިލެވުނެވެ. އެ ހުރިހާއިރު ހިފަހައްޓައިގެން ހުރި ޖަޒުބާތުތައް އެ އަންހެންކުއްޖާގެ ކުރިމަތީގައި ބޭޒާރުވެގެން ހިނގައިދާނެ ކަމުގެ ބިރު އެ ހިތުގައި އުފެދުނެވެ.

"ކީއްވެތަ އަހަރެންދެކެ ބިރު ނުގަންނަނީ؟..." އައިވަން އަހައިލީ ގޮތް ހުސްވެފައިވާ ކަހަލަ ރާގަކަށެވެ. "އަނަމްއަށް ތި ހުރިހާ ކަމެއް ކުރިމަތި ވަނީ އަހަރެންގެ ސަބަބުންނެއް ނޫންތަ؟... ދެން ކީއްވެ؟...."

އަނަމް ދެފަރާތަށް ބޯ ހޫރާލި އެވެ. އެއީ ކުރިމަތިން ފެންނަމުންދާ ޙަޤީޤަތް ނަމަވެސް، އެ ޙަޤީޤަތް ގަބޫލު ކުރާކަށް އޭނަ ބޭނުމެއް ނުވެ އެވެ. އައިވަން އަކީ އެހާ ގޯސް މީހަކަށް ނުވާނެ އެވެ. އެކަން ކުޑައިރުވެސް އައިވަން ވަނީ އެކަން ކިތަންމެ ގޮތަކުން ސާބިތު ކޮށްދީފަ އެވެ.

"ލުކް އަނަމް!... އަހަރެންގެ ނަމަކީ، އައިވަން... ސުޕަމޭންއެއް ނޫން..." އަނަމްގެ އަތް ނައްޓުވައިލަމުން އައިވަން ބުންޏެވެ.

އަނަމް ބަލަހައްޓައިގެން ހުއްޓައި، އައިވަން ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ. ގަބުވެފައި ހުރި އަނަމް، ދެކަކޫ މައްޗަށް ތިރިވިއިރު، ގިސްލެވެން ފަށައިފި އެވެ. އައިވަން އެހާ ބަދަލުވީ ކީއްވެ ހެއްޔެވެ؟ ކޮންމެވެސް ބޮޑު ސަބަބެއް ފޮރުވިފައިވާނޭ ކަން ޤައިމެވެ.

"އެދުވަހު ގޮތަށް މިއަދު އަހަރެން އުއްމީދު ގެއްލުވައެއް ނުލާނަން..." އަނަމް ހިތާއިހިތުން އަޒުމު ކަނޑައެޅި އެވެ.

********

އައިވަން ދިޔައިރު، އަޒާން އިނީ، ދެފައި ނަގައި މޭޒުމައްޗަށް ލައިގެންނެވެ. ގޮނޑީގައި ރަނގަޅަށް ލެނގިލައިގެން އިންއިރު، އަނގަޔަށް ލާފައިވާ ގަލަން، ބޯމެޓައެއް ހެން ބޯލަ ބޯލާ އިނެވެ. ކުޑަ ކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ. ދޭތެރެއަކުން އެކަނިމާއެކަނި ވާހަކަ ދައްކަމުން ދިޔައިރު، ހީވަނީ ހަމަ އަސްލުވެސް އެތަނުގައި މީހަކު އިން ހެންނެވެ.

އައިވަންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ލުއި ހިނިގަނޑެއް ޖަހައިލަމުން އޭނަ ގޮސް އަޒާންގެ ބުރަކަށީގައި ޖަހައިލި އެވެ. ސިއްސައިގެން ދިޔަ ގޮތަށް އަޒާން އޭނާގެ އަނގައިގައި އޮތް ގަލަން ބުރުވައިލި އެވެ.

"ސޮރީ ސަރ!..." އަޒާން ހުރީ ކަންތައް ކުރެވުނު ގޮތުން ލަދުގަނެފަ އެވެ.

އައިވަންގެ ނަޒަރު އިސްކުރީނަށް ހުއްޓުމާއިއެކު، މޫނުމަތީގެ ކުލަވަރު ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. މަޖާގޮތް ކެނޑި، މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ އެވެ. ކޮމްޕިއުޓަރުގެ އިސްކުރީނުން ފެންނަމުން ދިޔައީ، އަނަމް އާއި ރާވިން އެކުގައި ތިއްބާ ނަގާފައިވާ ތަސްވީރު ތަކެކެވެ. އެއީ، ރާއްޖޭގައި ނަގާފައިވާ ތަސްވީރު ތަކެކެވެ. ފަހަރަކު ތަސްވީރެއް ކައިރިކޮށްގެން ބަލަމުން ދިޔައިރު، އައިވަންގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.

"ސަރ!... މީ އަޅުގަނޑު ބުނި، އެއްޗަކީ..." ކުރީގެ ވާހަކައަށް އަލި އަޅުވައިލަމުން އަޒާން ބުންޏެވެ.

"މީ ކޮންތާކުން ކިހިނެއް ލިބުނު ފޮޓޯތަކެއް؟..." އައިވަންގެ ހާސްކަން ފިލައިގެން ނުދިޔަ އެވެ.

"މީ އެ ސިޓީއުރައިގަ ހުރި އެއްޗެހި..." އަޒާން ޖަވާބު ދިނެވެ.

އައިވަން ވިސްނަން ހުއްޓެވެ. ދެން ކުއްލިއަކަށް މާކަރު ހިފައިގެން ގޮސް، ބޯޑުގައި އެއްޗެހިތަކެއް ލިޔަން ފެށި އެވެ. އަޒާން ހައިރާންވެފައި ބަލަން ހުއްޓެވެ. އައިވަން އެތަނުން ދުރަށްޖެހިލިއިރު، ބޯޑުގައި އެކި މީހުންގެ ނަން ލިޔެ ބޮޅު އަޅާފައި ހުއްޓެވެ. އޭނަ ކުރުގޮތަކަށް އަނަމްގެ ހާދިސާވެސް އަޒާންއަށް ކިޔައިދިނެވެ.

"މި ހުރިހާ ކަމެއްގެ ފަހަތުގަ ހުރި މީހަކީ މީ..." އެންމެ މަތީގައިވާ ނަމުގައި މާކަރު ޖައްސައިލަމުން އައިވަން ބުންޏެވެ.

"ޝާކިރު..." އަޒާން ކިޔައިލި އެވެ.

އަޒާންވެސް ސިހިފައި އައިވަންގެ މޫނަށް ބަލައިލި އެވެ.

"އެހެންވީމަ، އަމިއްލަ ދަރިފުޅު ކިޑްނެޕްކުރީ، ޝާކިރު؟..." އަޒާންގެ ދެލޯ ބޮޑުވި އެވެ. "އެކަމަކު ކީއްވެ؟..."

"އާނ!... އެމީހަކީ ޝާކިރު..." އައިވަން ޖަވާބު ދިނެވެ. "ރާވިން ގެއްލުމާ، ޝާކިރުގެ ދަރިފުޅު ގެއްލުމާ، މި ފޮޓޯތަކުން ހެކިދެނީ ކޮން ކަމަކަށް؟..."

"އޭގެ މާނައަކީ، އަނަމް އުޅުނީ، ރާވިން އާ ގުޅިގެންނޭ... ނޫނީ، އަނަމް ރާވިން ޔޫސް ކުރީ ކަމަށްވެސް ވެދާނެ، އޭނަގެ ބައްޕަގެ މުދާތަކުގެ ބޭނުމުގަ... އެކަން އެނގި، ޝާކިރު ބޭނުންވީ އޭނަގެ ދަރިފުޅުވެސް..." އަޒާންއަށް ބުނެވުނީ އެހިސާބަށެވެ.

އައިވަން ވަރަށް ބާރަށް ހިނގާފައި އެތަނުން ނުކުތެވެ. އޭނަ އެދިޔަ ބާރުމިނުގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި މައްޗަށް އަރައިގެން ދިޔަ އެވެ. އެތެރެއަށް ވަން ހުދާ އާއި ފައްޔާޒަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އެ ދެމީހުން އަވަސްވެގަތީ އަޒާންގެ ކައިރިން ވީގޮތް އޮޅުންފިލުވާށެވެ.

********

ދަންވަރުގެ ވަގުތެވެ. މަގުތައްމަތީން ފެންނަމުން ދިޔައީ ފަޅުކަމެވެ. ދޭތެރެއަކުން ދުރުން ގޮވައިލާ ކުއްތާއެއްގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެ އެވެ. ގެއެއްގެ ދޮރެއް ހުޅުވައިލި އަޑު އިވުނެވެ. ކިޔައިގެން ދިޔައީ ކުރަކި އަޑެކެވެ. ދޮރު ލެއްޕުނު އަޑަށްފަހު، ދެން އިވެން ފެށީ، އެއްޗެއް ބިންމަތީގައި ކޭއްތެން ފެށުމުން ގޮވާ ޒާތުގެ އަޑެކެވެ.

"އަން މޫސާ!... މިހާރު މި ޖެހުނީ ކަލެޔާ..." އިވުނީ ފިރެހެނެއްގެ އަޑެވެ. އެމީހާ ވާހަކަދެއްކީ، އިނގިރޭސި ބަހުންނެވެ.

މަގުމަތީގައި ހުރި މީހާ ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް ދިޔަ އެވެ. އޭނަގެ ނަޒަރު ވާހަކަ ދެއްކި މީހާއިން ފެށިގެން އެމީހާގެ ކައިރީގައި އޮތް އެއްޗަކަށް ހުއްޓުނެވެ. އެއީ އެއްވެސް ދިރުމެއް ނެތް އިންސާނެއްގެ މަސްގަނޑެކެވެ. އަނިޔާގެ އެތައް ނިޝާނެއް ހަށިގަނޑުގައި ވިއެވެ. މޫނު އޮތީ ކާކުކަން ނޭނގޭ ވަރަށް ޗިސްކޮށްލާފަ އެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން، މޫސަ ގުދުވެލައިފި އެވެ. ބިންމަތީގައި އޮތް މީހާގެ ދެއަތުގައި ހިފައި، ހިނގައިގަނެވޭ ވަރަށް އުފުލައިލި އެވެ. މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރާއި ދިމާއަށް އޭނަ ހިނގައިގަތީ، ދެކޮޅު ހޯދައި ބަލައިލުމަށް ފަހުގަ އެވެ. މޫސައަށް ދެވުނީ މަގުގެ މެދާއި ހަމައަށެވެ. ފުލުހުންގެ ވެހިކަލުގެ އަޑު އިވުނެވެ. ހަރަކާތްތައް ކިތަންމެ އަވަސްކޮށްލި ނަމަވެސް ފުލުހުން އައުމުގެ ކުރިން ކުރަން އުޅުނު ކަންތައް މޫސައަށް ނިންމޭގޮތެއް ނުވި އެވެ.

"ހޭންޑްސް އަޕް..." ފުލުހަކު ގޮވައިލި އަޑު އިވުނެވެ.

މޫސަ އޭނަގެ އަތް މައްޗަށް ހިއްލައިލީ، ފުލުސްމީހާ ދެތިން ފަހަރަކު އެ ޖުމްލަ ތަކުރާރު ކުރުމުންނެވެ. ކާރުން ފައިބައިގެން ފުލުހަކު އަންނަން ފެށުމުން، މޫސަގެ ހިތް ރޫރޫ އަޅައިގަތެވެ. ދެން ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އެހެނަސް، ހިތް އެދި ގޮވީ، އަވަހަށް އެތަނުން ދުވެ ފިލުމަށެވެ. އެ ހުރިހާ ފިކުރުތަކެއްގައި އޭނަ ހުއްޓާ، ފުލުސްމީހާ ގޮސް، ކުރިމަތީގައި ހުއްޓިލައިފި އެވެ. އެ ނަޒަރު އަމާޒުވެފައިވީ، މޫސަގެ ކައިރީގައި އޮތް ފުރާނަ ނެތް މަސްގަނޑަށެވެ.

"މީ ކޮންކަމެއް؟..." އަތުގައި އޮތް ދަނޑިބުރިން، މަރާލާފައި އޮތް މީހާގެ ގައިގައި ޖައްސަމުން، ފުލުސްމީހާ ސުވާލު ކުރީ، ހަރުކަށި ރާގަކަށެވެ.

********

އައިވަން އޭނާގެ ކޮޓަރިން ނުކުތީ ދެލޮލަށް ނިދި ނައިސްގެންނެވެ. އަނަމް އާއި ރާވިން އެކުގައި ނަގާފައިވާ ތަސްވީރުތަކުން އޭނަގެ ހިތަށް އުނދަގޫ ގޮތްތަކެއް ވަނީ އެވެ. އެ ދެމީހުންގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އަނެއްކޮޅުން އަނަމްއަށް އޭނަ ރަހީނު ކުރީ އަމިއްލަ ބައްޕަ ކަން އެނގުމުން، ވާނެ ގޮތަކާއި މެދު ވިސްނުމުން، ސިކުނޑި ސުމަކަށް ދިޔަ އެވެ.

އަނަމްގެ ކޮޓަރި ދޮރުމަތީގައި އައިވަން އެތައް އިރަކު ވިސްނަން ހުއްޓެވެ. އޭނަ މަޑުމަޑުން އެތެރެއަށް ވަނެވެ. އެނދުގައި އޮތް އަނަމްއަށް ނިދިފައި އޮތްތޯ ޔަޤީން ކުރުމަށް އޭނަ އެނދާއި ކައިރިއަށް ޖެހިލި އެވެ. ކުޑަކޮށް ގުދުވެ، އަނަމްގެ މޫނަށް ބަލައިލީ، އަނަމް ހޭލާ އޮތްހެން އޭނައަށް ހީވުމުންނެވެ.

އަނަމް ކުއްލިއަކަށް ދެލޯ ހުޅުވައިލި އެވެ. އައިވަން ސިހިފައި ހަދާލެވުނު ގޮތަކުން، އޭނަ ވެއްޓެން ދިޔައީ، އެނދުގައި އޮތް އަނަމް އާއި ދިމާއަށެވެ. ވެއްޓުނު ވަގުތު އައިވަންގެ ހަށިގަނޑު ޖެހުނުލެއް ބާރުކަމުން، އަނަމްއަށް ރަނގަޅަށް ނޭވާވެސް ނުލެވުނެވެ. އޭނައަށް ހަމަހޭވެރިކަމެއް ވީވެސް، އައިވަން އޭނަގެ ދެއަތުގެ ބާރުގައި ހަށިގަނޑު ކުޑަކޮށް އުފުލައިލުމުންނެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވި މަދު ވަގުތުކޮޅު އެތައް ވާހަކަތަކެއް ބުނެދިނެވެ. އެކަކު އަނެކަކަށް ބަލަން ތިބިއިރު، އިހުސާސް ކުރެވުނު ތަދުގެ މަތީންވެސް ދެމީހުން ހަނދާން ނެތުނު ކަހަލަ އެވެ.

(ނުނިމޭ)

ކޮމެންޓް 0