"ރާވިން!... ދަރިފުޅާ!..." ޝާކިރުގެ ދެ ތުންފަތް ފޫދުއްވާލާފައި ނުކުތް ލަފުޒުތަކުގެ އަޑު ކަންފަތުގައި ޖެހުމުން، އޭނައަށް ދެލޯ މަރާލެވިއްޖެ އެވެ.

********

ތަޙުޤީޤު ކުރާ ބަޔަށް އައިވަން ވަނީ އިންޑިޔާ ފުލުހަކާއި އެކުގަ އެވެ. ދެ އަތުގައި ބިޑި އަޅުވާފައި އިން ޒުވާން ފިރެހެނަކު އެތަނުގައި އިނެވެ.

"އެއީ އޭނަ..." އެމީހާ ދައްކައިލަމުން ފުލުސްމީހާ ބުންޏެވެ.

އައިވަން ގޮނޑި އާއި ދިމާއަށް ހިނގައިގަތުމުން ފުލުސްމީހާ އެތަނުން ނުކުމެ، ދޮރު ލައްޕައިލި އެވެ.

"ޕޮލިސް ކޮންސްޓަބަލް މޫސާ ނިޒާރު!..." ގޮނޑީގައި އިށީންގޮތަށް އައިވަންގެ ނަޒަރު ކުރިމަތީގައި އިން މޫސައަށް ހުއްޓައިލި އެވެ.

"ޕޮލިހެއް..." އައިވަން ފާޑަކަށް ހީލި އެވެ.

މޫސަ ބަލައިލީ ހައިރާންވެފަ އެވެ. އައިވަން އަކީ ދިވެއްސެއް ކަން އެނގުމުން އެ މޫނުން ފެނުނީ، ނުތަނަވަސް ކަމެވެ.

"ރަނގަޅަށްތަ މި ބުނެވުނީ؟..." އައިވަން ސުވާލު ކުރީ، މީހަކު ރުޅި އަރުވައިލަން މަސައްކަތް ކުރާ ކަހަލަ ރާގަކަށެވެ.

މޫސަ އިސްޖަހައިލިގޮތަށް ބޯ ޖަހާލައިފި އެވެ. ދެކޮޅު ހަދާކަށް މަސައްކަތެއް ނުކުރި އެވެ. އައިވަން ހީކުރީ، ފުލުހަކަށްވީތީ، ކުރެވުނު ކަންތަކާއި މޫސަ މާ ބޮޑަށް ލަދުވެތިވީ ކަމަށެވެ.

"ރޭ ދަންވަރު އެކަކާ ދެއަކާ ދޭތެރޭ ކީއްކުރީ؟..." މޭޒުމަތީގައި އޮތް ފައިލުން ނަޒަރު ވަކިކޮށްލުމަށްފަހު، މޫސައަށް ބަލައިލަމުން އައިވަން ސުވާލު ކުރި އެވެ.

މޫސަ އެއްޗެއް ނުބުންޏެވެ. އައިވަންއަށް ބަލައިލާފައި އަނެއްކާވެސް އިސްޖަހައިލީ އެވެ. ބަލައިލި ގޮތުން، އެއްޗެއް ބުނަން ބޭނުންވެ، ނުބުނެވިފައި އިންހެން ވެސް ހީވެ އެވެ.

"އޯކޭ!... ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތް... ތިވެސް ފުލުހެއް... މިކަންކަން ކުރިއަށްދާގޮތް އެނގޭނެ ކަމަށް މި ބަލަނީ... އެހެންވީމަ، ސީދާ ޕޮއިންޓަށް ދާނަން..." ފައިލުގެ ތެރެއިން ނެގި ތަސްވީރު މޫސަގެ ކައިރިއަށް ޖައްސައިލަމުން އައިވަން ވާހަކަ ދެއްކި އެވެ.

"ފޮޓޯއިން ތިފެންނަ މީހާ އަކީ ތަޙުޤީޤަށް ހޯދަން ބޭނުން މީހެއް... ރޭ ފެނުނު ހަށިގަނޑަކީ، އެމީހާގެ ހަށިގަނޑަށް ވުން ގާތް... ރޭ މޫސާ ނިޒާރު ފެނިފައި ވަނީ އެ ހަށިގަނޑާއެކު... ކީއްވެ؟..." އައިވަންގެ އެ ސުވާލާއިއެކު މޫސަ ދެލޯ މަރައިލި އެވެ.

"ފުލުހެއްގެ ހުވާ ކޮށްގެން ހުރެ، ތަޙުޤީޤަށް އެއްބާރުލުން ނުދިނުމަކީ ލަދުވެތިވާންޖެހޭ ވަރުގެ ކަމެއް..." ގޮނޑީގައި ހަމަޖެހިލަމުން އައިވަން ބުންޏެވެ.

"އަހަންނަކަށް އެއްވެސް އެއްޗެއް ނޭނގެ..."

މޫސަ ބުނިހާވެސް އެއްޗަކީ އެއީ އެވެ. އިތުރަށް އެންމެ ބަހެއް ވެސް ނުބުންޏެވެ. އިސްޖަހައިލި ގޮތަށް އިސް އުފުލައިވެސް ނުލި އެވެ. ގޮތް ހުސްވެގެން އައިވަންއަށް ޖެހުނީ އެތަނުން ނުކުންނާށެވެ. އޭރު ރުޅި އައިސްގެން ގޮސް މުޅި މީހާ ތުރުތުރު އަޅަ އެވެ. އޭނައަށް ނުކުމެވުނީ ހުދާގެ ކުރިމައްޗަށެވެ. ހުދާ ހަލުވި ފިޔަވަޅުތަކެއްގައި އައިވަންގެ ކައިރިއަށް ދިޔަ އެވެ.

"ފުލުހުންނަށް ވެސް ހުރި ހުތުރެއް..." އައިވަން ބުންޏެވެ.

"ކިހިނެއްވީ؟... އޭނަ އެއްޗެއް ބުނިތަ؟..." ހުދާ ހާސްވެފައި އަހައިލި އެވެ.

އައިވަން ދެފަރާތަށް ބޯ ހޫރާލާފައި އެތަނުން ދިޔައީ އެވެ. ހުދާއަށް ދެލޯ މަރާލެވުނެވެ. އޭނަ ފޯނު ނަގައި ނަންބަރަކަށް ގުޅަމުން އެތަނުން ދުރަށް ދިޔުމަށް ހިނގައިގަތެވެ.

********

އިވެމުން ދިޔައީ މަޑު މިޔުޒިކެއްގެ އަޑެވެ. ބިލިގާގެ ތެރޭގައި އޮތީ ފިރެހެނެކެވެ. ދެލޯ މަރާލައިގެން އޮތްއިރު، އިވެމުންދިޔަ މިޔުޒިކާއި އެއްވަރަށް އަތުން ހަރަކާތް ކުރަމުން ދިޔަ އެވެ. އެމީހާ ލޯ ހުޅުވައިލީ ރިންގުވަމުންދިޔަ ފޯނުގެ އަޑަށެވެ. ކައިރީގައި ހުރި ގޮނޑި މަތީގައި ބާއްވާލާފައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އިރު، އެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.

"ބުނީމެއްނު، ބޭކާރު ކަންކަމުގަ ނުގުޅައްޗޭ..." އެމީހާ ނުރުހިފައި ބުންޏެވެ. "ކިޔާބަލަ..."

ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނި އެއްޗެއް އަޑު އިވުމާއިއެކު އެމީހާ ފުންމައިގެން ތެދުވި އެވެ.

"ކަންކަން ނުނިންމާ ކީއްކުރަން ތި ގުޅަނީ؟... އޭނ!...." އެމީހާ ހަޅޭއްލަވައިގަތެވެ. "ކޮންމެސް ގޮތެއް ހަދާ... އަހަންނަށް ވަރިހަމަ މަރާލިޔަސް... އޭނަ ވާހަކަ ދެއްކިޔަ ދީގެން ނުވާނެ..."

"މިބުނީނު ތީ އަހަންނާ ބެހޭ ކަމެއް ނޫނޭ... އަހަންނަށް ވަރިހަމަ ޕޮލިސް ސްޓޭޝަން އަކަސް... އެހެން ތަނަކަސް.. ކޮންމެސް ގޮތަކަށް އޭނަ ހުއްޓުވާ..." އިންޒާރު ދީފައި އެމީހާ ފޯނު ކަނޑައިލި އެވެ.

ލިބުނު ޚަބަރަކުން އެމީހާގެ ތަބީއަތު ވަނީ ބަދަލުވެފަ އެވެ. އައިސްފައި ހުރި ރުޅީގައި އަތުގެ ކޮޅަށް ފޯނު ހޫރާލައިފި އެވެ. އިވެމުންދިޔަ މިޔުޒިކުގެ އަޑުންވެސް އޭނަގެ ބޮލަށް ވީ އުނދަގުލެވެ.

********

ރުޅި އައިސްފައި ހުރި ޝާކިރު ކޮންމެވެސް މީހަކާއި ގުޅޭތޯ މަސައްކަތް ކުރަނީ އެވެ. އެމީހަކު ފޯނު ނެގީ އޭނަ ހުއްޓާނުލައި ގުޅާތާ އެތައް އިރެއް ފާއިތުވެދިޔަ ފަހުންނެވެ.

"ކީއްވެ އަހަންނަށް ހުރިހާ ކަމެއް ސިއްރު ކުރީ؟..." ޝާކިރު ހަޅޭއްލަވައިގަތެވެ. "ހުރިހާ ކަމެއް އޮޅުވާލައިގެން އަހަންނަށް ކިހާ ބޮޑު ލަނޑެއް ތި ދިނީ؟..."

"ތީ ޝާކިރަށް އޮތް ޙައްޤު އަދަބު..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ އަންހެނެކެވެ.

ޝާކިރު ވަގުތުން ހިމޭން ވިއެވެ. އެއްޗެއް ނުބުނެ ފާއިތުވެގެންދިޔަ ވަގުތުކޮޅު ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެ އެވެ.

"އަހަންނަށް އެނގޭ އަހަންނަކީ ރަނގަޅު މީހެއް ނޫން ކަން... ރާވިން އާ ދޭތެރޭ ވެސް އަހަރެން ކަންތައް ކުރީކީ ރަނގަޅަކަށް ނޫން ކަން... އެކަމަކު، އޭގެ ބަދަލު އެހެން މީހުންގެ ކިބައިން ތި ހިފަނީ ކީއްވެ؟..." ޝާކިރުގެ އަޑު ކުރެހިގެން ދިޔަ އެވެ. "ރާވިންއަކީ އަހަރެންގެ ދަރިއެއްކަން އެނގުނުނަމަ..."

ޝާކިރަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަމުންދިޔަ މީހާ ހަޅޭއްލަވައިގެން އަޑަށް އޭނަ ހިމޭންވެއްޖެ އެވެ.

"އެނގުނުނަމައޭ؟... އެނގުނީމަ ކަލޭ ކުރާނެ ކަންތައް އަހަންނަށް ނޭނގިގެނެއް ނޫޅެމޭ... މީގެ ކުރިންވެސް ކަންތައް ކުރިގޮތް އަަހަރެންގެ މި ސިކުނޑީގަ ހަރުލާފަ އެބަހުރި... ކަލޭ ހަނދާން އެބަހުރިތަ؟... ނެތްދޯ؟... ތިކަހަލަ މީހުން ހަނދާނެއް ނުހުންނާނެ..." އެމީހާ ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ.

"ތި ކުރި ހުރިހާ ކަމަކުން، ހުރިހާ ގެއްލުމެއް އެ ލިބުނީ ރާވިންއަށޭ..." ޝާކިރަށް ދެލޯ މަރާލެވުނެވެ. "އަހަންނަށް އެކުއްޖާއަށް ލޯތްބެއް ނުދެވުނު... ގެންގުޅެވުނީ އަޅެއް ހެން... ކުރިން ހުރިހާ ކަމެއް އޮޅުވާލާފަ މިހާރު ތި އެންގީ، ކީއްވެ؟... ވަގުތު ފާއިތުވީމަތަ؟... ނޫނީ ތީ އަހަރެންގެ ކިބައިން ބަދަލު ހިފުމަށް ރޭވި ރޭވުމެއްތަ؟..." ޝާކިރުގެ ހިތުގައި ޝައްކު އުފެދުނެވެ.

"މާ މޮޅު ވާހަކަ ނުދައްކައްޗޭ... އަހަރެން ކަންތައް ކުރާނެ ގޮތެއް އެނގޭނީ އަހަންނަށް... ޝާކިރު ބުނާ ގޮތެއް އަހަރެން ނުޖެހޭނެ ހަދާކަށް... ހަނދާން ކުރާތި!... ރާވިންއަށް ދެރަގޮތެއް ވެއްޖެއްޔާ، ކުރީ ފަހަރު ހެން މިފަހަރު އަހަރެން މަޑަކުން ނުހުންނާނަން..." އެމީހާ އިންޒާރު ދިނެވެ.

"އަހަރެން ޝާފިޔާއަކަށް ދެރަގޮތެއް ނަހަދަން..." ޝާކިރުގެ ހަށިގަނޑުގެ ވަރު ދޫވި އެވެ. އޭނަ ދެރަވެލާފައި ހާމަކުރީ، ހިތި ޙަޤީޤަތެކެވެ. އެއީ އޭނަގެ މާޒީގެ ތެރެއިން ކަފުންކޮށް ވަޅުލާފައިވާ ބޮޑު ސިއްރެކެވެ.

ޝާކިރަށް އިތުރު އެއްޗެއް ބުނާނެ ފުރުޞަތެއް ނުލިބުނެވެ. އިވުނީ އެކޮޅުން ފޯނު ކަނޑާލި އަޑެވެ.

"ހަލޯ!... ހަލޯ!..." ޝާކިރު ހާސްވެގެން ގޮވަން ފެށި އެވެ.

އެ ނަންބަރާ ގުޅޭތޯ އޭނަ އެތައް މަސައްކަތެއް ކުރި އެވެ. ފޯނު އޮތީ ނިވާލާފަ އެވެ.

********

ދެކޮޅަށް ހިނގާ ހިނގައި އަނަމްގެ ފަޔަށް ތަދުވާން ފެށި އެވެ. އައިވަން ނުފެނިގެން އޭނަ ގޭތެރޭގައި އެނބުރޭތާ އެތައް އިރެއް ވެއްޖެ އެވެ. ދިޔައީ ކޮންތާކަށް ކަން އެނގޭނަމަވެސް، އޭނަގެ ހިތަށް ފިނިކަމެއް ލިބުނީހެވެ. އެންމެފަހުން ވަރުބަލިވެގެން ސިޓިންގްރޫމުގެ ސޯފާއަށް ވެއްޓިގަތެވެ. އަނެއްކާވެސް ތެދުވެގެން ހިނގަހިނގާފައި ގޮސް ކާގެއަށް ވަނެވެ. ފޮތް ހަރުގައިވާ ފޮތްތައް ބަލަމުން ދަނިކޮށް، އޭނައަށް ތަފާތު ކަމެއް ފާހަގަ ވިއެވެ. ހަދާލެވުނު ގޮތަކުން، ފޮތް ހަރު އެއްފަރާތްވެ، އެތެރެއަށް ވަންނަން ދޮރެއް ހެދުނެވެ. އަނަމްގެ ދެލޯ ބޮޑުވި އެވެ.

އައިވަންއަށް ގެއަށް އާދެވުނީ އިރު އޮއްސެން އުޅެނިކޮށެވެ. ހަލުވި ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު، އެ ނަޒަރު ހުއްޓިފައިވީ އަނަމްގެ ކޮޓަރި އަށެވެ. އަނަމް ނުފެނި އެހާ ގިނައިރު ވުމުން، ދެކިލަން ހިތް އެދެން ފެށީ ކީއްވެ ކަމެއް ނޭނގުނެވެ.

ފެންވަރައި ތައްޔާރުވެލައިގެން ނުކުތް ގޮތަށް، އައިވަން ގޮސް ހުއްޓިލީ، އަނަމްގެ ކޮޓަރި ދޮރުމަތީގަ އެވެ. ދެތިން ފަހަރަކު ޓަކި ޖަހައިލި ނަމަވެސް، އެތެރެއިން ޖަވާބެއް ނުލިބުނެވެ. އައިވަން ދޮރު ހުޅުވައިލި އެވެ. އެކަކުވެސް ނެތެވެ. ފަހަރަކު ތަނެއް ބަލަމުން އޭނަ ގޮސް ވަނީ ކާގެއަށެވެ. ފެނުނު މަންޒަރަކުން އޭނަގެ ދެލޯ ބޮޑުވެއްޖެ އެވެ.

"ނޯ.. ނޯ..."

އައިވަން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޮފީސް ބަޔަށް ވަނެވެ. އަނަމް ހުރީ ބޯޑު ކައިރީގައި ފުރަގަސް ދީގެންނެވެ. ބިރުވެރި އެއްޗެހިތަކެއް ފެނުމުން ބަލާހެން، އައިވަން އެތަނުގެ ވަށައިގެން ބަލައިލި އެވެ. ބޯޑުގައި ތަތްކޮށްފައިވާ ތަސްވީރުތައް އެ ހުރިގޮތަށް ހުއްޓެވެ. ޝާކިރުގެ ބޮޑު ތަސްވީރުގައި ސުވާލު މާކު ޖަހާފައިވާއިރު، ކޮމްޕިއުޓަރުގެ އިސްކުރީނުން އޭރުވެސް ފެންނަމުންދިޔައީ، އަނަމް އާއި ރާވިން އެކުގައި ތިއްބާ ނަގާފައިވާ ތަސްވީރު ތަކެވެ. އައިވަންއަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

"އަނަމް!..." އައިވަން ގޮވައިލީ ޖެހިލުންވެފައި ހުރެ އެވެ.

އަނަމް ފަސްއެނބުރި ބަލައިލިއިރު، ދެލޯ ފުރިގެން ކަރުނަތައް ބަންޑުން ވަނީ އެވެ. މުޅި މޫނުމަތި ހީވަނީ ދުޅަވެފައި ވާހެންނެވެ. އައިވަންގެ ހިތުގައި ދިލަ ރިހުމެއް އުފެދިގެން ދިޔަ އެވެ.

"ތީ ކާކު؟... ބޭނުމަކީ ކޮބާ؟..." އަނަމް ހަޅޭއްލަވައިގަތެވެ.

"އަހަންނަށް ގެއްލުން ދޭން މަސައްކަތް ތިކުރަނީ ކީއްވެތަ؟..." އަނަމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އައިވަންގެ ގަމީހުގައި ހިފައިގަތެވެ. "ސްޕަމޭން!... އަހަންނަށް ކުރެވުނު ކުށް ބުނެދީބަލަ... ސަތޭކަ ފަހަރުވެސް މާފަށް އެދެފާނަން... އެކަމަކު، މިކަމުގެ ތެރެއަށް އެހެން މީހުން ނުވައްދާ... ޕްލީޒް..."

އަނަމް ގިސްލާފައި ރޯން ފެށުމުން، އައިވަންއަށް ހިންދިރުވައިލެވުނެވެ. ތިރިވަމުންދިޔަ އަނަމްގެ ދެކޮނޑުގައި އޭނަ ހިފަހައްޓައިލި އެވެ. ކޮޅަށް ނެގުމާއިއެކު އަނަމް އޭނަގެ މޭގައި ލައްވެލައިފި އެވެ.

"އަހަރެން ބުނީމެއްނު، އަހަންނަކީ އަނަމް ތި ހީކުރާ ވަރުގެ ރަނގަޅު މީހެއް ނޫނޭ..." އައިވަން ބުންޏެވެ.

"ކީއްވެތަ؟... ކީއްވެތަ އަހަރެންގެ ހިތަށް މި ތަދުވަނީ؟... ކީއްވެތަ ސުޕަމޭންއަކީ ގޯސްމީހެކޭ ހިތަށް ނާރަނީ؟... ދިމާވި ހުރިހާ ކަމަކަށް ފަހުވެސް، ތި ސޫރަ ފެންނަން ނެތިއްޔާ އަހަރެންގެ ހިތަށް އުނދަގޫ ވަނީ ކީއްވެތަ؟..." ކުރެހިފައިވާ އަޑަކުން އަނަމް އޭނާގެ ހިތުގެ ޝަކުވާތައް ބޭރު ކުރަމުން ދިޔަ އެވެ.

އަޑު އަހަން ހުރިއިރު، އައިވަންގެ ހިތް ފުނޑުފުނޑު ވަނީ އެވެ. ކެތް ކުރަން އުނދަގޫ ވިއެވެ. އަނަމްގެ ހަށިގަނޑުގައި ދެއަތް ވަށައިލެވުނުއިރު، ހުދު އޭނައަށް ވެސް ރޮވިއްޖެ އެވެ.

(ނުނިމޭ)

ކޮމެންޓް 0