"ސަރ!... ވަރަށް މުހިއްމު އެއްޗެއް އަތުގަ ޖެހިއްޖެ... މިޝަން ޓުވެންޓީ ފޯރއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ ވަރުގެ އެއްޗެއް..." މާނޭވާ ލެވޭ ވަރުން ފައްޔާޒަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެ އެވެ.

********

އެނދުމައްޗަށް ވެއްޓިގަތުމާއިއެކު އަނަމްއަށް އޭނަގެ މޫނު ދެއަތުން ފޮރުވާލެވުނެވެ. އައިވަންގެ އެންމެ ޖުމްލަ އަކުން އޭނަގެ ހިތަށް ގޮތްތަކެއް ވެއްޖެ އެވެ. އައިވަން ގާތްވެލުމުން ވެސް އެވަގުތު އޭނައަށް ކުރެވުނީ އަލަތު ކައިވެންޏެއް ކުރެވިގެން އުޅޭ ކަމުގެ އިހުސާސެވެ. އެ ހުރިހާ އިހުސާސަކާއިއެކު އަނަމްއަށް ހިތާއި ހިތުން ޝަކުވާ ކުރެވެން ފެށުނެވެ.

އައިވަން އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ ގަސްދުގައި އޭނަ ތަޅުވަނީ ކީއްވެ ހެއްޔެވެ؟ ނޫނީ އެއީ ކުރާ އިމްތިހާނެއް ހެއްޔެވެ؟ ނުވެސް ދަންނަ މީހަކަށް ގުޅައި، ދެމީހުންގެ ގުޅުން އަންގައިގެން ހާސިލު ކުރަން އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އެވަރުގެ ބޮޑު ދޮގެއް ހެދުމުގެ ފަހަތުގައި ބޮޑު ސިއްރެއް ފޮރުވިފައި ވާނެ ކަން ޤައިމެވެ. އެއީ ކޮން ސިއްރެއް ހެއްޔެވެ؟ އަނެއްކާ އެއީ އޭނައަށް ދިމާވި ހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހާއަށް ނުވާނެ ބާއެވެ؟

އަނަމް ދެފަރާތަށް ބޯ ހޫރާލި އެވެ. ބައެއް ފަހަރު އައިވަން އަކީ ގޯސް އިންސާނެއް ކަން ޤަބޫލު ކުރަން އޭނަގެ ސިކުނޑި ދެކޮޅު ހަދަނީ އެވެ. އައިވަން އެ ހުރިހާ ކަމެއް ކުރަނީ އޭނައަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫން ހެން އޭނައަށް ހީވި އެވެ.

"ހުރިހާ ޖަވާބެއް ހޯދާނަން..." އަނަމް އޭނަގެ ހިތާއިހިތުން އަޒުމު ކަނޑައެޅި އެވެ.

********

ކޮމްޕިއުޓަރުގެ އިސްކުރީނުން ފެންނަމުން ދިޔައީ ސީސީޓީވީ ކެމެރާތަކަށް ރެކޯޑުވެފައިވާ މަންޒަރު ތަކެކެވެ. ފަސްއެނބުރި ބަލަމުން ދުވެފައިދާ ރާވިންގެ ސޫރަ، ބައެއް ކެމެރާތަކަށް ރީތިކޮށް އަރާފައި ހުއްޓެވެ. އެ އަތުގައި އޮތް ސިޓީއުރަ ފިހާރައެއްގެ ދޮރު ދަށުން ކޮއްޕައިލާ ހިސާބުން އަޒާން އެ ވީޑިޔޯ ހުއްޓައިލި އެވެ.

"މީ އަޅުގަނޑު މިބުނާ އެއްޗަކީ... މީ މިކޭސްއަށް މުހިއްމު އެއްޗަކަށް ވެދާނެ..." ސިޓީއުރައަށް އިޝާރާތް ކުރަމުން އަޒާން ބުންޏެވެ.

"ފައްޔާޒް!... ހުދާ!... ތީ ކޮން ސަރަހައްދެއްތޯ ބަލާފަ، ވީ އެންމެ އަވަހަކަށް ތި ތަނަށް ދާން ތައްޔާރުވާން ހިނގާ... އަހަރެމެންނަކަށް ނޭނގެ، މީ އެމީހުންގެ ރޭވުމަކަށް ނުވާނެ ކަމެއްވެސް... އަހަރެމެން ވާނެ ހުރިހާ ގޮތަކަށްވެސް ތައްޔާރުވާން... އެއްވެސް މީހަކަށް ކުޑަވެސް ޝައްކެއްވިޔަ ދީގެން ނުވާނެ... އަހަރެމެން މީ ކޮން ބައެއް ކަން އެނގިގެން ވެސް ނުވާނެ... ޚާއްސަކޮށް ދިވެހިން ކަން..." ކަންތައް ކުރަންވީގޮތުގެ އިރުޝާދު ދެމުން، ދިޔައިރު، އައިވަންގެ މޫނުމަތިން އައު އުއްމީދެއް ފެނިގެން ދިޔަ އެވެ.

"އަޒާން!... އަދިވެސް އިތުރަށް ބަލާ... ރާވިންއަށް ވީގޮތެއް ހޯދުން ވަރަށް މުހިއްމު... އެއީ މި ކޭސްއަށް ލިބޭނެ އެންމެ ބޮޑު ހެކި..."

ކަންތައް ކުރަންވީ ގޮތް އަޒާންއަށް ކިޔައި ދިނުމަށްފަހު، އައިވަން އެތަނުން ނުކުތެވެ. އޭރު ހުދާ އާއި ފައްޔާޒު ސިޑިން މައްޗަށް އަރައިގެން ދެއެވެ. އެމީހުންގެ ފަހަތުން އައިވަން ވެސް ދިޔަ އެވެ. ހެދުންތައް ބަހައްޓާފައިވާ ބައިގެ ދޮރު ހުޅުވާލާފައި ފުރަތަމަ އެތެރެއަށް ވަނީ ފައްޔާޒެވެ. ހުދާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

އައިވަން އައުމުން ހުދާ ބަލައިލީ ފާޑަކަށެވެ.

"އެއީ ކޮން ކަމެއް؟..." ހުދާގެ އަޑުން އޭނަ ހުރީ ހިތްހަމަނުޖެހިފައި ކަން ދެނެގަންނަން އައިވަންއަށް އިތުރު ކަމެއް ކުރާކަށް ނުޖެހުނެވެ.

"ކޮން ކަމެއް؟..." ހުދާ ދެއްކީ އަނަމްގެ ވާހަކަ ކަން އެނގުނު ނަމަވެސް، ނޭނގޭ ކަމަށް ހަދަމުން އައިވަން ސުވާލު ކޮށްލި އެވެ.

"އެން ކީއްވެތަ އެވަރުގެ ބޮޑު ދޮގެއް ހެދީ؟... ސަރއަށް ހަޤީޤަތް އެނގިއްޖެއްޔާ ކިހިނެއް ވާނީ؟..." ހުދާގެ ސުވާލުތަކަކަށް ނިމުމެއް ނައެވެ.

"އެންމެ ދޮގެއްގެ ސަބަބުން، މީހެއްގެ ފުރާނަ ސަލާމަތްް ވަންޏާ، ހުދާ ކަންތައް ކުރާނީ ކިހިނެއް؟..." އައިވަން ކޮށްލީ މާނަ ފުން ސުވާލެކެވެ.

"ތިބުނީ؟..." ވާނުވާ ނޭނގިފައި ހުދާ ސުވާލު ކުރި އެވެ.

އެއްޗެހި ބަދަލުކޮށްލައިގެން ފައްޔާޒު ނުކުތެވެ. ބޮލުގައި އިންޑިޔާ މީހުން އަޅާ ޒާތުގެ ފޮތިގަނޑެއް އޮޅާފައިވާއިރު، ލައިގެން ހުރި ކުރުތާ އާއި ފުޅާ ހަރުވާޅުގައި ފައްޔާޒު ހީވަނީ، ހަމަ އަސްލުވެސް އިންޑިޔާ މީހެއް ހެންނެވެ. އެންމެ ވައްތަރުވަނީ، އޭނާ ތަތްކޮށްފައިވާ ބޮޑު މަތިމަހުގެ ސަބަބުންނެވެ. އެހާ ސީރިއަސްވެފައި ހުރެފައިވެސް، ހުދާއަށް ހެވިއްޖެ އެވެ. ހެމުން ހެމުން އޭނަ އެތެރެއަށް ވަދެ ދޮރު ލައްޕައިލި އެވެ.

ހުދާ ނުކުތީ، ޕާކިސްތާނު ހެދުމަކާއި ދޯޕައްޓާއެއް އަޅައިގެންނެވެ. ލުއި ގޮތަކަށް މޭކަޕް ކޮށް، އިސްތަށިގަނޑު ގަތައި، ކޮނޑުގެ އެއްފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލާފައި އޮތެވެ. އައިވަން އެތެރެއަށް ވަދެފައި ނުކުތްއިރު ހުރީ، ތުނބުޅި މަތިމަހާއި ދިގު އިސްތަށިގަނޑެއް ޖަހައިގެންނެވެ. އޭނާ ލައިގެން ހުރީ، ކުރުތާ އަކާއި ހަރުވާޅެކެވެ.

އަނަމް ކޮޓަރިން ނުކުތް ވަގުތަކީ، އައިވަން ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޭނަ އާއި އަރައި ހަމަވި ވަގުތެވެ. އަނަމް ދިޔައީ ސިއްސައިގެންނެވެ. އޭނަ އުޅުނީ ހަޅޭއްލަވައިގަންނާށެވެ. އޭގެ ކުރިން އައިވަން އޭނަގެ އަނގަމަތީގައި އަތް އަޅައި އަޑު ބޭރުވިޔަ ނުދީ ހިފަހައްޓާލައިފި އެވެ. އަނަމް ތެޅިގަތުމުން، ގެންގޮސް ކޮޓަރިއަށް ވައްދާފައި ދޮރު ޖެހި އެވެ.

"މީ އަހަންނޭ..." އައިވަން އޭނަގެ ތުނބުޅިއަށް އިޝާރާތް ކުރަމުން ބުންޏެވެ.

އަނަމް ހިމޭންވި ނަމަވެސް ފާޑަކަށް ބަލަން ހުއްޓެވެ.

"އަހަރެން މިހެން ހުންނައިރު މާ ރީތީތަ؟..." އަނަމްގެ ކަންފަތް ކައިރިއަށް ގުދުވެލަމުން އައިވަން ސުވާލު ކުރީ ލާނެތް ރާގަކަށެވެ.

ވަގުތުން ބޯ ހޫރާލަން ބޭނުން ނަމަވެސް އަނަމް އަކަށް އެކަމެއް ނުކުރެވުނެވެ. އައިވަންގެ ހޫނު ނޭވާ އެޅުމުން، އޭނަގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިއްޖެ އެވެ. ހަނދާނަށް އައީ، އަނތްބެކޭ ބުނެ އައިވަން އޭނަ ގާތްކޮށްލި ވަގުތުކޮޅެވެ. އެ ގާތްކަމުން، ހަށިގަނޑަށް ގޮތްތަކެއްވެ، މުޅި މީހާ ގަބުވީ އެވެ.

އަނަމްއަށް ހަމަހޭވެރިކަންވީ އައިވަން އޭނަގެ ކަންފަތް ކައިރިން ދުރަށްޖެހިލުމުންނެވެ. އޭނަ އަވަހަށް އައިވަންގެ އަތް އޭނާގެ އަނގަމަތިން ނަގަމުން ދުރަށް ކޮއްޕާލައިފި އެވެ. ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އައިވަން ބަލަން ހުއްޓެވެ. އޭނަ ނުކުތީ އަނަމް ގޮސް ފާޚާނާއަށް ވަނުމުންނެވެ.

އަމިއްލަ ކާރުގައި ދިޔުމުގެ ބަދަލުގައި އައިވަން މެން ޚިޔާރު ކުރީ، ދެ ޓެކްސީ އެކެވެ. އެއް ޓެކްސީއަށް އެރީ ފައްޔާޒެވެ. އަނެއް ޓެކްސީގައި ހުދާ އާއި އައިވަން އެވެ. ދާން ބޭނުންވި މަންޒިލާއި ފުދޭ ވަރަކަށް ދުރަށް ކާރު ހުއްޓުވައިގެން ހުދާ އާއި އައިވަން އެއިން ފޭބި އެވެ. އޭރު ފައްޔާޒުވެސް ކާރުން ފައިބައިގެން އެދިމާއަށް ހިނގާފައި އާދެ އެވެ. އައިވަންގެ ކޮނޑުގައި ބޮޑު ދަބަހެއް އަޅުވާފައި ވާއިރު، ހުދާވެސް ހުރީ ދަބަހެއް ހިފައިގެންނެވެ. މެންދަމުގެ ވަގުތު ކަމުން، އެ ސަރަަހައްދުން މީހަކު ނުފެނެ އެވެ. ދުއްވާ އެއްޗެއް ވެސް ދަތުރުކުރަނީ ވަރަށް މަދުންނެވެ.

ހިނގަމުން ދިޔައިރު، އައިވަންގެ ދެލޯ ހޯދަމުން ދިޔައީ ވީޑިޔޯ އިން ފެނުނު އިމާރާތެވެ. އެތަން ފެންނަވަރުވީ، ދިހަ ވަރަކަށް މިނެޓު ހިނގައިގެންނެވެ. ކުއްލިއަކަށް އައިވަންގެ ލޮލުގައި އަޅައިގަތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބައެކެވެ. އެމީހުން ތަންތަން ހޯދަމުން ދިޔަގޮތުން، ސިޓީއުރަ ހޯދަނީ ކަން އޭނައަށް އެނގުނެވެ.

"ލިސަން!... އަހަރެމެންނަށް މިކަން ކުރަން ފަސޭހައެއް ނުވާނެ... ކޮންމެ މީހަކުވެސް ވަރަށް ސަމާލުވާތި... މިހިސާބުގެ ފިހާރަތަށް ހުޅުވާނީ ހެނދުނު ހަތެއް ޖަހާއިރު... ގަޑިއަށް ނުވަދެވިއްޖެއްޔާ މިހުރިހާއިރު ކުރި މަސައްކަތް ބޭކާރުވީ..." އައިވަން ބުންޏެވެ.

"އެހުރިހާއިރު ވަންދެން މިތާ ކޮޅަށް ތިބޭނީ؟..." ފައްޔާޒު ކަންބޮޑުވެފައި އަހައިލި އެވެ.

"ކުރިމަތިން އެ ފެންނަނީ، ގެސްޓު ހައުސްއެއް... އެތަނުން ކޮޓަރިއެއް ކުއްޔަށް ނަގާ... ހެނދުނު ބަރާބަރު ހަގަޑި ބައިގަ ބޭރަށް ނުކުންނާތި..." ކަންތައް ކުރަންވީގޮތް ބުނެދީފައި އައިވަން ހިނގައިގަތެވެ.

އާދައިގެ ގޮތަކަށް ހަދާފައިވާ އެ ގެސްޓު ހައުސްގެ ކައުންޓަރުގައި އިނީ މުސްކުޅި ފުރައިގެ އަންހެނެކެވެ. އައިވަން އާއި ހުދާ ފެނުމުން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. އެމީހުންގެ ބަހުރުވައިން ކޮންމެވެސް އެއްޗެހިތަކެއް ކީ ނަމަވެސް، ކީ އެއްޗެއް އެ ދެމީހުންނަށް ވެސް ސާފު ވާގޮތެއް ނުވި އެވެ. ދެމީހުންނަށް ވެސް ޖެހުނީ އެމީހާ ކީ ކޮންމެ އެއްޗަކަށް ބޯޖަހާލަ ޖަހާލާ ތިބޭށެވެ.

ދެ ތަޅުދަނޑި ދިނުމުގެ ބަދަލުގައި އެމީހާ ދިއްކޮށްލީ، އެންމެ ތަޅުދަނޑި އެކެވެ. އައިވަން ހާސްވެފައި ހުދާއަށް ބަލައިލި އެވެ. އޭރު ހުދާ ވެސް ހާސްވެގެން އައިވަންއަށް ބަލަން ހުއްޓެވެ. އެމީހާއަށް ޝައްކު ވެދާނެތީ، އިތުރު އެއްޗެއް ބުނުމެއްނެތި ދެމީހުންވެސް ކޮޓަރި ތަކާއި ދިމާއަށް ހިނގައިގަތެވެ.

********

އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް އަނަމްއަށް އުނދަގޫތަކެއް ވަނީ އެވެ. ނިދީގެ ތެރެއިން އުނދަގޫތަކެއް އިހުސާސްވަނީ ކަން ޤައިމެވެ. ދެލޯ މަރައިގެން އޮތްއިރު، ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތަކުން ބާލީސް ތެންމަމުން ދިޔަ އެވެ.

ކުއްލިއަކަށް ހަޅޭއްލަވައިގަންނަމުން އަނަމް ތެެދުވި އެވެ. އޭރު އޭނަ ވަނީ ދާހިއްލާ ފޯވެފަ އެވެ. މާޒީގެ ހިތި ހަނދާންތައް ހުވަފެންތަކުގެ ސިފައިގައި އޭނައަށް އުނދަގޫ ކުރަނީ އެވެ. އެތައް ދުވަހެއް ވީއިރުވެސް، އޭނައަށް އެ ބިރުވެރި ހަނދާންތަކާއި ދުރަކަށް ނުދެވުނެވެ. އެ ބިރުވެރި ދުވަހު، އޭނަގެ ހަށިގަނޑަށްވި އަނިޔާތަކަށް ބޭރުފުށުން ފަރުވާ ލިބުނު ނަމަވެސް، ހިތަށް ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބުނެވެ.

"ބްލޫ ޝާޓް!..." އަނަމްގެ ދެތުންފަތް ފޫދުއްވާލާފައި ނުކުތީ ކޮންމެވެސް މީހަކަށް އޭނަ މުޙާތަބުކުރި ނަމެކެވެ.

"ދުނިޔޭގަ ހުރިނަމަ، ހާދަ ބައްދަލުކޮށްލަން ބޭނުމޭ... އަހަންނަށް މިވާ އުނދަގޫތަކަށް ލުޔެއް ލިބޭނީ އެދުވަހަކުން ކަންނޭނގެ... ފުރަތަމަ ކަމަކަށް ވެސް ބޭނުންވަނީ މާފަށް އެދެން..." މާޒީ ހަނދާންކޮށްލަމުން އަނަމް ދެލޯ މަރައިލި އެވެ. ލޮލުގެ ހިމަކޮޅުން ފޭދިގެން އައި ކަރުނަތިކި، ކޯތާފަތުން ރޮނގެއް ހެން ތިރިއަށް ދެމިގެން ދިޔަ އެވެ.

އަނަމް ބޭރަށް ނުކުމެލީ، ސިކުނޑި ހާސްވާން ފެށުމުންނެވެ. އައިވަންގެ ކޮޓަރި ދޮރު ހުޅުވާފައި ހުއްޓާ ފެނުމުން، އޭނަ ކުޑަކޮށް ބޯ ދިއްކޮށްލުމަށްފަހު ބަލައިލި އެވެ. އައިވަން އޭނާގެ ކޮޓަރި ދޮރު، އާއްމުކޮށް ހުޅުވާފައި ނުބަހައްޓަ އެވެ. އަނެއްކާ ކިހިނެއް ވީ ބާއޭ އޭނަގެ ހިތަށް އެރި އެވެ.

ފާޚާނާގައި އުޅެފައި ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި އަޑު އިވުނެވެ. އަނަމް އަވަސް އަވަހަށް ސިޑިން ފައިބައިގެން ތިރިއަށް ދިޔަ އެވެ. އޭނަ އެދިޔަ ބާރުމިނުގައި ގޮސް ވަނީ ކާގެ އަށެވެ. މޭޒު ދަށަށް ވަދެ ފިލިއިރު ހިތް ބާރު ބާރަށް ތެޅެމުން ދަނީ އެވެ. އެވަގުތު ކުރެވެމުން ދިޔައީ ވައްކަމެއް ކުރުމުން ފަޅާ އަރަން އުޅޭ ކަމުގެ އިހުސާސެވެ.

"ވެއިޓް!... އަހަރެން ކީއްވެ މި ފިލަނީ؟..." އަނަމް ހައިރާންވީ އޭނައަށް އުޅެވެން ފެށި ގޮތަކުންނެވެ.

ޚިޔާލެއް ފިކުރެއްނެތި، އަޒާން ކާގެއަށް ވަދެގެން ދިޔަ އެވެ. އޭނަ ގޮސް ހުއްޓުނީ އައިސްއަލަމާރި ކައިރީގަ އެވެ. ފެން ފުޅި އަނގަޔަށް އޮއްސައިލަން އުޅުނު ވަގުތު، ފަހަތުގައި މީހަކު އުޅޭ ކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ. އޭނަ ފަސްއެނބުރި ބަލައިލުމުގެ ކުރިން، އަނަމް ކާގެއިން ބޭރަށް ދެމިގެންފި އެވެ. މީހަކު ފެންނަން ނެތުމުން، އެއީ ހީވި ހީވުމެއް ކަމަށް ބަލައި، އަޒާން ފެން ބޮއެގެން ގޮސް، ފޮތް ބަހައްޓާފައިވާ ކަބަޑު ކައިރީގައި ހުއްޓުނެވެ.

ކާގެ ބޭރުގައި ފިލާ ހުރި އަނަމް ކުޑަކޮށް ބޯ ދިއްކޮށްލާފައި ކާގެއަށް ނަޒަރު ހިންގައިލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނަ އެތެރެއަށް ވަދެގެން ހުރިހާ ތަނެއް ބެލި އިރުވެސް މީހަކު ނުފެނުނެވެ. އޭނަ ދޮރު ކައިރީގައި ހުއްޓައި، ހަމަ ގައިމުވެސް ދޮރުން ބޭރަށް އޭނައަށް ނުފެނި ނުނުކުމެވޭނެ އެވެ.

"އޯ މައި ގޯޑް... ޖިންނިއެއްތަ؟...." އަނަމްގެ ދެލޯ ބޮޑު ވިއެވެ. އޭގެ ކުރިން އޭނައަށް ވަނީ އެތަނުން ބަޔަކު ވާހަކަ ދައްކާ އަޑުވެސް އިވިފަ އެވެ.

ސިއްރުން ފުރިގެންވާ ގެއެކެވެ. އައިވަންގެ ސިއްރުވެރިކަން ވެސް ކުޑައެއް ނޫނެވެ. އެއީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ ބިރުން ގޮސް އަނަމްގެ މުޅި ހަށިގަނޑު ތުރުުތުރު އަޅަން ފެށި އެވެ.

********

ފަތިހު ފަހެއް ޖެހުމާއިއެކު އައިވަންގެ ފޯނު އެލާމްވާން ފެށި އެވެ. އޭނައަށް ހޭލެވުނީ ސިހިފަ އެވެ. ފޯނުގެ އެލާމް ކަނޑައިލާފައި، އަނެއްކާވެސް އޭނައަށް ދެލޯ މަރައިލެވުނީ އެވެ. ކުޑަ އިރުކޮޅެއް ފަހުން، އަނެއްކާވެސް ފޯނު އެލާމްވާން ފެށި އެވެ. ހޭލެވުނެއް ކަމަކު، އޭނަގެ ހިތް އެދުނީ އަދިވެސް ދެލޯ މަރައިލުމަށެވެ. ދެލޮލަށް ބަރުވާން ފެށި ނަމަވެސް، އައިވަން ހިއްވަރުކޮށްފައި ގަދަކަމުން ދެލޯ ހުޅުވައިލި އެވެ.

ކުރަންޖެހޭ ކަންތައް އައިވަންގެ ހަނދާނަށް އައީ އެވަގުތު އެވެ. ސިހިފައި ކަހަލަ ގޮތަކަށް އޭނަ އުޅުނީ ފުންމައިގެން ތެދުވާށެވެ. އެކަމަކު، ފެނުނު މަންޒަރަކުން އޭނަގެ ދެލޯ ބޮޑުވެއްޖެ އެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އޭނައަށް އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ.

(ނުނިމޭ)

ކޮމެންޓް 0