"ޝާކިރުގެ މައްސަލަތަ؟..." ފާރޫޤު އަހައިލި އެވެ.

އައިވަންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ.

********

އެ ނޫނީ ދުވަހަކުވެސް، ފާރޫޤު އެފަދަ ސުވާލެއް ކޮށްފައެއް ނުވެ އެވެ. އަމުދުން ވަޒީފާ އާއި ގުޅުންހުރި، އެއްވެސް މައްސަލައެއްގެ ވާހަކަ ދެމީހުންކުރެ އެކަކުވެސް، އެކަކު އަނެކަކާއި ޚިއްސާކޮށެއް ނަހަދަ އެވެ. އެ ދުވަހާއި ޖެހެންދެންވެސް ފާރޫޤު ވަޒީފާ އަދާކުރީ ކޮންތާކު، ކޮން މަޤާމެއްގައި ކަންވެސް އޭނައަށް ނޭނގެ އެވެ. ބައްޕަ އާއިމެދު ކުށްހީތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި ފާރޫޤު އެފަދަ ވާހަކައެއް އެހުމުން، އައިވަންގެ ޝައްކު އިތުރު ވިއެެ. އެކަމަކު އެކަން ނުދައްކާ ވޭތޯ ބަލަމުން އޭނަ ބޯ ޖަހައިލި އެވެ.

"ޝާކިރު އެއްބަސްވީތަ ދަރިފުޅާ؟..." ފާރޫޤު ސުވާލުކުރީ، ކުރިއަށްވުރެ ޝައުޤުވެރި ވެފައެވެ.

"އާނ!..." އައިވަން ކުރު ޖަވާބަކުން ނިންމައިލިއެވެ. "އަދި ހަނދާންނެތިފައޭ މިހުރީ... ބައްޕަ އުޅެނީ، އެ ޝާކިރުގެ އޮފީހުގަ ދޯ؟..."

އައިވަންގެ އެ ސުވާލާއިއެކު، ފާރޫޤަށް ސިހުމެއް ލިބުނެވެ.

"އޭނ!..." އައިވަންގެ އެ ސުވާލާއިއެކު، ފާރޫޤަށް ސިހުމެއް ލިބުނެވެ.

"އާނ!... ބައްޕަ މިއުޅެނީ، އެ ވަޒީފާއިން ވަކިވާންވެގެން..." ފާރޫޤު ބުންޏެވެ. "އެކަހަލަ މީހެއްގެ ތަނަކު މަސައްކަތެއް ނުކުރެވޭނެ އެއްނު... އެހެން ނޫނަސް، އާމްދަނީ ލިބޭނެ އިތުރު ގޮތްތައް މިހާރު ބައްޕައަށްވެސް އެބަ އޮތް..."

ފާރޫޤުގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔަ އެވެ. އައިވަން ހުރީ، އެއިން ކޮންމެ ބަދަލަކަށް ވަރަށް ފަރުވާތެރިވެގެންނެވެ. އެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރު އައިވަންއަށް ރީތިކޮށް ފެނުނެވެ.

"އާނ!... އެންމެ ރަގަޅުގޮތަކީ އެއީ..." އައިވަން ބުންޏެވެ.

ފާރޫޤު ބުނާ އެއްޗަކަށް މަޑުކުރުމެއްނެތި އޭނަ ގޮސް ކޮޓަރިއަށް ވަދެފައި ދޮރުޖެހި އެވެ. ބައްޕަގެ ކުރިމަތީގައި ހުންނަންވެއްޖެނަމަ، އޭނަގެ އިހުސާސްތައް ބަންޑުންވެދާނެވެ. ދޮރުގައި ލެނގިލިއިރު، އައިވަންގެ ހިތް ވަނީ ކުދިކުދި ވެފައެވެ. ބައްޕަގެ އަމަލުތައް އެހުރީ، ޝައްކު ކުރެވޭފަދަ ގޮތަކަށެވެ. އައިސާފުޅު ބުނި ފަދައިން ބައްޕަ މަސައްކަތް އެކުރަނީ، ބަދަލު ހިފުމުގެ ރޫޙެއްގައި ހެއްޔެވެ؟ އެކަމަކު، ކުށެއް ނެތް އަނަމްއަށް އަނިޔާ ދީގެން ބައްޕައަށް ލިބޭނެ އުފަލަކީ ކޮބައި ހެއްޔެވެ؟ ވިސްނަމުންދިޔަ ވަރަކަށް އައިވަންގެ ސިކުނޑިއަށް ބާރުކުރަން ފެށި އެވެ. ފާރޫޤަކީ، އެފަދަ ނުބައި އިންސާނަކަށް ނުވޭތޯ އޭނަ ހިތުގެ އަޑިން ދުޢާ ކުރި އެވެ.

އައިވަން ދިޔަ ދިމާއަށް ބަލަން ހުރި ފާރޫޤުގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ. އެ މޫނުން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރެވެ. އައިވަންއަށް ޙަޤީޤަތް އެނގިއްޖެ ކަން އޭނައަށް އެނގުނެވެ. އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު، އައިވަންގެ ކޮޓަރި އާއި ދިމާއަށް އޭނަ ހިނގައިގަތެވެ. އޭރު އެހިތަށް އަރާ ފައިބަމުންދިޔަ އެއްޗެހިން އަމިއްލަ ނަފުޞު ދެކެވެސް، އޭނަ ހުރީ ޖެހިލުންވެފަ އެވެ.

********

އައިވަންގެ ފޯނަށް ގުޅާގުޅައި ވަރުބަލިވެގެން އަނަމް ހުރީ ރުންކުރުވެފަ އެވެ. ދެ ދުވަސް ވެގެން ދިޔައިރު، އެއްވެސް ޚަބަރެއް ނުވެ އެވެ. އޭނަ ފުލުހުންގެ އިދާރާއަށްވެސް ގުޅި އެވެ. ކޮންމެ ފަހަރަކު ލިބެނީ މާޔޫސްވާފަދަ ޖަވާބެކެވެ. އޮފީހަށް ނުދާކަމަށް އެތަނުން ފޯނު ނަގާ މީހާ ބުނަމުން ދިޔަ އެވެ.

"ކީއްވެތޯ އޮފީހަށް ނުދަނީ؟... ބަލީތޯ؟..." އަނަމް ސުވާލުކުރީ ހިތަށް ކެތް ނުވުމުންނެވެ.

"މާފުކުރައްވާ!... ތިކަހަލަ މަޢުލޫމާތު އަޅުގަނޑުމެންނަށް ހާމަކުރެވޭކަށް ނެތް..." ފުލުސްމީހާ ޖަވާބު ދިނެވެ.

އެތައް ގޮތަކަށް ވިސްނާފައި އަނަމް ނުކުތީ، ރައްޓެއްސަކު މެދުވެރިކޮށް އައިވަންގެ ގޭގެ މައުލޫމާތު ހޯދައިގެންނެވެ. ދިމާވި ހުރިހާ ކަމަކަށްފަހު، ކިރިޔާ ކަމެއް ވިޔަސް، އޭނަގެ ސިކުނޑި ނުތަނަވަސް ވަނީ މާ ވަރަކަށެވެ. އަނަމް ގޮސް އެގޭގެ ދޮރުމަތީގައި ހުއްޓި ބެލް ޖަަހައިލި އެވެ. ދެތިން ފަހަރު ބެލް ޖަހައިލުމުންވެސް އެތެރެއިން ޚަބަރެއް ނުވި އެވެ. އައިވަން ނުކުތީ އަނަމް އެތަނުގައި މަޑުކޮށްލައިގެން ހުންނަތާ ވިއްސަކަށް މިނެޓު ފަހުންނެވެ.

"ބަލީތަ؟..." އައިވަން ފެނުމުން އަނަމް އަހައިލި އެވެ.

ދެ ދުވަސް ތެރޭގައި އައިވަން ހީވަނީ، އެހެން މީހަކަށް ބަދަލުވެފައިވާ ހެންނެވެ. ލޯ ކައިރި ވަޅު ވަދެފައެވެ. ތުންފަތް ހިކިފައެވެ. މޫނުމަތީގައި ދިރުމެއް ނެތެވެ. އަނަމް ފެނުމުންވެސް، އުފާވި ހެނެއް ހިއެއް ނުވެއެވެ.

"ކިހިނެއްވެފަ ތިހުރީ؟..." އަނަމް އުޅުނީ އައިވަންގެ ބޮލުގެ އިސްތަށިގަނޑު ރީތިކޮށްދޭށެވެ. "ތިހެން ހުރެގެން ބޭރަށް ނުކުތީމަ..."

އައިވަން ދުރަށްޖެހިލި ގޮތުން އަނަމްގެ ހިތަށް ތަދުވި އެވެ.

"ދޭ ގެއަށް..." އައިވަން ބުންޏެވެ.

އަނަމް އިތުރު އެއްޗެއް ބުނުމުގެ ކުރިން އައިވަން އެތަނުން ދިޔުމަށް ހިނގައިގަތެވެ. އައިވަންގެ ފަހަތުން ގޮސް އެ އަތުގައި ހިފާލިއިރު، އަނަމްގެ ދެލޯ ފެންކަޅިވެއްޖެ އެވެ.

"ކީއްވެ، އިގްނޯ ކުރަނީ؟... އެންމެ ސަބަބެއް ބުންޏަސް އެއްވެސް ޝަކުވާއެއްނެތި ހިނގައިދާނަން..." އަނަމް ހުރީ ދެރަވެފަ އެވެ.

"ސަބަބު ހާމަކުރަން ޖެހޭތަ؟... އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އަނަމްއަށް އަންގަންޖެހުނީ ކޮން އިރަކު؟..." އައިވަން ވާހަކަ ދެއްކި އެވެ.

އަނަމް ހުއްޓުން އެރި އެވެ. އައިވަން ސައިކަލުގައި ނައްޓައިލުމުންވެސް، ޤަބޫލު ނުކުރެވިފައި ބަލަން އޭނަ ހުއްޓެވެ. ކުއްލިއަކަށް އައިވަންއަށް އެވަރުގެ ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އެކަންތަކާއި ރާވިންގެ ބޮޑުދައިތަ އާއި ގުޅުމެއް ވަނީ ހެއްޔެވެ؟ އައިވަން އެންމެފަހުން، އޭނަ އާއި ވާހަކަ ދެއްކީ، އެގެއަށް ދިޔުމުގެ ކުރިންނެވެ. އޭގެ ފަހުގައި އޭނަ އާއި ދިމާވެފައެއް ނުވެ އެވެ.

ގެއަށް ދާކަށް އަނަމް ބޭނުމެއް ނުވިއެވެ. އެތަނުގައި ހުއްޓައި، ގެއަށް ވަންނަން އައި ފާރޫޤު ފެނި، އޭނަގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެ އެވެ. ކޮންމެވެސް ތަނަކުން ދެކުނު މީހެއް ހެން ހީވުމުންނެވެ.

"ބައްޕަ އޮފީހުގަތޯ އުޅުއްވަނީ؟..." އަނަމް ސުވާލު ކުރި އެވެ.

"ތި ހީވީ ރަނގަޅަށް... އަހަންނަށް ކިޔަނީ ފާރޫޤު..." ފާރޫޤު ހީލިއެވެ. "ތީ އަނަމް ދޯ؟... ޝާކިރުގެ އަންހެން ދަރި؟..."

ރާވިން އަކީ ޝާކިރުގެ ކާކު ކަން ފާރޫޤަށްވެސް އެނގުނީތާ އެވެ. ޖެހިލުންވެ ހުރެފައި އަނަމް ބޯ ޖަހައިލި އެވެ.

"އައިވަން ކޮންތާކަށް އެދިޔައީ؟... ބޭރުގަ މަޑުކުރަނީތަ؟... ވަދޭ އެތެރެއަށް..." ފާރޫޤު ބުންޏެވެ.

އަނަމް ހިނިތުންވެލުމަށްފަހު، ފާރޫޤުގެ ފަހަތުން އެތެރެއަށް ވަނެވެ. ދެފަރާތް ހޯދައި ބަލައިލާފައި، ފާރޫޤު ދޮރު ޖެހި އެވެ. ހީވީ ވައްކަމެއް ކުރަން އުޅުނު ހެންނެވެ.

"މީތޯ އައިވަންގެ ގެއަކީ؟..." ގޭތެރެއަށް ނަޒަރު ހިންގައިލަމުން އަނަމް ސުވާލު ކުރި އެވެ.

"އައިވަންގެ ގެއެއް ނޫން މީ..." ފާރޫޤު ޖަވާބު ދިނެވެ.

"މާފުކުރައްވާ!... އަޅުގަނޑަށް ނުބައި ގެއަކަށް ކަންނޭނގެ މި އާދެވުނީ..." އަނަމް އުޅުނީ ދޮރާއި ދިމާއަށް ދާށެވެ.

"ނޫނޭ ނޫނޭ!... ހަމަ ރަނގަޅު މަންޒިލަށް އާދެވިފަ ތިހުރީ..." ފާރޫޤު ވާހަކަ ދެއްކީ މާނަ ފުން ރާގަކަށެވެ. "އައިވަންގެ މަންމަގެ ގެ އޮންނާނީ އޭނަގެ ނަމުގަ... އެ ގެ ހުންނާނީ، މާފަންނުގަ..."

"ތީ އަނަމްގެ ބައްޕަތޯ؟..." އަނަމް އެހިއެވެ.

ފާރޫޤު ހަމައެކަނި ހިނިތުންވެލީ އެވެ.

"އެއްޗެއް ބޯލަންވީނު..." ބަދިގެ އާއި ދިމާއަށް ހިނގައިގަންނަމުން ފާރޫޤު ބުންޏެވެ.

އަނަމް އެއްޗެއް ބުނުމުގެ ކުރިން ފާރޫޤު ގޮސް ކާގެއަށް ވަދެއްޖެ އެވެ. އޭނަ އެކި ތަންތަން ބަލަމުން ގޮސް، ހުޅުވާފައި ހުރި ދޮރަކުން އެތެރެއަށް ވަނެވެ. އެއީ އައިވަންގެ ކޮޓަރި ކަން އެނގުމުން، އަނަމްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ތަނުގައި ހުރި އެއްޗެހިތައް ބަލަން ހުއްޓައި، އަނަމް ސިހުނީ އޭނަގެ ފަހަތުން މީހެއްގެ ޙިލަމެއް ވިހެން ހީވުމުންނެވެ. ފަސްއެނބުރި ބަލައިލިިއިރު، އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ކޮޓަރި ބޭރުން ފާރު ކައިރީގައި އައިވަން ހުއްޓެވެ. ފާރޫޤުގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު އޭނަގެ ދެބުމަ ވަނީ ކައިރިވެފަ އެވެ.

"އަހަރެން ބުނެފީމެއްނު އޭނައާ އެއްވެސް ގުޅުމެއް ނުބާއްވާނަމޭ..." އައިވަން ނުރުހިފައި ބުންޏެވެ.

އަނަމް ފެންނަ ހިސާބަށްވެސް ފާރޫޤު ދާން މިއަދު އައިވަން ބޭނުމެެއް ނުވެ އެވެ. ދެ ދުވަސްކުރީން ފާރޫޤާއިމެދު އުފެދުނު ޝައްކުގައި އޭނަ ވަނީ، ގޭގެ އެތައް ތަނެއް ބަލާފަ އެވެ. ފެނުނު އެއްޗަކުން އޭނަ ބިރުން ފިއްކަނޑައިގެން ދަނީ އެވެ. އަނަމްގެ ބައްޕަ ޝާކިރު ގެންގުޅުނު ކަހަލަ މޫނުގަނޑެއް ފާރޫޤުގެ އަލަމާރިން އޭނައަށް ފެނުނެވެ. ވިސްނައިލުމުން، އަނަމް ބުނި ވާހަކައިގެ ތެދުކަން އައިވަންއަށް އެނގުނެވެ. އަނަމް އޮތީ، އޭނައަށް އެހެން ހެދުމުގައި ދެމީހަކު އުޅުނުކަން ޔަޤީންވާ ކަމަށް ބުނެފަ އެވެ. ބައްޕައެއްގެ މަޤާމުގައި ހުރެ، ފާރޫޤު ވަނީ އޭނަ ކުރި އިތުބާރު ގެއްލުވާލާފައެވެ. ބަދަލު ހިފުމުގެ ރޫޙެއްގައި ފާރޫޤު ކޮންމެފަދަ ހަރުފަތެއްވެސް ގިރާކޮށްފާނޭކަން ޤަބޫލުކުރަން އޭނައަށް މިއަދު މަޖުބޫރުވެއްޖެ އެވެ.

"ދަރިފުޅު ކިހިނެއް ވެގެންތަ ތިއުޅެނީ؟..." އައިވަންގެ އަތް ފޮޅުވައިލަމުން ފާރޫޤު ބުންޏެވެ.

"އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ..." އައިވަން ހުރީ ސީދާ ފާރޫޤުގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. "ބައްޕަ އަނަމްއަށް ހެދި ގޮތްވެސް..."

ފާރޫޤު ކުއްލިއަކަށް ދުރަށްޖެހުނެވެ. އޭނަ ފަސްފަހަތަށް ދަމުންގޮސް، އެތަނުން ދިޔަ އެވެ.

އައިވަންގެ މުޅި ދުނިޔެ ވަނީ ބަނަވެފަ އެވެ. ވެދިޔަ ކަންތަކަށްފަހު، އަނަމްގެ ކުރިމައްޗަށް އަރަން މިއަދު އޭނަ ލަދުގަނެ އެވެ. ވަޒީފާއަށް ނުކުންނަންވެސް މިއަދު އޭނަ ޖެހިލުންވެއްޖެ އެވެ. އަމިއްލަ ބައްޕައަކީ ކޮން ކަހަލަ މީހެއް ކަން އެނގުމުން، ވާނީވެސް އެކަހަކަ ގޮތެކެވެ. ކެހިވެރި ދުނިޔެދެކެ އޭނަ މުޅީން ފޫހިވެއްޖެ އެވެ. ބައްޕައަށް ވިޔަސް، ކުށުން ބަރީއަ ނުވެވޭނެ ކަމުގައި އައިވަން އަބަދުވެސް ބުނަމުން ދިޔަ އެވެ. މިއަދު އޮތީ، އަމަލުން އެކަން ދެއްކުމެވެ. އެ ހުރިހާ ކަމެއްގައި އޭނައަށް ސާބިތުވެ ހުރެވިދާނޭ ހެއްޔެވެ؟

އަނަމް ނުކުތްއިރު، އައިވަން ހުރީ ދޮރުމަތީގަ އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އައިވަންގެ ދެލޮލުން ފެނުނީ ރިހުމެވެ. އަނަމް ބަލަން ފެށުމުން، އޭނަ ހިތި ގޮތަކަށް ހިންދިރުވައިލި އެވެ. އޭނަ ހީކުރީ، ކުށްވެރިއަކީ އަނަމްގެ އާއިލާ ކަމަށެވެ. އެކަމަކު، މިހާރު އެވަނީ ދެ އާއިލާވެސް ހަމަހަމަވެފަ އެވެ. އައިވަން ދާން އުޅުނެވެ. އަނަމް އަތުގައި ހިފާލުމުން، ފުރަގަސްދީގެން ހުރެފައި ދެލޯ މަރައިލި އެވެ.

"އަނަމް!... އަހަންނަކަށް ނެތް އަނަމް އާ މެރީ ކުރެވޭކަށް..." އައިވަންއަށް ބުނެވުނީ އުނދަގުލުންނެވެ. "ޖަވާބު ހޯދަން ސުވާލު ނުކުރާތި!..."

އަނަމް ގަބުވިއެވެ. ވަގުތުން އައިވަންގެ އަތުން އަތް ދޫކޮށްލެވުނެވެ. އިސްޖަހާލައިގެން ހުރެ އަނަމް އެގެއިން ނުކުންނަންދެން އައިވަން ހުރިތަނުން ގުޑިވެސް ނުލައި ހުއްޓެވެ. އައިވަން ކުރަމުން އައި ހިއްވަރު އެލުނެވެ. އެ ދެލޯ ހޯދައިލީ ފާރޫޤެވެ. އައު ހިއްވަރެއް ލިބުނުހެން ހީވި އެވެ. އައިވަން ދިޔައިރު، ފާރޫޤު ހުރީ، އަލަމާރި ކައިރީގަ އެވެ. އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ.

"ތި ހުރިހާ ކަމެއް ދޫކޮށްލާފަ، ފުލުހުންގެ ކައިރީ ކުށަށް އިޢުތިރާފުވޭ..." އައިވަން އަމުރު ކުރި އެވެ.

އެއީ ދުވަހަކުވެސް އަމިއްލަ ބައްޕަގެ ކުރިމަތީގައި އޭނަ ވާހަކަ ދެއްކި ގޮތެއް ނޫނެވެ. ފާރޫޤުވެސް ހައިރާންވެފައި ބަލައިލި އެވެ.

"ބައްޕަ އެއްބަސް ނުވަންޏާ، އަހަންނަށް ޖެހޭނީ އެހެން ގޮތަކުންވިޔަސް އެއްބަސް ކުރުވަން..." އައިވަން ހުރީ ސާބިތުވެއެވެ.

ފާރޫޤުގެ ކެތްތެރިކަން ކޮޅުންލި އެވެ. މަޑުމަޑުން ހިނގާލާފައި އައިސް އަތުގައި އޮތް އެއްޗެއް އައިވަންގެ އަތަށް ލައިދިނެވެ. އެއީ އައިވަން ކުޑައިރު އޭނަގެ މަންމަ އާއިއެކު ނަގާފައިވާ ތަސްވީރެކެވެ.

"ދަރިފުޅުގެ މަންމަ މަރާލާފައޭ އޭނަ އެހުރީ... އޭނައަށް ވިސްނޭނެ އޭނަގެ ދަރިއާ އަނބިމީހާ މަރާލީމަ، އެކަމުން އަނެކާއަށް ކުރާނެ އަސަރު..." ފާރޫޤުގެ ދެލޯ ކަރުނުން ފުރާލި އެވެ.

"ދެން ބައްޕަ ތިބުނަނީ ބައްޕަވެސް އެ ދަރަޖައަށް ވެއްޓޭށޭތަ؟.. ބަދަލު ހިފުމަކީ ހަމަ އެހާ މޮޅު ކަމެއްތަ؟... ބައްޕަ ބުނެބަލަ، މިއޮއްހާ ދުވަހު ބައްޕަ ތިކުރި ކަންތަކުން ބައްޕަގެ ހިތަށް އުފަލެއް ލިބުނުތަ؟... ކޮބާ ލިބުނު އުފަލަކީ؟..." އައިވަންއަށް އިތުރު ހިއްވަރެއް ލިބުނެވެ.

"ދަރިފުޅު ބައްޕައަށް ކުޑަކޮށްވެސް އިތުބާރެއް ނުކުރަންދޯ؟...." ފާރޫޤު އަހައިލި އެވެ. "ދަރިފުޅު ކޮންމެ ކަމެއް ތި ވިސްނަނީ، ފުލުހަކު ވިސްނާނެހެން... މީ އާއިލީ ކަމެކޭ..."

"ކިތަންމެ ގާތް މީހަކަސް، ކުށެއް ކުރަންޏާ، އަހަރެން އެކަން ހުއްޓުވާނަން..." ބައްޕައަށް އިހުތިރާމު ކުރާތީ، އައިވަން ވާހަކަ ދެއްކީ އިސްޖަހާލައިގެން ހުރެ އެވެ.

އައިވަން އެހެން ހުއްޓައި ފާރޫޤު ބުނި އެއްޗަކުން ސިހޭގޮތް ވިއެވެ.

(ނުނިމޭ)

ކޮމެންޓް 0