ނަސްމާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާލިއިރު، ޝާކިރު ކަހަލަ އަޚުލާޤު ރަނގަޅު މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމާއިމެދު އެ ހިތުގައި ސުވާލު އުފެދުނެވެ.

********

"ޝާކިރު ކޮބާ؟ އަނެއްކާ ގޭގަ އެބަ އުޅޭތަ؟..." ގޭތެރެ ހޯދައިލަމުން މުނީފާ ސުވާލު ކުރި އެވެ.

ނަސްމާ ދެފަރާތަށް ބޯ ހޫރާލުމުން، މުނީފާއަށް ހަމަޖެހުމެއް ލިބުނެވެ. ޤަބުވެފައި އިން ނަސްމާ ފެނި، އޭނަގެ ހިތަށް ރަހުމު ވަނެވެ.

"މިހާރު މިޒަމާނުގަ މީހެއްގެ ގޮތެއް ނޭނގޭނެ... އެކަމަކު އަހަރެން އެވާހަކަތަކެއް ޤަބޫލެއް ނުކުރަން... މީހަކު ކުރިއަރާތަން ފެންނަންޏާ މިއުޅޭ މީހުންގެ ހިތަށް ނިކަން އަސަރު ކުރާނެ ވިއްޔަ... ތިބޭނީ ދައްކާނެ ވާހަކައެއް ނުލިބިފަ..." ނަސްމާއަށް ވީގޮތް ފެނި، މުނީފާ އަވަސް އަވަހަށް ބުންޏެވެ.

********

ފުލުހުން ހަރަކާތްތެރިވަމުންދިޔަ ހޮޓަލާއި މާ ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓްގެ ކުރިމަތީގައި އައިވަން އާއި ނޫމާން ތިބީ ކާރުގައި މަޑުކޮށްލައިގެންނެވެ. ކުޑަ އިރުކޮޅެއް ފަހުން ރެސްޓޯރެންޓްގެ ތެރެއިން ނުކުމެގެން އައި އަންހެން ކުއްޖަކު، ހަލުވި ފިޔަވަޅުތަކެއްގައި އައިސް، ކާރުގެ ބިއްލޫރިގަނޑުގައި ޓަކި ޖަހައިލި އެވެ. ބިއްލޫރިގަނޑު ތިރިކޮށްލުމާއިއެކު އެކުއްޖާގެ މުށުތެރޭގައި އޮތް އެއްޗެއް ކާރުގެ ތެރެއަށް އެއްލާފައި އަވަސް އަވަހަށް ގޮސް ރެސްޓޯރެންޓްގެ ތެރެއަށް ވަދެއްޖެ އެވެ.

އުނގުމަތީގައި އޮތް ޕެންޑްރައިވް ނަގައި އެއަށް ބަލައިލި އައިވަންއަށް ނޫމާން އާއި ދިމާއަށް ބަލައިލެވުނެވެ. ނޫމާންގެ ނަޒަރު ވެސް އެ ޕެންޑްރައިވް އިން އައިވަންގެ މޫނަށް ހުއްޓިއްޖެ އެވެ. ދެމީހުންގެ މޫނުމަތިން ފެނިގެން ދިޔައީ އުއްމީދުގެ ކުލަވަރެވެ. އައިވަން އެ ޕެންޑްރައިވް ފޯނަށް ޖެހިއިރު، އޭނަގެ ހިތް ވަނީ އަވަސްވެފަ އެވެ. ނޫމާނަށް ފެންނާނޭހެން ފޯނު އަނބުރައިލާފައި އިސްކުރީނަށް ނަޒަރު ހުއްޓާލައިފި އެވެ.

ފެންނަމުން ދިޔައީ، "ކިންގްސް އިން" ހޮޓެލްގެ ކެމެރާއަށް ރެކޯޑުވެފައިވާ މަންޒަރުތަކެކެވެ. އައިވަން އާއިއެކު އަނަމް އެ ހޮޓެލްގެ ތެރެއަށް ވަދެގެން ދިޔައިރު، އައިވަންގެ ސޫރަ ރީތިކޮށް ކެމެރާއަށް ފެންނަން ހުއްޓެވެ.

"ޝިޓް..."

އައިވަންއަށް އޭނަގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލެވުނެވެ. ގޮނޑީގައި ލެނގިލުމަށްފަހު، އޭނަ މޫނު އުފުލައިލީ މައްޗަށެވެ. ބެދިފައިވާ މަޅީގައި އޭނަ ހަމަ ރަނގަޅަށް ވެސް ތާށިވެއްޖެ އެވެ. އެއިން މިންޖު ވެވޭނެ އެއްވެސް ގޮތެއް ދެން ނެތެވެ. ތަހުޤީޤުގައި އޭނަ އާއި ސުވާލު ކުރެވޭނޭ ކަން ޤައިމެވެ. ނޭނގެނީ އޭގެ ކުރިން އެ ތަހުޤީޤަށް އަލިމަގެއް ފެނިގެން ހިނގައިދާނެ ކަމެވެ.

އައިވަންގެ އަތުން ފޯނު ޖަހައިގަނެގެން ނޫމާން ފަހަރަކު މަންޒަރެއް ބަލަން ފެށި އެވެ. ކުއްލިއަކަށް އޭނަގެ ޝައުޤުވެރިކަން އަތުލީ، އަނަމްގެ ކޮޓަރި ދޮރުމަތީގައި ގޮސް ހުއްޓުނު ފިރެހެން މީހާގެ އަމަލުތައް ހުރިގޮތް ފެނުމުންނެވެ. އެމީހާ ގޮސް ދޮރުގައި ޓަކި ޖަހައިލުމާއިއެކު، އަނަމް ދޮރު ހުޅުވައިލާ ތަން ފެނެ އެވެ. ގަދަކަމުން ދޮރު ހުޅުވައިލާފައި އެމީހާ އެތެރެއަށް ދެމިގަންނަ ގޮތުންވެސް، އެމީހާ އާއި މެދު އޭނަގެ ހިތުގައި ޝައްކު އުފެދުނެވެ.

"މީ އޭނަ... ހުރިހާ ކަމެއް ކުރި މީހަކީ މީ..." އައިވަންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ނޫމާން ބުންޏެވެ. އޭނަ ދެއްކީ، އަނަމްގެ ކޮޓަރިއަށް ވަން ރާވިން އެވެ.

އައިވަން އަވަހަށް ނޫމާންގެ އަތުން ފޯނު އަތުލުމަށްފަހު އިސްކުރީނަށް ނަޒަރު ހުއްޓައިލި އެވެ. ހޮޓެލްގެ ތެރޭގައި ކަންތައް ހިނގިގޮތް އޭނަގެ ހަނދާނަށް އައުމާއިއެކު ރާވިން އަކީ ކާކު ކަން އެނގިއްޖެ އެވެ.

"މީ... އެމީހުން ތަޅައިގަނެގެން އުޅުނު މީހާ... މީނަގެ ގައިގަ އަނިޔާގެ ނިޝާން ވެސް ހުންނާނެ..." އެއްޗެއް ހަނދާންކޮށްލާފައި އައިވަން ބުންޏެވެ.

ވީޑިޔޯއިން ދެން ފެންނަ މަންޒަރެއް ބަލައިލާ ހިތުން އައިވަންގެ ކެތްތެރިކަން ކޮޅުންލި އެވެ. ރާވިން އަނަމްގެ ކޮޓަރިއަށް ވަންތާ މާ ގިނައިރުތަކެއްނުވެ، އަނަމްގެ ކޮޓަރި ދޮރުމަތީގައި އައިސް މަޑުކޮށްލީ، މާސްކު އަޅައިގެން ތިބި ދެ ފިރެހެނުންނެވެ. އެ ދެމީހުން އެތަނުގައި އިރުކޮޅަކު މަޑުކުރުމަށްފަހު، ކޮޓަރި އާއި ދުރަށް ހިނގައިގަންނަ ތަން ފެނުނެވެ. އަނަމް ނުކުތްތަން ފެނުނީ، އެ ދެ މީހުންނަށް މާ ދުރަށް ނުދެވި އުޅެނިކޮށެވެ.

********

ނިދިފައި އޮތް އަނަމްއަށް ހަމަހޭވެރިކަންވީ، މުޅި ގައިގައި ރިއްސަން ފެށުމުންނެވެ. ބަރުވެފައިވާ އެސްފިޔަތައް ހުޅުވައިލުމާއިއެކު ފުރަތަމަވެސް އެ ދެލޮލުގައި އަޅައިގަތީ، ކައިރީގައި ބަހައްޓާފައިވާ ތަބަކުގައިވާ ކާއެއްޗެހީގަ އެވެ. އެ އެއްޗެހީގެ މީރު ވަހުން، އޭނަގެ ބަނޑުހައިކަން އިތުރުވިހެން ހީވި އެވެ. އެ ތަކެތިން ނަޒަރު ވަކިކޮށްލަން އުނދަގޫ ވެފައި އޮތް އަނަމްގެ ބަނޑުން އަޑުކިޔަން ފެށި އެވެ. އޭނަ މަޑުމަޑުން ތެދުވެ، ދެފަރާތް ހޯދައި ބަލައިލި އެވެ. އޭގެ ފަހުގައި ތަބަށް ކައިރިކޮށް، އަވަސް އަވަހަށް ކާން ފެށި އެވެ. ހީވީ، ދުވަހަކު ކާއެއްޗެއް ނުލިބިފައިވާ މީހެއް ހެންނެވެ.

އަނަމް ކައި ނިންމައިލި ތަނާހެން އަންހެނަކު އައެވެ. ލާނެ އަންނައުނާއި، ރީތިވާ ސާމާނުތަކެއް އަޅާފައިވާ ކޮތަޅެއް ދީފައި، ތައްޔާރުވެގެން ހުރުމަށް އެދުނެވެ. އެތަކެތީގައި ނުހިފަންވެގެން އަނަމް އިނީ ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ކޮއްކޯ!... ކޮއްކޮއަށް ވެސް، ދެން ތިބި މީހުންނަށް ވެސް އެންމެ ރަނގަޅު ވާނީ، ބަސްއަހައިގެން ބުނާގޮތް ހެދިއްޔާ.." ކުޑަ ކުއްޖަކަށް ވިސްނައިދޭ ކަހަލަ ރާގެއްގައި އެމީހާ ވާހަކަ ދެއްކި އެވެ. "އެމީހުން ކޮއްކޮއަކަށް އަނިޔާވެރިއެއް ނުވެ އެއްނު..." އަންހެން މީހާ އައިސް އަނަމްގެ ކޮނޑުގައި އަތް ޖައްސައިލާފައި ބުންޏެވެ.

އަނަމް އެމީހާއަށް ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ. ކަރުނުން ދެލޯ ފުރިފައިވާތީ، އޭނައަށް އަންހެން މީހާ ފެނުނީ ފުސްކޮށެވެ. ނުރޯން ދެތުންފަތް ފިތާލައިގެން އިނުމުން، އެ ތުންފަތުގައި މަޑު ތުރުތުރުލުމެއްގެ އަސަރު ވިއެވެ.

"މީ އަނިޔާއެއް ނޫންތަ؟... އަހަރެން މިތާ ހައްޔަރުކޮށްފަ މީނީ އަހަރެން މިގޮތް ބޭނުން ވެގެންތަ؟... އޭނ!..." އަނަމްގެ އަޑު ތުރުތުރު ލައެވެ.

އަންހެން މީހާ އިތުރު އެއްޗެއް ނުބުންޏެވެ. ތައްޔާރުވެލައިގެން އަރާމުކޮށްލުމަށް އެދިފައި ނުކުމެގެން ދިޔައީ އެވެ. އަނަމް އޮތީ މުށިތަކުގެ މަތީގައި ދެ ކަކޫ ގެނެސް މޭގައި ޖައްސާލައިގެންނެވެ. އޭނަ އެގޮތުގައި އޮންނަތާ ގަޑިއެއްހާއިރު ފަހުން ކޮޓަރި ދޮރު ހުޅުވައިލި އަޑު އިވުނެވެ.

އެތެރެއަށް ވަނީ ދެ ފިރެހެނުންނެވެ. އެ ދެމީހުންގެ އަތުގައި ކޮތަޅުތަކެއް އޮތެވެ. އެކަކު އައިސް އަނަމްގެ ކައިރީގައި އެތަނުން ތެދުވެ ގޮނޑީގައި އިށީނުމަށް އެދުނެވެ. އަޑު އިވޭ ކަމަށްވެސް ހަދައިނުލުމުން، ގަދަކަމުން ކަހަލަ ގޮތަކަށް ނަގައި ގޮނޑީގައި ބައިންދައިފި އެވެ. އެއަށްފަހު ގުޑި ނުލެވޭނޭހެން ގޮނޑި އާއިއެކު ބަނެވެ.

އެ ދެމީހުން އެމީހުންގެ މަސައްކަތް ނިންމާފައި އެނބުރި ދިޔަތަނައި، ކޮންމެވެސް މީހަކު ކޮޓަރިއަށް ވަނެވެ. އެމީހަކު ހުރީ، ކޯޓު ފަޓުލޫނުގަ އެވެ. ލަކުޑި ވައްތަރެއްގެ މާސްކަކުން މޫނު ނިވާކޮށްލައިގެން ހުރުމުން އަނަމްއަށް އެމީހާގެ މޫނު ފެންނަވަރެއް ނުވި އެވެ.

"މީ ކޮންކަމެއް؟..." އަނަމް އިންގޮތް ފެނުމާއިއެކު، އެމީހާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.

އަނަމް ސިހިފައި އެމީހަކަށް ބަލައިލި އެވެ. އެމީހާގެ މުޅި މޫނު، މާސްކަކުން ނިވާކޮށްލައިގެން ހުރިގޮތުން، އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. ހަމަ އެއާއި އެއްވަރަށް ސުވާލުވެސް އުފެދުނެވެ. މާސްކުގެ ފަހަތުގައި ފޮރުވިފައިވަނީ ކާކުގެ ސޫރައެއް ހެއްޔެވެ؟ އެމީހަކު މޫނު ނިވާކޮށްގެން ހުރީ އޭނައަށް އެއީ ކާކުކަން އެނގިދާނެތީ ހެއްޔެވެ؟ ނޫނީ، ކުރިއްސުރެ، އޭނައަށް އެއީ ކާކުކަން އެނގޭތީ ހެއްޔެވެ؟

ބޭރުގައި ތިބި މީހުންތަކުގެ ތެރެއިން ދެމީހަކު ވަރަށް ބާރަށް އެތެރެއަށް ވަންތަން ފެނުނެވެ. އެމީހުން ގޮސް މާސްކު އަޅައިގެން ހުރި މީހާގެ ކުރިމަތީގައި ހުއްޓުނީ ކުށްވެރިންތަކެއް ފަދައިންނެވެ.

"އަހަރެން މި އަހަނީ އެއީ ކޮން ކަމެއްހޭ؟..." އަނަމް އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އެމީހާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"ސަރ!... އޭނަ ބުނާގޮތެއް ނަހަދާ..." އެތަނުން އެކަކު ވަރަށް ޖެހިލުންވެ ހުރެ، ޖަވާބު ދިނެވެ.

"އަހަރެން ކަލޭމެން ކައިރީ ބުނީ، އޭނަ ބަނދެގެން އަނިޔާ ކުރާށޭތަ އޭނ!...." ކުރިމަތީގައި ހުރި މީހާގެ ގިރުވާނުގައި ހިފައި ދަމައިގަންނަމުން އެމީހާ ހަޅޭއްލަވައިގަތެވެ.

"ސޮ، ސޮ.. ސޮރީ ސަރ!..." ދެން ހުރި މީހާ އަވަސް އަވަހަށް ބުންޏެވެ.

"ހަމަ މިހާރު އޭނަ މޮހާލާ... އަވަސްކުރޭ!..." އެމީހާގެ ރުޅިގަނޑު ފިންޏެއް ނުވި އެވެ. ހަޅޭއްލަވައިގަންނައިރު، ހީވަނީ ހޮނު ގުގުރިއެއް ޖަހައިލާ ހެންނެވެ.

"އެންމެ ކޫރުމެއް އެޅިފަ ހުއްޓަސް، ކަލޭމެންނަށް ހައްޤު އަދަބު ލިބޭނެ..." އަނަމް އާއި ދިމާއަށް އެ ދެމީހުން ހިނގައިގަތުމުން އެމީހާ ބުންޏެވެ.

ދެމީހުން އަވަސް އަވަހަށް ގޮސް އަނަމްގެ ގައިގައި އައްސާފައިވާ ފޮތިތައް މޮހައިލި އެވެ. އެއަށްފަހު، ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލި އެވެ. އޭރުވެސް އަނަމް އޭނާ އިންތަނުން ގުޑިވެސް ނުލައި އިނެވެ. އެ ނަޒަރު ކުރިމަތީގައި މާސްކު އަޅައިގެން ހުރި މީހާގެ ހަށިގަނޑުން ވަކި ނުވެ އެވެ. ކަންތައް ވީގޮތުން އޭނަގެ ހިތުގައިވި ބިރުވެރިކަން ފިލައި ގޮސް، ވާހަކަ ދެއްކުމުގެ ހިއްވަރު ލިބިއްޖެ އެވެ.

"ކީއްވެ އަހަރެން މިތާ ހައްޔަރުކޮށްފަ މީނީ؟... ކީއްވެހޭ؟..." އަނަމް ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

"ސަބަބު ވަރަށް އަވަހަށް އެނގޭނެ..." އަނަމް ހީކުރި ގޮތާއި ޚިލާފަށް އެމީހާގެ އަޑު މަޑެވެ.

"މިހެން ހައްޔަރުކޮށްފަ ނުބައިންދާ އަހަރެންގެ ގައިގަ ތަޅާ މަރާލަންވީނު... އާދޭ.. މީނީ އަހަރެން... ތަޅާ މަރާލާ އަވަސްކުރޭ..." އަނަމް ހީވަނީ މޮޔަވެފައި އިން ހެންނެވެ. ރޮއެރޮއެފައި ހަޅޭއްލަވަމުން ދިޔައިރު، އެއީ ކޮންތާކުން ލިބުނު ހިއްވަރެއް ކަމެއް ވެސް ނޭނގެ އެވެ.

"ފައިސާތަ ބޭނުމީ އޭނ!... އަހަރެން އެވެސް ދީފާނަން... ތިމީހާ ހިތްފުރޭ ވަރަށް ދޭނެހާ ފައިސާ އަހަރެންގެ ބައްޕަ އަތުގަ ހުންނާނެ... އަހަންނަށްޓަކާ ކޮންމެ އެއްޗެއް ދޭކަށް ވެސް އެ ބައްޕަ ފަހެއް ނުޖެހޭނެ..." ކަރުނަތައް ފޮހެފޮހެފައި އަނަމް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު ރޮވޭވަރުން އޭނަގެ އަޑު ނުކުންނަނީ ކިރިޔާ އެވެ.

އިރުކޮޅަކު އަނަމްއަށް ބަލަން ހުރެފައި އެ މީހާ އެތަނުން ނުކުތީ، ވަކި އެއްޗެއް ބުނުމެއް ނެތި އެވެ. ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓުނީ ކަމެއް ނޫނީ އައި ރުޅީގައި އަތުން ފައިން ގޯހެއް ހެދިދާނެތީ ނުކުތީ ކަމެއް އަނަމްއަކަށް ނޭނގުނެވެ. އެކަނި ވުމާއިއެކު، އަނަމްއަށް އިތުރަށް ރޮވެން ފެށުނީ އެވެ.

********

އައިވަން އާއި ނޫމާން ކުރި މަސައްކަތުން، އަނަމް ގެންގޮސް އެރުވި ކާރުގެ ރަޖިސްޓްރީ ނަންބަރު ހޯދި އެވެ. އެ ނަންބަރުގެ އެހީގައި ކާރުގެ ވެރިފަރާތާއި އެ ކާރު ދަތުރު ކޮށްފައިވާ ތަންތަން ހޯދުމުގެ މަސައްކަތް އޭނަ ފެށި އެވެ. ކާރު ގޮސް ހުއްޓާފައި ވަނީ، ކޮން އިމާރާތެއްގެ ކުރިމައްޗަށް ކަން އެނގުމާއިއެކު، އައިވަންގެ ދެލޯ ވިދައިގަތެވެ. ބުނެދޭން ނޭނގޭ އުފަލެއް އޭނައަށް ލިބިގެން ދިޔަ އެވެ.

ހުރިހާ ކަމެއް ދާދި ފަސޭހައިން އެނގުނީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ، އެމީހުންގެ އެކުވެރިންގެ ވެސް އެހީތެރިކަމާއި އެކުގަ އެވެ.

"ކިހިނެއް ހަދާނީ؟... ފުލުހުންނަށް އަންގާނީތަ؟..." ނޫމާން ސުވާލު ކުރި އެވެ.

އައިވަން ދެފަރާތަށް ބޯ ހޫރާލީ، ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކަންކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ހިތުގައި އުފެދުމުންނެވެ. ދެމީހުންވެގެން ކަން ކުރާނެ ގޮތް ރާވާފައި، ނޫމާން ކާރުން ފޭބި އެވެ. އައިވަން ކާރު ދުއްވައިލުމުން، އަތުގެ އިޝާރާތުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމުގައި އޭނަ ބުންޏެވެ.

********

އަނަމް ރުޅި އައިސްގެން ކޮޓަރި ތެރޭގައި ހުރި އެއްޗެއްސަށް ގެއްލުންދޭން ފެށި އެވެ. ބިއްލޫރި އެއްޗެހިތައް މުށިތަކުގެ މައްޗަށް ޖެހި ޖެހީނުން ތަޅާ ފިސްފިސް ކުރަމުން ދިޔަ އެވެ. އެނދުގެ ބެޑްޝީޓާއި އެއްޗެހި ދަމައިގަނެގެން ބޮނޑިކޮށްލާފައި މުށިތަކު މައްޗަށް ހޫރައިލި އެވެ.

އެތެރެއަށް ވަން އަންހެން މީހާގެ ހިތް ބިރުން ރޫރޫ އަޅައިގަތެވެ. އެ ނިކަމެތި އަންހެން ކުއްޖާއަށް ކަމެއް ވެދާނެތީ އޭނަ ކަންބޮޑު ވިއެވެ. އެމީހާ އަވަސް އަވަހަށް ގޮސް އަނަމް ހުއްޓުވަން އުޅުނެވެ. އެތައް އެއްޗެއް ކިޔައިގެން ވެސް އަނަމްއެއް ނުހުއްޓުވުނެވެ.

"އަތްނުލާތި..." އަނަމް ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.

"މިތަނުން ނުކުންނަން އަހަރެން އެހީ ވާނަން... ހެޔޮނުވާނެ ތިކުރާ ކަންތައް ހުއްޓާލާ..." އަންހެން މީހާ އާދޭހާއިއެކު އެދުނެވެ.

އަނަމްގެ ހަރަކާތްތައް ވަގުތުން ހުއްޓިއްޖެ އެވެ. އުއްމީދުގެ ބެލުމަކުން އެމީހާއަށް ބަލައިލާފައި އަވަސް އަވަހަށް އެމީހާގެ ކައިރިއަށް ގޮސްފި އެވެ.

********

ކާރު ދުއްވަމުންދިޔަ އައިވަންގެ ނޭވާ ވަނީ އަވަސްވެފަ އެވެ. ވަކި ހިސާބަކަށް ގޮސްފައި ދުވެލި މަޑުކޮށްލަން މަޖުބޫރުވީ، ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ތެރެއިން ދުވެފައި ނުކުތް އަންހެން ކުއްޖާ ފެނުމުންނެވެ. އެކުއްޖާ ދުވެފައި އައިސް އެރީ ސީދާ އޭނަ އިން ކާރުގެ ކުރިމައްޗަށެވެ. އައިވަން ބުރަކި ޖައްސައިލި ނަމަވެސް، އެމީހެއްގެ ގައިގައި ކާރުން ޖެހިއްޖެ އެވެ.

"އަނަމް!..." އައިވަންއަށް ބުނެވުނެވެ.

(ނުނިމޭ)

ކޮމެންޓް 0