އައިވަން ފެނުމުން، ދެލޯ ބޮޑުވި ގޮތަށް އަނަމް ހުރީ، ނޭވާ ލާންވެސް ހަނދާން ނެތިފަ އެވެ. އެސްފިޔަ ވެސް ޖަހާނުލައި އެ މޫނަށް ބަލަން ފެށުމުން، އައިވަންއަށް އުނދަގޫ ވެގެން އެހެން ދިމާއަކަށް ނަޒަރު ހުއްޓާލައިފި އެވެ.

********

އެއާޕޯޓުގެ ތެރެއިން އައިވަން އާއި ދިމާވީއްސުރެ ކަންތައް ހިނގައިދިޔަ ގޮތް އަނަމްގެ ހަނދާނަށް އަންނަން ފެށި އެވެ. އެ ހުރިހާ ބިރުވެރި ކަމަކާއި ކުރިމަތިލާން ޖެހުނީ، އޭގެ ފަހުންނެވެ. ވިސްނެމުންދިޔަ ވަރަކަށް އަނަމްގެ ނަޒަރު ތަފާތު ވާން ފެށި އެވެ. ޝައްކާއި ވަސްވާސްތަކުން ހިތް ފުރިގެން ދިޔަ އެވެ.

"މަކަރުވެރި ކެހިވެރިޔާ!..."

އެ ބަސްތައް ވީ އަނަމްގެ ހިތު ތެރޭގަ އެވެ. ދުލާއި ހަމައަށް ގެންނަން އުޅެ އުޅެ އެކަމެއް ނުވި އެވެ. ދަތްތަކަށް ބާރުވެގެން ގޮސް، އަޑު ކިޔައިގެން ދިޔަ އެވެ. އެވަރުންވެސް އެއްޗެއް ނުބުނެވުނެވެ. ހުރިހާ އިހުސާސެއްގެ މައްޗަށް ކުރި ހޯދީ ކަރުނަ އެވެ. އާރެއް ބާރެއް ނެތް ނިކަމެއްޗެއް ކަން އިހުސާސްވުމުން، އެ ކަރުނަތައް ވެސް އޭނައަށް ކެހި ދިނީ އެވެ. އައިވަންގެ ކުރިމަތީގައި ފިނޑިއަކަށް ވާން ބޭނުން ނުވިޔަސް، އެކަން ވެސް ވެ، ނިމުނީ އެވެ.

"އިށީނދޭ..." ގޮނޑިއަށް އިޝާރާތް ކުރަމުން އައިވަން ބުންޏެވެ.

އަނަމް ގުޑިވެސް ނުލި އެވެ. އިސްޖަހާލި ގޮތަށް، ކަރުނަ އޮހެރެން ދޫކޮށްލައިގެން ހުރީ އެވެ. މުށިތަކުގެ މައްޗަށް ކަރުނަ ތިއްކަކަށްފަހު ތިއްކެއް ޖަހަމުން ދިޔަ އެވެ. އެ އަނިޔާވެރިޔާގެ އަމުރަކަށް ކިޔަމަން ވުމަކީ، ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި އޭނަ ޤަބޫލު ކުރި އެވެ.

"ތިއުޅެނީ މިތާ ފެންބޮޑުކޮށްލަންތަ؟... ކައިރީގަ ސިންކު ހުއްޓާ، ހަށިގަނޑުން އެހާ ހަކަތަ ދުއްވާލާނެ ކަމެއް ނެތެއްނު..." އަނަމް ހުރި ގޮތް ފެނުމުން، އައިވަން ވާހަކަ ދެއްކީ ދިމާކުރާ ކަހަލަ ރާގަކަށެވެ.

ލާނެތް އެ ޖުމުލަތަކުން، އަނަމްގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. އައިވަން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ ޖެއްސުމުގެ ބަސްތަކުން، އޭނަ ލަދުގަންނަވައި، އިތުރަށް ރޮއްވައި ލެވިދާނެ ކަމަށް ހެއްޔެވެ؟ އަބަދު މަޑުން ހުންނަ އިންސާކަށް ވާކަށް ޙުދު އަނަމް ވެސް ބޭނުމެއް ނުވި އެވެ.

އަނަމް އެދިޔަ ބާރުމިނުގައި ގޮސް ބިއްލޫރި ތައްޓަކަށް ފެން އަޅަން ފެށި އެވެ. އެއިން ކަމަކަށް ފަރުވާ ބެހެއްޓުމެއްނެތި އައިވަން އުޅުނީ އޭނަގެ މަސައްކަތުގަ އެވެ. ހަނާކޮށްފައިވާ އަލުވި ތައްޓެއް ހިފައިގެން ގޮސް މޭޒުމަތީގައި ބަހައްޓާފައި އެނބުރިލައިފި އެވެ. ވަގުތަކީ، ތަށި ފުރެންދެން ފެން އަޅައިގެން އައިސް އަނަމް އޭނާގެ ކުރިމަތީގައި ހުއްޓުނު ވަގުތެވެ.

ކަރުނަތައް ފައިބަމުންދިޔަ ދެލޮލުން އަނަމް އައިވަން އަށް ބަލައިލީ، އޭނަ ކުރިން ހުރި ފިޔަވަޅު މަތީގައި ހުއްޓިފަ އެވެ. އައިވަން ހުރީ އަނަމް ހަދާނެ ގޮތެއް ނޭނގޭތީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެއްފަހަރު ތައްޓަށް އަނެއްފަހަރު އަނަމްގެ މޫނަށް އޭނަ ބަލަމުން ދިޔަ އެވެ.

އަނަމް ތަށިން ދޫކޮށްލި އެވެ. ތަށި ގޮސް ބިމުގައި ޖެހުމާއިއެކު، ކިޔައިގެން ދިޔައީ ބާރު އަޑުފަށްގަނޑެކެވެ. ތަށި ތަޅައިގެން ގޮސް، މުޅި ތަނަށް ބިއްލޫރިކޮޅުތައް ބުރައިގެން ދިޔަ އެވެ.

އައިވަން ސިހުނެވެ. ދެލޯ ބޮޑުވިގޮތުން ހީވީ ބިރުވެރި މަންޒަރެއް ފެނުނު ހެންނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، ކަބަޑުގައި ޖެހިފައި މަތަވި އެވެ. ހަށިގަނޑުގެ ވަރު ދޫވެގެން ނުދަނީސް، އޭނައަށް ކަބަޑުގައި ހިފަހައްޓައިލެވުނެވެ.

އައިވަން އާއި ދިމާއަށް ދެލޯ އަޅައިލަމުން އަނަމް އުޅުނީ އެތަނުން ނުކުންނާށެވެ. އޭނަ ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، ވީގޮތްވެސް ނޭނގުނެވެ. ފަހަތުން އައި އައިވަން އޭނަގެ އަތުގައި ހިފައި އަތްދަނޑި މައްޗަށް އުފުލާލައިފި އެވެ. އަނަމް ތެޅިގަތް ނަމަވެސް، އައިވަން ހުއްޓުނީ ކާގެއިން ނުކުމެވެން ހުންނަ ދޮރާއި ހަމައަށް ގޮސްފަ އެވެ. ދޮރުމަތީގައި އަނަމް ބަހައްޓާފައި އައިވަން އޭނައަށް ފުރަގަސް ދިނެވެ.

ހިތުގެ އަޑިން އެއްޗެހި ކިޔަމުން، އަނަމް އަވަސްވެގަތީ އެ ގެއިން ނުކުންނާށެވެ. އެވަރުގެ ފުރުޞަތެއް ދެން އޭނައަކަށް ނުލިބޭނެ އެވެ. ބޭރަށް ނުކުމެވެން ހުރި ދޮރާއި ދިމާއަށް ދިޔައީ ދުވެފަ އެވެ. އެހެނަސް، އޭނަގެ އުއްމީދުތައް ވިއްސި ވިހާލިި ވެއްޖެ އެވެ. ދޮރު ހުރީ ތަޅުލާފަ އެވެ. އެ ގޭގައި ކުޑަ ދޮރެއްވެސް ނެތެވެ. ސަލާމަތް ވެވޭނެ އެއްވެސް މަގެއް ނުފެނުމުން އަނަމްއަށް ގޮތް ހުސްވި އެވެ. ދެފަޔާއި ދެއަތުގައި ހުރި ބާރެއްލާފައި، ދޮރުގައި ޖެހި އެވެ. ހުރިހާ ގެއްލުމެއް ލިބުނީ ޙުދު އަމިއްލަ ނަފުސަށެވެ. އެންމެފަހުން ވަރުބަލިވެގެން ގޮސް ސޯފާއަށް ވެއްޓިގަތެވެ.

ތަޅުންގަނޑުގެ މަތީގައި އިށީނދެލައިގެން އިން އައިވަން ދާހިއްލާ ފޯވަމުން ދިޔަ އެވެ. ފާރުގައި ބުރަކަށި ޖައްސާލައިގެން އޭނަ އިނީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ. ދެންމެ ހިނގި ހާދިސާއިން މާޒީގެ ހަނދާންތައް އޭނަގެ ސިކުނޑިއަށް އުނދަގޫ ކުރަނީ އެވެ. އެ ބިރުވެރި ދުވަހު އޭނަގެ މުޅި ޙަޔާތް ކަޅު އަނދިރި ކަމެއްގެ ތެރެއަށް ވެއްޓި، ހިތް ފުނޑުފުނޑުވެގެން ދިޔައީ، ތަޅައިގެން އެދިޔަ ތައްޓެކޭ އެއްފަދަ ގޮތަކަށެވެ.

ހުރިހާ ކަމަކާއި އެކުވެސް އައިވަން މަސައްކަތް ކުރަމުން ދިޔައީ ފަޔަށް ހެރިފައިވާ ބިއްލޫރިކޮޅު ނެގުމަށެވެ. ލޭ ތިކިތަކުން، ތަޅުންމަތީގައި ކޯރު ހެދެމުން ދަނީ އެވެ. އަނަމް ސަލާމަތް ކުރަން އުޅެގެން ބިއްލޫރިކޮޅުތަކުގެ ޝިކާރައަކަށް ވީ އޭނަގެ ފަޔެވެ. ފުންކޮށް ހެރިފައިވާތީ، އެކަނި ހާލަށް ބިއްލޫރިކޮޅު ނަގާކަށް އައިވަން އަކަށް ފަސޭހައެއް ނުވި އެވެ.

********

ބެލްކަނީގައި ހުރި ޝާކިރަށް ރެއިލިންގައި ހިފައި ބާރުކޮށްލެވުނެވެ. ކުރަން އުޅޭ ކަންތައް ކާމިޔާބު ވެދާނެ ކަމާއިމެދު އެ ހިތުގައި ސުވާލު އުފެދެނީ އެވެ. ހިތް ނުތަނަވަސް ކުރުވަމުން ދިޔައީ މާ ވަރަކަށެވެ. ރާވިން ދިޔަ ދިމާއަށް ބަލަން އެތައް އިރަކު ހުރުމަށްފަހު އޭނަ ގޭތެރެއަށް ވަނީ، ފޯނު ކަންފަތުގައި ޖަހަމުންނެވެ.

"ހުރިހާ ކަމެއްވެސް ވީ އަހަރެން ބޭނުންވި ގޮތަށް..." ޝާކިރު ދޫކޮށްލީ ފުން ނޭވާ އެކެވެ.

"ރާވިންއަށް އަހަރެންގެ މަޤުޞަދު ކުޑަވެސް ރޭކާނުލާނެ ކަން ޔަޤީން... އެހެންވީމަ، ޕްލޭން ބީ އާ އެއްގޮތަށް ހުރިހާ ކަމެއް ކުރޭ... އިތުރަށް ކަމެއް ސާފު ކުރަން ބޭނުން ވިޔަސް، އަހަރެންގެ ފޯނަށް ގުޅައިގެން ނުވާނެ... ކަންތައް ކުރަންވީ ގޮތް މިހާރު ކަލެއަށް އެނގޭނެ... ގޯސްކޮށް އެއްވެސް ކަމެއް ހިނގައިފިއްޔާ އެކަމުގެ ޒިންމާ ނަގަން ޖެހޭނީވެސް ކަލޭ ކަން ހަނދާން ކުރާތި..."

ފޯނު ބޭއްވިއިރު ޝާކިރުގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހަމަޖެހުމުގެ އަސަރު ފެންނަމުން ދިޔަ އެވެ. އޭނަ ދެން ގުޅީ ނަސްމާ އަށެވެ. ފޯނު އޮތީ ނިއްވާލާފަ އެވެ.

********

ރޭގަނޑުގެ ވަގުތެވެ. އައިވަން ފެންވަރައިގެން ނުކުތީ އުނަގަނޑުގައި ތުވާލި އޮޅާލައިގެންނެވެ. ކޮޓަރި ތަކާއި ވަކިން ފާޚާނާ ހުރި ނަމަވެސް، ކޮޓަރިން ނުކުމެގެން މާ ދުރަށް ދާކަށް ނުޖެހެ އެވެ. ދެވަނަ ފަންގިފިލާގައި ހުންނަ ދެ ކޮޓަރި ވެސް ހުންނަނީ ޖެހިޖެހިގެންނެވެ. ފާޚާނާ ހުންނަނީ ދެ ކޮޓަރީގެ ކުރިމަތީގަ އެވެ.

އައިވަންގެ ކޮޓަރި ތެރޭގައި ހުރި އަނަމް އޭނާގެ ހަރަކާތްތައް އަވަސްކޮށްލި އެވެ. ކަބަޑުތަކާއި އަލަމާރި ތެރޭގައި ހުރި އެއްޗެހިތައް މުޅި ކޮޓަރި ތެރެއަށް އުކަމުން އޭނަ ކޮންމެވެސް އެއްޗެއް ހޯދަނީ އެވެ. ހޯދަން އުޅުނު އެއްޗެއް ފެނުމުން ކަންނޭނގެ އެވެ. އަނަމްގެ ތުންފަތް މަތީން ހިނިތުންވުމުގެ އަސަރު ފެނިގެން ދިޔަ އެވެ. އޭނަ ތެދުވެ ހިންދެމިލި ވަގުތު، ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ.

ބޮލުން ފެން ހިއްކަމުން ކޮޓަރިއަށް ވަން އައިވަން އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ވޭނީ އާޙެއްގެ އަޑު ބޭރުވެގެން ދިޔަ އެވެ. އޭނަގެ ރިހޭ ފައި އެޅުނީ ކޮންމެވެސް ހަރު އެއްޗެއްގެ މަތީގަ އެވެ. އޭނައަށް ކުރެވުނީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަމުގެ އިހުސާސެވެ. ކޮޓަރި ތެރޭގެ ޙާލަތު އޭނައަށް ފެނުނީ އަދި އޭގެ ފަހުންނެވެ. އައި ރުޅީގައި ދަތްތަކަށް ބާރުކޮށްލަމުން، ކުރިމަތީގައި ހުރި އަނަމް އާއި ދިމާއަށް އޭނަ ބަލައިލި އެވެ.

ބިރުން ގޮސް އަނަމް ހުރީ ދެލޯ ބޮޑު ވެފަ އެވެ. ގުޑިލާކަށް ވެސް ނުކެރުނެވެ. އަތުގައި އޮތް ތަޅުދަނޑިފަތި ފުރަގަހަށް ލައި ފޮރުވި އެވެ. އައިވަން ކުރިއަށް އަޅަމުން އައި ކޮންމެ ފިޔަވަޅަކާއިއެކު އޭނަ ފަހަތަށް ޖެހެމުން ދިޔަ އެވެ. އަލަމާރީގެ ދޮރު ހުޅުވާފައި ހުރުމުން، އަނަމް ވެއްޓުނީ އަލަމާރީގެ ތެރެއަށެވެ. ބިއްގަނޑުގައި ޖެހުނުގޮތަށް އޭނަ އިނީ ފަރާތަކަށް ގުޑިލަންވެސް ނޭނގިފަ އެވެ.

އައިވަން އައީ ލަސް ފިޔަވަޅުތަކެއްގަ އެވެ. ކޮރަމުން ކަހަލަ ގޮތަކަށް އައިސް އަލަމާރީގައި އަތް އަޅުވައިލި އެވެ. އަނަމް އާއި ދިމާއަށް އޭނަ ގުދުވެލީ ދެބުމަ ގޮށްޖަހާލަމުންނެވެ.

ދެލޯ މަރައި ބާރުކޮށްލިގޮތަށް އަނަމް އިނީ، ހަށިގަނޑުގައި ދެއަތް ހުރަސްކޮށްލައިގެންނެވެ. ނޭވާ ލާންވެސް އޭނައަށް ނުކެރުނެވެ.

"ޕްލީޒް... ޕްލީޒް... ޕްލީޒް..." އަނަމްގެ ތުންފަތް ހަރަކާތް ކުރި އެވެ. އެހެނަސް، އަޑެއް ބޭރެއް ނުވި އެވެ.

ގުދުވަމުން ދިޔައިރު، އައިވަންގެ ނަޒަރު ހުއްޓިފައިވީ، އަނަމްގެ ތުރުތުރު އަޅަމުންދިޔަ ތުންފަތަށެވެ. މަޑުމަޑުން އެ ނަޒަރު މުށްކެވިފައިވާ އަތުގެ ތެރެއިން ނުކުމެފައިވާ ތަޅުގަނޑިއަށް ހުއްޓިއްޖެ އެވެ. ބޭއިޙުތިޔާރުގައި އޭނައަށް ހިނިތުންވެލެވުނެވެ. އައިވަން ކޮށްލީ އެންމެ ހަރަކާތެކެވެ. އަނަމްގެ އަތުގެ ތެރެއިން ތަޅުދަނޑި ދަމައިގެންފި އެވެ.

އަނަމް ދެލޯ ހުޅުވައިލީ އައިވަން ދުރަށް ޖެހިލިކަމުގެ އިހުސާސް ކުރެވުމުންނެވެ. އޭރު އައިވަން ހުރީ ހަށަމް ބަނދެލައިގެންނެވެ. ހަމައެކަނި ތުވާލި ކޮޅުގައި އައިވަން ހުއްޓައި ފެނުމުން، އޭނަ ލަދުން ހަލާކުނުވީ ކިރިޔާ އެވެ. އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލި ނަމަވެސް، ސިއްރުން އެ ހަށިގަނޑަށް ބެލެމުން ދިޔަ އެވެ. މޫނަށްވުރެ އެ ހަށިގަނޑުގެ ކުލަ އައްޔެވެ. ބަނޑާއި ދިމާއިން މަސްތައް އެތުރިފައިވާގޮތުން، ބަރާބަރަށް ކަސްރަތު ކުރާ މީހެއްކަން ހާމަ ވެއެވެ.

"މީ ކޮން ކަމެއް؟..." ތަޅުދަނޑި ދައްކައިލަމުން، އައިވަން ސުވާލު ކުރި އެވެ.

އަނަމް ތެދުވެގެން ދާން ހިނގައިގަތުމުން، އައިވަން އެ އަތުގައި ހިފައި ދަމައިގަތެވެ. ސިހުނު ވަރުން އަނަމްގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ބޭރު ވިއެވެ.

"ޖަވާބު ދީފަ ދެވޭނީ..." އައިވަން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

"އަހަރެންގެ އެއްޗެހީގަ، އަހަރެންގެ ހުއްދައަކާ ނުލާ އަތްލާން އިޙުތިޔާރު ދިނީ ކާކު؟..." އައިވަން ބުންޏެވެ.

އައިވަންގެ އަތް ފޮޅުވައިލި އަނަމް ބާރަށް ހަޅޭއްލަވައިގަތެވެ. ދެކަންފަތުގައި އަތް އަޅައިގެން ހުރެ އެތައް އިރަކު ހަޅޭއްލަވާފައި، ހުއްޓައިލި އެވެ. ވަރުބަލިވެފައިވާ ނަޒަރަކުން އޭނަ އައިވަންގެ މޫނަށް ބަލައިލި އެވެ. އޭރު ކަރުނުން ދެލޯ ފުރިއްޖެ އެވެ.

"އަހަރެން ވެސް މީ އަހަރެންގެ ޙައްޤެކޭ... މިތާ ހައްޔަރު ކުރުމުގެ ޙައްޤެއް އެހެން މީހަކަށް ނޯންނާނެ..." އަނަމްގެ އަޑު ތުރުތުރުލައެވެ. އެވަރުންވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރި އެވެ.

'އެއާޕޯޓުގެ ތެރޭ ހިނގި ކަންތަކަށް އަހަރެން މާފަށް އެދެން... އެވަރުގެ ކުޑަކުޑަ ކަމަކަށް އަހަންނަށް ތިވަރުގެ ބޮޑު އަނިޔާއެއް ތި ދެނީ، ތި ހިތުގަ ރަހުމުގެ ކަންފުޅެއް ވެސް ނެތީމަތަ؟... އަހަންނަކީ އެއްވެސް އިރެއްގެ އެއްވެސް މީހަކަށް އަނިޔާއެއް ދިން މީހެއް ނޫން... ހެޔޮނުވާނެ!... އަހަރެން އަހަރެންގެ އާއިލާގެ ކައިރިއަށް ދާން ދޫކޮށްލާ..." އައިވަންގެ ފައިދަށަށް ތިރިވެފައި އަނަމް އާދޭސް ކުރަން ފެށި އެވެ. ދޭތެރެއަކުން ގިސްލާފައި ރޯން ފަށަ އެވެ.

މަންޒަރު ބަލަން އުނދަގޫވެގެން އައިވަން ހުރީ، ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. ކަންތައް ވެފައި އޮތް ގޮތުން، އަނަމް ދިޔުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އެ މައުސޫމް އަންހެން ކުއްޖާގެ ފުރާނައަށް ފެންބޮވައިގަނެފައި ވަނީ، ގާތް މީހެއް ކަން އޭނައަށް ކަށަވަރެވެ. ފުލުހުންނަށް ވެސް އޭނަ އިތުބާރެއް ނުކުރެ އެވެ. އެހެން ކަމުން، އެންމެ ރަނގަޅު ގޮތަކީ އަނަމްގެ ޚަބަރެއް އެއްވެސް މީހަކަށް ވިޔަ ނުދިނުން ކަމުގައި އޭނަ ޤަބޫލު ކުރި އެވެ.

"އެންމެ ރަނގަޅު!... ފަނަރަ ދުވަސް... ބަރާބަރު ފަނަރަ ދުވަސް ވަންދެން އަހަރެން ބުނާގޮތަށް އުޅެފިއްޔާ، އާއިލާ ކައިރިއަށް ފޮނުވާނަން..." އައިވަން ޔަޤީންކަމާއި އެކުގައި ބުންޏެވެ.

އަނަމްއަށް އޭނަގެ މޭގައި ދެއަތް ހުރަސްކޮށްލެވުނެވެ. އޭނައަށް ނެގުނީ ގޯސް މާނަ އެކެވެ. ފަސްފަހަތަށް ދަނިކޮށް އެނދުގެ ފަޑީގައި އަޅައިގަނެފައި، އެނދުމައްޗަށް ވެއްޓިއްޖެ އެވެ. އޭނަ ތެދުވުމުގެ ކުރިން އައިވަން ހަލުވި ފިޔަވަޅުތަކެއްގައި ދިޔަ އެވެ. އަނަމްގެ ދެފަރާތުން އެނދުގައި ދެއަތް ވިއްދައިލަމުން ގުދުވެލި އެވެ.

އައިވަން ގުދުވަމުން ދިޔަ ވަރަކަށް އަނަމް އޭނާގެ ދެލޯ މަރައި ބާރު ކުރަމުން ދިޔަ އެވެ. އެ ހޫނު ނޭވާ އިހުސާސް ކުރެވުމުން، އޭނަ އަވަހަށް މޫނު އަނބުރައި ލެވިއްޖެ އެވެ.

ހިތް ފުރެންދެން އަނަމްގެ މޫނަށް ބަލަން އައިވަން އޮތެވެ. ބިރުން ގޮތް ހުސްވެފައިވާ އެ އަންހެން ކުއްޖާގެ ހާލު ފެނުމުން އޭނަގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އިތުރަށް ތަޅުވައިލާ ހިތްވި ނަމަވެސް ޙާލަތުގެ ގޮތުން އެކަން ކުރާކަށް ބޭނުމެއް ނުވި އެވެ.

އަނަމްގެ ގައި ދަށުގައި އޮތް ގަމީހާއި ފަޓުލޫނު ދަމައިގަނެގެން އައިވަން ތެދުވި އެވެ. ދެލޯ ބޮޑުކޮށްލަމުން އަނަމް ބަލައިލި ތަން ފެނިފައި، އައިވަން އޭނާގެ އަތުގައި އޮތް އަންނައުނުތައް ދައްކައިލި އެވެ. އޭނަ ހެމުން ގޮސް ކޮޓަރިން ނުކުންނަންދެން ބަލަން އަނަމް އޮތެވެ. އޭގެ ފަހުގައި މޫނުގައި ދެއަތް އަޅާފައި ރޯން ފެށި އެވެ. އިސާހިތަކު އެ ކަރުނަތަކުގެ މައްޗަށް ރުޅިވެރިކަން އިސްކުރެވުނެވެ.

އަނަމް އޭނަގެ ހިތަށް އައިހާ އެއްޗެއް އައިވަން އާއި ދިމާއަށް ކިޔަމުންނެވެ. ހުސްގަޔާ ހުރެ އެފަދަ ގޮތަކަށް އުޅެން އައިވަން ލަދުވެސް ނުގަންނަނީ ހެއްޔެވެ؟ އަނަމް އެތަނުން ތެދުވަންވެސް ނޭނގިފައި އޮއްވައި، އައިވަން އައިސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕައި ތަޅުލާފައި އޭނަ ދިޔައީ އެނދާއި ދިމާއަށެވެ. ދެލޯ މަރާލައިގެން އޮތުމުން، އައިވަން އައި ކަމެއް އަނަމް އަކަށް ނޭނގުނެވެ.

(ނުނިމޭ)

ކޮމެންޓް 0