ވަކި އެއްޗެއް ބުނުމެއްނެތި، އައިވަން ދުވެފައި ކޮޓަރިން ނުކުތެވެ. ވާނުވާ ނޭނގިފައި ނޫމާން ވެސް އައިވަންގެ ފަހަތުން ދިޔަ އެވެ. ލިފްޓްގެ ކައިރީގައި ދިގު ކިޔޫއެއް އޮތެވެ. އެތަން ފެނި، އަވަސް ކުރަން އައިވަން ދިޔައީ ސިޑި އާއި ދިމާއަށެވެ. ފަހަރަކު ސިޑިއެއް ގިރާ ކުރަމުން ދިޔައިރު، އޭނަގެ ހިތް ވަނީ އަވަސް ވެފައެވެ.

********

އިމާރާތުގެ ބޭރަށް އަޅާލި ފިޔަވަޅާއިއެކު، އައިވަންގެ ދެލޮލުގައި އަޅައިގަތީ، ގަރާޖާއި މާ ދުރުނޫން ހިސާބެއްގައި ބައިންދާފައިވާ ފުރޮޅުލީ ގޮނޑި އެވެ. ގޮނޑި ފެނުމާއިއެކު އެއީ އަނަމް ބައިންދައިގެން ގެންދިޔަ ގޮނޑި ކަން އޭނައަށް އެނގިއްޖެ އެވެ. އައިވަން އެދިމާއަށް ހިނގައިގަތުމުގެ ކުރިން، ގަރާޖުން ނުކުމެގެން ދިޔަ ކާރެއް، ހަލުވި ދުވެއްޔެއްގައި ގޮސް ހަސްފަތާލުގެ ތެރެއިން ނުކުތް ތަން ފެނުނެވެ.

އައިވަން އުޅުނީ ކާރުގެ ފަހަތުން ދުއްވައިގަންނާށެވެ. އޭނައަށް ހުއްޓެން މަޖުބޫރުވީ، ކުރިމައްޗަށް އައިސް ހުއްޓައިލި ފުލުހުންގެ ކާރު ފެނުމުންނެވެ. ފުލުހުންގެ ޔުނީފޯމުގައި ތިބި ދެ މީހަކާއިއެކު، އާދައިގެ ހެދުމުގައި ހުރި ދެބައި އުމުރުގެ ފިރެހެނަކު ހަލުވި ކަމާއިއެކު އެއިން ފައިބައިގެން އައެވެ. ގަބުވެފައި އައިވަން ހުއްޓައި އެމީހުން އައިސް އެއީ އައިވަންތޯ ސުވާލުކޮށްލައިފި އެވެ.

"އަޅުގަނޑުމެން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން، ކުރަމުންދާ ތަހުޤީޤަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދާލަން އަޅުގަނޑުމެންނާއިއެކީ ފުލުހުންގެ އިދާރާއަށް ހާޒިރުވެލައްވަން އެބަ ޖެހޭ..." އައިވަން ބޯ ޖަހައިލުމާއިއެކު، ފުލުހުންގެ ތެރެއިން އެކަކު ކުރިއަށް ޖެހިލައި އައިވަން އަތުގެ މުލައްދަނޑީގައި އަތް ޖައްސައިލި އެވެ. އެމީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

އައިވަން ދެކޮޅެއް ނުހަދަ އެވެ. ފުލުހުން އެދުނު ފަދައިން ކާރަށް އެރީ، ހަސްފަތާލުގެ ތަނބެއްގެ ކައިރީގައި ފިލާ ހުރި ނޫމާނަށް ލޮލުން އިޝާރާތެއް ކޮށްލާފަ އެވެ. އެ އިޝާރާތުން އައިވަން ބުނީ ކީކޭ ކަން ނޫމާން ދެނެގަތެވެ.

ފުލުހުންގެ އިދާރާއަށް ދިޔުމުގެ ބަދަލުގައި ކާރު ގޮސް މަޑުކޮށްލީ، މީހުން އުޅޭ ސަރަހައްދާއި ފުދޭވަރަކަށް ދުރުގައި އޮތް ޖަންގައްޔެއްގެ ކައިރިއަށެވެ. ސުވާލު އުފެދިފައި އިން އައިވަން ފަހަރަކު މީހެއްގެ މޫނަށް ބަލަން ފެށި އެވެ.

އައިވަން ބަލަބަލައި އިންދައި ކާރުގައި ތިބި ދެ ފުލުހުން ފޭބި އެވެ. އޭގައި އިން ދެބައި އުމުރުގެ މީހާއަށް ލޮލުން އިޝާރާތް ކޮށްލުމަށްފަހު، ތަންކޮޅެއް ދުރުގައި ގޮސް މަޑުކޮށްގެން ތިއްބެވެ.

އައިވަން ހާސްވެގެން ކާރުން ފައިބަން އުޅުނެވެ. އޭގެ ކުރިން ކައިރީގައި އިން މީހާ ވާހަކަ ދައްކަން ފެށުމުން، އޭނަ އެކަން ހުއްޓައިލި އެވެ.

"ކިހާވަރެއް ބޭނުންވަނީ؟..." އެމީހާ އަހައިލި އެވެ.

"ވަޓް؟..." އައިވަންއަށް އެމީހަކު ބުނި އެއްޗެއްގެ އަޑު ނީވުނީ އެއް ނޫނެވެ. އެބުނި އެއްޗެއް ޤަބޫލު ނުކުރެވުނީ އެވެ.

"ލައްކައެއް؟... ދެލައްކަ؟..." އަނެއްކާވެސް އެމީހާ އަހައިލި އެވެ. އެފަހަރު އައިވަންގެ ދެބުމަ ގޮށްޖެހުނީ، އޭނަ އެތަނަށް ގެނައީ ރިޝްވަތުގެ އެދުމުން ފޯވެގެން ތިބި ބަޔަކު ކަން އެނގުމުންނެވެ.

********

ވަށައިގެން ފެންނަމުން ދިޔައީ ފުނޑުފުނޑު ވެފައިވާ ބިއްލޫރިކޮޅު ތަކެކެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލި އެވެ. ބިންމަތީގައި ހެދިފައިވާ ލޭގެ ކޯރު މުޅި ހިސާބަށް ފެތުރެން ފެށި އެވެ. ކޯރުގެ މެދުގައި ފުރަގަސްދީގެން ހުރީ ކުޑަ ފިރެހެން ކުއްޖެކެވެ. އެކުއްޖާގެ ގައިގައި ވެސް ލޭގެ ނިޝާން ވިއެވެ. ހަށިގަނޑުގައި އެކިވަރުގެ ޒަޚަމްތައް ފެންނަން ހުއްޓެވެ. އެކުއްޖާެގެ އަތުގައި ފައިވާން ކިބައެއް އޮތެވެ. އެ ފައިވާންކިބަ މޭގައި ޖައްސާލައިގެން ހުރެ، އެކުއްޖާ ދިޔައީ ގިސްލާފައި ރޮމުންނެވެ.

މަންޒަރު ބަލަން ދުރުގައި ހުރީ ހަމަ އެ އުމުރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ދެލޯ ބޮޑުވެފައިވާއިރު، ފެނިފައިވާ މަންޒަރުން، ވަރުގަދަ ސިހުމެއް ލިބިފައިވާ ކަން އެނގެ އެވެ.

ބާރަށް ގުގުރައިލި އަޑާއިއެކު އެކުއްޖާ ސިހުނެވެ. ކުރިމަތީގައި ހުރި ފިރެހެން ކުއްޖާ ވެސް ސިހުނު ކަން އެނގުނެވެ. އެކުއްޖާގެ އަތުގައި އޮތް ފައިވާންކިބަ ދޫވެ، ވެއްޓިއްޖެ އެވެ. އެކުއްޖާ އަރި އަޅަމުންދިޔަ ގޮތުން، ހީވަނީ ދެންމެދެންމެ ވެއްޓިދާނޭ ހެންނެވެ.

ދުރުގައި ބަލަން ހުރި އަންހެން ކުއްޖާއަކަށް ނުހުރެވުނެވެ. ފައިދަށުގައިވާ ބިއްލޫރިކޮޅުތަކަށް ބެލުމެއްނެތި، އެދިމާއަށް ދުއްވައިގެންފި އެވެ. އޭނައަށް ގޮސް ހުއްޓެވުނީ އެކުއްޖާގެ ފުރަގަހުގަ އެވެ. ވެއްޓެން އައި އެ ފިރެހެން ކުއްޖާގެ ގައިގައި އޭނަ އަތް ޖައްސައިލި އެވެ. އެހެން ނަމަވެސް، އެ ކުއްޖާގެ ހަށިގަނޑު ބެލެންސް ނުކުރެވި އަންހެން ކުއްޖާ އާއިއެކު ވެއްޓިއްޖެ އެވެ. ބިއްލޫރިކޮޅުތަކުގެ ޝިކާރައަކަށް ވީ އަންހެން ކުއްޖާގެ ހަށިގަނޑެވެ. ފިރެހެން ކުއްޖާ އޮތީ އަންހެން ކުއްޖާގެ ގައި މަތީގައި ކަމުން، އެ ކުއްޖާއަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.

"އާނާ!... އާނާ!..." އަންހެނަކު ވަރަށް ބާރަށް ގޮވައިލި އަޑު އިވުނެވެ.

ސިއްސައިގެން ގޮސްފައި ދެލޯ ހުޅުވައިލި އަނަމްގެ އަނގައިން ނުކުތީ، ވޭނީ އާޚެއްގެ އަޑެވެ. އުނދަގޫ ގޮތަކަށް ލޯ މަރާލާފައި، ހުޅުވައިލުމާއިއެކު، އޭނައަށް ހިންދިރުވައިލެވިއްޖެ އެވެ. ކަރު ހިއްކައިގަނެފައިވާލެއް ބޮޑުކަމުން، ކަރުތެރޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔަ އެވެ. ކަންތައް ވީގޮތް އަނަމްގެ ހަނދާނަން އަންނަން ފެށި އެވެ. ބަޔަކު އޭނަ ހިފެހެއްޓުމަށްފަހު، ނޭފަތް މަތީގައި ފޮތިގަނޑެއް އެޅީ އެވެ. ދެން ވީގޮތެއް އޭނައަކަށް ނޭނގެ އެވެ.

އަނަމްގެ ދެއަތާއި ދެފައި ވަނީ އޭނަ އިށީނދެގެން އިން ގޮނޑި އާއިއެކު ބަނދެފަ އެވެ. ވާ ތައް އައްސާފައިވާލެއް ބާރުކަމުން، އޭނަގެ މުޅި ގައިގައި ރިއްސަމުން ދިޔަ އެވެ.

އަނަމްއަށް ވަށައިގެން ހޯދައިލެވުނެވެ. އޭނަގެ ކައިރީގައި އިން ގޮނޑީގައި މީހަކު އިނެވެ. އެމީހެއްގެ ފައިން ފެށިގެން މޫނަށް ނަޒަރު ހުއްޓުމާއިއެކު، އޭނަ ދިޔައީ ސިއްސައިގެންނެވެ. އެމީހެއްގެ މޫނު ނިވާކޮށްފައި އެވަނީ ލަކުޑި މާސްކަކުންނެވެ. އެއީ ކުރިންވެސް އޭނަ އާއި ބައްދަލު ކުރަން އައިއިރު، އެމީހަކު އަޅައިގެން ހުރި މާސްކެވެ. އެއްވެސް ތަފާތެއް ނެތެވެ.

އަނަމް ބަލައިލުމާއިއެކު، އެމީހާ އޭނާ އިން ގޮނޑިން ތެދުވި އެވެ. އެ ގޮނޑި ގެންގޮސް އަނަމްގެ ކުރިމަތީގައި ބަހައްޓާފައި އިށީނެވެ.

"ތަދުވޭތަ؟..." އެމީހާ ސުވާލު ކުރީ މަލާމާތުގެ ރާގަކަށެވެ.

އަނަމް ދެލޯ އަޅައިލި އެވެ. އެހާ ރަހުމުކުޑަކޮށް ކަންތައް ކޮށްފައި، އެ ސުވާލު ކުރާނީ، ހާދަ ގޮތެއް ނެތް މީހަކަށް ވީމަ އެވެ. ގޮނޑީގެ އަތްގަނޑުގެމަތީގައި ބާއްވާފައިވާ އޭނަގެ ދެއަތް ވަގުތުން މުށްކެވުނެވެ. އޭރު އޭނަގެ ނޭވާ ވަނީ އަވަސް ވެފަ އެވެ.

"ކިތަންމެ ވަރަކަށް ފިލަން ދުވިޔަސް، ހުރި ތާކުން ހޯދާނަން..." އަނެއްކާވެސް އެމީހާ ބުނި އަޑު އިވުނެވެ. މިފަހަރު އެ އަޑުގައި، ހަރުކަށި ގޮތެއް ހުއްޓެވެ.

"ކޯއްޗެއް ބޭނުންވެގެން ތިއުޅެނީ؟..." ދަތްތަކަށް ބާރުކޮށްލަމުން އަނަމް ސުވާލު ކުރި އެވެ.

"ފުރާނަ..." އެމީހާގެ ޖަވާބު އަވަހެވެ.

އަނަމް ހައިރާންވެފައި އެމީހެއްގެ މޫނަށް ބަލައިލި އެވެ.

"ދެވޭނެތަ؟..." މަލާމާތުގެ ރާގަކަށް އެމީހާ ސުވާލު ކުރި އެވެ.

އަނަމް ދެފަރާތަށް ބޯ ހޫރާލި އެވެ. ހިތް ބިރުން ވިރިގެން ދިޔަފަދަ އިހުސާސެއް އޭނައަށް ކުރެވިގެން ދިޔަ އެވެ. ހަމަ އަސްލުވެސް އެމީހަކު އެއުޅެނީ އޭނަގެ ފުރާނަ ދަމައިގަންނަން ހެއްޔެވެ؟ އެކަމަކު ކުރިން އެހާ އަނިޔާވެރި ނުވީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް ރާގު ބަދަލުވާން މެދުވެރިވީ ކޮން ސަބަބެއް ހެއްޔެވެ؟ އޭނަ ފިލައިގެން ދިޔުމުން، އައި ރުޅިން ހެއްޔެވެ؟ ނުވަތަ ބިރު ދެއްކުމުގެ ގޮތުން ހެއްޔެވެ؟

********

ފުލުހުންގެ ތަހުޤީޤު ހޯލުގައި އައިވަން އިންނަތާ އެތައް ވަގުތެއް ފާއިތުވެގެން ދިޔަ އެވެ. އެތައް ސުވާލެއް ކޮށްފައި ދޫކޮށްލީ، އެކަށީގެންވާ ހެއްކެއް ފެންނަން ނެތުމުންނެވެ.

ގެއަށް އައިސް ވަން އައިވަން ފެނި ނޫމާން ހަލުވި ފިޔަވަޅުތަކެއްގައި ދިޔަ އެވެ. ކަންތައް ވީގޮތް އޮޅުންފިލުވާފައި އޭނަ ދައްކައިލީ ފޯނެވެ. ފެންނަމުން ދިޔައީ، ހަސްފަތާލުގެ ގަރާޖުން ނުކުމެގެންދާ ކާރެކެވެ. އެއީ އަނަމް ގެއްލުނު ވަގުތު އޭނައަށް ފެނުނު ކާރެވެ. ހަމަ އެކާރު ގޮސް، އިމާރާތެއްގެ ކުރިމައްޗަށް ހުއްޓައިލާ ތަނާއި، ފޮތި އަޅައި ނިވާކޮށްފައިވާ އެއްޗެއް އަތްދަނޑި މައްޗަށް އުފުއްލާލައިގެން އެ އިމާރާތުގެ ތެރެއަށް ވައްދާ މަންޒަރު އެ ވީޑިޔޯއިން ފެނުނެވެ.

ނޫމާންގެ އަތުން ފޯނު އަތުލައިގެން، އައިވަން އެ މަންޒަރު ތަކުރާރުކޮށް ބެލި އެވެ. އެ ވީޑިޔޯ އޭނަގެ ފޯނަށް ފޮނުވާފައި، މޭޒުމަތީގައި އޮތް ކާރުގެ ތަޅުދަނޑި ނަގައިގެން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އެ ހަރަކާތްތައް އަވަސްކަމުން ނޫމާން ވެސް ހައިރާން ވިއެވެ. އެއީ މުޅީން އެހެން އައިވަންއެއް ކަމުގައި އޭނަގެ ހިތް ބުންޏެވެ.

"އައިވަން! މަޑުކޮށްބަލަ... މީ ވަރަށް ނުރައްކާ ކަމެކޭ... އެކަނި ކުރިމައްޗެއް ނުލެވޭނެ... ތިކަމުގެ އަޑީގަ ވަރުގަދަ ބަޔަކު އެބަތިބި... ހިނގާ އަވަހަށް ޕޮލިހުންނަށް އަންގަން..." އައިވަންގެ އަތުގައި ހިފައި ހުއްޓުވަމުން ނޫމާން ބުންޏެވެ.

"އެއްވެސް މީހަކަށް ނާންގާތި..." އައިވަން އިންޒާރު ދިނެވެ.

ނޫމާން ގޮވަގޮވައި ހުއްޓައި، އައިވަން ނުކުމެގެން ދިޔައީ އެވެ.

********

ރޭގަނޑުގެ ވަގުތެވެ. ވީޑިޔޯއިން ފެނުނު އިމާރާތާއި ފުދޭވަރަކަށް ދުރުގައި ކާރު ޕާކުކޮށްފައި އައިވަން ނުކުތެވެ. ފަޅުވެފައިވާ މަގުމަތިން މީހެއްގެ ޙިލަމެއް ނެތެވެ. ތަންކޮޅެއް ދުރުގައިވާ މަގުބައްތިއަކުން ވެފައިވާ ފަނޑު އަލި ފިޔަވައި އިތުރު އަލިކަމެއް އެތަނުގައި ނުވެ އެވެ.

ދެފަރާތް ހޯދައި ބަލައިލުމަށްފަހު އައިވަން ކުރިޔަށް ދިޔަ އެވެ. ވީޑިޔޯއިން ފެނުނު ގޭގެ ކުރިމަތީގައި އޭނަ ހުއްޓުނެވެ. އުސްކޮށް ނަގާފައިވާ ފާރަށް ބަލަހައްޓައިގެން އޭނަ ހުރީ ހަދާނެ ގޮތަކާއިމެދު ވިސްނާށެވެ. އެގޮތުގައި މާ ގިނަ އިރަކު ނުހުރެ އެވެ. ފާރާއި ދިމާއަށް ދުއްވައިގެންފި އެވެ. އެދިޔަ ބާރުމިނުގައި ގޮސް، ފާރުމަތިން ގޯތިތެރެއަށް ފުންމައިލި އެވެ. ހީވަނީ އެފަދަ ކަންތައް ކުރަން މާ ކުރިންވެސް ދަސްކޮށްފައިވާ މީހެއް ހެންނެވެ.

ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކުގެ މައްޗަށް ޖެހުނުގޮތުން، އައިވަންގެ ގައިގެ އެތައް ތަނެއް މަށައިގެން ދިޔަ އެވެ. ނަގައިގަތް ދިލައިން އޭނަގެ ދެލޮލުން ކަރުނަ ފާއްދައިލި އެވެ. އެވަރުންވެސް ކެތްތެރި ވިއެވެ. ގަސްތަކުގެ ތެރެއިން ގޮސް އޭނަ ނުކުތީ ގޭގެ ކުރިމައްޗަށެވެ. އެއްވެސް ނުރަކަލެއް ވޭތޯ ވަށައިގެން ހޯދައިލި އެވެ.

ގެއިން ބޭރުން މީހަކު ފެންނާކަށް ނެތެވެ. ގޭތެރޭގައި ބޮކި ދިއްލާފައި ހުރުމުން، އެތެރޭގައި މީހުން އުޅެމުން ދިޔަކަން އޭނައަށް އެނގުނެވެ. އައިވަން ގޮސް، ނުކުތީ ގޭގެ ފުރަގަހަށެވެ. ފަހަރަކު ކުޑަދޮރެއްގެ ކައިރިއަށް ގޮސް، ހުޅުވާފައި ހުރިތޯ ބަލަން ފެށި އެވެ.

އައިވަންގެ ނަސީބު އަތުގައި ހިފީ، އެމަސައްކަތުގައި އުޅޭތާ އެތައް ވަގުތެއް ފާއިތުވި ފަހުންނެވެ. ހުޅުވާފައިވާ ކުޑަ ދޮރެއްގެ ފެންލައިޓުން އެތެރެއަށް ފުންމައިލިއިރު، އޭނަ ހުރީ ދާހިއްލާ ފޯވެފަ އެވެ. މާނޭވާ ލެވޭވަރުން މީހާ ހަމައަކަށް އެޅުވޭތޯ އިރުކޮޅަކު މަޑުކޮށްލި އެވެ.

"އޭނަ ގެންގޮސް ގުދަނަށްލާ... އަހަރެން ބުނަންދެން، ކަނު އަނދިރީގަ ބައިންދާ..." އިވުނީ ހަރުކަށި އަޑަކުން މީހަކު އަމުރު ކުރި އަޑެވެ.

ކަބަޑެއްގެ ނިވަލަށްވަދެ، ފިލާ ހުރިއިރު އައިވަންގެ ހިތް އަވަސްވެގެން ދިޔަ އެވެ. ކުޑަކޮށް ބޯ ދިއްކޮށްލާފައި ބަލައިލުމުން އޭނައަށް ފެނުނީ އެބައެއްގެ ފަޔެވެ. އެމީހުން ގޮސް، ގޭގެ މައިދޮރުން ނުކުންނަންދެން ބަލަން އޭނަ ހުއްޓެވެ.

"ދޫކުރޭ!... ދޫކުރޭ!..."

ކުޑަ އިރުކޮޅެއް ފަހުން އިވުނީ އަނަމްގެ އަޑެވެ. ވޭނީ އެ އަޑު އައިސް ކަންފަތުގައި ޖެހުމާއިއެކު އައިވަންގެ ނޭވާ ހުއްޓުނުހެން ހީވި އެވެ. އޭނަ ބަލައިލިއިރު، ދަމާފައި ކަހަލަ ގޮތަކަށް އަނަމް ގެންގޮސް ގެއިން ނެރެނީ އެވެ. އޭރުވެސް އަނަމްގެ ދެ އަތާއި ދެ ފައި އޮތީ ބަނދެފަ އެވެ.

ކުޑަދޮރުގެ ފޮތިގަނޑު ކުޑަކޮށް ކަހާލައިގެން އައިވަން ހުރީ ބޭރު ބަލާށެވެ. އެމީހުން އަނަމް ގެންގޮސް ވެއްދީ ގޭގެ ފުރަގަހުގައި ހަދާފައި ހުރި ގުދަނަކަށެވެ. އަނަމް އެތެރެއަށް ހޫރައިލުމަށްފަހު، ބޭރުން ދޮރު ތަޅުލާފައި އެމީހުން އައިސް ގެއަށް ވަންތަން ފެނުނެވެ.

މަޑުމަޑުން ކުޑަދޮރު ހުޅުވާފައި އައިވަން ނުކުތެވެ. ބޮނދަމުން ކަހަލަ ގޮތަކަށް ގޮސް، ގުދަނުގެ ކުރިމަތީގައި ހުއްޓިއްޖެ އެވެ.

********

ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުރި ޝާކިރު އޭނާގެ ފޯނުން މީހަކާއި ގުޅޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. އޭނަ އެގޮތުގައި ހުންނަތާ މާ ގިނަ އިރެއްނުވެ، ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ގޭގައި ގެންގުޅޭ މީހާ ގޮސް ދޮރު ހުޅުވައިލުމުން ޝާކިރު ބޭރު ބަލައިލި އެވެ. އެތެރެއަށް ވަން ފާރޫޤު ފެނި، އޭނަ އެދިމާއަށް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ.

"އެކަންތައް ކިހިނެއްވީ؟... އެއްބަސްވިތަ؟..." ޝާކިރު ސުވާލު ކުރި އެވެ.

ފާރޫޤު ދެފަރާތަށް ބޯ ހޫރާލީ މާޔޫސްވެފައި ހުރެ އެވެ. އެއާއިއެކު ޝާކިރަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވިއްޖެ އެވެ.

"ފާރޫޤު!... އަހަންނަށް ގޮތް ހުސްވެއްޖެ... މިކަން ފަސޭހަ ގޮތަކަށް ނިމޭނެ ހެނެއް ހިއެއް ނުވޭ..." ޝާކިރު ހާސްވެގެން ސޯފާއަށް ވެއްޓިގަތެވެ.

(ނުނިމޭ)

ކޮމެންޓް 0