ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަހިނގައި ހުރި ރާވިންގެ ނަޒަރު އަމާޒުވެފައިވީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ރިންގްވަމުންދިޔަ އެ ފޯނު ނަގަން އޭނަގެ ޒަމީރު ދެކޮޅު ހަދަމުން ދިޔަ އެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ، ދެވަނަ ފަހަރަށް ރިންގްވާން ފެށުމުންނެވެ.

"ހުރިހާ ކަމެއްވެސް ބުނިގޮތަށް ފުރިހަމަ ކުރިން..." ފޯނު ނެގި ގޮތަށް ރާވިން ޖަވާބު ދިނެވެ.

********

"ހުރިހާ ކަމެއް ފުރިހަމަވިނަމަ، ކަލެޔަށް މިކޯލެއް ނުލިބުނީސް..." ފޯނުގެ އަނެއްކޮޅުން އިވުނީ ބަރު އަޑެކެވެ.

ރާވިންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އޭނަ ހުރީ ބުނާނެ އެއްޗެއް ވިސްނައިލަން މަޖުބޫރު ވުމުންނެވެ.

"އެވަރުގެ ކަމެއް ކުރާކަށް އަހަންނަކަށް ނުކެރޭނެ... އެކަން ކުރަން ކޮންމެވެސް އެހެން މީހަކު ހޯދާ..." ހަރުކަށިކަން ދައްކަން އުޅުނަސް ރާވިންއަކަށް އެކަމެއް ނުކުރެވުނެވެ. އޭނައަށް އެ ޖުމްލަތައް ބޭރު ކުރެވުނީ ވަރަށްވެސް އުނދަގުލުންނެވެ.

"އެޔޯ؟... މުޅި މާލޭގަ ހުޅުޖަހަން ކެރޭއިރު، އަންހެނެއްގެ ގައިގަ ހުޅުޖަހަން ނުކެރެނީ؟..." އިވުނީ އެމީހަކު ހީގަތް އަޑެވެ. މަލާމާތާއި ނަފުރަތު އެކުލެވޭ އެ ހިނިގަނޑުން އެކަނިވެސް، ރާވިންގެ ހިތް އަވަސްވެއްޖެ އެވެ. "އެންމެ އަންހެނެއްތަ ކަލެޔަށް މުހިއްމީ؟... ކަލޭގެ އަމިއްލަ އާއިލާ ޔޯ؟..." އެމީހާ ވާހަކަ ދެއްކީ އިންޒާރެއް ދޭފަދައިން، ހަރުކަށި ރާގަކަށެވެ.

ރާވިންއަށް ހިންދިރުވައިލެވުނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހިންދައިލުމުގައި ކާމިޔާބު ހޯދުނު ނަމަވެސް، އޭނަ ހިތް ކަރުނައަޅައި ރޮއެގަތެވެ. ކަރަށް މެހިފައިވާ ވާގަނޑު ދުވަހަކުވެސް ދަމައިގަނެވިދާނެ ކަމަކަށް އޭނައަކަށް ޤަބޫލެއް ނުކުރެވުނެވެ.

"ހެޔޮނުވާނެ... އަހަރެން ލައްވާ އެކަން ނުކުރުވާ... އެހެން ކޮންމެ ކަމެއްވެސް ކޮށްފާނަން... ކުށެއް ނެތް އެ އަންހެން ކުއްޖާއަކަށް ގެއްލުމެއް ނުދެވޭނެ..." ރާވިންގެ އާދޭހުގެ ޖުމްލަތައް ބޭރުވީ، މަޑު އާޙެއްގެ އަޑާއި އެކުވެގެންނެވެ.

"ކުށެއް ނެތް އަންހެން ކުއްޖެކޭ؟...." އަނެއްކާވެސް އެމީހަކު ހީގަތެވެ. "ބަލަ އަނަމްއަކީ އަހަރެންގެ ކުރިމަގަށް އެޅިފައިވާ ހުރަހެކޭ... ކަލެޔަށްވެސް ހުރި ނުރައްކަލެއް... އެނގޭތަ، ހުރިހާ ކަމެއް ފަޅާއަރާ ދުވަހު ކަންތައް ވާނެ ގޮތް؟... އޭނ... ކަލެޔަށް ޖެހޭނީ އެކަން ކުރަން... އެހެން ނޫނީ، އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކަލެޔަށް..." އެމީހާ އިންޒާރު ދިނެވެ. "ގޭގެ ކަބަޑުތެރޭ އޮންނާނެ ސިމެއް... މިވަގުތުން ފެށިގެން ގުޅައިގެން ތިހުރި ސިމް ބޭނުން ކޮށްގެން ނުވާނެ..."

ފޯނު ކޯލު ނިމުނުއިރު، ރާވިން ހުރީ ދާހިއްލާ ފޯވެފަ އެވެ. ގޮށްމުށުން އަތުގެ ދެތިން ހަމަލާއެއް ފާރަށް އަމާޒުކޮށްލެވުމުން ވެސް އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނަގެ މުޅި ދުވަސް ޚަރާބު ވީއެވެ. ބެދިފައިވާ މަޅިން ސަލާމަތް ވާނެ އެއްވެސް ގޮތެއް ނެތެވެ. މަޖުބޫރުން ކޮންމެ ކަމެއް ކުރި ނަމަވެސް، ހުރިހާ ހެއްކެއް ހުރީ އޭނަ އާއި ދެކޮޅަށެވެ.

********

ކޮޓަރިއަށް ވަން ގޮތަށް އަނަމްއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ދެތިން ހަތަރު މީހަކު ގުޅާފައި އޮތެވެ. އޭގެ ތެރެއިން ވެސް އޭނަގެ ނަޒަރު ހުއްޓުނީ "ނުދަންނަ މީހާ" ޖަހާފައިވާ ނަންބަރުގަ އެވެ. އެއީ ރާވިންގެ ނަންބަރު އޭނަ އެ ފޯނުގައި ރައްކާކުރި ގޮތެވެ.

އަނަމް ދެތިން ފަހަރަކު އެ ނަންބަރަށް ގުޅި އެވެ. ފޯނު އޮތީ ނިވާލާފަ އެވެ. އިރު އޮއްސުނު އިރުވެސް އެ ފޯނު ނުހުޅުވާ ކަން އެނގުމުން، އޭނަ ކަންބޮޑު ވިއެވެ. ނުދަންނަ ނަންބަރަކުން ގުޅަން ފެށީ، އޭނަ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިންދަ އެވެ.

"ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ކަނީ... ފަހުން ގުޅުއްވާލައްވާ..." އަނަމް ހީކުރީ ނައިނާ ކަމަށެވެ.

އިވުނީ ފިރެހެނަކު ހީގަތް އަޑެވެ. އަނަމް އޭނާގެ ދެލޯ ބޮޑުކޮށްލަމުން ފޯނުގެ އިސްކުރީނަށް ބަލައިލި އެވެ. ގުޅާފައި އޮތީ ނުދަންނަ ނަންބަރަކުން ކަން އެނގުމުން އޭނަ ހާސްވެގެން ތެޅިފޮޅިގަތެވެ.

"އަހަރެން މިހުރީ އަދި ނުކައި... ކާއެއްޗެއް ދޭންވީނު..." ރާވިންގެ އަޑު އިވުމުން، އަނަމް ދިޔައީ ސިއްސައިގެންނެވެ.

ކައިކައި އިނދެފައި ކޮށި އެރިގޮތަށް ދެލޮލުން ފެން އަންނަވަރު ވިއެވެ. ނަސްމާ ކަންބޮޑުވެގެން އަނަމްގެ ބުރަކަށީގައި ޖަހަމުން ދިޔަ އެވެ. ޝާކިރުވެސް ހާސްވެގެން އަނަމްގެ ކައިރިއަށް ފެންތައްޓެއް ޖައްސައިދިނެވެ.

އަނަމް ހަމައަކަށް އެޅުނުއިރު އޭނަގެ ކެއުން ހަލާކުވެއްޖެ އެވެ. އެންމެ އެތިކޮޅެއްވެސް ކެވޭވަރު ނުވެގެން ފެންތަށި ބޯލައިގެން އޭނަ ގޮސް ވަނީ ކޮޓަރި އަށެވެ. އޭރުވެސް ރާވިން އެ ފޯނު ކަނޑައެއް ނުލަ އެވެ.

"ތީ ކޮން ކަމެއްތަ؟..." ފޯނު ކަންފަތުގައި ޖައްސައިލަމުން އަނަމް ވާހަކަ ދެއްކީ ނުރުހިފަ އެވެ.

"ކިހިނެއްވީ؟... ގުޅުމަކީ މައްސަލައެއްތަ؟..." ރާވިން ވެސް ކުރީ ސުވާލެކެވެ.

"ނުގުޅައްޗޭ ދެން..." އަނަމް އެދުނެވެ.

"ކީއްވެ؟..." ރާވިން ސުވާލު ކުރި އެވެ.

"ވާހަކަ ދައްކާ ހިތް ނުވާތީނު..." އަނަމް ދިނީ ފަރުވާކުޑަ ޖަވާބެކެވެ.

"ކަމަކުއޭ މިގުޅީ... އަހަރެން އެބަ އޮތް އަނަމް ކައިރީ ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންވެފަ... އެކަމަކު ފޯނަކުން ނޫން... ކިހިނެއް ބައްދަލު ވާނީ؟..." ރާވިން އަހައިލި އެވެ.

"ތީ ފިރެހެނުން ޖައްސާ ސްޓަންޓެއް... ބޭނުމެއް ނޫން ތިބުނާ ވާހަކައެެއްް އަޑު އަހާކަށް..." އަަނަމް ބުންޏެވެ.

"އަނަމްގެ ފުރާނަ އާ ގުޅިފައިވާ ކަމެކޭ ބުނެފިއްޔާ؟..." އަނަމް ފޯނު ކަނޑާލައިފާނޭހެން ހީވުމުން ރާވިން އަހައިލި އެވެ.

"އެހެންވިއްޔާ ފޯނުން ބުނަންވީނު... އާކަމެއް ނޫނޭ ތީ..." އަނަމް ފޯނު ކަނޑާލި އެވެ.

ރާވިން އާއި އަނަމްގެ ފޯނުކޯލު އަޑުއަހަން އިން މީހާގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސް ކަމެވެ. ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ނެގިގޮތަށް އެ ހޫރާލައިފި އެވެ. މުށްކަވާލާފައިވާ ދެއަތުން މޭޒުގައި ޖަހަމުން އޭނަ ކޮޅަށް ތެދުވިއިރު، ދެ ދެ ތުންފަތް ވަނީ ފިތި ބާރުވެފަ އެވެ.

********

ދެ ހަފުތާ ފާއިތުވެގެން ދިޔައީ އަނަމް ހީކުރި ވަރަށްވުރެ އަވަހަށެވެ. ބޭރަށް ފުރަންޖެހޭ ދުވަސް އައިސް ޖެހުނުއިރު، އޭނަގެ ތަބީއަތު ބަދަލުވެއްޖެ އެވެ. އަބަދު ކޮންމެވެސް ކަމެއްގައި އުޅޭ އަނަމް ނެގިމަޑުވެފައި ހުންނަކަން ނަސްމާއަށް ފާހަގަ ވިއެވެ. ޝާކިރުގެ ކައިރީގައި އެވާހަކަ ދެއްކި ނަމަވެސް، ފަހުން ރަނގަޅުވާނެ ކަމުގައި ބުނެ އެކަން އޮއްބައިލަ އެވެ.

ހަވީރުގެ ވަގުތެވެ. ބާލުޚާނާއަށް ނުކުތް އަނަމްގެ ސިހުނީ އޭނަގެ ގެ ކުރިމަތީގައި ދެކޮޅަށް ހިނގަހިނގައި ހުރި ރާވިން ފެނުމުންނެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގެއިން ބޭރަށް ނުކުތެވެ. ފުރަތަމަވެސް ދެކޮޅު ހޯދައި ބަލައިލި އެވެ.

"އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބޭނުންވެގެން..." އަނަމް ފެނުމާއިއެކު ރާވިން ބުންޏެވެ.

"ދެން މިތަނަށްތަ އަންނަން ޖެހޭނީ؟..." އަނަމް ހާސްވެފައި އަނެއްކާވެސް މަގުގެ ދެފަރާތް ހޯދައިލި އެވެ.

އަނަމް ކުއްލިއަކަށް ރާވިންގެ އަތުގައި ހިފި އެވެ. ރާވިން ދިޔައީ ސިއްސައިގެންނެވެ. އޭނަ ހައިރާންވެގެން އަނަމްގެ މޫނަށް ބަލަން ހުއްޓައި، ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ގޯތިތެރެއަށް ވައްދައިފި އެވެ. އެވަރުން ވެސް އެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި ރާވިން ހުއްޓެވެ.

"ނޭނގޭތަ މީހުން ތިބޭނީ އަހަރެންގެ ކަމެއް ނުފެނިފަ ކަމެއް..." ރާވިންގެ އަތުން ދޫކޮށްލަމުން އަނަމް ވާހަކަ ދެއްކި އެވެ. "ހޫން... ދެން ކިޔާބަލަ..." ހަށަމް ބަނދެލަމުން އޭނަ ބުންޏެވެ.

"އަނަމް!... އަހަންނަށް ޙަވާލުކޮށްފަ އޮތީ އަނަމްގެ ފުރާނަ..." ރާވިންއަށް ބުނެވުނީ އެހިސާބަށެވެ.

ގޭތެރެއިން ނުކުތް ޝާކިރު ފެނިފައި ރާވިންގެ ދެލޯ ބޮޑުވެއްޖެ އެވެ. ޝާކިރު އެހިސާބަށް އައުމުގެ ކުރިން އޭނަ އަވަހަށް އެގެއިން ނުކުމެއްޖެ އެވެ. އަނަމް ގޮވާލި ނަމަވެސް އެ އަޑު ރާވިންގެ ކަންފަތާއި ހަމައަށް ފޯރިހެނެއް ހިއެއް ނުވެ އެވެ.

"ކާކު އެދިޔައީ؟..." ޝާކިރަށް ރާވިން ފެނުނީ ފުރަގަހުންނެވެ.

ދެކޮނޑު އަރުވައިލާފައި އަނަމް އަވަސްއަވަހަށް ގޭތެރެއަށް ވަނީ އެވެ. ޝާކިރުގެ ހިތުގައި ޝައްކުގެ އޮށެއް އިންދުނު ކަމެއް އޭނައަކަށް ކުޑަކޮށްވެސް ނޭނގުނެވެ.

********

ރޭގަނޑުގެ ވަގުތެވެ. ތައްޔާރުވެލައިގެން އަނަމް ބޭރަށް ނުކުތީ، ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުންނެވެ. ހިތާއި ދެކޮޅަށް އޭނަ ރާއްޖެއިން ބޭރަށް ދާން ނިންމީ ބައްޕަގެ ހުވަފެންތަކުގައި ކުލަ ޖައްސައި ދިނުމަށެވެ. އެންމެންނާއި ވަދާއީ ސަލާން ކޮށްފައި އޭނަ ނުކުތްއިރު، ވިއްސާރައިގެ ކުލަވަރު ދުނިޔެމަތީން ދައްކާލައިފި އެވެ.

"ދަރިފުޅާ ހުރިހާ އެއްޗެހި ހަމަވާނެތަ؟..." ކާރަށް އަރައި ހަމަޖެހިލަމުން ޝާކިރު ބުންޏެވެ.

އަނަމް ބޯ ޖަހާލި އެވެ. ޑްރައިވަރު ކާރު ދުއްވާލުމާއިއެކު ކާރުގެ ބިއްލޫރިގަނޑުން ދޮރުމަތީގައި ހުރި ނަސްމާ އަށާއި ނައިނާއަށް އޭނަ ބަލައިލި އެވެ. ފެންކަޅިވަމުންދިޔަ ދެލޯ ފުސްވެ، އެދެމީހުންގެ ސޫރަ އޭނައަށް ގެއްލިއްޖެ އެވެ.

އެއާޕޯޓާއި ހަމައަށް ދެވުނީ ވަގުތު ކުޑަތަންވުމުން ކަމުން، ބޭރުގައި މަޑުކޮށްލާނެ ވަގުތެއް ވެސް އަނަމްއަކަށް ނުވި އެވެ. އެކަނިވެރިކަމުން ހަތަރުފަރާތް ވަށައިލުމާއިއެކު އޭނައަށް ރޮވެން އުޅުނެވެ. އަނަމް ތެދުވެގެން ދެކޮޅަށް ހިނގަން ފެށީ އެ ނުތަނަވަސްކަމުން ދުރުވުމަށެވެ.

********

މަޑު ނޫކުލައިގެ ޖީންސަކާއި، ހުދު ޓީޝާޓެއްގައި އައިވަން ހުރީ، ކޮނޑުގައި ދަބަހެއް އަޅުވާލައިގެންނެވެ. އެއާޕޯޓުގެ ތެރެއަށް ވަދެގެން ދިޔައިރު، އެ ނަޒަރު އަތުގައި އޮތް ފޯނުން ވަކި ނުވެ އެވެ. އަންހެން ކުދިންގެ ކަތި ބެލުންތައް އަމާޒުވަމުންދިޔަ ނަމަވެސް، އެއިން ކަމަކަށް އޭނަގެ ފަރުވާލެއް ނެތް ކަހަލަ އެވެ.

އިއްތިފާޤުން އައިވަންއަށް ގޮސް މަޑުކޮށްލެވުނީ، އަނަމްގެ ފުރަގަހުގަ އެވެ. އޭރުވެސް އެ ނަޒަރު އަތުގައި އޮތް ފޯނުން ވަކި ނުވެ އެވެ. ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ހުރިއިރު، އޭނަ ދިޔައީ ކޮންމެވެސް މީހަކަށް ގުޅަން މަސައްކަތް ކުރަމުންނެވެ.

"ހާދަ ނުބައި ވަސް ދުވައޭ..." ގުޅަން މަސައްކަތްކުރި މީހަކު ފޯނު ނެގުމުން، އައިވަންގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

އައިވަން ވާހަކަ ދެއްކީ ފޯނުގެ އިސްކުރީނުން ފެންނަމުންދިޔަ ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އަށެވެ. އެއީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ނޫމާންގެ ހަމައެކަނި ދަރިފުޅެވެ. އެމީހުންގެ ދިރިއުޅުން އިންޑިއާއަށް ބަދަލު ކުރި ނަމަވެސް، އޭނަ ދޭތެރެއަކުން އެމީހުންނަށް ގުޅާ ހަދަ އެވެ.

އައިވަންގެ އަޑު އިވުމުން، އަނަމްއަށް ވަށައިގެން ބަލައިލެވުނެވެ. ފުރަގަސްދީގެން ހުރި އައިވަން ވާހަކަ ދެއްކީ، އޭނައަށް ކަމުގައި އަނަމް ހީކުރި އެވެ. އަމިއްލަ ގައިން ނުބައި ވަހެއް ދުވާތޯ އޭނައަށް ބަލައިވެސް ލެވުނު މެއެވެ.

"ތިހާ ބުޅި އިސްތަށިގަނޑެއްގަ ފުނާވެސް ނާޅަން ދޯ؟... ޗީޗީ ހަޑި ކުއްޖެއް..." އައިވަން ބުންޏެވެ.

އަނަމްގެ ދަތްތަކަށް ބާރުވެގެން ދިޔަ އެވެ. ދެއަތް މުށްކެވުނުއިރު، ރުޅިގަނޑު ފަޅައިގެންދާން ކައިރި ވަނީ އެވެ. ގަސްދުގައި އެ ޒުވާނާ އޭނައަށް ޖެއްސުން ކުރަނީ ކަމުގައި އޭނައަށް ޤަބޫލު ކުރެވުނެވެ.

ނޫމާން އޭނަގެ ދަރިފުޅުގެ އަތުން ފޯނު އަތުލި އެވެ. އޭނަ އެދުނީ ކޮންމެވެސް އެއްޗެއް ކިޔައިގެން ދަރިފުޅު ފެންވަރަން ފާޚާނާއަށް ވައްދައި ދިނުމަށެވެ. ދަރިފުޅު ލައްވައި މުހިއްމު ކަމެއް ކުރުވަން ބޭނުންވެއްޖެނަމަ، ނޫމާން އަބަދުވެސް، ކަންތައް ކުރާ ގޮތަކީ އެއީ އެވެ. އައިވަންގެ މޮޅެތި ޖުމްލަތަކުން އޭނަގެ ދަރިފުޅު ހައްދައިލަނީ މާ މޮޅަށެވެ.

"ފެންވަރައިގެންނޭ މީހުން ކުރިމައްޗަށް ނުކުންނަން ވާނީ... ހާދަ ނުބައި ވަސް ދުވައޭ... ޗީ..." ދިމާކުރާ ކަހަލަ ރާގެއްގައި އައިވަން ބުންޏެވެ.

އަނަމްގެ ކެތްތެރިކަން ކޮޅުންލި އެވެ. އޭނަ ފަސް އެނބުރިފައި ޒުވާނާގެ ބުރަކަށީގައި އިނގިލީގެ ކޮޅު ޖައްސައިލި އެވެ. ދެފަހަރަކު އިނގިލި ޖައްސައިލުމާއިއެކު، އައިވަން ފަސްއެނބުރި ބަލާލައިފި އެވެ.

ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނި، އައިވަންގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. ކޮންމެވެސް ތަނަކުން ދެކޭ މޫނެއް ވައްތަރު ޖެހި ނަމަވެސް، އޭނަގެ ހަނދާނަކަށް ނައެވެ. އަނަމްއަށް ބަލަހައްޓައިގެން އޭނައަށް އިރުކޮޅަކު ހުރެވުނެވެ. ދެ ތުންފަތް ފިތާލައިގެން ހުރި އަނަމް ދެބުމަ ގޮށްޖަހާލައިގެން ހުރި ގޮތުން، އޭނަ ހުރީ ވާނުވާ ނޭނގިފަ އެވެ.

އައިވަން ބަލައިލުމުން އަނަމް އޭނާގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ. އިޝްތިޚާރެއްގެ މަންޒަރެއް ކުޅެލާ ފަދައިން ވަށައިގެން އެނބުރިލިގޮތުން، އައިވަންގެ އިހުސާސްތައް ބަދަލުވާނެ ކަން ޤައިމެވެ. ދެފަރާތުން އިސްތަށިގަނޑު ގެނެސް ކުރިމައްޗަށް ވައްޓައިލަމުން، އަނަމް ކުރިއަށްވުރެ ވެސް ބޮޑަށް އައިވަން އާއި ގާތަށް ޖެހިލައިފި އެވެ. އަނަމްގެ އެ އަމަލުން އައިވަންއަށް ޖެހިލެވުނީ ފަހަތަށެވެ. އޭނަ އެއްފިޔަވަޅު ފަހަތަށް އެޅިއްޔާ އަނަމް ދެފިޔަވަޅު ކުރިޔަށް އަޅަ އެވެ.

އައިވަންގެ ދެލޯ ބޮޑުވަމުން ދިޔަ އެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާ ފޯވާން ފެށި އެވެ. އެވަރުންވެސް ހުއްޓާކަށް އަނަމް ގަސްދެއް ނުކުރި އެވެ. ކުރިއަށް ޖެހިލައި އައިވަން ލައިގެން ހުރި ޓީޝާޓު އަތުގެ ތެރޭގައި ބޮނޑިކޮށްލައިފި އެވެ. ދެން ކުއްލިއަކަށް ކައިރިއަށް ދަމާލިގޮތުން އައިވަންގެ ނޭވާ ހީވީ އެތެރެހަށީގައި ތާށިވި ހެންނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުޅެވުނީ ހުވަފެނެއްގެ ތެރޭގައި ހެން އޭނައަށް ހީވި އެވެ. އަންހެން ކުއްޖަކު އެހާ ގިނަ ބައެއްގެ ތެރޭގައި އެ އުޅެން ފެށި ގޮތަކުން އޭނަ ލަދުން ހަލާކު ނުވީ ކިރިޔާ އެވެ. އަނަމް ދުރު ކުރަން ބޭނުންވި ނަމަވެސް، އެ އަންހެން ކުއްޖާގެ ގައިގައި އަތްލާކަށް އޭނައަކަށް ނުކެރުނެވެ.

(ނުނިމޭ)

ކޮމެންޓް 0