"މީހާ ގެ ހިތްދަމައިގަންނަކަން ބޭރުފުށުގެ ރީތި ސިފަތަކަށްވުރެ ދިހަގުނަ އިތުރުކޮށްދެނީ އޯގާތެރިކަމާއި އިހުތިރާމް ކުރުން ލޯބިވާން އެނގުން، ވަފާތެރިކަން އަދި ތެދުވެރިކަމުންނެވެ. އެކަމަކުވެސް ﷲގެ ހަޟުރަތުގައި އެންމެ ލޯބިވެވޮޑިގެންވަނީ ތަގުވާވެރިންނެވެ. އިންސާނުންގެ ލޯބި ހޯދަން މަސައްކަތްކުރުމުން ހިތަށް ހަމަޖެހުމެއް ނުލިބި އަނިޔާވާނީއެވެ. އެކަމަކު ﷲގެ ލޯބިފުޅު ހޯދަން މަސައްކަތްކުރާ މީހަކަށް މާޔޫސްކަމެއް ނުލިބޭނެއެވެ. އިންސާނުން ރުއްސުމަށްވުރެ ﷲގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން އުފާވެރިކަން ލިބޭނެއެވެ."

***

ޖަބްރީލްގެ ފަހަތުން ޚަލީސީ ހިނގައިގަތެވެ.

"ބޫ. ރުޅިތަ؟"

"ކޮންކަމަކާހޭ ރުޅި އަންނަންވީ؟" ޖަބްރީލްގެ ރާގުންނައި ބަހުރުވަވެސް ބުނެދިނީ ފޫހިވެފައިވާކަމެވެ.

"އަހަންނަށް ނޭގޭ...އެހެންވެ މިއަހަނީ؟ އަހަންނަށް ހެދުނީ ކޮން ގޯހެއް ހެއްޔޭ؟" ޚަލީސީ ސުވާލުކުރިއެވެ. ޖަބްރީލް އަނގައިން ބުނުމެއްނެތި ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ޚަލީސީ ފަހަތުން ގޮސް އެކޮޓަރިއަށް ވަނުމުން ޖަބްރީލް އެއްޗެކޭ ބުނަން އުޅެފައިވެސް އެނދަށް ވެއްޓިގަތެވެ. ބޮލާ އެއްކޮށް ރަޖާއެޅިއެވެ.

"އެނގިއްޖެ. މަޖުބޫރީ ކައިވެންޏަކަށްވީމަ. އަޅާނުލާ، އަހަރެން ވަރަށް ފަސޭހައިން ކުޅޭ އެއްޗެހިވެސް ފޫހިކޮށްލަން. އެހެންވީމަ ބޫދެކެ ފޫހިވާނެ ދުވަހެއް އައިސްދާނެ...."ޚަލީސީ ގޮސް އިށީނީ ސޯފާގައެވެ. އުއްބައްތީގެ އުއިތައް ބިންމައްޗަށް އަޅައިގެން ކުޅެންފެށީ ހިޔަނިތަކާއެވެ. ކޮންމެވެސް ދިމާލަކުން ބަގަރާ ސޫރަތް ޖެއްސި އަޑުއިވުނެވެ. މިސްކިތުން ފުރޭނިގެން އަންނަނީ ތަރާވީހުގެ އަޑެވެ. ރަމަޟާން މަހުގެ ކުލަވަރާއި ރޫހުގައި ގިނަބަޔަކު ޖެހޭފަދަ އަޑުތަކާއި މަންޒަރުތަކެވެ.

***

ޚަލީސީ އެރޭ އޮތީ ނުނިދިފައެވެ. ގުރުއާން ޖެއްސުމުން އަމާންކަން އިހުސާސްވެ ބިރުފިލިއެވެ. ޖިންނި ޝައިތާނުންނަށް ގޯނާކުރަން ނުކެރޭނެކަމުގައި ހިތަށް ވިސްނާދިނެވެ. ބިރުވެރިކަމުގެ މައްޗަށް އެހެން ޖަޒުބާތެއް ކުރި ހޯދިއެވެ. ޖަބްރީލްގެ އަމަލު ހުރިގޮތުން ހިތަށް ތަދުވިއެވެ. ޖަބްރީލް އޭނަދެކެ ލޯބިނުވަނީ އޭނަގެ ސިފަ ކަމުނުގޮސްގެން ހެއްޔެވެ؟ ޔަޝަލްހާ ރީތިނުވީމަހެއްޔެވެ؟ ޔަޝަލް ރީތިކަމާއި ދޮންކަމުން ބަލަން ހުރެވިދާނެއެވެ. ސީދާ ޖަބްރީލްގެ ސިފައެވެ. ގޭތެރޭގައި އުޅޭއިރު ޔަޝަލް ހުންނަނީ ބުރުގާ ނަގައިގެންނެވެ. ގިނައިން ލައި އުޅެނީ ހަރުވާޅު ނޫނީ ޖިންސާއި އަތްދިގު ޓީޝާޓް ނޫނީ ކުރުތާއެވެ. ގަޔަށް ދޫކޮށް ހުއްޓަސް އިސްކޮޅުން ދިގުކަމާއިއެކު ބައްޓަން ރީތިކަމުން މޮޑެލް ގޮތެއް ހުރެއެވެ. ފަން ދިގު އިސްތަށިގަނޑު އެހާ ބޯވެފައި ވަރުގަދައެވެ. ބައެއްފަހަރު ފުރަގަހަށް ދޫކޮށްފައި އޮންނައިރު ޕްރިންސެސްއެއްފަދައެވެ. ދެން ހުންނަނީ ޔަޝަލްގެ އެންމެ ގާތް އެކުވެރިޔާ ރުބާބްއެވެ. ރުބާބްގެ ސިފަތައް ނުފެނުނަސް އެލޮލަށް ފިރިހެނުން ފިދާވާނެއެވެ. އެހާ ބޮޑު ސިއްރުން ފުރިފައިވާ ރީތި ލޮލެއް ޚަލިސީވެސް އަދި ނުދެކެއެވެ. އަނދުން އެޅުމުން ވަކިން ބޮޑުކަމަށް ދައްކައެވެ. އެހެން މީހުންގެ ސިފަތަކާއިމެދު ވިސްނުމުން ހިތަށް ތަދުވަނީ އެންމެ ސަބަބަކާއިހެދިއެވެ. ޖަބްރީލް އޭނަ "ރިޖެކްޓް" ކުރަނީ އޭނަގެ ސިފަތައް ކަމުނުގޮސްގެންނެވެ. އިސްތަށިގަނޑު ފަންކުރިގޮތަށް އެހެން ސިފަތަކަށްވެސް ބަދަލުގެންނަންވީހެއްޔެވެ؟ ޕްލާސްޓިކް ސާޖަންއަކަށް ދައްކައިގެން ސިފަތައް ރީތިކުރެވިދާނެބާވައެވެ.

"ދަރިފުޅު ބޭސްކައިފިންތަ؟" ތަންޒީލާ ހަނދާންކޮށްދިނުމުގެ ގޮތުން މެސެޖްކުރިއެވެ.

"ލައްބަ މަންމާ..."

"ޖަބްރީލްއަށް ބޭސްތައް ނުދައްކާތި.. އެޕިލެޕްސީއޭ ބުނެފިއްޔާ އޭނަ ހިތަށް އަރާފާނެ ހާދަ ބަލިކުއްޖެކޭ. ދަރިފުޅު ނޭވާއަށް އުދަގޫވާ ވާހަކަވެސް ބުނީވިއްޔަ. ބައެއްކަންތައް ތިމާގެ ފިރިމީހާއަށްވެސް ފޮރުވަން ޖެހޭނެ. ޚާއްސަކޮށް މިހެން ހުންނަ އުނި ކަންތައް. ބައްޔަކީ އުނި ސިފައެކޭ މަންމަ ކިޔަނީއެއްނޫން. އެކަމަކު ސިއްހަތު ސަލާމަތުން ހުރެއްޖެއްޔާ ފިރިހެނުންވެސް ހިތްކިޔާނެ..."

"އޯ....." ޚަލީސީއަށް އެނދުގައި ފައިން ތަޅައިގަނެވުނެވެ. އަނެއްކާ ޖަބްރީލްގެ ހިތް ގޯސްވީ އޭނަ ބަލިކުއްޖަކަށް ވީމަހެއްޔެވެ؟ ނޫނީ އަޅުވެރި ކުއްޖަކަށް ނުވުމުން ކަމަށް ވެދާނެއެވެ. ބުރުގާ އަޅަން ބުނީމަވެސް މިހުރެވެނީ އިސްތަށިގަނޑުން ބަޔެއް ފެންނަގޮތަށެވެ. ޕާކިސްތާނު ކުދިން ބުރުގާ އަޅާގޮތް އޭނައަށް ރީތީއެވެ. އޭނަ ދީންވެރި އިތުރަށް ވާނީ ކިހިނެއްހެއްޔެވެ؟ ޖަބްރީލްގެ ހިތް އަތުލާ އެހިތުގައި މަގާމެއް ހޯދުމަށް ކުރެވުނުހާ ކަމެއްކުރަން އެ ވަގުތު ޚަލީސީ އަޒުމް ކަނޑައެޅިއެވެ.

"ހީޒް މައި ސޯލްމޭޓް. ފުރަތަމަ ނަޒަރުން ލޯބިވެވުނު. އަދިވެސް ފުރަތަމަ ފެނުނު ދުވަސް ލޯމަތިން ސިފަވޭ ..އެކަމަކު ކެމިސްޓްރީ ނެތީމަ...އަހަރެންދެކެ ދުވަހަކު ލޯބިނުވާނީތަ ބޫ. ބޫގެ ލޯބި ހޯދަން މަސައްކަތްކުރާނީ ކިހިނެއް. އެހާވަރުން އެކުވެރިންނާއި ފެމިލީއަށް ތައާރަފުކޮށްދީ އޭނައަށް އެންމެންގެ ތައުރީފު އޮހި އެހާވަރުން އުޅުނީމަ ލަނޑެއްނު މިލިބުނީ............"

ޚަލީސީ އަށް ނިދުނީ އިރުއެރިފަހުންނެވެ.

***

ރުބާބް އޭނަގެ ފޮށި ހިފައިގެން އައިތަން ބަލަން ޚަލީސީ ހައިރާންވެފައި ހުރެފައި ދުވެފައިގޮސް ފޮށި އަތުލިއެވެ. "ގެނޭ އަހަރެންގެ އަތަށް. މިގެއަށް މޫވް ކުރަނީތަ؟"

"ބޮޑުދައިތައަކަށް ކެންސަރުޖެހިގެން ފުރަން ޖެހިގެން މަންމައާއި އެކު ބައްޕަވެސް ފުރީ. ޔަޝަލް އެކަނިވެގެން އުޅޭތީއާއެކު ރިކުއެސްޓްކުރީ މިގޭގައި ހުންނަން. އެހާ ރޫމްތައް ގިނަވީމަ. އަސްލު ރެންޓަށް ހުންނާނީ..."ރުބާބްގެ ރީތ ދެލޮލުގައި ވިދުމެއް ހުއްޓެވެ. އިރުގެ އަލިކަން އެޅުމުން ވަކިން ރީއްޗެވެ. ދިގު އެސްފިޔަތަކެވެ.

"ސޯ ސޮރީ އާންޓްގެ ކޮންޑިޝަން އެނގުނީމަ. އެންޑް ހެޕީ ބާބް މިގެއަށް ޗޭންޖްވީމަ..."ޚަލީސީ ހިތްހެޔޮކަމާއެކު ރުބާބްގެ އަތުގައި ހިފިއިރު ހަގީގަތުގައި މިއީ އޭނަގެ ލޯބީގެ ދުޝްމިންކަމެއް ރޭކާވެސް ނުލައެވެ.

"ކީއްވެތަ؟މިބުނީ އުފާވީ؟" ރުބާބް އެހިއެވެ.

"ޖަބްރީލް އަހަރެން އަޅުވެރި ކުއްޖަކަށްހަދަން ބޭނުން. ބާބް އަހަންނަށް ހެލްޕްވެދާނަންތަ؟"

"ވެވިދާނެ..."ރުބާބްގެ މޫނުން ނުތަނަވަސްކަން ފެނިލިއެވެ.

ރުބާބް ފެނުމުން ޔަޝަލްވެސް މޫނު އަލިވެގެން ދިޔުމާއެކު ދުވެފައި ކަހަލަގޮތަކަށް އައިސް ދެއަތުގައި ހިފެހެއްޓިއެވެ. ދެކުދިން އުޅުނުގޮތް ގާތްކަމުން ޚަލީސީ ބާކީވާގޮތްވިއެވެ. ދެމީހުން އަމިއްލަ ވާހަކަތައް ދައްކަމުންގޮސް ޔަޝަލް ރުބާބްއަށް ހުޅުވާލަދިނީ ޖެހިގެންހުރި ކޮޓަރިއެވެ. ޚަލީސީ އެކޮޓަރިތެރެއަށް ބޯދިއްކޮށްލިއެވެ. ފިޔާތޮށިކުލައިގެ ފަރުނީޗަރުން ޒީނަތްތެރިކޮށް އޭސީވެސް ހަރުކޮށްފައިވާ ތަނަވަސްކޮޓަރިއެކެވެ. މީރުވަހެއް ހިފާލާފައިވިއެވެ. މިއީ ދޮންބެ މިކާއިލްގެ "ޖެނެރަސް" ކަމޭ ބުނެފައި މިކާއިލްއާއި އެންމެ ގުޅެނީ ރުބާބްއާއ ކަމުގައިވެސް ޔަޝަލް ބުނެލިއެވެ. ޖަބްރީލް މާ ސީރިޔަސް ޓައިޕްކަމުންނާއި ބީރައްޓެހިކަމުން ޑީލްކުރަން އުދަގޫވެއޭވެސް ބުނެލިއިރު ދޮރު ލައްޕާލައިފިއެވެ. ޚަލީސީ ބޭރުގައި ބަހައްޓާފައެވެ. އެތެރޭގައި ދެކެވެނީ ކޮން ވާހަކައެއްބާވައެވެ. އަނެއްކާ އޭނައަށް މަލާމާތްކޮށްފައި އެދެކުދިން ވާހަކަދައްކަނީހެއްޔެވެ؟ ޚަލީސީ ފެންކަޅިވާގޮތްވިއެވެ.

އޭނަ ގުޅީ ހަކާންއަށެވެ.

"ދޮންބެ...ވަރަށް އަވަހަށް އާދެބަލަ....އާޖެންޓްކޮށް ތަނަކަށް ދާން ޖެހިއްޖެ..."

"އެއީ ކިހިނެއްވީ؟ދޮންބެ ބިޒީ ގަޑިއެކޭ..."

"ޕްލީޒް..."ޚަލީސީއަށް ރޮވިއްޖެއެވެ.

"އޯކޭ އޯކޭ މި އަންނަނީ؟ކޮންބަޔެއް ތިގޭގައި އުޅެނީ؟ކޮބާ ބޫ؟"

ހަކާން އައިއިރު ޚަލީސީ ހުރީ ބޭރަށް ދާން ތައްޔާރުވެލައިގެންނެވެ. އޭނަ ބޭނުންވީ ބާޒާރުކުރަން ދާށެވެ. މިއަދު ރޯދަ ވީއްލަންވާއިރަށް ބޭކަރީއަކުން މީރު އެއްޗެއް ގަނެލާ އެންމެނަށް ހަދިޔާ ގެނެސްދޭން އޭނަ ނިންމިއެވެ. ޚާއްސަކޮށް ޖަބްރީލް ޑިއުޓީއަށް ދާންވާއިރަށް ސޫޓްއާއި ޓައީކޮޅަކާއި އެއްޗެހިވެސް ގަނެލަން ޖެހޭނެއެވެ. ޖަބްރީލްގެ ކޮޓަރީގައިވެސް އެއްޗެހި މަދުވެފައި އަތުގައި އޮތް ފޯނުގައިވެސް އޮތީ ރެނދު އަޅާފައެވެ. ފިރިމީހާކަމުގައި ވުމުން އޭނަ ދޭ އެއްޗެއް ހިފާނެކަން ޔަގީނެވެ. ހަކާން އާއި ދެމީހުން އެކީގައި ގޮސް ޝޮޕިން މޯލަށްވަދެ އެންމެ ކުރިންވެސް މިސްރާބުޖެހީ ފޯނު ހަރުގަނޑާއި ދިމާލަށެވެ.

"ޔަޝް ދައްތިއަށްވެސް ފޯނެއް ކަމުދާނެތަ؟"ޚަލީސީ އެހިއެވެ.

"ޔަޝަލްއަށްތަ؟"

"އާނ....އޭނަ ބޫއާއި ތަފާތެއް ނެތް ދޯ...ވަރަށް ވަރަށް ލޯބި. އިރުގެ އަތްވަށް ނުކުތުމުން ބޫހެން އެލޮލުގެ ކުލަ ބަދަލުވޭ. ފެހިކަން ގަދަތަނެއްގައި ހުރިއްޔާ ލޮލަށް ފެހިކުލަވެސް އަރާ. އައިމް އަ ބިޓް ޖެލަސް...ޔަޝް ދައްތިއަށް ދޭނީ ގްރޭ ކަލާގެ ސްޓޯންޖެހި ގަހަނާ ސެޓެއް. ރުބާބްއަށް މޭކަޕްސެޓެއް ކިހިނެއްވާނެ؟ އެންޑް ސޯފީ މަމްއަށް ދޭނީ ހެދުމަކާއި ގަޑިއެއް...ތިން ކުދިންނަށްވެސް ސެންޓް ފުޅި އެކަމަކު ފަގީރުކުދިންނަށްވެސް ޕާރުސަލް ހައްދަން ޖެހޭނެ އަދި............."

ހަކާން ބުމަ އަރުވައިލިއެވެ.

"ޔޫ ހޭވް ދަ މޯސްޓް ބިއުޓިފުލް ހާޓް..."ހަކާންގެ ހިތް ކޮއްކޮއަށް ތައުރީފުކުރިއެވެ.

"ޔަޝަލްއަށް މި ސެޓް ރީތިވާނެ..." ހަކާން ގަހަނާ ސެޓްތައް ބަލަމުންގޮސް ރިހިކުލައިގެ ސެޓެއްނެގިއެވެ.

"ޔެސްސް...."ޚަލިސީ އުފަލުން ހަކާންގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ."ދޮންބެއަށް އެނގޭ ސެލެކްޓް ކުރަން..........ބޫއަށް ދޭން ފިރިހެން ސެންޓްފުޅިއެއް ނަގާބަލަ...ނޫން ނޫން. އައި ވިލް ޗޫޒް ދިސް ޓައިމް........."

ބާޒާރުން ނިމިގެން އެތައް ކޮތަޅުތަކުން ކާރު ބަރާކޮށްލައިގެން އަންނަމުން އެވަރުން ނުވެގެން ފިހުނު ކުކުޅާއި ފަރާޓާ އަދި ފޮނި އެއްޗެއްވެސް ގަނެލިއެވެ. ޚަލީސީ ޖަބްރީލްއަށް މެސެޖްކޮށްފައި ބުނީ ގޭގައި އެއްޗެއް ނަހަދަން ބުނުމަށެވެ. އޭނަ ކާއެއްޗެހި ހިފައިގެން އަންނާނެކަމުގައި ބުނެލިއެވެ. ޖަބްރީލް ޖަވާބެއް ނުދިނަސް މެސެޖް ފެނުނުކަން ޔަގީންވާތީ ޚަލީސީ ހުރީ ޔަގީންކޮށްގެންނެވެ.

ސޯފިއާ ޕެލެސްއާއި އަރާހަމަވުމުން ކާރު މަޑުކޮށްލާފައި ހަކާން ކޮތަޅުތައް އެއްކޮށްލުމަށްފަހު ބޮޑު ކޮތަޅަށް ލައިގެން ދެއަތުން ހިފައިގެން ގެއަށް ވަނެވެ. ޚަލީސީގެ އަތުގައި ހުރީ ޖަބްރީލްގެ ސާމާނެވެ. ކޮޓަރިއަށް ވަދެ އެއްޗެއްހި ބަހައްޓާފައި ނުކުތްއިރު ހަކާން ދިޔަތަނެއްވެސް ނޭގުނެވެ. ކޮތަޅުތައް ސިޓިން ރޫމްގައި ބަހައްޓާފައި މަޑުނުކޮށް ދިޔަ ސަބަބެއްވެސް ނޭގެއެވެ. އޭރު ފަހެއްޖަހާ ބޮޑުވެއްޖެއެވެ. ޚަލީސީ ކުޑަކަމުން ދެއަތުން ކޮތަޅުރައް ނަގައިގެން ދިޔައިރު ކޮތަޅުތައްވެސް އޭނައަށް ވުރެ ބޮޑުހެން ހީވިއެވެ. ހަދިޔާތައް ކޮޓަރިއަށް ލުމަށްފަހު ކާކޮޓަރިއާއި ހަމަޔަށް ފޯރިއިރު މައިނޭވާލެވިއްޖެއެވެ. މޭޒު ކައިރީގައި ޔަޝަލްއާއި ރުބާބްގެ އިތުރުން ޖަބްރީލް އިންތަން ފެނުނެވެ. ޔަޝަލް އަނބުކޮށަން އިންއިރު ރުބާބް ސެންޑްވިޗް ހަދަނީއެވެ. ޖަބްރީލްވެސް އެކުދިންނާއި ބައިވެރިވާންވެގެން ސެންޑްވިޗް ގެންގޮސް ޓޯސްޓްކޮށްދިނުމުގައެވެ. ޚަލީސީ ލަދުގަންނަގޮތްވިއެވެ. އެކަން ފޮރުވުމުގެ ގޮތުން ހިނިގަނޑެއް ޖަހައިލިއެވެ.

"ރަމަޟާން ވައިބްސް...."ޚަލިސީގެ ތޫނު އަޑު ތަނުގައި ހިފައިލިއެވެ. "ބޫ....މެސެޖް ދެކުނިންތަ؟"

"ފެނުނު....."

"އާނ ބޫ އެވާހަކަ ބުނި. ޚަލީސީވެސް ބޭރުން ކާ އެއްޗެހި ގެންނާނެޔޯ. އެކަމަކު ދެން އޯކޭ ވާނެއޭ. ރަމަޟާންވީމަ ހާރުކާންވެސް ހެދިކާ ހުންނާނެތާ..."ޔަޝަލް ބުނެލިއެވެ." އެކަމަކު ހާދަ ގިނައޭ.....ސުބުހާނަﷲ..ކޯނޗެއް ޚަލީސީ ތިގެނައީ؟ މުޅި ރެސްޓޯރެންޓް ހުރިގޮތަށް ޕެކްކޮށްލާފައި ދޯ............"

ޚަލީސީ ފަހަރަކު ކޮތަޅެއް ނަގާ މޭޒުމަތީ ބެހެއްޓިއެވެ.

"ޗީޒް ކޭކު ބޫއަށް މީރުވީމަ މި ގެނައީ..."

"އޯހް.....އަހަރެންވެސް ޕެންޑަން ކޭކެއް ހަދާފައި ދެންމެ އަވަނަށް މި ލީ..ޓައިމާ ފޯޓީ މިނިޓްސްއަށް ލީމަ ރަގަޅުވާނެތަ ޔަޝް.............." ރުބާބް ޔަޝަލްއާއި މުޚާތަބުކުރުމަށްފަހު ޚަލިސީގެ މޫނަށް ނަޒަރު ހުއްޓުނުއިރު އެލޮލުން ހިނިތުންވުމެއް ނުފެނުނެވެ. "ޖަޒާކަﷲ ޚައިރަން ޚަލީސީ......"

"ފަސް މީހުން ޖެހޭނެ ކޮންމެހެންވެސް މި އެއްޗެހި ހުސްކޮށްލަން....ހުސްނުވިއްޔާ ފްރިޖްވެސް ކޮށްލެވޭނެއްނު. ދޮންބެ އެހެރީ އިސްކޮޅަށްވުރެ ދިގު ފްރިޖެއްވެސް ގެނެއްސަ. މުއްސަދި ކުދިން ފެމިލީގައި ތިބުމަކީވެސް ރަހުމަތެއް. އަހަރެމެން ފަގީރުވިޔަސް......." ޔަޝަލް ވާހަކަދެއްކިއެވެ. ޖަބްރީލްގެ ހިމޭންކަން ފެނުމުން ޚަލީސީ އެތަނުން ދާން ހިނގައިގަތެވެ. މީހަކު ނުބުންޏަސް އޭނައަށް ވިސްނުނެވެ. ޖަބްރީލް ހިމޭންކަން ޚިޔާރުކޮށް ބަސްމަދީ އޭނަ ގެ ހާޟިރުގައެވެ. އެ ނަފްރަތާއި ރުޅިވެރިކަން އިހުސާސްވާންފެށުމުން ހިތްދަތިވެގެންގޮސް ހިތްފިތޭހެން ހީވެ ލޮލަށް ކަރުނަ ޖަމާވިއެވެ. ކަރުނަތައް ނުހުއްޓުމުން އަވަހަށް ގޮސް ގޭގެ ފަހަތު ބަޔަށް ނިކުތެވެ. ރޮއިރޮއި ދެލޯ ފާރުވާވަރަށް ރޮވުމަށްފަހު ވަޅުން ނެގި ފެންދާންޏަކުން މޫނު ރީތިކޮށް ދޮވެލުމުން ކޮންމެވެސް ވަރަކަށް ތާޒާކަން އިހުސާސްވިއެވެ.

 

***

ރޯދަ ވީއްލިގަޑިއަށް ޚަލީސީ ކާކޮޓަރިއަށް ދިޔައީ އެކަނިހުރެ ދުޢާއެއްކޮށްލުމަށް ފަހުގައެވެ. ރޯދަ ވީއްލާވަގުތު ކުރާ ދުއާ އިޖާބަވާނެކަމަށް އޭނަވަނީ އަޑުއަހާފައެވެ. "ޔާﷲ ޖަބްރީލްގެ ހިތުގައި މި އަޅާއަށް އޮތް ނަފްރަތު ދުރުކުރައްވާދޭވެ..." ޚަލީސީ ބުރުގާ ރީތިކޮށްލާފައި އަވަސްވެގަތީ ކާކޮޓަރިއަށް ދިޔުމަށެވެ. ނުވަދެވުނުނަމައޭ ހިތަށް އެރިއެވެ. ޚަލީސީއަށް ޖެއްސުމަށް ކަމެއް ނޫނީ ގެއިން ކެއްކި އެއްޗެހި ކާންވެގެން ކަމެއް ޚަލީސީއަކަށް ނޭގުނެވެ. ޖަބްރީލް އެއޮތް ގިނަ އެއްޗެހީގެ ތެރެއިން ތަށްޓަށް ލައިގެން އިނީ ސެންޑްވިޗާއި ޕެންޑަން ކޭކެވެ.

"ކީއްވެ މަންމަ ނައީ؟" ޚަލީސީއަށް ނީދެވިގެން އަހައިލިއެވެ.

"މަންމަ ކަދުރުން ރޯދަ ވީއްލައިގެން ނަމާދުކުރުމަށްފަހު އެއްޗެއް ކާނީ.........."

"ސުންނަތުގައިވާ ގޮތަށް ދޯ. އަހަންނަށްވާ ގޮތަކީ މިގަޑީގައި ހަމަ ފުރިގެން އަރާވަރަށް ކައިގެން ދެން އޮންނަނީ ނިދިއައިސްފަ. އަންނާނަން ސޯފީ މަންމައަށް މީގެ ކޭކުކޮޅެއް ދީފައި................"

ޚަލީސީއަށް އެތަނުގައި އިންނަން އުދަގޫވީ ޖަބްރީލްގެ ސަބަބުންނެވެ. އޭނައަކީ ނެތްމީހެއްކަމަށް ހަދާލައިގެންނެވެ. ޚަލީސީގެ ފަހަތުން ޔަޝަލްވެސް ތެދުވެގެން އައީ ރުބާބްގެ އަތުގައި ވިކާލާފައެވެ. ލިބުނު ފުރުސަތުގައި ޖަބްރީލް ރުބާބްއާއި ވާހަކަދެއްކިއެވެ. ފުރުސަތަކަށް ބަލަބަލާ ތިބިފަދައެވެ. ދެމީހުންގެ އަޑު މަޑެވެ.

"ޔަޝަލް އިނީމަ ވާހަކަދައްކަން ނުކެރުނީ. އަހަރެން މިހިރީ އަހަން ބޭނުންވެފައި. އަހަރެން ރެޑްކްލިފް ހޮސްޕިޓަލުގައި ވޯކްކުރުން އޯކޭތަ؟ ކޮރަޕްޝަން ހިމެނޭނެއޭ ހިތަށް އަރަނީ....ސަބަބަކީ އެ މަގާމަށް މާ ބޮޑަށް ގާބިލު މީހުން ތިއްބާ އަހަންނަށް އެ ވަޒީފާ ލިބުނީ..މުސާރަ ބޮޑު. އެންމެންގެ ވެރިއަކަށް..ސަޅި އެކަމަކު...އައި ފީލް ގިލްޓީ...ޚަލީސީއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްތަ؟" ޖަބްރީލް ކުޑަކޮށް ހީލިއެވެ."ބައިދަ ވޭ ސެންޑްވިޗާއި ކޭކު ވަރަށް މީރު.."

"ދީނުގައި ހުއްދަ ކަމަކަށްވާނީ ނިޔަތް ރަގަޅިއްޔާ. އެކަމަކު ތި މައްސަލައިގާ ހީވަނީ...ޝޭޚެއްގެ ކައިރިން އަހައިލަން ޖެހޭނީ... އަހަރެންގެ ބައްޕައަކީ ޝޭޚެއް..."ރުބާބް އިސްޖަހާލައިގެން އިނެވެ."އަދި ވަރަށް ބޮޑު ސިއްރެއް އެބައޮތް. ކުރިން ނުބުނަން ހުރީ އެކަމަކު ހިތަށް އެރީ ފަހުން އެހެން މީހެއްގެ ފަރާތުން އިވުމުގެ ކުރިން.........."

ކޮމެންޓް 0