"މުސްލިމަކު މުސްކުޅި އުމުރާއި ހަމަޔަށް ހިނގައްޖެނަމަ ހިތާމަކުރާނެ ކަންތައްތަކުގެ ތެރޭގައި އަރަބިބަހާއިމެދު ފަރުވާކުޑަކޮށްލެވުން، މައިންބަފައިންނަށް އަޅާނުލެވުން، އާއިލާއަށް ވަގުތުދެވުނު ލެއް މަދުވުން، ކީރިތި ގުރުއާން އެއްފަރާތްކޮށްލެވުން، ހެޔޮ އަމަލު މަދުވުން، އާޚިރަތް ނޫން ދުވަސްތަކަށް ނަޒަރިއްޔާތު ބަހައްޓާ ދުނިޔެ އިސްކުޅައުން، މިފަދަ ހިތާމަތައް ކުރަންވެއްޖެއްޔާ މުދަލާއި ދަރިންނާއި މަގާމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟"
***
ޚަލީސީ ބަލަން އޮތީ ލައިލަތުލް ގަދުރުވިލޭރެއަށް ޚާއްސަކޮށްފައިވާ ދަރުހެކެވެ. އެރޭ އަޅުކަން ކުރަންވީ ގޮތް ތާވަލުކޮށް ކުރަން ޖެހޭ އަޅުކަންތައްވެސް ބުނެދީފައި ހުއްޓެވެ. ޚާއްސަ ދުޢާތައްވެސް ހުއްޓެވެ.
ޚަލީސީ ގަސްތުކުރީ ކާކޮޓަރިއަށްގޮސް ޖޫސްތަށްޓެއް ނަމަވެސް ބޯލާށެވެ. އޭނަ ކޮރިޑޯއިން ހިނގައިގަތްތަނާ ރުބާބް ކޮންމެވެސް މީހަކާއި ހީފައި ވާހަކަ ދައްކާ އަޑުއިވުނެވެ. އަޑު މަޑެވެ. ފޯނުން ބޯއިފްރެންޑަށް ގުޅައިގެން ވާހަކަދައްކަނީކަމަށް ނިންމާފައި ޚަލީސީ އެނބުރި ބަލާނުލާ ކުރިއަށް ހިނގައިގަތެވެ. މީހުންގެ އަމިއްލަ ވާހަކަތަކަށް ހުރަސް އަޅާ ކަންތައް ބެލުމުގެ ބޭނުމެއްނެތެވެ. ޚަލީސީ އެނބުރިބަލައިލިނަމަ ރުބާބްއާއި ޖަބްރީލް އެކީގައި ފެނުނީހެވެ. ޝައްކެއް ނަމަވެސް ކުރެވުނީހެވެ.
***
ޖަބްރީލްގޮސް އެ އަނދިރި ކޮޓަރިތެރެއަށް ބޯ ދިއްކޮށްލީ ރުބާބްގެ ދައުވަތަކަށެވެ."މިތާ ހައްޔަރު މިވީ ދޯ...ޚަލީސީ ބޭރުގައި އެބައުޅޭ.."
"ޚަލީސީ އަހަރެން ގެއްލިގެން ހޯދާނެ.."
"ފޯނު ގެނޭ. އަހަރެން ޖަވާބު ލިޔެފާނަން. މިހާރު ތިއީ މަގޭވެސް މީހެކޭ."ރުބާބް މަޑުމަޑުން ހުނެވެ. ޖަބްރީލް ހިތްހަމައެއްނުޖެހުނެވެ. މިރޭ އަދި އިޝާ ނަމާދުވެސް ނުކޮށް ރުބާބްގެ ސިހުރުގައި ޖެހިގެން ޗެޓްގައި ހުރެވުނީއެވެ. އޭގެ ފަހުން ކާފަގެ ކޮޓަރިއަށްގޮސް ކާފަ ގާތުގައި އިނަސް ރުބާބްއާއި ވާހަކަދެއްކުން ހުއްޓައެއްނުލެވުނެވެ. ރުބާބް އޭނަގެ ހިތާއި ސިކުނޑިއަށް ވެރިވެގަތީ މާބޮޑަށެވެ.އެހެން ހުރިހާކަމެއް ހަނދާން ނައްތައިލެވި ރުބާބް ނޫން ކަމެއް ހިތަކު ނުވިއެވެ. މީހަކު މޮޔަވާވަރުގެ ސިހުރުވެރި ދެލޯ ރުބާބްއަށް ދެއްވާފައިވެއެވެ.
***
ޖަބްރީލް ހޭލެވުނުއިރުވެސް ކޮޓަރިތެރެ ފުދޭވަރަކަށް އަނދިިރިއެވެ. ބަންދުކަމުން ފުރަތަމަ އޮވެވުނީ ކޮންތާކުކަން ރޭކާނުލިޔަސް އެއްފަރާތުގައި ހުލިވެފައި ހުރި އުއްބައްތި ފެނުނެވެ. ރޭ ރުބާބް އެކޮޓަރީގައި އުއްބައްތިއެއް ދިއްލާލައިގެން އޮރެންޖް އަލިކަމެއް ފައުޅުވެފައިވިޔަސް މިހާރު ބައްތި ނިވުމުން މި ބަންދުތަނުގައި އުދާސްވާންފެށިއެވެ. ޖަބްރީލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.
"ބިރެއްވެސް ނަހައްދަވާ ކުއްޖެއް. އަހަރެން މި ކޮޓަރިއަށް ދުވާލު ވަންނަންވެސް ބިރުއެބަގަނޭ...."ޖަބްރީލް އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ހީލިއެވެ.
"ބާބީ...ކޮންތާކު؟" ޖަބްރީލް ވައިބާ ކުރިއެވެ.
"ޔަޝަލްއާއި އެއްކޮށް މިއުޅެނީ..."
"އެނގޭތަ؟ ގަޑިންވީއިރެއް. ބާބީއާއިހެދި ނަމާދުތައް މިސްވީ. ޑިއުޓީއަށްވެސް ނުދެވުުނު....................."
ދެމީހުންގެ ޗެޓް ކުރިއަށް ދަނިކޮށް ޖަބްރީލް ކޮޓަރިން ނުކުތެވެ. ނަސީބަކުން އެއްވެސް މީހަކު އެހިސާބުގައި ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންއިރު ޚަލީސީގެ ގައިގާ އަޅައިގަތެވެ. އެވަގުތު ކާކުކަން އެނގުމާއެކު ހިފަހައްޓާފައިވެސް ދޫކޮށްލެވުމުން އިނދިފުށަށް ޖެހުނުގޮތަށް ތަދުވެގެން ޚަލީސީއަށް އަޑެއް ލައްވައިލެވުނެވެ."ވަޓްސް ރޯންގް ވިތް ޔޫ؟ ޑޫ ޔޫ ހޭޓް މީ ދެޓް މަޗް ޔޫ ވޯންޓް ޓު ކިލް މީ.. އެކަމަކު ހޫނުކަން.....ހުންއައީތަ؟"
ޖަބްރީލް ޖަވާބެއް ނުދީ ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ.
"ޑިއުޓީއަށް ލަސްވާތީ ގުޅާ ގުޅާ ފޯނެއްވެސް ނުނެގި. މިސްކިތަށް ދިޔައީ ދޯ...މަންމަވެސް ގުޅިއޭ..."
ޖަބްރީލްގެ ފިޔަވަޅުތައް ހުއްޓުނެވެ.
"ކީކޭ ބުނީ؟"
"ބޫ ނެތް ވާހަކަ ބުނީ. ބަލިވީހެއްޔޯ ވީގޮތެއް ނޭގިގެން. އައި ތޯޓް ގޭގައިވެސް ނެތްކަމަށް. އެހެންވެ ބުނިން ހީވަނީ މަސްޖިދުގައިހެންނޭ..."ޚަލީސީ ތަދުވެގެން ކޮރެއް ޖަހަމުން އަނެއްކާ ޝަކުވާކުރަން އުޅުނެވެ. ނަމަވެސް ދެން ވަރަށް ލޯބިކޮށް ތުން ފިތާލައިފާ ހީލިއެވެ. "މަންމަ ވަރަށް ހެޕީވި..ބުނީ މަގޭ ދަރި ހާދަ ތަގުވާވެރިއޯ...މަންމަ ދެން ހުރިހާ ފްރެންޑުންކައިރީ އެހެން ކިޔާފާނެތީ ބިރުވެސް ގަނޭ. އެސްފީނާޖެހިދާނެތީ.."
ޖަބްރީލްގެ ބޮލަށް އުދަގޫވިއެވެ. އަނގަ ގަދަ މީހުންދެކެ އޭނަ ވަނީ ހާދަ ފޫއްސެކެވެ. ބަސްމަދުވެފައި އަމަލު ގިނަކުރާން ޖެހެއެވެ. މިކުއްޖާ އެހާ ހަލަނިވެފައި އަނގަވެސް އެހާ ގަދައީއެވެ.
ޖަބްރީލްގޮސް ވަނީ ފާޚާނާއަށެވެ. އޭނައަށް އެވަގުތު ކައިރިން މީހެއްގެ އިހުސާސް ކުރެވުނެވެ. ވައި އަޑަކުން "ޖަބްރީލް"އޭ ކިޔާފައި ގޮވައިލިހެން ހީވެ ހީބިހިނަގާގޮތްވިއެވެ. މިފަހަކަށް އައިސް ދާދި ގާތުުގައި މީހަކު އުޅޭކަން އަބަދު ހީވެ ފާޑުފާޑުގެ ހުވަފެންތައްވެސް ފެންނަނީއެވެ. ބައެއްފަހަރު ލޯގަނޑުން ބަލައިލާއިރުވެސް އެހެން ސޫރައެއް ފެންނަން އުޅޭކަހަލައެވެ. ލޯގަނޑުދެކެވެސް ޖެހިލުންވެ ބަލަން އުދަގޫވާންފެށީ އެކަމާހެދިއެވެ.
***
ރުބާބްގެ ކޮޓަރިއަށް ވަން ޔަޝަލްއަށް ހައިރާންކަމެއް ލިބުނެވެ. ރުބާބް ނިގާބު ނަގާފައި ހުއްޓާ މިފެނުނީ އަލަށެވެ. ރަނުން ޖަރީކޮށްފައިވާ ހުދު ހެދުމެއްގައި ރަނާއި ޖަވާހިރުން ހަށިގަނޑު ފަޅުފިލުވާފައިވާ ރަންގަހެއްގެ މިސާލެވެ.ކުދި އިސްޕިރީނުތައް ހެން ހީވާ ރަންކުލަ އަރާ ބުޅި އިސްތަށިގަނޑު ބިންމަތީ ކޭއްތޭހާ ދިގެވެ. ރަޕަންޒުލްގެ އިސްތަށިގަނޑުގެ ބުޅި ވައްތަރެވެ. ރީތިކަން ހުސްކޮށްފައިވާ ޕަރީއެއްފަދަ އަންހެންކުއްޖާ ފޮރުވިގެން އުޅެނީ އެސްފީނާއިން ސަލާމަތްވާށޭ ހިތަށް އަރާނީ ރީތިކަން ދެކުނު މީހެކެވެ. އެތަނުގައި ހިފާފައި ހުރީ މާބަގީޗާއެއްގައި ދުވާނެފަދަ ލުއި މީރުވަހެކެވެ. ރުބާބްގެ މި ސިއްރުވެރިކަމާއިމެދު ހައިރާންވެ ޔަޝަލް ބުމަވެސް އަރުވައިލިއެވެ.
"ޔަޝް ތިވިސްނަނީ މި ޖަވާހިރު ގަހަނާތަކާއި މެދުގައިތަ؟ އަހަރެންގެ މަންމަމެން ޖަވާހިރު ވިޔަފާރިކުރޭ..."ރުބާބްގެ ކަނދުރާގައި އޮތް ރަންމުތުގެ ހާރުގައި އެ ހިމަ އިނގިލިތަކުން ފިރުމައިލީ ނިކަން ލޯބިންނެވެ.
"އަހަރެން ދެކުނިން ރޭ ޖަބްރީލްއައި ދެމީހުން ރޫމަށް ވަންތަން..."
"އަހަރެން ނުބުނާނަން ދެމީހުން ތިބީ ގުރުއާން ކިޔަވާށޭ. ޒިކުރުކުރާށޭ. އެކަމަކު ތެދަށް ބުނަންޏާ ޖަބްރީލްއަކީ އަހަރެން ހީކުރިވަރަށްވުރެ ފިނޑިމީހެއް. އޭނަ އަތުގައި ހިފާލަންވެސް ޖެހިލުންވޭ..ތެދަށް ބުނަންޏާ އެހެން މީހެއް އެތާ ހުރިނަމަ ރޭ އެޑްވާންޓޭޖް ނުނަގާ ނުހުންނާނެ...ޔަޝް..ޑޯންޓްވޮރީ. ޔޯ ބްރަދާ އިޒް އެ ސެއިންޓް. ވަރަށް އިނަސެންޓް............" ރުބާބް އެކި އެންގަލްތަކުން ސެލްފީނަގަންފެށިއެވެ." ރީތިތަ ޔަޝް؟"
"ބާބް. އަހަރެން މިހެން ބުނީމަ ރުޅި ނާންނައްޗޭ..."
"ޔޫ ވޯންޓް އަސް ޓު ބްރޭކްއަޕް؟"
"އެހެނެއްނޫން. ތިދެމީހުންގެ ކަމެއް. އެކަމަކު އެހެން އަންހެންކުއްޖެއްގެ އިހުސާސްތަކާއިމެދު ވިސްނަން ޖެހޭނެ. ޚަލީސީ ޖަބްރީލްއާއިހެދި ވާ ވަރު އެނގޭތީ މިހެން ބުނަނީ. ޝީ އެޑޯސް ހިމް....ފެންނަން ހުއްޓަސް ޚަލީސީއަށް އެންމެ ރަގަޅުކަން ނޭގޭ. އަހަރެން ދެކެން ޚަލީސީ ޖަބްރީލްއަށް ބަލަން ހުންނަ ނަޒަރު...އެވަރު ކުއްޖަކަށް ލަނޑެއްދޭންވާނެތަ؟ ބާބް އަމިއްލައަށް އެމީހުންގެ ލައިފުން ދުރަށް ދޭ ބަލަ. އެހެރީނު މީކާއިލް...."
"ޖަބްރީލްއަށް މަޖުބޫރުކުރިި ޕާޓް ޔަޝް ހަނދާނެއްނެތް.."
"މަޖުބޫރުކުރިޔަސް ކައިވެނިކުރަން ނުޖެހޭ. އެއީ އަހަރެން ދެކޭގޮތް..ވަރަށް ދެރަ ތިހެން އުޅުނީމަ...ޚަލީސީއަށް އެނގިއްޖެއްޔާ ކިހާ ހާޓްވާނެ..ނޫނީ ރީއްޗަށް އޭނައާއި ވާހަކަދައްކައިގެން ދެ އަންބަށް އިންނަންވީނު.އަނދިރީގެ ތެރޭ ނުބަހައްޓާ..މިހާރު ދެން ބުނާނީ ހަމަ ޖަބްރީލް ސިއްރުން ލޯބިވެރިއެއް ނަގައިގެން އުޅެނީއޭ ދޯ............"ޔަޝަލް ހުރީ ނުރުހިފައެވެ.
"ޔަޝް ތިއީ މަގޭ އެކުވެރިޔާތަ؟ ނޫނީ ޚަލީސީގެ ތަ؟"
"ތިއީ އެކުވެރިޔާ. އެއީ ފަހަރި.."
"ޖަބްރީލް ލޯބިވަނީ އަހަރެންދެކެ. އޭނަ ހުންނަނީ އެކުއްޖާގެ ފުށުން ސަލާމަތްނުވެވިގެން. އަހަރެން މިހެން ބުނީމަ ޔަޝް ހިތަށް އަރާފާނެ ހާދަ އަންކައިންޑްއޭ. ހިތެއްވެސް ނެތޭ. އައި ވިޝް ޚަލީސީ އިޒް ޑެޑް..."
ޔަޝަލް ހައިރާންވީ ރުބާބް ނެގި ސެލްފީތައް ޖަބްރީލްއަށް ފޮނުވިކަން އެނގުމުންނެވެ. ޔަޝަލް ބުނެދިނަސް ލޯބީގެ ޝައިތާނާ ބޮލަށް އެރިގެން ހުރުމުން ގަބޫލުކުރަން ދަތިވެދާނެއެވެ. ޖަބްރީލްއާއި ރުބާބްގެ ލޯތްބަށް ހުރަސްއަޅާ އަންހެންކުއްޖަކީ ޚަލީސީކަމަށް އެމީހުން ދެކުނަސް ޔަޝަލް އެހެން ގަބޫލެއްނުކުރެއެވެ. ޔަޝަލްގެ ޚިޔާލު މުޅިން ތަފާތެވެ. އޭނަދެކޭގޮތުން މަޖުބޫރު ހާލަތުގައި ކުރެވުނަސް ކައިވެންޏަށް އިހުތިރާމްކުރަން ޖެހޭނެއެވެ. އެކީގައި ނޫޅެވެންޏާ ދުރަށް ދާންވީއެވެ. ވަފާތެރިކަމާއި ތެދުވެރިކަން ގުޅުންތަކުގައި ނެތިއްޔާ ހަމަޖެހިގެން އެކަކަށްވެސް ނޫޅެވޭނެއެވެ. އޭނަ ފިރިހެނުންދެކެ ވީ ފޫހިވަކިން އިތުރުވިއެވެ. ފިރިހެނުން ދުވަހަކު އިސްލާހެއްނުވާނެއެވެ. އަމިއްލަ ބޭބެވެސް ސިއްރުން ލޯބިވެރިއެއް ގެންގުޅެނީއެވެ. ރޭތައް ހޭދަކުރަނީ އެހެން ކޮޓަރިއެއްގައެވެ. ޚަލީސީއަށް ހަމަ ނޭގެނީހެއްޔެވެ؟ އެނގުނަސް ވަރިހަމަހެއްޔެވެ؟
***
ޖަބްރީލް އަންވަރުު ވަދެ ހަމަޖެހިގެން ކާންއިންތަން ފެނުމުން ބާރުބާރަށްގޮސް ހުރިހާ އެއްޗެއްގައި އަތުން ޖެހީނުން ހޫރައިލަން ހިތް އެދުނަސް އުފުލި އަތްލީ ޖީބަށެވެ. ދަތްތަކަށް ބާރުލާފައިވެސް ރުޅި މަތަކުރަން ޖަބްރީލް ދަނެއެވެ. އެއަޅި ދެލޮލުން އަލިފާނުގެ ކަނިވެސް ބުރައިލިއެވެ.
"ގެޓް އައުޓް..."
"ޖަބްރީލް ތަންކޮޅެއް ރީތިކޮށް މެހުމާނުންނާއި ވާހަކަދެއްކޭނެ ދޯ. އަހަރެމެންނަށް އަންވަރު ވެދީފައި ހުރި އިހުސާންތެރިކަން ދުވަހަކު ހަދާނެއް ނުނެތޭނެ. މާފަށް އެދޭ.."ސޯފިއާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. މަންމައެއްގެ މަގާމުގައި ހުއްޓަސް އޭނައަކީ ދަރިއެއްކަމަށް ދެކެގެން ދުވަހަކު ގާތުގައި އުޅުނު މީހެއްވެސް ނޫނެވެ. ނަމަވެސް އަމުރުކުރަން އެބަދަނެއެވެ.