ނޯޓުކޮޅުގައި އޮތް އެއްޗެއް ކިޔާފައި އަނަމްގެ މޫނު ރަތްވެގެން ދިޔަ އެވެ. އައިވަންއަށް އޭނަ އެހާ ރަނގަޅަށް އެނގެނީ ކިހިނެއްބާއޭ ހިތަށް އެރި އެވެ. އޭނަ އަވަހަށް ކަރުދާސްކޮޅު ބޮނޑިބޮނޑި ކޮށްލައިފި އެވެ. އެ ގެންގޮސް ޑަސްޕިނަށް ލެވުމުން ވެސް ހިތް ހަމައަކަށް ނޭޅުނެވެ. އަނެއްކާ ކަރުދާސްކޮޅު ނަގާފައި، ނިއުޅާލައިފި އެވެ. އޭގައިވާ އެއްޗެއް އޭނައަށް ތަކުރާރުކޮށް ކިޔައިލެވުނެވެ.

*********

"އޯ މައި ގޯޑް... އަހަންނަށް ކިހިނެއްތަ މިވަނީ..."

ބިރެއް ފެނުމުން އެއްލައިލާހެން ކަރުދާސްކޮޅު ޑަސްޕިނާއި ދިމާއަށް ހޫރައިލަމުން އަނަމް ހިތާއި ހިތުން ވާހަކަ ދެއްކި އެވެ.

ކުރަން ދިޔަ ކަންތައް މަތީންވެސް އަނަމް ހަނދާން ނެތުނެވެ. އޭނަ އުޅުނީ އަވަހަށް އެތަނުން ނުކުންނާށެވެ. އެވަގުތު އޭނައަށް ފެނުނީ، ކާގޭގައި ބަހައްޓާފައިވާ ފޮތްތަކުގެ ތެރެއިން އެޅިފައިވާ އަލިކަމެކެވެ. އެދިމާއިން ބަޔަކު ވާހަކަ ދައްކާ އަޑު އިވޭ ހެންވެސް އޭނައަށް ހީވި އެވެ. އަނަމްގެ ހަތަރެސްފައި ފިނި ވިއެވެ. އޭނަ މަޑުމަޑުން އެދިމާއަށް ދާން ފެށި އެވެ. އޭރު ޝައްކާއި ވަސްވާސްތަކުން ހިތް ފުރެމުން ދަނީ އެވެ.

ފޮތްތަކާއި ދާދި ކައިރިއަށް ދެވުނު ނަމަވެސް، ކައިރިން ބަލައިލާނެ ފުރުސަތެއް އަނަމް އަކަށް ނުލިބުނެވެ. ކޮންމެވެސް މީހަކު އޭނަގެ ފަހަތުން އައިސް އަތުގައި ހިފައި އެމީހަކާއި ދިމާއަށް އަނބުރުވާލައިފި އެވެ. ކާކު ކަން އެނގޭ ވަރަށްވުރެ އަވަހަށް، އެމީހެއްގެ މޭގައި އޭނަ ތަތްވެއްޖެ އެވެ.

"ދޫކުރޭ..." އަނަމް ތެޅިގަތެވެ. އެމީހެއްގެ މޭގައި އަތް އަޅައި ކޮއްޕައިލެވޭތޯ މަސައްކަތް ކުރި އެވެ.

އައިވަންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެގޭގެ ހަޤީޤަތް އަނަމްއަށް ފަޅާއެރުމުގެ ކުރިން އޭނައަށް އެތަނަށް އާދެވުނީ ކިރިޔާ އެވެ. ކުރިއަށްވުރެ ބޮޑަށް އޭނަގެ ދެ އަތުގެ ތެރޭގައި އަނަމް ގައިދުކޮށްލައިފި އެވެ. ބޮލުގެ ފުއްކިބައިގައި ހިފައި ގެންގޮސް މޭގައި ޖައްސައި ބާރުކޮށްލި އެވެ.

"ދުލެއް ނުކުރާނަން..." އައިވަން ފާޅުގައި ދެކޮޅު ހެދި އެވެ.

"ދޫކުރާށޭ..." އަނަމް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. މުށްކަވާފައިވާ އަތުން އައިވަންގެ ގައިގައި ޖަހަމުން ދިޔަ އެވެ.

"ބަސްނާހަންޏާ އަދަބު ލިބެން ޖެހޭނެ އެއްނު... ކީއްވެތަ މި އަންހެން ކުއްޖާ އެހާ ބަސްނާހަނީ؟... ޖޫސްތަށި ބޯށޭ ބުނީމަ ބުއީކީ ނޫން..." އައިވަން ދެއްކީ އެހެން ވާހަކަ އެކެވެ.

އަނަމްގެ ރުޅިގަނޑު ފަޅައިގެން ދާން ކައިރި ވިއެވެ. އޭނަ އާއި ގައިގޯޅި ވާން އައިވަންއަށް އެހާ ހިއްވަރެއް ލިބިގެން އެއުޅޭ ގޮތަކާއި މެދު އެ ހިތުގައި ސުވާލު އުފެދުނެވެ.

"މީހެކޭ!... މީހެކޭ!..." އަނަމް ހަޅޭއްލަވަން ފެށި އެވެ.

"ޝްޝްޝް..."

އައިވަން ގެނައި ކުއްލި ހަރަކާތާއިއެކު، އަނަމް ގެންގޮސް ފާރުގައި ޖައްސައިލި އެވެ. މަޑުމަޑުން އެ އަންހެންކުއްޖާގެ މޫނާއި ދިމާއަށް ގުދުވާން ފެށި އެވެ. އަނަމް ވަގުތުން ހިމޭންވެއްޖެ އެވެ. އެ މޫނުން ފެނުނީ ސިހުމެވެ. އައިސްއަލަމާރީގެ ނިވަލުގައި އެމީހުން ތިބޭއިރު، ކާގެއަށް އިތުރު މީހަކު ވަނަސް ބަޔަކު ތިބި ކަމެއް ނޭނގޭނެ އެވެ.

"ހަޅޭއްލަވަންޏާ، ހުއްޓުވާނެ ގޮތްގޮތް އަހަންނަށް އެނގޭ..." އައިވަން ވާހަކަ ދެއްކީ، ވައި އަޑުންނެވެ. އޭރު ނުރައްކާތެރި މިންވަރަކަށް އަނަމްގެ މޫނާއި މޫނު ކައިރިކޮށްލައިފި އެވެ.

އަނަމް ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ގުޑިލަންވެސް ނުކެރި އައިވަންގެ މޫނަށް ބަލަން އޭނަ ހުރިއިރު، ނޭވާ ލާންވެސް ހަނދާން ނެތިފައިވާ ކަހަލަ އެވެ.

"އަހަރެންދެކެ ހަމަ އެހާ ބިރުގަނޭތަ؟..."

އައިވަން ހިތް ފުރެންދެން އަނަމްގެ މޫނަށް ބަލަން ހުރެފައި، އަނަމްގެ ކަނދުރާ އާއި ދިމާއަށް މޫނު ގެންދަން ފެށި އެވެ. އޭނަ ފަހު ޖުމްލަ ތަކުރާރުކޮށްލީ، އަނަމްގެ ކަންފަތަށް އެ ހޫނު ނޭވާގެ އަސަރު އިހުސާސްވާހައި ކައިރި ވެފަ އެވެ.

އަނަމްގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށްޖެހުނެވެ. ދެލޯ މަރައި ބާރުކޮށްލެވުނު ގޮތްވެސް އޭނައަށް ނޭނގުނެވެ.

ލުއި ހިނިގަނޑެއް ޖަހައިލަމުން އައިވަން އަވަހަށް އަނަމް އާއި ދުރަށްޖެހިލައިފި އެވެ. އޭނަ އިތުރު އެއްޗެއް ބުނުމުގެ ކުރިން، އަނަމް އެތަނުން ދުވެ ފިލި އެވެ.

އަނަމް ދިޔަކަން ޔަޤީން ކުރުމަށްފަހު، އައިވަން އެތެރެއަށް ވަދެ ދޮރު ލެއްޕި އެވެ. އޭރު ހުދާ އާއި ފައްޔާޒު ތިބީ އޮލަ ވާހަކައެއްގަ އެވެ. އަޒާން ވަރަށް ޝައުޤުވެރިވެގެން ކޮމްޕިއުޓަރުން މަސައްކަތެއް ކުރަން އިނެވެ. ހުދާމެންނާއި ދިމާއަށް ބަލައިލާފައި އައިވަން ގޮސް ހުއްޓުނީ، އަޒާންގެ ކައިރީގަ އެވެ. އަޒާން އިށީނދެގެން އިން ގޮނޑީގައި އަތް އަޅުވައިލަމުން، ކޮމްޕިއުޓަރުގެ އިސްކުރީނާއި ދިމާއަށް ކުޑަކޮށް ގުދުވެލި އެވެ.

"ޕްރޮގްރެސްއެއް ފެނިއްޖެ؟..." އައިވަން އަހައިލި އެވެ.

"އާނ...އެއް މިނެޓު..." އަޒާންގެ ޖަވާބު އަވަހެވެ.

ފައްޔާޒާއި ހުދާވެސް އަޒާންގެ ކައިރިއަށް ޖެހިލި އެވެ.

"މަންމަގެ ކޭސްތަ؟..." އެއްޗެއް ޔަޤީންކޮށްލާފަދަ ގޮތަކަށް އައިވަން އަހައިލި އެވެ.

"ދެ ކޭސް ވެސް..." އަޒާން ޖަވާބު ދިނެވެ.

"ﷲގެ އިރާދަފުޅުން މާ ގިނަ ދުވަހެއްނުވެ، އިންސާފު ލިބޭނެ... އެ އަނިޔާވެރިޔަކީ ކާކު ކަން ހޯދޭނެ... ޝިފްނާއްތަ އަކީ އަހަރެންގެ ދެވަނަ މަންމަ... އެހާ އޯގާތެރި ހިތްހެޔޮ އިންސާނަކު އެ މަރާލީ ހާދަ ރަޙުމުކުޑަ ގޮތަކަށޭ.... އެން!... ކޮންމެ ހާލެއްގަވެސް އަހަރެން ހުންނާނަން އެންއަށް އެހީވާން... ޝިފާނައްތައަށް އިންސާފު ނުލިބެނީސް އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެ..." ހުދާގެ ދެލޯ ފެންކަޅިވީ މާޒީގެ ހިތި ހަނދާންތަކުން ހިތަށް އުނދަގޫ ކުރުމުންނެވެ. ދެލޯ ފެންކަޅިވެފައިވާ ޙާލު، އައިވަން މަޑުމަޑުން ބޯ ޖަހައިލި އެވެ.

ޝިފާނާ އަކީ އައިވަންގެ މަންމަ އެވެ. އޭގެ އަހަރުތަކެއް ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޝިފާނާ ވަނީ މިދުނިޔެ ދޫކޮށްފަ އެވެ.

"ހުދާ އެކަންޏެއް ނޫން... އަހަރެމެން ވެސް އެބަ ތިބިން ދޯ އަޒާން..." އަޒާންގެ ކޮނޑުގައި ޖަހައިލަމުން ފައްޔާޒު ބުންޏެވެ.

އަޒާން ބޯ ޖަހައިލި އެވެ. ހަލުވި ކަމާއިއެކު ކީބޯޑުގެ ފިއްތަކަށް ފިތާލާފައި އޭނަ ދައްކައިލީ ތަސްވީރެކެވެ. އެއީ ކާރެއްގެ ރަޖިސްޓްރީ ނަންބަރެކެވެ.

"މި ކާރު އޮތީ، އަމިއްލަ ކުންފުންޏެއްގެ ނަންމަތީގަ... ދީވާޖް އިންވެސްޓްމަންޓް... މިހާރު އެކަމަކު، މި ކުންފުނީގެ ނަން އޮތީ ބަދަލުކޮށްފަ..." އަޒާން އިތުރު ތަފުސީލް ދިނެވެ.

"ތިއެއް މުހިއްމެއް ނޫނޭ... އޯނަރަކީ ކާކުތަ؟..." އަޒާންގެ ވާހަކަ ނުނިމެނީސް، ހުދާ އަހައިލީ ކެތްތެރިކަން ކުޑަ ރާގަކަށެވެ.

"އަލީ ޝާކިރު އާދަމް..." ދެބައި އުމުރުުގެ ފިރެހެނެއްގެ ތަސްވީރު ދައްކައިލަމުން އަޒާން ބުންޏެވެ.

އައިވަންގެ ދެއަތް މުށްކެވުނެވެ. އިސްކުރީނުން ފެންނަމުންދިޔަ ތަސްވީރަށް ބަލަން ހުރިއިރު، އޭނަގެ ދަތްތަކަށް ބާރުވަމުން ދިޔަ އެވެ.

"ޝާކިރު؟ ތެޔޮ ޝާކިރުތަ ތީ؟..." ފައްޔާޒު ޝައުޤުވެރިވެލާފައި އެހި އެވެ.

"އާނ!... އަނތްބަކާ، ބޮޑުވެފަ ހުރި އަންހެން ދަރިއަކާ ހުރެޔޯ އޭނަގެ..." ހުދާ ބުންޏެވެ.

"އެހެންތަ؟.. ނެއްތަ އެ މަންޖެގެ ފޮޓޯއެއް އެއްޗެއް؟... އަޒާން ކަލޭ އަހަންނަށް އެ މަންޖެ ދައްކާލަބަލަ... ތި ޝާކިރު ބްލެކްމެއިލް ކޮށްގެންވެސް ހަޤީޤަތް ހޯދަން އެބަ ޖެހެއެއްނު..." ފައްޔާޒް ބުންޏެވެ.

"ފައްޔާ ތިއުޅެނީ އެހެން ކަމަކު... ތިކަން ކުރަން ކޮންމެސް އެހެން ގަޑިއެއް ހޯދާ..." ހުދާ ތުން އަނބުރައިލި އެވެ.

"އަދި އެބައޮތޭ އެހެން ކަމެއް... މިޝަން ޓުވެންޓީ ފޯރއަށް ވެސް ބޮޑު ކުރިއެރުމެއް ލިބިއްޖެއޭ..."

އަޒާންގެ ހަރަކާތްތައް އަވަހެވެ. ޖުމްލަ ނިމުމުގެ ކުރިން އޭނަ އަޅުވައިލީ ވީޑިޔޯ އެކެވެ. އެއިން ފެންނަމުން ދިޔައީ، ބާރު ދުވެއްޔެއްގައި ދުއްވާފައި ދިޔަ ކާރެކެވެ. ކަޅު ކުލައިގެ އެ ކާރު އެކި މަގުތަކުން ދަތުރުކޮށްފައިވާ މަންޒަރު އެ ވީޑިޔޯއިން ފެނިގެން ދެއެވެ. އެކި ސީސީޓީވީ ކެމެރާތަކުން ނަގާފައިވާ އެ މަންޒަރުތަކުންވެސް އެމީހަކީ ކާކު ކަން ފެންނަ ވަރެއް ނުވެ އެވެ. ވަކި ހިސާބަކުން އަޒާން އެ ވީޑިޔޯ ހުއްޓައިލި އެވެ. ކާރުގައި އިންނަ މީހެއްގެ މޫނު ފެންނާނެހެން ނެގިފައި ވިޔަސް، ނުސާފުކަމުން ކާކު ކަން އެނގޭ ވަރެއް ނުވެ އެވެ.

"ތީގެން ކޯއްޗެއް އެނގެނީ؟..." ހުދާގެ ތަބީއަތު ބަދަލު ވިއެވެ.

ހުދާއަށް ބަލައިލާފައި އަޒާން ހިނިތުންވެލީ އަމިއްލަ ނަފުޞާއިމެދު ފަޚުރުވެރިވާފަދަ ގޮތަކަށެވެ.

"އުފާވެރި ޚަބަރު އަދި އޮތީ އޭ..." އަޒާން ޝައުޤުވެރިވެލާފައި ބުންޏެވެ. "މިއޮތީ ސާފު ފޮޓޯއެއް... ވަރަށް މަސައްކަތުން ކުރެވުނު ކަމެއް މީ..." އަޒާން ދައްކައިލީ ޒުވާން ފިރެހެނެއްގެ ތަސްވީރެކެވެ.

ތިން މީހުން އެއްފަހަރާ އިސްކުރީނާއި ވީހާވެސް ބޮޑަށް ކައިރިވެލައިފި އެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އައިވަން އަށެވެ.

"ޑޭޓާބޭސް އިން ސާޗްކޮށްލިއިރު މެޗްވެސް ވޭ... މިއޮތީ އެމީހެއްގެ ޕްރޮފައިލް އެއްކޮށް..." އަޒާން ފަޚުރުވެރިވެލާފައި ބުންޏެވެ.

"ރަވާން!..." އަޒާން ދައްކައިލި ފޮޓޯގެ ތިރީގައިވާ ނަން، އެންމެންނަށް އަޑު އިވޭ ވަރަށް ކިޔައިލީ ހުދާ އެވެ. "ބަލާލާފަ ހިއެއްނުވޭ އެކަހަލަ ކަންތައް ކުރާ ސޮރެއް ހެންވެސް... ކިހިނެއްދޯ އެނގޭނީ؟... ޕިސް ޕިސް... އަދުގެ ޒުވާނުން...." ހުދާ އޭނަގެ މޫނަށް ވައްތަރެއް ޖައްސައިލި އެވެ.

އައިވަން ކުއްލިއަކަށް ތެދުވެ، ހަށިގަނޑު ސީދާކޮށްލައިފި އެވެ. އެމީހަކީ ކާކު ކަން އޭނަގެ ހަނދާނަށް އައީ އެވެ. އެއީ އެދުވަހު އަނަމްގެ ކޮޓަރިއަށް ވަން މީހާ އެވެ. އެކަމަކު ވިސްނާ ވިސްނާ ވެސް އޭނައަށް ނޭނގުނީ އެމީހަކާއި އަނަމް އާއި ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއް ކަމެވެ. އަދި އެ ގުޅުމެއް އޮންނަންޖެހުނު ސަބަބެކެވެ.

އައިވަން ވިސްނަން ހުއްޓައި، އަޒާން ދެން ދައްކައިލި ތަސްވީރަކުން ސިހޭގޮތް ވިއެވެ. ހުދާވެސް ދެލޯ ބޮޑުކޮށްލަމުން އައިވަންއަށް ބަލައިލި އެވެ.

"މީ ތިބުނާ ވިޔަފާރިވެރިޔާ ޝާކިރުގެ ދަރިފުޅު... އަނަމް ކިޔަނީ..." އިސްކުރީނުގައިވާ އަނަމްގެ ތަސްވީރު ފައްޔާޒަށް ދައްކައިލަމުން އަޒާން ބުންޏެވެ.

އައިވަންގެ ތަބީއަތު ބަދަލު ވިއެވެ. އެ ހަށިގަނޑުގެ ވަރު ދޫވިހެން ހީވި އެވެ. އަނަމް އާއި ރާވިން ބައްދަލުވި ކަން އެނގުމުން އެ ހިތަށް އުނދަގޫތަކެއް ވެފައި ވަނިކޮށް، އެ ލިބުނު ޚަބަރަކުން މުޅި ދުވަސް ޚަރާބުވެއްޖެ އެވެ. މޫނުމައްޗަށް ވެރިވި އަސަރުތައް ފޮރުވުމަށް އޭނަ ހިނގައިގަތީ އެންމެންނާއި ދުރަށެވެ. މަސައްކަތް ކުރާ ބަޔާއި ދުރުގައި ބަހައްޓާފައިވާ ސޯފާއަށް ވެއްޓިގަންއިރު، އެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ.

"ކިހިނެއްވީ؟..." އައިވަންއަށް ވީގޮތް ފެނި، ފައްޔާޒު އަހައިލީ އަޒާންގެ ކައިރީގަ އެވެ. އަޒާން ދެކޮނޑު އަރުވައިލި އެވެ.

ހުދާ ގޮސް އައިވަންގެ ކައިރީގައި ހުއްޓުނެވެ. އޭނަ ހުރީ ކަންބޮޑުވެފަ އެވެ.

"އެއީ ހަމަ އެ އަންހެންކުއްޖާ... އެ ޝާކިރުގެ ދަރި... އެންއަށް ކުރިން ނޭނގެނީތަ؟... ނޫނީ ގަސްދުގަ ކޮށްގެން އުޅޭ ކަމެއްތަ؟..." އައިވަން އާއި ދިމާއަށް ހުދާ ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ.

އައިވަން އެއްޗެއް ނުބުނެ އޮތް ގޮތަށް އޮތީ އެވެ. އެކަންވީ ހުދާގެ ހިތުގައި އުފެދުނު ޝައްކު އިތުރުވި ކަމަކަށެވެ.

"އެން!... ތީ ވަރަށް ނުރައްކާ ކަމެއް... ކުށެއް ނެތް މީހަކަށް ތިގޮތަށް އަނިޔާ ދިނުމަކީ ރަނގަޅު ކަމެއް ނޫން... ޝާކިރު ކުރި ކަމަކަށް އޭނަގެ ދަރިފުޅަށް އަދަބު ދިނުމުގެ ބޭނުމަކީ ކޮބާ؟..." އައިވަންގެ ހަމަހިމޭންކަމުން ހުދާއަށް ނެގުނީ މުޅީން ގޯސް މާނަ އެކެވެ.

"ހުދާ ޕްލީޒް... މިވަގުތު އަހަރެން އެކަނި އޮތަދީ..." އައިވަންއަށް އުނދަގޫ ވިއެވެ.

ހުދާ ދިޔަތާ މާ ގިނައިރެއްނުވެ، އައިވަންގެ ފޯނު ރިންގްވާން ފެށި އެވެ. އިސްކުރީނަށް އަރާފައިވާ ނަން ފެނި، އޭނަ ފުންމައިގެން ތެދުވި އެވެ.

"ހެލޯ ސަރ!... ކިހިނެއްތޯ ވީ؟..." ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލަމުން އައިވަން އަހައިލީ ކަންބޮޑުވެފަ އެވެ.

"އައިވަންއަށް އެނގޭތަ ތި ކުރެވޭ ކަމެއް؟... ކަލޭ ތިތަނަށް ފޮނުވީ، އަމިއްލަ ކަންކަމާ އުޅެންތަ؟..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ހަޅޭއްލަވައިގަތެވެ.

"ސަރ!.." އައިވަންއަށް ހިންދިރުވައިލެވުނެވެ.

"އަހަރެން ހާދަ އިތުބާރެއް ކޮށްފައޭ އައިވަން ތިތަނަށް ފޮނުވާފަ ތިހުރީ... ފުލުހުންގެ ނަމަށް ހުތުރުވާ ކަހަލަ ކަންކަން ކުރާކަށް ނޫން ފޮނުވީ... ވަރަށް ޑިސަޕޮއިންޓް ވެއްޖެ.... ހަމަ މިހާރު އެ އަންހެންކުއްޖާ ދޫކޮށްލާ... މިހާރު ކަންތައް ވެފަ މިއޮތް ގޮތުން އިތުރަށް އައިވަން ތިތަނުގަ ބެހެއްޓޭކަށް ނެތް... އެންމެ އަވަހަށް ފުރާ ފުލައިޓުން މިކޮޅަށް ގެންނަން ޖާގަ ހަމަޖައްސާފަ އޮންނާނީ... ފުރަން ތައްޔާރުވެގެން ހުރޭ..."

ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެފައި އެމީހަކު ފޯނު ކަނޑާލި އެވެ. އައިވަން އެއްޗެއް ބުނަން އަނގަ ހުޅުވައިލިގޮތަށް ޤަބުވެފައި ހުއްޓެވެ. ކަންފަތުން ފޯނު ނައްޓައިލީ ވެސް ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. އެއީ އޭނަގެ ޓިކެޓު ހަމަޖެހިފައިވާ ކަމުގެ ލިޔުމެވެ.

(ނުނިމޭ)

ކޮމެންޓް 0