"ކިތަންމެ ގާތް މީހަކަސް، ކުށެއް ކުރަންޏާ، އަހަރެން އެކަން ހުއްޓުވާނަން..." ބައްޕައަށް އިހުތިރާމު ކުރާތީ، އައިވަން ވާހަކަ ދެއްކީ އިސްޖަހާލައިގެން ހުރެ އެވެ.

އައިވަން އެހެން ހުއްޓައި ފާރޫޤު ބުނި އެއްޗަކުން ސިހޭގޮތް ވިއެވެ.

********

"ޖަލުގެ ތޭރިތަކުގެ ތެރޭގަ ބައްޕަ ހުންނަތަން ބަލަން ދަރިފުޅަށް ކެތްވާނެތަ؟..." ފާރޫޤު ކުރީ ޔަޤީނުންވެސް އައިވަންއަށް ޖަވާބު ދޭން ނުކެރޭނެ ސުވާލެކެވެ.

އައިވަން އެއްޗެއް ނުބުނުމުން ފާރޫޤަށް ނެގުނީ މުޅީން އެހެން މާނަ އެކެވެ. އެފަދަ ކަމެއް ކުރަން އައިވަން އަކަށް ނުކެރޭނެ އެވެ.

"ނިކަން މަންމަ އޮތް ގޮތް ހިތަށް ސިފަކޮށްލަބަލަ... އޭރުން މިހާރު ބައްޕަ މިކުރާ ހުރިހާ ކަމަކަށް ދަރިފުޅު އުފާވާނެ... އަަހަރެން ވެސް އުފާވި... ހިތަށް ހަމަޖެހުންވެސް ލިބުނު..." އެންމެފަހުން، ފާރޫޤުގެ ދުލުން ޙަޤީޤަތް ހާމަކުރަން ފެށި އެވެ. "އެ މޫނުގަނޑަކީ، އަހަރެންގެ ރޭވުން... ރާވިންގެ ކައިރިން އަނަމް ދުރުކުރަން އެގޮތަށް ކަންތައް ކުރަން ޝާކިރަށް ވިސްނުން ލައިދިނީވެސް އަހަރެން... އަހަންނަށް އެނގޭ އެކަން ނިމޭނީ އަހަރެންގެ ކޮޅަށް ކަން... ދަރިފުޅު ދެކެވާ ލޯބިން ޝާކިރަށް ހުރީ ހެވާއި ނުބައި ވަކިނުވާ ވަރު ވެފަ... އަނަމް ކިޑްނެޕް ކުރިޔަސް، ޝާކިރު އެކަން ކުރީ އެކުއްޖާއަށް ގެއްލުމެއް ދޭކަށް ނޫން... އެއީވެސް އަހަރެންގެ ރޭވުމުގެ ތެރެއިން ބައެއް... ކުށެއް ނެތް މީހަކު މަރާލާފަ، ޝާކިރަށް ހަމަޖެހިގެން އުޅެވުނަ ދީގެން ނުވާނެ... އަމިއްލަ ދަރިފުޅު ކިޑްނެޕް ކުރި ކަމުގެ ތުހުމަތު ބޮލުގަ އެޅޭއިރު، އެ ކުރެވޭ އިހުސާސް އޭނައަށް ކުރުވަން އަހަރެން ބޭނުންވަނީ... އެދުވަހު އަނަމްއަށް އަނިޔާކުރެވުނީމަ އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނު... ގޮތް ހުސްވެފައި ޝާކިރު ހުއްޓާ ފެންނަ ކޮންމެ ފަހަރަކު، އަހަންނަށް އެތައް ހާސް އުފަލެއް ލިބޭ... ބުނެދޭންވެސް ނޭނގޭހާ ހިތްހަމަޖެހުން އިހުސާސް ކުރެވޭޭޭޭޭ.. ބައްޕަ ޖެހިލުމެއްނުވޭ އެމީހުން މަރާކަށްވެސް..."

ބައްޕަގެ ވިހަގަދަ ޖުމްލަތައް ތޫނުކަށިތަކެއް ފަދައިން އައިވަންގެ މެޔަށް ހެރެމުން ދިޔަ އެވެ. އެ ވިޔާނުދާ ވާހަކަތައް އަޑު އަހަން އޭނައަކަށް ފަސޭހައެއް ނުވި އެވެ. އޭނަ އަކީ އިންސާފަށް ލޯބިކުރާ މީހެކެވެ. އަދާކުރާ ވަޒީފާއަށް ހިޔާނާތްތެރިވާ މީހަކަށް ވާކަށް އައިވަން ބޭނުމެއް ނުވެއެވެ.

"ބައްޕައަށް އެނގޭތަ ތިކަމުގެ ތެރޭގަ ކުށެއް ނެތް ކިތަށް މީހުންނަށް ގެއްލުން ދެވިއްޖެ ކަން...." އައިވަން އޭނާގެ ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލި އެވެ. "އަހަރެންގެ ބައްޕައަކީ ތިހާ ވިޔާނުދާ ކަންތައް ކުރާނެ މީހެއް ނޫން..."

އައިވަން ނުކުމެގެން ދިޔައީ އެވެ. ހިތް ފަޅައިގެން ހިނގައިދާނެތީ އެވެ. އަތުގައި އޮތް ތަސްވީރު މުށުގެ ތެރޭގައި ބޮނޑިވި އިރުވެސް ފާރޫޤަށް ނޭނގުނެވެ.

ދެފިކުރެއްގައި ހުރެފައި އައިވަން ފުލުހުންގެ އިދާރާއަށް ވަނެވެ. ގަމީހުގެ ޖީބުގައި ހަރުކޮށްފައިވާ ކުޑަ ކެމެރާ ނެގިއިރު، އޭނަގެ ހިތް ބާރަށް ތެޅެއެވެ. ބައްޕަގެ ޙަޤީޤަތް ފުލުހުންނަށް އެންގޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް އައިވަން ޤަބޫލު ކުރި އެވެ.

ތަނުގެ އެތެރެ ހަލަބޮލިވެފައިވި ވަގުތެކެވެ. ރާވިން ގޮވައިގެން ހުދާ އާއި ފައްޔާޒުގެ އިތުރުން އަޒާން އައީއެވެ. ސެކްސަނުގެ އިސްވެރިޔާގެ ކެބިންއަށް ވަންއިރު އައިވަންގެ ހިތް ބާރަށް ތެޅެ އެވެ. ފުއާދު އިނީ ފޯނެއްގައެވެ. ފުއާދަކީ ސެކްސަނުގެ އިސްވެރިޔާއެވެ. އައިވަން ފެނުމުން ފޯނު ކުރުކޮށްލިއެވެ.

"ލިިބިއްޖެ؟..." ފުއާދު ސުވާލު ކުރިއެވެ.

އައިވަން ބޯ ޖަހައިލިއެވެ. ފުއާދުގެ މޫނުން ހަމަޖެހުމުގެ އަސަރު ފެނުނެވެ.

"ގުޑް ވޯކް..." ފުއާދު ބުންޏެވެ. "ތިކަހަލަ އިހުލާސްތެރިން ވަރަށް މަދު ވާނެ... އައިވަން ތި ކުރި ކަންތަކުގެ އަގު ވަޒަންކުރާނަން..."

ފެންކަޅިވާން ފެށުމުން ދިޔުމުގެ ހުއްދައަށް އައިވަން އެދުނެވެ. އަމިއްލަ ބައްޕަ އާއި ދެކޮޅަށް ނުކުތުމަކީ، ހިތްމަތީގައި ބޮޑު ހިލައެއް ބޭއްވުން ކަހަލަ ކަމެކެވެ. ހިތަށް ތަދުވާ ވަރުން ކޮޅަށް ހުރުމަށް ދަތިވި އެވެ.

ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، އައިވަންއަށް އެރުނީ އަޒާންގެ ކުރިމައްޗަށެވެ. އެކި ވާހަކަތަކުގެ ތެރެއިން ހުދާގެ ވާހަކަ ފެށުނެވެ. އައިވަން ގޮވައިގެން އަޒާން ދުރަށް ޖެހިލި އެވެ. ހުދާގެ ފަރާތުން ފެނުނު ކަންތައްތަކުގެ ވާހަކަ ކިޔައިދިނެވެ. އައިވަން ނިންމީ ހުދާ އާއި ބައްދަލުކޮށް އެވާހަކަ ދައްކާށެވެ. އޭގެ ކުރިން ހުދާގެ ފަރާތުން ޝައްކު ކުރެވޭ ވަރުގެ ކަމެއް ފެނުނެވެ. ފޯނެއް އައުމުން، ދެކޮޅު ހޯދާލާފައި ދުރަށްޖެހިލިއެވެ. އައިވަންވެސް ހުދާގެ ފަހަތުން ދިޔަ އެވެ.

"ވައުދާ ޚިލާފުވީ ކީއްވެ؟..." ހުދާ ނުރުހިފައި ވާހަކަ ދެއްކިއެވެ. "ކީއްވެހޭ އޭނަގެ ޑީއެންއޭ ޓެސްޓު ކުރަން ޖެހެނީ؟... އަހަންނަކަށް ނުވިސްނޭ..."

"އަހަރެން ބުނީމެއްނު މިކަމުގެ ތެރެއަށް އަހަރެންގެ އާއިލާ ވައްދައިގެން ނުވާނެއޭ... ޚާއްސަކޮށް އަހަރެންގެ ދަރިފުޅު..." ހުދާގެ އަޑު ގަދަވި ނަމަވެސް އިސާހިތަކު މަޑުން ވާހަކަ ދައްކަން ފެށި އެވެ. "އިންޑިޔާއިން މިއައީ އަހަރެންގެ ޓާސްކުތައް ނިންމާފަ... ދެން އޮތީ ފާރޫޤު ކުރަންޖެހޭ ކަންކަން..."

އައިވަން ދިޔައީ ސިއްސައިގެންނެވެ. ހުދާ އާއި ފާރޫޤު އެކަކު އަނެކަކު ދަންނަނީ ހެއްޔެވެ؟ ހުދާ ލައްވައި އެ ހުރިހާ ކަމެއް ކުރުވި މީހަކީ ބައްޕަ ހެއްޔެވެ؟

"ފާރޫޤަށް ވަފާތެރި މީހަކަށް ހަމައެކަނި ސަލާމަތުން މިހުރީ އަހަރެން..." ހުދާ ފަޙުރުވެރިވެލާފައި ބުންޏެވެ. "އެހެން އެންމެން އެވަނީ މިހާރު އިންޑިޔާ ފުލުހުންގެ ބެލުމުގެ ދަށުގަ..."

ފޯނު ނިންމާލާފައި ހުދާ އެނބުރުނުއިރު އައިވަން ހުރީ ކުރިމަތީގަ އެވެ. ހުދާ ދިޔައީ ސިއްސައިގެންނެވެ. އަތުން ފޯނު ދޫވެގެން ވެއްޓުނެވެ.

"އަހަރެން ހިއެއް ނުކުރަން ހުދާ..." އައިވަންގެ ހިތަށް ތަދުވުމުން ހިން ދިރުވައިލި އެވެ. "ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ؟..."

ފޯނު ހިފައިގެން ހުދާ އުޅުނީ ހިނގައިގަންނާށެވެ. އައިވަން ހުދާގެ ފޯނު އަތުލިއެވެ.

"ތެދަށް ކިޔައިނުދީފިއްޔާ ފޯނު ޙަވާލު ކުރާނީ ފުލުހުންނާ..." އައިވަން އިންޒާރު ދިނެވެ.

"ސަކަރާތް ނުޖަހާ.." ހިނިގަނޑެއް ޖަހައިލަމުން ހުދާ ބުންޏެވެ.

އައިވަން ހަލުވި ފިޔަވަޅުތަކެއްގައި ދާތަން ފެނުމުން، ހުދާ ގޮސް ހުއްޓުވިއެވެ.

"ސަބަބު ބުނެފިއްޔާ ޤަބޫލު ކުރާނަންތަ؟..." ހުދާ އަހައިލީ އުއްމީދީ ރާގަކަށެވެ.

އައިވަން އެއްޗެއް ނުބުންޏެވެ. އެކަމަކު އެ ދެލޮލުން ފެނުނު އަސަރުތަކުން، އޭގެ މާނަ ހުދާއަށް ވިސްނުނެވެ.

"އައިވަންދެކެ ލޯބިވާތީ!..." ހުދާ އެއްވެސް ފޮރުވުމެއްނެތި ހިތުގެ ހާލު ހާމަކުރި އެވެ.

"ތީ އަހަރެން ޤަބޫލުކުރާނެ ވާހަކައެއް ނޫން..." އައިވަން ހީލީ، މަލާމާތުގެ ގޮތަކަށެވެ. "ލޯބިވާ މީހުން އުޅޭނީ ލޯބި ލިބޭ ގޮތަށް... ކުށްވެރިންނަށް އަހަރެންގެ ހިތުން ޖާގައެއް ނުދެވޭނެ.. ކިތަންމެ ގާތް މީހަކަސް..."

ހުދާއަށް ގޮތް ހުސްވިއެވެ. އެވާހަކަތައް ދެއްކުނު މޮޔަ ހީވި އެވެ. އައިވަން ދިޔުމުން އޭނަ ފާޑަކަށް ގަބުވެފައި ހުއްޓެވެ. ދެން ބޭނުންކުރަންޖެހޭނީ އޭނަގެ ފަހުގެ ހަތިޔާރެވެ. ހުދާ ފޯނު ނަގައި އެއިން އެއްޗެހިތަކެއް ހޯދަން ފެށިއެވެ. އެއެއްޗެއް ފެނުމާއިއެކު ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.

ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ފާރޫޤު ފުލުހުންގެ އިދާރާއަށް ޙާޟިރު ކުރެވުނެވެ. ބަޔާންތައް ނަގަމުންދިޔަ ވަރަކަށް ޙަޤީޤަތް ނިއުޅެމުން ދާނެކަމަށް އައިވަން ހީކުރިއެވެ. އެކަމަކު، ތަޙުޤީޤަށް ފާރޫޤުގެ އެއްބާރުލުމެއް ނުލިބުނެވެ. ގޮތް ހުސްވެ މާޔޫސްވުމުން ޝާކިރާއި ބައްދަލުކުރަން އައިވަން ދިޔައެވެ. އޭގެ އެތައް އަހަރެއް ކުރީގެ ހާދިސާ އާއި ގުޅޭގޮތުން ސުވާލުކުރުމުން ލިބުނީ އޭނަ ހީވެސް ނުކުރާފަދަ ޖަވާބެކެވެ.

"އެދުވަހު ކާރު ދުއްވަން އިނީ އަަހަންނެއް ނޫން... އަހަރެންގެ އަންހެނުން..." ޝާކިރު ބުންޏެވެ. "މީހެއްގެ ގައިގަ ޖެހުނުހެން ހީވެގެން ނަސްމާ ބިރުން އެތަނުން ފިލީ... އަހަންނަށް ޙަޤީޤަތް އެނގުނުއިރު ވަގުތު ފާއިތުވެއްޖެ..."

އައިވަން އިނީ، ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

"އަހަރެން އެތަނަށް ދިޔައިން... ޝިފާނާގެ ކަންކަން ވަރަށް ގާތުން ބެލިން... އަހަރެންގެ އާއިލާގެ ސަބަބުން ވީ ކަމެއްވީމަ، އަހަރެން ބޭނުންވީ، ފާރޫޤުގެ އާއިލާއަށް އެހީވާން... ވަކީލެއްގެ ވަޒީފާ އިއުލާނުކުރީ، ފާރޫޤަކީ އޭރު ވަކީލެއް ވީމަ... ވަރަށް ބޮޑު މުސާރައެއްވެސް ހަމަޖެއްސިން... ފާރޫޤަށް އެ ވަޒީފާ އޮތްކަން އެންގީވެސް އަހަރެން މެދުވެރިވެގެން... އަހަންނަށް އެނގޭ މީން އެއްވެސް ކަމަކުން ފުރާނައިގެ ބަދަލެއް ނުދެވޭނެ ކަން... އެކަމަކުވެސް، އަހަރެން ފާރޫޤަށް އެހީވީ، ހިތުގައި ހަމްދަރުދީ އުފެދިފައިވާތީ..." ޝާކިރު ވާހަކަ ދެއްކީ ފެންކަޅިވެފައި އިނދެއެވެ.

********

އައިވަން ކަންތައް ކުރިގޮތުން ފާރޫޤަށް ވަނީ ޝޮކެއް ލިބިފައެވެ. އެފަދަ ހުށިޔާރުކަމެއް ކޮށްފާނެ ކަމެއް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ހަސްފަތާލުގެ އަވަސް ފަރުވާދޭ ބައިގައި އޮތް ސުހާ ހޭ އެރިއިރު ފުލުހުން ތިބީ އެތަނުގަ އެވެ. ތަޙުޤީޤަށް ފާރޫޤު ޙާޟިރު ކުރެވުމާއިއެކު، ފުލުހުން ފާރޫޤުގެ ގެއާއި، އޭނާ އާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރަން ފެށި އެވެ. އެގޮތުން ބެލި ބެލުމުން ޒަޚަމުތަކަކާއި އެކު އޮތް ސުހާ ފެނުނީއެވެ.

އައިވަން ފެނުމުން، ސުހާގެ ދެލޮލުގައި މުތީތަކެއްހެން ބަބުޅައިގަތީ ކަރުނަ އެވެ. އެތައް ވާހަކައެއް ދައްކަން ބޭނުންވިއެވެ. އޭނަ ފުރަތަމަވެސް އެދުނީ އައިވަން އާއި ވަކިން ބައްދަލުކޮށްލުމަށެވެ. އެންމެން ނުކުތުމާއިއެކު އައިވަން އާއި ސުހާ އެކަނިވިއެވެ. ހަމަހިމޭންކަން ދެމީހުން ވަށައިލިއެވެ. ވާހަކަ ފަށަންވީގޮތެއް ނޭނގި، ސުހާގެ ދުލުގައި ކަސްތޮޅު އެޅުނެވެ. އައިވަންއަށްވެސް ވީ އެވަރެވެ. ބައްޕަގެ ސަބަބުން ފުރަތަމަ ފަހަރަށް މީހަކާއި ހަތަރުކަޅި ހަމަކުރަންވެސް މިއަދު އޭނަ ލަދުގަނެއްޖެ އެވެ.

"އައިވަން ކިހިނެއްތަ؟..." ސުހާގެ އަޑު ވަނީ ކުރެހިފައެވެ.

"އަހަންނެއްނު ތި ސުވާލު ކުރަންޖެހޭނީ..." އައިވަން ބުންޏެވެ. "އަހަރެން މިއަދު ލަދުގަނޭ..."

"ނޫން ނޫން..." ސުހާ އުޅުނީ ތެދުވާށެވެ. އައިވަން އަތުގެ އިޝާރާތުން އެކަން މަނާކުރުމުން އޮށޯވެލައިފި އެވެ.

"އައިވަންގެ ކުށެއް ނެތް... ކުށްކުރީ އަހަރެން... ލަދުގަންނަން ޖެހޭނީވެސް އަހަރެން..." ސީލިންގަށް ބަލަން އޮވެފައި، އައިވަންގެ މޫނަށް ސުހާ ބަލައިލި އެވެ.

"އަހަންނަށް ވަރަށް ރަނގަޅު ފިލާވަޅެއް ދަސްވެއްޖެ..." ސުހާ ބުންޏެވެ. "މީހަކު ދެކެ ކިތަންމެ ލޯބިވިޔަސް، ކޮންމެސް ހައްދެއް އޮންނަން ޖެހޭނެ ކަން... ލޯބިވުމުގެ މާނައެއް ނޫނޭ، މުޅި ނަފުޞު ޤުރުބާން ކުރާށެކޭ... ޙަޤީޤަތަކީ ތިކަހަލަ ރަނގަޅު މީހަކު އަހަރެންގެ ޙަޔާތަށް އައީމަވެސް، އަހަންނަށް ނުވިސްނުނު ކަން..."

"ސުހާ!..." އައިވަންއަށް ހިންދިރުވައިލެވުނެވެ.

"ތިހެން އަހަންނަށް ނުގޮވާ... އަހަރެންގެ ހިތް ބަދަލުވެދާނެ..." ސުހާ ދެލޯ މަރައިލި އެވެ. "އަހަރެން ވަރަށް ބޮޑު ކަމަކު ކިޔަން ބޭނުން... މިއަދުގެ ފަހުން، އަހަރެން ފެންނަ ހިސާބަށް އައިވަން ނާންނައްޗޭ... މާޒީ ހަނދާން ނައްތާލަން އަހަންނަށް ލިބޭނެ އެންމެ ބޮޑު ހިއްވަރަކަށް ވާނީ، އައިވަންއަށް ނުފެނި އުޅުން..."

އެއީ ސުހާ ބޭނުންވާގޮތެއް ނޫނެވެ. ފާރޫޤުގެ ސަބަބުން ލިބުނު އަނިޔާގައި އޭނައަށް ވަނީ ނަފުސާނީގޮތުން އެތައް އަސަރެއް ކޮށްފައެވެ. އައިވަން އާއި ކައިވެނި ނުކުރެވޭނެ ކަމަށްބުނެ، ފާރޫޤު ވަނީ ވިޔަފާރި މުދާގަނޑެއްގެ ގޮތުގައި ސުހާ ބޭނުންކޮށްފައެވެ. އެވަރުން ނުވެގެން އޭނައަށް އަނިޔާވެސް ދިނީ އެވެ. ސުހާ ބޭނުންވަނީ މިއަދު އެ ހުރިހާ ކަމެއް ހަނދާން ނައްތާލައި، އައު ބާބަކުން ދިރިއުޅުން ފަށާށެވެ. މާޒީގައި ކޮށްފައިވާ ކުށްތަކަށް ކޮންމެ އަދަބެއް ލިބުނު ނަމަވެސް އެ އަދަބެއް ލިބިގަންނަން ވެސް އޭނަ ތައްޔާރެވެ.

(ތިން އަހަރު ފަސް)

ބާރު ދުވެލީގައި އައި ސައިކަލުގައި ތިބީ ޒުވާން ދެ ފިރެހެނުންނެވެ. ދުވާރާއި ވީހާވެސް ކައިރިން ދުއްވާފައި ދިޔަ އެ ސައިކަލުގެ ފަހަތުގައި އިން މީހާގެ ނަޒަރު ހުއްޓިފައިވީ، ދުވާރުމަތީގައި ހުރި އަންހެން މީހާ އަށެވެ. އެމީހާގެ ކޮނޑުގައި ދަބަހެއް އަޅުވާފައި އޮތެވެ. ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. އަންހެން މީހާ އާއި އަރާ ހަމަވުމާއިއެކު، ސައިކަލުގެ ފަހަތުގައި އިން މީހާ، އަންހެންމީހާގެ އަތުގައި އޮތް ދަބަސް ޖަހައިގަތެވެ.

"ދަބަސް!..." އަންހެންމީހާ ހަޅޭއްލަވައިގަތެވެ. "ވަގެއް! ވަގެއް!..."

ފުލުހުންގެ ޔުނީފޯމުގައި ހުރި އަންހެންމީހާ ދުއްވައިގަތެވެ. އަތުގައި އޮތް ކޮފީދަޅު ސީދާ ސައިކަލާއި ދިމާއަށް ހޫރައިލި އެވެ. ދަޅު ގޮސް ފުރޮޅުގެ ދަށަށް ވަނުމާއިއެކު، ސައިކަލުގައި ތިބި ދެމީހުން ވެއްޓުނެވެ. ފުލުސް އަންހެންމީހާ ދުވެފައި ގޮސް ދެމީހުންގެ އަތުގައި ބިޑި އެޅުވި އެވެ. އޭނަ ތެދުވެ ހިންދެމިލާފައި ބަލައިލީ ފުރޮޅު ދަށުގެ ބަނޑިވެފައި އޮތް ދަޅަށެވެ. މާޔޫސްކަން މޫނުމަތިން ފެނިގެން ދިޔަ އެވެ.

"ހާސްނުވޭ..." ކައިރިން އަންހެނެއްގެ އަޑު އިވުމުން ފުލުސްމީހާ ބަލައިލި އެވެ. "މިއޮތީ ކޮފީ!..."

ކަނޑާފައިވާ ކޮފީދަޅެއް ދިއްކޮށްލައިގެން ކައިރީގައި ހުރީ ދަބަސްއަޅުވައިގެން މަގުމަތީގައި ހުރި އަންހެންމީހާއެވެ. ދަޅުގައި ހިފިގޮތަށް ފުލުސްމީހާ އެއް ނޭވާއިން އެ ދަޅު ބޮއެ ހުސްކޮށްލިއެވެ.

"ޑަންޑޮން ކޮފީ!... ހާދަ މީރޭ!..." ފުލުސްމީހާ ބުންޏެވެ.

"ކަޓް..." ކެމެރާ ހިފައިގެން ހުރި އާސިފު އަތުގެ ހަރަކާތާއިއެކު ވާހަކަ ދެއްކި އެވެ.

އަނަމް ހުރީ އޯކާ ދެމޭވަރު ވެފައެވެ. އެވަރުގެ ނުބައި ކޮފީއެއް އޭނަ އަދި ޙަޔާތުގައިވެސް ނުބޮއެވެ. އަވަހަށް ފެންފޮދެއް ދިނުމަށް އޭނަ އެދުނެވެ.

"މިހާ ނުބައި އެއްޗެއް އަދި ނުބޮވޭ..." އަނަމް ވާހަކަ ދެއްކީ އޭނަގެ ކައިރީގައި ހުރި، ނައިނާ އަށެވެ.

"އެކަމަކު ހާދަ މީރޭ ކިޔާފަ ތި އިސްތިހާރު ކުރަނީނު..." ނައިނާ ހީގަތެވެ. އަނަމް އާއި ދިމާކުރި އެވެ.

"މި ލައިގެން އަހަންނަކަށް ކެތެއް ނުވާނެ..." ލައިގެން ހުރި ފުލުހުންގެ ޔުނީފޯމު ދައްކައިލަމުން އަނަމް ބުންޏެވެ.

"އެތެރެއަށް ވަދެ ބަދަލުކޮށްލާ..." ގެސްޓް ހައުސް ދައްކައިލަމުން ނައިނާ ޙިޔާލު ދިނެވެ. "އަރާމުކޮށްލައިގެން ނުކުތަސް އޯކޭވާނެ... ބާކީ ޝޫޓިން ނިންމާލާފަ ދެން މިރަށުން ދެވޭނީ..."

އަނަމް އެތެރެއަށް ވަނީ އިނގިލި ކުރީގައި ތަޅުދަނޑި އަޅުވާލައިގެންނެވެ. ފޯނަށް ނަޒަރު ހުއްޓިފައިވުމުން، ކުރިމަތިން އައި މީހާ އޭނަައަކަށް ނުފެނުނެވެ. ކުއްލިއަކަށް މީހެއްގެ ގައިގައި ލައިގަނެފައި ތަޅުދަނޑި ވެއްޓުނެވެ.

(ނުނިމޭ)

ކޮމެންޓް 0