"އާނާ!..." އައިވަން ދެން ގޮވައިލި ނަމަކުން، އަނަމް ސިހިފައި ދެލޯ ހުޅުވައިލި އެވެ.

********

ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވި މަދު ވަގުތުކޮޅުގެ ތެރޭގައި އެތައް ވާހަކަތަކެއް ބުނެދިނެވެ. މާޒީގެ ހަނދާންތައް ދެމީހުންގެ އިހުސާސްތަކާއި ކުޅެލައިފި އެވެ. ޖަޒުބާތުތައް ފޮރުވުމަށް އައިވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ދެލޯ ފުރުނު ކަރުނަތައް ހިފަހައްޓާނޭ ހިއްވަރެއް ނުލިބުނެވެ.

********

ހެނދުނު ވެހެންފެށި ވާރޭ ތުނިކޮށްލީ މެންދުރުވީ ފަހުންނެވެ. އިސްކޫލު ނިމުނުގޮތަށް ކުޑަކުޑަ އަނަމް ހުރީ ގޭޓު ކައިރީގަ އެވެ. އޭނަ ބަލައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެންނެވެ. ތުނިކޮށް ވެހެމުންދިޔަ ވާރެއިން އިސާހިތަކު އޭނަ ލައިގެން ހުރި ޔުނީފޯމު ތެންމަން ފެށި އެވެ.

"ކުޑައެއް ދެންތަ؟..." އަަނަމް ސިހުނީ ކުޑަ ފިރެހެން ކުއްޖެއްގެ އަޑުންނެވެ.

އޭނަ ބަލައިލިއިރު، ވަރަށް ހިނި އައިސްފައި ހުރި ކުއްޖަކު ކުޑައެއް ދިއްކޮށްލައިގެން ހުއްޓެވެ. އަނަމްއަށް ބަލައިލެވުނީ އެކުއްޖާގެ ފައިން ފެށިގެން މޫނާއި ހަމައަށެވެ. ހިރަފުހާއި ފެނުގެ ސަބަބުން އެކުއްޖާ އަރައިގެން ހުރި ބޫޓު ވަނީ ކިސަޑު ކުލައިގަ އެވެ. ލައިގެން ހުރި ޔުނީފޯމު ބަލެވެ. ބޮލުގެ އިސްތަށިގަނޑުގައި ތަރުތީބެއް ނެތެވެ. އަނަމް ދެފަރާތަށް ބޯ ހޫރާލަމުން އެ ކުއްޖާ އާއި ދުރަށް ޖެހިލި އެވެ.

އަނަމް ކަންތައް ކުރިގޮތުން ދެރަވި ނަަމަވެސް، ކުޑަކުޑަ އައިވަން އެކަން ނުދައްކައިވޭތޯ މަސައްކަތް ކުރި އެވެ.

"ދަނީ..." ދިޔުމުގެ ކުރިން އައިވަން ބުނެލި އެވެ.

އަނަމް އެ އަޑު އިވުނު ކަމަށް ވެސް ހަދައި ނުލި އެވެ. އޭނަ އެ ހުރި ގޮތަށް ހުއްޓައި، އައިވަން ގޮސް އޭނަގެ ލޯމަތިން ގެއްލިއްޖެ އެވެ.

"ކޮއްކޯ!... އެކަނި ކީއްކުރަނީ؟..." އިވުނީ ފިރެހެނެއްގެ އަޑެވެ.

އަނަމް ބަލައިލިއިރު، އޭނަގެ ބައްޕަމެން އުމުރުގެ މީހަކު ކުޑައެއް އަޅައިގެން ހުއްޓެވެ. ކައިރީގައި އެ އުމުރުގެ އިތުރު މީހަކުވެސް ހުއްޓެވެ.

"މީހަކު ނާންނަނީތަ؟... އާދޭ ބޭބެ މެންނާ އެކީ ދާން... މަންމަ އެއީ ބޭބެގެ ރައްޓެއްސެކޭ... އެ އޮތީ ބޭބެގެ ކާރު..." ތަންކޮޅެއް ދުރުގައި އޮތް ކާރެއް ދައްކައިލަމުން އެމީހާ ބުންޏެވެ.

އަނަމްގެ ކުޑަކުޑަ ސިކުނޑިއަށް އެއީ ކިހާ ވަރެއްގެ ކަމެއް ކަން ނަގައެއް ނުގަނެވުނެވެ. އެމީހުންނާއި އެކު ހިނގައިގަތްއިރު އެ ތުންފަތް މަތީގައިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

ކާރަށް އެރުމުގެ ބަދަލުގައި އެމީހުން އަނަމްގެ އަނގަމަތީގައި އަތް އަޅައި އުފުލައިލީ އެވެ. ނުބައެއް އުޅޭކަން އެ ކުޑަ ސިކުނޑިއަށް ވިސްނުނީ ދެނެވެ. ތެޅިގަނެފައި އެމީހާގެ އަތްދަށުން ވީއްލިގެންފި އެވެ. މަގުތަކުގައި ހެދިފައިވާ ކިސަޑުތަކުގެ ތެރެއިން ދުވެފައި ދިޔަ އަނަމް ސަލާމަތަށް އެދި ރޮއެ އާދޭސް ކުރަން ފެށި އެވެ. ފަސްއެނބުރި ބަލަމުން ދުވެފައި ދިޔައިރު، ފަހަތުން އެ ދެ ފިރެހެނުން ވެސް ދުވެފައި ދިޔަ އެވެ.

"އާނާ!..." އިވުނީ އައިވަންގެ އަޑެވެ.

އަނަމް ހުއްޓުނެވެ. އޭރުވެސް އެ ހަށިގަނޑު ތުރުތުރު އަޅަ އެވެ. ޚާއްސަކޮށް ދެފައިގައި ކޮޅަށް ހުންނާނޭ ވަރު ނެތް ކަހަލަ އެވެ. ލައިގެން ހުރި ހުދު ޔުނީފޯމު ވަނީ ކިސަޑުން ފޯވެފަ އެވެ. މުޅި މޫނާއި އިސްތަށިގަނޑުގައިވެސް ވީ ކިސަޑެވެ. ރޮއެރޮއެ އަނަމްގެ ދެލޯ ވަނީ ދުޅަވެ، ރަތްވެފަ އެވެ.

"ހާސްނުވޭ... އެމީހުން އެހެން ދިމާއަކަށް ފައްސާލައިފިން..." އައިވަން އަނެއްކާވެސް ބުނެލި އެވެ.

ކުޑަކުޑަ އަނަމް ފަސްއެނބުރި ބަލައިލީ ދެނެވެ. ކުރިމަތީގައި ހުރީ ކުރިން އޭނަ އާއި ވާހަކަ ދެއްކި ފިރެހެން ކުއްޖާ ކަން އެނގުމުން، އެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ.

"އަހަރެންގެ ގެ އެހެރީ މިތާ ކައިރީ... އަވަހަށް އާދޭ..." އަނަމްގެ އަތުގައި ހިފައި ދުއްވައިގަންނަމުން އެކުއްޖާ ބުންޏެވެ.

ގެއަށް ވަދެވުނު ގޮތަށް އައިވަން ގޮވައިލީ އޭނަގެ މަންމަ އަށެވެ. ޝިފާނާ ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުތެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ އެ ގޭގެ އެކި ތަންތަނަށް ބަލަން އަނަމް ހުއްޓެވެ.

"މީ ކޮން ކުއްޖެއް ދަރިފުޅާ؟..." ޝިފާނާ ސުވާލު ކުރީ އޯގާތެރި ރާގަކަށެވެ.

އައިވަން ވީގޮތް ކިޔައިދިނެވެ. އަނަމް ސަލާމަތްވީ ކިރިޔާ ކަމުގައި ބުނުމުން، ޝިފާނާގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. އަނަމް ގެންގޮސް މެޔާލައި ބޮނޑިކޮށްލިއިރު، އެ ދެލޯ ކަރުނުން ފުރުނެވެ. އަަނަމް ފެންވަރައިގެން ނުކުންނަންދެން ޝިފާނާ ކޮޓަރީގައި އިނެވެ. ލާނެ އަންނައުނާއި، ރީތިވާ ސާމާނު ދިނީވެސް އޭނަ އެވެ.

އަނަމް ތައްޔާރުވެލައިގެން ނުކުތްއިރު، ޝިފާނާ ބަދިގެ ތެރޭގައި އުޅެ އެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން އައިވަން އުޅުނެެވެ. އަނަމް ފެނުމުން، ދެއަތުގައި ބަނޑިބަނޑި ލައްވަމުން، ދުވެލާފައި އައެވެ.

"އަަހަރެން މީ ސުޕަމޭން..." ދަބަހުގެ ބޭރުގައި ކުރަހާފައިވާ ކާޓޫން ދައްކައިލަމުން އައިވަން ބުންޏެވެ.

އަނަމް ހިނިތުންވެލި އެވެ. އައިވަން ވެސް ހިނިތުންވެލި އެވެ. ދެމީހުންގެ ގާތް އެކުވެރިކަން ފެށުނީ އެދުވަހުގެ ފަހުންނެވެ. ކޮންމެ ދުވަހަކު އިސްކޫލުން ނިމިގެން ގެއަށް އަންނަ މަގުމަތީގައި އަައިވަންގެ ގޭގައި އޭނަ ވަގުތުކޮޅެއް ހޭދަ ކުރެ އެވެ.

********

"ސްޕަމޭން؟..." އަނަމްގެ ދެލޯ ކަރުނުން ފުރޭކަށް ގިނައިރެއް ނުނެގި އެވެ.

"ކީކޭ؟..." އައިވަން އުޅުނީ އޮޅުވައިލާށެވެ.

އަނަމް ދެފަރާތަށް ބޯ ހޫރާލި އެވެ. އޭނައަށް މިއަދު އައިވަން ފެންނަމުން ދިޔައީ ކުޑައިރު އައިވަން ހުރި ސިފައިގަ އެވެ. އެ ހުރިހާ ދުވަހު ކުރިމަތީގައި އުޅުނުއިރު، އެ ސޫރަ އޭނައަށް ނޭނގުނީ ކީއްވެއް ހެއްޔެވެ؟

"ކީއްވެ ނުބުނީ؟..." އަނަމްއަށް އެހުނީ ޝަކުވާގެ ރާގަކަށެވެ.

"މީ އަނަމްގެ އެއްޗެއްތަ؟..." އަތުގައި އޮތް ރުމާ ދައްކައިލަމުން އައިވަން ބުންޏެވެ. "މީގަ އާނާ ޖަހާފަ އިނީމައޭ އެހެން މިބުނީ..."

އައިވަން އުޅުނީ މައުޟޫޢު ބަދަލުކޮށްލާށެވެ. އެވާހަކަ އޮޅުވައިލަން އޭނަ މަސައްކަތް ކުރީ، ޙާލަތުގެ ގޮތުންނެވެ. އަނަމްއަށް އޭނަ އަކީ ކާކު ކަން އެނގިއްޖެނަމަ، ކުރަން އުޅޭ މަސައްކަތަށް ހުރަސް އެޅިދާނެތީ އެވެ. އަނަމް ކުއްލިއަކަށް ބައްދައިލުމުން، އޭނަ ސިހޭގޮތް ވިއެވެ. ގުޑިލަންވެސް ނޭނގި ދެއަތް ނެގި ގޮތަށް ގަބުވެފައި އޭނަ އިނެވެ.

"އަހަރެން ހީކުރީ، އަހަރެން ހީކުރީ..." އަނަމްއަކަށް ވާހަކައެއް ނުދެއްކުނެވެ.

އޭނަ ފެށީ ރޯށެވެ. އެތައް ދުވަހަކަށްފަހު ކުޑައިރުގެ ގާތް އެކުވެރިޔާ އާއި ބައްދަލުވުމުން، ޖަޒުބާތުގައި ޖެހުނީ މާ ވަރަކަށެވެ.

********

"އެއީ ކޮން ބައެއް؟..." ޝާކިރު ހަޅޭއްލަވައިގަތެވެ.

ކުރިމަތީގައި އިސްޖަހައިގެން ތިބި، ހަތަރު ފިރެހެނުންނާއި ދިމާއަށް އޭނަ ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ. ރުޅި އައިސްގެން ގޮސް، ޝާކިރުގެ މުޅި ނަފުޞު ވަނީ ހަމައިން ނައްޓާފަ އެވެ.

"ނޭނގެ ސަރ... ސޮރީ!..." އެތަނުން އެކަކު ވާހަކަ ދައްކަން ފެށި އެވެ.

"ނޭނގެޔޭ؟..." ޝާކިރު ފެށީ ހޭށެވެ.

"ކީއްވެ ނޭނގެންވީ؟... ކަލޭމެންނަށް ނޭނގުނިއްޔާ ދެން ކާކަށް އެނގޭނީ؟..." ޝާކިރުގެ ލޭ އިތުރަށް ހޫނުވާ ގޮތްވިއެވެ.

"އަޅުގަނޑުމެން ދިޔައިރު، އެމީހުން ސިޓީއުރަ ހިފައިގެން ގޮއްސި..." އެތަނުން އެކަކު ބުންޏެވެ.

"އެމީހުން ސިޓީއުރަ ހިފައިގެން ދިޔައިރު، ކަލޭމެންނަށް ކުރެވުނީ ކީއްހޭ؟... އޭނ؟... އަހަރެންގެ ވަޒީފާ ޙައްޤުކަމަަށް ކަލޭމެން ޤަބޫލު ކުރަންތަ؟..." ޝާކިރު އެދިޔަ ބާރުމިނުގައި ގޮސް އެތަނުން އެކަކު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ.

ކަރުގައި ރިއްސާ ވަރަށް ޝާކިރު ހަޅޭއްލެވި އެވެ. އެކަކުވެސް އިތުރަށް އެންމެ ބަހެއް ވެސް ނުބުންޏެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ހުރިހާ ކަމެއް އެ ވަނީ ޝާކިރާއި ދެކޮޅަށެވެ. ސަލާމަތްވުމަށް ދެން އޭނައަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

********

"އަހަރެން ހިއެއް ނުކުރަން ދުވަހަކުވެސް އަލުން ބައްދަލު ވެދާނެ ކަމަކަށް... ސުޕަމޭން!... އަހަރެން މިއަދު ބޭނުން ވަނީ މާފަށް އެދެން... ސޮރީ.... ވަރަށް ބޮޑަށް ސޮރީ..." އަނަމް ދެރަވެލާފައި ބުންޏެވެ.

"އަނަމް މާފަށް އެދެނީ، ކޮން ކަމަކަށް..." އައިވަން އަހައިލި އެވެ.

"ޝިފާނައްތަ ނިޔާވި ދުވަހު، ސުޕަމޭންގެ ކައިރިއަށް ދާން އަހަރެން ވަރަށް މަސައްކަތް ކުރިން... އެކަމަކު، އެދުވަހު... އެ ދުވަހު ކަންތައް ދިމާވީ، އަހަރެން ކުޑަކޮށް ވެސް ހީކުރި ގޮތަކަށް ނޫން... އެ ދުވަހު ކުއްލި ގޮތަކަށް މާމަ ނިޔާވީ... ހަމަ ރަނގަޅަށް ހުރެފަ ނިޔާވީ..." އަނަމް ކިޔައިދިނެވެ. "ވަރަށް ވަރަށް ދެރަވި ދުވަހެއް އެއީ... ގަބޫލެއްވެސް ނުކުރެވުނު މާމަ ނިޔާވެދާނެ ކަމަކަށް... އޭގެ ފަހުން، އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ..."

"ސުޕަމޭން ކީއްވެތަ ކުރިން ނުބުނީ؟... ކޮން އިރަކު އަހަންނަކީ ކާކު ކަން އެނގުނީ؟... ރުމާ ފެނުނީމަތަ؟..." އަނަމް އަހައިލީ ޝައުޤުވެރިވެފަ އެވެ.

އައިވަން ބޯ ހޫރާލި އެވެ. އޭނަ އަތުގެ އިޝާރާތުން ދައްކައިލީ އަނަމްގެ ބުރަކައްޓެވެ. އައިވަން އެބުނީ ބުރަކަށީގައިވާ ނިޝާންތަކުގެ ވާހަކަ ކަން އެނގުމުން، އަނަމްގެ މުޅި މޫނު ލަދުން ރަތްވެގެން ދިޔަ އެވެ. އެ ދުވަހު އައިވަންއަށް އޭނަގެ ހަށިގަނޑު ފެންނާނޭ ކަން އެނގުމުންނެވެ.

(ނުނިމޭ)

ކޮމެންޓް 0