ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވި މަދު ވަގުތުކޮޅު އެތައް ވާހަކަތަކެއް ބުނެދިނެވެ. އެކަކު އަނެކަކަށް ބަލަން ތިބިއިރު، އިހުސާސް ކުރެވުނު ތަދުގެ މަތީންވެސް ދެމީހުން ހަނދާން ނެތުނު ކަހަލަ އެވެ.
********
ނިދިފައި އޮތް ޝާކިރަށް ހޭލެވުނީ ސިއްސައިގެން ގޮސްފަ އެވެ. ފެނުނު ބިރުވެރި ހުވަފެނެއްގެ ސަބަބުން، މުޅި މީހާ ވަނީ ދާހިއްލާ ފޯވެފަ އެވެ. އޭނައަށް ފުރަތަމަވެސް ބަލައިލެވުނީ ފޯނެވެ. އިސްކުރީނަށް ލާފައި ވަނީ އަނަމްގެ ތަސްވީރެކެވެ. އެ ރީތި ހިނިތުންވުން ފެނި، ޝާކިރުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފޯނުގައިވާ ތަސްވީރުތައް ބަލަމުން ގޮސް، ޝާކިރުގެ އަތުގެ ހަރަކާތް ހުއްޓުނީ، ހަތަރު ވަރަކަށް އަހަރުގެ ކުޑަ ފިރެހެން ކުއްޖެއްގެ ތަސްވީރަކާއި ހަމައިންނެވެ. ހިނިތުންވުމެއް ނެތް އެ ކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަ އާއި ހިތްދަތި ކަމެވެ.
"ދަރިފުޅާ!..." ޝާކިރުގެ ދެލޯ ފެންކަޅި ވިއެވެ.
ފިކުރުތަކުގެ ތެރޭގައި އޮވެފައި، ޝާކިރު ތެދުވި އެވެ. ނިދީގެ ކުޑަވެސް މިންވަރެއް މިހާރު އެ ދެލޮލުގައި ނުވެއެވެ. އަލަމާރި ހުޅުވައިލާފައި އޭނަ ނެގީ، ސިޓީއުރަ އެކެވެ. އޭގައި އޮތީ ލިޔުންތަކެކެވެ. ފަހަރަކު ގަނޑެއް ބަލަމުން ދިޔަ ވަރަކަށް ޝާކިރުގެ ހިތް ކަތިލެވެމުން ދިޔަ އެވެ. ލިޔުންތައް އަނބުރާ އަލަމާރިއަށް ލާފައި އޭނަ ނެގީ، ފޯނެވެ. އިސްކުރީނުން ފެންނަމުންދިޔަ ނަންބަރުތަކަށް ބަލަމުން އޭނަ ނުކުތީ ބެލްކަންޏަށެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ، ކޮންމެވެސް މީހަކާއި ގުޅޭތޯ އެވެ. އެމީހަކު ފޯނު ނުނެގުމުން އެހެން ނަންބަރަކަށް ގުޅައިލި އެވެ. އެކަންވެސް ކާމިޔާބުވާގޮތެއް ނުވި އެވެ.
ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ޝާކިރަށް ބަލަހައްޓައިގެން ބޭރުގައި މީހަކު ހުއްޓެވެ. އެމީހާ ހުރީ، މަގުމަތީގަ އެވެ. ފަޅުވެފައިވާ މަގުމަތިން އެވަގުތު ދުއްވާ އެއްޗެއް ވެސް ފެންނަން ނެތެވެ. ޝާކިރުގެ ނަޒަރު އެކި ދިމަދިމާއިން ގޮސް އެމީހަކު ހުރި ދިމާއަށް ހުއްޓިއްޖެ އެވެ. އަނދިރިކަމުން އެމީހާ ފެންނަމުން ދިޔައީ ކަޅު ހިޔަންޏެއްގެ ސިފައިގަ އެވެ. އެވަރުންވެސް އޭނައަށް އެމީހަކު ހުރީ، އޭނައަށް ބަލަން ކަން އެނގުނެވެ.
ޝާކިރު ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުތެވެ. ކުރިން އެތަނުގައި ހުރި މީހާ މިހާރަކު ނެތެވެ. އޭނަ އަނބުރާލާފައި ގެއަށް ވަންނަން އުޅުނު ވަގުތު، ދޮރުމަތީގައި އޮތް ސިޓީއުރައެއް ލޮލުގައި އަޅައިގަތެވެ. ދެފަރާތް ހޯދައި ބަލައިލުމަށްފަހު ސިޓީއުރަ ނަގައިގެން އޭނަ އަވަހަށް ގޭތެރެއަށް ދެމިގަތެވެ.
ސިޓީއުރަ ކަނޑައި، އޭގައި އޮތް އެއްޗެއް ބަލައިލުމާއިއެކު ޝާކިރުގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. އެއީ އަނަމް އާއި ރާވިން އެކުގައި ތިއްބައި ނަގާފައިވާ ތަސްވީރުތަކެކެވެ. އެ ތަސްވީރުތަކަކީ އޭނަ ބުނެގެން ނެގުވި ތަސްވީރު ތަކެކެވެ. އެކަމަކު، އެ އެއްޗެހި އޭނައަށް ފޮނުވާނީ ކާކު ހެއްޔެވެ؟ ވިސްނާ ވިސްނާ ޝާކިރުގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. އެއްކަމެއް ޙައްލު ނުވަނީސް، އަނެއް ކަމަކާއި ލައްވާލީ އެވެ.
ޝާކިރުގެ ގެޔާއި ޖެހިގެން ހުރި ގޭގެ ގޯޅި ތެރެއިން މީހަކު ނުކުތެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރިއިރު، އެމީހާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ.
"ޑަން!... ހުރިހާ ކަމެއްވެސް ވީ ބޭނުންވި ގޮތަށް..." އެމީހަކު ބުންޏެވެ.
********
ޙިއްސުތައް މަސައްކަތް ކުރަން ފެށުމުން، އައިވަންއަށް ތެޅިގަނެވުނެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ނުފޯރުވޭ ވަރަށް އެ އަންހެންކުއްޖާ އޭނަގެ ހިތާއި ކުޅެލައިފި އެވެ. އެކަން ފޮރުވަން މަސައްކަތް ކުރިޔަސް، ހިތުގެ ޙާލު އަނަމްގެ ކުރިމަތީގައި ބޭޒާރުވެގެން ހިނގައިދާނެކަމުގެ ބިރު އުފެދުނެވެ. އައިވަން އުޅުނީ ތެދުވާށެވެ. އަނަމް ކުޑަކޮށް ތެދުވެލާފައި، ކުއްލިއަކަށް އަތުގެ މުލައްދަނޑީގައި ހިފަހައްޓާލުމުން އޭނަ ސިހޭގޮތް ވިއެވެ.
އަނަމްއަށް ކުރެވުނު ކަންތައް ރޭކައިލީ އައިވަންގެ ނަޒަރު އޭނަގެ އަތަށް ހުއްޓުމުންނެވެ. އޭނަ އަވަހަށް އެ އަތުން ދޫކޮށްލި އެވެ. އެވަގުތު އައިވަން ބަލައިލިގޮތުން އޭނަގެ ނޭވާ ހީވީ އެތެރެހަށީގައި ތާށިވި ހެންނެވެ. އެ މޫނުން ފެނުނީ، ބޮޑު ކުށެއް ކުރެވުމުން، ފެންނާނޭ ފަދަ އަސަރު ތަކެކެވެ. އައިވަންގެ ކައިރިކޮށްލެވިފައިވާ ކަޅުކަންގަދަ ދެބުމަ ފެނުމުން، އަނަމްގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. އިންޒާރުގެ އެ ބެލުމުން ނަގަންވީ މާނައެއް ނޭނގި، މުޅި މީހާ ގަނޑުވެއްޖެ އެވެ.
"ކިހިނެއްވީ؟..." އައިވަން ކުއްލިއަކަށް އަނަމް އާއި ދިމާއަށް ގުދުވެލި އެވެ.
"ކަ... ކަމެއް.. ނު...ވޭ..." އަނަމްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.
"ކަމެއް ނުވަންޏާ ކީއްވެ އަތުގަ ހިފޭއްޓީ؟..." ކުރިއަށްވުރެ ބޮޑަށް ކައިރިވެލަމުން އައިވަން ސުވާލު ކުރި އެވެ.
އަނަމްއަށް ކުރެވުނުހާވެސް ކަމަކީ ބޯ ހޫރައިލުމެވެ. އެ ގާތްކަމުން އޭނަގެ ހިތް ހީވަނީ ބޭރަށް ފުންމައިލަން އުޅޭހެންނެވެ. އައިވަން ގަސްދުގައި އޭނަ ތަޅުވަނީ އެވެ.
ދެމީހުންގެ ހޫނު ނޭވާ އިހުސާސް ކުރެވޭހައި ގާތަށް ގޮސްފައި އައިވަން މަޑުޖެހިލި އެވެ. ގަސްދުގައި އަނަމް ތަޅުވައިލަން އުޅުނު ނަމަވެސް، ހުރިހާ ބާރެއް ކުރަމުން ދިޔައީ އޭނަގެ ހިތަށެވެ. އެ ގާތްކަމުން، ހިތުގައި އުތުރި އަރަމުންދިޔަ ޖަޒުބާތުތަކުގެ ސަބަބުން، ނަފުޞު އޮޔާލައި ހިނގައިދާނެ ކަމުގެ ބިރު އުފެދުނެވެ.
އަނަމް އޮތީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ. ދެ ތުންފަތް ފިތާލައިގެން އޮތްއިރު، މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމު ކަމެވެ. އައިވަންގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އެހާ ކެރިގެން އުޅެފައި ކަމަކާއި ލައްވައިލުމުން، އަނަމް އެވީ ބޮޑު ފިނޑިއަކަށް ތާއެވެ.
"ދެން އަހަރެން ގައިގަ އަތްނުލައްޗޭ... އެކަހަލަ ކަމެއް ކޮށްފިއްޔާ ދެނެއް މަޑަކުން ނުހުންނާނަން..." އައިވަން ބުނެލީ، އަނަމްގެ ކަންފަތް ކައިރީގައި ސިއްރުންނެވެ.
އިންޒާރުގެ އެ ޖުމުލަތައް އަނަމްގެ ކަންފަތް ކައިރީގައި ތަކުރާރު ވެގެން ދިޔަ އެވެ. ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އައިވަން ތެދުވި އެވެ. ފަސްއެނބުރި އަނަމްއަށް ބަލައިލިއިރު، ގުޑިލަންވެސް ނޭނގިފައި އަނަމް އޮތެވެ.
އައިވަން ނުކުމެ ދޮރު ލައްޕައިލުމުން، އަނަމް މަޑުމަޑުން ލޯ ހުޅުވައިލި އެވެ. ހިތް ތެޅޭވަރުން، މޭގައި އަތް ޖައްސައިލެވުނެވެ. އައިވަން އެކުރި ކަމަކުން، އޭނަ މޮޔަވާން ކައިރިވެއްޖެ އެވެ. ބިރުން ދެން އޭނަ ފެންނަ ހިސާބަށްވެސް ދާން ނުކެރޭނެއޭ ހިތަށް އެރި އެވެ.
ކޮޓަރިން ނުކުތް ގޮތަށް އައިވަންއަށް ދޮރުގައި ލެނގިލެވުނެވެ. ދެލޯ މަރައިލަމުން އޭނަ ދޫކޮށްލީ ފުން ނޭވާ އެކެވެ. އޭރުވެސް އޭނަގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެ އެވެ. އެކި ޚިޔާލުތަކުން، ތުންފަތުގައިވި ލުއި ހިނިތުންވުން ފުންވެގެން ދިޔަ އެވެ. ކުރިމަތީގައި ހުދާ ހުރިކަން އޭނައަށް އެނގުނީ ކުރިއަށް ހިނގައިގަންނަން އުޅުނު ވަގުތު އެވެ. އެއްފަހަރު އަނަމްގެ ކޮޓަރިއަށް އަނެއްފަހަރު އައިވަންއަށް ބަލައިލާފައި ހުދާ އިސްޖަހާލައިފި އެވެ. އައިވަން ވެސް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލި އެވެ. އޭނަ އުޅުނީ ކޮޓަރިއަށް ވަންނާށެވެ.
"ރާވިން..." ހުދާގެ އަޑަށް އައިވަންގެ ފިޔަވަޅުތައް ހުއްޓުނެވެ.
އައިވަން ފަސްއެނބުރި ބަލައިލިއިރު، ހުދާގެ މޫނުމަތި ވަނީ މިލައިގެން ގޮސްފަ އެވެ. ހުރިހާ ވާހަކައެއް ބަދަލު ކުރެވުނީ ދެމީހުންގެ ނަޒަރުންނެވެ. ހުދާ ދެފަރާތަށް ބޯ ހޫރާލިގޮތުން، ރާވިންއަށް ވީގޮތް އައިވަންއަށް އެނގިއްޖެ އެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ތިރިއަށް ފޭބި އެވެ. އޭރު ފައްޔާޒާއި އަޒާންވެސް ބޭރަށް ނުކުތުމަށް ތައްޔާރުވެލައިގެން އެދިމާއަށް އާދެ އެވެ. އައިވަން ފެނުމުން އަޒާން އޭނަގެ އަތުގައި އޮތް އައިވަންގެ ފުލުސް ކާޑު ދިއްކޮށްލި އެވެ.
އެންމެން އެރުމާއިއެކު ފައްޔާޒު ކާރު ދުއްވައިލި އެވެ. ނުތަނަވަސްވެފައިވާތީ، އެކަކުވެސް ވާހަކައެއް ނުދައްކަ އެވެ. މަންޒިލާއި ހަމައަށް ދެވެންދެން ވެސް އެންމެން ތިބީ ހިމޭނުންނެވެ. އައިވަން ކާރުން ފޭބިއިރު، ދެ ފުލުހަކު އެމީހުންގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. އައިވަން އޭނަގެ ފުލުސްކާޑު ދައްކައިލުމުން، އެތެރެއަށް ވަނުމަށް އެދުނެވެ.
އެމީހުން ގޮސް ވަނީ، ބަންދުވެފައިވާ ކަހަލަ ތަނަކަށެވެ. ހުދު ޔުނީފޯމުގައި ތިބި ދެ މީހަކު އެތަނުގައި އުޅުނެވެ. ތަނުގައި ބަހައްޓާފައިވާ އެނދުތަކުގެ ތެރެއިން އެނދެއްގައި މީހަކު އޮތެވެ. މުޅި ހަށިގަނޑު އޮތީ، ހުދުފޮތި އަޅައި، ނިވާކޮށްފަ އެވެ. އެތެރެއަށް ވަން މީހުން ފެނުމާއިއެކު، އެތަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މީހާ އެމީހުންގެ ކައިރިއަށް ދިޔަ އެވެ.
"އެތެރެއަށް ވަންނަވާ..." އެމީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.
އެންމެން ގޮސް ހުއްޓިލީ އެނދުގައި އޮތް މީހާގެ ކައިރީގަ އެވެ. އެމީހާގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ކަނދުރާ އާއި ހަމައަށް ތިރިކޮށްލުމާއިއެކު، އަޒާންއަށާއި ފައްޔާޒަށް މޫނު އަނބުރައިލެވުނީ އަނެއް ފަރާތަށެވެ. މުޅި މޫނު ވަނީ ސިފަ ވަކިކުރަން ނޭނގޭ ވަރަށް ޒަޚަމުކޮށްލާފަ އެވެ. ގިނައިރު ވުމުގެ ސަބަބުން، އެތަނުން އައިސްފައިވާ ލޭތައް ވަނީ ކަޅުވެފަ އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން، އެނގިފައިވަނީ މީ ދިވެއްސެއް ކަން..." ފުލުސްމީހާ ކުރިއަށް ޖެހިލާފައި ވާހަކަ ދެއްކި އެވެ. "އެހެންވެ އަޅުގަނޑުމެން މިކަން ރާއްޖެ ފުލުހުންގެ ސަމާލުކަމަށް މިގެނައީ..."
"ވިކްޓިމްގެ އެއްވެސް ޑޮކިޔުމެންޓެއް އެބަ އޮތްތޯ؟..." އައިވަން ސުވާލު ކުރި އެވެ.
"ލައްބަ..." ފުލުސްމީހާ ޖަވާބު ދިނެވެ.
އޭނަ އަތުގެ އިޝާރާތުން ކައިރީގައި ހުރި މީހާއަށް އެންގީ އެއެއްޗެހި ގެނެސްދިނުމަށެވެ. އެމީހާ ދިޔަތާ ގިނަ އިރުތަކެއްނުވެ، އެނބުރި އައީ ތަބަކެއް ހިފައިގެންނެވެ. އޭގައި އޮތީ އަންނައުނު ތަކަކާއި، ވޮލެޓެއްގެ އިތުރުން ފޯނަކާއި ތަޅުދަނޑި އެކެވެ. ހުރިހާ އެއްޗެހި ވެސް އޮތީ ކޮތަޅަށްލައި ބަންދުކޮށްފަ އެވެ.
ހަށިގަނޑު ބެލުމަށްފަހު އައިވަންމެން އެތަނުން ނުކުތެވެ. އަޒާން ދުވެފައި ފާޚާނާއަށް ވަންގޮތަށް ހޮޑުލާން ފެށި އެވެ. އެތަން ފެނި، ހުދާ ދެފަރާތަށް ބޯ ހޫރާލި އެވެ.
އައިވަން އިނީ ހުރިހާ އެއްޗެއް މޭޒުމައްޗަށް އޮއްސާލައިގެންނެވެ. ކައިރީގައި އިންޑިޔާ ދެ ފުލުހަކު ތިއްބެވެ. އައިވަން އޭނާގެ ދެއަތަށް އަންގި ލެއްވުމަށްފަހު، ފަހަރަކު އެއްޗެއް ބަލަމުން ދިޔަ އެވެ. އެ އަންނައުނުތަކަކީ، ރާވިން އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރި އެއްޗެހި ކަން އޭނައަށް ޔަޤީނެވެ. ވޮލެޓު ހުޅުވައިލުމުން، އޭނަގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ، ރާވިންގެ ޕާސްޕޯޓު ސައިޒުގެ ތަސްވީރެވެ. އެ ވޮލެޓުގައި ރާވިންގެ އައިޑީ ކާޑުގެ އިތުރުން، ލައިސަންސް ކާޑުވެސް އޮތެވެ.
"ޝިޓް... ޝިޓް..." އައިވަން އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލި އެވެ.
އެ ހަށިގަނޑަކީ ރާވިންގެ ހަށިގަނޑުތޯ ޔަގީން ކުރަން އިތުރަށް ބޭނުންވާނީ ދެން ކޮން ހެއްކެއް ހެއްޔެވެ؟ ކާކު ކަން ނޭނގޭ ވަރަށް މޫނުމަތި ޒަޚަމުކޮށްލާފައި ވިޔަސް، އެއީ ރާވިންކަން އެނގޭ ވަރަށް ހެކި ލިބިފައި އެބަ އޮތެވެ. އައިވަންގެ ހިއްވަރު އެލުނެވެ. އޭނަގ އެންމެ ފަހުގެ އުއްމީދުވެސް އެ ގެއްލުނީ އެވެ. ހުރިހާ ޙަޤީޤަތެއް ކިޔައިދޭން ހުރި މީހަކީ ރާވިން އެވެ. އެކަމަކު މިހާރު އެކަން ވެސް ވާކަށް ނެތެވެ.
"ސަސްޕެކްޓް ކުރެވޭ މީހަކު އެބަހުރި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ... އެއީވެސް ދިވެއްސެއް..." ފުލުސްމީހާ ދެން ހާމަކޮށްލި ޙަޤީޤަތަކުން އައިވަންގެ ކައިރިވެފައިވާ ދެބުމަ ދުރުވެގެން ދިޔަ އެވެ. ގެއްލުނު އުއްމީދު އާވިިކަމުގެ އިހުސާސް ކުރެވުނެވެ.
********
ނިދިފައި އޮތް ޝާކިރަށް ހޭލެވުނީ އޭނަގެ ފޯނު ރިންގްވާން ފެށި އަޑަށެވެ. ރޭގެ ބޮޑުބައި ނުނިދާ އުޅުމުގެ ސަބަބުން، އޭނަގެ ދެލޮލަށް ވަނީ ބަރުވެފަ އެވެ. ހޭލެވުނެއް ކަމަކު، ތެދުވާކަށް ބޭނުމެއް ނުވި އެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލުމަށްފަހު، ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އެވެ.
"ކީކޭ؟... ރާވިންއޭ؟..." ޝާކިރު ފުންމައިގެން ތެދުވި އެވެ.
"މަރާލިއްޔޭ؟... ކާކު؟... ކީއްވެ؟...." ޝާކިރުގެ މޫނުމަތިން ފެނުނީ ސިހުމެވެ.
ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ އާނއެކޭ ބުނެލި އަޑު އިވުނެވެ. ރާވިން ފެނުނުއިރު ކަންތައް ވީގޮތާއި، ހަށިގަނޑު އޮތް ގޮތް އެމީހާ ވަރަށް ތަފުޞީލުކޮށް ކިޔައިދިނެވެ. އެއްޗެއް ނުބުނެ ގަބުވެފައި ޝާކިރު އިރުކޮޅަކު ހުއްޓެވެ. އޭރު އޭނަގެ ދެލޯ ފެންކަޅިވަމުން ދިޔަ އެވެ.
"ޔަގީންތަ ހަމަ ރާވިން ކަން؟..." ޝާކިރަށް ޤަބޫލުކުރަން ދަތި ވިއެވެ.
"ދެން އަހަރެންގެ ދަރިފުޅު އަަނަމް ކޮބާ؟..." ޝާކިރަށް ބުނެވުނީ އެހިސާބަށެވެ.
ފެނުނީ ހަމައެކަނި ރާވިންގެ ހަށިގަނޑު ކަމުގައި، ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނެލި އެވެ.
"އެކަމަކު، ކާކު އެވަރުގެ ކަމެއް ކުރާނީ؟... އަހަންނަކަށް ޤަބޫލެއް ނުކުރެވޭ... ރަނގަޅަށް ބަލާ... ތިވާނީ އެހެން މީހަކަށް..." ޝާކިރުގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. "މާދަމާ އިރު އޮއްސެން ވާއިރަށް އަހަރެންގެ ދަރިފުޅު ހުރި ޙާލެއް ބަލާފަ ނާންގައިފިއްޔާ ކަލޭމެން އެންމެން ވަޒީފާއިން ވަކި ކުރާނަން..."
ފޯނު ބޭއްވިގޮތަށް ޝާކިރަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔަ އެވެ. އޭނަގެ މެޔަށް ދިލަ ތަދެއް ވަނީ އެވެ. އެކި ހަނދާންތަކުން ސިކުނޑި ސުމަކަށް ދަނީ އެވެ. އެވަރުގެ ކަމެއް ކުރާނީ ކާކު ހެއްޔެވެ؟ ރޭގައި ކަންތައް ދިމާވިގޮތުން ނުބައެއް އުޅޭކަން އޭނައަށް ޔަޤީނެވެ.
ތުރުތުރުލަމުންދިޔަ އަތަކުން ޝާކިރު އޭނާގެ ވޮލެޓު ހުޅުވައިލި އެވެ. އޭގައިވާ އަނަމްގެ ތަސްވީރުގެ ފަހަތުގައި އިތުރު ތަސްވީރެއް އޮތެވެ. އެއީ ކުޑަ ފިރެހެން ކުއްޖެއްގެ ތަސްވީރެކެވެ.
"ރާވިން!... ދަރިފުޅާ!..." ޝާކިރުގެ ދެ ތުންފަތް ފޫދުއްވާލާފައި ނުކުތް ލަފުޒުތަކުގެ އަޑު ކަންފަތުގައި ޖެހުމުން، އޭނައަށް ދެލޯ މަރާލެވިއްޖެ އެވެ.
(ނުނިމޭ)