މަސްތުގެ ޙާލަތުގައި ކޮޓަރި ތެރެއަށް ވަން ސުހާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ކަރުނުން ދެލޯ ތެމި ފޯވަމުން ދިޔައިރު، ހިތް އޮތީ ޝަކުވާއިން ފުރިފަ އެވެ. އައިވަން އާއި އަނަމްގެ ގުޅުން އެނގި ސުހާގެ ހިތް ވަނީ ކުދިކުދިވެފަ އެވެ. އައިސްފައިވާ ރުޅީގައި ސުހާ ފެށީ އެއްޗެއްސަށް ގެއްލުން ދޭށެވެ. ފަހަރަކު އެއްޗެއް ހަލާކު ކުރަމުން ގޮސް، އޭނަ ނެގީ، ކަޅު ކުލައިގެ ފޮއްޓެކެވެ. އަތުގެ ކޮޅަށް ފޮށި ހޫރައިލުމާއިއެކު، ގޮސް ޖެހުނީ ފާރުގަ އެވެ. ކިޔައިގެން ދިޔައީ ބާރު އަޑުފައްގަނޑެކެވެ. ފޮށި ފަޅައިގެން ގޮސް، އެއިން ވެއްޓުނީ ލަކުޑި ވައްތަރަަކަށް އޮތް މޫނުގަނޑެކެވެ. ސުހާ އޭނަގެ ދެލޯ އުނގުޅައިލަމުން އެއަށް ބަލައިލި އެވެ. އޭނަ ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، އެ އެއްޗެއް ނަގައިފި އެވެ.

"މީ ކޯއްޗެއް؟..." ސުހާގެ ޖުމްލަ ފުރިހަމަކޮށް ނިމުނުތަނައި، އޭނަގެ ބޮލަށް އަރައިގެން ދިޔައީ، ތޫނު ހަމަލާ އެކެވެ.

********

ތަޅުންމައްޗަށް ދެމުނު ސުހާގެ އަތުން މޫނުގަނޑު ދޫވި އެވެ. އަނގައިން ނުކުތީ، ވޭނީ ކުކުރުމެއްގެ އަޑެވެ. ބޮލުން އޮހެންފެށި ލޭތަކުން އިސާހިތަކު މުށިތަކުގެ މަތީގައި ލޭގެ ކޯރެއް ހެދެން ފެށި އެވެ. އޭނަގެ ލޮލުގެ ފެނުން ދައްވެ، ހިނދެއް ހިނދަކަށް މަންޒަރު ފުސްވަމުން ދިޔަ އެވެ.

"އައިވަން!..." ސުހާ އޭނާގެ ދެލޯ މަރައިލި އެވެ.

ޙަޔާތުގެ ފަހު ވަގުތުކޮޅޭ ހީވި އެ ވަގުތުކޮޅުގައި ވެސް އޭނަގެ ހަނދާނަށް އައީ އައިވަންގެ ނަމެވެ. ދެމީހުން އެކުގައި ހޭދަކުރި ކުޑަ ދުވަސްކޮޅުގެ ފޮނި ހަނދާންތަކެވެ. މުޅި ދުނިޔެއިން ވެސް އޭނަ ލޯބިވި ހަމައެކަނި އިންސާނަކީ އެއީ އެވެ. އެ ހަނދާންތައް އޭނަގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ އެވެ. އެހެން ލޯބިވެރީން ފަދައިން ލޯބީގެ އަހުދުތަކާއި ވައުދުތަކެއް ނުވި ނަމަވެސް، އެކީގައި ހޭދަކުރި މަދު ދުވަސްކޮޅު، އައިވަން އޭނަގެ ހުރިހާ ކަމެއް ބެލެހެއްޓި އެވެ. ފުރިހަމަ އަޅާލުމާއި އެހީތެރިކަން ކޮންމެ ކަމަކަށް ވެސް ދިނެވެ. ހަމަ މަގުން ކައްސައިލީ އޭނަ އެވެ. އަމިއްލަ އެދުމެއް އޮވެގެނެއް ނޫނެވެ. ހުރިހާ ކަމަކީ ވެސް އައިވަން ދެކެވާ ލޯބީގެ ޙައްޤުގައި އޭނަ ކުރި ކަންކަމެވެ. އެ ލޯބީގައި އުމުރު ދުއްވައިލަން ޖެހުނަސް، އޭނަ ހުރީ އެކަން ވެސް ކުރަން ތައްޔާރަށެވެ. ދެރައީ އެއިން ކަމެއް އައިވަންއަށް ނޭނގި، އޭނައަށް މިދުނިޔެ އާއި ވަކިވެގެން ދާންޖެހިދާނެތީ އެވެ.

ސުހާއަށް ބަލަހައްޓައިގެން ހުރި މީހާ ގުދުވެލި އެވެ. މުށިތަކުގެ މަތީގައި އޮތް މޫނުގަނޑު ނަގައި އެއަށް ފުން ނަޒަރެއް ދިނެވެ. އޭގައި ލޭގެ އަސަރު ހުއްޓެވެ. އެމީހާގެ އަތް މުށްކެވުނެވެ. ދެބުމަ ގޮށްޖަހަމުން ސުހާއަށް ބަލައިލި އެވެ.

މަންޒަރު ސާފުވެގެން ދިޔަ ވަގުތު ކައިރީގައި ހުރި މީހެއްގެ ސޫރަ ފެނި، ސުހާގެ ދެލޯ ބޮޑުވެއްޖެ އެވެ. ވިސްނައިލާނޭ ފުރުސަތެއްވެސް އޭނައަކަށް ނުލިބުނެވެ. އެމީހެއްގެ ފައިގެ ހަމަލާ އޭނަގެ ބޮލަށް އަމާޒުވެއްޖެ އެވެ.

ސުހާގެ ދެލޯ މެރުނެވެ. މުޅި ހަށިގަނޑުގެ ހަރަކާތް ހުސްވި އެވެ. މާހައުލު މަރުފަދަ ހިމޭންކަމަކަށް ދަޢުވަތު ދިން ކަހަލަ އެވެ. އެ ހިމޭންކަން ނެތިގެން ދިޔައީ، ސުހާގެ ދަބަހުގައި އޮތް ފޯނު ރިންގްވާން ފެށި އަޑުންނެވެ.

"ޝިޓް..." އެމީހާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ އެވެ.

ކެތްތެރިކަން ކުޑަވެފައިވާ ޙާލު އެމީހަކު ގުުދުވި އެވެ. ދަބަސް ނެގި ގޮތަށް އަތުގައި އޮތް ކަޓަރުން، ދަބަހުގައި އަޅައި، ކަފާލައިފި އެވެ. އޭގައި އޮތް ފޯނު އަތުގައި ޖެހުމާއިއެކު، މުށުގެ ތެރޭގައި ފިތައިލި އެވެ. ފޯނު މުށިތަކުގެ މައްޗަށް ވައްޓާލައި، ފައިން އަރައި ޗިސްކޮށްލައިފި އެވެ. ހީވަނީ ހުރިހާ ކުށެއްގެ އަދަބު އެ ފޯނަށް ދިން ހެންނެވެ.

އެމީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ހުރިހާ ކަމެއް އޭނަ ބޭނުންވި ގޮތަށް ދަނިކޮށް ކުއްލިއަކަށް ސުހާ އައިސް، އެ ހުރިހާ ކަމެއް ޚަރާބު ކޮށްލައިފި އެވެ. ސުހާ އެތަނަށް އައީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އޭނަގެ ޙަޤީޤަތް އެނގޭ އިތުރު މީހަކު އުޅެނީ ހެއްޔެވެ؟ ނޫނީ ސުހާއަށް އޭނަ އާއިމެދު ޝައްކެއް ވީ ހެއްޔެވެ؟ އެކަމަކު، ކީއްވެ ހެއްޔެވެ؟

********

އަނަމް އިނީ ޝާކިރަށް ނުބަލަން ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ. ތަޙުޤީޤު ހޯލުގެ ބޭރުގައި ހުރި އައިވަން ވެސް، ހާސްވެގެން ދެކޮޅަށް ހިނގަހިނގާފައި އައިސް ބިއްލޫރިގަނޑުގެ ކައިރީގައި ހުއްޓިއްޖެ އެވެ.

"ދަރިފުޅަށް ހީވޭތަ ބައްޕަ އެކަހަލަ ކަމެއް ކޮއްފާނެ ހެން؟..." ޝާކިރު ކުރީ ސުވާލެކެވެ.

"ހީނުކުރާ ކިތަންމެ ކަމެއް އެބަ ވޭ... މިކަހަލަ ދުވަހެއް، ދުވަހަކުވެސް އައިސްދާނެ ކަމަކަށް ހިއެއް ނުކުރަން..." އަނަމް ދޫކޮށްލީ ފުން ނޭވާ އެކެވެ.

"ނޫން ދަރިފުޅާ!... ދުނިޔޭގެ ހުރިހާ ފާފައެއް ކުރިޔަސް، ދުވަހަކުވެސް، މީހަކު ނުމަރަން... މީހަކު މަރާކަށް މީހެއްގެ ކައިރީ ނުވެސް ބުނަން... އެކަހަލަ ކަމަކަށް ހިއްވަރެއް ވެސް ނުދެން... އާނ!... ބައްޕަ ދަރިފުޅު ކިޑްނެޕް ކުރިން... ރާވިންވެސް ކިޑްނެޕް ކުރިން... އެކަމަކު..." ޝާކިރަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރަން އުނދަގޫ ވިއެވެ.

ދެ ކުދިންނަކީ ވެސް އޭނަގެ ދަރިންނެވެ. ވީއިރު، ލޯބީގެ ގުޅުމެއްގެ ވާހަކަ ދައްކާކަށް ފަސޭހައެއް ނުވާނެ އެވެ. ކުރިން އެފަދަ ޝައްކެއް ކުރެވުނީތީ ވެސް މިއަދު އޭނަ ލަދުގަނެ އެވެ.

"ދަރިފުޅަށް އެއްވެސް ގެއްލުމެއް ދޭކަށް ނޫން ބައްޕަ އެކަން ކުރީ... ރާވިން އާ ދަރިފުޅު ދުރުކުރަން ބައްޕަ އެކަން ކުރީ... އެކަމަކު، ބައްޕައަށް ދަރިފުޅު ގެއްލުނީ... އޭގެ ފަހުން ކޮންމެވެސް މީހަކު އެކަމުގެ ފައިދާ ނެގީ... އެމީހަކު ދަރިފުޅަށް ގެއްލުން ދިނީ... ބައްޕަ ހީކުރީ ރާވިން ކަމަށް... އެއީ ރާވިން އުޅުނީ ދަރިފުޅަށް ހުރިހާ ޙަޤީޤަތެއް ކިޔައިދޭން... ބައްޕަ ހީކުރީ، ބައްޕަގެ ކިބައިން ބަދަލު ހިފަންވެގެން ރާވިން ކަމަށް ދަރިފުޅަށް އެހެން ހެދީ... އެހެންވެ، ރާވިން ކިޑްނެޕް ކުރަން ބައްޕައަށް މަޖުބޫރުވީ... ދަރިފުޅުގެ ގެއްލުނީމަ ބައްޕަ ހުރީ ބޯ ގޮވާފަ... އެހެންވެ، ރާވިން ދަރިފުޅު ވީތަނެއް ނޭނގޭ ވާހަކަ ބުނީމަ، ބައްޕައަށް އޭނައަށް އަނިޔާ ކުރެވުނީ... އޭރު ބައްޕައަކަށް ނޭނގޭ އެއީ ބައްޕަގެ ދަރިއެއް ކަމެއް... އެކަމަކު، އޭރުވެސް، ރާވިންގެ ފުރާނަ ދުއްވާލަން ބައްޕަގެ ހިތަށް ކުޑަކޮށްވެސް ނާރާ... ބައްޕައަށް ހީވަނީ، ރާވިންއަށް ވެސް ގެއްލުން ދިނީ ހަމަ އެމީހާ ހެން... އެނގޭ އެއްޗަކީ، އެކަން ކުރީ، ބައްޕަގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގޭ މީހަކު ކަން..." ޝާކިރު އަޑަށް ބާރުލާފައި ބުންޏެވެ.

ދަރިފުޅާ!... ވަރަށް ސަމާލުވާތި!.... ކިތަންމެ ގާތް މީހަކަށް ވިޔަސް، އެއްވެސް މީހަކަށް އިތުބާރު ނުކުރާތި!... ފަހު ވަގުތު ކެހި ދޭނީ ކާކު ކަން ބުނާކަށް ނޭނގޭނެ..." ޝާކިރު ހާސްވެފައި ބުންޏެވެ.

"ރާވިން އަކީ ބައްޕަގެ ދަރިއެއްކަން ކީއްވެ ބައްޕައަށް ނޭނގުނީ؟... ބައްޕައަށް އެނގޭތަ ކިތައް ފާފައަށް ކަން އަރައިގަނެވިފަ ތިހުރީ؟... އެގޮތަށް ކިތައް ދަރިން ތިބޭނެ؟..." އަނަމްގެ އަޑު ތުރުތުރު އަޅަމުން ދިޔަ އެވެ.

"ދަރިފުޅާ!... ބައްޕަގެ ދެން އިތުރު ކުއްޖަކު ނުހުންނާނެ..." ޝާކިރު އަވަސް އަވަހަށް ބުންޏެވެ.

"އަހަންނަށް ކޮން ޔަޤީންކަމެއް އޮތީ، އަހަރެން އިންނަ މީހަކީ، ބައްޕަގެ ދަރިއަކަށް ނުވާނެ ކަމުގެ..." އަނަމް ފެށީ ރޯށެވެ.

އެތައް އިރަކު ރޮއެފައި ކަރުނަތައް ފޮހެލައިފި އެވެ. އޭރުވެސް ދެލޮލުގައި ކަރުނަތައް ބަބުޅަ އެވެ. އެއްޗެއް ނުބުނެ އިނދެފައި ޝާކިރު ހިންދިރުވައިލި އެވެ. އަނަމް ބުނިހެން އޭނައަށް އެވަނީ އެތައް ފާފައަކަށް އަރައިގަނެވިފަ އެވެ.

"ޝާފިޔާ އަކީ ބައްޕަގެ އޮފީހުގަ އުޅުނު މީހެއް... އެއަށްވުރެ ބޮޑަށް ބައްޕަގެ ގާތް އެކުވެރިއެއް..." ޝާކިރު ވާހަކަ ދައްކަން ފެށި އެވެ.

"އެއްރޭ މަންމަ އާ ޖެހުނު މައްސަލައެއްގަ ބައްޕަ ރުޅި އައިސްގެން ގެއިން ނުކުމެގެން ދިޔައީ... އޭރު، ނަސްމާ ވަރަށް ރުޅިގަދަ ވާނެ... އެރޭ ޝާފިޔާގެ ގެއަށް ބައްޕަ ދިޔައީ، ކުޑަކޮށްވެސް ގޯސް ނިޔަތެއް އޮވެގެނެއް ނޫން... އެކަމަކު އެ ރޭ ހިނގި ކަމަކުން، ބައްޕަގެ މުޅި ދިރިއުޅުން މިއޮތީ ބަނަވެފަ... ޝާފިޔާ ބަނޑުބޮޑުވެގެން ރާވިން ވިހޭ ކަން ބައްޕައަށް އެންގީ އޭނަގެ ބޮޑުދައިތަ... އޭރު ވަގުތު ފާއިތުވެއްޖެ... ކުރިން އެނގުނުނަމަ، އެ ދެމައިން ބިކަވިޔަކަ ނުދޭނަން... އެކަން ސިއްރު ކުރާކަށްވެސް މަސައްކަތެއް ނުކުރާނަން... މިހާރު މިހެން ބުންޏަސް، ބައްޕައަށް އެނގޭ އެއްވެސް މީހަކު ޤަބޫލު ނުކުރާނެ ކަން... އެކަމަކު ބައްޕަ މި ހަދަނީ ތެދު... ޝާފިޔާ ދުނިޔޭގަ ހުރިނަމަ..." ޝާކިރަށް އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

ޝާފިޔާގެ ހަނދާންތަކުން ޝާކިރުގެ ހިތަށް އުނދަގޫ ކުރަނީ އެވެ. ދެމީހުންގެ މެދުގައި ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު، ޝާކިރު ވަނީ، ޝާފިޔާގެ ކައިރިން ކައިވެންޏަށްވެސް އަހާފަ އެވެ. އެކަމަށް ފާޅުގައި ދެކޮޅު ހެދި މީހަކީ، ހުދު ޝާފިޔާ އެވެ.

(ނުނިމޭ)

ކޮމެންޓް 0