ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް މަޑުކޮށްލީ، އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ސައިކަލުން ފޭބި އައިވަންގެ ނޭވާ ވަނީ އަވަސްވެފަ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ އެތެރެއަށް ވަދެގެން ދިޔައިރު، ވަށައިގެންވި މާހައުލުގައި ހިނގަމުންދިޔަ އެއްވެސް ކަމަކަށް ކުޑަވެސް ޝައުޤުވެރިކަމެއް ނެތެވެ.

********

އަށްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކު އޭނަ ނުކުތެވެ. ތަނުގައި ދިއްލާފައިވާ ކުލަބޮކިތައް ނިވިނިވިފައި ދިއްލެމުން ދިޔަ އެވެ. ޖަހާފައިވާ މިޔުޒިކާއި އެއްވަރަށް ދެޖިންސުގެ މީހުން މައްސުނިވެ ނަށަމުން ދިޔަ އެވެ.

މީހުންތައް ދުރު ކުރަމުން، އެތެރެއަށް ވަން އައިވަންގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރަ އެކެވެ. މާގިނަ އިރަކު ހޯދާކަށް ނުޖެހުނެވެ. އެ ދެލޯ ހޯދަމުންދިޔަ ސޫރަ އެހުރީ އޭނަގެ ކުރިމަތީގަ އެވެ.

އައިވަންގެ ދެލޯ ކަރުނުން ފުރުނެވެ. ފެނުނީ އޭނަގެ ހިތް ހަލާކުވާފަދަ މަންޒަރެކެވެ. ދަތްތަކަށް ބާރުވާން ހިނދުކޮޅެއް ވެސް ނުނަގަ އެވެ. ދެއަތް މުށްކަވައިލިގޮތުން ހީވީ ނިޔަފަތިތައް އަތުގެ ތެރެއަށް ވައްދައިލަން އުޅުނު ހެންނެވެ.

"ސުހާ!..." އައިވަން ހަޅޭއްލަވައިގަތެވެ.

ފިރެހެނެއްގެ ގައިގައި ތަތްވެލައިގެން ހުރި ސުހާ ސިހުނެވެ. އެހާ އަޑުގަދަ މާހައުލެއްގައި ވެސް އައިވަންގެ އަޑު އޭނަގެ ކަންފަތާއި ހަމައަށް ފޯރައިފި އެވެ. ކުރިމަތީގައި ހުރި އައިވަން ފެނުމާއިއެކު، ސުހާ އޭނަގެ ކައިރީގައި ހުރި ފިރެހެން މީހާ ދުރަށް ކޮށްޕައިލި އެވެ.

އައިވަން ދެފަރާތަށް ބޯ ހޫރާލަމަށްފަހު، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެތަނުން ނުކުމެއްޖެ އެވެ.

"އައިވަން އަޑު އަހާބަލަ..." ސުހާ ވާހަކަ ދެއްކީ އައިވަންގެ ފަހަތުން ދުވަމުން ކަަހަލަ ގޮތަކަށެވެ.

އައިވަން އާއި އަރައި ހަމަވެފައި، އޭނަ އެ އަތުގައި ހިފާލައިފި އެވެ. އައިވަން ވަގުތުން އެ އަތް ފޮޅުވައިލި އެވެ.

"ތި އުޅުން ހުއްޓާލާ ދުވަހަކުން ނޫނީ ދެން އަހަންނާ ވާހަކަ ދައްކައިގެން ނުވާނެ.." އައިވަން ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

ސުހާ ގޮވަގޮވައި ހުއްޓައި އޭނަ ސައިކަލަށް އަރައިގެން ނައްޓާލައިފި އެވެ. ސުހާގެ ދެލޯ ފެންކަޅި ވިއެވެ. އޭނަ އެތަނުގައި ހުރިކަން އައިވަންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އައި ހުރިހާ ރުޅިއެއް އޭނައަށް ބޭލުނީ، އަތުގައި އޮތް ފޯނަށެވެ.

********

ރާވިންގެ މަޖާ މިޒާޖުގެ ސަބަބުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނައިނާމެންނާއި އެކުވެރިކަން ބަދަހިކޮށްފި އެވެ. މާގިނައިން ވާހަކަ ނުދެއްކި ނަމަވެސް، ނޫން ކަމަށް ހަދާލާފައި އަނަމް ވެސް ޖެއްސުމަށް އެއްޗެއް ބުނެލަ އެވެ.

ފާރޫޤު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަނަމްމެން ތިބި މޭޒުގެ ކައިރީގައި ހުއްޓުނެވެ. އެ ނަޒަރު ހުއްޓިފައިވީ ރާވިން އަށެވެ. ފާރޫޤު ފެނުމުން ރާވިން ފުންމައިގެން ތެދުވި އެވެ. ދެމީހުންގެ މެދުގައި ބަދަލު ކުރެވުނު ނަޒަރުން އެތައް ވާހަކަތަކެއް ބުނެދިނެވެ. އެއްޗެއް ބުނުމެއްނެތި އެތަނުން ދިޔުމަށް ރާވިން ހިނގައިގަތް ގޮތުންވެސް ދެމީހުންގެ މެދުގައި ވާހަކަތަކެއް ބަދަލު ކުރެވުނުކަން އެނގިގެން ދިޔަ އެވެ. ފާރޫޤު ދިޔުމުން ވާނުވާ ނޭނގިފައި އަނަމް އާއި ނައިނާ އެކަކު އަނެކަކަށް ބަލައިލި އެވެ.

"އެއީ ކާކުތަ؟..." ނައިނާ ސުވާލުކުރީ ފާރޫޤާއި ބެހޭގޮތުންނެވެ.

އަނަމް ދެކޮނޑު އަރުވައިލި އެވެ.

"ރާވިންގެ ބައްޕަ ކަންނޭނގެ..." ނައިނާ ބުންޏެވެ.

ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އަނަމް އޭނާގެ ދަބަސް ހާވަން ފެށި އެވެ.

"ނާނާ!... ސްކާފް ގެއްލިއްޖެ.." އަނަމް ދެރަވެލާފައި ބުންޏެވެ.

"ސްކާފެއް ގެއްލިގެން ތިހާވަރު ވާންޖެހޭތަ؟... ތީ އާނީ އޭ... އާ އެއްޗެއް ގަނެލާ... ލާރި އެބަހުއްޓެއްނު..." ނައިނާ ޖަހައިލީ ހިނިގަނޑެކެވެ.

"ފައިސާ އަކީ ހުރިހާ އެއްޗެއް ހެން ނާނާއަށް ހީވަނީތަ؟... ކޮންމެ އެއްޗަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން... ފައިސާއިން ނުގަނެވޭ ކިތަންމެ އެއްޗެއް ހުންނާނެ... އެ ސްކާފަކީ އަހަންނަށް ކިހާ މުހިއްމު އެއްޗެއް ކަން އެނގޭނަމަ ނާނާ ތިހެން ނުބުނީސް..." ކުއްލިއަކަށް ގޮނޑިން ތެދުވަމުން އަނަމް ބުންޏެވެ.

ނައިނާ އިތުރު އެއްޗެއް ބުނުމުގެ ކުރީން އަނަމް އެތަނުން ހިނގައްޖެ އެވެ. އަނަމް އެހާ ހިތްހަމަނުޖެހެންޖެހޭ ސަބަބެއް ނައިނާ އަކަށް ނުވިސްނުނެވެ. އޭނަ ކަންބޮޑުވެގެން އަތުގެ ނިޔަފަތިތައް ކައި ހުސްކުރަން ފެށި އެވެ.

ސަފާރީއިން މާލެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ލޯންޗުގެ ކައްޕި އާއި ވާހަކަ ދައްކައިގެން އަނަމް މާލެ ދިޔައީ ޝާކިރުމެންނަށް ވެސް އަންގައިލުމެއް ނެތި އެވެ. ޖެޓީ އާއި ލޯންޗު ގާތްކޮށްލުމާއިއެކު އެއިން ފުންމާލައިގެން ހިނގައިގަތީ ވަކި މިސްރާބެއް ނެތި އެވެ. އެންމެ އަވަހަށް ފެނުނު ރެސްޓޯރަންޓްގެ ތެރެއަށް އޭނަ ވަނީ އެއީ ކޮންކަހަލަ ތަނެއްތޯ ވެސް ބަލައިނުލަ އެވެ. މީހާގެ މަޝްހޫރު ކަމާއި އެއްވަރަށް މީހުންގެ އުނދަގޫ ކުރިމަތިވާތީ، އަނަމްއަށް ބޭރުތެރޭގައި އުޅެންޖެހެނީ ވަރަށް ވިސްނައިގެންނެވެ.

މީހުން ގިނަ ވަގުތެކެވެ. ޕާޓްޝަން ޖަހައި ބައްދާފައިވާ މޭޒުތަކާއި ދިމާއަށް އަނަމް ހިނގައިގަތީ، މޫނު ފޮރުވަން މަސައްކަތް ކުރަމުންނެވެ. އޭނައަށް ހަމަޖެހުމެއް ލިބުނީ މޭޒު ކައިރީގައި އިށީނދެވުމުންނެވެ.

"އެންމެން ހީކުރަނީތަ ފައިސާ އަކީ ހުރިހާ ކަމެއްގެ ހައްލޭ..." އަނަމް ވާހަކަ ދެއްކީ އޭނަގެ އަމިއްލަ ނަފުސަށެވެ.

ޕާޓްޝަންގެ އަނެއް ފަރާތުގައި އިން އައިވަންއަށް އަނަމްގެ ޖުމްލަތައް ރީތިކޮށް އަޑު އިވުނެވެ. އެ އަންހެން ކުއްޖާ ދައްކަމުންދިޔަ ވާހަކައިން އޭނަގެ ރުޅި އިތުރަށް ގަދަވާގޮތް ވިއެވެ. ދޭތެރެއަކުން އިނދެ މޭޒުގައި ގޮށްމުށުން ޖަހަމުން ދިޔަ އެވެ.

"ދެން ކީއްވެ އެންމެން ފައިސާގެ ފަހަތުން ދުވަނީ؟..." އަނަމް އޭނަގެ ޖުމްލަ ތަކުރާރު ކުރަން ފެށުމުން، އައިވަންއަށް އެއްޗެއް ނުބުނެ ނީނދެވުނެވެ.

އައިވަންއަށް ހީވީ، އަނަމް އޭނައަށް މަލާމާތެއް ކުރަނީ ހެންނެވެ. އައިސްފައިވާ ރުޅީގައި އޭނައަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުވިސްނުނެވެ.

"ވަޓް؟..." އަނަމް ސިހުނެވެ.

އޭނަ ފަސްއެނބުރި ބަލައިލި އެވެ. ފަހަތުން ފެނުނީ ޖަހާފައިވާ ޕާޓްޝަން އެވެ. އަޑު އައީ އޭގެ އަނެއް ފަރާތުން ކަން އެނގުމުން އޭނައަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"އެންމެންވެސް ފައިސާގެ ފަހަތުން ދުވާނެއޭ މިބުނީ..." އައިވަން އޭނާގެ ޖުމްލަ ތަކުރާރު ކުރި އެވެ.

"އެހެންވިއްޔާ ތީ ވެސް އޭގެ މީހެއް..." އަނަމް ހިތްހަމަނުޖެހުނެވެ.

"އެހެން އުޅޭނީ އަންހެނުން..." އައިވަން ދުލެއް ނުކުރި އެވެ.

"ފިރެހެނުން... ފިރެހެނުން... ފިރެހެނުން..." އަނަމް ރުޅިގަދަވެފައި ބުންޏެވެ.

"ކީއްކުރަން އެހެން މީހުން ދައްކާ ވާހަކައިގެ ތެރެއަށް ވަންނަނީ؟..." އަނަމް ނުރުހިފައި ވާހަކަ ދެއްކި އެވެ.

އައިވަންގެ ނޭވާ އަވަސް ވިއެވެ. އޭނަ ކުރިއަށްވުރެ ބާރަށް މޭޒުގައި ޖަހައިލި އެވެ. އެއްފަހަރަކު ނޫނެވެ. ދެތިން ފަހަރު ޖަހައިލުމުން، އަނަމްގެ ބޮލަށް އުނދަގޫވެގެން، ދެކަންފަތުގައި އަތް އަޅައިފި އެވެ. އެންމެފަހުން، އޭނަގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. އެތައް އިރަކު ވިސްނަން އިނދެފައި އޭނަ ކުއްލިއަކަށް ތެދުވި އެވެ. ޕާޓްޝަންގެ އަނެއް ފަރާތަށް ގޮސް، އެތަނުގައި ބަހައްޓާފައިވާ މޭޒުގައި ބާރަށް ޖަހާލައިފި އެވެ.

"މިހާރު ކޮންކަހަލަ އިހުސާސެއް ކުރެވެނީ؟.." އަނަމް ހަޅޭއްލަވައިގަތެވެ.

މޭޒުގެ ކައިރީގައި ހުރި މީހަކަށް އޭނަގެ ނަޒަރު ހުއްޓުނީ ދެނެވެ. އޭނަގެ އަރުތެރޭގައި ޖުމްލައިގެ ބާކީ ބައި ތާށި ވެއްޖެ އެވެ. މޭޒު ކައިރީގައި އިށީންނަން އުޅުނު މުސްކުޅި މީހާ ގޮނޑީގައި އިށީންނަން ގުދުވެލިގޮތަށް ޤަބުވެފައި ހުއްޓެވެ. އެއްއަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުރިއިރު، އެކޮޅުން ފިރެހެނަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔަ އެވެ.

ގަތް ލަދުން އަނަމްއަށް އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅާ ލެވުނެވެ. މިހާރު އެތަނުގައި އެހުރީ ކުރިން އޭނަ އާއި ވާހަކަ ދެއްކި މީހާ ނޫންކަން އެނގުމުން، އޭނަ ލަދުން ހަލާކުނުވީ ކިރިޔާ އެވެ. އަނގަޔަށް ގޮތެއް ހަދާލައިގެން ހުރެ، އޭނަ އެތަނުން ދިޔުމަށް ހިނގައިގަތީ އެމީހާގެ ކައިރިން މަޢާފަށް އެދިފަ އެވެ.

އަނަމްގެ ހަރަކާތްތަކަށް ބަލަން އައިވަން ހުރީ ދުރުގަ އެވެ. އައިސްފައި ހުރި ރުޅިން، އޭނަ ގަސްދުގައި އަނަމްއަށް ލަނޑެއް ދިނީ އެވެ. އެކަމަކު ކަންތައް ވީގޮތް ފެނި އޭނައަށް މަޖާ ވިއެވެ. ވަގުތުން ރުޅި ފިނިވެއްޖެ އެވެ. މިފަހަރު ވެސް އޭނައަށް އެ އަންހެން ކުއްޖާ ފެނުނީ ފުރަގަހުންނެވެ. ހެދުން ފެނުމާއިއެކު އެއީ، އޭނަގެ އަތުގައި އޮތް ސްކާފުގެ ވެރިފަރާތް ކަން އެނގުނެވެ. މޫނު ނުފެނުނު ނަމަވެސް، އެންމެފަހުން އޭނައަށް އެ ކުއްޖާގެ އަޑުވެސް އިވުނީ އެވެ.

އަނަމްގެ ކައިރިއަށް ދިޔުމަށް އައިވަން ހިނގައިގަތްތަނައި ވޭޓަރަކު ގޮވާލި އަޑު އިވުނެވެ. އޭނަގެ ސަމާލުކަން އެމީހާއަށް ހުއްޓައިލި އެވެ. ބިލެއް ހިފައިގެން ވޭޓަރަކު ހުއްޓެވެ. ބިލު ދައްކާފައި އޭނަ އެނބުރުނުއިރު، އަނަމް ފެންނާކަށް ނެތެވެ.

********

އަނަމް ގެއަށް ދިޔައިރު ގޭތެރެ ހީވަނީ ފަޅު ތަނެއް ހެންނެވެ. ހަފުލާ ނިންމާފައި އެކަކުވެސް އަދި ގެއަށް ނާންނަނީ އެވެ. އޭނަ ގޮސް ސޯފާއަށް ވެއްޓިގަތެވެ. ދެލޯ މަރައިލުމާއިއެކު، ހިތަށް އުނދަގޫ ކުރަން ފެށީ މާޒީގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.

"އާނާ!... އާނާ!..."

އިވުނީ ކުޑަ ފިރެހެން ކުއްޖެއްގެ އަޑެވެ. މަތިން އައި ބޯޅައަކުން ޖެހުނީ އަނަމްގެ ބޮލުގަ އެވެ. ބޯޅައިން ޖެހުނުލެއް ބާރުކަމުން، އޭނަ ވިނަގަނޑުގެ މައްޗަށް ވެއްޓިއްޖެ އެވެ. ބޮލުގައި އަތް ކާއްތައިލަމުން ދެލޯ ހުޅުވައިލި އަނަމްއަށް ފެނުނީ ކުޑަ އަތްތިލަ އެކެވެ. އެކުއްޖާގެ އަތުން އެ މޫނަށް ނަޒަރު ހުއްޓައިލި ނަމަވެސް، މޫނު ފެންނަ ވަރެއް ނުވި އެވެ. އިރުގެ އަލި އެޅިފައިވީ ސީދާ އެކުއްޖާގެ މޫނާއި ދިމާއިންނެވެ.

އަނަމްގެ ޚިޔާލީ ދުނިޔޭގެ ވާފަށް ބުރިބުރިވީ ފޯނު ރިންގްވާން ފެށި އަޑު އިވުމުންނެވެ. ގުޅީ ނައިނާ އެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލައިފި އެވެ.

"އާނީ ސޮރީ..." ނައިނާ ދެރަވެލާފައި ބުންޏެވެ.

އަނަމް ހީކުރީ، ނައިނާ މަޢާފަށް އެދުނީ ކުރިން ވީ ކަންތަކަށް ކަމަށެވެ. އެކަމަކު، ކަންތައްވީ އޭނަ ހީކުރި ގޮތަކަށް ނޫނެވެ. ފޯނުގެ އަނެއްކޮޅުން އިވުނު ރާވިންގެ އަޑާއިއެކު، ކަން ވީގޮތް އޭނައަށް އެނގިއްޖެ އެވެ.

"ނާނާ!..." އަކުރުތަކަށް ދަމައިލަމުން އަނަމްއަށް ބުނެވުނެވެ.

"ކީއްކުރަން ތި ގުޅީ؟..." އަޑަށް ފޫހިކަން ގެނުވަމުން އަނަމް ސުވާލު ކުރި އެވެ.

"އެއްޗެއް ދޭތޯ..." ރާވިންގެ ޖަވާބު އަވަހެވެ.

"ކޯއްޗެއް؟..." ބޯދަށަށް ބާލީހެއް ލައްވައިލަމުން އަނަމް ބުންޏެވެ.

"ތި ކުއްޖާގެ ނަންބަރު..." ރާވިން ބުނެލި އެވެ.

"އެއްވެސް ނަންބަރެއް ނުލިބޭނެ..." އަނަމް ފޯނު ކަނޑައިލި އެވެ.

ކުޑަ އިރުކޮޅެއް ފަހުން، ނުދަންނަ ނަންބަރަކުން ގުޅަން ފެށި އެވެ. އަނަމްގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ގުޅަނީ ރާވިން ކަން އެނގުމުންނެވެ. ހުރެވުނީ ހިނިތުންވެގެން ކަން އެނގުމުން، އޭނަ އަވަސް އަވަހަށް، ކަރު ކެހިލައިފި އެވެ.

********

އާދުވަހަކަށް އިރު އެރިއިރު، ފާރޫޤު ހުރީ ޝާކިރުގެ އޮފީހުގަ އެވެ. ރަސްމީ ގަޑި ޖެހުމުގެ މާ ކުރިން އޭނަ އޮފީހަށް ދިޔައީ ކޮންމެހެން ނިންމަންޖެހޭ މުހިއްމު ކަމެއް ނިންމައިލުމުގެ މަޤުސަދުގަ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނައަށް ހަމަޖައްސާފައިވާ ކެބިންއަށް ވަނެވެ. ތަނަވަސް އެ ކެބިންގެ ތެރެއިން ފެންނަމުން ދިޔައީ، ފައިލު ކުރެވިފައިވާ ލިޔުންތަކެވެ. ޤާނޫނުތަކާއި ޤަވާއިދު ފޮތްތަކެވެ.

މޭޒުމަތީގައި ބަހައްޓާފައިވާ ފޯނުގެ އަތްގަނޑު ނަގައިގެން އިން ފާރޫޤުގެ އިންތިޒާރަށް ނިމުން އައީ އޭނަ ގުޅަން ބޭނުންވި މީހާ ފޯނު ނެގުމުންނެވެ. ފަސްމިނެޓު ތެރޭގައި އޮފީހަށް އައުމަށް އެދިފައި އޭނަ ފޯނު ކަނޑައިލީ އެކޮޅުން ދެއްކި ވާހަކައެއް އަޑު އެހުމެއް ނެތި އެވެ.

ކުރިމަތީގައި އޮތް ފައިލު ނަގައި އެއަށް ބަލައިލި ފާރޫޤުގެ މޫނުމަތިން ފެނުނީ މަޖުބޫރީ އެވެ. ނުތަނަވަސް ކަމުން ހަތަރު ފަރާތް ބެދޭހެން އޭނައަށް ހީވަނީ އެވެ.

ފާރޫޤުގެ އަތުގައި އޮތީ ކޮން ފައިލެއް ހެއްޔެވެ؟ އޭނަ ކަންބޮޑުވާންވީ ކޮން ސަބަަބަކާއި ހުރެ ހެއްޔެވެ؟

ކެބިންގެ ދޮރު ހުޅުވައިލި އަޑު އިވުމުން، ފާރޫޤުގެ ނަޒަރު އެދިމާއަށް ހުއްޓިއްޖެ އެވެ. ދޮރު މަތީގައި ހުރި ރާވިން ފެނި، އެތެރެއަށް ވަދެ ދޮރު ލެއްޕުމަށް އޭނަ އެދުނެވެ.

ރާވިން ގޮސް ގޮނޑީގައި އިށީނީ ފަރުވާކުޑަ ގޮތަކަށެވެ. އޭނަގެ ނަޒަރު ފާރޫޤުގެ އަތުގައި އޮތް ފައިލުން އެ މޫނަށް ހުއްޓިއްޖެ އެވެ.

"މިފަހަރު ކޮން ކަމެއް؟..." ރާވިންގެ އަޑުގައި ކުރިން ހުންނަ ޝައުޤުވެރިކަމެއް ނެތެވެ.

(ނުނިމޭ)

ކޮމެންޓް 0