ތިންގަޑިއިރުގެ ދިގު ދަތުރަކަށްފަހު މަންޒިލާއި ހިސާބަށް އާދެވުނުއިރު، އަނަމްއަށް އިނީ ނިދިފަ އެވެ. ޖެހެމުންދިޔަ ފިނި ރޯޅިން ސިކުނޑި ތާޒާވުމުން ކަންނޭނގެ އެވެ. ކާރުގެ ބިއްލޫރިގަނޑުގައި ބޯ ޖައްސާލިގޮތަށް، ކާރު ހުއްޓުމުން ވެސް ނުހޭލި އެވެ.

********

ބާލު ޚާނާގައި ހުރި ޝާކިރުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. އޭނަގެ ދެއަތް މުށްކެވެމުން ދިޔަ ވަރަކަށް، ހުރިހާ ބާރެއް ކުރަމުން ދިޔައީ އަތުގައި އޮތް ފޯނަށެވެ. އޭނަ އެގޮތުގައި ހުންނަތާ މާ ގިނަ އިރެއްނުވެ، ފޯނު ރިންގްވާން ފެށި އަޑު އިވުނެވެ.

"ކީއްވެ ލަސްވާންވީ؟... އަހަރެން އޭރުވެސް އެހެން ބުނީ ތިހެން ވެދާނެތީ އޭ.." ޝާކިރު ވާހަކަ ދެއްކީ، އޭނަގެ ކަންފަތުގައި ޖައްސާލާފައިވާ ފޯނަށް ގުޅައިގެން ހުރި މީހަކު ދެއްކި ވާހަކައަށް ރައްދު ދިނުމުގެ ގޮތުންނެވެ.

"ބުނީމަ ބުނާގޮތް ނުހެދީމަ ވާނެހާ ކަންކަން ތީ... ދެން ތި ވާހަކަ ދެއްކިޔަސް ވާނެ ކަމެއް އެބަ އޮތްތަ؟..." ޝާކިރު ހިތްހަމަނުޖެހިފައި ބުންޏެވެ.

އޭނަ ފޯނު ކަނޑާލާފައި އެނބުރުނުއިރު ފަހަތުގައި ހުރި ނަސްމާ ފެނި ސިހިއްޖެ އެވެ. އޭނަ އަވަހަށް ފޯނު ލީ ޖީބަށެވެ.

"ކިހިނެއްވީ؟..." ނަސްމާ ހާސްވެފައި ސުވާލު ކުރި އެވެ.

"އެއީ އޮފީސް ކަމެއް... ކޮބާ ކޮފީ ތައްޓެއް ހެދިއްޖެތަ؟..." ޝާކިރު ސުވާލުކުރީ ނަސްމާގެ ނަޒަރުން ސަލާމަތްވުމަށް، ކުރިއަށް ހިނގައިގަންނަމުންނެވެ. އޭނަ މައުޟޫޢު ބަދަލުކޮށްލިގޮތުން، ނަސްމާގެ ހިތުގައި ޝައްކު އުފެދުނެވެ.

"ނާނާގެ ވާހަކަ ދެއްކިހެން ހީވީމަ އަހާލީ... ކޮފީ ގިރާފަ މިއައީ..." ނަސްމާ ބުންޏެވެ.

********

މޫސުން ގޯސްވެ، ރާވިން ފުރަން ޓިކެޓު ނެގި ފްލައިޓް ލަސް ކުރި އެވެ. އެއާޕޯޓުގެ ތެރޭގައި އެހާ ގިނަ ވަގުތު ހޭދަކުރަން ޖެހުމުން، ރާވިން ހުރީ ފޫހިވެގެން ހަލާކުވާވަރު ވެފަ އެވެ. ފަހަރަކު ތަނެއް ބަލަބަލާފައި އޭނަ އުޅެން ފެށި އެވެ.

ރާވިން އޭނަގެ ޖީބުގައި އޮތް ފޯނު ނެގީ، އެއަށް މެސެޖެއް އައި އަޑު އިވުމުންނެވެ. މެސެޖު ކިޔައިލުމާއިއެކު އޭނަގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގި އެވެ.

"ޕެޓްރޯލް ގުދަނުގަ ހުޅުޖަހާ އަންދާލާފަ ފިލޭނެ ކަމަށްތައް ހީކުރީ؟... އަހަންނަށް އެނގޭ އެކަން ކުރީ ކަލޭ ކަން... އަހަރެން އަތުގަ ހެކިވެސް އެބަހުރި... ކަލޭވެސް އަންދާލާނީ ހަމަ އެ އަލިފާނުގަ..."

އިންޒާރުގެ އެ ނުރައްކާތެރި މެސެޖު ކިޔައިލުމާއިއެކު، ރާވިންއަށް ވަށައިގެން ހޯދައި ބަލައިލެވުނެވެ. ކޮންމެވެސް ސަބަބަކާއިހުރެ، އެ ވާހަކަ ދެއްކި މީހަކު ހުރީ އޭނަ ފެންނަ ހިސާބެއްގައި ކަމަށް އޭނަގެ ހިތް ބުންޏެވެ. އެތަނުގައި ތިބި ކޮންމެ މީހެއްގެ މޫނަށް އޭނަ ވަކިވަކީން ބަލައިލި އެވެ.

"ކާކު؟.." ރާވިން ކުރު މެސެޖެއް ލިޔެފައި ފޮނުވައިލި އެވެ.

ޖަވާބެއް ނައެވެ. އެންމެފަހުން ހާސްވެގެން އޭނަ ދެކޮޅަށް ހިނގަން ފެށި އެވެ.

********

ކާރުން ފޭބިގޮތަށް އައިވަން ގޮސް ކުރީ ޝީޓުގެ ދޮރު ހުޅުވައިލި އެވެ. ތަފުސީލު ދޭށޭ ބުނާފަދަ ނަޒަރަކުން ނޫމާން އާއި ދިމާއަށް ބަލަން އޭނަ ހުއްޓެވެ. ހުންގާނުގައި ބާރަށް ހިފަހައްޓާލައިގެން އިން ނޫމާންއަށް އައިވަން އާއި ދިމާއަށް ބަލައިލެވުނީ ކުށްވެރިއަކު ފަދައިންނެވެ. އޭނަ މަޑުމަޑުން ކާރުން ފޭބުމާއިއެކު އައިވަން އޭނަގެ ކޮނޑުގައި އަތް އަޅުވައި ގަޔާއި ކައިރިިއަށް ދަމާލައިފި އެވެ.

"ކޮން ކަމެއް؟..." ލޮލުގެ އިޝާރާތުން އަނަމް ދައްކައިލަމުން އައިވަން ސުވާލު ކުރި އެވެ.

"މަ ދޯ މި ގޯސްވީ... މަށެއްނު ތި ސުވާލު ކުރަން ޖެހޭނީ..." އައިވަންގެ އަތުގެ ތެރެއިން ދެމިގަންނަން މަސައްކަތް ކުރަމުން ނޫމާން ބުންޏެވެ.

"އޯހޯ... ތިބުނީ އެއީ އަހަރެން ކުރި ކަމެކޭތަ؟..." ކުރިއަށްވުރެ ބޮޑަށް ނޫމާންގެ ކަނދުރާއަށް ބާރުކޮށްލަމުން އައިވަން އަހައިލި އެވެ. އޭނަ އަތް ދޫކޮށްލީ، ނޫމާން ތެޅިފޮޅިގަތުމުންނެވެ.

"އާޚްއާޚް... ތަދުވެއްޖެއޭ..." ކަނދުރާގައި ފިރުމައިލަމުން ނޫމާން ވާހަކަ ދެއްކި އެވެ. "ކަލޭ ދޯ އޭނަޔާ ތަތްވެގެން އުޅުނީ..." އޭނަ އަތުގެ އިޝާރާތުން އަނަމް ދައްކައިލުމުން، އައިވަން ވަގުތުން ބޯ ހޫރާލައިފި އެވެ.

"ބުނަން ވާހަކައެއް... ނުހާއަށް މިކަން އެނގިއްޖެއްޔާ، އަހަރެން ނޮޅާލާފަ، ކުދިކުދިކޮށް ކޮށާފަ، ބުޅަލަށް ކާންދޭކަށް ވެސް ފަހެއް ނުޖެހޭނެ... އަންހެނެއްގެ ކަމެއް ވިއްޔާ، ޝައްކު ބަލިން ފޯވެފަ އޭނަ ހުންނާނީ..." ދެކޮޅަށް ހިނގަހިނގައި ހުރި ނޫމާން ހާސްވެގެން ދާހިއްލަން ފެށި އެވެ. ނުހާ އަކީ އޭނަގެ އަނބިމީހާ އެވެ.

"ދެން ކިހިނެއް ހެދޭނީ؟..." އައިވަން ސުވާލު ކުރި އެވެ.

"ކަލޭ އޭނަޔާ ހަވާލުވާން ޖެހޭނީ..." ނޫމާންގެ ޖަވާބު އަވަހެވެ.

"އެއީ ކީއްވެ؟... ކަލޭ އޭނަ ގޮވައިގެން ތިއައީ އަހަރެން ބުނެގެންތަ؟..." އައިވަން އަވަސް އަވަހަށް ބުންޏެވެ. ނޫމާން އޭނަގެ ބޮލުގައި އަތުން ޖަހައިލި އެވެ.

"ކާރުގަ ބައިންދަންވީނު... އުހުނ!... ކުލީ ކޮޓަރިއަކަށް ލާންވީނު... ޕިސް!... މިގަޑީ ތަނެއް ހޯދަންވެސް ކިހިނެއް އުޅޭނީ.." ނޫމާންއަށް ކިޔޭ އެއްޗެއް ވެސް ނޭނގުނެވެ.

"ކޮންމެ ގޮތެއް ވިޔަސް، ތިއޮތީ އޭނަ ކިޑްނެޕް ކުރެވިފަ... ކިޑްނެޕިންގެ ކުށަށް އަންނާނީ ކިތައް އަހަރުގެ ޖަލު ހުކުމެއްބާ؟..." އަތުގެ އިނގިލިތަކުން ފަހަރަކު އިނގިއްޔެއް ލަންބައިލަމުން އައިވަން ބެލީ، ހާސްވެފައި ހުރި ނޫމާން އާއި ދިމާކުރެވޭތޯ އެވެ.

"ހެވޭ ދެން، ހުއްޓާ..." ނޫމާން ބުންޏެވެ.

އައިވަން ހެމުން ގޮސް އަނަމް އިން ދިމާއިން ކާރުގެ ބިއްލޫރިގަނޑާއި ދިމާއަށް ގުދުވެލި އެވެ. ނިދިފައި އޮތް އެ އަންހެން ކުއްޖާގެ މޫނު ދާދި ކައިރިން ފެނުމުން، ކުރިން ވީ ކަންތައް އޭނަގެ ލޯ ކުރިމަތީގައި ސިފަވި ކަހަލަ އެވެ. ކުރެވެން ފެށި ތަފާތު އިހުސާސަކުން އައިވަން އަވަސް އަވަހަށް ތެދުވެ އޭނަގެ ހަށިގަނޑު ސީދާކޮށްލައިފި އެވެ.

ކާރުގެ ޑިކީ ހުޅުވާލައިގެން ނޫމާން ހުރީ، އަނަމްގެ ފޮށިތަކަށް ބަލަހައްޓައިގެން އެއަށް ހަދަންވީ ގޮތެއް ނޭނގިފަ އެވެ. އައިވަން އޭނާގެ ފޮށި ގޯތިތެރެއަށް ވައްދާފައި އައި އިރުވެސް، އޭނަ އެގޮތަށް ހުއްޓެވެ.

"ކަލޭގެ ކަންތަކޭ..." އައިވަންގެ ގައިގައި ބޮނޑިއެއް އަޅައިލަމުން ނޫމާން ބުންޏެވެ.

ހާސްވެ ގޮތް ހުސްވެފައި ހުރި ނޫމާން ފެނި، އޭނަގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ.

"ކަލޭ ހުރޭ ހޭން... ކޮންކަހަލަ މުސީބާތަކާ ކަމެއް ނޭނގެ މި ލައްވާލީ... ބޯ ހަލާކު..." ނޫމާން އޭނަގެ ބޮލުގައި އަތުން ޖަހައިލި އެވެ.

އައިވަން އޭނާގެ އަތުގެ އިޝާރާތުން ނޫމާންގެ ކައިރީގައި އޭނަގެ ގާތަށް އައުމަށް އެދުނެވެ. ނޫމާން ކައިރިވެލުމުން، ކަންފަތް ދަށުގައި ސިއްރެއް ބުނުމަށް ގުދުވެލައިފި އެވެ.

"ވެދާނެ ތި ގެނެވުނީ ޖިންނިއެއް ކަމަށްވެސް..." އައިވަން ބުނި އެއްޗަކުން ނޫމާން ސިހިފައި އޭނަ އާއި ދުރަށް ޖެހިލި އެވެ.

އައިވަންގެ ފުރަގަހުގައި ހުރި އަނަމް އޭނައަށް ފެނުނީ އެވަގުތު އެވެ. އެ ކުއްޖާ ހުރި ގޮތުން އޭނަ އިތުރަށް ސިހޭގޮތް ވިއެވެ. ހަޅޭއްލަވައިގަނެފައި ފަހަތަށް ޖެހިލައިފި އެވެ. ނޫމާންގެ އެ އަމަލުން ސިހުން ލިބުނު އައިވަންއަށް ވެސް ފަސްއެނބުރި ބަލައިލެވުނެވެ. ދާދި ގާތުގައި ހުރި އަނަމް ފެނި، އޭނަވެސް ސިހޭގޮތްވެ ފަހަތަށް ޖެހިލައިފި އެވެ.

ދެބުމަ ގޮށްޖަހައިގެން އަނަމް ހުރިއިރު، އެ ނަޒަރު އަމާޒުވެފައި ވަނީ ސީދާ އައިވަންގެ ދެލޮލަށެވެ. ބުޅި އިސްތަށިގަނޑުގެ ތަރުތީބު ގެއްލި ބައެއް އިސްތަށިތައް ވަނީ މައްޗަށް އުފުލިފަ އެވެ. ދެލޯ ފަވާލާފައިވާ އަނދުންތައް ފޭދި، ދެލޯ ކައިރި ކަޅުވެފައި ހުއްޓެވެ. ތުންފަތުގައި ޖައްސާފައިވާ ކުލަތައް މުޅި މޫނުގައި ހޭކިފައިވާ ގޮތުންވެސް މީހަކު ނުސިހޭ ވަރެއް ނޫނެވެ.

އަނަމް ހުރި ހާލު ފެނުމުން ނޫމާންގެ ހިނިގަނޑު ފަޅައިގެންދާން އުޅުނެވެ. އޭނަގެ އަނގަމަތީގައި އަތް އެޅީ، ހިނިގަނޑު އޮއްބައިލަން މަސައްކަތް ކުރަމުންނެވެ.

"ޑްރައިވަރ!... އަހަރެންގެ ފޮށިތައް ގޭތެރެއަށް ވައްދާ... ވަރަށް ވަރުބަލިވެފަ މިހުރީ..." އައިވަންގެ މޫނުން، ނޫމާންގެ މޫނަށް ނަޒަރު ހުއްޓައިލަމުން އަނަމް ބުންޏެވެ.

އަނަމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގޭތެރެއަށް ވަނީ، ނޫމާން އެއްޗެއް ބުނަން އަނގަ ހުޅުވައިލުމުން ވެސް މަޑުކޮށްލުމެއް ނެތި އެވެ.

"ޑްރައިވަރު؟..." ނޫމާންގެ މޫނުމަތި ވަނީ ބަނަވެފަ އެވެ. "އަޅެ އަހަރެން ވައްތަރީ ޑްރައިވަރަކާތަ؟..."

އަނަމް ގޭތެރެއަށް ވަދެގެން ދިޔައިރު، ނުހާ ހުރީ ފިހިގަނޑެއް ހިފައިގެން ކުނިކަހާށެވެ. ބަދިގޭގައި ކައްކަންވެގެން އޭޕްރޯން އެޅި ގޮތަށް އޭނަ ހުރީ، އެ ބާލަން ހަނދާން ނެތިފަ އެވެ. ނުހާ ފެނިފައި އަނަމް ހީކުރީ އެއީ ގޭގައި ގެންގުޅޭ މީހެއް ކަމަށެވެ. އޭނަ ގޮސް ނުހާގެ ކުރިމަތީގައި ހުއްޓުނެވެ.

"މިގަޑީ އެއްވެސް ކާ އެއްޗެއް ތައްޔާރު ކުރާނެ ކަމެއް ނެތް... އަހަރެން ބޭނުން އެއްގަޑިއިރު ވަންދެން ނިދާލަން... މްމްމް... އެކަމަކު އަހަރެން ފެންވަރަން ވާއިރަށް ފުރުޓް ސެލެޑެއް ހަދާލާތި... ކޮބާ ރޫމް؟..." ވަށައިގެން ހޯދައިލަމުން އަނަމް ސުވާލު ކުރި އެވެ.

ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައި ހުރި ނުހާއަށް ހުރި ތަނުން ގުޑިލާކަށް ވެސް ނޭނގުނެވެ. ކާކު ކަމެއް ނޭނގޭ އެ އަންހެން ކުއްޖާ އުޅެން ފެށި ގޮތަކުން އޭނައަށް ބަލަން ހުރެވުނީ އެވެ. އޭރު ޝައްކުގެ ވަސްވާސްތަކުން އެހިތް ފުރެމުން ދިޔަ އެވެ. ނުހާ އެއްޗެއް ނުބުނުމުން އަނަމް ގޮސް ފަހަރަކު ކޮޓަރިއެއްގެ ދޮރު ހުޅުވައިގެން ބަލަން ފެށި އެވެ. އެންމެފަހުން އޭނަ ވަނީ އައިވަންއަށް ތައްޔާރުކޮށްފައި ހުރި ކޮޓަރި އަށެވެ.

********

އަނަމް ދިޔަ ދިމާއަށް ބަލަން ހުރި ނޫމާންގެ ހިއްވަރު އެލުނެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އޭނަ ގޮސް ޑިކީއިން ފޮށިތައް ބާލަން ފެށި އެވެ.

"ކިހިނެއް ހަދަން ތިއުޅެނީ؟..." އައިވަން ސުވާލު ކުރި އެވެ.

"މިއެއްޗެހި ވައްދަން... މަ މިހިފައިގެން ވަންނަ ތަނުން އަންހެނުން ވަރިއަށް އެދޭވަރު ނުވެއްޖެއްޔާ ވާ ރަނގަޅު... ހިނގާ މިއެއްޗެހި އެތެރެއަށް ވައްދަން... ނުވެއްދިއްޔާ އަދި މާ ގޯސް ވާނީ..." އައިވަންއަށް ފޮށްޓެއް ދިއްކޮށްލަމުން ނޫމާން ބުންޏެވެ.

އައިވަން ބޯ ޖަހާލާފައި ފޮށިތައް ވެއްދުމައިގެން އަވަސްވެގަތެވެ.

"އޭ!... އޭ!.. އަދި މަޑުކޮށްބަލަ... ނުހާ ކައިރީ މަ ކީކޭތަ ބުނާނީ؟..." ނޫމާން ހާސްވެފައި އަހައިލި އެވެ.

"މަށަކަށް ނޭނގެ.." އައިވަން ޖަހައިލީ ހިނިގަނޑެކެވެ.

"ކަލެއަށް އެނގެއެއްނު ނުހާގެ ގޮތް... އެ އަންހެން ކުއްޖާއަކީ ކަލޭގެ ބިޓޭ ބުންޏަސް، ނޯންނާނެ ސަލާމަތެއް..." އައިވަންގެ ފަހަތުން ގޮސް އެއްވަރު ކުރަމުން ނޫމާން ބުންޏެވެ.

ދެމީހުން އެކުގައި ގޭތެރެއަށް ވަންއިރު، ނުހާ ހުރީ ސިޓިންގްރޫމުގައި ހަށަމް ބަނދެލައިގެންނެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިގޮތުން ނޫމާންއަށް ބަލައިލެވުނީ އައިވަން އާއި ދިމާއަށެވެ.

ކޮށިގަނޑަށް ހާޒިރުކުރެވިފައިވާ ކުށްވެރިއެއް ފަދައިން ނުހާގެ ކުރިމަތީގައި ނޫމާން ހުރީ އިސްޖަހާލައިގެންނެވެ. އައިވަން ގޮސް އިށީނީ، ނޫމާން އާއި ނުހާގެ ފަސް އަހަރުގެ ދަރިފުޅު ވިޝްކާގެ ކައިރީގަ އެވެ.

"މަށަށް އަމުރުކުރަން، ކޮން އަންހެން ގޮވައިގެން ތިއައީ؟..." ނުހާ ސުވާލު ކުރީ ހަރުކަށި ރާގަކަށެވެ.

"އެއީ އެއީ... އޭނަ ވަަގުކަލޭގެ އަންހެނުން..." ހާސްވެގެން ގޮސް ނޫމާންއަށް ކިޔުނު އެއްޗެއްވެސް ރޭކައިލީ އެ ޖުމްލަ ބޭރުވީ ފަހުންނެވެ.

"އޭނ؟..." އައިވަން ފުންމައިގެން ތެދުވީ ނޫމާން އެބުނީ އޭނަގެ ވާހަކަ ކަން އެނގުމުންނެވެ. ނުވެސް ވިސްނާ ހުއްޓައި، އަނތްބެއްގެ މަޤާމަށް މީހަކު ލުމުން، ނުސިހޭނީ ކާކު ހެއްޔެވެ؟ އައިވަން ކޮށި އެރިއެވެ. ދެލޯ ބޮޑުކޮށްގެން ނޫމާންއަށް ބަލަން އޭނަ ހުއްޓެވެ. އައިވަން މާ ގަދަޔަށް ކެއްސަން ފެށުމުން، ނުހާ އަވަސްވެގަތީ ފެންތައްޓެއް ގެނެސްދިނުމަށެވެ.

ނޫމާން އަވަސް އަވަހަށް އައިވަންގެ ކައިރިިއަށް ޖެހިލާފައި އޭނަގެ ފައިދަށަށް ތިރިވި އެވެ. ދެއަތް ޖޯޑުކޮށްލަމުން އެދުނީ އޭނަ ދެއްކި ވާހަކައަށް އެއްބަސްވެދިނުމަށެވެ. އައިވަން ދެކޮޅުހެދި އެވެ. އެކުވެރިއަކަށްޓަކައި ވެސް އެވަރުގެ ކަމެއް ނުކުރެވޭނެ ކަމަށް ބުންޏެވެ.

"އޯކޭ އެހެންވިއްޔާ... ކަލޭ ބުނި މައުލޫމާތު އަމިއްލައަށް ހޯދާ..." އައިވަން ދެކޮޅުހެދުމުން ނޫމާން ބޭނުން ކުރީ އޭނަގެ އަތުގައި އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ.

ނުހާ އަންނަން ފެށުމުން، ނޫމާން އަވަސް އަވަހަށް ތެދުވި އެވެ. އައިވަން ފެންތަށީގައި ހިފުމުން، އޭނަ އެދުނީ، އޭނައަށް ވެސް ފިނި ފެންތައްޓެއް ގެނެސްދިނުމަށެވެ.

"އަމިއްލަޔަށް ގޮސް އަޅަންވީނު..." ހިތްހަމަނުޖެހިފައި ހުރުމުން ނުހާ ބުންޏެވެ.

އެއް ނޭވާއިން ފެންތަށި ބޮއެ ހުސްކޮށްލި އައިވަން ސޯފާއަށް ވެއްޓިގަތެވެ. ބެދެން އުޅޭ މަޅިން މިންޖުވެވޭނޭ ގޮތެއް ނެތި، އެ މަޅިއަށް ފެތެން އޭނަގެ ޒަމީރު ދެކޮޅު ހަދަމުން ދަނީ އެވެ. އިރުކޮޅަކު އައިވަންއަށް ބަލަން ހުރެފައި ނުހާ ކުއްލިއަކަށް އައިވަންގެ ކައިރީގައި އިށީނދެއްޖެ އެވެ.

"ވަގު މީހާ!... ކޮން އިރަކު މެރީ ކުރީ؟..." ނުހާ ސުވާލު ކުރި އެވެ.

(ނުނިމޭ)

ކޮމެންޓް 0