"ބިރުފަދަ ވަރުގަދަ އިހުސާސްތަކުގެ ސަބަބުން ޝައިތާނާ ސިކުނޑިއަށް ވެރިވެގަންނަން ފަސޭހަވެއެވެ.
***
ޚަލީސީ ގެއަަށް ވަންއިރު އޭނަގެ މޫނުމަތިން ފެނުނީ އުޖާލާކަމެވެ. ދެރަވިޔަސް އޭނަ އެކަމެއް ނުދައްކައެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލުމަށްފަހު ކޮފީއެއް ބޯން ބަދިގެއަށް ވަންއިރު ރުބާބް ހުރީ ސައި ހަދާށެވެ.
"ހެލޯ...."ރުބާބް ބަލައިލީ ފާޑަކަށެވެ.
"ކޯންޗެއް ތައްޔާރުކޮށްލަނީ؟"
ރުބާބް ތަބައް ހިފައިގެން ހިނގައިގަތެވެ."ޖަބްރީލްއަށް ކޮފީ ހިފައިގެން މިދަނީ...."
"އަހަރެން ދަންތަ؟"
ރުބާބް ކުޑަކޮށް ކަޅިއަޅައިލިއެވެ.
"ލުކް...އަހަންނަށް އެނގޭޭ ރުބާބް ތިިހިރީ އަޕްސެޓްވެފައިކަމާއި ނުރުހިފައިކަން. ތެދަށް ބުނަންޏާ އަހަރެން ރުބާބްއަކީ ޖިންނިއޭ ކިޔައިގެން އެއްވެސް މީހެއްގެ ގާތު ވާހަކައެއް ނުދައްކަން. އަންވަރު ކައިރީގަޔޯ. އޭނައަކީ އަހަރެން ވާހަކަދައްކާ އުޅޭމީހެއްވެސް ނޫން....އެއީ ހަމަ ރޫމާސް. ޓްރަސްޓް މީ ބާބް...އަހަރެން މިއީ އެގޮތަށް ވާހަކަދައްކާނެ އެންމެ ފަހުމީހާ............"
އޭނަ ހަގީގަތް ހާމަކުރިޔަސް ރުބާބް މާފްދިން ހެނެއް ހިޔެއްނުވެއެވެ. ޚަލީސީ ލޯ މަރާލާފައި ހުޅުވައިލިއިރު ރުބާބްގެ އެއްވެސް ހިލަމެއްނުވިއެވެ.
"ކިހިނެއްވެފައި ތިއިނީ؟" ޚަލީސީގެ ބޮލުގައި ކޮށްޓައިލަމުން ޔަޝަލްއެހިއެވެ. ދެފައި ގޮނޑިއަށް ލައިގެން ދޮރާއި ދިމާލަށް ބަލަންއިން ޚަލީސީގެ ލޮލުގައި ކަރުނައިގެ މުތީތަކެވެ.
"ވާރޭވެހޭ މަންޒަރު ބަލަން މިއިނީ..."ޚަލީސީ ލޯ ފޮހެލިއެވެ. ޔަޝަލްއަށް ޚަލީސީގެހިތުގެ ހާލަތު ވަޒަން ކުރެވުނެވެ.
"ކޮންމެވެސް އެހެން ކަމެއްވެއްޖެ. ބުނެބަލަ..."
"ޑިއުޓީއަށް ދިޔައިމަ....ބުލީކުރާވަރުން. އަދި އެކަކު ކިޔައިފި ދަތުގައި ބްރޭސް އަޅުވާށޭ..."
"އެހުރިހާ އެއްޗެއް ކިޔަނީ ހަސަދަވެރިން. ޚަލީސީގެ ކުފިދަތްތައް ހަމަ ވަރަށް ލޯބި...ހުރިހާ އެއްޗަކީ ބޭރުފުށުން ފެންނަ ރީތިކަމެއްނޫން. ޚަލީސީގެ ހާޓްވެސް ކިހާ ސޮފްޓް. ކިހާ ރީތި..ކައިންޑް ކެއަރިން ލަވިން ސޯލްއެއް...ޔޫ އާ ދަ ބެސްޓް ޚަލީސީ...އެމީހުންގެ ނުލަފާކަމުން އެކަން ނޭގެނީ.............."ޔަޝަލް ޚަލީސީގެ ކަދުރާއަށް އަތް ވައްޓާލާފައި ގަޔާއި ކައިރިކޮށްލިއެވެ."ނޯ ވޮރީސް. ކޮބާ ރުބާބް.."
"ބޫ އަށް ކޮފީ ހިފައިގެން ދިޔައީ..."
"ޚަލީސީ ދެން ހަމަ އަޅާވެސް ނުލާ. ކީއްވެ އޭނަ ޖަބްރީލްއަށް ކޮފީ ގެންދަންވީ؟" ޔަޝަލް ފޫހިވިއެވެ.
"އެއީ ޔަޝްގެ އެންމެ ގާތް އެކުވެރިޔާނު..."ޚަލީސީ ހިނިތުންވެލިއެވެ.
"ގާތް އެކުވެރިން ބޭބެމެން ފަހަތުން އުޅުނީމަ އަހަންނަށް އުދަގޫވޭ. ޚަލީސީ އެކަން ހުއްޓުވާ. ޚަލީސީ އެހާ ލޯބިވާ މީހެއްގެ ފަހަތުން އަންހެންކުއްޖަކު އުޅޭ މަންޒަރު ބަލަން ކެތްކޮށްގެން ހުރުމުން ހަމަ ހައިރާންވޭ. އެހެން އަންހެންކުއްޖެއްނަމަ ރުބާބްގެ އިސްތަށިގަނޑުވެސް އުފުރައިލަފާނެކަން ނޭގޭ...ޚަލީސީ ކިހާ ކޫލް. ހަމަ ލޯބިވަނީތަ؟ ނޫނީ............"
"ޔަޝް. އަހަންނާއި ޖަބްރީލް މެރީކުރީ ލޯތްބަކުން ނޫން. މަންމަ ޖަބްރީލްއަށް އޮޅުވައިލީ. ހާޓް ޕޭޝަންޓެކޭ ކިޔާފައި އެއްފަރާތުން ވެވޭ ލޯތްބަކުން ކީއްކުރާނީ..."
"އެހެންވިޔަސް ރުބާބްއަށްވުރެ މިލިއަން ޓައިމްސް ޚަލީސީ މާ ރަގަޅު. ޖަބްރީލްއަށް އަދި އެކަން ވިސްނޭނެ..."ޔަޝަލް ޚަލީސީ ގާތުގައި އިށީދެ ކޮފީތަށްޓެއް ކައިރިކޮށްލަދިނެވެ.
"އެންމެން އެއްގޮތެއްނުވާނެ."
"އަހަންނަށް އެނގޭ. މަންމަވެސް ރުބާބްގެ ސައިޑްނެގީމަ ޚަލީސީ ދެރަވާނެކަން. ހަގީގަތަކީ މަންމަމެންނަށްވެސް އަދި ފެންނާނީ ރުބާބްދެއްކި ކުލަވަރެއްތާ..."
"ޝީ އީޒް އެ ގުޑް ގާލް. ހާފިޒާއެއް. ގޯޖިއަސް. ޖަބްރީލް ހިތްކިޔާ ހުރިހާ ސިފައެއް އެބަހުރި. އިންސާނުންނަށް ކުރެވޭނީ މަސައްކަތް. އަހަރެންވެސް ޖަބްރީލް ލޯބިނުވާއިރު މަތިން ބައިން ޖެހިގެން އޭނަގެ ލައިފަށް އައީ. އިތުރަށް މަޖުބޫރެއް ދެން ނުކުރެވޭނެ. ހަޒްބެންޑްވީމަ ކޮށްދޭން ޖެހޭ ޚިދުމަތެއްކޮށްދޭނަން އިންޝާﷲ. ﷲ ތައާލާގެ ގަދަރު ބަދަލެއްނުކުރެވޭނެ. ގަދަކަމުން ހިތެއްވެސް އަތެއްނުލެވޭނެ...އިޓްސް އޯކޭ...އެވާހަކަ ދެން ނުދައްކަމާ. ޔަޝް ދައްތިއަށް އެނގޭތަ؟ މިއުޅެނީ އަރަބިބަސް ދަސްކުރާހިތުން. އޮންލައިން ކްލާހެއްގައި ބައިވެރިވީމަވެސް ހިތުދަސްކުރަންޖެހޭ އެއްޗެހި ދަހެއްނުކުރެވޭ. އެކަކު ބުނި އަރަބި ފިލްމުތައް ބަލާށޭ ކިޔާފައި އުމަރު ސީރީޒް ލިންކް ފޮނުވީ. އިންގްލިޝް ސަބްޓައިޓްލްވެސް ހުރި...ހިނގާ އެބަލަން..........."ޚަލީސީގެ ހިތަށް ތަދުވިޔަސް އިންނަނީ ހިނިތުންވެލައިގެންނެވެ.
"ޔެސް........އައި ވުޑް ލަވް ޓު...."
"އެ ސީރީޒް ޔޫޓިއުބްގައި ނެތް އެކަމަކު ސަބްޓައިޓްލް ހުރި ލިންކެއް އެބައިން..." ޚަލީސީ ޔަޝަލްއާއެކު ހިނގައިގަތީ ސީރީޒް ބަލައިލުމަށެވެ. ހުސްވަގުތު ލިބުނުވަރަކަށް ޚިޔާލުތައް ގިނަވެ ދެރަވުމާއި ކަރުނަތަކަށް ފުރުސަތު ދެވޭނީއެވެ. އެއަށްވުރެ ރަގަޅުވާނީ ލިބޭ ކޮންމެ ވަގުތެއް ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅުމެވެ. ޚަލީސީ ހިތާމަތަކުން ސަލާމަތްވެ އަބަދު އުފާވެރި ހިނިތުންވުމެއް ދައްކާލައިގެން ހުންނަނީ އެގޮތަށް ތާވަލު ރާވައިގެންނެވެ.
***
ބޯ ވާރޭތެރޭގައި ގަހެއްގައި ތާށިވެފައި އޮތް ބުޅަލެއް ނަގަން ޚަލީސީ އެގަހަށް އެރިއެވެ. އަލުން ގަހުން ނުފޭބިގެން އުޅުމުން ޖަބްރީލް އެހީވާންދިޔައީ ޚަލީސީ ގަތްގަނޑު ބަލާފައި ބޮލަށް އުދަގޫވެގެންނެވެ. ބުޅަލެކޭ ޚަލީސީއެކޭ ތަފާތެއްނެތެވެ. ޚަލީސީވެސް ފަސޭހައިން ގަހަށް އަރާފައި ފައިބާކަށް ނޭގުނެވެ. ޖަބްރީލް ޚަލީސީ ގަހުން ބޭލުމުން ބުޅާތަކަށް ކާން އެޅިއެވެ. ޔަޝަލްއާއިއެކު ސަކަރާތްޖަހަން އެތައް އިރެއްވާންދެން ވާރޭގައި ތިބުމަށްފަހު ވަޅުން ބޮލަށް ފެން އަޅައިގެން ގެއަށް ވަންތަނާ ކިނބިހި ފުލުފުލުގައި އެޅެންފެށިއެވެ. އެރޭ ނޭވާލާން އުދަގޫވެގެން ހޭލާ އިނުމުން ޖަބްރީލް ޚަލީސީއަށް އާވިއަރުވަން އެހީތެރިވެދީ ބޭސްކާންދިނެވެ. ޚަލީސީގެ ހިތް ޝުކުރުން ފުރުނެވެ. އޭނަދެކެ ލޯބިނުވިޔަސް އިންސާނިއްޔަތުކަން ހުރިކަމުގައި ގަބޫލުކުރެވުނެވެ. އެނދުގައި އޮށޯތްފަހުން ހޫނު ކޮފީއެއްވެސް ގެނެސްދިނެވެ. އޭރުވެސް މުޅިގޭތެރޭގައި ހަރުލާފައި ހުރީ ވާރޭގެ އަޑެވެ. އެހާ ކުދި އާދައެއްވެސް ޚަލީސީގެ ހިތަށް އަސަރުކުރުވިއެވެ.ހަނދާނުގައި ރައްކާކުރަން ބޭނުންވިއެވެ. އެރޭ ޚަލީސީ ނިދިން ހޭލެވުނުއިރު އަންހެނަކު ރުޅިއައިސްގެން އެއްޗެހި ގޮވާއަޑު އިވުނެވެ. ފުރަތަމަ ހީކުރެވުނީ ކޮޓަރީގެ ބޭރުންކަމަށެވެ. ރުބާބް ކަމަކާއި ހިތްހަމަނުޖެހިގެން ޒުވާބުކުރަނީހެއްޔެވެ؟ ފަހުން ވިސްނައިލުމުން އަޑުއިވެނީ ކޮޓަރިތެރެއިންހެން ހީވާންފެށިއެވެ. ދާދި ގާތުންނެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ނުހޭނިގެން ލޯބޮޑުކޮށްގެން އިންދާ އެނދުގެ އަނެއް ފަޅީގައި މީހަކު އިށިންހެން ހީވެގެން ބިރުން އަނގަމަތީގައި އަތްއެޅުނެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަ ތެދުވެގެން ދުއްވައިގަންނަން އުޅުނުނަމަވެސް ދެފައި ބަރުވެ އެއްވެސް ހަރަކާތެއް ނުކުރެވުުނެވެ. އަޑުވެސް ކަރުތެރޭގައި ތާށިވިއެވެ. ފަޔަށް ވެފައިހުރިގޮތްތައް ފިލަންފެށީ ކުރުސި ކިޔަވަންފެށުމުންނެވެ.
ކޮޓަރިން ނުކުމެގެން ހިނގައިގަތްތަނާ ކޮރިޑޯ ހުރަސްކޮށް ދުއްވައިގަތް ކުޑަކުއްޖެއް ފެނުނެވެ. ގެއްލުނީ ގޭގައި އަބަދު ތަޅުލާފައި ހުންނަ ކޮޓަރީގެ ދޮރާއި ހަމައިންނެވެ. ބިރުންގޮސް ޚަލީސީގެ މޭގަނޑު އަނގަޔަށް އައެވެ. ޚަލީސީ އެކަމުން ސަލާމަތްވާންވެގެން ތަކުރާރުކޮށް"اَعـوذُ بِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق "ކިޔަން ފެށިއެވެ.
އެދަންވަރު އޭނަ ޔަޝަލްއަށް ގުޅާ ގެނައީ އެކަނި އެންމެ ސިކުންތުކޮޅަކަށްވެސް ހުންނަން ނުކެރިގެންނެވެ. ޔަޝަލްގެ ނިދި ހަލާކުކޮށްލަން ބޭނުންނުވިޔަސް އެނޫންގޮތެއް ނެތެވެ. ޖަބްރީލް އެއޮތީ ކޮޓަރި ތަޅުލައިގެންނެވެ. ޔަޝަލް ނިދާހެދުމުގައި ހުރެ ނިކުމެގެން އައުމުން ދެކުދިންގޮސް އިށީދެލީ ސިޓިން ރޫމްގައި ހުރި ސޯފާސެޓްގައެވެ. ޚަލީސީ އޭނައަށް ފެނުނު މަންޒަރުތައް ކިޔާދިނެވެ. ޔަޝަލްވެސް ފިނިވިއެވެ. އެހިސާބަށް އައުމުން ޔަޝަލް ގަސްތުކުރީ ރުބާބްގެ ހަގީގަތްހާމަކުރުމަށެވެ. އެވާހަކަދެއްކުމުން ލިބުނު ޝޮކްގައި ޚަލީސީ އަނބުރައިގަންނަގޮތްވިއެވެ. ޖަބްރީލްގެ ފަހަތުގައި އުޅެނީ އިންސިއެއް ނޫންކަމާއި ޖިންނިއަކު އަވަލައިގެން އުޅޭއިރުވެސް ޖަބްރީލްއަށް ހަގީގަތް ނޭގި އޮތުމުން ޚަލީސީ ފިކުރުބޮޑުވިއެވެ.
"ކިހިނެއް ބޫ ސަލާމަތްކުރާނީ؟ ހިޒް ލައިފް އިޒް އިން ޑޭންޖާ..."
"އައި ނޯ. ފިލްމެއް ނޫނީ ވާހަކައެއްވެސް ނޫން. މިއީ ބިރުވެރިކަމެއް..."
ކުއްލިއަކަށް އުނދޯލި އަމިއްލަ ޒާތުގައި ކިރެމުން ދާ އަޑު ވާރޭގެ އަޑުވެސް ފަނޑުކޮށްލައިފިއެވެ. ޔަޝަލްއަށް ބަލައިލެވުނީ ޚަލީސީގެ މޫނަށެވެ. ޚަލީސީގެ މޫނު އެއްކޮށް ހުދުވެފައެވެ. އޭނައަށް އުނދޯލީގައި ތިބި މަޚުލޫގުންވެސް ފެނުނެވެ. ޚަލީސީ އެހެން ބުނުމުން ޔަޝަލް އިތުރަށް ބިރުގަތެވެ.ޚަލީސީގެ ލޮލަށް ޖިންނިން ފެންނަމުންދާންވީ ސަބަބެއް ޔަޝަލްއަކަށްވެސް ނޭގުނެވެ. އެނގެނީ ޚަލީސީއަށް ގޭތެރޭގައި އުޅޭހާ ޖިންނިތަކެއް ފެންނަން ފެށިކަމެވެ.
"ހިތަށް އެރި ގެއަށް ދާން. އެކަމަކު ބޫ އާއި ޔަޝަލް މިކަމުގެތެރެއަށް ދޫކޮށްފައެއްނުދާނަން..."ޚަލީސީ އަމިއްލަ ނަފުސަށްވުރެ ޚިޔާރުކުރީ ޖަބްރީލްއާއި އާއިލާއެވެ."އަހަންނަށް ހީވަނީ ބިރުން އުޅޭވަރުން ހެލުސިނޭޓްވަނީހެން..ހަގީގީ ޖިންނިން މިހެން ނުފެންނާނެ. އެކެއްނޫން. އެތައް ބަޔަކު މިފެންނަނީ......."
ޔަޝަލް ފޯނުން ބަގަރާ ސޫރަތް ޖެހިއެވެ.
***
ތަންޒީލާގެ ދެމަފިރިން ޖަބްރީލް ވަޒީފާ ދޫކޮށްލިކަން އެނގުމުން ހިތްހަމަނުޖެހިގެން ޚަލީސީއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޖަބްރީލްއަށްވުރެ މާ ރަގަޅު ޒުވާނަކު ލިބިދާނެކަމުގައި ބުނެ ދެއްކީ ޑޮކްޓަރުންނެވެ. ޚަލީސީ ބުނީ ޖަބްރީލް އަމިއްލައަށް ފެނިގެން ވަރިކުރި ދުވަހަކުން ނޫނީ އޭނައާއެކު ވާނެކަމަށެވެ. ތަންޒީލާގެ އެންމެ ބޮޑު ނުތަވަސްކަން ގުޅިފައިވަނީ ދާދިފަހުން ހޮސްޕިޓަލްތެރޭ ފެތުރެން ފެށި ޚަބަރެވެ. ސޯފިއާ މަންޒިލް އިން ޖިންނިން ފެންނަ ވާހަކައެވެ. އަލިގުޅަތަކާއި ހިޔަނިތައް ފެނުމާއި ރޫހާނީ އަޑުތައް ރޭގަނޑު އިވޭކަމުގައެވެ. ތަންޒީލާއަށް އެ ވާހަކަ ގަބޫލުކުރެވުނީ ޚަލީސީގެ މިޒާޖަށް އައިސްފައިވާ ބަދަލުތަކުންނެވެ. ކުއްލިއަކަށް ސިހުމާއި މީހަކުފެންނަހެން ހީވާފަދަ ގޮތަކަށް ތަންތަން ހޯދުމާއި އެއް ދިމާލަކަށް ބަލަން ބިރުން އިނުމެވެ. ސްކިޒޮފްރީނިއާގެ ނިޝާންތަކެވެ. މީހުންނަށް ހީވާނީ މޮޔަވީހެންނެވެ. ހަގީގަތްވާނީ ފޮރުވިފައެވެ. އެފަދަ ކިއްލާއެއްގައި ލޯބިވާ ދަރިފުޅު ބަހައްޓަން އެދޭނީ ކޮން މަންމައެއްހެއްޔެވެ؟
ތަންޒީލާއަށް ޖަބްރީލް ތޮށިގަނޑުމަތީގައި މޫދަށް ބަލަން ހުރިތަން ފެނުމުން ގޮވިއެވެ.
"ޖަބްރީލް..ޚަލީސީ ބަލިކަން އެނގޭތަ؟"
"އެސްތްމާ؟ ފިޓްޖެހުން؟" ޖަބްރީލްވެސް ކޮށްލީ ސުވާލެކެވެ.
"މެންޓަލް ކަމެއް........."
"ނުދެނެހުރިން..."ޖަބްރީލް ކުރިންވެސް ގަބޫލުކުރަމުން އައީ ޚަލީސީ އޭޑީއެޗްޑީ ނޫނީ އޯސީޑީފަދަ ކޮންމެވެސް ކަމެއް އުޅޭކަމަށެވެ. އޭނައަށްވެސް ސީދާ ކޮން ބައްޔެއްކަން ކަނޑައެޅިގެން ބުނަން ނޭގުނަސް ޚަލީސީ އެންމެ "ނޯމަލް" ނޫނޭ ހިތަށް އަރާ ފަހަރު އާދެއެވެ. ނަފްސާނީ މައްސަލަވެސް އާއްމުކޮށް ގިނަ މީހުން ހުރެއެވެ.
"އެހެން އެވީ ޖަބްރީލްއާއިހެދި. ތިގޭގެ މާހައުލުވެސް ސަކަރާތީ. އާސާރީ އިމާރާތްތަކުގައި އިންސާނުންނޫނަސް ރޫހާނީ އެއްޗެހިވެސް އުޅޭނެ. ޚަލީސީ ސައިކޭޓްރިސްޓަކަށް ދައްކަން އުޅުނީމަވެސް އަދި އެއްބަހެއްނުވޭ.. އަހަރެން ކިޔައިގެން ޖަބްރީލްއަށް މަޖުބޫރުވެގެން ޚަލީސީއާއި ކައިވެނިކުރީ. ޖަބްރީލް އަހަރެމެންގެ ހޮސްޕިޓަލުގައި ވޯކްކުރަން ބޭނުމެއްނުވޭ. ދެން ޚަލީސީ ދޫކޮށްލަންވީނު...ތިވަރަށް މަޖުބޫރުކޮށްގެން ކަންތައް ކުރުވުމުގެ ނަތީޖާ ރަގަޅެއްނުވާނެ. ޖަބްރީލް ބޭނުން ނޫނިއްޔާ ޚަލީސީ ވަރިކުރޭ..." ތަންޒީލާ ތުން ފިތާލައިގެން ހުރެ ސީދަލަށް އެހެން ބުނުމުން ސީރިޔަސްވަރު އެނގުނެވެ.
"ތިކަމާ ވިސްނާނަން..."ޖަބްރީލް ދިނީ ފިނި ޖަވާބެކެވެ.
***
ޖަބްރީލް ހައިރާންވީ ރުބާބް ރަށުގައި ނެތޭ ކިޔާ ދޮގުހަދާފައި ތޮށިގަނޑުކައިރީ އެކުވެރިއަކާއެކު ހުރިތަން ފެނުމުންނެވެ. ކަޅުހެދުމުގައި ހުއްޓަސް ފަހަތުން ފެނުނަސް ޖަބްރީލް ރުބާބް ދެނެގަނެއެވެ. ކޮންމެވެސް ސަބަބަކާއިހެދި ނުފުރުނީކަމަށް ނިންމާފައި ޖަބްރީލް ދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް ރުބާބް ގާތު ހުއްޓުނެވެ. އޭރު އެކުވެރިޔާ އަނެއް ފަރާތަށް އެނބުރިގެން ހުރެ ފޯނުން ވާހަކަދައްކަނީއެވެ.
"ހެލޯ ބާބް...ހަމަ އެވަރަށް ދޮގުހަދަންވާނެތަ؟"
"ވަޓް؟" ރުބާބް ލޯބޮޑުކޮށްލަމުން ކަންބޮޑުވެފައިވާ ގޮތަކަށް އެކުވެރިޔާއަށް ބަލައިލިއިރު ފޯނެއްގައި ހުރެ އޭނަ ދުރަށް ހިނގައިގަންނަނީއެވެ.
"އެހެންވީމަ އަދަބެއް ލިބޭނެ..." ޖަބްރީލް ކުއްލިއަކަށް ރުބާބްގެ އަތުގައި ހިފާފައި މަޑުމަޑުން ކަނޑާއި ދިމާލަށް ކޮށްޕާލުމުން ބިރުންގޮސް އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. އެކުވެރިޔާއަށްވެސް ރުބާބްގެ ހަޅޭކުގެ އަޑާއެކު އެއްޗެއް ލޮނުގަނޑުގައި ޖެހުނު އަޑަށް ދުވެފައި އާދެވުނެވެ. އޭރު ފެނުނީ ރުބާބް މޫދުގައި އޮވެ ސަލާމަތްވާން ތެޅިގަތްތަނެވެ.
"ސަލާމަތްކުރޭ....ސަލާމަތް....ޕްލީޒް ބާބްއަކަށް ފަތަން ނޭގޭ..."އެކުވެރިޔާ ޖަބްރީލްގެ އަތުގައި ހިފާ ތަޅުވައިގަތެވެ.
"ހެހެ..."ޖަބްރީލް ކަޅި ހިންގައިލީ ގަބޫލުނުކުރާފަދަ ގޮތަކަށެވެ.
"ޕްލީޒް..އެކުއްޖާ މަރުވަނީ. ހެޔޮނުވާނެ...ﷲގަންދީ ބުނަން އޭނައަކަށް ފަތަން ނޭގޭ....އެއޮތް އަޑިއަށް ދަނީ.. ޝީ...ޝީޒް ޑްރައުނިން.."
"އެކްޓްކުރަންވެސް ބާބް އެހާ މޮޅު ދޯ....އަހަންނަށް ބާބް މާރަގަޅަށްވެސް އެނގެއޭ.."
އޭރު އެހެންލާފައި ދިޔަ ދެތިން ޒުވާނުންވެސް ގެނބެމުން ދިޔަ ކުއްޖާ ސަމާލަތްކުރަން ފުންމައިލުމުން ޖަބްރީލް ބުމަކައިރިކޮށްލިއެވެ. އެހެންގޮތެއް ހީވެގެން މޫދަށް ފުންމާލާފައި ރުބާބްގެ އަތުގައި ކިރިޔާ ހިފުނުކަމެވެ. ރުބާބް ތޮށިގަނޑުމަތީ ބާއްވައިގެން ސީޕީއާރުދޭން ފެށުމާއެކު ނަސީބަކުން ކެއްސައިލުމަށްފަހު ތެދުވުނެވެ. ރުބާބް ބިރުންގޮސް އެކުވެރިޔާގެ ގައިގާ އޮޅުލައިގަތްގޮތަށް މަޑުމަޑުން ރޯންފެށިއެވެ. ޖަބްރީލްގެ ސިކުނޑީގައި އިންޒާރުގެ ރަގަބީލެއް ޖެހެންފެށީ ރުބާބް އޭނައަށް ބެލި ދުރުހިލޭ ނަޒަރުންނެވެ.
"އައިމް ސޮރީ...އަހަންނަށް އޮޅުނީ. އެހެން ކުއްޖެއްކަމަށް ހީކުރެވި..."
"މިސްޓަރ. ވަރަށް ބޮޑުކަމެއްތިކުރީ. މީހެއްގެ ފުރާނައާއި ކުޅެލީ. ސަމާސާއަކަށް ހަދައިގެންވެސް ކަނޑަށް ކޮށްޕާލާއިރު ފަތަން ދަންނަ މީހަކަށްވެސް ދެރަގޮތެއްވެދާނެ. ހިނގާ ރުބާބް ގެއަށް ދާން....."
ރުބާބް ދެވަނަފަހަރަށް ފަހަތަށް ބަލައިލުމެއްނެތި ހިނގައިގަތެވެ. ޖަބްރީލް ހުއްޓުން އަރާފައި އިރުކޮޅެއްވާންދެން ހުރުމަށްފަހު ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ރުބާބްގެ އެއްމާބަނޑު އަންހެންކުއްޖެއް ހުންނަނީހެއްޔެވެ؟ ނޫނީ އޭނައަށް ހެލުސިނޭޝަންސް ފެންނަނީބާވައެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ.
***
ޖަބްރީލް ގޭގެ ފަހަތުބަޔަށް ދިޔައިރު ރުބާން ފެންވަޅުކައިރީ ބޮލަށް ފެންއަޅަން ހުރެފައި ހީގަތެވެ."ސޮރީ ބޫ. އެކްޓެއްކޮށްލީ. އެތާތިބި ފިރިހެންކުދިންވެސް ކިހާ މޮޔަ. އެންމެ މޮޔައީ ބޫ. ބާބީ މަރުނުވާނެކަން އެނގޭނެއްނު. މީހަކު މޫދަށް ފަރިތަވާނީ އެވަރަކަށް...އެކްޓެއްކޮށްލިހާއިރުން ބޫ ކަންބޮޑުވެ ފްރީޒްވީ..."ރުބާބްގެ ހިނިތުންވުމުން ޖަބްރީލްގެ ސިކުނޑިން ޓަނެއްގެ ބަރުދަން ލުއިވިފަދަ އިހުސާސެއްކުރެވުނެވެ. ނަމަވެސް އެހާ މޮޅަށް އެކްޓްކުރުމުގެ ހުނަރު ހަމަ ރުބާބްގެ އެބަހުރިހެއްޔެވެ؟
***
މެންދުރު ވެހެންފެށިގޮތަށް ވާރޭވެހުން ހުއްޓައެއްނުލިއެވެ. ފަޒާގައި މިލިއަން ވާރޭތިކިތައް ނަށަމުންދާއިރު އަނދިރިކަމުންގޮސް ދުވާލުވެސް ރޭގަނޑަށް ހަދާލައިފިއެވެ. ކަޅު ޗާދަރެއް ފަތުރާލާފައިވާފަދައެވެ. ޖަބްރީލް ކޮފީއެއް ހަދައިގެން އައިސް ބޭރު ދޮރުޙުޅުވައިލީ ވާރޭވެހޭ މަންޒަރު ބަލައިލަން ފެންޑާގައި ޖައްސާލުމަށެވެ. އޭރު ޔަޝަލްއާއި ޚަލީސީ ސޯފާއަށް ދެފައި ނަގައިގެން ދެބޯ ޖެހޭހާ ކައިރީގައި އިށީދެލައިގެން ތިއްބެވެ.
"ޔަޝް ދައްތި. ލުކް ....ލުކް..."
"ކިހިނެއްވީ؟" ޚަލީސީ ބިރުން ފިތްކެނޑޭފަދަ ގޮތަކަށް ޔަޝަލްގެ އަތުގައި އެލިގަތެވެ.