އަނަމް އެތެރެއަށް ވަނީ އިނގިލި ކުރީގައި ތަޅުދަނޑި އަޅުވާލައިގެންނެވެ. ފޯނަށް ނަޒަރު ހުއްޓިފައިވުމުން، ކުރިމަތިން އައި މީހާ އޭނަައަކަށް ނުފެނުނެވެ. ކުއްލިއަކަށް މީހެއްގެ ގައިގައި ލައިގަނެފައި ތަޅުދަނޑި ވެއްޓުނެވެ.
********
މަޢާފަށް އެދެމުން ތަޅުދަނޑި ނަގައިގެން ތެދުވި އިރު، އެމީހަކު އޭނަ ފަސްދީފައި ދަނީއެވެ.
ތަޅުދަނޑީގައިވާ ނަންބަރު ޖަހާފައި އިން ކޮޓަރިއަށް އަނަމް ވަންއިރު، ތަނުގައި ހިފާލާފައިވީ ފިރިހެން ސެންޓެއްގެ ވަހެވެ. އެއީ އޭނައަށް އައު ވަހެއް ނޫނެވެ. އެކަމަކު، އޭނައަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް އެމީހަކު ވަންނަންޖެހޭ ސަބަބެއް އަނަމްއަކަށް ނުވިސްނުނެވެ.
ވެފައިވާ ވަރުބައްޔާއިއެކު އަނަމް ޖައްސައިލީ އެނދުގައެވެ. ލައިގެން ހުރި ޔުނީފޯމު ބާލައި، އެތެރޭން ލައިގެން އުޅުނު ކުޑަ ޖެކެޓްކޮޅާއި އެކީގައެވެ. ނައިނާ ގުޅީ އެވަގުތު އެވެ. ކާން ދާންވުމުން ގުޅާނެ ކަމުގައި ބުންޏެވެ.
"މިތަނަށް ފިރިހެނުންވެސް ވަދޭތަ؟..." އަނަމް އެހި އެވެ.
"އުހުނ!... ތިބޭފުޅާގެ ކޮޓަރިއަށް އިތުރު މީހުން ނުވައްދަން ބުނެފައެއްނު އޮންނަނީ... ވަކިންނޭ ރޫމް ހަމަޖެއްސީ... ރޭގަނޑު ދާނަން އުނދަގޫ ކޮށްލަން..." ނައިނާ ހީގަތެވެ. "އަނެއްކާ ފިރިހެނަކު ފޮނުވަންވީތަ؟..."
"ހެޔޮ ހޮޔޮ..." އަނަމް ފޯނު ކަނޑައިލި އެވެ.
އޭސީގެ ފިނިން އިސާހިތަކު ހީކަރުވައިގަނެގެން އަނަމްގެ ހަށިގަނޑު ތުރުތުރު އަޅަން ފެށި އެވެ. މުޅި މޫނާއިއެކު ރަޖާ އެޅުމުން އަނަމްއަށް އަރާމުވިއެވެ. މާޒީގައި ހިނގައިދިޔަ ކަންތަކަށްފަހު، އޭނަ އަލުން އިސްތިހާރު ކުޅެން ފެށީ، އެކަނިވެރިކަމުން ދުރުވުމަށެވެ. މާލޭގައި ހޭދަކުރާ ދުވަހަށްވުރެ ރަށުން ބޭރުގައި ވަގުތު ހޭދަކުރުން ގިނަ ކުރުމަށެވެ.
މަސައްކަތް ނިންމައިލާފައި އައިވަން އައިސް ކޮޓަރިއަށް ވަނެވެ. ޔުނީފޯމު ބާލައި ކޮނޑުގައި އެޅުވުމަށްފަހު، އެނދާއި ދިމާއަށް ބަލައިލިއެވެ. ވެފައިވާ ވަރުބައްޔާއިއެކު، އޭނަ ފުރަތަމަވެސް ބޭނުންވީ އެނދުގައި ޖައްސައިލާށެވެ. މުޅި ގައިގައި ރަޖާ އަޅައިގެން އެނދުގައި އޮތް މީހަކު ފެނި، އައިވަންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނަ ގޮސް އެނދުގައި އޮށޯތެވެ.
"އަޒާން!..." އައިވަން ގޮވައިލިއެވެ. "ނިދަނީތަ؟... ތިނެއް ޖަހާއިރު ފުރަން ނުކުންނަން ޖެހެއޭ..."
"އޭތް!..." ދެތިން ފަހަރަށް އެމީހެއްގެ ގައިގައި ޖަހައިލަމުން އައިވަން ގޮވިއެވެ.
އެމީހަކު ނުހޭލި އެވެ. އައިވަން ރަޖާގަނޑު ދަމައިގަތެވެ. އަރާމު ނިދީގައި އޮތް އަނަމްއަށް އެވަރުންވެސް ނުހޭލެވުނެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަނަމް ވަނީ އެތައް ރެއެއްގެ ނިދިން މަޙުރޫމު ވެފައެވެ.
އަނަމް ފެނުމުން، އައިވަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ހަމަ އަނަމް ހެއްޔެވެ؟ އެކަމަކު، އޭނަގެ ކޮޓަރީގައި ނިދާފައި އޮތީ ކީއްވެ ހެއްޔެވެ؟ ކަންތައް ވީގޮތް އައިވަންގެ ހަނދާނަށް އައީ ދެނެވެ. އޭނަ ބޭރަށް ނުކުންނަން ދަނިކޮށް މީހެއްގެ ގައިގައި އަޅައިގަނެފައި ތަޅުދަނޑި ވެއްޓުނެވެ. އެ ވަގުތު ދެމީހުންގެ ތަޅުދަނޑި ބަދަލުވީ އެވެ. އިއްތިފާޤުން ދެމީހުން އެއްތަން ވީއެވެ. ތިން އަހަރު ފަހުން އަލުން ބައްދަލުވީ އެވެ. އަނަމްގެ ހަށިގަނޑު ކުރިއަށްވުރެ ނިކަމެތިހެން ހީވިއެވެ. އައިވަން އަވަސް އަވަހަށް އަނަމްގެ މެޔާއި ހަމައަށް ރަޖާގަނޑު އަޅާފައި އެނދުން ފޭބިއެވެ. އޭރު އޭނަގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އޭނަގެ ހިތް ވަކީން ބޮޑަށް ތެޅެން ފެށީ، ނިދީގައި އޮވެ، އަނަމް ދައްކަމުންދިޔަ ވާހަކަތައް އަޑު އިވުމުންނެވެ.
އަނަމް ހޭލުމުގެ ކުރިން އައިވަން އުޅުނީ ނުކުންނާށެވެ. އެއްޗެހިތައް ދަބަހަށް އަޅައިގެން ނުކުންނަން އުޅެނިކޮށް، އަނަމްގެ އަޑު އިވުމުން ހުއްޓިއްޖެ އެވެ.
"ކާކު؟...." އަނަމް ސުވާލު ކުރިއެވެ. "ނައިނާ!..."
އައިވަން ފަސްއެނބުރި ބަލައިލިއެވެ. އޭރުވެސް ނިދިފައި އިން އަނަމް ތާއްޔާއި ޖެހެނީ އެވެ. ދެލޯ އުނގުޅައިލުމަށްފަހު ކުރިމަތީގައި ހުރި މީހަކަށް ބަލައިލުމާއިއެކު، މުޅި ކޮޓަރީގައި ގުގުމައިލީ އަނަމްގެ ތޫލި ހަޅޭކުގެ އަޑެވެ. ރަޖާގަނޑު ނަގައި މޫނާއިއެކު ފޮރުވަމުން، އަނަމް ހިމޭންވިއެވެ.
********
"ބުނެފީމެއްނު އަހަންނަކީ އައިވަންގެ އަނބިމީހާއޭ... އަހަރެންގެ ފިރިމީހާއަށް ގުޅާ... މިތަނަށް ގެނޭ... ގައިން ދޫކުރޭ!... ދޫކުރޭ!..." ހުދާ ހަޅޭއްލެވިއެވެ. "ކަލޭމެން އަހަރެންގެ ފޯނު ބަލާ... އޭގަ ހުންނާނެ ހުރިހާ ފޮޓޯއެއް... އަހަރެމެން ދެމީހުން އެއްތާކުއޭ ނިދީވެސް..."
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުދާއަށް ފަރުވާދޭތާ ދެ އަހަރު ވީއެވެ. ޖަލުގައި ދުވަސްތައް ގުނަމުން ދަނިކޮށް، ހުދާގެ ހާލު މާ ގޯސްވީ އެވެ. މޫސަގެ އަންހެނުންނަށް ހުދާގެ ހާލު ފެނުމުން ހިތް ފަޅައިގެން ދިޔައެވެ. ކައިރީގައި ހުރި ހުދާގެ ދަރިފުޅުގެ ގައިގައި އޭނަ ބާރަށް ހިފަހައްޓައިލި އެވެ. ލޯބި ޙާސިލުކުރަން ހުދާ ޖެހި މަޅިގަނޑު އެވަނީ އަމިއްލަ ކަރުގައި ބެދިފައެވެ. އައިވަން ނިދާފައި އޮއްވައި ނިވާކަން ގުޑަ ގޮތަކަށް ފޮޓޯ ނަގައިގެން ހުދާ ވަނީ ގަދަބާރުން އައިވަން ހާސިލުކުރަން މަސައްކަތް ކޮށްފައެވެ. ބައެއް ވާހަކައިގެ ތެރެއިން ހުދާ އަމިއްލައަށް އެކަމަށް އިއުތިރާފުވެސް ވެއެވެ. ބިރު ދައްކައިގެންވެސް ކުރިއެރުމެއް ނުލިބުމުން، ހުދާ ޚިޔާރުކުރީ އެންމެ ނުބައި މަގެވެ. މީހަކު ލައްވައި ސިހުރު ހެދުވުމެވެ. ހުރިހާ ކަމެއް ޖެހުނީ ހުދާ އަށެވެ. އަމިއްލަ އެދުން ބޮޑުވެއްޖެނަމަ، ގިނަ ފަހަރު ކަންކަން ވާނީ އެފަދަ ގޮތަކަށެވެ. ބަރުބާދުވެގެން ދާނީ ޚުދު ތިމާގެ ޙަޔާތެވެ. ހަލާކުވެގެން ދާނީ ތިމާގެ ދިރިއުޅުމެވެ.
ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ހުދާ އޭނަގެ ދަރިފުޅުދެކެ ލޯބި ވިއެވެ. އަމިއްލަ އާއިލާ ދެކެވެސް މެއެވެ. އެކަމަކު، އޭނަ ނިމި އެދަނީ، އާއިލާގެ މުހިއްމު މެމްބަރެއްގެ ދިރިއުޅުންވެސް ހަލާކު ކޮށްލާފައެވެ. މޫސަ ލައްވައި ހުރިހާ ކަމެއް ކުރުވި މީހަކީ ހުދާ އެވެ. ހުރިހާ ކަމެއްގެ ތެރޭގައި ހުދާ ޝާމިލުވާކަން އެނގި، މޫސައަށް ޖެހުނީ ހިމޭން ވާށެވެ. އެ މައްސަލައިގައި މޫސަގެ ވަޒީފާ ގެއްލުނެވެ. ބޮލުގައި އެޅުނު ތުހުމަތުން ސަލާމަތް ނުވެވި، ޖަލުގެ ތޭރި ތަކުގެ ތެރޭގައި ދުވަސްތައް ހޭދަކުރަން ޖެހުނެވެ. ހަމަވިސްނުން ލިބި، މޫސަ ސަލާމަތް ކުރުމަށް، ޙަޤީޤަތް ހާމަ ކުރީ ހުދާ އަމިއްލަ އަށެވެ. ގަދަ ބާރުން މޫސަ ލައްވައި ހުރިހާ ކަމެއް ކުރުވި ކަމަށް ހުދާ އެއްބަސް ވިއެވެ. އެއީ ހަމައެކަނި ދަރިފުޅަށްޓަކައި ހުދާ ވި ޤުރުބާނީ އެކެވެ.
ހުދާ އަކީ މަންމަ ކަމާއި، ރާވިން އަކީ ބައްޕަ ކަން ދަރިފުޅަށް ސިއްރު ކޮށްދޭން ހުދާ އެދުނެވެ. މޫސަގެ އަންހެނުންނަށް އެކަމެއް ނުކުރެވުނެވެ. ފިރިމީހާއަށް ދިމާވި ކަންތައްތަކަށް އޭނަ ހުދާއަށް ނަފުރަތު ކުރި ދުވަސްކޮޅެއް ދިޔަ އެވެ. އެކަމަކު ފަހުން އެ ނަފުރަތު ހަމްދަރުދީއަށް ބަދަލުވީ އެވެ. ނަސްލު އޮޅުވައިލާކަށް އޭނަ ބޭނުމެއް ނުވިއެވެ. މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އެ ދަރިފުޅު ގޮވައިގެން ރާވިން އާއި ހުދާ އަދި މޫސަ އާއި ބައްދަލުކުރަން އޭނަ ދެއެވެ.
********
ގެސްޓުހައުސްގެ ކުރިމަތީގައި ހައްދާފައިވާ ގަސްތަކުގެ ކައިރީގައި އަނަމް އާއި އައިވަން ތިއްބެވެ. އެތައް ދުވަހަކަށްފަހު ބައްދަލުވުމުން އެކަކު އަނެކަކާއި ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަ ހުއްޓެވެ. ހާލު އޮޅުންފިލުވައިލުން ފިޔަވައި ދައްކާނެ އިތުރު ވާހަކައެއް އަނަމްއަކަށް ނޭނގުނެވެ.
"އަޑުއެހިން މަންމަ ނިޔާވި ވާހަކަ... އައިމް ސޯ ސޮރީ..." އައިވަން ބުންޏެވެ.
އަނަމް ދެފަރާތަށް ބޯ ހޫރާލިއެވެ. އައިވަން މަޢާފަށް އެދެންވީ ކޮން ކަމަކަށް ހެއްޔެވެ؟ ނަސްމާ މަރުވީ ކުރެވުނު ކަންތަކާއި ހިތާމަކުރާ ޙާލުގައެވެ. އެތަކެއް އަހަރު ކުރިން ހިނގައިދިޔަ، އެކްސިޑެންޓްގައި މީހަކު މަރުވިކަމެއް ނަސްމާ ނުދެނަހުއްޓެވެ. ޝާކިރު ވިސްނައިދީފައި އޮތީ އެއްވެސް މީހަކަށް ކަމެއް ނުވާ ކަމުގަ އެވެ. އެ ހުރިހާ ދުވަހު ނަސްމާ ޤަބޫލު ކޮށްގެން ހުރީވެސް އެގޮތަށެވެ. މަންމަގެ ހަނދާންތަކުން އަނަމް ފެންކަޅިވާން ފެށި އެވެ. އޭނަ އުޅުނީ ތެދުވާށެވެ. އައިވަންގެ ކުރިމަތީގައި އިންނާނެ ހިއްވަރެއް އޭނަގެ ގަޔަކު ނެތެވެ.
"އަނަމް!..." އައިވަން ގޮވައިލި އެވެ. "މާޒީ އަކީ މާޒީ... އަމިއްލަ ނަފުސު ކުށްވެރި ކުރާކަށް ނުޖެހޭނެ... މިހާރު އަހަރެންގެ ހިތް ސާފު... ކުރިން ފެނުނު ހުވަފެންތައް މިހާރު ނުފެނޭ... ހިތުގެ އަޑިން އެންމެނަށް މާފުކޮށްފިން..."
އަނަމްއަށް ރޮވެނީއެވެ. އޭނަގެ އާއިލާގެ ސަބަބުން އައިވަންގެ އާއިލާއަށް ލިބުނު ދެރައަށްޓަކައި ހިތާމަ ކުރަމުންނެވެ. އައިވަން އަކީ ހާދަ މާތް މީހެކެވެ. ހުރިހާ ކަމެއް ހިތުން ފޮހެލައި މަޢާފު ކުރުމަކީ މަދު މީހެއްގެ ކިބައިގައި ނޫނީ ނުހުންނާނޭ ސިފައެކެވެ.
"އަހަރެން ބޭނުން ވާހަކައެއް ބުނަން..." އައިވަން ކުރިއަށްވުރެ ބާރަށް ބުނެލި އެވެ.
އައިވަންއަށް ބަލައިލި ގޮތަށް އަނަމް އަނެއް ފަރާތަށް އެނބުރިއްޖެ އެވެ. އައިވަން އިނީ އޭނާގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓީގައި އަތް ޖައްސާލައިގެންނެވެ. އެކަމުން އަނަމްއަށް ނެގުނު މާނައިން އޭނަގެ ހިތް ވިރިގެން ފޭބިހެން ހީވިއެވެ. ދައްކަން އުޅޭނީ ކޮން ވާހަކައެއްކަން އޭނަގެ ސިކުނޑި ބުނެދިން ކަހަލައެވެ.
"މަރުޚަބާ!..." އަނަމް ބުންޏެވެ.
އައިވަން ހީލި އަޑު އިވުނެވެ. މަރުޙަބާ ކީ ކޮން ކަމަކަށްތޯ ސުވާލުކޮށްލީ އޭގެ ފަހުގައެވެ. ކުއްލިއަކަށް އައިވަން އޭނަގެ ފުރަގަހުން ބައްދައިލުމުން އަނަމް ސިހުނެވެ. ގައިގެ ލޯލިތައް ކޮޅަށްޖެހުނެވެ.
"އަހަންނާ މެރީކުރަން ބޭނުންތަ؟..." އައިވަން އަހައިލިއެވެ.
އަނަމް ކުއްލިއަކަށް ދުރަށްޖެހުނެވެ. އެއީ ކޮން ތަނަކުން އައިވަން ހޯދި ހިއްވަރެއް ބާއޭ ހިތަށް އެރިއެވެ. ދެލޯ ބޮޑުކޮށްލަމުން އޭނަ އައިވަންއަށް ބަލައިލިއެވެ. އޭރު އައިވަން ހުރީ، އޭނައަށް އަނގޮޓިއަކާއި ރަތް ފިނިފެންމަލެއް ދިއްކޮށްލައިގެންނެވެ.
"އަހަރެން ލޯބިވާ އެހެން މީހަކު ނެތް، ތިނޫނީ..." އައިވަން ބުންޏެވެ. "އަހަންނަށް އެނގޭ އަނަމްގެ އިހުސާސްތައްވެސް ބަދަލު ނުވާކަން... ނިދީގައި އޮވެ ދެއްކި ވާހަކައިން ހުރިހާ ކަމެއް އެނގިއްޖެ... އަނަމް ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭން އަހަރެން މިހުރީ އައިސް.. އޭރު އަހަރެން ދުރަށް ދިޔައީ، އެވަގުތަށް އެއީ ދެމީހުންނަށްވެސް އެންމެ ރަނގަޅުގޮތްވީމަ... ދުރުގަ ހުއްޓަސް، އަނަމްގެ ހުރިހާ ކަމެއް އަހަރެން ބެލިން... އެކަމަކު ދެން ދުރަކަށް ނުދާނަން... އަނަމް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނީ ކައިރީގައި ހުރެގެން..."
އަނަމް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނަ ނިދީގައި ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ނައިނާވެސް އޮތީ އޭނަ ނިދީގައި ވާހަކަ ދައްކާ ވާހަކަ ބުނެފައެވެ. އުފަލުން އުދުއްސައިގަންނަން ބޭނުންވި ނަމަވެސް، އަނަމް ހުރީ ވިސްނާށެވެ. ދެއްކުނު ވާހަކައެއް ނޭނގިގެންނެވެ.
"އަހަންނާ މެރީ ކުރާނަންތަ؟..." އައިވަން އަހައިލީ ލޯބިންނެވެ.
އިންކާރު ކުރަން އަނަމްގެ ހިތް އެއްބަހެއް ނުވިއެވެ. އެކަމަކު އައިވަން ތަޅުވައިލަންވެސް ބޭނުންވިއެވެ.
"ނޯ!..." އަނަމް އެނބުރި ހިނގައިގަތެވެ.
"އަހަރެންގެ އެކަކުވެސް ނެތް... ސުޕަމޭން!... ނުދޭ!... ޕްލީޒް..." އައިވަން ދެން ދެއްކި ވާހަކަ އަކުން އަނަމްގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ. "މީ އާނާ ނިދީގަ އޮވެގެން ދެއްކި ވާހަކަ... އަހަންނަށް އެނގިއްޖެ ދެމީހުންނަށްވެސް އުފަލެއް ލިބެން އޮތީ އެކީގަ އުޅެގެން ކަން... އަހަރެން މިހުރީ އައިސް... ދެން ނުދާނަން... ޕްރޮމިސް..."
ކަރުނައިގެ ތެރެއިން އަނަމް ބޯ ޖަހައިލި އެވެ. ދުވެލާފައި ކަހަލަ ގޮތަކަށް އައިސް އައިވަންގެ ގައިގައި ބައްދައިލިއިރު އޭނަގެ ހިތުގައިވި ހުރިހާ ޝަކުވާއެއް ދުލާއި ހަމައަށް އައިސްފި އެވެ.
********
ހަފުތާއެއް ފާއިތުވެގެން ދިޔައިރު، ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހިއްޖެއެވެ. އެކަނިވެރިވެފައިވާ ދެ ހިތަށް އުފާވެރިކަން ގެނުވައިފިއެވެ. އަނަމް ތައްޔާރުވެލައިގެން ނުކުތްއިރު، އައިވަން ބަލާ އައިސް އިނެވެ. ކައިވެނީގެ ކުރިން ދެމީހުންވެސް ޖަލުގައި ތިބި އެކަކު އަނެކެއްގެ ބައްޕަ އާއި ބައްދަލުކޮށްލަން ބޭނުންވީއެވެ. ކޮންމެ ގޮތަކަން ކަންތައް ކޮށްފައި ވިޔަސް އެއީ މައިންބަފައިންނެވެ. ކުށްވެރިންނަކަސް މައިންބަފައިންކަމުގެ ގުޅުމެއް ނުކެނޑޭނެއެވެ.
އަނަމް ފެނުމުން ޝާކިރުގެ ދިރުން ގެއްލިފައިވާ މޫނުން އުފާވެރިކަން ފެނިގެން ދިޔައެވެ. ކައިވެނީގައި ބަރަކާތް ލައްވާތޯ ދުޢާ ކުރިއެވެ. ބައްޕަ އާއި ވާހަކަ ދެއްކޭނެ އެންމެ ގިނަ އިރަކު އަނަމް މަޑުކުރިއެވެ. އޭނަ އެންމެ އުފާވީ ޝާކިރަށް ހެޔޮ ވިސްނުން ލިބި ހަމަ މަގަށް ރުޖޫޢަވިކަން އެނގުމުންނެވެ.
އައިވަން ފެނުމުން ފާރޫޤު ފެށީ ރޯށެވެ. ތިން އަހަރަށްފަހު، ދަރިފުޅު ފެނުމުން، ތަފާތު އިހުސާސެއް ކުރެވުނެވެ. ކުށްހީއެއްގެ ސަބަބުން، އެތައް ބައެއްގެ ދިރިއުޅުމަށް އޭނަ ވަނީ ބާރު ފޯރުވައިފައެވެ. މިއަދު އެ ހުރިހާ ކަމަކާއި އޭނަ ހިތާމަ ކުރެއެވެ. އިސްލާމް ދީނުގެ މަތިވެރި ސިފަތަކުގެ ތެރޭގައި މަޢާފު ކުރުމުގެ ރިވެތި ސިފަ އަށަގެންނެވުމަށް ބާރު އަޅުއްވާފައިވަނީ ކިހާ މުހިއްމު ސަބަބަކަށްޓަކައި ކަން އޭނައަށް ވިސްނުނެވެ. ކުރެވިފައިވާ އެތައް ކުށަކަށް މަޢާފު ހޯދަން އޭނަ ބޭނުންވެއެވެ. ޚާއްސަކޮށް ޝާކިރާއި އަނަމްގެ ކިބައިންނެވެ. ނުބުނި ކަމުގައިވިޔަސް، އައިވަންއަށް އެކަން ވިސްނުނެވެ.
ޖަލުގައި ހުރި ރާވިން އާއި ބައްދަލު ކުރަންވެސް އަނަމް ބޭނުން ވިއެވެ. ކޮންމެ ގޮތަކަށް ލިބިފައި ވިޔަސް، ރާވިންއަކީ އޭނަގެ ބައްޕަގެ ދަރިއެކެވެ. ޙަޤީޤަތް އެނގުމުން އަނަމް އާއި ކުރިމަތިލާކަށް ރާވިންއަކަށް ފަސޭހައެއް ނުވިއެވެ. ހުރިހާ ވާހަކައެއް ދެއްކީ އަނަމްއެވެ. ރާވިން ހުރީ ފުރަގަސްދީގެން އަޑު އަހާށެވެ. އަނަމް ދިޔުމުން، ރާވިން ފަސްއެނބުރި ބަލައިލިއެވެ. ދެލޮލުން ކަރުނަ އޮހޮރޭ ހާލުގައެވެ. ދުނިޔެއަކީ ކިހާ ފާޑެއްގެ ތަނެއް ހެއްޔެވެ؟ ކަންތައް އެވީ ކުޑަކޮށްވެސް އޭނަ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ވިއްސި ވިހާލިވެގެން އުޅެފައި ޙަޔާތުގެ އެންމެ ނާޒުކު ދަނޑިވަޅުގައި، ބައްޕައެއް ލިބިއްޖެ އެވެ. ކޮއްކޮ އަކާއި ދަރިއަކުވެސް ލިބިއްޖެ އެވެ. ހުރިހާ ކަމެއް އެނގުނުއިރު، އޭނަ އެވަނީ އެއިން މީހަކާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރޭ ވަރަށް ކުށްވެރިވެފައެވެ. އަމިއްލަ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދިނުމަށްވެސް އޭނަ އެވަނީ ނުކުޅެދިފައެވެ. ޖަލުން ސަލާމަތްވި ނަމަވެސް، އެދަރިފުޅާއި ކުރިމަތިލާކަށް އޭނައަކަށް ފަސޭހައެއް ނުވާނެއެވެ.
ކައިވެންޏަށް ޝާކިރާއި ފާރޫޤުގެ ރުހުން ލިބުނެވެ. ދެމީހުންވެސް ތިބީ ހިތްހަމަޖެހިފައެވެ. މަޢާފަށް އެދުމާއި މަޢާފު ކުރެވުނު ކަމުގެ އިހުސާސް ދެމީހުންނަށްވެސް ކުރެވުނެވެ. ކުރީގެ ކަންކަން ހަނދާން ނައްތައިލާފައި އައު ބާބަކުން ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ދެ ބައްޕައިންވެސް އެމީހުންގެ ދަރިންނަށް ނަސޭހަތްތެރި ވިއެވެ. ކައިރީގައި ނުތިބެވުނު ކަމުގައި ވިޔަސް، އަބަދުވެސް ޙެޔޮ ދުޢާ ވަނީ އެ ދަރިންނާއިއެކު ކަމުގައިވެސް ބުންޏެވެ.
********
ކައިވެންޏަށް ތައްޔާރުވުމުގެ މަސައްކަތުގައި އައިވަން އަވަދިނެތި އުޅުނެވެ. ފައްޔާޒާއި އަޒާން ވެސް އެކި ކަންކަމުގައި އެހީތެރިވެދޭން ތިއްބެވެ. ގޭގެ ބެލް ޖަހައިލި އަޑު އިވުމުން، އައިވަން ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރި ސުހާ ފެނި، އައިވަންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ.
"ކައިވެންޏަށް މަރުޚަބާ..." ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ސުހާ ދިއްކޮށްލީ މާބޮނޑި އެކެވެ.
ޖަލުން މިނިވަންވި ގޮތަށް ސުހާ ގެއިން ނުކުތް އެއީ ފުރަތަމަ ފަހަރެވެ. އަނަމް އާއި އައިވަންގެ ކައިވެނި ހަމަޖެހިފައިވާކަން އެނގުމުން، ބައްދަލުކޮށްނުލައި ސުހާގެ ހިތަށް ހަމަޖެހުން ނުލިބުނީ އެވެ. އޭނަ އައިވަން އާއި ބައްދަލުކުރަން ބޭނުން ވެފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
"ތޭންކްސް..." މާބޮނޑީގައި ހިފަމުން އައިވަން ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. "އެތެރެއަށް ވަންނަންވީނު..."
"ނޫން..." ސުހާ އަވަސް އަވަހަށް ބުންޏެވެ. "އަހަރެން މިދަނީ ވަރަށް އަވަހަށް ދާންވެގެން..."
"އަނަމް އާ ބައްދަލުކޮށްލަންވާނެ..." ސުހާގެ މިލާފައިވާ މޫނު ފެނުމުން، އައިވަން ވާހަކަ ދެއްކީ އެކުވެރި ރާގަކަށެވެ.
އަނަމް އައިސް އައިވަންގެ ކައިރިއަށް ހުއްޓުނީ އެވަގުތު އެވެ. ސުހާއަށް ބަލައިލާފައި އައިވަންގެ މޫނަށް އަނަމް ބަލައިލީ ތަފުސީލު ދޭށޭ ބުނާ ފަދައިންނެވެ.
"މީ ސުހާ!..." ސުހާއަށް އިޝާރާތް ކުރަމުން، އައިވަން ވާހަކަ ދެއްކި އެވެ. "އަހަރެންގެ ކުރީގެ..."
"އަހަރެމެން ރުޅިވިތާ އެތައް ދުވަހެއް ވެއްޖެ..." އައިވަންގެ ވާހަކަ ހުއްޓުވުމުގެ ގޮތުން ސުހާ ބުންޏެވެ. "ހަމައެކަނި ދެމީހުން ރައްޓެހިވެގެންނޭ އުޅުނީ ބުނާ ކަން.... އޭރުވެސް އައިވަން އުޅުނީ ގާތް އެކުވެރިއެއް ގޮތަށް... ލޯބީގެ އެއްވެސް ގުޅުމެއްވެސް އަހަރެމެން ދެމީހުންގެ ދެމެދުގަ ނުހިނގާ... އައިވަން ލޯބީގެ ނަޒަރަކުންވެސް އަހަންނަށް ނުބަލާ ކަން އަހަންނަށް އެނގުނު... އަހަރެން އެކަން ނޭނގޭ ކަމަށް ހެދީ، އޭރު އައިވަން ބޭނުންވެފަ ހުރިލެއް ބޮޑުކަމުން... އެކަމަކު ހާސްނުވޭ... މިހާރު އަހަރެންގެ ހިތުގަ އެކަހަލަ އެއްވެސް އެއްޗެއް ނެތް..."
އަނަމް ކުރިއަށް ޖެހިލައި ސުހާގެ އަތުގައި ހިފެހެއްޓި އެވެ. ހުރިހާ ތަފުސީލެއް ނުދިނަސް، އޭނަގެ ހިތް ސާފު ކަމުގައި ބުންޏެވެ. އެއިން އެއްވެސް މީހަކަށް ޝައްކު ނުކުރާނެ ކަމުގެ ޔަޤީންކަން ދިނެވެ. މާޒީ އަކީ މާޒީގެ ގޮތުގައި ބަލައި، މުސްތަޤުބަލަށް ވިސްނަން ބޭނުންވާ ކަމުގައި ބުނެލީ ލޯބިވެތި ނަޒަރަކުން އައިވަންއަށް ބަލައިލުމަށް ފަހުގަ އެވެ.
********
އިރު އޮއްސުމުގެ ކުލަވަރު ދުނިޔެމަތީން ދައްކާލާފައިވި ވަގުތެވެ. ކައިވެނީގެ މަޖިލީހަށް ޙާޟިރުވިއިރު، އަނަމް އާއި އައިވަންގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރެވެ. ކައިވެނިކޮށްގެން މާ ބޮޑު ހަފުލާއެއް ބާއްވަން ދެމީހުންވެސް ބޭނުން ނުވީއެވެ. ދަޢުވަތު ދެވުނީވެސް ހަމައެކަނި ގާތް އެކުވެރިންނަށެވެ.
އައިވަން ލައިގެން ހުރީ ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. ހުދު ކުލައިގެ ބޮޑު ކައިވެނީގެ ހެދުމާއިއެކު އަނަމް ހުރީ، ހުދު ބުރުގާއެއް އަޅާފައެވެ. ކައިވެންޏަށްފަހު، އޭނަ ބޭނުންވީ ދީންވެރި ހެޔޮލަފާ އަނތްބެއްގެ ގޮތުގައި ފިރިމީހާއަށް ޚިދުމަތް ކުރަން ގޭގައި އިންނާށެވެ. އަނަމްގެ ކޮންމެ ނިންމުމަކަށް އިޙުތިރާމު ކުރަން އައިވަން ހުރީ ތައްޔާރަށެވެ. އެތައް ދުވަހަކަށްފަހު، ދެމީހުންނަށްވެސް ހަމަޖެހުން ލިބިފައި ވިއެވެ.
ކައިވެނީގެ މަޖިލިސް ނިމުމާއިއެކު ތަހުނިޔާގެ މެސެޖުތައް އޮހެން ފެށިއެވެ. އަލަތު ކައިވެނި ކުރެވުނު ދެމަފިރިން އެކަކު އަނެކެއްގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އައިވަން ހިނގައިގަތީ އަތިރިމައްޗާއި ދިމާއަށެވެ. އަނަމްގެ އަތުގައި ހިފާލައިގެންނެވެ. އުޑުމައްޗަށް ބަލަމުން އަނަމް ހިނގަމުން ދިޔަ އެވެ. ކަކުނި ހޮރަކަށް ފައި ގަނބައިގަނެފައި، އަނަމް ބަނޑުވަތަށް ވެއްޓެން ދިޔަ އެވެ. އައިވަން ހުށިޔާރުކަމާއިއެކު، ހިފެހެއްޓިއެވެ. އެވަގުތު ކުރިމަތިން އައި ބަޔަކު ލައިގަތީ، އެދެމީހުންގެ ގައިގައެެވެ.
"ނައިނާ!..." އަނަމްއަށް ނައިނާ ފެނުމުން، ހައިރާންވިއެވެ.
"އަޒާން!..." އައިވަން އެއަށްވުރެ ހައިރާންވެފައި ގޮވައިލިއެވެ.
ދެމީހުންގެ ނަޒަރު ހުއްޓުނީ ގުޅި ލާމެހިފައިވާ އަޒާން އާއި ނައިނާގެ އަތަށެވެ. އާދައިގެ ގުޅުމެއް ނޫންކަން އަނަމްއަށް އެނގުމުން ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"އޯހްހްހް އޯހްހްހް..." އަނަމް ދިމާކުރަން ފެށިއެވެ.
ދެމީހުން ދުރަށްޖެހުނެވެ. ނޫންކަމަށް ހަދާލާފައި އަޒާން ހިނގައިގަތީ އޭނަ އައިކޮޅަށެވެ.
"އޭ އޭ އާދޭ!... މިހާރު ބަސްޓު ވެއްޖެއޭ..." އަނަމް ގޮވައިލިއެވެ.
ބޯކަހަމުން އަޒާން އައެވެ. ހަތަރު މީހުން އެކުގައި އުޑުގައިވި ތަރިތަކަށް ބަލަން ތިބިއިރު، އެއްބަޔަކު އަނެއް ބައެއްގެ ފޮޓޯނަގައިދެމުން ދިޔައެވެ. ނައިނާމެން ދިޔުމުން އައިވަން އާއި އަނަމް އެކަނި ވިއެވެ. މާހައުލަށް ވެރިވެފައިވާ ފިނި ކަމާއިއެކު ދުރުގައި ހުންނާކަށް އައިވަން ބޭނުމެއް ނުވިއެވެ. ކައިރީގައި ހުރީ އަނބިމީހާ އެވެ. މިއަދު އެ ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ.
"އައި ލަވް ޔޫ..." އަނަމް ގެންގޮސް އަތުގެ ތެރޭގައި ހައްޔަރުކޮށްލަމުން އައިވަން ވާހަކަ ދެއްކި އެވެ. "ކުރިން މިކަން ކުރެވުނު ނަމަ، މިހާރު ލޯބިލޯބި މިކަަހަލަ ދަރިއަކުވެސް ހުރީސް ކަންނޭނގެ..."
އަނަމް ރަކިވިއެވެ. އޭނަ މަޑުމަޑުން ހީލި އެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭނެއޭ އައިވަން ބުންޏެވެ. އައިވަންގެ މޭގައި ލައްވެލައިގެން ހުރި އަނަމް އިސް އުފުލައިލި އެވެ. ފިރިމީހާގެ މޫނަށް ބަލައިލީ އުފަލާއިއެކީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އައިވަން ކުޑަކޮށް ތިރިވިއެވެ. އަނަމްގެ ހިތުގެ ވިންދު އަވަސްވީ އައިވަންގެ ނިޔަތް އެނގުމުންނެވެ. ފިރިމީހާއަށް ފުރުސަތު ދީގެން އަނަމް ހުއްޓެވެ.
"އަހަރެންގެ އަލަތު ލޯބި، އަލަތު ކައިވެނި، އަލަތު ހަދިޔާ..." އަނަމްގެ ތުންފަތުގައި ބޮސްދީފައި ދުރަށްޖެހިލި އައިވަން ބުންޏެވެ.
އަނަމް ޖަހައިލީ ލުއި ހިނިގަނޑެކެވެ. އޭނަގެ ހިތުގައި މުސްތަޤުބަލު ކުރަހައިލީ ހިތްހަމަޖެހުމާއިއެކުގައެވެ. ފޮނި އުއްމީދުތަކެއް ކުރަމުން ދެމީހުންވެސް ލޯ މަރައިލިއެވެ. އެކަކު އަނެކެއްގެ ހިތުގެ ވިންދަކީ ތިއީ ކަމަށް ބުނަމުންނެވެ.
(ނިމުނީ)