އައިވަންގެ ދެލޯ ބޮޑުވަމުން ދިޔަ އެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާ ފޯވާން ފެށި އެވެ. އެވަރުންވެސް ހުއްޓާކަށް އަނަމް ގަސްދެއް ނުކުރި އެވެ. ކުރިއަށް ޖެހިލައި އައިވަން ލައިގެން ހުރި ޓީޝާޓު އަތުގެ ތެރޭގައި ބޮނޑިކޮށްލައިފި އެވެ. ދެން ކުއްލިއަކަށް ކައިރިއަށް ދަމާލިގޮތުން އައިވަންގެ ނޭވާ ހީވީ އެތެރެހަށީގައި ތާށިވި ހެންނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުޅެވުނީ ހުވަފެނެއްގެ ތެރޭގައި ހެން އޭނައަށް ހީވި އެވެ. އަންހެން ކުއްޖަކު އެހާ ގިނަ ބައެއްގެ ތެރޭގައި އެ އުޅެން ފެށި ގޮތަކުން އޭނަ ލަދުން ހަލާކު ނުވީ ކިރިޔާ އެވެ. އަނަމް ދުރު ކުރަން ބޭނުންވި ނަމަވެސް، އެ އަންހެން ކުއްޖާގެ ގައިގައި އަތްލާކަށް އޭނައަކަށް ނުކެރުނެވެ.
********
މަންޒަރު ބަލަން އެއްވަމުންދިޔަ މީހުންތައް އެދެމީހުން ވަށައިލި އެވެ. އެއްބަޔަކު އެމީހުންގެ ފޯނުގައި އެ މަންޒަރު ރައްކާ ކުރަމުން ދިޔަ އެވެ. އަނެއް ބަޔަކު ހީހީފައި އުޅޭގޮތުން ހީވަނީ އަލަށް ކަމެއް ފެނިގެން އުޅޭ ހެންނެވެ.
އައިވަންގެ މޫނަށް ހޫނު ނޭވާ އެޅޭހައި ކައިރިއަށް ޖެހިލާފައި، އަނަމް އެ ނުދަންނަ ޒުވާނާ އާއި ހަތަރުކަޅި ހަމަކޮށްލި އެވެ. ނޭވާ ލާންވެސް ނުކެރިފައި ހުރި އައިވަންގެ އިހުސާސްތައް އެނގުމުން، އޭނައަށް ވަކީން ބޮޑު ހިއްވަރެއް ލިބިގެން ދިޔަ އެވެ.
"އަދިވެސް ދުވާތަ؟..." އަނަމް ވާހަކަ ދެއްކީ ވައި އަޑުން ހަމައެކަނި އައިވަންއަށް އިވޭ ވަރަށެވެ. އިނގިރޭސިން ވާހަކަ ދެއްކުމުން، އަނަމް އަކީ ދިވެއްސެއް ކަމެއް އޭރުވެސް އައިވަންއަކަށް ނޭނގެ އެވެ.
ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި ހުރި އައިވަންއަށް އަނަމްގެ ސުވާލުން އިތުރު ހައިރާންކަމެއް ލިބުނެވެ. އަނަމް އާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެން އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލި ވަގުތު، އެއްވެފައިވާ މީހުންތައް ފެނި، އޭނަ ސިހޭގޮތް ވިއެވެ. ކަންފަތަށް ޖަހާފައިވާ ހެޑްސެޓްއިން ނޫމާން އޭނައަށް ގޮވަމުންދާ އަޑުވެސް އައިވަންއަށް އިވުނީ އެވަގުތު އެވެ. އޭނަ އަވަސް އަވަހަށް އަނަމްގެ ދެ ކޮނޑުގައި ހިފައި، ދުރުކޮށްލައިފި އެވެ. ލައިގެން ހުރި ޓީޝާޓު ރީތިކޮށްލަމުން އަނަމްގެ މޫނަށް އޭނަ ބަލައިލީ ބިރެއް ފެނުމުން ބަލައިލާ ހެންނެވެ.
އަނަމް ޖަހައިލީ ލުއި ހިނިގަނޑެކެވެ. އަންނާރު އޮށްތަކެއްފަދަ ކުދި ދަތްތައް ހުދު ކަމުން، އެ ނާޒުކު ދަނޑިވަޅުގައި ވެސް އެ އަންހެން ކުއްޖާގެ ރީތި ކަމަށް އޭނަގެ ހިތުގެ އަޑިން ތައުރީފު ކޮށްލެވުނެވެ. އެތަނުގައި އިތުރަށް މަޑު ނުކުރަންވެގެން އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ފާޚާނާއަށް ވަނެވެ.
"އޭ، އޭ!... ކަލޭ ކޮންގަނޑެއް ތި ގަންނަނީ؟... ހާދަ ފައްކާ މަންޖެއެއް ސެޓުކޮށްލައިގެން ތިއުޅެނީ..." ނޫމާން ހެމުން ވާހަކަ ދެއްކި އެވެ.
އޭރުވެސް ހުރެވުނީ ވީޑިއޯ ކޯލުގައިކަން ހަނދާންވުމުން އައިވަން އަވަސް އަވަހަށް ވީޑިއޯ ނުފެންނަގޮތަށް ހެދި އެވެ. އޭނަ ފޯނު ލީ ޖީބަށެވެ.
"އަހަރެން ނުދަންނަމޭ އޭނައެއް... ކާކު ކަން އޮޅުނީ ކަންނޭނގެ..." އިސްކޫރު ކައިރިއަށް ޖެހިލައި އަތް ދޮވެލަމުން އައިވަން ބުންޏެވެ.
"ތިއެއްވާ ނޭނގެ ދެމީހުން ތަތްވެލައިގެން ތިބިއިރު ހީވަނީ ދެ ދަގަތްފާނުގަނޑު ހެން... ދިން ތަނަނާ، ދިން ތަނަނާ..." ނޫމާން އޭނަގެ އަނގައިން ރާގެއްގެ އަޑު ލައްވަން ފެށި އެވެ. "ދަރި އަތުން ފޯނު އަތުލައިގެން މަ މިހުރީ ހިންދީ ރާގެއް ކިޔާލަކިޔާލާ... ކައިރީގަ ޕޮޕްކޯންކޮޅެއް ހުރިނަމަ، އަދި ވަރަށް އެންޖޯއި ކޮށްލެވުނީސް..." ނޫމާން ދިމާކުރަން ފެށި އެވެ.
"ނޫމާން... ކަލޭ ތިނޫން ކަމެއް ނޯވޭ ދޯ... ހުރެބަލަ މަ ދަންދެން... އަންހެނުންނާ ދެމީހުންނަށް އެއްތާކު ނިދާކަށް ލާހިކެއް ނޫން..." އައިވަން ވެސް ދުލެއް ނުކުރި އެވެ.
********
އަނަމް ހުރީ ނައިނާ އާއި ގުޅައިގެންނެވެ. ދެކޮޅަށް ހިނގަހިނގައި ހުރިއިރު، ދެ ތުންފަތް ފިތާލައިގެން ހުރިގޮތުން އަދިވެސް އޭނާގެ ހިތް ހަމައަކަށް ނޭޅޭކަން އެނގެ އެވެ. ނައިނާ ދައްކަމުންދިޔަ ވާހަކައަކަށް އޭނައަކަށް ކުޑަވެސް ޝައުޤުވެރިކަމެއް ނުދެވުނެވެ. އޭނަގެ ކަންފަތް ކައިރީގައި ތަކުރާރުވަމުން ދިޔައީ އައިވަން ބުނި ޖުމްލަ ތަކެވެ.
"ދެން ބުނި ނަމައެއްނު ފެންވަރުވަދޭން ހިނގާށޭ... ސެންޓު ކޮޅެއްވެސް ޖަހާލަދޭށޭ..." އަނގަމަތީގައި އަތް އަޅައިގެން ހުރެ، ނައިނާ ވާހަކަ ދައްކަމުން ދިޔައީ، އޭނަ ހޭކަން އަނަމްއަށް ސިއްރު ކުރަން މަސައްކަތް ކުރަމުންނެވެ.
"އަހަރެންނަމަ ބުނީމުސް ހިނގާށޭ ފެންވަރުވަދޭން..." އަނަމް އެއްޗެއް ނުބުމުން ދެންވެސް ވާހަކަ ދެއްކީ ނައިނާ އެވެ.
އިތުރު އެއްޗެއް ނުބުނެ އަނަމް ފޯނު ކަނޑައިލީ، ފާޚާނާއިން ނުކުމެގެން އައި އައިވަން ފެނިފަ އެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރި އަނަމް ފެނި، އައިވަން އަވަސް އަވަހަށް މާ ދުރުދުރުން ގޮސް، ގޮނޑިއެއްގައި އިށީނދެއްޖެ އެވެ.
********
އަތުގައި އޮތް ޓިކެޓަށް ބަލަހައްޓައިގެން އިން ރާވިންގެ އަތް މުށްކެވެމުން ދިޔަ އެވެ. ކައިރީގައި ހުރި ފޮށިތަކަށް އެ ނަޒަރު ހުއްޓުމާއިއެކު، އޭނައަށް ދެލޯ މަރާލެވިއްޖެ އެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު، އޭނަ ކުއްލިއަކަށް ތެދުވި އެވެ. ދެ އަތުން ދެ ފޮށި ދަމަމުން، އޭނަ ބޭރަށް ނުކުތްއިރު، ދޮރުމަތީގައި ކާރެއް އޮތެވެ. ރާވިން ނުކުތުމާއިއެކު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލި ތަން ފެނުނެވެ.
ތުނިތުނިކޮށް ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި، ރާވިން މަގުމައްޗަށް ނުކުތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާރަށް ފޮށިތައް އެރުވި އިރު، އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ލައިގެން ހުރި އަންނައުނު ތެމެމުން ދިޔަ ނަމަވެސް އޭނަގެ ފަރުވާލެއް ނެތެވެ.
ރާވިން ގޮސް ކާރުގެ ފަހަތު ޝީޓުގައި އިށީނުމާއިއެކު ކާރު ދުއްވާލައިފި އެވެ. ޑްރައިވަރު އިން ޝީޓާއި ޖެހިގެން އިން ޝީޓުގައި ފިރެހެނަކު އިނެވެ. ކާރުގެ ބިއްލޫރިގަނޑުން، ރާވިން އެމީހަކާއި ދިމާއަށް ބަލައިލި އެވެ. ފެންނަމުން ދިޔައީ، ހަމައެކަނި އެމީހެއްގެ ދެ ލޮލެވެ.
ކާރުގައި ހޭދަވި ސާޅީސް ފަސް މިނެޓުގެ ދިގު ދަތުރު ނިމުނުއިރު، ރާވިން އިނީ ފިނިވެގެން ތުރުތުރު އަޅާވަރު ވެފަ އެވެ. އޭނަ ތެމިގެން އިންކަން އެނގޭ އިރުވެސް ކާރުގެ ފިނި ހުރީ، އެންމެ ގަދަކޮށްފަ އެވެ. އެއާޕޯޓާއި ހަމައިން ކާރު ހުއްޓައިލުމާއިއެކު ރާވިން އުޅުނީ ފައިބާށެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔަ އެވެ.
"އަހަރެން ކަލޭ މި ފޮނުވަނީ ހިތު ހުރިހާ ގޮތަކަށް އުޅޭކަށް ނޫން... ކަލެޔަށް ލިބޭނީ ބަރާބަރު ހަފުތާއެއް... ބުނި ގޮތަށް ކަންކަން ފުރިހަމަ ނުކޮށްފިއްޔާ ކަންތައް ވާނެގޮތް އަހަންނަކަށް އިތުރަށް ބުނެދޭކަށް ނުޖެހޭނެ..." ދޮރު ހުޅުވައިލި ރާވިންގެ ހަރަކާތްތައް ހުއްޓުނީ، އެމީހެއްގެ ބަރު އަޑު އިވިފަ އެވެ.
ރާވިންއަށް ހިންދިރުވައިލެވުނެވެ. އަތް މުށްކެވެން އުޅުނެވެ. ހިއްވަރު ކުރި ނަމަވެސް، ދަތްތަކަށް ބާރުކޮށްލެވުނީ އޭނަގެ އިޚުތިޔާރުން ބޭރުގަ އެވެ. ހިތުގައި އުފެދުނު ޝަކުވާތަކުގެ ސަބަބުން ކަރުނައިގެ މުތީތަކެއް ދެލޮލުގައި ބަބުޅައިގެން ދިޔަ އެވެ. އެހެން އިންސާނުން ފަދައިން، އޭނަގެ އަމިއްލަ ނަފުޞުގެ އެއްވެސް އަގެއް ނެތީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ދިރިއުޅުމުގެ މައްޗަށް އަމިއްލަ އެއްވެސް އިޚުތިޔާރެއް ނެތީ ކީއްވެ ހެއްޔެވެ؟
ރާވިން އަވަސް އަވަހަށް ކާރުން ފޭބީ އެ އިހުސާސްތައް ވަންހަނާ ކުރަމުންނެވެ. ފަހު ވަގުތު ކަންތައް ވާނޭގޮތެއް ހުދު އޭނައަކަށް ވެސް ނޭނގެ އެވެ. އެހެން ހުރިހާ ކަމަކަށްވުރެ، އަމިއްލަ އާއިލާ އޭނައަށް މުހިއްމެވެ.
ރާވިން ފޮށިތައް ހިފައިގެން ގޮސް އެއާޕޯޓުގެ ތެރެއަށް ވަންނަންދެން ކާރުގައި އެމީހުން މަޑުކޮށްގެން ތިއްބެވެ. ކުޑަ އިރުކޮޅެއް ފަހުން، ކާރުގެ ކައިރިއަށް ފިރެހެނަކު އައެވެ. ޑްރައިވަރަކަށް އިން މީހާ ކާރުން ފޭބުމާއިއެކު، ފަހުން އައި މީހާ ކާރަށް އަރައި ހަމަޖެހިލައިފި އެވެ.
"އޭނަ ކުރާ ކޮންމެ ކަމެއް ވަރަށް ކައިރިން ބަލާތި... ބުނިގޮތަށް ކަންތައް ނުކޮށްފިއްޔާ..."
އެމީހާގެ ޖުމްލަ ފުރިހަމަ ކުރީ އަތުގެ އިޝާރާތަކުންނެވެ. ޝަހާދަތް އިނގިލި ކަރާއި ދިމާއިން ހުރަސްކޮށްލަމުން ބުނި އެ ޖުމްލަ ފުރިހަމަ ކުރުމާއިއެކު އެމީހާ ބޯޖަހާލާފައި ކާރުން ފައިބައިފި އެވެ.
********
އިންޑިޔާގެ ފަސްގަނޑުގައި ފައި ޖެހުމާއިއެކު އަނަމްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ލޯބިވާ އެތައް ބަޔަކާއި ދުރުގައި އޭނައަށް ކެތް ކުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ފުން ނޭވާއެއް ދޫކޮށްލަމުން އަަނަމް އޭނާގެ ދެލޯ މަރައިލި އެވެ. އޭނަ މަޑުކޮށްލައިގެން ހުރީ، ޝާކިރުގެ މާ ގާތް ރައްޓެއްސެއްގެ ޑްރައިވަރަކު އޭނަ ބަލައި އަންނާނެ ކަމަށް ބުނެފައި އޮތުމުންނެވެ.
އައިވަންގެ އިންތިޒާރުގައި ކާރު ކައިރީގައި ހުރި ނޫމާންއަށް އަނަމް ފެނުމާއިއެކު، އެއީ އައިވަން އާއި މާ ގާތްވެގެން އުޅުނު އަންހެން ކުއްޖާ ކަން އެނގުނެވެ. އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ، އޭނަގެ ސިކުނޑިއަށް ވިސްނުނު މޮޅު ޚިޔާލަކުންނެވެ.
"ސެޓުކޮށްލީތާ..." ނޫމާން ހިތާއި ހިތުން ކިޔައިލި އެވެ.
"އެކްސްކިއުޒްމީ މެޑަމް..." އަނަމްގެ ކައިރިއަށް ޖެހިލާފައި ނޫމާން ބުންޏެވެ.
ނޫމާން ފެނުމާއިއެކު އަނަމްގެ މޫނުމަތި ބަނަވި އެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯ ހޫރާލި ގޮތުން ހީވީ، ނޫމާން ކަމެއް ގޯސްކޮށް ކޮށްގެން ހިތްހަމަނުޖެހުން ދައްކައިލީ ހެންނެވެ.
އަނަމް އޭނާގެ ކޮނޑުގައި އަޅުވާފައިވާ ދަބަސް ނަގައި ނޫމާން އާއި ދިމާއަށް ހޫރައިލި އެވެ. ނޫމާންއަށް އޭގައި ހިފުނީ ކިރިޔާ އެވެ. ދެވަނަ ސިކުންތުގައި އޭނާ ހިފަހައްޓައިގެން ހުރި ޓްރޯލީ ނޫމާންގެ ކައިރިއަށް ޖައްސައިލާފައި ކާރާއި ދިމާއަށް ހިނގައިގެންފި އެވެ. އަނަމް ގޮސް ކާރަށް އަރަންދެން ވެސް ވާނުވާ ނޭނގިފައި ނޫމާން ހުރީ، އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. އޭނައަށް ބަލައިލެވުނީ ފޮށިތަކުން ފުރާލާފައިވާ ޓްރޯލީ އާއި ދިމާއަށެވެ.
އައިވަން އޭނާގެ ފޮށިތައް ހިފައިގެން އައި އިރު، ނޫމާން އުޅެނީ މާ ބައިވަރު ފޮށިތަކަކުން ސަލާމަތް ނުވެގެންނެވެ. އެއްކޮނޑުގައި އަންހެން ދަބަހެއް އަޅުވައިގެން ހުރިއިރު، އަނެއް އަތުން ކާރުގެ ޑިކީއަށް ފޮށިތައް އަރުވަމުން ދިޔަ އެވެ. ފޮށިތައް ބޮޑެތިވެފައި ބަރުކަމުން ނޫމާންއަށް އެއިން އެއްޗެއް އުފުލައިލެވެނީ ގައިގައި ހުރި ބާރެއް ލާފަ އެވެ.
"އޭ!... ތީ ކޮން ކަމެއް؟..." އައިވަން ހައިރާންވެފައި ސުވާލު ކުރި އެވެ.
ވަރުބަލިވެގެން މާނޭވާ ލެވިލެވި ހުރި ނޫމާންއަށް އައިވަން އާއި ދިމާއަށް ބަލައިލުންވެސް ވީ ދަތި ކަމަކަށެވެ. އޭނަ ދެކޮނޑު އަރުވައިލީވެސް ގައިގައި ނެތް ހިއްވަރު ނެރެގެންނެވެ.
"ހާދަ ފިންޏޭ...." ދެއަތް ދެއަތާއި އުނގުޅައިލަމުން އައިވަން ބުންޏެވެ.
ފަތިހުގެ ވަގުތު ކަމުން، މާހައުލަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ފިނި ކަމެކެވެ. ލައިގެން ހުރި ޖެކެޓްގެ ހޫޑްއިން އިސްތަށިގަނޑާއި ކަންފަތް ނިވާކޮށްލަމުން އައިވަން އުޅުނީ އޭނަގެ ފޮށި ޑިކީއަށް އަރުވާށެވެ. ޑިކީ ފުރިގެން އިތުރު އެއްޗެއް އަރުވާނެ އެންމެ ތަންކޮޅެއް ވެސް ނެތެވެ.
"އަހަރެން ހީކުރީ އަހަރެން ބަލައި ކަމަށް ތި އައީ..." ޝަކުވާގެ ރާގަކަށް އައިވަން ބުންޏެވެ. "ދެން މި އަރުވާނީ ކޮން ތާކަށް؟..." އަތުގައި އޮތް ފޮށި ދައްކައިލަމުން އައިވަން ސުވާލު ކުރި އެވެ.
ނޫމާން އެއްޗެއް ނުބުނުމުން، ފޮށި ހިފައިގެން އައިވަން ގޮސް ކާރުގެ ކުރީ ޝީޓުގެ ދޮރު ހުޅުވައިލި އެވެ. ނޫމާން އައިސް ޑްރައިވަރު ޝީޓުގައި ހަމަޖެހިލުމާއިއެކު، އައިވަން ގޮސް ފަހަތު ޝީޓުގެ ދޮރު ހުޅުވައިލާފައި ކާރަށް އަރައިފި އެވެ. ކައިރީގައި އިން މީހަކަށް އައިވަންގެ ނަޒަރު އަމާޒުވީ ބެލްޓް އަޅުވާ ނިންމައިލި ތަނާ އެވެ. އަނަމްއަށް ވެސް އައިވަން އާއި ދިމާއަށް ބަލައިލެވުނީ އެއް ވަގުތެއްގަ އެވެ.
"ޔޫ؟..." އައިވަންއަށްވުރެ ބާރަށް އަނަމް ހަޅޭއްލަވައިގަތެވެ.
ކާރު ދުއްވަން އިން ނޫމާން ސިހިފައި ބުރަކި ޖައްސައިލި އެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު ދާދި ކައިރީގައި ދެލޯ ބޮޑުކޮށްލައިގެން އިން އައިވަން ފެނި އިތުރަށް ސިހޭގޮތް ވިއެވެ.
"ތަންކޮޅެއް ދުރުގަ އިނދެބަލަ..." ދެފަރާތަށް ބޯ ހޫރާލަމުން ނޫމާން ބުންޏެވެ.
އައިވަން އޭނާގެ ލޮލުގެ އިޝާރާތުން އަނަމް ދައްކައި ކާކުތޯ ސުވާލުކޮށްލައިފި އެވެ. ނޫމާންވެސް ދެލޮލުން ވައްތަރެއް ޖައްސައިލި އެވެ. އޭނަ ލޮލުގެ ހިމަކޮޅުން އަނަމްގެ މޫނަށް ބަލައިލިއިރު، އަނަމް އިނީ ސީދާ އޭނަގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނަ އަވަސް އަަވަހަށް އަނގަޔަށް ގޮތެއް ހަދައިލަމުން، ކާރު ދުއްވާލައިފި އެވެ.
"އަހަރެން ހީކުރީ އަހަރެން އިންނަ ކާރަކަށް ވެސް ނާރާނެ ކަމަށް..." އަނަމް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.
ކާރުގެ ލޯގަނޑުން ނޫމާން އައިވަންއަށް ބަލައިލި އެވެ. އޭނަ ހިނިގަނޑު މައިތިރި ކުރަމުން އަނގަމަތީގައި އަތް އެޅި ތަން ފެނި، އައިވަންއަށް އޭނަގެ މޫނަށް ވައްތަރެއް ޖައްސައިލެވުނެވެ.
"ޑްރައިވަރ!... ބާރަށް ދުއްވާ... ބައެއް މީހުންނަށް ނޭވާ ނުލެވިގެން މަރުވެދާނެ..." އަނަމް ބުންޏެވެ. މިފަހަރުވެސް އޭނަ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.
"ޑްރައިވަރު؟..." މޭގައި އަތް ޖައްސައިލަމުން ނޫމާންއަށް ބުނެވުނެވެ. ކާރުގެ ލޯގަނޑުން އޭނަ އައިވަންއަށް ބަލައިލިއިރު، އައިވަން އިނީ އަނގަމަތީގައި އަތް އަޅައިގެން ހޭށެވެ.
ތިންގަޑިއިރުގެ ދިގު ދަތުރަކަށްފަހު މަންޒިލާއި ހިސާބަށް އާދެވުނުއިރު، އަނަމްއަށް އިނީ ނިދިފަ އެވެ. ޖެހެމުންދިޔަ ފިނި ރޯޅިން ސިކުނޑި ތާޒާވުމުން ކަންނޭނގެ އެވެ. ކާރުގެ ބިއްލޫރިގަނޑުގައި ބޯ ޖައްސާލިގޮތަށް، ކާރު ހުއްޓުމުން ވެސް ނުހޭލި އެވެ.
(ނުނިމޭ)