އަނަމް ދިޔައީ އޭނަގެ ހިތަށް އައިހާ އެއްޗެއް އައިވަން އާއި ދިމާއަށް ކިޔަމުންނެވެ. ހުސްގަޔާ ހުރެ އެފަދަ ގޮތަކަށް އުޅެން އައިވަން ލަދުވެސް ނުގަންނަނީ ހެއްޔެވެ؟ އަނަމް އެތަނުން ތެދުވަންވެސް ނޭނގިފައި އޮއްވައި، އައިވަން އައިސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕައި ތަޅުލާފައި އޭނަ ދިޔައީ އެނދާއި ދިމާއަށެވެ. ދެލޯ މަރާލައިގެން އޮތުމުން، އައިވަން އައި ކަމެއް އަނަމް އަކަށް ނޭނގުނެވެ.

********

އައިވަން ގޮސް އޮށޯވެލުމާއިއެކު އަނަމް ސިހިފައި ބަލައިލި އެވެ. ދާދި ކައިރީގައި އޮތް އައިވަން ފެނުމުން، އޭނަ ފުންމައިގެން ތެދުވި އެވެ. ހިތާއި ހިތުން ކުދި ކިޔަމުން ދިޔަ އަނަމް އައިވަން އާއި ދިމާއަށް ބަލައިލީ ދެލޯ އަޅައިލަމުންނެވެ. އޭނަގެ ހިތަށް އެރި އެވެ. ހާދަހާ ގޮތެއް ނެތް ފިރެހެނެކެވެ. ހިލޭ އަންހެނެއްގެ ކައިރީގައި އެފަދަ ގޮތަކަށް އުޅެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

"ނުކުމޭ!... އެހެންނޫނީ..." އަަނަމް ހަޅޭއްލަވައިގަތެވެ.

ދެލޯ މަރައިގެން އޮވެފައި އައިވަން ބަލައިލި އެވެ. ވާނުވާ ނޭނގިފައި ކަހަލަ ގޮތަކަށް ބުމަ އުފުލައިލި ތަން ފެނި، އަނަމް އޭނާގެ ޖުމްލަ ތަކުރާރު ކޮށްލި އެވެ.

"ފަނަރަ ދުވަހޭނު ބުނީ... އޯކޭ ފައިން... އެކަމަކު، އަހަރެންގެ ވެސް ޝަރުތެއް އެބައޮތް..." އަނަމް ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ. "އަހަރެންގެ ގައިގަ އަތްލައިގެން ނުވާނެ... ބަލައި...ގެން ވެސް ނު..ވާނެ..."

ފަހު ޖުމްލަ ބުނިއިރު އަނަމްގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. އޭނަގެ މުޅި ހަށިގަނޑު އައިވަން ބަލާފައިވާކަން ހަނދާނަށް އައުމުން، ލަދުން މުޅި މޫނު ރަތްވާން ނެގީ ހިނދުކޮޅެކެވެ.

"އެހެންވިއްޔާ އަހަރެންގެ ވެސް އެބައޮތް ޝަރުތެއް..."

އައިވަން އެއް އަރިއަކަށްވާހެން އޮށޯވެލި އެވެ. ބޯދަށަށް އަތް ލައްވައި، އަތުގެ ބާރުގައި ކުޑަކޮށް ބޯ ހިއްލާލައިފި އެވެ.

"އަހަރެން އުޅޭ ތާކަށް ތި ކުއްޖާ އައިއްސިއްޔާ، އަހަރެން ބޭނުން ކަމެއް ކުރެވޭނެ... އޭރުން ހިނގާނީ އަހަރެންގެ ބާރު..." ކުއްލިއަކަށް އަނަމްގެ ކައިރިއަށް ޖެހިލަމުން އައިވަން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ.

އެއީ އައިވަންގެ ކޮޓަރި ކަން ހަނދާންވުމުން، އަނަމްގެ މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ. އަވަހަށް ދުވެފައި ގޮސް ކޮޓަރިން ނުކުތެވެ.

މަންޒަރު ބަލަން އޮތް އައިވަންގެ ތުންފަތުގައިވި ހިނިތުންވުން ފުޅާ ވިއެވެ. އަނަމްގެ އެ އަމަލުތަކުން އޭނަގެ ހިތަށް ބަޔާން ކުރަން ދަތި އުފަލެއް ލިބެމުން ދިޔަ އެވެ. އެނދުގައި ރަނގަޅަށް ޖައްސައިލަމުން، އޭނަ ދެލޯ މަރައިލި އެވެ. މާޒީގެ ހަނދާންތައް އައު ކުރަމުންނެވެ. އެ ހިތި މާޒީ އާއި ގުޅިފައިވާ ފޮނި ހަނދާން ތަކެއްވެސް ވެއެވެ. އޭނައަށް އެކަން އިހުސާސްވީ އަނަމް އަކީ ކާކު ކަން އެނގުމަށް ފަހުގަ އެވެ.

********

ދުވަމުންދިޔަ ރާވިންގެ ގައިގައި މާ ބޮޑު ހަކަތައެއް ނެތެވެ. ފަސްއެނބުރި ބަލަމުން ދިޔަގޮތުން، އޭނަގެ ފަހަތުން ބަޔަކު އަންނަކަން އެނގެ އެވެ. ރޭގަނޑުގެ ވަގުތުކަމުން ފިހާރަތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. ރާވިން އޭނަގެ އަތުގައި އޮތް ސިޓީއުރަ ފިހާރައެއްގެ ދޮރު ދަށުން އެތެރެއަށް ކޮއްޕައިލި އެވެ. އެއަށްފަހު މަޑުވެސް ކޮށްލުމެއްނެތި، ދުވެފައި ގޮސް ގޯޅި އަޅައިލި އެވެ.

ކުރިމަތީގައި ތިބި ހަތަރު ފިރެހެނުން ފެނި ރާވިން އެނބުރުނީ އަނެއް ފަރާތަށެވެ. ފަހަތުގައި ވެސް ދެމީހަކު ތިއްބެވެ. އެމީހުން ހީވަނީ ރާވިންގެ ފުރާނައަށް އެދި ފެންބޮވައިގަނެފައި ވާހެންނެވެ. ސަލާމަތް ވެވޭނެ ހުރިހާ މަގެއް އޭނައަށް ބަންދު ވީއެވެ. ގޮތް ހުސްވެ، ރާވިންގެ ހަށިގަނޑުގެ ހިއްވަރު އެލުނެވެ. ދެކަކޫ މައްޗަށް ތިރިވުމާއިއެކު، ދެފަރާތުގައި ތިބި މީހުން އައިސް އޭނަ އުފުލާލައިފި އެވެ.

********

ފުލުހުންގެ އިދާރާގައި އިން ނަސްމާ އަޑުން އަޑު ނަގައި ރޮނީ އެވެ. ކައިރީގައި ހިއްވަރު ދޭން މުނީފާ އިނެވެ. އެހެނަސް އެ ބަސްތަކުން ނަސްމާގެ ހިތަށް ލިބުނު ތަސައްލީއެއް ނެތެވެ. ލިބެމުން ދިޔައީ އިތުރު ހިތްދަތި ކަމެކެވެ.

"ބައްލަވާ!... އަޅުގަނޑުގެ ދަރިފުޅުގެ ޚަބަރެއް ނުވޭތޯ؟..."

ކައުންޓަރުގައި އިން ފުލުސްމީހާ ވާހަކަ ދައްކަމުންދިޔަ ފޯނުކޯލު ނިމުމާއިއެކު ނަސްމާ ސުވާލު ކުރި އެވެ. އޭނަ އިނީ ފެންކަޅިވެފަ އެވެ. ދޭތެރެއަކުން އަތުގެ ނުފުށުން ކަރުނަތައް ފޮހެލަ އެވެ.

"ކަންބޮޑުވެނުލައްވާ!... އަޅުގަނޑުމެން މިހާރު ތި މައްސަލަ މިދަނީ ލަންކާ ފުލުހުންނާ ޚިއްސާ ކުރަމުން..." ފުލުސްމީހާ ޖަވާބު ދިނެވެ.

ކުޑަ އިރުކޮޅެއް ފަހުން ފުލުސްކުއްޖަކު އައެވެ. ތަހުޤީޤަށް ބޭނުންވާ ބައެއް ސުވާލުތައް ކުރުމަށްޓަކައި ތަހުޤީޤު ހޯލަށް އައުމަށް ނަސްމާގެ ކައިރިން އެދުނެވެ. މުނީފާގެ ކައިރީގައި ދަބަސް ބައިންދާފައި ނަސްމާ އެތެރެއަށް ވަނެވެ. މާގިނައިރެއްނުވެ، ނަސްމާގެ ފޯނު ރިންގްވާން ފެށި އަޑު އިވުނެވެ. ތަނުގެ ހަމަހިމޭންކަން ގެއްލުނެވެ. ދަބަހުގެ ތެރެއިން އެ ފޯނު ނަގަން މުނީފާއަށް މަޖުބޫރު ވިއެވެ. އިސްކުރީނަށް އަރާފައިވާ ޝާކިރުގެ ނަން ފެނި، މުނީފާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. އޭނަ ދެފިކުރެއްގައި އިނދެފައި ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އެވެ.

"ހާދަ ވަރަކަށް ގުޅައިފީމޭ... މާ ބުރަކޮށްލައިގެން ކީއްތަ ތިކުރަނީ؟..." ފޯނު ނެގި ގޮތަށް ޝާކިރު ބުންޏެވެ.

"ނަސްމާ ވީ އެތެރޭގަ..." މުނީފާ އަވަސް އަވަހަށް ބުނެލި އެވެ. "މިއުޅެނީ ޕޮލިސްސްޓޭޝަންގަ..."

"އޭނ؟..." ޝާކިރަށް ސިހުމެއް ލިބުނެވެ.

"އާނ!.. އަނަމް ގެއްލިގެން..." ވަރަށް ނުކެރި އިނދެފައި މުނީފާ ބުންޏެވެ.

ޝާކިރު ވަގުތުން ފޯނު ކަނޑާލި އެވެ. އޭނަ ހާސްވެގެން ދާހިއްލާ ފޯވި އެވެ. ތުރުތުރުލަމުންދިޔަ އަތަކުން ނަންބަރަކަށް ގުޅޭތޯ މަސައްކަތް ކުރި އެވެ. ކުއްލިއަކަށް ފޯނު ކަނޑާލެވުމުން ވެސް އޭނަ ނުތަނަވަސްވާގޮތް ވިއެވެ. މުނީފާގެ ހިތުގައި ޝައްކު އުފެދޭނޭ ކަން އޭނައަށް ޤައިމު ވުމުންނެވެ.

********

އައިވަން ހުރީ ކާގޭގައި ކޮފީއެއް ގިރާށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކާގެއަށް ވަން އަނަމް ފެނި، އޭނަ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އެއާއި ޚިލާފަށް އަނަމްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ހީވީ ވާހަކައެއް ބުނަން ބޭނުންވެ، ބުނަން ނުކެރިފައި ހުރި ހެންނެވެ.

"ފިހާރައަށް ދާން ބޭނުން..." އާދައިގެ މަތިން ހަރުކަށި ރާގަކަށް އަނަމް ބުންޏެވެ. ވާހަކަ ދެއްކިއިރު އައިވަން އާއި ދިމާއަށް ބަލައިވެސް ނުލަ އެވެ. ހީވީ އަމުރެއް ކޮށްލަން އުޅުނު ހެންނެވެ.

"އެއީ ކީއްކުރަން؟..." ކޮފީތަށި ހިފައިގެން އެނބުރިލަމުން، އައިވަން އަހައިލި އެވެ.

"ކީއްކުރަންތަ މީހުން ފިހާރައަށް ދަނީ؟..." އަނަމް ނުރުހިފައި ބުންޏެވެ.

"ބޭނުންވާ ހުރިހާ އެއްޗެއް މިގެއިން ލިބޭނެ... އިތުރު އެއްޗެއް ބޭނުމިއްޔާ ބުނީމަ، އެއެއްޗެއް ވެސް ގެނެސްދޭނަން... އެކަމަކު ބޭރަކަށް ނުދެވޭނެ... ސޭފްއެއް ނުވާނެ ދޯ... ކޯއްޗެއް ބޭނުންވަނީ؟..." އައިވަން ސުވާލު ކުރި އެވެ. އަނަމްގެ ރާގުން އެއްޗެއް ދޭހަވި ކަން ދައްކާކަށް އޭނަ ނޫޅުނެވެ.

އަނަމް އެއްޗެއް ނުބުނެ އަތުގެ އިނގިލިތަކާއި ކުޅެން ހުރީ އެވެ. އޭރު ކޮންމެވެސް ވަރަކަށް ދެލޯ ފެންކަޅިވަމުން ދިޔަ އެވެ. އެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން ކަންނޭނގެ އެވެ. އައިވަންއަށް ވީގޮތް އެނގިއްޖެ އެވެ. އޭނަ ފޯނުން ކޮންމެވެސް މީހަކަށް ގުޅައިގެން ދުރަށް ޖެހިލައިފި އެވެ. އޭގެ މާ ގިނައިރުތަކެއްނުވެ، ބެލް ޖަހައިލި އަޑު އިވުނެވެ. އައިވަން ގޮސް ދޮރު ހުޅުވައިލިއިރު، ދޮރުމަތީގައި ހުރީ ޒުވާން އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ އަތުގައި ކޮތަޅެއް އޮތެވެ.

"ހުދާ!..." އައިވަން ހިނިތުންވެލި އެވެ.

އައިވަން ފެނުމުން، ދެލޯ އަޅައިލާފައި ހުދާ އެތެރެއަށް ދެމިގަތީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ. އޭނަ ގޮސް ކާގެއަށް ވަންއިރު، އަނަމް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ހުދާ ފެނުމުން، އަނަމްގެ ދެލޯ ވިދައިގަތެވެ. އެހެނަސް އެ ވިދުން ދެމިހުރީ ހުދާގެ އަތުގައި އޮތް ކޮތަޅު ފެންނަން ދެނެވެ. އެއީ އައިވަން އާއި ގުޅުމެއް އޮތް މީހެއްކަން އެނގުމުން ސަލާމަތް ވެވިދާނޭ ކަމުގެ ޚިޔާލު އޭނައަށް ޖެހުނީ ދޫކޮށްލާށެވެ.

"އަން މިއޮތީ..." ކޮތަޅު ދިއްކޮށްލަމުން ހުދާ ބުނެލީ ގާތް ގޮތަކަށެވެ.

އަނަމް އެއްޗެއް ނުބުންޏެވެ. ކުޑަމިނުން ޝުކުރުވެސް އަދާ ނުކުރި އެވެ. ކޮތަޅުގެ އެތެރެ ބަލައިލުމުން، އޭގައި އޮތީ އޭނަ ބޭނުންވި އެތި ކަން އެނގުމުން މަޑު ކުރާކަށްވެސް ބޭނުމެއް ނުވި އެވެ. އަވަހަށް ކޮތަޅު އަތުލައިގެން ގޮސް ސިޑިން މައްޗަށް އަރައިފި އެވެ.

"އެއީ ކޮން ކަމެއް؟..." ހުދާ ގޮސް އައިވަންގެ ކައިރިއަށް ހުއްޓިފައި ބުންޏެވެ. އޭނަ ސުވާލު ކުރީ އަނަމް އާއި ބެހޭ ގޮތުންކަން އައިވަންއަށް އެނގުނެވެ.

"އަންހެނުން..." އައިވަން ޖަހައިލީ ހިިނިގަނޑެކެވެ.

"ނުކުރާނަން ޤަބޫލެއް... އެހެންނޫނަސް، އެން އަކާ އެކަށީގެނެއް ނުވޭ އޭނައެއް..." ހުދާ އޭނަގެ މޫނަށް ވައްތަރެއް ޖައްސައިލަމުން ބުންޏެވެ.

"ނުކުރިޔަސް އޯކޭއޭ... އެއީ އަންހެނަކަށް ނުވާނެ ގޮތެއް އޮންނާނެތަ؟..." އައިވަން ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

"ހޫން އެއްކަލަ މީހާ ފެށުނީ..." އައިވަންގެ ބުރަކަށީގައި ޖަހައިލަމުން ހުދާ ބުންޏެވެ. "ބޮސްގެ ޚަބަރެއް ވެއްޖެތަ؟... ކޮން ކަހަލަ ޓާސްކެކޯ މިފަހަރު ލައްވާލީ؟..."

"އެކަމާވެސް އެއްކޮށް މި ގެނައީ..." އައިވަންގެ ޖުމުލަ ފުރިހަމަ ނުވަނީސް، ގޭގެ ދޮރު ހުޅުވާލި އަޑު އިވުނެވެ.

އެތެރެއަށް ވަން ފައްޔާޒާއި އަޒާން ފެނި، ހުދާ ފުންމައިގެން ތެދުވި އެވެ. ދުވެފައި ގޮސް އެދެމީހުންގެ ގައިގައި ބޮނޑިއެއް އަޅައިލަމުން ޝަކުވާ ކުރަން ފެށި އެވެ.

"ފޮނި ބައެކޭ... ރާއްޖެ ގޮއްސަ އެކަކުގެ ވެސް ޚަބަރެއް ނުވޭ... އެކަމް މިތާ އުޅެފަ ރާއްޖެ ދާން އުޅުން އިރު ހީވީ، މަވެސް ކާލައިފި ހެން ވިއްޔަ... ފޫހިބައެއް ތީ..." ހުދާ ހުރީ ތުންދަމައިގެންނެވެ.

"ހުދާ ވަކި ތިހެން ބުނަން ރަނގަޅުތަ؟... އަހަރެމެންގެ ހާލެއްވެސް ބަލާނުލަމެއްނު..." ފައްޔާޒު ހުރީ ދިމާކުރާ ކަހަލަ މޫޑެއްގަ އެވެ.

"ދެތިން މަސްވީއިރު، ކައިކައިގެން ލާފަ ހުރި ބޮޑު ބަނޑު ބަލާބަލަ... ޒާންހެން ސްމާޓްކޮށް ހުންނާކަށް ނޭނގެއޭ ފައްޔާއަކަށް..." ފައްޔާޒާއި ދިމާކޮށްލުމުގެ ގޮތުން ހުދާ ބުންޏެވެ.

ހަތަރު މީހުން އެކުގައި ގޮސް ވަނީ ކާގެ އަށެވެ. ހުދާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާގޭގައި ފޮތް ބަހައްޓަން ހަދާފައިވާ ހަރުގަނޑުގެ ކައިރީގައި ހުއްޓުނެވެ. އޭގައި ބަހައްޓާފައިވާ ފޮތްތަކުގެ ތެރެއިން ފޮތަކަށް ދަމައިލުމާއިއެކު، ދޮރު ކެހިގެން ދިޔަ އެވެ. އެމީހުން އެތެރެއަށް ވަދެފައި ވާނީ މިނެޓެކެވެ. މަޑުމަޑުން ދޮރު ލެއްޕިއްޖެ އެވެ.

ތަނަވަސް ކޮޓަރިއެއް ވަރުގެ އެ ތަނެކޭ ބޮޑު އޮފީހެކޭ ތަފާތެއް ނެތެވެ. ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތަކުގެ އިތުރުން، ޓީވީ އާއި ލިޔެކިޔުމާއި ގުޅޭ ސާމާނާއި އިދާރީގޮތުން ބޭނުން ކުރާނެ ގިނަ ސާމާނާއި ފަރުނީޗަރު އެތަނުގައި ހުއްޓެވެ. އެއް ބިތް ފުރާލާފައިވާ ބޮޑު ބޯޑުގައި އެކި މީހުންގެ ތަސްވީރު ތަތްކޮށްފައި ވިއެވެ. އެއިން ކޮންމެ މީހަކާއި ގުޅޭ މައުލޫމާތު އެމީހެއްގެ ތިރީގައި ޖަހާފައި ހުއްޓެވެ. ހަ ބަޔަކަށް ބަހާލާފައިވާ އެ ބޯޑުގެ ފަހަތު ދެ ބައި ފިޔަވައި އަނެއް ހަތަރު ބައިގައި ތަތްކޮށްފައިވާ ތަސްވީރުތަށް ވަނީ ކަޅު ކުލައިގަ އެވެ. އެއްވެސް މީހަކު ފެންނަން ނެތް އެ ތަސްވީރުތަކުގައި ސުވާލު މާކެއް ޖަހައި، އޭގެ ތިރީގައި ބައެއް މައުލޫމާތުތައް ލިޔެފައި ވިއެވެ. އެއިން ކޮންމެ މީހެއްގެ ތަސްވީރު އެކަކު އަނެކެއްގެ ތަސްވީރާއި ގުޅުވާފައި ހުރީ ރަތްކުލައިގެ މާކަރަކުން ރޮނގެއް ދަމާލައިގެންނެވެ.

ފަހަރަކު މީހެއްގެ ތަސްވީރަށް ބަލަމުން ގޮސް ހުދާ އިނގިލި ޖައްސައިލީ އެންމެ މަތީގައި ސުވާލު މާކެއް ޖަހާފައިވާ ކަޅު ތަސްވީރުގަ އެވެ. އެހެން އެންމެންގެ ތަސްވީރަށްވުރެ އެ ތަސްވީރު ބޮޑެވެ.

"މީނާ ހޯދާފަ ނޫނީ ހުއްޓައެއް ނުލާނަން... ގައިސް، ލެޓްސް ގެޓް ރެޑީ..." އާދައިގެ މަތިން އެންމެންނަށް ހިއްވަރުދޭ ރާގުގައި ހުދާ ބުންޏެވެ.

********

ފެންވަރާލައިގެން ނުކުތް އަނަމް މުޅި ގޭތެރެ ހޯދައިލި އެވެ. އައިވަން އޭނާގެ ކޮޓަރީގައި ނެތްކަން އެނގުނީ ބޮކި ނިވާލާފައި ހުރުމުންނެވެ. އަނެއްކާ އެ އަންހެންކުއްޖާ އާއިއެކު ދިޔައީ ބާއޭ އޭނަގެ ހިތަށް އެރި އެވެ. ހިތަށް އުނދަގޫ ގޮތެއް ވީހެން އޭނައަށް ހީވި އެވެ.

"އަހަންނަށް ކޮން ކަމެއް... ރަނގަޅީ ވެސް ގޭގަ ނޫޅުނިއްޔާ..." ފޫހި ވައްތަރެއް މޫނަށް ޖައްސާލައިގެން ހުރެ އޭނަ ގޮސް ވަނީ ކާގެ އަށެވެ. ކާމޭޒުމަތީގައި ޖޫސްތައްޓެއް އިނެވެ. ކައިރީގައި ނޯޓުކޮޅެއް ބާއްވާލާފައި އޮތެވެ.

"ފިނި ނުކެނޑެނީސް ބޯލައްޗޭ... މިދުވަސްވަރު ގިނައިން ދިޔާ އެއްޗެހި ބޯން ވާނެ..."

ނޯޓުކޮޅުގައި އޮތް އެއްޗެއް ކިޔާފައި އަނަމްގެ މޫނު ރަތްވެގެން ދިޔަ އެވެ. އައިވަންއަށް އޭނަ އެހާ ރަނގަޅަށް އެނގެނީ ކިހިނެއްބާއޭ ހިތަށް އެރި އެވެ. އޭނަ އަވަހަށް ކަރުދާސްކޮޅު ބޮނޑިބޮނޑި ކޮށްލައިފި އެވެ. އެ ގެންގޮސް ޑަސްޕިނަށް ލެވުމުން ވެސް ހިތް ހަމައަކަށް ނޭޅުނެވެ. އަނެއްކާ ކަރުދާސްކޮޅު ނަގާފައި، ނިއުޅާލައިފި އެވެ. އޭގައިވާ އެއްޗެއް އޭނައަށް ތަކުރާރުކޮށް ކިޔައިލެވުނެވެ.

(ނުނިމޭ)

ކޮމެންޓް 0