ކުރަންޖެހޭ ކަންތައް އައިވަންގެ ހަނދާނަށް އައީ އެވަގުތު އެވެ. ސިހިފައި ކަހަލަ ގޮތަކަށް އޭނަ އުޅުނީ ފުންމައިގެން ތެދުވާށެވެ. އެކަމަކު، ފެނުނު މަންޒަރަކުން އޭނަގެ ދެލޯ ބޮޑުވެއްޖެ އެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އޭނައަށް އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ.

********

ހުދާ އެއޮތީ އޭނަގެ މޭގައި ބޯ އަޅާލައިގެންނެވެ. އެތެެރެއިން ލައިގެން އޮތް އަންނައުނު ފިޔަވައި އޭނަގެ ހަށިގަނޑުގައި އިތުރު ފޭރާމެއް ނެތެވެ. މެޔާއި ހަމައިން ރަޖާގަނޑު އަޅާލައިގެން އޮތްއިރު، ހުދާގެ ހަށިގަނޑުގައިވެސް ފޭރާމެއް ނެތްހެން އޭނައަށް ހީވި އެވެ.

އައިވަން ފުންމައިގެން ތެދުވި އެވެ. ރީތިވާ މޭޒު ކައިރީގައި އިން ގޮނޑިމަތީގައި ހުރި އަންނައުނުތައް ހިފައިގެން އޭނަ ގޮސް ވަނީ ފާޚާނާ އަށެވެ. ޚިޔާލާއި ފިކުރުތަކުން އޭނަގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. ރޭގައި ނިދުމުގެ ކުރިން ވީ ހުރިހާ ކަމެއް އޭނަގެ ހަނދާނުގައި ރަނގަޅަށް އެބަ ހުއްޓެވެ. ހުދާ ނިދަން އޮށޯއޮތުމުން އޭނަ އިނީ މޭޒު ކައިރީގައި ލެޕްޓޮޕުން ކަމެއް ކުރާށެވެ. އެކަމަކު، ކަންތައް އެވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ނިދުނީ ކޮން އިރަކު ހެއްޔެވެ؟ އެވަރުގެ ކަމެއް ހިނގައި ދިޔައިރު ހޭނުލެވުނީ ކީއްވެ ހެއްޔެވެ؟ ފަހުން ވީ އެއްވެސް ކަމެއް އޭނަގެ ސިކުނޑީގައި ނެތެވެ. ހަނދާން ކުރަން އުޅެއުޅެ އެކަމެއް ވެސް ނުވި އެވެ.

އައިވަން ފެންވަރައިގެން ނުކުތްއިރު ވެސް މީހާ ހަމައަކަށް ނޭޅެ އެވެ. ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން، އޭނަ އުޅުނީ އެތަނުން ނުކުންނާށެވެ. އެވަގުތު މޭޒުމަތީގައި އިން ލެޕްޓޮޕްގެ މަތީން ހަނދާންވެ، އަވަހަށް ގޮސް އެ ނެގި އެވެ. އައިވަންއަށް ނޭނގުނުކަމީ، އޭނައަށް އޭގެ ކެމެރާ ޖައްސާފައި ބޭންދުނު ކަމެވެ. އެނދާއި ވީ ދިމާއަށް އޭގެ ކެމެރާ އިންއިރު، ރޭގައި އެތަނުގައި ކަމެއް ހިނގިނަމަ، އެކަމެއް އޭގައި ރެކޯޑުވެފައި އިންނާނެ ކަން ޤައިމެވެ.

ހުދާ ހޭލުމުގެ ކުރިން އައިވަން އަވަހަށް ކޮޓަރިން ނުކުތެވެ. އޭނަ ފައްޔާޒަށް ގުޅާފައި އެދުނީ ހުދާ ގޮވައިގެން ނޫނީ އެތަނުން ނުނިކުތުމަށެވެ. ކަންތައް އެވީގޮތުން ހުދާގެ ކުރިމައްޗަށް އަރަން އޭނަ ޖެހިލުންވީ އެވެ. އެކަމާއި ބެހޭގޮތުން ސުވާލު ކުރާކަށްވެސް ދެން އޭނައަކަށް ނުކެރޭނެ އެވެ.

އައިވަން ބޭރަށް ނުކުތްތާ މާ ގިނައިރުތަކެއްނުވެ، ހުދާ އާއި ފައްޔާޒު ނުކުތްތަން ފެނުނެވެ. ހުދާއަށް ނުބަލަން އޭނަ އަވަހަށް އިސްޖަހައިލީ އެވެ.

އައިވަން ލަސް ފިޔަވަޅުތަކެއްގައި ފިހާރަ އާއި ދިމާއަށް ދާން ފެށީ، ތަޅުދަނޑިއެއް ހިފައިގެން އެދިމާއަށް ދިޔަ އަންހެން ކުއްޖާ ފެނިފަ އެވެ. އެކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް އޭނަ އެތެރެއަށް ވަނެވެ. އޭރު އެކުއްޖާ ހުރީ އެ ސިޓީއުރަ ނަގައިގެން އެއަށް ބަލާށެވެ.

އެތަނުގައި ހުރި ކަބަޑެއްގެ މަތީގައި ސިޓީއުރަ ބާއްވާފައި އެކުއްޖާ ކައުންޓަރުގެ ކައިރިއަށް ދިޔައީ ފައްޔާޒު އައިސް ސުވާލުތަކެއް ކުރަން ފެށުމުންނެވެ. ފައްޔާޒު އޭނާގެ އަތުގެ އިޝާރާތުން އެދުނީ ސިޓީއުރަ ހިފައިގެން އެތަނުން ނުކުތުމަށެވެ. އައިވަންގެ ހަރަކާތްތައް އަވަސްކޮށްލާފައި ސިޓީއުރަ ނަގައި ޓީޝާޓުގެ ދަށަށް ކޮއްޕައިލި އެވެ.

އޭނައަށް ނުކުމެވުނީ ހުދާގެ ކުރިމައްޗަށެވެ. ހުދާ ހުރިގޮތުން ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިކަން އައިވަންއަށް އެނގުނެވެ. އެ ފުރުސަތު ދޭން ބޭނުން ނުވާތީ، އޭނަ އަވަހަށް އިސްޖަހައިލަމުން އެތަނުން ދުރަށް ދިޔުމަށް ހިނގައިގެންފި އެވެ.

********

ފައްޔާޒުގެ ކައިރީގައި ހުދާ ގޮވައިގެން އައުމަށް އެދި މެސެޖެއް ކުރުމަށްފަހު، އައިވަން ދިޔައީ ގެއަށެވެ. ސިޓީއުރަ އަޒާން އާއި ހަވާލުކޮށްފައި އޭނަ ވަނީ ކޮޓަރި އަށެވެ. ދުވާލުގެ އެތައް ވަގުތަކު ނިދާފައި ހޭލިއިރު، އޭނަގެ ތަބީއަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވެއްޖެ އެވެ. އޭނަ ބޭރަށް ނުކުތްއިރު، އަނަމްގެ ކޮޓަރި ދޮރު ހުރީ ހުޅުވާފަ އެވެ. މުޅި ގައިގައި ރަޖާ އަޅައިގެން އަނަމް އޮތެވެ. ކުކުރުމުގެ އަޑުވެސް އިވެ އެވެ.

އައިވަން ގޮސް އަތް ޖައްސައިލިއިރު، އަނަމް އޮތީ ގަދައަށް ހުން އައިސްފަ އެވެ. އޭނަ މަޑުމަޑުން އަނަމްގެ ކޮލުގައި ދެފަހަރަކު ޖަހައިލި އެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލާފައި އަނަމް އޭނާގެ އަތް އުފުލައިލި އެވެ. އޭނަ ހިފެހެއްޓީ އައިވަން ލައިގެން އިން ގަމީހުގަ އެވެ.

"ޕްލީ...ޒް.... ނުދައް...ޗޭ..." އަނަމްއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.

އައިވަން މަޑުމަޑުން ބޯ ޖަހައިލި އެވެ. އަނަމްގެ އަތް އޭނަގެ ގަމީހުން ދޫވެގެން ވެއްޓެންދެން ކައިރީގައި މަޑުކޮށްލައިގެން އޭނަ އިނެވެ. އޭނަ ކޮޓަރިން ނުކުމެ އެނބުރި އައީ ފިނި ފެންތައްޓެއް ހިފައިގެންނެވެ. ތަށީގެ ތެރޭގައި އޮތް ތުވާލިކޮޅު ތެންމައިލާފައި އަނަމްގެ ނިތްކުރި މަތީގައި ބާއްވައިލި އެވެ. އަނަމް ތެޅިލި އެވެ. ކުރިއަށް ވުރެވެސް ބޮޑަށް ރަޖާގަނޑުގެ ދަށަށް ވަނެވެ.

އަނަމްގެ ކޮޓަރި ދޮރުމަތީގައި ހުރި ހުދާގެ ދެލޯ ވަނީ ފެންކަޅިވެފަ އެވެ. ކަރުނަތައް ހިންދައިލަމުން އޭނަ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.

"ޖޭވޭތަ؟..." ފަހަތުން ފައްޔާޒުގެ އަޑު އިވުމުން ހުދާ ސިހުނެވެ.

"ނޯ..." އެތަނުން ދިޔުމަށް ހިނގައިގަންނަމުން ހުދާ ދިނީ ކުރު ޖަވާބެކެވެ.

"އެހެންވެ ދޯ މާ ގޮތަކަށް ބަލަން ތިހުރީ..." ފައްޔާޒު އޭނަގެ މަޖާ ރާގުގައި ދިމާ ކުރަން ފެށި އެވެ.

ހުދާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ފަސް އެނބުރި ފައްޔާޒަށް ބަލައިލިއިރު އެމޫނުން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

"ބުނެފީމެއްނު ނޫނެކޭ..." ހުދާ ހިތްހަމަނުޖެހިގެން ތަންކޮޅެއް ބާރަށް ބުންޏެވެ.

ފައްޔާޒުގެ ދެފައި ހީވީ ބިމުގައި ތަތްލީ ހެންނެވެ. އޭނަ ހައިރާންވެގެން ބަލަން ހުއްޓައި ހުދާ ގޮސް ގެއިން ނުކުތެވެ.

ދެކޮނޑު އަރުވައިލުމަށްފަހު ފައްޔާޒު ގޮސް އެގެއިން އެމީހުންނަށް ޚާއްސަކޮށްފައިވާ އޮފީސް ބަޔަށް ވަނެވެ. އޭރު އަޒާން އުޅެނީ، ފޮޓޯތަކެއް ސްކޭން ކުރާށެވެ. ފައްޔާޒު ފެނުމުން ފޮޓޯތައް ދައްކައިލި އެވެ.

"މީ އެ ޝާކިރުގެ ދަރީގެ ފޮޓޯތަކެއް... މި ސިޓީއުރަ ގެންގުޅު މީހާ އާ ދެމީހުން އެކުގައި ތިއްބާ ނަގާފަ ހުރި ފޮޓޯތަކެއް... ދެން ތީގަ އޮތީ، އެއްބަސްވުންތަކެއް... ސަރ އައީމަ އެންމެންނަށް އެއްކޮށް އޭގަ އޮތް އެއްޗެއް ކިޔައިދޭނަން..." އަޒާން ވާހަކަ ދެއްކީ ފައްޔާޒު އައިސް ފޮޓޯތައް ބަލަން ފެށުމުންނެވެ.

އަޒާން އެހެން ބުނިތާ ގިނައިރުތަކެއްނުވެ، އައިވަން އައިސް އެތެރެއަށް ވަންތަން ފެނުނެވެ. ފައްޔާޒު ވަގުތުން ހުދާއަށް ގުޅާފައި މުހިއްމު ބައްދަލުވުމަކަށް އެތަނަށް އައުމަށް އެދުނެވެ.

ބައްދަލުވުން ފެށުނީ ހުދާ އައުމުންނެވެ. އައިވަން އެންމެ ފަހަރަކުވެސް ހުދާ އާއި ދިމާއަށް ބަލައެއް ނުލަ އެވެ. އެ ކަމާއި ހުދާގެ ތަބީއަތު އިތުރަށް ގޯސްވާގޮތް ވިއެވެ.

"ޑްރަގް ޑީލްސް..." އެއްބަސްވުން ހުޅުވައިލަމުން އަޒާން ބުންޏެވެ. "މި ހުރިހާ އެއްބަސްވުންތަކަކީ ވެސް އެއް ކަމަކަށް ހަދާފަ ހުރި އެއްބަސްވުން ތަކެއް..." އެއްބަސްވުމުގެ ފަހަރަކު ގަނޑެއް ބޮޑު އިސްކުރީނުން ދައްކަމުން އަޒާން ކިޔައިދެމުން ދިޔައެވެ.

"މީގަ އެބަހުރި ވަރަށް ބޮޑެތި ޑީލްތައް ހަދާފަ... މިލިއަނުން ފައިސާ ގުނާލެވޭ ވަރުގެ ބޮޑެތި ޑީލްތައް... ވަރަށް ނުރައްކާތެރި ޑީލްތައްވެސް އެބަހުރި... މީން ކޮންމެ އެއްބަސްވުމެއްގަ ސޮއިކޮށްފަ މި އޮންނަނީ، މީހާގެ ނަން ޖަހާފައެއް ނޫން... ކޮންމެ މީހަކަށްވެސް މި އިންނަނީ ކޯޑެއް ދީފަ..." ހުޅުވާފައިވާ ގަނޑު ޒޫމްކޮށްލަމުން އަޒާން ބުންޏެވެ.

"ޓޫ ޒީރޯ ފައިވް ވަން ނައިން އެއިޓް..." އައިވަން ކިޔައިލި އެވެ.

"މީގެން އަހަރެމެން ކިހިނެއް މީ ކާކުގެ ކަމެއް ކަން ސާބިތު ކުރާނީ؟..." ފައްޔާޒު ބުންޏެވެ.

އައިވަން ބަލައިލީ އަޒާން އަށެވެ. ހުރިހާ ބާރެއް މިހާރު އޮތީ އަޒާންގެ އަތުގައޭ ބުނާ ފަދައިންނެވެ. އަޒާން ބޯ ޖަހައިލި ގޮތުން، އޭނަގެ އަތުގައި އެކަށީގެންވާ ވަރުގެ ހެއްކެއް ޖެހިއްޖެ ކަން އައިވަންއަށް އެނގުނެވެ.

"ރާވިން ވީ ކޮންތާކު ކަން އަހަންނަށް އެނގޭ..." ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި އަޒާން ބުނެލީ ފަހުރުވެރި ވެލާފަ އެވެ.

އެންމެން ހައިރާންވެފައި ބަލައިލުމުން، އަޒާން ދައްކައިލީ ދެތިން ތަސްވީރެކެވެ. އެއީ ސީސީޓީވީ ކެމެރާތަކުން ނަގާފައިވާ ތަސްވީރު ތަކެކެވެ. ރާވިން ގެންގޮސް ބަހަށް އަރުވައިގެން ގެންދާ މަންޒަރާއި، އެކަހެރި ހިސާބެއްގައި ހުރި ގެއަކަށް ވައްދާ މަންޒަރު އެ ތަސްވީރުތަކުން ފެނެ އެވެ.

"ސަރ!... އަދި އެބައޮތް އެއް ކަމެއް..." އަޒާން އުޅުނީ އަނަމް އާއި ރާވިން އެކުގައި ތިއްބައި ނަގާފައިވާ ތަސްވީރުތައް ދައްކާށެވެ.

"މިހާރަކު ނޫން... މިވަގުތަށް މުހިއްމީ ރާވިން ހޯދުން... "އެންމެން ތައްޔާރަށް ތިބޭ..." އައިވަން ތެދުވިއިރު، އޭނަގެ ތަބީއަތު މުޅީން ރަނގަޅު ވެފައިވާ ކަހަލަ އެވެ.

އައިވަން ހުރީ އަނަމްގެ ކައިރިއަށް ދާން ލަސްވެފަ އެވެ. އަނަމްގެ ޙާލެއް ނޭނގޭތީ އޭނަ ކަންބޮޑުވަނީ އެވެ. އެކަނި ޙާލަށް އެ އަންހެންކުއްޖާ ދޫކޮށްލަން އޭނަގެ ޒަމީރު އެއްބަހެއް ނުވި އެވެ.

********

ރޭގަނޑުގެ ވަގުތެވެ. ހުންގަނޑު މައިތިރިވެލުމުން، އަނަމްއަށް ދެލޯ ހުޅުވައިލާނެ ހިއްވަރު ލިބުނެވެ. ނިތްކުރިމަތީގައި އަޅާފައި އޮތް ރުމާ ނަގައި އެއަށް ބަލައިލި އަނަމްއަށް ލިބުނީ ހައިރާން ކަމެވެ. ވަކީން ހައިރާންވީ އެނދުގައި ބޯ އަޅާލައިގެން ނިދިފައި އޮތް އައިވަން ފެނުމުންނެވެ. އައިވަން އެތަނުގައި އިންނަތާ ކިހާ އިރެއް ވެދާނޭ ހެއްޔެވެ؟

އަނަމްގެ ހަނދާނަށް އައީ، އައިވަންގެ ކައިރީގައި އޭނައަށް ކިޔުނު އެއްޗެހީގެ މަތިންނެވެ. ކައިރިން ދުރަށް ނުދާށޭ ބުނެވުނު ހަނދާންވުމުން، ލަދުން މުޅި މޫނު ރަތްވެގެން ދިޔަ އެވެ.

އަނަމް އުޅުނީ ސިއްރުން ތެދުވާށެވެ. އޭގެ ކުރިން އައިވަންއަށް ހޭލެވިއްޖެ އެވެ.

"ޖޫސްފޮދެއް ބޯލަންވީނު..." ޖޫސްތަށީގެ މަތި ނަގަމުން އައިވަން ބުންޏެވެ.

އަނަމް ދެކޮޅެއް ނަހަދަ އެވެ. ޖޫސްތަށިން އެތިފޮދެއް ބޮއެފައި އައިވަންގެ އަތަށް ދިއްކޮށްލައިފި އެވެ.

"ދެން އަވަހަށް އޮށޯވެލާ... އަހަރެން އިންނާނަން މިތާ..." އައިވަންގެ އަޑުގައި ވަނީ އަޅާލުމާއި އޯގާތެރި ކަމެވެ.

އަނަމް އޮށޯވެލުމުން، ނިތްކުރީގައި އަތް ޖައްސައިލި އެވެ. މޫނުގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްފައި ކަންފަތް ދަށަށް ލައްވާލަދިނެވެ. އޭގެ ފަހުގައި ރުމާކޮޅު ތެންމާލާފައި ނިތްކުރީގައި ބާއްވާލި އެވެ.

އަނަމްގެ ހިތުން އައިވަންއަށް ދެވުނު މަޤާމް މަތިވެރިވެގެން ދިޔައިރު، ދެލޮލަށް ކަރުނަ ޖަމާވާން ފެށި އެވެ. މާމަގެ މަތީން އޭނަ ހަނދާންވާން ފެށީ މާ ވަރަކަށެވެ. އެ މާމަ ދުނިޔޭގައި އޭނަ ބަލިވެއްޖެނަމަ، ކައިރިން ދުރަށްވެސް ނުދާނެ އެވެ. ބޮލުގައި ފިރުމާލަދިނިއްޔާ ބުރަކަށި މޮޑެލަދޭނެ އެވެ.

އަނަމްގެ ދެލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ރޮނގަކަށް ވާހެން ތިރިއަށް ދެމިގެން ދިޔަ އެވެ. އައިވަން ހާސްވެގެން އެ ކަރުނަތައް ފޮހެލަ ދީފި އެވެ.

"އާނާ!..." އައިވަން ދެން ގޮވައިލި ނަމަކުން، އަނަމް ސިހިފައި ދެލޯ ހުޅުވައިލި އެވެ.

(ނުނިމޭ)

ކޮމެންޓް 0