"ފަހުން..." އަނަމް އުޅުނީ އެތަނުން ދާށެވެ.

އައިވަން އޭނަގެ އަތުގައި ހިފައި ދަމާލައިފި އެވެ. އޭނަ ގޮސް ސައިކަލުގައި ޖެހުމުގެ ކުރިން އައިވަން އޭނަގެ އުނަގަނޑުގައި ދެއަތް އަޅުވައިލި އެވެ.

********

"މީ.. މީހަކަށް... ފެނިދާނެ..." އަނަމް ޖެހިލުންވިއެވެ.

ދެވަނަ ސިކުންތުގައި އޭނަ އައިވަން އާއި ދުރަށްޖެހިލައިފި އެވެ. ބެލްކަނީގައި ހުރި ނަސްމާއަށް އެމަންޒަރު ރީތިކޮށް ފެނުނެވެ. އޭނަ ގޭތެރެއަށް ދެމިގަތްއިރު، ކުރިން އެމޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން ގެއްލިއްޖެ އެވެ.

"އަހަރެން ބުނަން އުޅުނީ ބައްޕަގެ ވާހަކަ..." އިރުކޮޅަކު ވިސްނައިލަން ހުރެފައި އަނަމް ބުންޏެވެ.

"ބައްޕަ އާ ބައްދަލުވާނެ އެއްވެސް ގޮތެއް އޮންނާނެތަ؟..." އަނަމް ސުވާލު ކުރި އެވެ.

އައިވަން ބޯ ޖަހައިލި އެވެ. އޭނަ މުޅީން މާޔޫސް ވިއެވެ. އަނަމް ދައްކަން އުޅެނީ، އޭނަގެ ވާހަކަ ކަމަށް އައިވަންއަށް ހީކުރެވުނީ އެވެ. އޭނަގެ ހަށިގަނޑުގެ ވަރު ދޫވީ، އުއްމީދު ކުރި ގޮތަށް ކަންތައް ނުވުމުންނެވެ.

"އަނަމްއަށް އިތުބާރު ކުރެވޭނެތަ ބައްޕަ ދައްކާ ވާހަކައަށް؟..." ޝައްކެއްގެ މަތީގައި އިނދެފައި، އައިވަން ސުވާލު ކުރި އެވެ.

އަނަމް ވަގުތުން ބޯ ޖަހައިލި އެވެ.

"ކީއްވެ އަނަމްއަށް ހީވަނީ، ބައްޕަ އެ ހަދަނީ ތެދު ހެން؟... ހުރިހާ ހެއްކެއް އެހުރީ ބައްޕަ އާ ދެކޮޅަށް..." އައިވަން ބުންޏެވެ.

"އެއީ އަހަރެންގެ ބައްޕަ!.... އެ އިހުސާސް އަހަންނަށް ހުރިހާ ވާހަކައެއް ބުނެދެނީ... ބައްޕަ ދުވަހަކުވެސް އަހަންނަކަށް އަނިޔާއެއް ނުކުރޭ... އެންމެ ކުޑައިރުން ފެށިގެން ވެސް، އަހަރެން ބުނާ ކޮންމެ ކަމެއް ކޮށްދިން... މިހާރު ކުއްލިއަކަށް އެ ހުރިހާ ކަމެއް ބަދަލުވާން ޖެހޭނެ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ..." އަނަމް ހުރީ ފުން ވިސްނުމެއްގެ ތެރޭގަ އެވެ.

"އޯކޭ... އަހަރެން ވަރަށް މަސައްކަތް ކުރާނަން..." އައިވަން ވާހަކަ ދެއްކީ، ގާތް ގޮތަކަށް ހިނިތުންވެލަމުންނެވެ.

އަނަމް ބޯ ޖަހާލާފައި ދާން ހިނގައިގަތެވެ. މަގު ހުރަސްކުރަން އޭނައަށް ނެގުނީ އެންމެ ފިޔަވަޅެކެވެ. އައިވަން ސައިކަލުން ފައިބައިގެން އައިސް އޭނަގެ އަތުގައި ހިފައި ދަމައިގެންފި އެވެ. ބާރު އިސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުގައި ނުޖެހި އޭނަ ސަލާމަތްވީ ކިރިޔާ އެވެ.

އަނަމް އޭނަގެ އަތު ތެރޭގައި ސަލާމަތުން ހުރިކަން އެނގުނު ނަމަވެސް، އައިވަންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔަ އެވެ. މާޒީގެ ހަނދާންތަކުން، އޭނަގެ ހަތަރެސްފަރާތް ބިރުވެރިކަމުން ވަށާލައިފި އެވެ. އަނަމްގެ އަތުގައި ހިފައިގެން މަގު ހުރަސް ކުރުމަށް އޭނަ އެހީވެ ދިނެވެ.

ދޮރާށިން އެތެރެއަށް ވަންގޮތަށް، އައިވަން ދޮރު ލައްޕައިލި އެވެ. ދެވަނަ ސިކުންތުގައި އަނަމްގެ ދެކޮނޑުގައި ހިފައި ތަޅުވާލައިފި އެވެ. އޭރު އައިވަންގެ ދެލޯ ވަނީ ކަރުނުން ތެންމާލާފަ އެވެ. މުތީ ތަކެއް ފަދައިން އެ ދެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތައް ފެނި، އަނަމްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޖަޒުބާތުގައި ޖެހި، އެހެން ހުރިހާ ކަމެއްގެ މަތީން ހަނދާން ނެތުނެވެ. އައިވަން އޭނަގެ ގައިގައި ބައްދައިލީވެސް އޭނަ އެފަދަ ޙާލެއްގައި ވަނިކޮށެވެ. އެ ހިތުގެ ތެޅުން އަވަސްވެފައިވާ ވަރު، އަނަމްއަށް އިހުސާސް ކުރެވުނެވެ.

"އާނ!... ހުރިހާ ކަމެއް އެނގި ހުރެ، އަހަރެން ހުރީ ނޭނގޭ ކަމަށް ހަދައިގެން... އަހަރެން ހީކުރީ، މާޒީ ހަނދާން ނައްތާލެވޭނީ އެހެން ކަމަށް... އެކަމަކު، އަހަންނަކަށް ހަމަ ނިންޖެއް ނުލިބުނު... ހިނިތުންވެލާކަށް ނޭނގުނު... އާނާ އާ ބައްދަލުވުމަށްފަހު، އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް އައިއްސި... އާނާ!... އާނާއަށްވުރެ ކުރިން އަހަންނަށް ޙަޤީޤަތް އެނގިއްޖެ... އެކަން ސިއްރު ކުރެވުނީތީ، އަހަރެން މިހާރު ދެރަވޭ... އެންމެ ދުވަހެއް ވެސް ދުރުގަ ހުންނަން އަހަރެން މިހާރު ބިރުގަނޭ... އަހަންނަށް މިދުނިޔެއިން މުހިއްމު ވީ ދެ އަންހެނުން... އޭގެ ތެރެއިން އެކަކު މިހާރު އަހަންނަށް ގެއްލިއްޖެ... އާނާ ގެއްލިއްޖެއްޔާ، އަހަރެންގެ ހުރިހާ އުއްމީދެއް ގެއްލުނީ..." އައިވަންގެ ގިސްލުމުގެ އަޑާއި އެކުވެގެން ނުކުތް ކޮންމެ ޖުމްލައަކުން، އަނަމްގެ ހިތަށް ޒަލްޒަލާއެއް ގެނުވި އެވެ.

ފިރެހެނަކަށް ވިޔަސް، އައިވަންއަށް ކެތް ކުރުން ވީ ދަތި ކަމަކަށެވެ. ދޭތެރެއަކުން ނޭފަތް ދަމާލަން މަޖުބޫރު ވިއެވެ. އަނަމްއަށް ކެތެއް ނުވި އެވެ. އައިވަންގެ ގައިގައި ހިފަހައްޓައިލެވުނުއިރު، އޭނައަށް ވެސް ރޮވިއްޖެ އެވެ. ޙަޤީޤަތް އެނގުމުން ލިބުނު އުފަލަށްވުރެ، އައިވަންގެ ހިތަށް ކޮށްފައިވާ އަސަރު އެނގުމުން، އޭނަގެ ހިތަށް ތަދުވެއްޖެ އެވެ.

"އަހަންނަށް އެނގޭ، މީ މިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަން... އެކަމަކު، އަހަރެން އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނޫން... އާނާ!..." އަނަމްގެ ދެކޮނޑުގައި ހިފައި ދުރުކޮށްލަމުން، އައިވަން އަނަމްއަށް ގޮވައިލި އެވެ.

އަނަމް ބޯ ޖަހައިލި އެވެ. ކޮންމެ ވާހަކައެއް ވެސް އަޑު އަހަން ތައްޔާރަށް ހުރީމޭ ބުނާ ފަދައިންނެވެ.

"އަހަރެން ބޭނުން އާނާ އާ ކައިވެނި ކުރަން... ކޮންމެ ކަމެއްގަ އަބަދުވެސް އެންމެ ކައިރީ ހުންނަން ބޭނުން...." އަނަމްގެ ދެ ލޮލަށް ނަޒަރު ހުއްޓައިލަމުން، އައިވަން ބުންޏެވެ.

އަނަމްގެ ހަރަކާތްތައް ހުއްޓުނެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ. ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް އައިވަންގެ މޫނަށް ބަލަން އޭނަ އެތައް އިރަކު ހުއްޓެވެ.

ދޮރު ކައިރީގައި ހުރި ނަސްމާއަށް އެ ހުރިހާ ވާހަކައެއް އަޑު އިވުނެވެ. އޭނަގެ ދެބުމަ ގޮށްޖެހިފައި ވާއިރު، އައިވަންއަށް ބަލަމުން ދިޔައީ، ނަފުރަތުގެ ބެލުމަކުންނެވެ. އޭނަގެ ހިތަށް ވިސްނުނީ އައިވަން މަސައްކަތް ކުރަމުން އެދަނީ، ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށް ކަމަށެވެ. ހިތަށް ކެތް ނުވުމުން، އޭނަ ތަންކޮޅެއް ބާރަށް ދޮރުގައި ޖެހިގަތެވެ. ދޮރު ހުޅުވައިލީ ދެ މީހުން ދުރަށް ޖެހިލާނެހާ ވަގުތު ދީފަ އެވެ.

"މަން..މާ!..." އަނަމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ނަސްމާގެ ކައިރީގައި ހުއްޓުނެވެ.

ނަސްމާ، އައިވަން ފެންނަ ކަމަށްވެސް ހަދައި ނުލަ އެވެ. އަނަމްގެ ކައިރީގައި އެތެރެއަށް އައުމަށް އެދިފައި އޭނަ ގޭތެރެއަށް ވަނީ އެވެ. އައިވަންއަށް ބަލައިލާފައި އަނަމް އެތެރެއަށް ވަނީ ނުތަނަވަސްވެފައި ހުރެ އެވެ. މަންމަގެ އަމަލުތައް ހުރިގޮތުން، ކަންތައް ގޯސްވެއްޖެ ކަން އޭނައަށް އެނގުނީ އެވެ.

"ތިކަންތައް ހުއްޓާލާ!..." ނަސްމާ އަމުރު ކުރި އެވެ.

ދުވަހަކުވެސް ކަމެއް މަނާކޮށްފައިނުވާ މަންމަ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން، އަނަމްއަށް ސިހުމެއް ލިބުނެވެ. ނަސްމާގެ މޫނަށް ބަލަން ހުރެފައި އޭނަ އިސްޖަހައިލި އެވެ.

"ކީއްވެ މަންމާ؟..." އަނަމްއަށް އަހައިލެވުނީ ޝަކުވާގެ ރާގަކަށެވެ. މަންމަގެ ޤަދަރަށް އުނިކަމެއް ލިބިދާނެތީ އޭނައަށް ވާހަކަ ދެއްކުނީ މަޑުންނެވެ.

"ދަރިފުޅު ތީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ނޫނެއްނު... މަންމަ ބުނީމަ ތިކަން ހުއްޓާލާ!..." ނަސްމާ ހިތްހަމަނުޖެހިފައި ބުންޏެވެ.

އިތުރު އެއްޗެއް ބުނުމެއްނެތި، ނަސްމާ ގޮސް ވަނީ ކޮޓަރިއަށެވެ. އަނަމްއަށް ސޯފާއަށް ވެއްޓި ގަނެވުނެވެ.

********

ހުދާ އައިއިރު، ފައްޔާޒާއި އަޒާން ތިބީ އޮލަ ވާހަކައެއްގަ އެވެ. ހުދާ ފެނުމާއިއެކު އެ ވާހަކައެއް ހުއްޓާލައިފި އެވެ.

"ދެކުދިން ކިހިނެއް؟..." ހުދާ އެތެރެއަށް ވަންގޮތަށް ގޮނޑީގައި ޖައްސައިލި އެވެ.

ފައްޔާޒާއި އަޒާން އެއްޗެއް ނުބުނެ ފާޑަކަށް ބަލަން ތިއްބެވެ. އެކަން ވިސްނުމުން، ސީދާ މައުޟޫޢުއަށް ދިޔުމަށް ހުދާ އަވަސްވެގަތެވެ.

"އަހަރެން މިއައީ، ހަދިޔާއެއް ދޭން ވެގެން..." ހުދާ އޭނަގެ ދަބަހުން ނެތި ތަސްވީރުތައް ފައްޔާޒާއި ދިމާއަށް ދިއްކޮށްލި އެވެ.

ފައްޔާޒު އޭގައި ހިފުމަށް އަތް ދިއްކޮށްލުމާއިއެކު، ހުދާ އޭނަގެ އަތް ދަމައިގެންފި އެވެ.

"ޝަރުތެއްގެ މަތިން..." ހުދާ ބުންޏެވެ.

ފައްޔާޒު ބޯ ޖަހައިލުމުން، ތަސްވީރުތައް ދީފައި އޭނަ ތެދުވި އެވެ.

"ތަޙުޤީޤު ނިންމާލާ!... ރާއްޖެ ދާން ތައްޔާރުވޭ!... ތި އެޑްރެސްތަކަށް ދިޔާމަ، ހޯދަން ތިއުޅޭ އެންމެން ފެންނާނެ... ތި ދެމީހުންނަށް ވަޒީފާގެ ކުރިއެރުން ލިބޭ ވަރުގެ ހަދިޔާއެއް ތީ... އެކަމަކު ބުނަން، ސޯސް އަކީ އަހަރެން ކަން، ތި ދެމީހުން ފިޔަވާ އިތުރު މީހަކަށް އެނގިގެން ނުވާނެ... އައިވަންއަށް ވެސް..." ހުދާ އެހެން ބުނެފައި އެތަނުން ނުކުތެވެ.

ފައްޔާޒާއި އަޒާން އެކަކު އަނެކަކަށް ބަލައިލި އެވެ.

ހުދާ ބުނިހެން އޭނަ ދިން ތަސްވީރުތަކުގައިވާ އެޑްރެހުން ރާވިން ފެނުނެވެ. އެ މައްސަލަ އާއި ގުޅުން ހުރި އިންޑިޔާ މީހަކުވެސް މެއެވެ. އެއީ ހުދާ ބުނި ހަދިޔާ އެވެ. މަސްތުވާ ތަކެތީގެ ކުށުގެ ދަޢުވާ ކޮށްފައިވާ އެމީހާ އަކީ، އެތައް އަހަރެއް ވަންދެން އިންޑިޔާ ފުލުހުން ބޭނުންވެގެން ހޯދަމުންދިޔަ ކުށްވެރި އެކެވެ. މަސްތުވާތަކެއްޗާއި މީހުން މެރުމުގެ މުޢާމަލާތް ކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން ބޮޑެކެވެ.

ތަޙުޤީޤަށް އެމީހާ ޙާޟިރު ކުރެވި ނެގުނު ބަޔާންތަކުން، ޝާކިރާއި އެމީހާ އާއި ދެމެދު އެއްބަސްވުންތަކެއް ބަދަލު ކުރެވިފައިވާ ކަން އެނގުނެވެ. އެ ދެމެދުގައި ޖެހުނު މައްސަލަ އަކީ، ފައިސާގެ މައްސަލަ އެވެ. މާ ބޮޑު އަދަދެއް ހުށަހެޅުމުން އެ އަގަށް ޝާކިރު އެއްބަސް ނުވީ އެވެ. އެ މައްސަލައިގައި، ޝާކިރާއި ރާވިންގެ ފުރާނަ ދުއްވައިލަން އެމީހާ މަސައްކަތް ކުރީ އެސަބަބަށްޓަކައި ކަމަށް ތަޙުޤީޤުގައި އެއްބަސް ވިއެވެ. އިންޑިޔާ ފުލުހުންގެ ތެރެއިން އެކަމުގައި ޝާމިލުވި މީހުންވެސް ހައްޔަރު ކުރެވުނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ، ޝާކިރަށާއި މޫސައަށް ހަމަލާ ދޭން މަަސައްކަތް ކޮށްފަ އެވެ. އަދި އެތައް ގޮތަކުން މޫސައަށް ބިރު ދައްކައި، ޙަޤީޤަތް ހާމަކޮށްފިނަމަ، އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ ބިރު ދައްކާފައި ވެއެވެ. އެކަން ވަނީ، ސީސީީޓީވީ ކެމެރާތަކުން ނެގިފައިވާ މަންޒަރުތަކުން ވެސް ހާމަވެފަ އެވެ.

ތަޙުޤީޤު ނިންމައި ފުރަން ތައްޔާރުވަމުންދިޔަ އަޒާންގެ ހިތަށް އުނދަގޫ ކުރަމުންދިޔަ އެތައް ސުވާލެއް ވިއެވެ. އޭނަ އެ ސުވާލުތައް ކުރީ ފައްޔާޒަށެވެ.

"އަހަންނަށް ހުދާ އާ ދޭތެރޭ ޝައްކު ކުރެވޭ ވަރަށް ގިނަ ކަންކަން އެބަހުރި... އެހާ ކުއްލިއަކަށް ހުދާއަށް ހުރިހާ ކަމެއް އެނގުނީ ކިހިނެއް؟... ރާވިން ވީތަނެއް އެނގިއްޖެ... އެހާ ދުވަހު ހަނު އިން މޫސަ، ކުއްލިއަކަށް ހުރިހާ ޙަޤީޤަތެއް ހާމަކޮށްފި... އެހާ ބޮޑު ޑްރަގް ޑީލަރ އެއްގެ ހުރިހާ މަޢުލޫމާތެއް ހުދާ އެހާ ފަސޭހައިން ހޯދީ ކިހިނެއް؟... އަހަންނަށް ހަމަ ވިސްނާ ވިސްނާ ވެސް ނޭނގުނު..." އަޒާން ހުރީ ފުން ވިސްނުމެއްގަ އެވެ.

"އާނ... އަހަރެން ވެސް ވަރަށް ހިތަށް އަރާ ސުވާލުތަކެއް ތީ... ފުލުހުންނަށް ނުވި ކަމެއް، ހުދާ އެހާ ފަސޭހައިން ކުރީ ކިހިނެއް ބާއޭ؟... ދެން އޯކޭތާ... އަހަރެމެން މިކަމުން ސަލާމަތްވީނު... އަނެއްކާ، ފަށެއް އަރައިފިއްޔާ، ކޮނޑުމަތި ފަޅުފިލާނެ... އުފަން ފަސްގަނޑަށް ދެވުމަކީވެސް ލައްކަ ބޮޑުވަރެކޭ... ދާއިރަށް ހީވަނީ ބޮޑު ޗުއްޓީއެއްވެސް ދޭނެ ހެން..." ފައްޔާޒު ހުރީ، އުފަން ފަސްގަނޑަށް ދެވޭތީ އުފަލުންނެވެ.

އިތުރު ކަމަކާއި ވިސްނައި ސިކުނޑި ހާސްކުރާކަށް ފައްޔާޒު ބޭނުމެއް ނުވި އެވެ. އަޒާންގެ ޚިޔާލު ތަފާތެވެ. ހިތުގައި އުފެދުނު ޝައްކު ޔަޤީން ކުރަން އޭނަ ނިންމި އެވެ. ކިތަންމެ ގާތް މީހަކަށް ވިޔަސް، އިތުބާރު ކުރުމުގައި އޭނަ ގެންގުޅޭ ވަކި މިންގަނޑެއް ވެއެވެ.

********

އައިވަންގެ މަސައްކަތުން އަނަމްއަށް ޝާކިރާއި ބައްދަލު ކުރެވޭނޭ ގޮތް ހަމަޖެއްސި އެވެ. ބައްޕަ އާއި ބައްދަލު ކުރުމަށް ތަޙުޤީޤު ހޯލަށް އަނަމް ވަންއިރު، އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ.

އަނަމް ފެނުމުން، ޝާކިރު ހިނިތުންވެލި ނަމަވެސް، އަނަމް އިސްޖަހައިލީ އެވެ. އޭނަ ގޮސް ގޮނޑީގައި އިށީނުމުން، ޝާކިރުވެސް ގޮސް އިށީނދެއްޖެ އެވެ.

"ދަރިފުޅާ!..." އިސްވެ އަނގައިން ބުނީ ޝާކިރެވެ.

"ދުވަހަކުވެސް، މީހަކު މެރިންތަ؟... ނޫނީ މީހަކު މަރަން މީހެއްގެ ކައިރިން އެދުނިންތަ؟..." ޝާކިރު ދެއްކި ވާހަކަ އަޑު އިވުނު ކަމަށްވެސް ހަދާނުލައި، އަނަމް ސީދާ މައުޟޫޢުއަށް ދިޔަ އެވެ.

ކުޑަ އިރުކޮޅަކަށް ހުއްޓުން އެރި ނަމަވެސް، ޝާކިރު ހަމަޖެހިލައިފި އެވެ. އަނަމް އޭނަދެކެ ރުޅި އައުން ޙައްޤެވެ. ދަރިފުޅުގެ އެ ދުރުކަން އޭނަ ޖެހޭނީ ތަހަންމަލް ކުރާށެވެ. އެއީ އޭނަ ކޮށްފައިވާ ފާފަތަކުގެ އަދަބެވެ. ހިތް ފަޅައިގެން ދިޔަ ނަމަވެސް މެއެވެ. މިއަދު ހުރިހާ ސުވާލަކަށް ޖަވާބު ދޭން އޭނަ ހުރީ ތައްޔާރަށެވެ.

********

މަސްތުގެ ޙާލަތުގައި ކޮޓަރި ތެރެއަށް ވަން ސުހާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ކަރުނުން ދެލޯ ތެމި ފޯވަމުން ދިޔައިރު، ހިތް އޮތީ ޝަކުވާއިން ފުރިފަ އެވެ. އައިވަން އާއި އަނަމްގެ ގުޅުން އެނގި ސުހާގެ ހިތް ވަނީ ކުދިކުދިވެފަ އެވެ. އައިސްފައިވާ ރުޅީގައި ސުހާ ފެށީ އެއްޗެއްސަށް ގެއްލުން ދޭށެވެ. ފަހަރަކު އެއްޗެއް ހަލާކު ކުރަމުން ގޮސް، އޭނަ ނެގީ، ކަޅު ކުލައިގެ ފޮއްޓެކެވެ. އަތުގެ ކޮޅަށް ފޮށި ހޫރައިލުމާއިއެކު، ގޮސް ޖެހުނީ ފާރުގަ އެވެ. ކިޔައިގެން ދިޔައީ ބާރު އަޑުފައްގަނޑެކެވެ. ފޮށި ފަޅައިގެން ގޮސް، އެއިން ވެއްޓުނީ ލަކުޑި ވައްތަރަަކަށް އޮތް މޫނުގަނޑެކެވެ. ސުހާ އޭނަގެ ދެލޯ އުނގުޅައިލަމުން އެއަށް ބަލައިލި އެވެ. އޭނަ ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، އެ އެއްޗެއް ނަގައިފި އެވެ.

"މީ ކޯއްޗެއް؟..." ސުހާގެ ޖުމްލަ ފުރިހަމަކޮށް ނިމުނުތަނައި، އޭނަގެ ބޮލަށް އަރައިގެން ދިޔައީ، ތޫނު ހަމަލާ އެކެވެ.

(ނުނިމޭ)

ކޮމެންޓް 0