ޝާފިޔާގެ ހަނދާންތަކުން ޝާކިރުގެ ހިތަށް އުނދަގޫ ކުރަނީ އެވެ. ދެމީހުންގެ މެދުގައި ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު، ޝާކިރު ވަނީ، ޝާފިޔާގެ ކައިރިން ކައިވެންޏަށްވެސް އަހާފަ އެވެ. އެކަމަށް ފާޅުގައި ދެކޮޅު ހެދި މީހަކީ، ހުދު ޝާފިޔާ އެވެ.
********
"ޝާފިޔާގެެ ދައްތަ އައިސާފުޅަކީ އަބަދުވެސް ބައްޕައަށް ނަފުރަތު ކުރި މީހެއް... ޝާފިޔާ އަހަންނާ އިންނަން ދެކޮޅު ހެދީވެސް އައިސާފުޅު އެކަމާ ނުރުހުނީމަ... ބައެއް ފަހަރު ހީވޭ މިހާރު ދިމާވެގެން މިއުޅޭ ހުރިހާ ކަމަކީވެސް އައިސާފުޅުގެ ކަންތައް ހެން..." ޝާކިރު ދެން ބުނި އެއްޗަކުން އަނަމް ހައިރާންވެފައި އެ މޫނަށް ބަލައިލި އެވެ.
ޝާކިރު ދެން ކިޔައިދިނީ ރާވިންގެ ޙަޤީޤަތް އެންގުމަށް އައިސާފުޅު ކަންތައް ކުރި ގޮތެވެ. ރާވިންއަކީ އޭނަގެ ދަރިއެއްކަން އެންގި ގޮތާއި، ކުޑައިރު އެކުއްޖާ އޭނައަށް ޙަވާލުކުރި ގޮތެވެ. އަނަމްގެ ހިތުގައިވެސް، ޝައްކު އުފެދުނެވެ. އެކަން ސާފުކުރަން އޭނަ ބޭނުން ވިއެވެ. ޝާކިރު ދިން މައުލޫމާތު ލިޔެފައިވާ ކަރުދާސްކޮޅު ހިފައިގެން އޭނަ ނުކުތެވެ. އައިވަން ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކަރުދާސްކޮޅު އަތުލި އެވެ.
"އަހަންނަށް އިތުބާރު ކުރޭ..." އައިވަން ބުންޏެވެ.
"ނޫން... މި ހުރިހާ ކަމެއް ފެށި މީހަކީ އަހަރެންގެ ބައްޕަ... މިކަން ހައްލު ކުރަން ޖެހޭނީ މިހާރު އަހަންނަށް... އަހަރެން ބޭނުން ރާވިންގެ ބޮޑުދައިތަ ކައިރިން މާފަށް އެދެން..." އައިވަންގެ އަތުން ކަރުދާސްކޮޅު އަތުލުމަށް މަަސައްކަތް ކުރަމުން، އަނަމް ބުންޏެވެ.
"މީ އެހާ ރައްކާތެރި ކަމެއް ނޫނޭ... އަހަރެން މިކަން ވެގެން އުޅޭ ގޮތެއް ބަލާނަން..." އަނަމްއަށް ދެރަގޮތެއް ވާކަށް އައިވަން ބޭނުމެއް ނުވި އެވެ.
އަނަމް އިސްޖަހާލައިގެން ހުރުމުން، އައިވަން ކުޑަކޮށް ގުދުވެ އެމޫނަށް ބަލައިލި އެވެ. ފެންކަޅިވެފައިވާ ދެލޯ ނުދައްކަންވެގެން، އަނަމް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލި އެވެ.
"ދެރަވީތަ؟..." އައިވަން އަހައިލި އެވެ.
އަނަމް ޖަވާބެއް ނުދިނެވެ. އެ އަތުގައި ހިފައިގެން އައިވަން ގޮސް ވަނީ، ފުލުހުންގެ އިދާރާގައި ބޭސް ރައްކައު ކުރަން ހަދާފައިވާ ކުޑަ ގުދަނަށެވެ.
"ދެން އޯކޭ ރުޔަސް... އޭރުން އަހަރެން ހުންނާނަން މިހެން..." އަނަމްގެ ގައިގައި ބައްދައިލަމުން އައިވަން ބުންޏެވެ.
އަނަމްގެ ބަޑި ފަޅައިގެން ދިޔަ އެވެ. ހިތުގައި އުފެދިފައިވާ ޝަކުވާތައް އެ ކަރުނަތަކާއި އެކުވެގެން ބޭރުވަމުން ދިޔަ އެވެ. އަމިއްލަ ދިރިއުޅުން އެފަދަ ޙާލަތަކަށް ގޮސްދާނެ ކަމަކަށް އޭނަ ކުޑަކޮށްވެސް ހިއެއް ނުކުރެ އެވެ. މިއަދު އައިވަން އޭނަގެ ކައިރީގައި ހުރުން އެއީ ލިބިފައިވާ އެންމެ ބޮޑު އެއް ނިޢުމަތެވެ.
"ސުޕަމޭން!... ދުވަހަކުވެސް އަހަރެން މިހާ ދެރަވާންޖެހޭ ވަރުގެ ކަމެއް ނުކުރައްޗޭ..." އަނަމް ރޮއެރޮއެފައި އެދެމުން ދިޔަ އެވެ.
********
އަނަމްގެ އަތުން އަތުލި ކަރުދާސްކޮޅު ހިފައިގެން، އައިސާފުޅުގެ ގެއަށް އައިވަން ދިޔައީ، ތަޙުޤީޤަށް ކުރިއެރުމެއް ލިބޭނެކަމުގެ އުއްމީދުގަ އެވެ. ކަންތައްވީ، އޭނަ އުއްމީދު ކުރި ގޮތާއި މުޅީން ޚިލާފަށެވެ. އައިސާފުޅަކީ، އެކަނި ހާލަށް ދިރިއުޅެމުންދިޔަ، ނިކަމެއްޗެކެވެ. މުސްކުޅިވެގެން ބަލިހާލަތު ދަށެވެ. އެނދުން ތެދުވުން ވެސް، އެމީހާއަށް ވަނީ ދަތިކަމަކަށް ވެފަ އެވެ. ވާހަކަ ދެއްކުމުގައި ހަރުކަށި ގޮތެއް ހުއްޓަސް، ހިތްހެޔޮކަމުގެ މިސާލެކެވެ. މެހެމާންދާރީ އެހާ ފުރިހަމަ އެވެ. އައިވަން ފެނުމުން، ވާހަކަ ދެއްކިލެއް މަޑުމައިތިރި ކަމާއި، އޯގާތެރިކަމަކީީ، އެފަދަ ނުބައި ކަމެއް ކުރަން އެ މީހާއަށް ނުކެރޭނެ ކަމުގެ ހެއްކެއްގެ ގޮތުގައި އައިވަން ޤަބޫލު ކުރި އެވެ.
"އަހަންނަށް ގިނަ މީހުން ކިޔާނީ އައިސާފުޅު..." އައިވަން ފެނުމުން، އައިސާފުޅު ހިނިތުންވެލާފައި ބުންޏެވެ.
އައިވަން އޭނަ ދިޔަ ބޭނުން ބުނުމުން، އައިސާފުޅުގެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނެވެ. އެހެން އެކަން ވާނެކަން އޭނައަށް މާ ކުރިންވެސް އެނގޭ ކަހަލަ އެވެ. އައިސާފުޅު ހީވަނީ އެވަގުތަކަށް އިންތިޒާރުގައި އޮތް ހެންނެވެ. އޭނަ ދެފަރާތަށް ބޯ ހޫރާލާފައި، ކައިރީގައި އިން އައިވަންގެ އަތުގެ މުލައްދަނޑީގައި ހިފައިލި އެވެ.
"ދައްތަގެ އުއްމީދު އެންމެފަހުން ހާސިލުވީ... ދެން ބޭނުންވަނީ ރާވިން ދެކެލަން..." އައިސާފުޅުގެ ދެލޯ ފެންކަޅި ވިއެވެ. "ރާވިން ސަލާމަތުން ދުނިޔޭގަ އެބަ ހުރިތަ؟..."
އައިވަން ބޯ ޖަހައިލުމުން، އައިސާފުޅު ދޫކޮށްލީ ފުން ނޭވާ އެކެވެ. ދިރުން ގެއްލިފައިވާ މޫނު އުޖާލާ ވިއެވެ.
"ދުނިޔެ ދޫކުރުމުގެ ކުރިން ދެކެލުމުގެ ނަސީބު ލިބޭނެ ނަމައޭ ހިތަށް އަރާ..." އައިސާފުޅު ބުންޏެވެ.
"ރާވިން ރާއްޖެ ގެނެވުނުހާ އަވަހަށް، ބައްދަލު ކުރެވޭނެ ގޮތް ހަދައިދޭނަށް..." އައިވަން ޔަޤީންކަން ދިނެވެ.
އައިސާފުޅު ހިނިތުންވެލި އެވެ. ޝުކުރުވެރިކަމުގެ ބެލުމަކުން އައިވަންއަށް ބަލަން އޮވެފައި، އޭނަ ދެލޯ މަރާލައިފި އެވެ.
"އަލްހަމްދުލިﷲ... ދައްތައަށް އެނގޭ މިދުވަސް އަންނާނެ ކަން... ޝާކިރުގެ އަނދިރި ޙަޤީޤަތް ފުލުހުންނަށް ޚިއްސާކުރެވޭނެ ދުވަހެއް އައުމަކީ، މި ދައްތަ ވަރަށް އުއްމީދު ކުރި ކަމެއް..." އައިސާފުޅު ވާހަކަ ދެއްކީ އައިވަންއަށް ބަލަން އޮވެ އެވެ.
"މިހާރު ދައްތަގެ ގައިބާރު ކިތަންމެ ދެރަޔަސް، ދައްތަގެ މި ގުނަވަން، އަދި މާތްﷲގެ އިރާދަފުޅުން، ރަނގަޅަށް އެބަ މަސައްކަތް ކުރޭ..." އައިސާފުޅު ދައްކައިލީ، އޭނަގެ ދުލެވެ.
"ދައްތާ!... ދައްތައަށް އެނގޭނެ ކަންނޭނގެ، ރާވިން ކުރީ ކުޑަ ކުށެއް ނޫން ކަން... އެތައް އަހަރުގެ ޖަލު ހުކުމެއްވެސް އަތުވެދާނެ..." އައިވަން ބުނެލި އެވެ.
"އާނ!... ދައްތައަށް އެކަން އެނގޭ... އެކަމާއިހުރެ، ދައްތައަށް ހަމަނިދި ނުލިބޭ... ރަނގަޅަށް ނުވެސް ކެވޭ... ހިތަށް އަރަނީ، ރާވިން މިއަދު އެ އުޅޭ ދިރިއުޅުމަކީ، ދައްތަގެ ސަބަބުން އެކުއްޖާއަށް އުޅެންޖެހިފައިވާ ދިރިއުޅުމެކޭ... މިހާލުގަ، އަމިއްލަ ނަފުސަށް މާފު ކުރެވޭނީވެސް ކިހިނެއް؟..." އައިސާފުޅުގެ އަޑު ތުރުތުރު އަޅަ އެވެ.
"ނޫން ދައްތާ!... ތިކަހަލަ ކަންކަމާ ދޭތެރޭ ގޮތްގޮތަށް ވިސްނައިގެން، އަމިއްލަ ނަފުސު ކުށްވެރި ކުރާކަށް ނުވާނެ..." އައިވަންއަށް ވާހަކަ ދެއްކުނީ ގާތް ގޮތަކަށެވެ.
"ރާވިން ވިހޭތާ ހަފުތާއެއް ނުވެ ޝާފިޔާ މިދުނިޔެ ދޫކުރީ... އޭގެ ފަހުން އެކުއްޖާ ބެލީ އަހަރެން... އެކަމަކު، ރާވިންގެ އުމުރުން ތިން އަހަރުގަ އަހަރެން ބަލިވާން ފެށީ... އަމިއްލައަށް އުޅެން އުނދަގޫވި... ކުޑަ ކުއްޖަކު ބެލޭނެ ހިއްވަރު އަހަރެންގެ ގަޔަކު ނެތް... އެހާ ތަނަވަސް ކަމެއްވެސް ނެތް... އަހަރެން ހީކުރީ، ޝާކިރު ރާވިން ބަލާނީ ވަރަށް ރަނގަޅަށް ކަމަށް... އެކުއްޖާ ފެނިފަ، އެއީ ޝާފިޔާގެ ދަރިއެއްކަން އެނގޭނެ ކަމަށް... އެހެންވެ، އަހަރެން ޝާކިރުގެ ކައިރިއަށް އެކުއްޖާ ފޮނުވީ..." އައިސާފުޅު ކެއްސައިގަތެވެ.
އައިވަން ފެންތަށި ދިނުމުން، އައިސާފުޅު އެއިން އެތިފޮދެއް ބޯލި އެވެ. އެއަށްފަހު، އައިވަންގެ އަތަށް ތަށި ދިއްކޮށްލި އެވެ.
"އެވަރުންވެސް އަހަރެން ރާވިން ދޫކޮށެއް ނުލަމޭ... އެކަނި ޙާލަށް ހިނގަން އުނދަގޫވާތީ، ރާވިންގެ ކަންކަން ބަލަން އަހަރެން މީހަކާ ޙަވާލު ކުރީ ވެސް... އެކަމަކު އެމީހާވެސް އަހަންނަށް އޮޅުވާލީ... އޭނަ ބޭނުންވީ ފައިސާ... ޝާކިރުގެ ކުންފުނިން ވަޒީފާ ލިބިގެން އަހަރެންގެ އެކުވެރިކަން މަތީން އޭނަ ހަނދާން ނައްތާލީ... ފަހުން، ޝާކިރުގެ ގޮތް އެނގި، އެތަނުން ވަކިވެގެން އައިސް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިނީ... އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ޝާކިރަށް ޙަޤީޤަތް އެންގީ... ޝާކިރަށް ހުރިހާ ލިޔުމެއްވެސް ފޮނުވީ އެމީހާ މެދުވެރިކޮށް... އަހަރެން ބޭނުންވީ ޝާކިރުގެ ހިތުގެ ހަމަޖެހުން ގެއްލުވާލަން..." އައިސާފުޅު އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ވާހަކަ ދެއްކި އެވެ.
އައިވަން ބޯ ޖަހަައިލަޖަހައިލާ އިނެވެ. ބުނާނެ އެއްޗެއް އޭނައަކަށް ނޭނގުނެވެ. އައިސާފުޅުގެ ވާހަކަ ނިމުމުން، އޭނަ އިތުރަކަށް މަޑެއް ނުކުރެ އެވެ. އޭނަ އުޅުނީ އެތަނުން ދާށެވެ. އައިޝާފުޅު ގޮވައިލުމުން، ފަސްއެނބުރި ބަލައިލި އެވެ.
"ތީ ފާރޫޤުގެ ދަރިއެއްތަ؟..." އައިޝާފުޅު އަހައިލި އެވެ.
ބައްޕަ އެނގުނީ ކިހިނެއްތޯ އައިވަން ސުވާލު ކުރި އެވެ. އައިޝާފުޅު ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.
"ފާރޫޤަކީ، އަހަރެންގެ އެކުވެރިއެއް..." އައިޝާފުޅު ބުންޏެވެ.
"ވަރަށް ދުވަސްވެއްޖެ ބައްޕައާ ބައްދަލު ނުވާތާ... އަދިވެސް، ބަދަލުހިފުމުގެ ރޫހު ހުރޭތަ؟..." އައިޝާފުޅު ދެން އަހައިލި ސުވާލަކުން އައިވަންގެ ހިތަށް ޒަލްޒަލާއެއް ގެނުވި އެވެ.
"ބަދަލުހިފުމުގެ ރޫހޭ؟... ކާކު؟... ކޮން ކަމަކަށް؟..." ޔަޤީން ނުވެގެން، އައިވަން އަހައިލި އެވެ.
"އެކޮއެގެ ބައްޕަގެ ވާހަކަ މި ދައްކަނީ... ފާރޫޤު ހުރީ، އެކޮއެގެ މަންމަގެ މަރުގެ މައްސަލާގަ މުޅީން އުއްމީދު ގެއްލިފަ... އޭރު ހަމަ އަތުކުރި އޮޅާލާފަ ހުރީ، ބަދަލު ހިފަން... އަހަރެން ވަރަށް ނަސޭހަތް ދީގެން ފާރޫޤު ހަމައަކަށް އެޅުނީ..." އައިސާފުޅު ކިޔައިދިނެވެ.
އައިވަން އަނބުރާލާފައި އައިސާފުޅުގެ ކައިރިއަށް ދިޔަ އެވެ. ހިތުގައި އޮތް ސުވާލުތައް އޭނަ ކުރަން ފެށީ ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިންނެވެ. ޙަޤީޤަތް ނިއުޅެމުން ދިޔަ ވަރަކަށް، އައިވަންގެ ހިތް ކުދިކުދިވަމުން ދިޔަ އެވެ. ދުވަހަކު ނޭނގޭ ކަޅު އަނދިރި ދުވަސްތަކެއްގެ ވާހަކަތަކެއް އައިސާފުޅު ދިޔައީ އޭނައަށް ކިޔައިދެމުންނެވެ.
"ޝާކިރަކީ ތި ހީކުރާހާ މާތް މީހެއް ނޫން ކޮއްކޯ... އެކޮއިގެ މަންމަ މަރުވެގެން ދިޔައީ، އެ ޝާކިރުގެ ސަބަބުން... އެއީ ޝާކިރު ގަސްދުގައި ކުރި ކަމެއް... ޝާފިޔާ އާ އިންނަންވެގެން ޝާކިރު އުޅުނީމަ އަހަރެން އެކަން މަނާ ކުރީވެސް އެހެންވެ... ކާކު ބޭނުންވާނީ އެމީހެއްގެ އާއިލާގެ މީހަކު ޤާޠިލަކާ ދެވަން..." މާޒީގެ ހަނދާންތައް އައުކުރަމުން، އައިސާފުޅު ވާހަކަ ދެއްކި އެވެ.
އައިވަންގެ މުޅި ދުނިޔެ އެނބުރެމުން ދިޔަ ކަހަލަ އެވެ. މަންމަގެ މަރާއި ޝާކިރާއި ގުޅުމެއް ވާކަން އެނގުނު ނަމަވެސް، އެކަން ކުރީ ސީދާ ޝާކިރު ކަން، ކުރިން އެނގިފައެއް ނެތެވެ. އެކަމަކު، އައިސާފުޅު ދެއްކި ވާހަކަތަކުން، އޭނައަށް އެކަން ޔަޤީންވެއްޖެ އެވެ. އޭނައަށް ނޭނގެނީ ޝާކިރު އެފަދަ ކަމެއް ކުރަން ޖެހުނު ސަބަބެކެވެ. އައިވަންގެ ހިތުގައި ދިލަ ރިހުމެއް އުފެދިގެން ދިޔަ އެވެ. ހަތަރުފަރާތުން މުޅި މީހާ ފިތޭ ހެންވެސް އޭނައަށް ހީވި އެވެ. ވަގުތުން ދެއަތް މުށްކެވުނެވެ.
"އެކޮއެގެ ބައްޕަ މަސައްކަތް ކުރަނީ އެ ޝާކިރުގެ ކުންފުނީގަ އެއްނު... ނޭނގޭތަ؟..." އައިސާފުޅު އަހައިލި އެވެ.
"އޭނ؟..." އައިވަންގެ މޫނުމަތިން ފެނުނީ ސިހުމެވެ.
"ބައްޕަ ނުބުނޭ ދޯ؟... އޭރުވެސް ދައްތައަށް ހީވިއޭ... އާނ!... ދައްތަ ވަރަށް ދެކޮޅު ހެދިން... ބުނިން ޝާކިރާ އެއްފެންވަރަށް ނުވެއްޓޭށޭ... އެކަމަކުވެސް ފާރޫޤު ބުނި އެއީއޭ ދެން އޮތް ހަމައެކަނި ގޮތަކީ... ދައްތައަކަށް ނޭނގެ ކިހިނެއް މާނަކޮށްފަ ބުނި އެއްޗެއް ކަމެއް..." އައިސާފުޅު ވިސްނައިލާފައި ބުންޏެވެ.
އައިވަންއަށް ހިންދިރުވައިލެވުނެވެ. އެވަރުގެ ދުޝްމަނުކަމެއް އޮތް މީހެއްގެ ކައިރީގައި ބައްޕަ ވަޒީފާ އަދާކުރަންޖެހޭ އެއްވެސް އިތުރު ސަބަބެއް އޭނަ އަކަށް ނުވިސްނުނެވެ. މުޅި ތަބީޢަތު ބަދަލުވި އެވެ. އޭގެ ފަހުގައި އައިސާފުޅު ދެއްކި އެއްވެސް ވާހަކައަކަށް އޭނައަކަށް ނީވުނެވެ.
********
ގެއަށް އައިއިރު، އައިވަންގެ ހިތް ވަނީ ކުދިކުދި ވެފައެވެ. އައިސާފުޅުގެ ކައިރިއަށް އޭނަ ދިޔައީ، ޝާކިރުގެ އަނދިރި ފަރާތް ހޯދާށެވެ. ތަޙުޤީޤަށް އިތުރު ހެކި ހޯދުމުގެ ގޮތުންނެވެ. އެކަމަކު ކަންތައް ބަދަލުވެގެން އެދިޔައީ ކިހިނެއް ހެއްޔެވެ؟ ޝާކިރާއި އޭނަގެ ދިރިއުޅުމާއިވެސް އެވަނީ ގުޅިފަ އެވެ. އަނެއްކޮޅުން އަމިއްލަ ބައްޕަގެ ނޭނގޭ ފަރާތެއް އޮތްކަން އޭނައަށް އެނގިއްޖެ އެވެ. އަދިވެސް ނޭނގޭ ކިތައް ކަންތައް އޮންނާނެ ހެއްޔެވެ؟ ކަފުންކޮށް ވަޅުލާފައިވާ ކިތައް ސިއްރު އޭނައަށް ހޯދިދާނެ ހެއްޔެވެ؟ ކަންތައް ވެފައި އޮތް ގޮތުން، ފާރޫޤަށްވެސް ޝައްކުގެ އިނގިލި ދިއްކޮށްލަން މިއަދު އޭނައަށް މަޖުބޫރުވެއްޖެ އެވެ.
"ނޫން... މީ އަހަންނަށް ހީވާ ގޮތެއް... އަހަރެންގެ ބައްޕައަކީ، ނުބައި އިންސާނެއް ނޫން... މީ ވަހުމެއް... ކުށްހީއެއް..." އައިވަން އޭނަގެ އަމިއްލަ ހިތާއި ވާހަކަ ދައްކަމުން، ގޭގެ ދޮރު ހުޅުވައިލި އެވެ.
ގޭތެރެއަށް އެންމެ ފުރަތަމަ އަޅާލި ފިޔަވަޅާއިއެކު، އައިވަން ސިހިއްޖެ އެވެ. މައިގެ ތެރޭގައި ފާރޫޤު އެހުރީ އޭނަގެ އިންތިޒާރުގަ އެވެ.
"ދަރިފުޅާ!..." ފާރޫޤު ގޮވައިލީ އައިވަން ސިހުނު ތަން ފެނުމުންނެވެ.
"މިހާރު ދަރިފުޅު ހާދަ ނުފެނެއޭ... މާ ބުރަ ދުވަސްކޮޅަކީތަ؟..." ފާރޫޤު އަހައިލީ އާދައިގެ މަތީން ވަރަށް ލޯބިންނެވެ.
"އާނ... ބޮޑު ތަޙުޤީޤެއް ކުރަންޖެހުނީމަ މާ ބުރަ ވަނީ..." އައިވަންގެ ނިތްކުރިމަތީން ދާ ހިއްލައިލި އެވެ. ޝައްކާއި ވަހުމުތަކުން އޭނައަށް ރީތިކޮށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.
އަމިއްލަ ހިތަށް ވިސްނައިދޭން އުޅުނަސް، އޭނައަށް ފާރޫޤަށް ބެލެމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. އެކަމާއިހުރެ، ބައްޕަ އާއި ހަތަރުކަޅި ހަމަކުރަންވެސް އައިވަން ހުރީ ޖެހިލުންވެފަ އެވެ. ކިތަންމެ ފަހަރަކު އެތަނުން ދުވެ ފިލަން ހިތް ގޮވި އެވެ.
"ޝާކިރުގެ މައްސަލަތަ؟..." ފާރޫޤު އަހައިލި އެވެ.
އައިވަންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ.
(ނުނިމޭ)