ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލައިފި އެވެ. އިމާރާތެއްގެ ބިއްލޫރިތައް ކުދިކުދިވެގެން މުޅި ހިސާބަށް ބުރައިގެން ދިޔަ އެވެ. ވާރޭގެ ތިކިތަކާއި އެކުވެގެން ދެމުނު ލޭގެ ކޯރު އައިސް ނިމުނީ، މަގުމަތީގައި ހުރި ފިރެހެން ކުއްޖާ އަރައިގެން ހުރި ބޫޓާއި ހަމައިންނެވެ. ލޭކޯރުގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އެކުއްޖާއަށް ހުއްޓެން މަޖުބޫރު ވެއްޖެ އެވެ. ބިންމަތީގައި އެއޮތީ ޒަޚަމްވެފައި އޮތް މީހެކެވެ. ހަރަކާތް ކެނޑިފައިވާ އެ ހަށިގަނޑު އޮތީ ލެއިން ކަޅިވެފަ އެވެ.

ސަނީސައިޑް ގޭގެ ތަނަވަސް ކޮޓަރި ހީވަނީ ދިރޭ ފުރާނައެއް ނެތް ފަޅު ތަނެއް ހެންނެވެ. މާހައުލުގެ ހަމަހިމޭންކަން ގެއްލިފައިވީ، ކޮޓަރީގައި ހަރުކޮށްފައިވާ އެއާކޯނުގެ އަޑުންނެވެ. ދޮރުގެ ފެންލައިޓުން އެޅިފައިވާ ފަނޑު އަލިކަން ފިޔަވައި އިތުރު އަލިކަމެއް އެތަނުގައި ނުވެ އެވެ.

ކޮޓަރީގެ އެއް ފަރާތު ބިތުގައި ޖައްސާފައިވާ ބޮޑު އެނދު މަތީގައި އޮތީ، ޒުވާން ފިރެހެނެކެވެ. ނިދީގެ ފުން ކަނޑެއްގެ ތެރެއަށް އެ ނަފުޞު ވަނީ ޤަރަޤުވެފަ އެވެ. އުނދަގޫ ގޮތަކަށް ނޭވާލަމުން ދިޔައިރު، ދެލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ދެމިފައި ވިއެވެ. ނިދީގެ އަރާމުކަމުގެ ބަދަލުގައި ވޭނެއް ތަހަންމަލް ކުރަމުންދާކަން ޤައިމެވެ. ޒުވާނާ ލައިގެން އޮތް ޓީޝާޓު ތެމި ފޯވަމުން ދިޔައީ، އޭނާގެ ގައިން އޮހެރެމުންދިޔަ ދަލުންނެވެ.

"އައިވަން!... ދަރިފުޅާ މި ބޮކިވެސް ނުދިއްލަނީތަ؟..."

ކޮޓަރީގެ ހަމަހިމޭންކަން ގެއްލުނީ، ދޮރު ހުޅުވައިލާފައި އެތެރެއަށް ވަން ފާރޫޤުގެ އަޑުންނެވެ. ނިދާފައި އޮތް ޒުވާން ދަރިފުޅުގެ ކައިރިއަށް ގޮސް، އެ މޫނަށް އޭނާ ފުން ނަޒަރެއް ދިނެވެ. ވަރުބަލިކަން ފެންނަމުންދިޔަ އެ މޫނުމަތިން އޭނާއަށް ފެނުނީ އައު އަސަރެއް ނޫނެވެ. އެޙާލުގައި ދަރިފުޅު ވާތަން އޭނަ ދުށް އެއީ ފުރަތަމަ ފަހަރެއް ވެސް ނޫން މެއެވެ. މަޑުމަޑުން އެނދުގައި އިށީނދެފައި ދަރިފުޅުގެ ބޮލުގައި އޭނަ ފިރުމައިލި އެވެ.

"ދަރިފުޅާ!... ކިހާ ދުވަހަކު؟... ކިހާ ދުވަހަކު ތިޔަ ވޭން ތަހަންމަލް ކުރާނަންތަ؟..." ފާރޫޤުގެ ދުލުކުރީގައިވީ ޝަކުވާގެ ޖުމްލަތަކެވެ. ހިތާމަ އާއި ހިތްދަތިކަން އެކުވެގެން ނުކުތް އެ ޖުމްލަ އިވުނީ އޭނާގެ އަމިއްލަ ނަފުސަށެވެ. އެ އަޑު ދަރިފުޅުގެ ކަންފަތާއި ހަމައަށް ފޯރު ކުރުމަކީ އޭނަގެ ގަސްތެއް ނޫނެވެ. ނިދީގެ ތެރޭގައި އޮތް އައިވަން އަށް ބަލަން އިންއިރު، އޭނަގެ ދެލޯ ފެންކަޅިވަމުން ދިޔަ އެވެ.

މާޒީގެ ހިތި ސަފުހާތަކުގެ ތެރޭގައި ފާރޫޤުގެ މުޅި ނަފުޞު ޤައިދުވެ ނުދަނީސް، އައިވަން ދެލޯ ހުޅުވައިލި ތަން ފެނުނެވެ. އަމިއްލަ ނަފުޞު ހަމައަކަށް އަޅުވަމުން، އޭނަ ހިނިތުންވެލައިފި އެވެ.

އައިވަން ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލި އެވެ. ބައްޕަގެ މޫނަށް އޭނަ ބަލައިލީ، ނުތަނަވަސްވެފައި އިނދެ އެވެ. ނިދީގައި އޭނަ ތަހަންމަލް ކުރި ވޭން ބައްޕައަށް އަންގަން އޭނަ ބޭނުމެއް ނުވި އެވެ. އެހެނަސް، ފާރޫޤުގެ މޫނުމަތީގެ އަސަރުތަކުން، ސިއްރު ކުރާނެ އިތުރު ކަމެއް ނެތްކަން އޭނައަށް އެނގިއްޖެ އެވެ.

"ހަގަޑި ބައިވެއްޖެއޭ ދަރިފުޅާ... އަވަހަށް ތެދުވޭ... ބައްޕަ ބުނި ގަޑިއަށް ކޮންމެހެންވެސް ޖެޓީއަށް ނުކުންނާތި..." ހިތުގެ އުދާސްތައް ދަރިފުޅަށް ސިއްރު ކުރަމުން ފާރޫޤު ތެދުވި އެވެ.

އައިވަން އެއްޗެއް ބުނަން އުޅެފައި ވެސް ހުއްޓައިލީ ފާރޫޤު ހިނގައިގަތް ތަން ފެނުމުންނެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން އޭނަގެ ތަބީއަތު ވަނީ މުޅީންހެން ބަދަލުވެފަ އެވެ. ނިދީގެ އަރާމުން އޭނަ މަޚުރޫމުވެފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ. އެހެނަސް ކޮންމެ ހުވަފެނަކަށްފަހު، އެ އުދާސްތަކުގެ ތެރޭގައި އޭނަގެ ޖިސްމު ޤައިދުކޮށްލަނީ، ހީނުކުރާފަދަ ހިތްދަތި ގޮތަކަށެވެ.

********

ހޫރު ޕަރީއެއް ފަދައިން ޖަރީވެލައިގެން އިން އަނަމްގެ އަންހެންވަންތަކަން އިތުރުވެފައިވީ، އޭނާގެ ލޫޅާފަތި ހަށިގަނޑުގައި ހިފާލާފައިވާ ރީތި ހެދުމުގެ ސަބަބުންނެވެ. ފަސްބައި ދިގު އެ ހެދުމުގައި ހަރުކޮށްފައިވާ ކުދި އެސްތަކުން ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވިއެވެ. ރަތް ކުލައިގެ އެ ހެދުން އޭނަގެ ދޮން ހަންގަނޑާއި ވަރަށް ވެސް ގުޅެ އެވެ. ކޮނޑަށްވުރެ ތިރިއަށް އޮތް ބުޅި އިސްތަށިގަނޑުގައި ކުލަ ޖައްސާފައި ހުރުމުން، ގިނަ މީހުން ހީކުރަނީ އެއީ ރާއްޖެއިން ބޭރު ކުއްޖެއް ކަމަށެވެ.

"ތަތް އަންހެނާ!..." ކޮޓަރިއަށް ވަތް ނައިނާ ދެފަރާތަށް ބޯ ހޫރާލި އެވެ.

ތުންފަތުގައި ގަދަ ރަތްކުލަ ޖައްސަން އިން އަނަމް ފަސްއެނބުރި ބަލައިލީ، އޭނަ ކުރަން އިން ކަންތައް ނިންމާލާފަ އެެވެ. ތެދުވެ، ހަށިގަނޑު ސީދާކޮށްލަމުން އެންމެ ގާތް އެކުވެރިޔާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. އޭރު ނައިނާ ދެފަރާތަށް ބޯ ހޫރަމުން އައިސް އޭނަގެ ކައިރީގައި ހުއްޓިއްޖެ އެވެ.

"ހޫން ހޫން... ރީއްޗޭ ރީއްޗޭ... ދެންވެސް އަވަހަށް ހިނގާބަލަ... އެންމެންތައް ގޮއްސިއޭ... މަގޭ މިއައީ ޝާކިރުބެ ކައިރީ ބުނެފަ، އަހަރެމެން ދާނީ ސައިކުގައޭ... އެމީހުން ނައްޓާލައިފި ކާރުގަ..." އަނަމްގެ ބުރަކަށީގައި އަތްއަޅައި ކޮއްޕައިލަމުން ނައިނާ ބުންޏެވެ.

ނައިނާގެ ސައިކަލު ފަހަތުގައި އިން އަނަމްގެ ތުންފަތް މަތީގައިވީ ލުއި ހިނިތުންވުމެކެވެ. އޭނަގެ ބައްޕަ ޝާކިރުގެ ނަން މަޝްހޫރު ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ސަފާރީގައި ބާއްވާ އާއިލީ ކެއުމުގައި ބައިވެރިވުމަށް އޭނަ އެދަނީ، ދާހިތުންނެވެ. ވިޔަފާރީގެ ކަންކަމުގައި އުޅެން ފޫހިވާ އަނަމް، މޫދުގައި ކުރާ ކޮންމެ ކަމެއްގައި ބައިވެރި ވަނީ ހިތުން ރުހުމުންނެވެ.

"މިއަދު އާނީ ފެނިފަ ކޮންމެވެސް ފިރެހެނަކު ދީވާނާ ވާނެކަން ޔަޤީން..." ސައިކަލު ދުއްވަމުންދިޔަ ނައިނާ ދިމާކުރަން ފެށި އެވެ.

އަނަމް ހީގަތެވެ. އަތުގައި އޮތް ދަބަސް ހުޅުވައިލާފައި އޭނަ ނެގީ ހުދުކުލައިގެ ސްކާފެކެވެ.

"ދެނެއް ނުވާނެ އިނގޭ... މޫނު ފޮރުވީ މި..." ސްކާފުން މޫނު ނިވާކޮށްލަމުން އަނަމް ބުންޏެވެ.

ފަސްއެނބުރި ބަލައިލަން އުޅެގެން ނައިނާއަށް ހުންގާނު ހިފަހައްޓައިލަން އުނދަގޫ ވިއެވެ. ސައިކަލުގެ މިޝްރާބު ގެއްލި، ފިހާރައެއްގެ ބިއްލޫރިގަނޑާއި ދިމާއަށް ދިޔަ އެވެ.

އަނަމްގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. އަތުގައި އޮތް ސްކާފް ދޫވެގެން ވަޔާއިއެކު އެ ހިނގައްޖެ އެވެ. ނައިނާގެ ގައިގައި އޭނައަށް ބާރަށް ހިފަހައްޓާލެވުނީ، ޖެހިލުންވީ ވަރުންނެވެ. ނައިނާގެ ޙާލު އަދި މާ ބޮޑެވެ. ބިރުވެރިކަން ހަފަރާތް ވަށައިލުމުން، ބުރަކި ޖައްސައިލަން ވެސް އޭނަ ހަނދާން ނެތުނެވެ.

މާޒީގެ ޚިޔާލުތަކުގެ ތެރޭގައި އިނދެ ސައިކަލު ދުއްވަމުންދިޔަ އައިވަންގެ މޫނުގައި އައިސް އެޅުނީ ފޮތިިކޮޅެކެވެ. އޭނަގެ ހުށިޔާރުކަމުން ސައިކަލުގެ ބުރަކި ޖައްސައި، ހުއްޓައިފި އެވެ. މޫނުގައި އެޅިފައިވާ ފޮތިކޮޅު ނަގައި އެއަށް އޭނާ ފުން ނަޒަރެއް ދިނެވެ. އެއީ އަންހެން ކުއްޖެއްގެ އެއްޗެއް ކަން އޭނާއަށް ކަށަވަރުވީ، އެ ސްކާފުން އޭނަގެ ނޭފަތުގައި ހަރުލި އަންހެންވަންތަ ލުއި ސެންޓުގެ މީރު ވަހުންނެވެ.

"އާނާ..." ސްކާފުގެ ތިރީގައި އިނގިރޭސިން ލިޔެފައިވާ ނަން ކިޔާލި އައިވަން ވަށައިގެން ނަޒަރު ހިންގައިލި އެވެ.

އެއްވެފައިވާ މީހުންތަކުގެ ތެރެއިން އޭނަގެ ކަޅި ހުއްޓުނީ ރަތް ކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖާ އަށެވެ. މަގުގެ އެއްފަރާތުގައި ސައިކަލު ޕާކު ކުރުމަށްފަހު، އޭނަ އެދިމާއަށް ހިނގައިގަތެވެ. މީހުންތަކުގެ ފަހަތުން ގޮސް، އެތެރެއަށް ވަދެވޭތޯ އޭނަ މަސައްކަތް ފެށި އެވެ. މީހުން ގިނަ ކަމުން، އޭނައަށް ދެވުނީ ވަކި ހިސާބަކަށެވެ. އެވަރުންވެސް، ފުރަގަސްދީގެން ހުރި އެ އަންހެން ކުއްޖާގެ މޫނު އޭނައަށް ފެންނަވަރެއް ނުވި އެވެ.

އަނަމް ތެދުވެގެން ސައިކަލަށް އެރީ، ދެއަތުން މޫނު ފޮރުވަމުންނެވެ. ކެމެރާތަކުގެ އަމާޒަކަށް އޭނަ ވެފައިވާތީ ލަދުން އޭނަ ހަލާކުވަނީ އެވެ. ސައިކަލު އަރިވިގޮތުން ނައިނާ ނުވެއްޓި ސަލާމަތްވި ނަމަވެސް، އޭނަ ބިންމައްޗަށް ވެއްޓުނީ އެވެ. ރޭގަނޑުގެ ވަގުތުގައި ވެސް މީހުންނަށް އޭނައަކީ ކާކު ކަން އެނގިއްޖެ އެވެ. މާ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވިކަން އެއީ އޭނަގެ ނަސީބެވެ.

އައިވަންއަށް އަނަމްގެ މޫނު ފެންނަވަރެއް ނުވި އެވެ. އެއްފަހަރު އެ އަންހެން ކުއްޖާއަށް އަނެއްފަހަރު އަތުގައި އޮތް ސްކާފަށް އޭނަ ބަލައިލި އެވެ. އަނަމް އާއި ދިމާއަށް އޭނަ ހިނގައިގަތުމުގެ ކުރީން އެ ސައިކަލު ނައްޓާލައިފި އެވެ. ދެކޮނޑު އަރުވައިލުމަށްފަހު އޭނަ އެ ސްކާފް ލީ ޖީބަށެވެ.

********

ސަފާރީގައި އޮތް ކެއުމަށް ދަޢުވަތު ދީފައިވީ، ޝާކިރުގެ އާއިލާ އަށާއި، އޮފީސް މުވައްޒަފުންގެ އިތުރުން ގާތް މީހުންނަށެވެ. މީހުންތަކުގެ ތެރެއިން ލާފައި ގޮސް ބައްޕަގެ ކައިރިއަށް ހުއްޓުނު އަނަމްގެ ނަޒަރު މުޅި ހިސާބަށް ދަތުރުކޮށްލި އެވެ. މާހައުލުގެ ފުރިހަމަ ކަމަށް، އޭނައަށް ހިތުގެ އަޑިން ތައުރީފު ކޮށްލެވުނެވެ. ޝާކިރާއި ނަސްމާގެ ކައިރިއަށް ގޮސް އިރުކޮޅަކު ހުރެލާފައި އޭނަ މިޝްރާބުޖެހީ، ކުރިމަތިން ފެންނަން ހުރި ސިޑި އާއި ދިމާއަށެވެ. މައްޗަށް އެރޭގޮތަށް ހުރި ސިޑިން އަރަމުން ދިޔައިރު، ފަހަތުން މީހަކު އައިކަމެއް އޭނައަކަށް ނޭނގެ އެވެ.

އަނަމްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ، އެތަނުގައި އިތުރު މީހަކު ނެތުމުންނެވެ. އޭނަ ދެލޯ މަރައިލީ، ޖެހިލި ފިނިފިނި ރޯޅިން ހަށިގަނޑަށް އިހުސާސް ކުރެވުނު އަރާމު ކަމަކުންނެވެ. ވަށައިގެން އެނބުރިލަމުން އޭނަ ނަޒަރު ހުއްޓައިލީ އުޑުމައްޗަށެވެ. ގިނަ އަދަދެއްގެ ތަރިތައް ވިދާ ބަބުޅަމުންދިޔަ ރެއެކެވެ. އުޑުމަތީގައި ރަސްކަން ކުރަމުންދިޔަ ބުރުހަމަ ހަނދުގެ ރިހި އަލިން މުޅި ހިސާބު އޮތީ ދިއްލާލާފަ އެވެ.

"ހާދަ އެކަނިވެރިވެފަ..." އިވުނީ، ޒުވާން ފިރެހެނެއްގެ އަޑެވެ.

އަނަމް ސިހުނެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު، އެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައި ގޮސްފި އެވެ. ކުރިމަތީގައި އެހުރީ އޭނަ ދަންނަ ޒުވާނެއް ނޫނެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނުގައި އެ ޒުވާނާ ފެންނަލެއް ހިތްގައިމެވެ. ނަމަވެސް އޭނަގެ ޝައުޤުވެރިކަމެއް ނެތެވެ.

އަނަމް ބަލައިލުމާއިއެކު ރާވިންގެ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ފިނިފެންމަލެއްފަދަ ރީތި އަންހެން ކުއްޖާ ހަމަލޮލަށް ފެނުމުން، އޭނަގެ ހިތަށް ގޮތެއް ވެގެން ދިޔަ އެވެ. އެ ރީތިކަމަށް ހިތުގެ އަޑިން ތަޢުރީފު ކުރެވުނެވެ. ބުނާނޭ އެއްޗެއް ނޭނގިފައި އޭނަ އެގޮތުގައި ހުއްޓައި ފެނުނީ، އަނަމް އެތަނުން ދިޔުމަށް ހިނގައިގެން ތަނެވެ.

"މަޑުކޮށްބަލަ..." ރާވިން އަވަސް އަވަހަށް ބުންޏެވެ.

އަނަމްއެއް ނުހުއްޓުނެވެ. ފަސްއެނބުރި ބަލައެއްވެސް ނުލި އެވެ. މަދު އިސްތިހާރުތަކެއް ކުޅެގެން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުކަން ހޯދި އަނަމް ވަނީ ފިރެހެން ކުދިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފަ އެވެ. ޒުވާން ފިރެހެން ކުދިންގެ އުނދަގޫ އޭނައަށް ކުރިމަތިވާލެއް މަދެއް ނޫނެވެ. އެ ހުރިހާ ކަމަކާއިއެކު، ނުދަންނަ މީހުންނާއި ގުޅުން ބަދަހި ކުރާކަށް އޭނަ ބޭނުމެއް ނުވެ އެވެ.

"އަހަންނަށް ކިޔަނީ ރާވިން... ނަން ބުނެލާފަ ދާންވީނު..." ބުނެވުނު އެއްޗެއް ރޭކައިލިއިރު، ރާވިންގެ ދުލުން އެ ޖުމްލަތައް ބޭރުވެއްޖެ އެވެ.

ރާވިން އާއި ދިމާއަށް ފާޑަކަށް ބަލައިލާފައި އަނަމް އެތަނުން ދިޔައީ އޭނަގެ އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއް ނެތި އެވެ. އަނަމް އަކީ މަޝްޙޫރު އަންހެން ކުއްޖެކެވެ. އެފަދަ އަންހެން ކުއްޖެއްގެ ނަން އެނގޭކަމަށް ހަދައިނުލެވުނީ އޭނަ އެ އަންހެން ކުއްޖާއަށް ވާހަކަ ދައްކަން ބޭނުންވި ވަރުންނެވެ. ކުރެވުނު މޮޔަ ކަމަކުން، އޭނައަށް ބޮލުގައި އަތުން ޖަހާލެވުނެ އެވެ.

"ކޮން ބިޓެއް ސެޓުކޮށްލާފަ ތިއައީ؟..." ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައި އަނަމް ފެނުމުން، ނައިނާ ދިމާކޮށްލި އެވެ.

"ކްރޭޒީ ފޭންއަކަށް ވާނީ..." އަނަމް އަވަސްއަވަހަށް ބުންޏެވެ.

"ތިހެން ބުނާނީ... އިރުކޮޅަކުން ފެންނާނީ..." ނައިނާ އުޅުނީ އަނަމް އާއި ދިމާކުރާށެވެ.

އަނަމް އޭނަގެ އަނގަމަތީގައި އަތް އަޅައި ހުއްޓުވި އެވެ. ނައިނާގެ އަތުގައި ހިފައިގެން އޭނަ ހިނގައިގަތީ، މީހުންތަކާއި ދުރަށެވެ. މީހުން މަދު ހިސާބަކަށް ގޮސްފައި ހުސްކޮށް ހުރި މޭޒެއްގެ ކައިރީގައި އޭނަ އިށީނެވެ.

"ދެ ކޯކު..." ވެއިޓަރަކަށް އަތުން އިޝާރާތްކޮށްލަމުން އަނަމް ބުންޏެވެ.

ވެއިޓަރު ދިޔުމުން، އޭނަގެ ނަޒަރު ނައިނާއަށް ހުއްޓައިލި އެވެ.

"ރާވިން އޯ... އަމިއްލަޔަށް ނަން ވެސް ބުނެފި... އަހަރެންގެ ނަން އޭނައަށް ނޭނގި ހުންނާނެތަ؟..." ލުއި ހިނިގަނޑެއް ޖަހައިލަމުން އަނަމް ބުންޏެވެ.

"އެޔޮއް ދަނީ އޭނަ... ގޮވަންތަ؟..." ނައިނާ ބުންޏެވެ. އަނަމް ދެފަރާތަށް ބޯ ހޫރާލި އެވެ. އޭނަގެ ނަޒަރު ނައިނާ ދެއްކި ދިމާއަށް ހުއްޓުނުއިރު، ރާވިން އެދިމާއަށް އަންނަ ތަން ފެނުނެވެ.

"އޭތް ރާވިން..." ނައިނާ ގޮވައިލި އެވެ.

"ނާނާ ނޫން..." އަނަމް ބުންޏެވެ. އޭނައަށް އިތުރު ކަމެއް ނުކުރެވިގެން އުޅެނިކޮށް، ރާވިންގެ ނަޒަރު އެމީހުންނަށް ހުއްޓުނުތަން ފެނުނެވެ. އަނަމްގެ ދެލޯ ބޮޑުވި އެވެ.

"ގޮވިންތަ؟..." ރާވިންގެ ނަޒަރު ނައިނާގެ މޫނުން އަނަމްއަށް ހުއްޓުނެވެ.

އަނަމް އެއްޗެއް ނުބުނެ އެވެ. ފޯނު ނަގައިގެން އެއާއި ކުޅޭކަމަށް ހެދިގެން އޭނަ އިނެވެ.

********

ހަފުލާގެ ކަންކަން އިންތިޒާމް ކުރުމުގައި އަވަދިނެތި އުޅުނު ފާރޫޤުގެ ކައިރީގައި އައިސް ހުއްޓިލި ޝާކިރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރެވެ. ކަންކަން ހަމަޖެހިފައިވާލެއް ފުރިހަމަކަމުން، އޭނަގެ ހުރިހާ ތައުރީފެއް ހުސްކުރީ ފާރޫޤަށެވެ.

"ކޮބާ ދަރިފުޅު އައިއްސިތަ؟... މިއަދު ވާނެ ކޮންމެހެން ވެސް އަހަރެމެންގެ ދަރިން ތައާރަފުކޮށްލަން..." ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލަމުން ޝާކިރު ބުންޏެވެ. "އަހަރެންގެ އަނަމް ވެސް ވެއްޖެ ކޮންމެވެސް ހިސާބެއްގަ..."

ފާރޫޤަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ދަރިފުޅުގެ އިންތިޒާރުގައި އޭނަ ހުންނަތާ، އެތައް ވަގުތެއް ފާއިތުވެގެން ހިނގައްޖެ އެވެ. އައިވަންއަށް ކަމެއް ދިމާވީބާއޭ އޭނަގެ ހިތަށް އެރި އެވެ. ގުޅަން ފޯނު ނަގާ ކޮންމެ ފަހަރަކު ކޮންމެވެސް ކަމެއް ޖެހިގެން އޭނައަށް އެކަން ވެސް އޮތީ ނުވެފަ އެވެ.

"އޭނަ އަންނާނެ..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ފާރޫޤު ބުނީ ޔަޤީންކަމާއި އެކުގަ އެވެ.

ޝާކިރު ބޯ ޖަހާލުމަށްފަހު އެތަނުން ދިޔައީ އެވެ. އައިވަންގެ ފޯނަށް ގުޅަމުން، އޭނަ ހިނގައިގަތީ މީހުންތަކާއި ދުރަށެވެ.

"ކުޑަ ކަމެއް ޖެހުނީ... އާޖެންޓްކޮށް ތާކަށް ދާންޖެހިގެން މިދަނީ... ސޮރީ ބައްޕާ..." ފާރޫޤަށް އެއްޗެއް ނުބުނެވި އުޅެނިކޮށް، އައިވަން ބުނި އަޑު އިވުނެވެ.

ދަރިފުޅުގެ ޖަވާބުން ހިތަށް ލިބުނު ނުތަނަވަސްކަމުގައި ދެކޮޅަށް ހިނގަހިނގައި ހުރި ފާރޫޤަށް ސިހުމެއް ލިބުނީ އަނަމްގެ ކުރިމަތީގައި އިށީނދެލައިގެން އިން ރާވިން ފެނުމުންނެވެ. އައިވަން ގުޅައިގެން ހުރިކަން ވެސް އޭނަ ހަނދާން ނެތުނެވެ. އޭނައަށް އަވަސް ނަޒަރެއް ދެވުނީ، ބަޔަކާއި ވާހަކަ ދައްކަން ހުރި ޝާކިރަށެވެ.

********

ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް މަޑުކޮށްލީ، އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ސައިކަލުން ފޭބި އައިވަންގެ ނޭވާ ވަނީ އަވަސްވެފަ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ އެތެރެއަށް ވަދެގެން ދިޔައިރު، ވަށައިގެންވި މާހައުލުގައި ހިނގަމުންދިޔަ އެއްވެސް ކަމަކަށް ކުޑަވެސް ޝައުޤުވެރިކަމެއް ނެތެވެ.

(ނުނިމޭ)

ކޮމެންޓް 0